ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2014-40)
(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ- ތައާރުފު
މިއީ ގާނޫނު ނަންބަރު 2008-05 "ފުލުހުންގެ ގާާނޫނު" ގެ 8 ވަނަ މާއްދާއާއި ހަވާލާދީ އެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ)ގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.
2 ވަނަ މާއްދާ - ގަވާއިދުގެ ނަން
މިގަވާއިދަށް ކިޔާނީ "ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.
3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް
މި ގަވާއިދު ހިންގާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިންނެވެ.
4 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގްސަދުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމާއި؛
(ށ) ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ އަޅާފައި ހުންނަ ފުޅިއާއި ހަމާއި އެނޫންވެސް އެފަދަ ތަކެއްޗާމެދު އަމަލުކުރާނެ ގޮތާއި އެފަދަ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި؛
(ނ) ބަނގުރާ ކެއްކުމާއި އުފެއްދުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތަކާޢި މެދު އަމަލުކުރާނެ މައިގަނޑު އުސޫލުތަކާއި އެފަދަ އެއްޗެތި ނައްތައިލުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.
5 ވަނަ މާއްދާ - ނައްތާލުމަށް ނުވަތަ ނީލަންކިޔުމަށް ހުއްދަ ހޯދުން (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)
(ހ) މި ގަވާއިދުގެ ދަށުން ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގެ ކުރިން ނުވަތަ ހުއްދަ ގޮތުގައި ބޭނުންކުރެވިދާނެ އަގެއް ހުރި އެއްޗެއްގެ ގޮތުގައި ނީލަމުގައި ވިއްކާލުމަށް ނިންމާ އެއްޗެތި ވިއްކާލުމުގެ ކުރިން އެއެއްޗެއް ނައްތާލުމަށް ނުވަތަ ނީލަމުގައި ވިއްކާލުމުގެ ހުއްދައަށް އެދި އަމަލުކުރާނީ އަންނަނިވި ގޮތުގެ މަތިންނެވެ. (އިސްލާހު ކުރެވިފައި)
- މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅޭ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކުރަން ނިންމާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ނައްތާލުމުގެ ހުއްދައަށް އެދި ހުށަހަޅާީނ ޕްރޮސިކިއުޓަރ ޖެނެރަލް އަށެވެ.
- މިއަކުރުގެ އެއްވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތް ފިޔަވައި އެހެން ޙާލަތް ތަކުގައި ބަނގުރާ ނައްތާުލުމުގެ ހުއްދައަށް އެދި ހުށަހަޅާނީ ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ފަރާތަކަށެވެ.
- މިއަކުރުގެ އެއްވަނަ ނަންބަރާއި ދެވަނަ ނަންބަރުގައި ބަޔާންކުރާ ހާާލަތްތަކުގައިވެސް ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތާލުމާއި ނީލަންކިޔުމުގެ ހުއްދައަށް އެދި ހުށަހަޅާނީ ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ފަރާތަކަށެވެ.
(ށ) މި ގަވާއިދުގެ ދަށުން ނައްތާލަން ޖެހޭ އެއްޗެތި ނައްތާލުމަށްޓަކައި، ނުވަތަ ވިއްކާލުމުގެ ހުއްދައަށް އެދި މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ހުށަހަޅާނީ، ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުންެނެވެ. (އިސްލާހު ކުރެވިފައި)
(ނ) މި ގަވާއިދުގެ ދަށުން ނައްތާލަންޖެހޭ އެއްޗެތި ނައްތާލުމަށް ނުވަތަ ނީލަންކިޔުމަށް ހުއްދަ އަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުންނެވެ. (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ (ހ)ގެ 2،1 އަދި 3 ގައިވާ ތަކެތި ނައްތާލުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމުގައި، މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ޅ) އަދި 16 ވަނަ މާއްދާގެ (ހ) ގައިވާ އިޖްރާއަތު ފުރިހަމަ ކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
6 ވަނަ މާއްދާ - ނައްތައިލުމަށް ކަނޑައެޅުން
(ހ) މިގަވާއިދުގެ ދަށުން ނައްތައިލަން ޖެހޭ ތަކެތީގެ ތެރެއިން ބަނގުރާ ނައްތައިލުމަށް އެދި ހުށަހަޅަންވާނީ އެތަކެއްޗާ ގުޅޭ ގޮތުން ފޮރެންސިކް ލެބޯޓަރީއިން ބަލަން ޖެހޭ ބެލުންތައް ނިންމުމަށްފަހު ތަހްލީލު ރިޕޯޓު ތހުގީގް ކުރާ ފަރާތަށް ލިބުމުންނެވެ.
(ށ) މި ގަވާއިދުގެ ދަށުން ނައްތައިލަން ޖެހޭ ތަކެތީގެ ތެރެއިން ބަނގުރާ ފިޔަވައި އެހެނިހެން ތަކެތި ނައްތައިލުމަށް ނުވަތަ ނީލަމުގައި ވިއްކާލުމަށް ކަނޑައަޅަންވާނީ، އެތަކެއްޗާ ގުޅޭގޮތުން ތހުގީގަށް ބޭނުންވާ މައުުލޫމާތު ރިކޯޑުކުރުމަށްފަހު އެ ތަކެއްޗަކީ ނައްތައިލަން ޖެހޭ ނުވަތަ އަގެއް ހުރި އެއްޗެއްގެ ގޮތުގައި ނީލަމުގައި ވިއްކާލެވޭނެ އެއްޗެއް ކަމަށް، ތހުގީގްކުރާ ފަރާތުން ކަނޑައެޅުމުންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓް އެމައްސަލައެއް ބަލާ ޑިޕާޓްމަންޓް ނުވަތަ ޑިވިޒަނަށް ލިބޭތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ނުވަތަ މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ނިންމުން ނިންމާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ތަހުގީގު ކުރާ ޑިޕާޓްމެންޓުން (ޑިވިޒަންތަކުން ނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް މެދުވެރިކޮށް) އެތަކެތި ނައްތާލުމަށް ނުވަތަ ނީލަމުގައި ވިއްކާލުމުގެ ހުއްދައަށް އެދި މި ގަވާއިދުގައިވާ ގޮތުގެ މަތިން ހުށަހަޅަން ވާނެއެވެ. (އިސްލާހު ކުރެވިފައި)
(ރ) މި ގަވާއިދުގެ ދަށުން ނައްތާލަން ޖެހޭ ތަކެތި ނައްތާލުމުގެ ހުއްދަ ލިބޭތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނައްތާލަން ވާނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގެ ހުއްދައަށް އެދެންވާނީ، އިތުރު ތަހުލީލެއް ކުރަންޖެހިއްޖެ ހާލަތެއްގައި އެ ތަހްލީލެއް ކުރެވޭނެ މިންވަރަށް ސާމްޕަލެއް ރައްކާކުރުމަށް ފަހުގައެވެ. (އިސްލާހު ކުރެވިފައި)
(ޅ) މި މާއްދާގެ (ބ)ގެ ދަށުން އިތުރު ތަހުލީލެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އެ ތަހުލީލެއް ކުރެވޭނެ މިންވަރަށް ރައްކާކުރެވޭ އެއްޗަކީ، ނުވަތަ ސާމްޕަލް އަކީ، އެ މައްސަލައެއްގެ ށަރުއީ ހުރިހާ މަރުހަލާއެއް ނިމުމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދަ އާއި އެކު ނައްތާލެވޭނެ އެއްޗެއް ނުވަތަ ސާމްޕަލް އެކެވެ. (އިތުރު ކުރެވިފައި)
7 ވަނަ މާއްދާ - ތަކެތި ނައްތައިލުމުގެ މަސައްކަތްކުރާނެ ފަރާތްތައް
(ހ) ުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ އަދި ބަނގުރަލުގެ މައްސަލަތަކާ ގުޅޭ އެއްޗެތި މާލޭސިޓީގައި ނަމަ ނައްތައިލާނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުންނެވެ.
(ށ) އަތޮޅުތަކުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ، ޑިވިޒަނަލް އޮޕަރޭށަންސް ކޮމާންޑުގެ ބެލުމުގެ ދަށުގައި ބެހެއްޓޭ ހާލަތްތަކުގައި އެ މައްސަލައަކާ ގުޅޭ ބަގުރަލާއި، އެހެނިހެން އެއްޗެތި ނައްތައިލުމުގެ މަސައްކަތްކުރާނީ އެރީޖަނެއްގެ ކޮމާންޑަރާއެކު ކަމާގުޅޭ ތަމްރީނު ނުވަތަ މައުުލޫމާތު ލިބިފައިވާ އިތުރު 2 ފުލުހުން ހިމެނޭ ޓީމަކުންނެވެ.
(ނ) ަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅޭ ތަކެތި ނައްތައިލަންވާނީ މާލޭގައި ނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުންގެ އިންސްޕެކްޓަރ ރޭންކުން މަތީގެ އޮފިސަރަކާއެކު ކަމާ ގުޅޭ ތަމްރީނު ނުވަތަ މައުލޫމާތު ލިބިފައިވާ އިތުރު 2 ފުލުހުން ހިމެނޭ ޓީމަކުންނެވެ.
(ރ) މި ގަވާއިދުގެ ދަށުން ނައްތައިލެވޭ އެއްޗެތި ނައްތައިލާއިރު އެތަނަށް ހާޒިރުވާ މީހުންގެ ތެރެއިން މަދުވެގެން ދެ މީހަކު، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުގައި ސޮއި ކުރަން ވާނެއެވެ.
8 ވަނަ މާއްދާ - ބަނގުރާލާއި ބަނގުރަލާ ގުޅޭ މައްސަލަތަކާ ގުޅޭ އެއްޗެތި ނައްތައިލާނެ ގޮތް
(ހ) ައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ ނައްތައިލަން ވާނީ ވަޅެއް ކޮނެ އެ ވަޅަކަށް އޮއްސާލައިގެންނެވެ. ވަޅަށް އޮއްސާލެވޭ ބަނގުރާ ބިންގަ ނޑުގެ ތެރެއަށް ފޭދިގެން ދިއުމުން އެ ވަޅަށް ފަސް އަޅާ ފޮރުވަންވާނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ނައްތައިލުމަށް ކަނޑައެޅޭ ތަކެތީގެ ތެރެއިން ބިއްލޫރި ފުޅި ނައްތައިލާނީ އެ ފުޅި ތަޅާލައި އަލުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލައިގެންނެވެ. ބިއްލޫރި ފުޅި ތަޅައިލުމުން އުފެދޭ ފުޅިތޮށި ކުނީގެ ގޮތުގައި އުކާލެވޭ އެއްޗެތި އުކާލާ ތަނަކަށް އުކާލުމުގެ އިތުރުން ރިސައިކަލް ކުރުމަށް އެދޭ ފަރާތަކަށް ދޫކުރެވިދާނެއެވެ.
(ނ) ދަޅު ނުވަތަ އެނޫންވެސް އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ މައުދަނަކުން އުފައްދާފައި ހުންނަ ބަނގުރާ އަޅަން ބޭނުންކުރާ ތަކެތި އެ ތަކެތީގެ އަސްލު ފަސޭހައިން އިއާދަނުކުރެވޭ މިންވަރަށް ފިއްތާލައިގެން ނުވަތަ ހަލާކުކޮށްލައިގެން ނުވަތަ އަންދާލައިގެން ނައްތައިލުން ނުވަތަ ރިސައިކަލް ކުރުމަށް އެދޭ ފަރާތްތަކަށް ދޫކުރެވިދާނެއެވެ.
(ރ) ަނގުރާ ކެއްކުމާއި ރައްކާކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ނައްތައިލަން ވާނީ އެ އެއްޗެތި އަލުން އެފަދަ ކަމަކަށް ބޭނުން ނުހިފޭނެ މިންވަރަށް ހަލާކުކޮށްލައިގެންނެވެ.
(ބ) މި ގަވާއިދުގެ ދަށުން ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅޭގޮތުން ނައްތައިލެވޭ ތަކެތި ނައްތައިލުމުގައި މަސައްކަތްކުރާ ފަރާތުން މިގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހަންވާނެއެވެ
9 ވަނަ މާއްދާ - މަންޒަރު ރިކޯޑުކުރުން
މި ގަވާއިދުގެ ދަށުން، ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅޭ ތަކެތި ނައްތައިލާއިރު އެކަން ހިނގަމުންދާ މަންޒަރުގެ ވީޑިއޯ ނުވަތަ ފޮޓޯގްރަފީގެ ވަސީލަތުން ރިކޯޑުކޮށް، ލޭބަލްކޮށް ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުން 5 (ފަހެއް) އަހަރު ވަންދެން ބަލަހައްޓަންވާނެއެވެ.
10 ވަނަ މާއްދާ - ބަނގުރާ ނައްތާލާއިރު އޮބްޒާވަރުން ގެނައުން
މިގަވާއިދުގެ ދަށުން ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅޭ އެއްޗެތި ނައްތައިލާ މަންޒަރު ބެލުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ އުސޫލެއްގެ ދަށުން އޮބްޒަރވަރުންގެ ގޮތުގައި ހަަބަރު ފެތުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގައި ރަޖިސްޓަރީކޮށްފައިވާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ޖަމްއިިއްޔާތަކަށް ދައުވަތު ދެވިދާނެއެވެ.
11 ވަނަ މާއްދާ - އާންމު ބޭނުންތަކަށް ބޭނުންކުރެވޭ
(ހ) ބަނގުރަލުގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްޗަކީ އާންމު ބޭނުންތަކަށް ހުއްދަ އެއްޗެއްގެ ގޮތުގައި ބޭނުން ކުރެވޭ އަގެއް ހުރި އެއްޗެއް ކަމުގައިވާނަމަ އެ އެއްޗަކުން ބަނގުރާގެ އަސަރު ފިލުވުމަށްފަހު އެފަދަ ތަކެތި ނީލަމުގައި ވިއްކާލެވިދާނެއެވެ.
(ށ) މިގޮތުން ނީލަމުގައި ވިއްކާ އެއްޗަކުން ލިބޭ ފައިސާ ޖަމާކުރާނީ ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގައި މިފަދަ ފައިސާ ޖަމާކުރުމަށް ކަނޑައަޅާފައިވާ އެކައުންޓަށެވެ.
(ނ) ބަނގުރާ އަޅާފައި ހުންނަ ފުޅި، ހަން ނުވަތަ އެނޫންވެސް އެފަދަ ތަކެތި ނީލަމުގައި ވިއްކާލުމުގެ ކުރިން އެއެއްޗެއްގައި ހުރި ބަނގުރާ ހުސްކޮށް އެއެއްޗަކުން ބަނގުރަލުގެ އަސަރު ފިލުވިފައިވާކަން ކަށަވަރު ކުރަން ވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާ ފަދަ އެއްޗެއް ނީލާމުގައި ވިއްކާއިރު، އެ އެއްޗެއް ނީލަމުން ގަންނަ ފަރާތަށް އެ އެއްޗަކީ ބަނގުރާ އެޅުމަށް ބޭނުން ކޮށްފައިވާ އެއްޗެއްކަން އެނގޭނެ ގޮތަށް ލޭބަލް ކުރަން ވާނެއެވެ.
(ބ) ބަނގުރާ އެޅުމަށް ހާއްސަކޮށްފައި ހުންނަ ބްރޭންޑްތަކުގެ ފުޅި ވިއްކުން މި މާއްދާއިން އިސްތިސްނާވާނެއެވެ.
12 ވަނަ މާއްދާ - ތަކެތި ނައްތައިލުމަށްފަހު ކަމާ ގުޅޭ ލިޔުންތައް އެ ތަކެތީގެ ގޮތުގައި އިފްތިރާލުކުރުން.
މި ގަވާއިދުގެ ދަށުން ނައްތައިލެވޭ އެއްޗެއް ނައްތައިލުމަށްފަހު ނުވަތަ ނީލަމުގައި ވިއްކާލެވޭ އެއްޗެއް ވިއްކާލުމަށްފަހު، އެ މައްސަލައަކާ ގުޅޭ އެހެން ހުރިހާ މަރުހަަލާއެއްގައި، ހުރިހާ ބޭނުމަކަށް، ހުރިހާ ފަރާތަކުންވެސް، އެ ނައްތައިލެވުނު ތަކެތި ކަމުގައި ބަލަންވާނީ، އެ އެއްޗަކާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ ތަހުލީލު ރިޕޯޓާއި، އެ އެއްޗަކާ މެދު ވަކި ގޮތަކަށް އަަމަލުކުރުމަށް ނިންމި ކޯޓު އަމުރާއި އެއާ ގުޅުން ހުރި އެހެނިހެން ލިޔުންތަކެވެ.
13 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން
މި ގަވާއިދުގެ ދަށުން ނައްތައިލެވޭ ބަނގުރަލާއި ތަކެތި ނައްތައިލެވޭ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ތަކެއްޗާބެހޭ މައުުލޫމާތު ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭ ގޮތުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓުގައި ށާއިއުކުރަން ވާނެއެވެ.
(ހ) ނައްތައިލެވުނު ބަނގުރާ އަދި ތަކެއްޗަކީ ކޮން ތާރހެެއްގައި ކޮން ތަނަކުން އަތުލައިގަނެވުނު ތަކެތި ކަން.
(ށ) (އުނި ކުރެވިފައި)
(ނ) (އުނި ކުރެވިފައި)
(ށ) ނައްތައިލެވުނު ތަކެތީގެ ތަފުސީލް (ނަންބަރާއި މާއްދާ އިސްލާހު ކުރެވިފައި)
14 ވަނަ މާއްދާ - ރިކޯޑް ބެލެހެއްޓުން
މި ގަވާއިދުގެ ދަށުން ނައްތައިލެވޭ ތަކެތި ނައްތައިލުމަށް ބޭނުން ކުރެވޭ އެންމެހައި ލިޔެކިޔުން ތައްޔާރުކުރަން ވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންފޮމޭށަން މެނެޖްމަންޓް ސިސްޓަމުގައި އެކަމަށް ހާއްސަކޮށްފައިވާ ފޯމުތަކުންނެވެ.
15 ވަނަ މާއްދާ - ތަކެތީގެ މައުލޫމާތު ރިކޯޑްކުރުން
.މި ގަވާއިދުގެ ދަށުން ނައްތައިލެވޭ ތަކެތި (ޕޮލިސް އިންފޮމޭށަން މެނޭޖްމަންޓް ސިސްޓަމް (PIMS) ގައި ގާއިމުކުރެވިފައިވާ މޮޑިއުލްގައި ލޮގްކޮށް ހުރިހާ ތަކެއްޗެއްގެ ތަފުސީލު ރިކޯޑު ކުރަންވާނެއެވެ. . މި ތަފުސީލުތަކުގެ ތެރޭގައި އަންނަނިވި މައުލޫމާތު ހިމަނަން ޖެހޭނެއެވެ.
(ހ) ކޭސް/އިންސިޑެންޓް/މެސެޖް ނަމްބަރު
(ށ) ތަކެތި ނެގި/ހޯދި/އަތުލި އިންސިޑެންޓުގެ ތަފުސީލު (ކޭހުގައި ލިޔާ ތަފުސީލު) ތަކެތި ނެގި ތާރީހާއި ގަޑި
(ނ) ސީނަށް ދިޔަ މީހުންގެ ރޭންކާއި ނަން އަދި ސަރވިސް ނަމްބަރ
(ރ) ތަކެތި ނެގި މީހުންގެ ރޭންކާއި ނަން އަދި ސަރވިސް ނަމްބަރ
(ބ) ތަކެތީގެ ތަފުސީލު (ބަރުދަން ބެލެންހުރިނަމަ ހިމަނަން)
(ޅ) ނައްތާލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދަ ހޯދަން އެދުނު އޮފިސަރުގެ ރޭންކާއި ނަމާއި ސަރވިސް ނަންބަރު. (އިސްލާހު ކުރެވިފައި)
(ކ) ނައްތައިލުމަށް ހުއްދަދޭ ކޯޓު އަމުރުގެ ނަމްބަރ
16 ވަނަ މާއްދާ - ތަކެތި ނައްތައިލުމުގެ ޕްރޮސެސް ސިސްޓަމްގައި ޑޮކިއުމެންޓްކުރުން
(ހ) ތަކެތި ނައްތާލުމުގެ ހުއްދައަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލް އަށް ހުށަހަޅާ ލިޔުމަކީ މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޕޮލިސް އިންފޮމޭށަން މެނޭޖްމަންޓް ސިސްޓަމުން ޖެނެރޭޓް ކުރެވޭ ލިޔުމެކެވެ. އަދި އެލިޔުމުގެ ނަންބަރު ނަކަލުކުރާނީ އޮޓަމޭޓެޑް ޕްރޮސެސްއަކުންނެވެ. (އިސްލާހު ކުރެވިފައި)
(ށ) ތަކެތި ނައްތައިލާ ތަނުގައި ހާޒިރުވެ ތިބުމަށް ކަނޑައަޅާ މީހުންގެ މަޢުލޫމާތު ސިސްޓަމުގައި ރިކޯޑު ކުރެވެން ހުންނަންވާނެއެވެ. އަދި ތަކެތި ނައްތައިލުމުގެ ޕްރޮސެސްގައި ބައިވެރިވެ ހެކިވެރިންގެ ގޮތުގައި ތިބިކަމަށް އިގުރާރުވެފައިވާ ފޯމެއް ސިސްޓަމުން ޖެނެރޭޓް ކުރުމަށްފަހު ބައިވެރިވި ފަރާތްތައް އެ ފޯމުގައި ސޮއިކޮށް އިނގިލީގެ ނިށާން ޖަހަންވާނެއެވެ.
(ނ) ތަކެތި ނައްތައިލާ ތަނުގައި ހާޒިރުވެ ތިބުމަށް ކަނޑައަޅާ މީހުންގެ މައުުލޫމާތު ސިސްޓަމުގައި ރިކޯޑު ކުރެވެން ހުންނަންވާނެއެވެ. އަދި ތަކެތި ނައްތައިލުމުގެ ޕްރޮސެސްގައި ބައިވެރިވެ ހެކިވެރިންގެ ގޮތުގައި ތިބިކަމަށް އިގްރާރުވެފައިވާ ފޯމެއް ސިސްޓަމުން ޖެނެރޭޓް ކުރުމަށްފަހު ބައިވެރިވި ފަރާތްތައް އެ ފޯމުގައި ސޮއިކޮށް އިނގިލީގެ ނިށާން ޖަހަންވާނެއެވެ.
- ތަކެތި ނައްތައިލުމުގެ ހުއްދަ ދިން ލިޔުން
- ލެބޯޓްރީން ލިބިފައިވާ ތަހުލީލު ރިޕޯޓުތައް
- ތަކެތި ނައްތައިލުމަށް ހުއްދަ ދީފައިވާ ކޯޓު އަމުރު
- ތަކެތި ނައްތައިލި ތަނުގައި ހާޒިރުވެ ތިބި މީހުންގެ އިގުރާރު ފޯމު
- އަދި މިގަވާއިދުގައި ވާ ގޮތުގެ މަތިން ނައްތައިލުމުގެ ޕްރޮސެސްތަކުގައި ނެގޭ ފޮޓޯ އަދި ވީޑިއޯވެސް މި މުއްދަތުގެ ތެރޭގައި އެޓޭޗްކުރަންވާނެއެވެ.
17 ވަނަ މާއްދާ - ނައްތައިލުމަށް ހުށަހެޅުން
(ހ) މައްސަލަތަކާ ގުޅިގެން ފުލުހުންގަ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި، ބަނގުރަލުގެ މައްސަލަތަކާ ގުޅޭ އެއްޗެތި ނައްތާލުމަށް ނުވަތަ ނީލަމުގައި ވިއްކާލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދަ ހޯދުމާއި އެތަކެތި ނައްތާލުމުގައި ޑިޕާޓްމަންޓް/ޑިވިޒަންތަކުން އަމަލުކުރާނީ މިމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. (އިސްލާހު ކުރެވިފައި)
(ށ)
- މައްސަލައަކާ ގުޅިގެން ރާއްޖޭގެ ރަށަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާގުޅޭ ތަކެތި ނައްތާލުމަށް އެމައްސަލައެއް ތަހްގީގްކުރާ ޑިވިޒަނަކުން ނިންމައިފިނަމަ، އެމައްސަލައަކާގުޅޭ މައުލޫމާތު ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓަށް ފޮނުވައި އެޑިޕާޓްމަންޓުގެ ފަރާތުން ބަނގުރާ ނައްތާލުމުގެ ހުއްދަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހޯދުމަށްފަހު، އެމައްސަލައަކާގުޅޭ ބަނގުރަލާއި އެހެނިހެން ތަކެތި ހުރި ރަށެއްގެ ޑިވިޒަން ކޮމާންޑަރަށް އެ ހުއްދަ ފޮނުވުމުން މި ގަވާއިދުގައި ވާގޮތުގެމަތިން އެތަކެތި ނައްތާލާނީއެވެ. (އިސްލާހު ކުރެވިފައި)
- މާލެ ސިޓީގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހްގީގްކުރާ މައްސަލަތަކުގައި އެ މައްސަލައެއް ތަހްގީގްކުރާ ފަރާތުން މައްސަލައާގުޅޭ ބަނގުރަލާއި އެނޫން އެއްޗެތި ނައްތާލުމަށް ނުވަތަ ނީލަންކިއުމަށް ކަނޑައަޅައިފިނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދަ ހޯދުމަށްފަހު މައްސަލާގައި ހިމެނޭ ތަކެތި މި ގަވާއިދުގައި ވާގޮތުގެ މަތީން ނައްތާލަންޖެހޭ ތަކެތި ނައްތާލައި އަދި ނީލަން ކިޔަންޖެހޭ ތަކެތި ނީލަމުގައި ވިއްކާލާނީއެވެ. (އިސްލާހު ކުރެވިފައި)
- މި މާއްދާގެ ބޭނުމަށް ޑިޕާޓްމަންޓްތަކުން ނިންމަންޖެހޭ ނިންމުންތައް ނިންމާނީ އެ ޑިޕާޓްމަންޓެއްގެ ހެޑް ނުވަތަ ހެޑްގެ މަސްއޫލިއްޔަތު އުފުލާ ފަރާތުންނެވެ. އަދި ޑިވިޒަނަލް ލެވެލްގައި ނިންމަންޖެހޭ ނިންމުންތައް ނިންމާނީ އެ ޑިވިޒަނެއްގެ ކޮމާންޑަރު ނުވަތަ ކޮމާންޑަރުގެ މަސްއޫލިއްޔަތު އުފުލާ ފަރާތުންނެވެ.
18 ވަނަ މާއްދާ - އިސްތިސްނާކުރެވޭ އެއްޗެތި
ބަނގުރަލުގެ މައްސަލައަކާ ގުޅިގެން ބަނގުރާ ނުވަތަ އެމައްސަލައަކާ ގުޅޭ އެހެނިހެން ތަކެތި ނައްތައިލުމުގައި އެއިން އެއްޗެއްގައި ހިމެނޭ ލޭބަލް ނުވަތަ އެނޫންވެސް ކިތާބީ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗަކީ އެ މައްސަލައެއްގެ ހެތްކެއްގެ ގޮތުގައި ކޮންމެހެން ފަހަށް ރައްކާކުރަން ޖެހޭ އެއްޗެއްކަމަށް ބެލެވޭ ނަމަ އެ އެއްޗެއް އެ މައްސަލައަކާ ގުޅޭ އެއްޗެތި ނައްތައިލުމުގައި އިސްތިސްނާކުރުމަށް ކަނޑައެޅުމަށްފަހު އެއްޗެއް ނައްތައިނުލައި ބެހެއްޓިދާނެއެވެ.
19 ވަނަ މާއްދާ - ތިމާވެށްޓަށް ގެއްލުން ވެދާނެ ތަކެއްޗާ މެދު ޢަމަލުކުރާނެ ގޮތް
މި ގަވާއިދުގެ ދަށުން ނައްތައިލެވޭ އެއްޗެއްގެ ސަބަބުން ތިމާވެށްޓަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ފާހަގަކުރެވޭނަމަ އެފަދަ ތަކެތި ނައްތައިލަން ވާނީ އެންވަޔަރަމަންޓަލް ޕްރޮޓެކްށަން އޭޖެންސީގެ ލަފަޔާއި މަށްވަރާ ހޯދުމަށްފަހު އެ ފަރާތުން ދޭ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
20 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުުން ފެށިގެން "މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތާލުމާބެހޭ ގަވާއިދު" ގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިޔާ ތަކެތީގެ ތެރެއިން ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި އަމަލުކުރަމުންދާނީ މިގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
21 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެ އިބާރާތެއް ބޭނުން ކޮށްފައި އޮތްގޮތުން އެހެން ގޮތަކަށް ދޭހަ ނުވާހައި ހިނދަކު "ކޯޓް" ކަމަށް ބުނެފައި އެވަނީ، އެ ކޯޓެއްގެ އހުތިސާސްގެ ތެރޭގައި ޖިނާއީ މައްސަލަ ހިމެނޭ ސުޕީރިއަރ ކޯޓަށެވެ.
---------------
ޖަދުވަލު 1
(މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމަށް ނުވަތަ ނީލަމުގައި ވިއްކާލުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅާ ފޯމް")
ޖަދުވަލު 2
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމަށް ނުވަތަ ނީލަމުގައި ވިއްކާލިއިރު ހާޒިރުގައި ތިބި މީހުންގެ އިގްރާރު ފޯމު
މައި ގަވާއިދު
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު