-

އެއްމެދު އިމާރާތާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2006)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ - ތައާރުފް

(ހ) މިއީ، އެއްމެދު އިމާރާތް ރަޖިސްޓަރީކުރުމާއި، އެއްމެދު އިމާރާތެއްގައި ހަދާފައިވާ ފްލެޓްތައް ވިއްކުމާއި، ދިނުމާއި، ކުއްޔަށްދިނުމާއި، އެއްމެދު އިމާރާތުގައިވާ އާންމުތަންތަނާއި، ވަސީލަތްތައް ބެލެހެއްޓުމާއި، އެތަންތަނާބެހޭ ކަންތައްތައް ހިންގުމާބެހޭ ގަވާއިދެވެ.

(ށ) މި ގަވާއިދު ހަދާފައިވަނީ، ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ ދަށުންނެވެ.

(ނ) މި ގަވާއިދަށް ކިޔާނީ "އެއްމެދު އިމާރާތާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ -  އެއްމެދު އިމާތާތް

އެއްމެދު އިމާރާތަކީ، އެއްބިސީއަށްވުރެ ގިނަބިސީއަށް ވަކިން ދިރިއުޅެވޭގޮތަށް، ވަކި ފްލެޓްތަކަކަށް ހަދައި، އެކަކަށްވުރެ ގިނަމީހުންނަށް މިލްކުވެފައިވާ އިމާރާތެކެވެ.

 

3 ވަނަ މާއްދާ -

އެއްމެދު އިމާރާތެއްގެ ފްލެޓެއްކަމަށް ބެލޭނީ، 2 ބުރިއަށް ނުވަތަ އެއަށްވުރެ އުސްކޮށް ހުރި އިމާރާތެއްގައި، އެ އިމާރާތުގެ އޮނިގަނޑަށް ބަދަލުގެނައުމަކާނުލައި، ގޭބިސީއަކަށް ވަކިން ދިރިއުޅޭވޭގޮތަށް ނުވަތަ އެހެން ބޭނުންތަކަށް ބޭނުންކުރެވޭގޮތަށް، ދިރިއުޅުމުގެ އަސާސީ ބޭނުންތަކަށް ބޭނުންވާ ފެނާއި، ކަރަންޓާއި، މިނޫންވެސް މުހިންމު އެހެނިހެން ވަސީލަތްތައް ވަކިން ގާއިމުކޮށްފައިހުރި ކޮންމެ ބައެކެވެ. (އިސްލާހު ކުރެވިފައި)

 

4 ވަނަ މާއްދާ - އެއްމެދު އިމާރާތުގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދަ ހޯދުން 

(ހ) އެއްވެސް މީހަކު ނުވަތަ ބަޔަކު، އެމީހެއްގެ ނުވަތަ އެބަޔެއްގެ އަމިއްލަ ބިމެއްގައި ނުވަތަ ބަންޑާރަ ބިމެއްގައި ނުވަތަ ބަންޑާރަ ގޯއްޗެއްގައި ހަދާފައިވާ އިމާރާތް، އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ބޭނުންވެއްޖެނަމަ، އެ އިމާރާތް ރަޖިސްޓްރީކުރުމަށްޓަކައި ތިރީގައި ބުނެފައިވާ ލިޔުންތަކާއިއެކު، "އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓަށް ހުށަހަޅަންވާނެއެވެ.

  1. ތީގެ ރަޖިސްޓަ ީރ ނުވަތަ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ 
  2. އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ބޭނުންވާނަމަ، މިކަމަށް އެދޭ މީހުން އެއްބަސްވެފައިވާ ގޮތުގެ ލިޔުން
  3. އެއްމެދު އިމާރާތުގެ ފްލެޓްތަކާއި ބައިތަކުގެ ބޮޑުމިން އެނގޭ ކަމާބެހޭ ފަރާތުން ފާސްކޮށްފައިވާ އިާމރާތުގެ ކުރެހުންތަކާއި އިމާރާތްކުރުމަށް ދީފައިވާ ހުއްދަ
  4. ބިން ނުވަތަ އިމާރާތް ބޭންކުގައި ނުވަތަ މާލީ އިދާރާއެއްގައި ރަހުނުކޮށްފައިވާނަމަ އެފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން 
  5. އެއްމެދު އިމާރާތުގެ ގޯތިކަމުގައި ކަނޑައަޅާފައިވާ ބައިގެ ބޮޑުމިން އަންގައިދޭ ޗާޓު ނުވަތަ ކުރެހުން

(ށ) މި ގަވާއިދުގައިވާ ގޮތުގެމަތިން އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދައަށްއެދި ހުށަހެޅުމުން، "އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދަ" ލިޔުމަކުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުން ދޫކުރަންވާނެއެވެ. މި ލިޔުމުގައި އިމާރާތަކީ އެއްމެދު އިމާރާތެއްކަމާއި، އެވަގުތު އެބިމުގެ މިލްކުވެރިންނަކީ ނުވަތަ ބިން ދޫކުރެވިފައިވާ ފަރާތް ނުވަތަ ފަރާތްތަކަކީ ކޮބައިކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ނ) އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނީ މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

 

5 ވަނަ މާއްދާ -

(ހ) މި ގަވާއިދުގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ ގޮތުގެމަތިން "އެއްމެދު އިމަރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރުމުގެ ހުއްދަ" ލިބުމުން އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ހުށަހަޅާނީ މާލޭގައިނަމަ މާލޭ މުނިސިޕަލްޓީއަށެވެ. އަދި އަތޮޅުތަކުގައިނަމަ އެ އަތޮޅެއްގެ އަތޮޅުއޮފީހަށެވެ. 
 
(ށ) އެއްމެދު އިމާރާތެއްގެގޮތުގައި ރަޖިސްޓްރީކުރުމަށްއެދި ހުށަހަޅަންވާނީ، "އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް  އެދޭ ފޯރމް" ފުރިހަމަކުރުމަށްފަހު އެ ފޯޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއި، "އެއްމެދު އިމާރާތުގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ  ހުއްދަ" އާއި އެކުގައެވެ. 

(ނ) އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރުމުގެ ހުއްދަ ދީފައިވާ ދުވަހުން ފެށިގެން، 90 ދުވަހުގެ ތެރޭގައި، އިމާރާތް ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ. މި މުއްދަތު ފާއިތުވެއްޖެނަމަ ދޫކުރެވިފައިވާ "އެއްމެދު އިމާރާތެއްގެގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދަ" ބާތިލްވާނެއެވެ. އަދި މިހުއްދަ ބާތިލްވެއްޖެނަމަ އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ހުށަހެޅޭނީ މިގަވާއިދުގެ 4 ވަނަމާއްދާގައިވާގޮތުގެ މަތީން "އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީކުމުގެ ހުއްދައަށް އެދޭ ފޯމް" އަލުން ފުރިހަމަކުރުމަށްފަހު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓަށް ހުށަހަޅައި އަލުން ހުއްދަ ލިބުމުންނެވެ.

(ރ) މިގަވާއިދުގައިވާ ގޮތުގެމަތިން މައުލޫމާތު ފުރިހަމަކުރުމަށްފަހު އެއްމެދު އިމާރާތެއް ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހެޅުމުން އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީކޮށް އެއްމެދު އިމާރާތުގެ ރަޖިސްޓްރީ އެއިމާރާތަކަށް ހަދައިދޭން ވާނެއެވެ. މިގޮތަށް ހެދޭ ރަޖިސްޓްރީގައި، އެރަޖިސްޓްރީއަކީ ރަހުނުކުރުމަށް ބޭނުންކުރެވޭނެ ރަޖިސްޓްރީއެއް ނޫންކަން ބަޔާން ކޮށްފައިއޮންނަންވާނެއެވެ. އަދި މި ރަޖިސްޓްރީކޮށްދިނުމާއިއެކު، އިމާރާތުގައި ހިމެނޭ ކޮންމެ ފްލެޓަކަށް ނުވަތަ ބަޔަކަށް އެއްމެދު އިމާރާތުގައި ހިމެނޭ ފްލެޓް ނުވަތަ ބައިގެ ވަކި ރަޖިސްޓްރީއެއް ހަދައިދޭންވާނެއެވެ. މިގޮތުން ހަދައިދޭ ރަޖިސްޓްރީގައި، ބުނެފައިވާ ފްލެޓް ނުވަތަ ބައި މިލްކުކުރާ ފަރާތަކީ ނިސްބަތުން އެއްމެދު އިމާރަތުގެ ބިމުގެ މިލްކުވެރިއެއްކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި އެއްމެދު އިމާރާތުގެ ބިމަކީ، އެއްމެދު އިމާރާތުގެ ބިމުގެ ވެރިފަރާތްތަކަށް ވަކިވަކިން ކަނޑައަޅައި، ބައިކޮށް ހެދޭނެ ބިމެއް ނޫނެވެ.

 

6 ވަނަ މާއްދާ -

މިގަވާއިދުގައިވާ ގޮތުގެމަތިން، އިމާރާތެއް އެއްމެދު އިމަރާތެއްގެ ގޮތުގައި ރަޖިސްޓްރީވުމުން،  އެއިމާރާތެއްގައި ހަދާފައިވާ ފްލެޓްތައް، ވިއްކާ، ހިބައިން، ނުވަތަ ވަސިއްޔަތުން، ނުވަތަ އެނޫންވެސް ގޮތަކުން ދިނުމާއި، ކުއްޔަށްދީ ހެދުމުގެ އިހްތިޔާރު، އެފްލެޓެއްގެ ވެރިފަރާތައް ލިބިގެންވެއެވެ. އަދި ރަހުނުކުރަން ޖެހިއްޖެ ހާލަތެއްގައި މި ފްލެޓްތައް ރަހުނުކުރެވޭނެއެވެ.

 

7 ވަނަ މާއްދާ - އެއްމެދު އިމާރާތުގެ ފްލެޓެއް ވިއްކުމާއި ދިނުން

(ހ) އެއްމެދު އިމާރާތުގެ ބައެއް ނުވަތަ ފްލެޓެއް ވިއްކާލެވޭނީ، އެކަމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، މާލޭގައިނަމަ މާލޭ މުނިސިޕަލްޓީއަށް، އަތޮޅުތަކުގައި، އެއަތޮޅެއްގެ އަތޮޅު އޮފީހަ ްށ ހުށަހަޅައި، ވިއްކަންއެދޭފަރާތާއި، ގަންނަފަރާތުން، އެއޮފީހުގެ ވެރިއެއްގެ ހާޒިރުގައި ސޮއިކުރުމަށްފަހު، ށަރީއަތް މެދުވެރިކޮށްގެންނެވެ.

(ށ) މިގޮތުން އެއްމެދު އިމާރާތެއްގައި ހިމެނޭ ހުރިހާބައިތައް އެއްކޮށް ވިއްކާލެވޭނީ، ވިއްކާމީހާއާއި، އެމީހާ ށަރުއީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެ އެހެން ގޮތެއް ހަމަޖެހިފައިވާނަމައެވެ.

 

8 ވަނަ މާއްދާ - ސޯށަލް ހައުސިންގގެ ގޮތުގައި ހަދާފައި ހުންނަ ފްލެޓްތައް

ސަރުކާރުން ނުވަތަސަރުކާރުން ސަރުކާރު ހިއްސާވާ ކުންފުންޏަކުން ސޯށަލް ހައުސިންގެ ގޮތުގައި ހަދާފައިާވ ފްލެޓެއް އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށްފަހު މި އިމާރާތުގައި ހިމެނޭ ފްލެޓެއް، ފްލެޓް ދޫކުރުމަށްޓަކައި އެއްބަސްވެފައިވާ އެއްބަސްވުމަށް 5 އަހަރު ހަމަވުމުން އެފްލެޓެއްގެ ރަހުނާއިއެކު އެހެންފަރާތަކަށް ވިއްކުމުގެ އިހްތިޔާރު ފްލެޓް ދޫކުރެވިފައިވާ ފަރާތަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - 

މިގޮތަށް ހަދާފައި ހުންނަ ފްލެޓެއް ވިއްކާލެވޭނީ ސޯށަލް ހައުސިންގގެ ގޮތުގައި ހަދާފައިވާ ފްލެޓް ދޫކުރުމަށް އެއިރަކަށް ކަނޑައެޅިފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތަކަށެވެ. މިށަރުތުތައް ކަނޑައަޅައި އެއިރެއްގެ ހާލަތުގެ މައްޗަށް ވިސްނާ ބަދަލުކުރަ ުމން ގެންދާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުންނެވެ.

 

10 ވަނަ މާއްދާ -

މިގަވާއިދުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައިވާގޮތަށް ފްލެޓެއް ލިބިފައިވާ ފަރާތަކުން  ފްލެޓެއް ވިއްކާލައިފިނަމަ ދެން އެފަރާތަކަށް ސޯށަލް ހައުސިންގގެ ގޮތުގައި ހަދާފައިވާ ފްލެޓެއް ލިބުމުގެ ފުރުސަތު އޮންނާނީ އެއިރެއްގައި ސޯށަލް ހައުސިންގގެ ގޮތުގައި ހަދާފައިވާ ފްލެޓް ދޫކުރުމަށް ކަނޑައެޅޭ މިންގަނޑުތަކުގެތެރޭގައި ހިމެނޭ އެހެން ފަރާތްތަކަށް އިސްކަންދިނުމަށްފަހުގައެވެ. ނުވަތަ އެއިރެއްގެ ހާލަތަށްބަލާ މިކަމަށް ކަނޑައެޅޭ މިންގަނޑުތަކެއްގެ ދަށުންނެވެ. 

 

11 ވަނަ މާއްދާ - 

މިގަވާއިދުގެ 8، 9 އަދި 10 ވަނަ މާއްދާގައިވާ ބައިތަކުގެ އިތުރަށްވެސް ސޯށަލް ހައުސިންގގެ ކަންތައްތަކުގެ ހާލަތަށް އަންނަބަދަލަތަކަށްބަލާ އިތުރު ށަރުތު ހިމެނުމުގެ އިހްތިޔާރު ސަރުކާރުގެ ކަމާއިބެހޭ އިދާރާއަކަށް ލިބިގެން ވެއެވެ. 

 

12 ވަނަ މާއްދާ - ކުއްޔަށް ދިނުން

އެއްމެދު އިމާރާތެއްގެ ފްލެޓެއް ކުއްޔަށް ދެވޭނީ، ގިނަވެގެން 15 އަހަރު ދުވަހުގެ މުއްދަތަށެވެ. 

 

13 ވަނަ މާއްދާ - 

އެއްމެދު އިމާރާތެއްގެ ފްލެޓެއް ކުއްޔަށްދެނީ، 1 އަހަރު ދުވަހަށްވުރެ ދިގުމުއްދަތަކަށް ކަމަށްވާނަމަ، އެ ފްލެޓެއް ކުއްޔަށް ދޭންވާނީ، އެ ފްލެޓެއް ކުއްޔަށް ދިނުމާބެހޭގޮތުން އެގްރީމަންޓް ކުރުމަށްފަހުގައެވެ.

 

14 ވަނަ މާއްދާ - 

އެއްމެދު އިމާރަތެއްގައި ހުންނަ ކުއްޔަށް ދޫކުރާ ފްލެޓްތައް، އެ ފްލެޓެއްގެ ވެރިފަރާތުން، މާލޭގައިނަމަ މާލޭ މުނިސިޕަލްޓީގައި، އަތޮޅުތަކުގައިނަމަ އެރަށެއްގެ ރަށުއޮފީހުގައި ކުއްޔަށް ދޫކުރާ ފްލެޓެއްގެ ގޮތުގައި ރަޖިސްޓަރީކުރަންވާނެއެވެ. 

 

15 ވަނަ މާއްދާ - 

އެއްމެދު އިމާރާތެއްގެ ފްލެޓެއް ކުއްޔަށް ދޫކުރުމުގެ އެގްރީމަންޓުގައި ކުއްޔަށް ދުކުރާފަރާތާއި، ކުއްޔަށް ހިފާ ފަރާތާއި، ކުއްޔަށް ދޫކުރާ ތަނާއި، ކުއްޔާއި ކުލި ދައްކަންޖެހޭ އުސޫލާއި އާންމު ތަންތަނާއި ވަސީލަތްތައް ބެލެހެއްޓުމުގައި، ޒިންމާ އުފުލަންޖެހޭ މިންވަރު ބަޔާންކުރަންވާނެއެވެ.

 

އާންމު ތަންތަނާއި، ވަސީލަތްތައް

 

16 ވަނަ މާއްދާ - 

ކޮންމެ އެއްމެދު އިމާރާތެއްގެ ރަޖިސްޓްރީގައި، އެ އިމާރާތެއް ހިމެނޭ ގޯއްޗާއި އަދި އެހެނިހެން އާއްމު ތަންތަނާއި ވަސީލަތްތައް ކުރެހުމެއްގައި ފާހަގަކޮށްފައި އޮންނަންވާނެއެވެ. އަދި މިގޮތުން އެއްމެދު އިމާރާތެއްގެ ރަޖިސްޓްރީގައި ކަނޑައަޅަފައިވާ ހުރިހާ އާއްމު ވަސީލަތްތަކަކީ އެއްމެދު އިމާރާތުގެ ވަކިފްލެޓްތަކުގެ ހުރިހާ މިލްކްވެރިން އެއްވަރަށް ހިއްސާވާ ބައެކެވެ.

 

17 ވަނަ މާއްދާ - 

ކޮންމެ އެއްމެދު އިމާރާތަކާއި، އެ އިމާރާތެއް ބިނާކޮށްފައިވާ ގޯތީގައިވާ އާންމު ތަންތަނާއި، ވަސީލަތްތައް ބޭނުންކުރުމުގެ ހައްގު، އެ އިމާރާތެއްގެ ފްލެޓްތަކާއި ބައިތަކުގެ މިލްކުވެރިންނަށް ލިބިގެންވެއެވެ. 

 

18 ވަނަ މާއްދާ - 

ކޮންމެ އެއްމެދު އިމާރާތަކާއި، އެ އިމާރާތެއް ބިނާކޮށްފައިވާ ގޯތީގައިވާ އާންމުތަންތަނާއި، ވަސީލަތްތައް ބެލެހެއްޓުމަކީ، އެ އިމާރާތެއްގެ ފްލެޓްތަކާއި، ބައިތަކުގެ މިލްކުވެރިންގެ ޒިންމާއެކެވެ. 

 

19 ވަނަ މާއްދާ - 

ކޮންމެ އެއްމެދު އިމާރާތަާކއި، އެ އިމާރާތެއް ބިނާކޮށްފައިވާ ގޯތީގައިވާ އާންމު ތަންތަނާއި، ވަސީލަތްތައް ބަލަހައްޓާނޭގޮތް އެ އިމާރަތެއްގެ އެއްމެދު އިމާރާތުގެ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - މިލްކުވެރިކަން

އެއްމެދު އިމާރަތެއްގެ ފްލެޓެއް ނުވަތަ ބައެއް ގަނެ، ދީ، ލިބިގަނެ، މިލްކު ކުރެވޭނީ، ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ. 

 

މާނަކުރުން

  1. މި ގަވާއިދުގެ ބޭނުމަށްޓަކައި "ހަދާފައިވާ އިމާރާތް" ކަމަށް ބުނެފައިއެވަނީ އިމާރާތް ފުރިހަމަނުވިނަމަވެސް ހަދާނިމިފައިވާ އިމާރާތެއްގެ އޮނިގަނޑު ހިމެނޭ ގޮތުގައެވެ.
  2. މި ގަވާއިދުގެ ބޭނުމަށްޓަކައި "އެއްމެދު އިމާރާތުގެ ބިން" ކަމުގައި ބުނެފައިއެވަނީ އިމާރާތުގެ ގޯތިކަމުގައި ކަނޑައެޅިފައިވާ އިމުގެ ތެރޭގައި ހިމެނޭ ބިމެވެ. 
  3. މި ގަވާއިދުގެ ބޭނުމަށްޓަކައި "ސޯށަލްހައުސިންގ" ކަމުގައި ބުނެފައި އެވަނީ ގެދޮރުގެ ދަތިކަން ދިމާވެފައިވާ ފަރާތްތަކަށް ހިޔާވަހިކަން ހޯދައިދިނުމަށްޓަކައި އެއިރެއްގެ މާރކެޓް އަގަށްވުރެ ހެޔޮއަގެއްގައި ކުއްޔަށްދީ، ވިއްކުމަށްޓަކައި މީހުން ދިރިއުޅޭގޮތަށް ހަދާފައިވާ ފްލެޓާއި ގެދޮރުފަދަ ތަންތަނެވެ. 

 

ނޯޓް:

1 އެޕްރީލް 2006 ގައި މިގަވާއިދަށް އަމަލުކުރަން ފެށުމުން 20 އޮކްޓޫބަރު 2004 ގައި އެކުލަވާފައިވާ އެއްމެދު އިމާރާތުގެ ގަވާއިދު ބާތިލްވީއެވެ. 

 

މައި ގަވާއިދު

އެއްމެދު އިމާރާތާބެހޭ ގަވާއިދު (21 މޭއި 2006)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

 1 ވަނަ އިސްލާހު

 

މައި ގާނޫނު

ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)

ކިޔުންތެރިންގެ ހިޔާލު