ވައިގެ މަގުން ރާއްޖެ އެތެރެވުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2010-04)
(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިގަވާއިދަކީ ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު ނަންބަރު 1/2007 ގެ ދަށުން ދިވެހިރައްޔިތުންނާއި ބިދޭސީން ރާއްޖެ އައުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.
(ށ) މިގަވާއިދަށް ކިޔަނީ "ވައިގެ މަގުން ރާއްޖެ އެތެރެ ވުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ – ދިވެހިން ރާއްޖެ އައުން
(ހ) ކޮންމެ ތަނެއްގައި ހުރެފައި ނަމަވެސް ދިވެހިރާއްޖެއަށް އައުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެކެވެ.
(ނ) ދިވެހި ޕާސްޕޯޓަކާއެކު އެހެން ގައުމެއްގެ ޕާސްޕޯޓު ލިބިފައިވާ ދިވެހިރައްޔިތަކު ދިވެހިރާއްޖެއަށް އެތެރެވެފައިވަނީ އެ މީހަކަށް ލިބިފައިވާ ބޭރު ގައުމެއްގެ ޕާސްޕޯޓުގައި ކަމަށްވެފައި، އެ މީހަކު ދިވެހިރާއްޖެއިން ފުރަން ބޭނުންވަނީ އެ މީހަކަށް ލިބިފައިއޮތް ދެވެހި ޕާސްޕޯޓުގައި ނަމަ، މި ހާލަތުގައި، އެ މީހަކު ފުރުވައިލެވިދާނެއެވެ. އެހެންނަމަވެސް، މި ހާލަތުގައި، އެ މީހަކު ދިވެހިރާއްޖެއަށް އެތެރެވި ބޭރު ގައުމެއްގެ ޕާސްޕޯޓުގައި، އެ މީހަކު ދިވެހިރާއްޖެއިން ފުރިކަމަށް ތައްގަނޑުޖަހައެއް ނުދެވޭނެއެވެ. (އިސްލާހު ކުރެވިފައި)
3 ވަނަ މާއްދާ – ބިދޭސީން ރާއްޖެ އައުން
(ހ) ދިވެހިރާއްޖެއަށް ބިދޭސީން އެތެރެކުރެވޭނީ، އޭނާގެ އަތުގައި ސައްހަ ޕާސްޕޯޓެއް އޮވެ، ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނާއި މިގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.
(ށ) މިމާއްދާގެ (ހ)ގައި ވާގޮތުގެ މަތީން ބިދޭސީން ރާއްޖެ އެތެރެކުރެވޭނީ ޑިސްއެމްބާކޭށަން ކާޑު ފުރައި، އޭނާގެ ޕާސްޕޯޓާއެކު އިމިގްރޭށަން އޮފިސަރަކަށް ހުށަހަޅައި، އޭނާ ރާއްޖެ އެތެރެވުމުގެ ހުއްދަ ލިބިގެންނެވެ.
މިގަވާއިދުގެ ބޭނުމަށްޓަކައި ބިދޭސީން ރާއްޖެއެތެރެ ވުން ބެހިގެންވަނީ އަންނަނިވި ބާވަތްތަކަށެވެ.
- ޓޫރިސްޓް ވީޒާ
- ވޯކް ވީޒާ
- ރެސިޑެންސް ވީޒާ
- ބިޒްނަސް ވީޒާ
- ސްޓޫޑަންޓް ވީޒާ
- ޑިޕެންޑެންޓް ވީޒާ
- ސްޕެށަލް ވީޒާ
- ޑިޕްލޮމެޓިކް ވީޒާ
4 ވަނަ މާއްދާ – ބިދޭސީން ރާއްޖެ އެތެރެވުމުގެ ށަރުތު
ދިވެހިރާއްޖެއަށް ބިދޭސީން އެތެރެވުމަށްޓަކައި އެމީހެއްގެ ކިބައިގާ އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.
(ހ) އެމީހަކަށް ދޫކުރެވިފައިވާ މުއްދަތު ހަމަނުވާ ސައްހަ ޕާސްޕޯޓެއް ނުވަތަ ބައިނަލްއަގްވާމީ ދަތުރުފަތުރު ކުރުމުގައި، އެމީހެއްގެ ގައުމީ ނިސްބަތާއި ތަފްސީލު އަންގައިދިނުމަށް ބޭނުންކުރާ، އެމީހެއްގެ ފޮޓޯޖެހި އަދި ކަމާގުޅޭ ގާނޫނީބާރު ލިބިގެންވާ އިދާރާއަކުން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ރަސްމީ ލިޔުން އޮތުން.
(ށ) ޕާސްޕޯޓުގައި ހިމަނާފައިވާ ފަރާތްތަކަށް ރާއްޖެ އެތެރެވެވޭނީ، ޕާސްޕޯޓް ދޫކުރެވިފައިވާ ފަރާތާއެކުގައެވެ.
(ނ) ޖެނެރަލް ޑިކްލަރޭށަންގައި ހިމަނައިގެން އެތެރެވާ ފަޅުވެރިން ފިޔަވައި، އެހެން ބިދޭސީން، ޑިސްއެމްބަރކޭށަން ފޯމެއް ފުރިހަމަކޮށް އިމިގްރޭށަން އޮފިސަރަށް ހުށަހެޅުން.
(ރ) ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު ނަންބަރު 1/2007 ގެ 8 ވަނަ މާއްދާ އާއި މިގަވާއިދުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއް ކަމުގައި ނުވުން.
(ބ) އިމިގްރޭށަން އޮފިސަރުން، ކުރާ ސުވާލުތަކަށް ޖަވާބުދާރީވުން.
(ޅ) ރިޓާން އެއަރޓިކެޓް އޮތުން
(ކ) ރާއްޖޭގައި ހުންނާނެ ތަނެއް ހަމަޖެހިފައިވުން، ހުންނާނެތަނެއް ހަމަޖެހިފައިނުވާ ފަރާތްތައް ރާއްޖެ އެތެރެވުމަށްފަހު 24 ގަޑިއިރުތެރޭގައި ހުންނާނެ ތަނެއް ހަމަޖެއްސުމަށްފަހު އިމިގްރޭށަނަށް އެންގުން.
(އ) ރާއްޖެ އެތެރެވާން އަންނަ ބިދޭސީމީހާ ރާއްޖެ އެތެރެވުމަށް އަންނަ މަގުސަދު ބަޔާންކުރުން.
(ވ) ޕްރައިވެޓް ފުލައިޓުން އަންނަ މީހުންނާއެކު ޕެސެންޖަރ މެނިފެސްޓް/ޖީޑީ ހުށަހެޅުން.
(މ) ރާއްޖޭގައި ހުންނަން ބޭނުންވާ ދުވަސްތަކަށް، ދުވަހަކަށް މަދުވެގެން 100 ޔޫ.އެސް. ޑޮލަރުގެ މަގުން ފައިސާ ހުރުން.
މިމާއްދާގައި އެވާ ށަރުތުތައް ފުރިހަމަނުވާ ފަރާތްތައް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދިނުމާއި، އެފަދަ ފަރާތްތައް އަނބުރާ ފޮނުވައިލުމުގެ އިހުތިޔާރު އިމިގްރޭށަނަށް ލިބިގެންވެއެވެ.
5 ވަނަ މާއްދާ - ރާއްޖެއެތެރެވުމަށް ހުއްދަނެތް މީހުން
ގާނޫނު ނަންބަރު 1/2007 ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނުގައި އަދި އިމިގްރޭށަން ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، އަންނަނިވި ގިންތީތަކުގެ ބިދޭސީންނަކީ، އެއްވެސް ވީޒާއެއްގެ ދަށުން ރާއްޖެއެތެރެވުމުގެ ހުއްދަ ނުދެވޭނެ މީހުންނެވެ.
(ހ) ރާއްޖޭގައި ހުންނަ ދުވަސްވަރު އެމީހެއްގެ ކެއިންބުއިމާއި، ނިދުމުގެ ކަންކަން ހަމަޖެއްސޭނެގޮތެއް އޮތްކަން، ނުވަތަ އަދާކުރާނެ ވަޒީފާއެއް އޮތްކަން، ނުވަތަ އާމްދަނީ ލިބޭނެ މަސައްކަތެއް ކުރުމުގެ އެއްބަސްވުމެއް އޮތްކަން ސާބިތުކޮށްދެވެންނެތް މީހުން.
(ށ) އާންމު ސިއްހަތަށް ނުރައްކާތެރި ބައްޔެއް ހުރިކަމަށް ބެލެވޭ މީހުން، ނުވަތަ އެނޫންވެސް ނުރައްކާތެރި ބައްޔެއް ހުރިކަމަށް ބެލެވޭ މީހުން.
(ނ) އެހެން ގައުމެއްގެ އަދުލުއިންސާފަށް ފިލައިގެންއުޅޭ މީހުން.
(ރ) ރާއްޖޭގެ އިޖުތިމާއީ ނުވަތަ ދީނީ އެއްބައިވަންތަކަމަށް އުނިކަން އަތުވެދާނެފަދަ ކަމެއް ކުރާ، ނުވަތަ ކުރަން އުޅޭކަމަށް ބެލެވޭ މީހުން.
(ބ) ދިވެހި ދައުލަތާ އިދިކޮޅު ހަރަކާތްތައް ހިންގާ ނުވަތަ ހިންގަން އުޅޭކަމަށް ބެލެވޭ މީހުން.
(ޅ) ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނާއި، އެފަދަ ޖަމާއަތްތަކާ ގުޅުންހުރިކަމަށް ބެލެވޭ މީހުންނާއި ޓެރަރިސްޓުންކަމަށް މައުލޫމާތު ލިބިފައިވާ މީހުން.
(ކ) ގައުމުގެ ރައްކާތެރިކަމަށާއި ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެކަމަށް ބެލެވޭ މީހުން.
(އ) ދިވެހި ސަރުކާރުން އެ ގައުމެއްގެ މީހަކު ރާއްޖެއެތެރެވުން މަނާކުރެވިފައިވާ ގައުމެއްގެ މީހަކު ނުވަތަ ބަޔަކު ކަމުގައިވުން.
(ވ) އަސްލު އޮޅުވާލުމުގެ މަގުސަދުގައި އެހެން މީހެއްގެ ޑޮކިއުމަންޓެއް ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން މަސައްކަތްކުރާ މީހުން.
(މ) ހިއުމަން ސުމަގްލިންގ/ޓްރެފިކިންގ، ފަދަ ކަމަކާ ގުޅުންހުރި މީހުންނާއި އެކަމަށް ވާގިވެރިވާ އަދި ށައްކުކުރެވޭ މީހުން.
(ފ) ސަރަހައްދީ، ބައިނަލްއަގުވާމީ، މުއާހަދާއަކުން ހިފެހެއްޓުމަށް އަންގާފައިވާ މީހުން.
(ދ) ސައްހަ ނޫން މައުލޫމާތު ދީގެން ރާއްޖެއަށް އެތެރެވާން މަސައްކަތްކުރާ މީހުން.
(ތ) މިގަވާއިދުގެ 4 ވަނަ މާއްދާގައިވާ، ރާއްޖެއެތެރެ ވުމުގެ ށަރުތުތައް ފުރިހަމަނުވާ މީހުން.
(ލ) ސައްހަނޫން ޕާސްޕޯޓްގައި އެތެރެވާން މަސައްކަތްކުރާމީހުން.
(ގ) އިމިގްރޭށަން ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް މީހުން އެތެރެކުރުމަށް މަސައްކަތް ކުރާމީހުން.
(ޏ) އިމިގްރޭށަން އޮފިސަރުންގެ ވާޖިބުތަކަށް ހުރަސް އަޅާފަދަ އަމަލެއް ހިންގާ ފަރާތްތައް،
(ސ) މިމާއްދާ ގައި ބަޔާންކޮށްފައިވާ ގިންތީތަކުގެ އިތުރަށްވެސް، މިމާއްދާގައި ބަޔާންކޮށްފައިވާ ގިންތީތަކާ އެއްގޮތްކަމަށް، ނުވަތަ އެއްބާވަތެއްކަމަށް ބެލެވޭ ގިންތީތަކުގައި ހިމެނޭ ބިދޭސީންނާއި، މިމާއްދާގައި އެވާ ގިންތީތައް އެގޮތަށް ކަނޑައެޅި މަގުސަދު ހާސިލުކުރުމަށްޓަކައި، ރާއްޖެއެތެރެވުމުގެ ހުއްދަ ދިނުން ރަނގަޅު ނުވާނެކަމަށް ފެންނަ ބިދޭސީއަކަށް ރާއްޖެ އެރުވުމުގެ ހުއްދަ ނުދިނުމުގެ އިހުތިޔާރު ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ.
6 ވަނަ މާއްދާ – ޓޫރިސްޓުން
ޓޫރިސްޓުންނަކީ ރާއްޖޭގައި އެއްވެސް ވަޒީފާއެއް އަދާކުރުމުގެ ނުވަތަ އާމްދަނީއެއް ލިބޭނެ މަސައްކަތެއް ކުރުމުގެ ނިޔަތެއްނެތި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނެވެ.
7 ވަނަ މާއްދާ – ފަތުރުވެރިއަކު ރާއްޖޭގައި ހުރުމަށް ދެވޭ މުއްދަތު
(ހ) ފަތުރުވެރިއަކު، ރާއްޖެ އަންނަ ދުވަހުން ފެށިގެން ފީއެއް ދެއްކުމަކާ ނުލައި 30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ދެވިދާނެއެވެ.
(ށ) ދިވެހި ރާއްޖޭގެ ސަރުކާރާއި އެހެން ގައުމު ތަކުގެ ސަރުކާރާ ދެމެދު އެއްބަސްވެފައިވާ އެއްބަސް ވުމެއްގެ ދަށުން އެގައުމެއްގެ ޕާސްޕޯޓުގައި ރާއްޖެއަށް އަންނަ އެފަދަ ގައުމުތަކުގެ ރައްޔިތުންނަށް އެފަހަރަކު ރާއްޖެ އައި ދުވަހުން ފެށިގެން އެއްބަސްވެފައިވާ ގޮތެއްގެ މަތީން ރާއްޖޭގައި ހުރުމުގެ ހުއްދަ ދެވިދާނެއެވެ.
8 ވަނަ މާއްދާ – ވަޒީފާ އަދާކުރުމަށް އެތެރެކުރުން.
ރާއްޖޭގައި ވަޒީފާއަދާކުރުމަށް ދީފައިވާ ހުއްދައިގެ ދަށުން އަންނަ ފަރާތްތައް ރާއްޖެ އެތެރެކުރެވޭނީ މިގަވާއިދުގެ 4 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ)، (ބ)، (ޅ)، (ކ)، (އ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން ތިރީގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަވާނަމައެވެ.
(ހ) ދިވެހިރާއްޖޭގެ ހައިކޮމިށަން، ކޮންސުލަރ އޮފީސް ގާއިމުކޮށްފައިވާ ގައުމުތަކުގެ ތެރެއިން ވާރކް ވީޒާ ދޫކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ މިށަން ނުވަތަ ކޮންސުލަރ އޮފީސްހުރި ގައުމުތަކުގެ ރައްޔިތުންނަށް، ރާއްޖެއަށް ވަޒީފާ އަދާކުރުމަށް އެތެރެވެވޭނީ، އައުމުގެ ކުރިން ވާރކް ވީޒާ ލިބިގެންނެވެ.
(ށ) ވާރކް ވީޒާ ދޫކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ، ދިވެހިރާއްޖޭގެ ހައިކޮމިށަން ނުވަތަ ކޮންސަލް އޮފީސް ހުރި ގައުމުތަކުގައި ރެސިޑެންޓް ޕާރމިޓް ލިބިގެން ދިރިއުޅޭ އެހެންގައުމު ތަކުގެ ރައްޔިތުންވެސް ރާއްޖެއަށް ވަޒީފާއަދާ ކުރުމަށް އެތެރެވެވޭނީ ވާރކް ވީޒާ ލިބިގެންނެވެ.
(ނ) ވާރކް ވީޒާ ދޫކުރުމަށް ހަމަޖެހިފައިވާ، ދިވެހިރާއްޖޭގެ ހައިކޮމިށަން، ކޮންސުލަރ އޮފީސް ތަކުން ވާރކް ވީޒާ ލިބިގެން އަންނަ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް މިމާއްދާގެ 2، 3 ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަވާނަމަ 15 ދުވަހުގެ މުއްދަތެއްދީ ރާއްޖެ އެތެރެކުރެވޭނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި އެފަރާތްތަކުން އިމިގްރޭށަނަށް ހުށަހަޅައި ވާރކް ވީޒާ ހޯދަންވާނެއެވެ. ވާރކް ވީޒާ ދޫކުރެވޭނެ ގޮތް ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންގެ ވާރކް ވީޒާއާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ.- ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން، ބިދޭސީ މީހާއަށް ރާއްޖޭގައި އަދާކުރާނެ ވަޒީފާއެއް ހަމަޖެހިފައިވާ ފަރާތެއްކަން، އިމިގްރޭށަނަށް އަންގާފައިވުމާއެކު އެމްބާކޭށަން ކާޑުގައި ވަޒީފާ އަދާކުރުމަށް އައިކަމަށް ފާހަގަ ޖަހާފައިވުން.
9 ވަނަ މާއްދާ – ޑިޕެންޑެންޓުގެ ގޮތުގައި އެތެރެކުރުން
(ހ) ޑިޕެންޑެންޓުގެ ގޮތުގައި ރާއްޖެ އެތެރެކުރެވޭނީ، މިގަވާއިދުގެ 4 ވަނަ މާއްދާގައިވާ ށަރުތުތައް ފުރިހަމަވުމާއެކު ތިރީގައިވާ ފަރާތްތަކެވެ.
- 3 މަސްދުވަހަށް ވުރެ ދިގުމުއްދަތަކަށް ވާރްކް ވީޒާ ލިބިގެން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ޕްރޮފެށަނަލް ގިންތީގައި (ހާއްސަ ހުނަރު ބޭނުންވާ ވަޒީ ފާގައި އުޅޭ ފަރާތަކަށްވެފާ، ފަރސްޓް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓް ލިބިފައިވާ ފަރާތްތައް) ހިމެނޭ މީހުންގެ އަނބިން، ފިރިން، އެފަދަ މީހުންގެ އުމުރުން 18 އަހަރު ނުވާދަރިން.
- ސްޓޫޑެންޓް ވީޒާ ދޫކުރެވިފައިވާ، އުމުރުން 18 އަހަރު ނުފުރޭ ކުއްޖާގެ ބެލެނިވެރިޔާ.
- ބައިނަލް އަގުވާމީ ނުވަތަ ސަރަހައްދީ އެއްބަސްވުމެއްގެ ދަށުން ދިވެހި ސަރުކާރަށް ހިދުމަތްކޮށްދޭން އަންނަ ބިދޭސީންގެ އަނބިން، ފިރިން، އެފަދަ މީހުންގެ އުމުރުން 18 އަހަރު ނުފުރޭ ދަރިން.
(ށ) ޑިޕެންޑެންޓުންގެ ގޮތުގައި ރާއްޖެ އެތެރެވާ ފަރާތްތަކަށް ރާއްޖެ އެތެރެވުމަށް ހުއްދަ ދެވޭނީ ދިވެހި ސަރުކާރާއި އެއްބެސް ވެފައިވާ އެގްރިމަންޓެއްވާނަމަ، އެއެގްރިމަންޓެއްގައި ކަނޑައެޅިފައިވާ މުއްދަތަށް ޓޫރިސްޓް ވީޒާ ދެވޭނެއެވެ. މިމުއްދަތު ހަމަވުމުގެ ކުރިން ޑިޕެންޑެންޓް ވީޒާ ނަގަންވާނެއެވެ.
(ނ) ޑިޕެންޑެންޓުން ރާއްޖެ އެތެރެވުމުގެ 24 ގަޑިއިރުގެ ކުރިން ސްޕޮންސަރށިޕް ޑިކްލަރޭށަން ފޯމު ފުރިހަމަކޮށް މޯލްޑިވްސް އިމިގްރޭށަނަށް ހުށަހަޅާ ހުއްދަ ހޯދަންވާނެއެވެ.
10 ވަނަ މާއްދާ – ބިޒްނަސް ވީޒާގައި އެތެރެކުރުން
(ހ) ބިޒްނަސް ވީޒާގައި މީހަކު އެތެރެ ކުރުމަށް އެދޭ ފަރާތްތަކުން އެމީހަކު ރާއްޖެ އައުމުގެ 24 ގަޑިއިރު ކުރިން އިމިގްރޭށަން ފޯމު ހުށަހަޅާ ހުއްދަ ހޯދަންވާނެއެވެ. ހުއްދަލިބުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި އެމީހަކަށް ރާއްޖެ ނާދެވިއްޖެނަމަ އަލުން ހުއްދައަށް އެދި ފޯމު ހުށަހަޅަންޖެހޭނެއެވެ.
(ށ) ބިޒްނަސް ވީޒާގައި އެތެރެވުމަށް އެދޭ ފަރާތްތަކުން، ބިޒްނަސް ވީޒާއަށް އެދި އިމިގްރޭށަން ކައުންޓަރުން ފޯމު ހުށަހެޅިދާނެއެވެ. އެފަދަ ފަރާތްތަކުން އެމީހަކު އެތެރެވުމަށް ފުރާ އެމްބާރކޭށަން ކާޑުގައި އެކަން ފާހަގަކުރަންވާނެއެވެ.
(ނ) ބިޒްނަސް ވީޒާއަށް ފައިސާ ބަލައިގަންނަނީ، އެމީހަކު ރާއްޖެ އެތެރެވާ ބަނދަރަކުން އެމީހަކު އައުމުންނެވެ. (ބިޒްނަސް ވީޒާ ދޫކުރެވޭނެގޮތް، ދިބޭސީން ރާއްޖޭގައި ތިބުމުގެ ހުއްދައާއި ބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާނެއެވެ.)
11 ވަނަ މާއްދާ - ސްޕެށަލް ވީޒާގައި އެތެރެކުރުން
(ހ) ސްޕެށަލް ވީޒާގައި މީހަކު އެތެރެ ކުރުމަށް އެދޭ ފަރާތްތަކުން އެމީހަކު ރާއްޖެ އައުމުގެ 24 ގަޑިއިރު ކުރިން އިމިގްރޭށަނަށް އެޕްލިކޭށަން ފޯމު ހުށަހަޅާ ހުއްދަ ހޯދަންވާނެއެވެ. ހުއްދަލިބުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި އެމީހަކަށް ރާއްޖެ ނާދެވިއްޖެނަމަ އަލުން ހުއްދައަށް އެދި ފޯމު ހުށަހަޅަންޖެހޭނެއެވެ.
(ށ) ސްޕެށަލް ވީޒާގައި އެތެރެވުމަށް އެދޭ ފަރާތްތަކުން، ސްޕެށަލް ވީޒާއަށް އެދި އިމިގްރޭށަން ކައުންޓަރަށް ފޯމު ހުށަހެޅިދާނެއެވެ. އެފަދަ ފަރާތްތަކުން އެމީހަކު އެތެރެވުމަށް ފުރާ އެމްބާރކޭށަން ކާޑުގައި އެކަން ފާހަގަކުރަން ވާނެއެވެ. (ސްޕެށަލް ވީޒާ ދޫކުރެވޭނެގޮތް، ބިދޭސީން ރާއްޖޭގައި ތިބުމުގެ ހުއްދައާބެހޭ ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާނެއެވެ.)
12 ވަނަ މާއްދާ - ސްޓޫޑެންޓުންގެ ގޮތުގައި އެތެރެކުރުން
(ހ) މިގަވާއިދުގެ 4 ވަނަ މާއްދާގައިވާ ށަރުތުތަކުގެ އިތުރުން ތިރީގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަވާ ފަރާތްތަކަށް ސްޓޫޑެންޓުންގެ ގޮތުގައި ރާއްޖެ އެތެރެ ވެވިދާނެއެވެ. މިފަދަ ފަރާތްތައް ރާއްޖެ އެތެރެކުރާއިރު ދޭނީ 30 ދުވަހުގެ މުއްދަތަށް ޓުއަރިސްޓު ވީޒާއެކެވެ. މި މުއްދަތު ހަމަވުމުގެ ކުރިން ސްޓޫޑެންޓް ވީޒާ ނަގަންވާނެއެވެ.
(ށ) ސްޓޫޑެންޓް ވީޒާ ލިބޭނީ ރާއްޖޭގައި ބިދޭސީނަށް ކިޔަވައިދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ކަޑައަޅާ ސްކޫލްތަކާއި ރާއްޖޭގައިހުރި މިފަދަ ތައުލީމީ އެކިއެކި މަރުކަޒުތަކުގައި ހިންގާ ކޯސްތަކުގައި ބައިވެރިވުމަށް އަންނަ ބިދޭސީންނަށާއި، ރާއްޖެއަށް ރެސިޑެންޓް ވީޒާގައި އެތެރެވެފައިވާ ބިދޭސީންގެ ޑިޕެންޑެންޓުންގެ ތެރެއިން މިފަދަ ސްކޫލެއްގައި ރަޖިސްޓްރީވެފައިވާ ކުދިންނެވެ.
(ނ) ސްޓޫޑެންޓް ވީޒާ އަށް އެތެރެ ކުރެވޭނީ ބިދޭސީން ރާއްޖޭގައި ތިބުމުގެ ހުއްދައާބެހޭ ގަވާއިދުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
13 ވަނަ މާއްދާ – ދިވެހިންނާ ކައިވެނިކުރުމަށް އަންނަ ބިދޭސީން އެތެރެކުރުން
(ހ) ދިވެހިންނާ ކައިވެނިކުރުމަށް އަންނަ ބިދޭސީން ރާއްޖެ އެތެރެކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަވާނަމައެވެ.
- ކައިވެނިކުރުމަށް އަންނަ ބިދޭސީ މީހާ އެއްވެސް ސަބަބަކާހުރެ އިމިގްރޭށަނުން ފޮނުވާލަންޖެހިއްޖެ ހިދެއްގައި އެމީހެއްގެ ގައުމަށް ފޮނުވާލުމަށް ހަރަދުކުރުމަށްޓަކައި އިމިގްރޭށަނުން ކަނޑައަޅާފައިވާ ސެކިއުރިޓީ ޑިޕޮސިޓް، އެމީހަކު ރާއްޖެ އައުމުގެ 48 ގަޑިއިރު ކުރިން އިމިގްރޭށަންގައި ޑިޕޮސިޓް ކުރެވިފައި ހުރުން.
- ދިވެއްސަކާ ކައިވެނިކުރުމަށް އަންނަ ބިދޭސީމީހާގެ މައުލޫމާތު ހިމެނޭ ފޯމު ފުރިހަމަކޮށް ބިދޭސީމީހާ ރާއްޖެ އައުމުގެ 15 ދުވަސްކުރިން އިމިގްރޭށަނަށް ހުށަހަޅާ ހުއްދަ ހޯދަންވާނެއެވެ.
- ދިވެއްސަކާ ކައިވެނި ކުރުމަށް އަންނަ ބިދޭސީންނަށް ރާއްޖޭގައި ހުރުމަށް ދޭނީ 30 ދުވަހުގެ މުއްދަތަށް ޓުއަރިސްޓު ވީޒާއެކެވެ. މިމުއްދަތުގެ ތެރޭގައި ކޯޓުގައި ކައިވެނި ރަޖިސްޓްރީ ކުރުމަށްފަހު ރެސިޑެންސް ވީޒާ ނަގަންވާނެއެވެ.
- މިމާއްދާގެ 3 ވަނަ ނަންބަރުގައިވާ މުއްދަތުގެ ތެރޭގައި ކައިވެނި ރަޖިސްޓްރީކުރުމުގެ ކަންތައްތައް ފުރިހަމަ ނުކުރެވިއްޖެނަމަ، ކޯޓުގެ ލިޔުމެއް ހޯދައި އެލިޔުމުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ހުރުމަށް ވީޒާ ހޯދަންޖެހޭނެއެވެ.
- ރާއްޖޭއިން ބޭރުގައި ކައިވެނިކޮށްފައިވާ ފަރާތްތައް ރެސިޑެންޓް ވީޒާ ހޯދުމަށް ރާއްޖެ އެތެރެވެވޭނީ، ރާއްޖެއައުމުގެ ކުރިން މައުލޫމާތު ފޯމު ފުރިހަމަކޮށް، ކަމާބެހޭ ކޯޓުން ހުއްދަ ހޯދައި އިމިގްރޭށަނުން ހުއްދަ ލިބިގެންނެވެ.
- ރާއްޖޭގެ ކަމާބެހޭ ކޯޓްގައި ކައިވެނި ރަޖިސްޓްރީކޮށް، ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ފަރާތްތައް މިމާއްދާގެ (ހ) ގެ 5 ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ނުކޮށް އެތެރެވެފައިވާ ހާލަތުގައި، ރެސިޑެންޓް ވީޒާއަށް އެދޭނަމަ 3000 ރުފިޔާގެ ޓްރާންސްފަރ ފީއެއް ދެއްކުމުން ރެސިޑެންޓް ވީޒާ ދިނުމުގެ އިހުތިޔާރު ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ.
- ރާއްޖޭން ބޭރުގައި ބިދޭސީއަކާ ކައިވެނިކޮށް 5 އަހަރަށްވުރެ ދިގުމުއްދަތެއް ރާއްޖޭންބޭރުގައި ހޭދަކޮށްފައިވާ ފަރާތްތައް މިމާއްދާގެ (ހ) ގެ 5 ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުކޮށް އެތެރެވެފައިވާ ހާލަތުގައި، ރެސިޑެންޓް ވީޒާއަށް އެދޭނަމަ 3000 ރުފިޔާގެ ޓްރާންސްފަރ ފީއެއް ދެއްކުމުން ރެސިޑެންޓް ވީޒާ ދިނުމުގެ އިހުތިޔާރު ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ.
14 ވަނަ މާއްދާ - ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް އަންނަ ބިދޭސީން އެތެރެކުރުން
(ހ)
- ކަނޑުގާ ދުއްވާ މުދާ އުފުލާ އުޅަނދުފަހަރަށް ސައިން އޮން ވުމަށް ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީން ރާއްޖެ އެތެރެކުރެވޭނީ، ސައިން އޮން ވުމަށް އެމީހަކު އަންނަ އުޅަނދު ރާއްޖޭގެ ހުއްދަ އޮތް ބަނދަރެއްގައި ބަނދަރުކޮށްފައިވާނަމައެވެ. މިގޮތުން އުޅަނދުފަހަރަށް ސައިން އޮން( އުޅަދުން ދަތުރު ކުރުމަށް ރަޖިސްޓްރީވުން) ކުރުމަށް އެތެރެކުރެވޭނީ، އެއުޅަނދެއްގައި ފަޅުވެރިން ތިބުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ ފަޅުވެރިންގެ އަދަދު އިތުރުނުވާ ގޮތުގެ މަތީންނެވެ.
- ކަނޑުގާ ދުއްވާ ފަސިންޖަރުން އުފުލާ އުޅަނދުފަހަރަށް ސައިން އޮން ވުމަށް ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީން ރާއްޖެ އެތެރެކުރެވޭނީ، ސައިން އޮން ވުމަށް އެމީހަކު އަންނަ އުޅަނދު ރާއްޖޭގެ ހުއްދަ އޮތް ބަނދަރެއްގައި ބަނދަރު ކޮށްފައިވާނަމަ ނުވަތަ އުޅަނދު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަހާއި ވަގުތު އަންގާފައިވާނަމައެވެ. އުޅަނދުފަހަރަށް ސައިން އޮން ކުރުމަށް އެތެރެ ކުރެވޭނީ، އެއުޅަނދެއްގައި ތިބުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރުނުވާ ގޮތުގެ މަތީންނެވެ.
(ށ) މިމާއްދާގެ (ހ) ގައިބުނެފައިވާ ފަރާތްތައް ރާއްޖެއައުމުގެ 48 ގަޑި އިރުކުރިން އެމީހަކު ސައިންއޮން ވުމަށް އަންނަ އުލަނދު ބަނދަރުކޮށްފައިވާ، ބަނދަރެއްގައި ހުރި އިމިގްރޭށަން އޮފީހަށް އުޅަނދާއި ފަސިންޖަރުން ނުވަތަ ފަޅުވެރިންގެ މައުލޫމާތު ހުށަހަޅަންވާނެއެވެ.
(ނ) ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ސައިން އޮން ވުމަށް ވައިގެ މަގުން ރާއްޖެ އެތެރެކުރެވޭނީ، މިގަވާއިދުގެ 4 ވަނަ މާއްދާގެ ހ، ށ، ނ، ރ، ބ އަދި މިމާއްދާގެ (ހ) ގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
(ރ) ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ސައިން އޮން ވުމަށް އަންނަ ފަރާތްތަކަށް ރާއްޖެ އެތެރެވެ ހުރުމަށް ދޭނީ 30 (ތިރީސް) ދުވަހެވެ. އަދި މި މުއްދަތުގެ ތެރޭގައި އެ މީހަކު ސައިން އޮން ކުރުމަށް އެދި ހުށަހަޅަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ސައިން އޮން ވުމުގެ ކަންތައް ހަމަނުޖެއްސިއްޖެނަމަ، ސައިން އޮން ވުމަށް ދެވިފައިވާ މުއްދަތު އިތުރު ކުރުމަށް މޯލްޑިވްސް އިމިގްރޭށަނަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) ސީމަން ފޮތެއްގައި ވައިގެ މަގުން ރާއްޖެ އެތެރެވެވޭނީ ހަމައެކަނި ފަޅުވެރިންގެ ގޮތުގައި ކަނޑުގައި ދުއްވާ އުޅަނދަކަށް ސައިން އޮން ވުމަށެވެ.
15 ވަނަ މާއްދާ – ސްޕޮންސަރށިޕްގެ ދަށުން އެތެރެވުން
ސްޕޮންސަރށިޕްގެ ދަށުން ބިދޭސީން ރާއްޖެ އެތެރެކުރެވޭނީ، ރާއްޖޭގައި ވަކި މުއްދަތަކަށް ހުރުމަށް ދިވެހިރައްޔިތެއް ނުވަތަ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް، ޕާޓްނަރށިޕެއް، ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއްގެ ޒިންމާގެ ދަށުން އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކެވެ.
(ހ) ސްޕޮންސަރށިޕްގައި ރާއްޖެ އެތެރެވެވޭނީ، އެމީހަކު ރާއްޖެ އައުމުގެ 24 ގަޑިއިރު ކުރިން ސްޕޮންސަރށިޕަށް އެދޭ ފޯމު ހުށަހަޅައި އިމިގްރޭށަނުން ބެލުމަށްފަހު ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުމުންނެވެ. ސަރުކާރު ބަންދު ދުވަހެއް ނުވަތަ ބަންދު ގަޑިއެއްގައިނަމަ، ސްޕޮންސަރށިޕް ޑިކްލަރޭށަން ފޯމް ފުރިހަމަކޮށް އެމީހަކު އައުމަށް ހަމަޖެހިފައިވާ ބަނދަރަކަށް ފުލައިޓް ޖެއްސުމުގެ ކުރިން އެބަނދަރެއްގައި ހުންނަ މޯލްޑިވްސް އިމިގްރޭށަން ގެ އޮފީހަށް ހުށަހަޅަންވާނެއެވެ.
16 ވަނަ މާއްދާ - އެއަރލައިނުގެ ފަޅުވެރިން
އެއަރލައިންތަކުގެ ފަޅުވެރިންނަކީ، އެ އެއަރލައިނަކުން އޮޕަރޭޓްކުރާ ފުލައިޓެއްގެ ޖެނެރަލް ޑިކްލަރޭށަންގައި ހިމަނައިގެން ދަތުރުކުރާ މީހުންނެވެ. ރާއްޖެއަށް އެތެރެވެ ފުރާ ފުލައިޓުގެ ފަޅުވެރިން ބެހިގެންވަނީ 2 ބަޔަކަށެވެ.
(ހ) ޖެނެރަލް ޑިކްލަރޭށަންގައި ހިމަނައިގެން ޕާސްޕޯޓްގައި ތައްގަނޑު ނުޖަހާ ޖީޑީގައި އެތެރެކޮށް ފުރާ ފަޅުވެރިން.
(ށ) ޕާސްޕޯޓުގައި ތައްގަނޑުޖަހައިގެން އެތެރެކޮށް ފުރާ ފަޅުވެރިން.
17. ވަނަ މާއްދާ – ޖެނެރަލް ޑެކްލަރޭށަން (ޖީޑީ)
ޖެނެރަލް ޑެކްލަރޭށަން (ޖީޑީ) އަކީ އެއާލައިންގެ މައުލޫމާތާއި ދަތުރުކުރާ ރޫޓިންގ އަދި އެ ފްލައިޓްތަކުން ދަތުރުކުރާ ފަޅުވެރިންގެ މައުލޫމާތު ހިމެނޭ ފޯމެކެވެ.
18 ވަނަ މާއްދާ -ފަޅުވެރިންގެ ޖީޑީ ގައި އެތެރެކުރުން ށަރުތުތައް
(ހ) މިގަވާއިދުގެ 4 ވަނަ މާއްދާގެ ހ، ރ، ބ ގައި ބަޔާން ކުރެވިފައިވާ ށަރުތުތަކުގެ އިތުރުން 5 ވަނަ މާއްދާގެ ށ، ނ، ރ، ބ، ޅ، ކ، އ، ވ، މ، ފ، ދ، ލ، ގ، ޏ ގައި ބަޔާންކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން.
(ށ) ކުރޫ އައިޑެންޓިފިކޭށަން ކާޑު އޮތުން.
(ނ) ޖެނެރަލް ޑެކްލަރޭށަންގައި ނަން، ޕާސްޕޯޓް ނަންބަރު، ގައުމީ ނިސްބަތް އަދި ޕާސްޕޯޓުގެ މުއްދަތު ހަމަވާ ތާރީހް ހިމަނާފައި އޮތުން.
19 ވަނަ މާއްދާ - ޓްރާންސިޓް ޕެސެނަޖަރުން
(ހ) ޓްރާންސިޓް ޕެސެންޖަރުންނަކީ، ރާއްޖޭގައި 24 ގަޑިއިރަށްވުރެ އިތުރުނުވާ ގޮތުގެ މަތިން ވައިގެ ބަނދަރުގައި އެކަމަށް ކަނޑައަޅާ ސަރަހައްދެއްގައި މަޑުކުރާ ފަރާތްތަކެވެ.
(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް އެއްވެސް ސަބަބަކާ ހުރެ ރާއްޖެ އެތެރެކުރަން ޖެހިއްޖެނަމަ، އެތެރެ ކުރެވޭނީ މިގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވެ، އެމީހަކު އައި ނުވަތަ ފުރާ އެއަރލައިން ނުވަތަ ޓްއަރ އޮޕަރޭޓަރުންގެ ޒިންމާގެ ދަށުންނެވެ.
(ނ) ޓްރާންސިޓް ފަސިންޖަރެއްގެ ގޮތުގައި ހުރި ފަރާތެއް ރާއްޖެ އެތެރެވާން ބޭނުންވެއްޖެ ހާލަތެއްގައި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވެ، 5 ވަނަ މާއްދާގެ ށ، ނ، ރ، ބ، ޅ، ކ، އ، ވ، މ، ފ، ދ، ލ، ގ، ޏ ގައި ބަޔާންކޮށްފައިވާ ފަރާތެއް ކަމުގައިނުވާ ފަރާތެއްނަމަ ރާއްޖެ އެތެރެވުމުގެ ފުރުސަތު ދެވިދާނެއެވެ.
20. ވަނަ މާއްދާ – ކުއްލި ހާލަތު
ކުއްލި ހާލަތްތަކުގައި އަމިއްލަ ބާރު ނުވަތަ އަމިއްލަ ބާރު ނުފޯރުވޭ ފަދަ ހާލަތްތަކުގައި ރާއްޖޭގެ ބަނދަރަކަށް އަންނަ އުޅަނދު ފަހަރުގެ ފަޅުވެރިންނާއި ފަސިންޖަރުން އެތެރެކުރެވޭނީ، އެމީހަކު އައި އުޅަނދުގެ އެޖެންޓު ފަސިންޖަރުންނާއި ފަޅުވެރިންނާއި އެތެރެކޮށް ދިނުމަށް އެދި މޯލްޑިވްސް އިމިގްރޭށަން ހުށަހެޅުމުން ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނުން ކަނޑައަޅާ ގޮތުގެ މަތީންނެވެ.
21 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހު
މިގަވާއިދަށް އަމަލުކުރަން ފަށާނީ، 3 އޯގަސްޓު 2010 ދުވަހުން ފެށިގެންނެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު