-

ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2019-1068)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 20/2020 އިން އުވާލެވިފައި)

 

 

އެއްވަނަ ބައި - ތައާރުފު 

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއި ދަކީ ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ދަށުން ބާރުލިބިގެން، އެގާނޫނުގެ 7 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް، ދިވެހިރާއްޖޭގައި ގާ ނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގައި ބަލާނެ މިންގަނޑުތަކާއި، އަމަލުކުރާނެ އުސޫލުތައް އަދި ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށްޓަކައި ހަދާފައިވާ ގަވާއިދެވެ.

(ށ) މިގަވާއިދަށް ކިޔާނީ "ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު" އެވެ.

 

 

ދެވަނަ ބައި - ށަރުތުތައް

 

2 ވަނަ މާއްދާ - ށަރުތުތައް

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައިވުން؛

(ށ) އުމުރުން 21 (އެކާވީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛

(ނ) ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައިވުން؛

(ރ) ބާ ކައުންސިލުން ކަނޑައަޅައިފައިވާ ށަރުތުތަކެއް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލު ކޮށްފައިވާ މީހެއް ކަމުގައިވުން؛

(ބ) މި ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ބާ އިމްތިހާނާއި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ މީހެއް ކަމުގައިވުން؛

(ޅ) ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ބޮޑު ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛ އަދި

(ކ) އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ކަމުގައިވާނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ދާ މީހަކު ކަމުގައިވުން.

 

3 ވަނަ މާއްދާ - ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ

ގާނޫނު ގެ 67 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ގާނޫނީ މަތީ ތައުލީމުދޭ ކޯސްތަކާއި ޕްރޮގްރާމްތަކުގެ ތެރެއިން ފުރަތަމަ ޑިގްރީގެ މުގައްރަރު ބާ ކައުންސިލުން ކަނޑައަޅައި މަތީ ތައުލީމުދޭ މަރުކަޒުތަކަށް އެންގުމާ ހަމައަށް، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގާނޫނީ ރޮގުން ފުރަތަމަ ޑިގްރީ ގޮތުގައި އެކްރެޑިޓްކޮށްފައިވާ ޑިގްރީ ތަކަކ،ީ ގާނޫނު ގެ 30 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ބޭނުމަށްޓަކައި ގާނޫނީ ރޮގުން ފުރަތަމަ ޑިގްރީ ކަމުގައި ބަލަންވާނެއެވެ.

 

 

ތިންވަނަ ބައި – ބާ އިމްތިހާނާއި ތަމްރީނު

 

4 ވަނަ މާއްދާ - ބާ އިމްތިހާނު

ބާ ކައުންސިލުން ކަނޑައަޅާފައިވާ ށަރުތުތަކެއް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތްތަކުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން، ގާނޫނު ގެ 30 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބުނެފައިވާ ބާ އިމްތިހާނު ފުރިހަމަކުރާންވާނެއެވެ.

 

5 ވަނަ މާއްދާ - ބާ އިމްތިހާނު ބޭއްވުން

(ހ) ބާ އިމްތިހާނުގައި ހިމަނާނެ ސުވާލުތައް ކަނޑައަޅައި، ޖަވާބު ސްކީމް ތައްޔާރުކޮށް، ބާ އިމްތިހާނު ބާއްވާނެ ތާރީހުތައް ކަނޑައަޅައި، އެ އިމްތިހާނުތައް ބޭއްވުމުގެ އެންމެހައި އިންތިޒާމުތަކެއް ހަމަޖައްސާނީ އެގްޒެކެޓިވް ކޮމިޓީއިންނެވެ.

(ށ) ކޮންމެ އަހަރަކު މަދުވެގެން 1 (އެކެއް) ބާ އިމްތިހާނު ބާ ކައުންސިލުން ބާއްވާންވާނެއެވެ. މިގޮތުން ބާ އިމްތިހާނު ބާއްވާނެ ތާރީހުތައް، އެ އިމްތިހާނު އޮންނަ ތާރީހުގެ 90 ދުވަސްކުރިން އެގްޒެކެޓިވް ކޮމިޓީން އާންމުކޮށް އިއުލާނު ކުރާންވާނެއެވެ.

(ނ) ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރާންޖެހޭ ބާ އިމްތިހާނުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުންނެވެ.

 

6 ވަނަ މާއްދާ - ތަމްރީނު

(ހ) ބާ ކައުންސިލުން ކަނޑައަޅާފައިވާ ށަރުތުތަކެއް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތްތަކުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން، ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބުނެފައިވާ ތަމްރީނު ފުރިހަމަކުރާންވާނެއެވެ.

(ށ) ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރާންޖެހޭ ތަމްރީނުގެ މުއްދަތަކީ 1 (އެކެއް) އަހަރުދުވަހެވެ. ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން މި ތަމްރީނު ފުރިހަމަކުރާންވާނީ ބާ ކައުންސިލުން ހުއްދަކުރާ ތަންތަނުގައި، މި ގަވާއިދުގައި ކަނޑައަޅާފައިވާ ށަރުތުތައް ފުރިހަމަވާ ސުޕަވައިޒަރުންގެ ބެލުމުގެ ދަށުންނެވެ.

(ނ) ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރާންޖެހޭ ތަމްރީނުޕްރޮގްރާމް ފުރިހަމަކުރަން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުންނެވެ.

(ރ) ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރާންޖެހޭ ތަމްރީނުޕްރޮގްރާމް ފުރިހަމަކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުން ހިޔާރުކުރާ ތަނެއްގައި ތަމްރީނު ފުރިހަމަކުރުމަށް ހުއްދަދިނުމާމެދު ގޮތެއް ނިންމާނީ އެގްޒެކެޓިވް ކޮމިޓީންނެވެ.

(ބ) މި ގަވާއިދުގެ ބޭނުމަށް، ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރެވޭނީ ންނަނިވި ތަންތަނުގައެވެ.

  1. ބަންޑާރަ ނައިބުގެ އޮފީސް؛
  2. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް؛
  3. މި ގަވާއިދުގައި ކަނޑައަޅާފައިވާ ށަރުތުތައް ފުރިހަމަވާ ލީގަ ލް ޕްރެކްޓިސްތައް؛
  4. މި ގަވާއިދުގައި ކަނޑައަޅާފައިވާ ށަރުތުތައް ފުރިހަމަވާ ލޯ ފަ ރމްތައް؛ އަދި
  5. މި ގަވާއިދުގައި ކަނޑައަޅާފައިވާ ށަރުތުތައް ފުރިހަމަވާ ސުޕަވައިޒަރަކު ފުލްޓައިމްކޮށް ގާނޫނީ މަސައްކަތްކުރާ ކޮންމެ ތަނެއް.

 

7 ވަނަ މާއްދާ - ތަމްރީނުދޭ ތަންތަން

މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ބ) ގެ (3)، (4) އަދި (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަންތަނުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ބާ ކައުންސިލުގައި ރަޖިސްޓަރީކޮށްގެން ހިންގާ ލޯ ފަ ރމަކަށް ނުވަތަ ލީގަލް ޕްރެކްޓިސްއަކަށް ނުވަތަ ގާނޫނީ ހިދްމަތްދޭ ދައުލަތުގެ އިދާރާއަކަށް، ނުވަތަ މުއައްސަސާއަކަށް ނުވަތަ އޮފީހަކަށް ވުން؛

(ށ) މި ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ސުޕަރވައިޒަރަކު އެ ލޯ ފާރމަކަށް ނުވަތަ ލީގަލް ޕްރެކްޓިސްއަކަށް ނުވަތަ ގާނޫނީ ހިދްމަތްދޭ ދައުލަތުގެ އިދާރާއަކަށް، ނުވަތަ މުއައްސަސާއަކަށް ނުވަތަ އޮފީހަކަށް ނިސްބަތްވާ، އަދި އެ ސުޕަވައިޒަރަކު އެ ލޯ ފާރމް ނުވަތަ ލީގަލް ޕްރެކްޓިސް ނުވަތަ ގާނޫނީ ހިދްމަތްދޭ ދައުލަތުގެ އިދާރާއެއްގައި، ނުވަތަ މުއައްސަސާއެއްގައި ނުވަތަ އޮފީހެއް ގައި ފުލްޓައިމްކޮށް މަސައްކަތްކުރާ ތަނަކަށްވުން؛ އަދި

(ނ) ގާނޫނީ ހިދުމަތް ދިނުމަށްޓަކައި ގަވާއިދުން ހުޅުވާފައި ހުންނ،ަ ތަމްރީނު ހެދޭނޭ ވަސީލަތްތައް ގާއިމްވެފައިވާ އޮފީހެއް ހުރުން.

 

8 ވަނަ މާއްދާ - ސުޕަރވައިޒަރުން

(ހ) މި ގަވާއިދުގެ ދަށުން ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރެވޭނީ، މި ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ސުޕަރވައިޒަރެއްގެ ބެލުމާއި އިރުށާދުގެ ދަށުންނެވެ.

(ށ) ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ކެނޑިޑޭޓުން އެކަމަށް އެދި ހުށަހަޅާ ފޯމުގައި، އެ ކެނޑިޑޭޓަކު އިހުތިޔާރުކުރި ސުޕަރވައިޒަރަކު، އޭނާގެ ބެލުމުގެ ދަށުން ކެނޑިޑޭޓު ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރުމަށް ގަބޫލުވާކަމަށް 
އިގުރާރުވާންވާނެއެވެ.
(ނ) ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރަމުންދާއިރު، އެ ފަރާތްތައް ދިވެހިރާއްޖޭގެ ގާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމަށް އަހުލުވެރިކުރުވައި، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގައި އެ ފަރާތްތަކަށް ދޭންޖެހޭ ތަމްރީނު އެންމެ ރަނގަޅުގޮތުގައި ދިނުމަކީ އެ ފަރާތެއްގެ ސުޕަރވައިޒަރުގެ ޒިންމާއެކެވެ.

 

9 ވަނަ މާއްދާ - ސުޕަރވައިޒަރުގެ ށަރުތު

(ހ) ސުޕަރވައިޒަރުގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ:

  1. ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި އަމަލީގޮތުން މަސައްކަތްކުރަމުންދާ މީހަކަށްވުން؛
  2. ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރު ވެފައިވުން؛
  3. މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ތަނެއްގައި ފުލްޓައިމްކޮށް މަސައްކަތްކުރާ މީހަކަށްވުން؛ އަދި 
  4. ސުޕަވައިޒަރުގެ ގޮތުގައި މަސައްކަތްކުރާއިރު، ސުލޫކީ މައްސަލައަކާހުރެ އެއްވެސް ކޯޓެއްގައި ވަކާލާތުކުރުން މަނާކުރެ ވިފައިވާ މީހެއް ކަމުގައި ނުވުން.

(ށ) ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 12 (ބާރަ) އަހަރަށްވުރެ ކުރު މުއްދަތެއްގައި މަސައްކަތްކޮށްފައިވާ މީހަކަށް އެއްފަހަރާ ސުޕަރވައިޒްކުރެވޭނީ 2 (ދޭއް) ކެނޑިޑޭޓުންނެވެ. އަދި ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރާތާ 12 (ބާރަ) އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ މީހަކަށް އެއްފަހަރާ ސުޕަރވައިޒްކުރެވޭނީ 4 (ހަތަރެއް) ކެނޑިޑޭޓުންނެވ.

 

10 ވަނަ މާއްދާ - ސުޕަރވައިޒަރުންގެ ޒިންމާތައް

(ހ) ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރާ ކެނޑިޑޭޓުންގެ ސުޕަރވައިޒަރުން، އެ ކެނޑިޑޭޓުންގެ ތަމްރީނާ ގުޅޭ އެންމެހައި ކަންކަމަށް އާންމުގޮތެއްގައި ޒިންމާވާންވާނެއެވެ. މީގެ އިތުރުން، ކެނޑިޑޭޓުންގެ ތަމްރީނާ ގުޅޭގޮތުން ސުޕަރވައިޒަރުން އަންނަނިވި ޒިންމާތައް އަދާކުރާންވާނެއެވ:ެ

  1. ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރަމުންދާ ކެނޑިޑޭޓުން ދިވެހިރާއްޖޭގެ ގާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމަށް އަހުލުވެރިކުރުވައި، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގައި އެ ފަރާތްތަކަށް ދޭންޖެހޭ ތަމްރީނު އެންމެ ރަނގަޅުގޮތުގައި ދިނުން؛
  2. ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރަމުންދާ ކެނޑިޑޭޓުންގެ މަސައްކަތް ބަލައި ވަޒަންކުރުން؛
  3. ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރަމުންދާ ކެނޑިޑޭޓުންގެ ހާޒިރީ ބަލައި، ކެނޑިޑޭޓުން ކުރާ މަސައްކަތުގެ ރެކޯޑު ގަވާއިދުން ބެލެހެއްޓުން؛
  4. ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރަމުންދާ މުއްދަތުގައި ކޮންމެ ތިން މަހުން އެއްފަހަރު ބާ ކައުންސިލުން ކަނޑަޅާފައިވާ ނަމޫނާއާ އެއްގޮތަށް 'ޕްރޮގްރެސް ރިޕޯޓް' ހުށައެޅުން؛ އަދި
  5. ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރި ކެންޑިޑޭޓުގެ ތަމްރީނާ ގުޅޭގޮތުން މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ރިޕޯޓް އެގްޒެކެޓިވް ކޮމިޓީއަށްހުށަހެޅުން.

(ށ) ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރަމުންދާ ކެނޑިޑޭޓުންނަށް އެންމެ އެކަށީގެންވާ އަމަލީ ތަޖުރިބާއާއި ތަމްރީނު ލިބިދެވޭކަން ކަށަވަރުކުރުމަށްޓަކައި، ސުޕަވައިޒަރެއްގެ ދައުރު އަދާކުރާ މީހަކު، އެމީހެއްގެ މަސްއޫލިއްޔަތު އެހެން މީހަކާ ހަވާލުކޮށްގެން ނުވާނެއެވެ.

(ނ) ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރަމުންދާ ކެނޑިޑޭޓުންގެ ސުޕަވައިޒަރުން، އެ ކެނޑިޑޭޓުންނާއެކު ކޮންމެ ހަފްތާއަކުވެސް މަދުވެގެން 2 ގަޑިއިރު، ސީދާ ބައްދަލުކޮށް ކެނޑިޑޭޓަށް ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މަށްވަރާކުރާންވާނެއެވެ. އެއްވެސް ސަބަބަކާހުރެ 1 (އެކެއް) ހަފްތާއަށްވުރެ ދިގު މުއްދަތަކަށް ސުޕަރވައިޒަރު ރަށުން ބޭރަށް ދާންޖެހިއްޖެނަމަ، މި މާއްދާގައި ލާޒިމުކުރާ ބައްދަލުވުންތައް ފޯނުން ނުވަތަ އިލެކްޓްރޯނިކް އެހެނިހެން ވަސީލަތެއް މެދުވެރިކޮށް ބޭއްވިދާނެއެވެ.

 

11 ވަނަ މާއްދާ - ރިޕޯޓު

(ހ) ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރާންޖެހޭ ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރާ ކެނޑިޑޭޓުން، ތަމްރީނުގެ މުއްދަތުގައި ކުރާ މަސައްކަތާއި، ކެނޑިޑޭޓުންގެ މަސައްކަތުގެ ސުލޫކާ ގުޅޭގޮތުން ގާނޫނުގެ 31 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ރިޕޯޓު، އެ ކެނޑިޑޭޓުންގެ ސުޕަރވައިޒަރުން ބާ ކައުންސިލަށްހުށަހަޅާންވާނެއެވެ. މި މާއްދާގައި ބަޔާންކުރާ ރިޕޯޓަކ،ީ ބާ ކައުންސިލުން އެކުލަވާލާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ ރިޕޯޓަ ކަށްވާންވާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކުރާ ރިޕޯޓާ އެކު، ތަމްރީނު ފުރިހަމަކުރި ކެނޑިޑޭޓަކީ ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރާ މީހެއްގައި ހުންނަންޖެހޭ އަހުލާގާއި ސުލޫކު ހުރި މީހެއްކަން ނުވަތަ ނޫންކަމާމެދު ސަބަބު ބަޔާންކޮށް، ތެދު ބަޔާނެއް އެ ކެނޑިޑޭޓެއްގެ ސުޕަރވައިޒަރަކު ބާ ކައުންސިލަށް ދޭންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ސުޕަރވައިޒަރުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގައި ސުޕަރވައިޒަރުން ފަރުވާކުޑަކޮށްފިނަމަ، ނުވަތަ ގަސްތުގައި އިހުމާލުވެއްޖެނަމަ، ނުވަތަ ސައްހަނޫން މައުލޫމާތެއް ހުށަހަޅައިފިނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ ސުޕަރވައިޒަރަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ބާ ކައުންސލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.

 

 

ހަތަރުވަނަ ބައި – ހުވާކުރުމާއި ހުއްދަ ދޫކުރުން

 

12 ވަނަ މާއްދާ - ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާ އަދި 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުން، ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ބާ ކައުންސިލަށް ހުށަހަޅަންވާނީ، މި ބައިގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދި ބާ ކައުންސިލަށް ހުށަހެޅުމުން، މިގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް އެ ފަރާތެއްގެ ކިބައިގައި ފުރިހަމަވެފައިވާކަން ލައިސެންސިންގ ކޮމިޓީން ކަށަވަރުކުރަންވާނެއެވެ.

(ނ) ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުން، ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާގޮތުގެ މަތިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރެއްގެ ކުރިމަތީގައި ގާނޫނީ ވަކީލު ކަމުގެ ހުވާކުރުމުގެ އިންތިޒާމު އެގްޒެކެޓިވް ކޮމިޓީން ހަމަޖައްސަންވާނެއެވެ.

 

13 ވަނަ މާއްދާ - ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުން

(ހ) ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދޭ ފަރާތްތަކުން އަންނަނިވި ލިޔެކިއުންތައް ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ.

  1. ގާނޫނީ ރޮނގުން ފުރިހަމަކޮށްފައިވާ ފުރަތަމަ ޑިގްރީގެ ސެޓިފިކެޓްގެ ކޮޕީ؛
  2. މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާ އިމްތިހާނު ފުރިހަމަކޮށްފައިވާ ކަމުގެ ލިޔުން؛
  3. މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައިވާކަމުގެ ލިޔުން؛
  4. ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިއުމުގެ އިތުރުން، ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމާއެކު އެހެން މައުލޫމާތު ހުށަހެޅުމަށް އެންގުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

14 ވަނަ މާއްދާ - ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ނިންމުން

(ހ) ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުންތައް ދިރާސާކުރުމަށްފަހު، ގާނޫނީ ވަކީލުކަމުގެ ހުއްދަ އެ ފަރާތަކަށް ދިނުމާމެދު ގޮތެއް ނިންމާނީ ލައިސަންސިންގ ކޮމިޓީގެ ލަފާގެ މަތިން އެގްޒެކެޓިވް ކޮމިޓީ ންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ހުށަހެޅުންތައް ދިރާސާކުރުމަށްފަހު، އެ ފަރާތަކަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުމަށް އެގްޒެކެޓިވް ކޮމިޓީން 
ނިންމައިފިނަމަ އެންމެ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން އެ ފަރާތަކަށް ލިޔުމުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުށަހެޅުންތައް ދިރާސާކުރުމަށްފަހު، އެ ފަރާތަކަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ނުދިނުމަށް އެގްޒެކެޓިވް ކޮމިޓީން ނިންމައިފިނަމަ، ހުއްދަ ނުދިނުމަށް ނިންމި ސަބަބު ބަޔާންކޮށް، އެންމެ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން އެ ފަރާތަކަށް ލިޔުމުން އަންގަންވާނެއެވެ.

 

15 ވަނަ މާއްދާ - ގާނޫނީ ވަކީލުކަމުގެ އިގުރާރުގައި ސޮއިކުރުން

ގާނޫނީ ވަކީލުކަމުގެ ހުވާ ކުރާ ފަރާތްތަކުން ހުވާކުރުމަށްފަހު، ގާނޫނީ ވަކީލުކަމުގެ އިގްރާރުގައި ސޮއިކުރަންވާނެއެވެ. މި އިގުރާރަކ،ީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ގާނޫނީ ވަކީލަކަށްވުމުގެ ސުލޫކު ދަމަހަށްޓަކައި، ގާނޫނީ ވަކީލެއްގެ ޒިންމާ އަދުލުވެރިކަމާއެކު އަދާކުރުމަށް ވެވޭ އިގުރާރެކެވެ.

 

16 ވަނަ މާއްދާ - ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުން

ގާނޫނީ ވަކީލުކަމުގެ ހުވާކޮށް، ގާނޫނީ ވަކީލުންގެ އިގުރާރުގައި ސޮއިކުރާ ފަރާތްތަކަށް ގާނޫނު ގެ 33 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާގޮތުގެ މަތިން ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރަންވާނެއެވެ.

 

 

ފަސްވަނަ ބައި – އެހެނިހެން

 

17 ވަނަ މާއްދާ - އިސްތިއުނާފުކުރުން

(ހ) މި ގަވާއިދުގެ ދަށުން އެގްޒެކެޓިވް ކޮމިޓީން ނިންމާ އެއްވެސް ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ސަބަބު ބަޔާންކޮށް އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އެޕީލް ކޮމިޓީއަށް ހުށަހެޅުމުގެ ހައްގު އެ ނިންމުމެއް ރައްދުވި ފަރާތަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުމެއް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާންވާނީ، އެކަމަށްޓަކައި އެޕީލް ކޮމިޓީން ކަނޑައަޅާ ފޯމަކުންނެވެ. މިގޮތުން އިސްތިއުނާފަށް ހުށަހަޅާ މައްސަލަތަކާމެދު ގޮތެއް ނިންމާނީ، އެޕީލް ކޮމިޓީން އެކަމަށްޓަކައި ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައެވެ.

 

18 ވަނަ މާއްދާ - މުރާޖައާކުރުން

މި ގަވާއިދަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން ގިނަވެގެން 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި މިގަވާއިދު މުރާޖައާކުރަންވާނެއެވެ. އަދި އެއަށްފަހު ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އިތުރަށް މުރާޖައާކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - މުއްދަތުތައް ގުނުން

މި ގަވާއި ދުގައި ކަނޑައަޅާފައިވާ މުއްދަތުތައް ގުނުމުގައި ސަރުކާރު ބަންދު ދުވަސްތަކެއް ނުހިމެނޭނެއެވެ.

 

20 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

މި ގަވާއި ދުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަ ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނައެވ:ެ

(ހ) "އެގްޒެކެޓިވް ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ ދަށުން އުފެދިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށެވެ.

(ށ) "އެޕީލް ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން އެޕީލް ކޮމިޓީގެ ނަމުގައި އުފެދިފައިވާ ދާއިމީ ސަބްކޮމިޓީއަށެވެ.

(ނ) "ލައިސެންސިންގ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން ލައިސެންސިންގ ކޮމިޓީގެ ނަމުގައި އުފެދިފައިވާ ދާއިމީ ސަބްކޮމިޓީއަށެވެ.

(ރ) "ލޯ ފާރމް" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ، އަދި ދިވެހިރާއްޖޭގައި ގާނޫނީ ހިދުމަތް ދިނުމަށްޓަކައި ބާ ކައުންސިލުން ހުއްދަ ދީފައިވާ ޕާޓްނަރށިޕްތަކަށެވެ.

(ބ) "ލީގަލް ޕްރެކްޓިސް" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން އަމިއްލަ ވިޔަފާރިއެއް ގެ ގޮތުގައި ރަޖިސްޓަރީކޮށް، އަދި ދިވެހިރާއްޖޭގައި ގާނޫނީ ހިދުމަތް ދިނުމަށްޓަކައި ބާ ކައުންސިލުން ހުއްދަ ދީފައިވާ އަމިއްލަ ވިޔަފާރިތަކަށެވެ.

(ޅ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) އަށެވެ.

(ކ) "ޖިނާއީ ބޮޑު ކުށެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްކުށަށެވެ.

 

21 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއި ދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

އުވި ގަވާއިދު

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-20)

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު