ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނު
(ކޮންސޮލިޑޭޓެޑް ނަންބަރު 2009-09)
(1ވަނަ، 2ވަނަ، 3ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއ،ީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ މީހުންނަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކަށް ދެވޭ ރައްކާތެރިކަމާއި އިނާޔަތްތައް ކަނޑައަޅައި، އެ ރައްކާތެރިކަމާއި އިނާޔަތްތައް ދިނުމާބެހޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ. (އިސްލާހު ކުރެވިފައި)
(ށ) މި ގާނޫނަށް ކިޔާނީ "ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނު" އެވެ.
2 ވަނަ މާއްދާ - ދައުލަތުގެ އެންމެ އިސް އިއްޒަތްތެރީން
(ހ) މި ގާނޫނުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެފައިވާ މީހަކީ، ދައުލަތުގެ އެންމެ އިސް އިއްޒަތްތެރީންގެ ތެރޭގައި ހިމެނޭ މީހެކެވެ.
(ށ) ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެފައިވާ މީހަކަށް ރަސްމީ ގޮތުން މުހާތަބުކުރުމުގައި އެމީހެއްގެ ނަމުގެ ކުރިއަށް "ރައީސް" މި ލަގަބު ބޭނުންކުރެވިދާނެއެވެ.
3 ވަނަ މާއްދާ - މާލީ އިނާޔަތް
(ހ) ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50,000 (ފަންސާސް ހާސް) ރުފިޔާ ދައުލަތުން ދޭންވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރަށްވުރެ ގިނަ ދައުރުކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 75,000 (ފަންސަހަތްތަރި ހާސް) ރުފިޔާ ދައުލަތުން ދޭންވާނެއެވެ.
(ށ) ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މަރުވެއްޖެނަމަ، އެމީހާގެ އަނބިމީހާއަށް، އޭނާ އެހެން ކައިވެންޏެއް ކުރަންދެން ނުވަތަ އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މާލީ އިނާޔަތް ދައުލަތުން ދޭންވާނެއެވެ.
(ނ) ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު އަދާކޮށްފައިވާ މީހަކަށް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މާލީ އިނާޔަތް ލިބެމުން ދަނިކޮށް، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މާލީ އިނާޔަތް ލިބުން މެދުކެނޑޭނެއެވެ. (އިސްލާހު ކުރެވިފައި)
- ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އެމީހަކު ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެނަމަ، އެ މަގާމު އަދާކުރާ މުއްދަތުގައި؛ (އިތުރު ކުރެވިފައި)
- ދައުލަތުގެ އެނޫންވެސް މަގާމަކާ ހަވާލުވާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގައި. (އިތުރު ކުރެވިފައި)
4 ވަނަ މާއްދާ - ދިރިއުޅޭނެ ތަނުގެ ހަރަދުތައް
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު ދިރިއުޅޭނެ ތަނަކަށް ހިނގާ އެންމެހައި ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50,000 (ފަންސާސް ހާސް) ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެއެވެ.
5 ވަނަ މާއްދާ - ހިމާޔަތާއި ރައްކާތެރިކަން
(ހ) ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކާއި، އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު އަދާކޮށްފައިވާ މީހަކަށް އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ހިމާޔަތާއި ރައްކާތެރިކަން މޯލްޑިވްސް ނެށަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެއެވެ. އަދި މިކަމުގައި އަމަލުކުރާނޭ އުސޫލުތައް ކަނޑައެޅުމުގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ލަފާ ހޯދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެ އަކުރުގައި ބަޔާންކުރާ މީހަކ،ީ ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހެއް ކަމުގައިވާނަމަ، އެފަދައިން ދިވެހިރާއްޖެއިން ބޭރުގައި އެމީހަކު ދިރިއުޅެމުންގެންދާ މުއްދަތުގައި، މި ގާނޫނުގެ ދަށުން އެމީހަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމުވެގެނެއްނުވެއެވެ. (އިތުރު ކުރެވިފައި)
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، އެ އަކުރުގައި ބަޔާންކުރާ ހާލަތުގައިވާ މީހަކު ދިވެހިރާއްޖެއަށް އަންނަ ހާލަތްތަކުގައި، އެމީހަކަށް އެ މުއްދަތަކަށް މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން ހިމާޔަތާއި ރައްކާތެރިކަން ހަމަޖައްސައިދޭންވާނެއެވެ. (އިތުރު ކުރެވިފައި)
6 ވަނަ މާއްދާ - ދަތުރުފަތުރުގެ ކަންތައްތައް
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށާއި، އެމީހާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް، އެމީހުން ރާއްޖޭގައި ދިރިއުޅޭ ރަށުގައި އެއްގަމު ދަތުރުފަތުރުކުރުމުގެ ވަސީލަތްތައް، ދައުލަތުގެ ހަރަދުގައި މޯލްޑިވްސް ނެށަނަލް ޑިފެންސް ފޯސްގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ. އަދި ވައިގެމަގުން ދަތުރުކުރާނަމަ، އެމީހުން ރާއްޖޭގައި ދިރިއުޅޭ ރަށަކާއި އެއަރޕޯޓާއި ދެމެދު ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައްވެސް ދައުލަތުގެ ހަރަދުގައި މޯލްޑިވްސް ނެށަނަލް ޑިފެންސް ފޯސްގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
7 ވަނަ މާއްދާ - ސިއްހީ ހިދުމަތް
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށާއި، އެމީހާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ހަމަޖައްސައިދޭންވާނެއެވެ.
8 ވަނަ މާއްދާ - އޮފީސް ހިންގުމުގެ ހަރަދުތައް (އުނި ކުރެވިފައި)
8-1 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ލިބިދެވޭ އިނާޔަތްތައް (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް އަންނަނިވި ރައްކާތެރިކަމާއި އިނާޔަތްތައް ލިބިގެންވެއެވެ.
- މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 30,000 (ތިރީސްހާސް) ރުފިޔާ ލިބިދިނުން؛
- ދިވެހިރާއްޖެއިންނާއި ދިވެހިރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސުން.
(ށ) ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކު އެ މަގާމުން ވަކިވުމަށްފަހ،ު އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ދައުލަތުގެ އެއްވެސް މަގާމަކާ ހަވާލުވެއްޖެނަމަ، އެ މަގާމު އަދާކުރަމުންދާ މުއްދަތުގައި މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މާލީ އިނާޔަތް ދިނުން މެދުކެނޑޭނެއެވެ.
9 ވަނަ މާއްދާ - މި ގާނޫނުގެ ދަށުން ކަނޑައަޅާ އިނާޔަތްތައް މުރާޖައާކުރުން
(ހ) މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އިނާޔަތްތަކުގެ ފައިސާގެ އަދަދުތައް، މަދުވެގެން ކޮންމެ ތިން އަހަރަކުން އެއްފަހަރު ރައްޔިތުންގެ މަޖިލީހުން މުރާޖައާކޮށް، މުދަލާއި ހިދުމަތުގެ އަގު އެމުއްދަތުގައި މައްޗަށް ގޮސްފައިވާ ނިސްބަތާ ގުޅިގެން، އަލުން އެއަދަދުތައް އެކަށައަޅަންޖެހޭތޯ ކަނޑައަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް، ގައުމަށް ދިމާވާ އިގްތިސާދީ ތަދުމަޑުކަމަކާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކޮންމެހެން ކުޑަކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، މި ގާނޫނުގެ ދަށުން ދޭން ކަނޑައަޅާފައިވާ އިނާޔަތްތަކަށް ބަދަލުގެނައުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ. އަދި މިފަދަ ބަދަލެއް ގެންނަންޖެހޭނަމަ، އެފަދަ ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މަށްވަރާއެއް ހޯދުމަށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެއެވެ. (އިސްލާހު ކުރެވިފައި)
10 ވަނަ މާއްދާ - ޖިނާއީ ކުށަކާ ގުޅިގެން އިނާޔަތް ނުލިބުން (އިތުރު ކުރެވި / އިސްލާހު1، / އިސްލާހު2 ކުރެވިފައި)
ރައީސުލްޖުމްހޫރިއްޔާ، ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބ،ު އެމީހެއްގެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެނ،ް އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މި ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އި ނާޔަތެއް ނުލިބޭނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) އުނި ކުރެވިފައި)
11 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަންފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
12 ވަނަ މާއްދާ
މި ގާނޫނުގެ 10 ވަނަ މާއްދާގައި އެހެން އޮތްކަމުގައިވީނަމަވެސް، 2008 ގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ތާރީހުކަމުގައިވާ 7 އޮގަސްޓް 2008 އިން ފެށިގެން މި ގާނޫނުން ލިބިދޭ އެންމެހައި އިނާޔަތްތައް ލިބިދޭންވާނެއެވެ.
13 ވަނަ މާއްދާ – މާނަކުރުން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިނުވާހައި ހިނދަކު؛
(ހ) "ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެފައިވާ މީހާ" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މުއްދަތު ހަމަވުމުގެ ސަބަބުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދިނުމުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކު، ކުށްވެރިނުވެ ގާނޫނީ ހަމަތަކުގެ މަތިން އެމަގާމުން ވަކިވެފައިވާ މީހުންނަށެވެ. އަދި ގާނޫނުއަސާސީގެ 300 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު އަދާކުރުމަށްފަހު އެމަގާމުން ވަކިވެފައިވާ މީހުންވެސް މި މާނައިގެ ތެރޭގައި ހިމެނޭނެއެވެ.
(ށ) ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެފައިވާ މީހާގެ އަނބިމީހާއަށް މި ގާނޫނުގެ ދަށުން ދޭންޖެހޭ މާލީ އިނާޔަތް ދިނުމުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެފައިވާ މީހާގެ އެއް އަންބަށްވުރެ ގިނަ އަނބިން ތިބިނަމަ، އެހުރިހާ އަނބިންނަށް ދޭނީ މި ގާނޫނުގައި ދިނުމަށް ކަނޑައަޅާފައިވާ ޖުމްލަ އަދަދު އެމީހުންގެ މެދުގައި ހަމަހަމައަށް ބައިވާ ގޮތަށެވެ.
(ނ) މި ގާނޫނުގައި އެކަހެރިނަން ބޭނުންކޮށްފައިވާ ތަންތާނގައި ގިނަނަމުގެ ގޮތުގައި އަދި ގިނަނަން ބޭނުންކޮށްފައިވާ ތަންތާނގައި އެކަހެރިނަން ދޭހަވާގޮތަށް މާނަކުރެވިދާނެއެވެ.
(ރ) "ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ރިޔާސަތުގެ ފަސް އަހަރުދުވަހުގެ ދައުރެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމުގެ ދައުރު ފުރިހަމަކޮށްފައިވާ މީހާއަށެވެ. (އިތުރު ކުރެވިފައި)
މައި ގާނޫނު
ކިޔުންތެރިންގެ ހިޔާލު