-

ބަނދަރުކުލި ނެގުމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 1978-66)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރަފު (ސުރުހީ އިތުރު ކުރެވިފައި)

ދިވެހިރާއްޖޭގެ ބަނދަރަކަށް ރާއްޖޭން ބޭރުން އަންނަ ކޮންމެ އުޅަނދަކުން ބަނދަރަށް ވަނުމުގެ ކުއްޔާއި ބަނދަރުގައި އޮތުމުގެ ކުލި ނެގޭނެއެވެ.

 

2 ވަނަ މާއްދާ - ބަނދަރަށް ވަނުމުގެ ކުލި ނެގޭނެ ގޮތް (ސުރުހީ އިތުރު ކުރެވި މާއްދާ އިސްލާހު ކުރެވިފައި)

ބަނދަރަށް ވަނުމުގެ ކުލި ނެގޭނީ ތިރީގައިވާ ގޮތުގެމަތިންނެވެ.

(ހ) 200 ގްރޮސް ޓަން ހަމަނުވާ ކޮންމެ އުޅަނދަކުން 200 (ދުއިސައްތަ) ރުފިޔާ؛

(ށ) 200 ގްރޮސް ޓަނުން ފެށިގެން 1،000 ގްރޮސް ޓަން ހަމަނުވާ ކޮންމެ އުޅަނދަކުން 300 (ތިންސަތޭކަ) ރުފިޔާ؛

(ނ) 1،000 ގްރޮސް ޓަނުން ފެށިގެން 2،000 ގްރޮސް ޓަން ހަމަނުވާ ކޮންމެ އުޅަނދަކުން 400 (ހަތަރުސަތޭކަ) ރުފިޔާ؛

(ރ) 2،000 ގްރޮސް ޓަން ހަމަވާ ކޮންމެ އުޅަނދަކުން 500 (ފަސްސަތޭކަ) ރުފިޔާ، އަދި 2،000 ގްރޮސް ޓަނަށްވުރެ އިތުރުވާ ކޮންމެ 500 ގްރޮސް ޓަނެއް ހަމަވަންދެން 250 (ދުއިސައްތަ ފަންސާސް) ރުފިޔާ.

 

3 ވަނަ މާއްދާ - ބަނދަރުގައި އޮތުމުގެ ކުލި ނެގޭނެ ގޮތް (ސުރުހީ އިތުރު ކުރެވި މާއްދާ އިސްލާހު ކުރެވިފައި)

ބަނދަރުގައި އޮތުމުގެ ކުލި ނެގޭނީ ތިރީގައިވާ ގޮތުގެމަތިންނެވެ.

(ހ) ބަނދަރުގައި އޮންނަތާ 7 ވަނަ ދުވަހުން ފެށިގެން 45 ވަނަ ދުވަހުގެ ނިޔަލަށް ރެއަކާއި ދުވާލަކަށް 65 (ފަސްދޮޅަސް ފަހެއް) ރުފިޔާ؛

(ށ) 46 ވަނަ ދުވަހުން ފެށިގެން 90 ވަނަ ދުވަހުގެ ނިޔަލަށް، ރެއަކާއި ދުވާލަކަށް 100 (ސަތޭކަ) ރުފިޔާ؛

(ނ) 91 ވަނަ ދުވަހުން ފެށިގެން އިތުރުވާ ކޮންމެ ރެއަކާއި ދުވާލަކަށް 150 (ސަތޭކަ ފަންސާސް) ރުފިޔާ.

 

4 ވަނަ މާއްދާ - ކުލި ދެއްކުމުން އިސްތިސްނާވާ އުޅަނދު (ސުރުހީ އިތުރު ކުރެވި މާއްދާ އިސްލާހު ކުރެވިފައި)

ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ދުއްވާ ، 1،000 ގްރޮސް ޓަން ހަމަނުވާ ބޯޓުފަހަރުން ބަނދަރުގައި އޮތުމުގެ ކުއްޔެއް ނުނެގޭނެއެވެ.

 

5 ވަނަ މާއްދާ - ކުލި ދައްކަންޖެހޭމުއްދަތު (އިތުރު ކުރެވިފައި)

(ހ) މި ޤާނޫނުގެ ދަށުން ދައްކަންޖެހޭކުލި އެ ކުއްޔެއް ދައްކަން ޖެހޭތާ 3 (ތިނެއް) މަސްދުވަސް ހަމަވުމުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ދައްކައި ނިންމަންވާނެއެވެ.

(ށ) މި ޤާނޫނުގެ ދަށުން ކުލި ދައްކަންޖެހޭއުޅަނދެއް، 3 (ތިނެއް) މަސްދުވަހުގެ މުއްދަތަކަށްވުރެ އިތުރަށް ބަނދަރުގައި އޮންނަނަމަ، އެފަދަ އުޅަނދެއް ބަނދަރުގައި އޮވެ ހިނގާ ކޮންމެ ކަލަންޑަރު މަހެއްގެ ކުލި، ބަންދު ދުވަސްތައް ފިޔަވައި، ޖެހިގެން އަންނަ މަހުގެ ދިހަވަނަ ދުވަހުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ދައްކައި ނިންމަންވާނެއެވެ.

 

6 ވަނަ މާއްދާ - ކުލި ދެއްކުމަށްފަހު މެނުވީ ފުރައިގެން ނުދިއުން (އިތުރު ކުރެވިފައި)

ދިވެހިރާއްޖޭގެ ބަނދަރަކުން ފުރައިގެންދާ ކޮންމެ އުޅަނދެއްވެސް ފުރައިގެން ދާންވާނީ މި ޤާނޫނުގެ ދަށުން ދައްކަންޖެހޭކުއްޔެއްވާނަމަ އެ ކުއްޔެއް ދައްކައި ނިންމުމަށްފަހުގައެވެ.

 

7 ވަނަ މާއްދާ - އޮޓޯރިޓީގެ މަސްއޫލިއްޔަތު ތިންވަނަ ފަރާތެއް މެދުވެރިކޮށް އަދާކުރުން (އިތުރު ކުރެވިފައި)

މި ޤާނޫނުގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އަދާކުރަންޖެހޭމަސްއޫލިއްޔަތުތައް އެ އޮތޯރިޓީން ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެމަތިން ތިންވަނަ ފަރާތެއް މެދުވެރިކޮށް އަދާކުރެވިދާނެއެވެ.

 

8 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން (އިތުރު ކުރެވިފައި)

މި ޤާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭގަވާއިދުތައް ހަދައި ހިންގާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީންނެވެ.

 

9 ވަނަ މާއްދާ - ހާއްސަ އިމްތިޔާޒް ލިބޭފަރާތްތައް އިސްތިސްނާވުން (ސުރުހީ އިތުރު ކުރެވިފައި)

ދިވެހިސަރުކާރުން ހާއްސަ އިމްތިޔާޒެއްދޭ ފަރާތްތައް މިގާނޫނުން އިސްތިސްނާ ވާނެއެވެ.

 

10 ވަނަ މާއްދާ - މާނަކުރުން (ސުރުހީ އިތުރު ކުރެވިފައި)

މިގާނޫނުގައި "ބަނދަރު" ގެ މާނަޔަކީ، ކަނޑުގައި ދަތުރުކުރާ އުޅަނދުތައް، ދިވެހިރާއްޖޭގެ ސިޔާސީ ސަރަހައްދުގެ ތެރޭގައި ނަގިލިލައިފި ނުވަތަ އެނޫންވެސް ގޮތަކުން އަޅައިފި ކޮންމެ ތަނެކެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

ބަނދަރުކުލި ނެގުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 66/1978)

ކިޔުންތެރިންގެ ހިޔާލު