އޮޑިޓް ގާނޫނު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2007-04)
(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) ދައުލަތުގެ އެންމެހައިއިދާރާތަކާއި އެކައުންޓްތަކާއި، ދައުލަތުގެ ވިޔަފާރި ތަންތަން އޮޑިޓް ކުރުމަށާއި، އޮޑިޓަރ ޖެނެރަލް ވީޖިބުތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "އޮޑިޓް ގާނޫނު" އެވެ.
2 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލް އައްޔަންކުރުން (އިސްލާހު ކުރެވިފައި)
(ހ) ދިވެހިރާއްޖޭގައި، ވަކިފަރާތަކަށް ބުރަނުވާ މުސްތަގިއްލު އޮޑިޓަރ ޖެނެރަލެއް ހުންނަންވާނެއެވެ.
(ށ) އޮޑިޓަރ ޖެނެރަލް ކަމަށް މީހަކު އައްޔަންކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) އޮޑިޓަރ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެއް ނަން ނުވަތަ އެއަށްވުރެ ގިނަ ނަން، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމަކީ ނުވަތަ ނަންތަކަކީ އާންމުކޮށް އިއުލާންކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަމެއް ނުވަތަ ނަންތަކެއް ކަމުގައި ވާންވާނެއެވެ.
(ބ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލްގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވަންވާނެއެވެ.
(ޅ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ މީހަކު، އޮޑިޓަރ ޖެނެރަލް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.
3 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލްގެ އޮފީސް ގާއިމުކުރުން (އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ ދަށުން އޮޑިޓަރ ޖެނެރަލާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި، ގާނޫނު ނަންބަރު 4/2007 (އޮޑިޓް ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު "އޮޑިޓަރ ޖެނެރަލްގެ އޮފީސް" ގެ ނަމުގައި އޮފީހެއް އުފެދުނީއެވެ.
(ށ) ގާނޫނު ނަންބަރު 4/2007 (އޮޑިޓް ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންއައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ބޭނުންކުރަމުން ގެންދިޔަ އެންމެހައި މުދަލާއި ވަސީލަތްތަކާއި، ދައުލަތުގެ ބަޖެޓުން އެ އޮފީހަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، އެ އޮފީހުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އެންމެހައި ހައްގުތަކާއި ވާޖިބުތަކާއި، ގާނޫނީގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮފީހުން އުފުލަންޖެހޭ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ގާނޫނީގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮފީހަށް ލިބިދޭ ހައްގުތަކާއި މަންފާތައް، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އުފެދޭ އޮޑިޓަރ ޖެނެރަލްގެ އޮފީސް އުފެދުމާއެކު، އެ އޮފީހަށް ބަދަލުވީއެވެ.
(ނ) އޮޑިޓަރ ޖެނެރަލްގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމާއި، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، އަދި މުދާ މިލްކުކުރުމާއި އެ މުދަލުން ފުރިހަމައަށް ބޭނުންކުރުމުގެ ހައްގު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ، މިނިވަން ގާނޫނީ ށަހްސެކެވެ.
4 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލްގެ މަގާމުގެ މުއްދަތު (އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ ދަށުން އައްޔަންކުރާ އޮޑިޓަރ ޖެނެރަލްގެ މަގާމުގެ މުއްދަތަކީ އޭނާ އައްޔަންކުރެވޭ ތާރީހުން ފެށިގެން 7 (ހަތެއް) އަހަރު ދުވަހުގެ 1 (އެކެއް) ދައުރެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މީހަކު ފިޔަވައި، އޮޑިޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވާ މީހެއްގެ މަގާމުގެ މުއްދަތު، އިތުރު 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރެވިދާނެއެވެ.
5 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލްގައި ހުރުން ލާޒިމުވާ ށަރުތުތައް (އިތުރު ކުރެވިފައި)
އޮޑިޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރާ މީހެއްގެ ކިބައިގައި އަންނަނިވި ސިފަތައް ފުރިހަމަވާންވާނެއެވެ.
(ހ) މުސްލިމަކު ކަމުގައިވުން؛
(ށ) ދިވެހި ރައްޔިތެއް ކަމުގައިވުން؛
(ނ) ބޭރު ގައުމެއްގެ ރައްޔިތެއް ކަމުގައިނުވުން؛
(ރ) އުމުރުން 35 (ތިރީސްފަހެއް) އަހަރު ވެފައިވުމާއެކު 65 (ފަސްދޮޅަސްފަހެއް) އަހަރު ވެފައިނުވާ މީހަކު ކަމުގައިވުން؛
(ބ) ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން؛
(ޅ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން؛
(ކ) އޮޑިޓަރ ޖެނެރަލްގެ މަގާމުގެ އިތުރުން، އެހެން އެއްވެސް މަގާމެއް ފުރަމުންދާ މީހަކު ކަމުގައިނުވުން ނުވަތަ އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައިނުވުން؛
(އ) ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައިނުވުން ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައިނުވުން؛
(ވ) އޮޑިޓަރ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭވަރުގެ ތައުލީމާއި ގާބިލުކަން ހުރި މީހަކު ކަމުގައިވުން. އެގޮތުން، އިންޓަރނޭށަނަލް ފެޑެރޭށަން އޮފް އެކައުންޓަންޓްސް (އައިފެކް) އިން ގަބޫލުކުރާ އެކައުންޓިންގ ޖަމާއަތެއްގެ މެންބަރެއް ކަމުގައިވުމާއެކު، އެކައުންޓިންގގެ ދާއިރާގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 7 (ހަތެއް) އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން؛
(މ) ދައުލަތުގެ ނުވަތަ ދައުލަތް ބައިވެރިވާ ކުންފުންޏެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ހިއްސާއެއް އޮތް މީހަކު ކަމުގައި ނުވުން.
5-1 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލް މިނިވަންކަމާއެކު މަސްއޫލިއްޔަތު އަދާކުރުން (އިތުރު ކުރެވިފައި)
(ހ) އޮޑިޓަރ ޖެނެރަލާ ގާނޫނުއަސާސީންނާއި ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އޭނާ އަދާކުރަންވާނީ، ތައައްޞުބުން އެއްކިބާވެހުރެ، މިނިވަންކަމާ އެކުގައެވެ.
(ށ) އޮޑިޓަރ ޖެނެރަލަކީ، އޭނާގެ މަގާމުގެ ވާޖިބުތައް އަދާކުރުމުގައާއި އޭނާގެ ބާރުތައް ބޭނުންކުރުމުގައި، އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހެއް ކަމުގައި ވެގެންނުވާނެއެވެ.
(ނ) އޮޑިޓަރ ޖެނެރަލްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް މިނިވަންކަމާއި، އަދުލުވެރިކަމާއެކު، އަދި ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި އަދާކުރަންވާނެއެވެ.
6 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލްގެ ސުލޫކީ މިންގަނޑު (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)
އޮޑިޓަރ ޖެނެރަލް އޭނާގެ ފަރުދީ ހައިސިއްޔަތުންނާއި މަގާމުގެ ހައިސިއްޔަތުން، ހުރިހާ ހާލަތެއްގައިވެސް، އަންނަނިވި ސުލޫކީ މިންގަނޑުތަކަށް ތަބާވާންވާނެއެވެ.
(ހ) އޮޑިޓަރ ޖެނެރަލްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ބުރޫއަރާފާނެފަދަ ނުވަތަ މަސްލަހަތު ފުށުއަރާފަދަ އެއްވެސް ކަމެއް ނުކުރުން؛
(ށ) އޮޑިޓަރ ޖެނެރަލްގެ މަގާމުގެ ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް، އެއްވެސް ވަގުތެއްގައި ނުކުރުން؛
(ނ) އޮޑިޓަރ ޖެނެރަލަށް ގާނޫނުން ލިބިދޭ ބާރާއި އިހްތިޔާރު ނުރަނގަޅު ނިޔަތެއްގައި ވަކިފަރާތަކަށް ގެއްލުމެއް ދިނުމުގެ ބޭނުމުގައި ބޭނުންނުކުރުން ނުވަތަ ގާނޫނާ ހިލާފު އަމަލެއް ކުރުމަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުން ނުކުރުން؛
(ރ) ކަނޑައެޅިގެން ވަކި މީހަކަށް ގެއްލުން ދިނުމުގެ ނިޔަތުގައި ނުވަތަ އޭނާގެ އަބުރު ނަގާލުމުގެ ނިޔަތުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުންކޮށްގެން ކަމެއް ނުކުރުން؛
(ބ) ޢާންމު އުސޫލަކުން ކޮންމެ މީހަކަށްވެސް ލިބެންއޮތް ހަދިޔާއެއް ނުވަތަ އެހީއެއް ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް ފިޔަވައި އެނޫން ހަދިޔާއެއް، ނުވަތަ އެހީއެއް، ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް އެއްވެސް ފަރާތަކުން ނުހޯދުން.
6-1 ވަނަ މާއްދާ - ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް (އިތުރު ކުރެވިފައި)
(ހ) އޮޑިޓަރ ޖެނެރަލާއި އޭނާގެ އޮފީހުގެ މުވައްޒަފުން މަގާމުގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި އަންނަނިވި ހަމަތަކާއި، މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ސުލޫކީ މިންގަނޑު ހިފެހެއްޓުމުގެ އިތުރުން، ސުލޫކީގޮތުން އަމަލުކުރާނެ އުސޫލެއް ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށާއި ބައިނަލްއަޤްވާމީ ހަމަތަކަށް ފެތޭގޮތަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލައި އެ އުސޫލަށް އަމަލުކުރަންވާނެއެވެ. އެގޮތުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ސުލޫކީގޮތުން އަމަލުކުރާނެ އުސޫލު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި އެންމެހައި ގާނޫނުތަކަށް ތަބާވެ، އެ ގާނޫނުތަކަށް އިހްތިރާމްކުރުމާއި، އެ ގާނޫނުތަކުގެ ދަށުން ހުއްދަ އަމުރެއްކުރާ ފަރާތެއްގެ އަމުރަށް ރަސްމީ ވާޖިބު އަދާކުރުމުގައި ތަބާވަމުންދިޔުން.
- ޒާތީ އެއްވެސް ތައައްޞުބަކާ ނުލައި، އަދި ފޯރުވާ ނުފޫޒަކަށް ތަބާނުވެ، ގާނޫނުތަކާއި ގަވާއިދުތަކާއި މަސައްކަތުގައި ބޭނުންކުރާ އުސޫލުތަކާއި ހަމަތަކާއި ހެކީގެ މައްޗަށް ނިންމުންތައް ނިންމުމާއި، އެކަން ކުރުމުގައި ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިހްލާސްތެރިވުމާއި އިންސާފުވެރިވުމާއި، ފަރުވާތެރިވުން.
- ރަސްމީ މަސައްކަތުގެ ދާއިރާގެ ތެރޭގައި އެހެން މީހުންނާ މުޢާމަލާތް ކުރުމުގައި، އިހްތިރާމާއެކު މުޢާމަލާތްކުރުން.
- އޮޑިޓަރ ޖެނެރަލަށް ލިބިދޭ ބާރާއި އިހްތިޔާރު ނުރަނގަޅު ނިޔަތެއްގައި ވަކިފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމުގެ ބޭނުމުގައި ބޭނުންނުކުރުމާއި، ގާނޫނުގެ ދާއިރާގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ލިބިދޭ އިހްތިޔާރު ސައްހަގޮތުގައި ބޭނުންކުރުމާއި، އެ އިހްތިޔާރު ބޭނުންކުރުމުގައި ދައުލަތާއި އެހެން މީހުންގެ ހައްގުތަކަށާއި ވާޖިބުތަކަށާއި މަސްލަހަތުތަކަށް އިހްތިރާމްކުރުން.
- މި ގާނޫނުގެ 6 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، އެއްވެސް ފަރާތެއްގެ އެހީއާއި ޢިނާޔަތާއި މެހެމާންދާރީއާއި ހަދިޔާ، ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ނަމަވެސް ނުހޯދުން.
- ތިމާއަށް ވަކި މީހަކު ނުވަތަ ވަކި ފަރާތަކުން ކޮށްދީފައިވާ ކަމެއްގެ މުގާބިލުގައި، އެހެން ކަމެއް ތިމާ ކޮށްދޭންޖެހުން ލާޒިމުވާ ހާލަތަށް ތިމާ ނުގެންދިޔުން.
- މަގާމުގައި ދެމިހުންނައިރު އަދި މަގާމުން ވަކިވުމަށްފަހުގައިވެސް، ތިމާގެ މަގާމު އަދާކުރުމުގައި ތިމާއަށް ލިބިފައިވާ މައުލޫމާތުތަކާއި، މައްސަލަތަކާ ގުޅިގެން ލިބޭ ސިއްރު ހިފަހައްޓަންޖެހޭ މައުލޫމާތުތައް ސިއްރުގެ ގޮތުގައި ހިފެހެއްޓުން.
- ގާނޫނުގައިވާ ގޮތުގެމަތިން، ސައްހަގޮތުގައި އެހެން ފަރާތަކަށް ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުމާއި، އެ މައުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، ރަސްމީ ވާޖިބު އަދާކުރުމުގައި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި، ނުރަނގަޅު ނުވަތަ ދޮގު މައުލޫމާތާއި ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ހާމަ ނުކުރުން.
- އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތަށް މީހުން އިހްތިޔާރުކުރުމުގައާއި މީހުން އައްޔަންކުރުމުގައި އެންމެ އަސާސީ ރުކުނަކީ މަސައްކަތަށް އެކަށޭނަ ގާބިލުކަމާއި ތައުލީމީ ފެންވަރު ހުރުން ކަމުގައި ބެލުމާއި، ވަޒީފާ ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި މުވައްޒަފުންނާގުޅޭ އެހެނިހެން ކަންކަމުގައި ބަލަންޖެހޭ މައިގަނޑު މިންގަނޑަކީ ތައުލީމީގޮތުންނާއި އަހްލާގީގޮތުންނާއި މަސައްކަތުގެގޮތުން އެކަށޭނަ ބަޔަކަށްވުން ކަމުގައި ބެލުން.
- ސިޔާސީ ބަހުސްތަކުގައި ބައިވެރިނުވުމާއި، ސިޔާސީ މަޤްސަދެއް ހާސިލްކުރުމަށް ވަޒީފާ ބޭނުންނުކުރުމާއި، ސިޔާސީ ހަރަކާތްތަކަށް ތާއީދުކުރަނީކަން ނުވަތަ ދެކޮޅުހަދަނީކަން ދޭހަވާފަދަ ކަމެއް ނުކުރުމާއި، ސިޔާސީ ނުފޫޒަށް ތިމާ ލެނބޭކަން ދޭހަވާ ފަދަ އެއްވެސް ކަމެއް ނުކުރުން.
- އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ކޮރަޕްށަންގެ އަމަލުތަކަށް ހުށަހެޅިދާނެ ހާލަތްތައް އަބަދުމެ ވަޒަންކުރަމުން ދިޔުމާއި، ކޮރަޕްށަނަށް މަގުފަހިނުވާނެ ގޮތުގެމަތިން އެފަރާތްތަކުގެ އަމަލުތައް ހުންނާނެގޮތަށް، އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތުގެ އަހްލާގާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިދާރީ އުސޫލުތައް ބައްޓަންކުރަމުންދިޔުން.
- އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ފެންވަރުމަތިކުރުމާއި ކޮރަޕްށަންގެ އަމަލުތަކުން ދުރުކުރުމަށްޓަކައި ހިންގަންޖެހޭ އުސޫލުތައް ހިންގުމާއި، އެމީހުންނަށް ތައުލީމާއި ތަމްރީނުދިނުމާއި، ނުހައްގު މުއްސަނދިކަމުން ސަލާމަތްވެތިބޭކަން ކަށަވަރުކުރުމުގެ ގޮތުން އެމީހުންގެ މާލީ ހާލަތަށް ސަމާލުވެތިބުމާއި، ކޮރަޕްށަނުން ރައްކާތެރިވެގެންވާ ނަމޫނާއެއް މުވައްޒަފުންނަށް ދެއްކުން.
(ށ) އޮޑިޓަރ ޖެނެރަލަށް ނުވަތަ އޮޑިޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފަކަށް ކަމުގައިވީނަމަވެސް، ސުލޫކީ ހަމަތަކާ ހިލާފަށް ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލަން އަންގާނަމަ ނުވަތަ ބާރުއަޅާނަމަ ނުވަތަ މަޖުބޫރުކުރުވާނަމަ، ނުވަތަ އޮޑިޓަރ ޖެނެރަލްގެ ނުވަތަ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުގެ މަސައްކަތް ނަޒާހަތްތެރިކަމާއެކު ކުރިއަށްގެންދިޔުމަށް ހުރަސްއެޅޭފަދަ ނުރަނގަޅު ނުފޫޒެއް ފޯރުވާނަމަ، ލަސްނުކޮށް އެންޓި-ކޮރަޕްށަން ކޮމިށަނަށާއި ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޒިންމާތަކަކީ، އޮޑިޓަރ ޖެނެރަލާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެވެސް ވަޒީފާގެ މައިގަނޑު އެއް އަސާސް ކަމުގައި ބެލެވޭނެއެވެ. އެއީ، ވަޒީފާގެ އެއްބަސްވުމެއް ނެތްނަމަވެސް، އަދި އޮތް ވަޒީފާގެ އެއްބަސްވުމެއްގައި އެއިން ކަމެއް ހިމެނިފައިނުވި ނަމަވެސްމެއެވެ. އަދި، އެއިން ކަމަކާ ހިލާފުވުމަކީ، އެމީހަކާމެދު ތައުދީބީ ފިޔަވަޅު އެޅުމުގެ ހާލަތެއް އުފަންވުން ކަމުގައި ބެލެވޭނެއެވެ.
6-2 ވަނަ މާއްދާ - އިތުރު ވަޒީފާ އަދާނުކުރުމާއި މަސްލަހަތު ފުށުއަރާ ވިޔަފާރި ނުކުރުން (އިތުރު ކުރެވިފައި)
(ހ) އޮޑިޓަރ ޖެނެރަލް، އާމްދަނީއެއް ލިބޭ އިތުރު ވަޒީފާއެއް އަދާކޮށް، ނުވަތަ މަގާމެއް ފުރައިގެން ނުވާނެއެވެ. ނުވަތަ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެއެވެ.
(ށ) އޮޑިޓަރ ޖެނެރަލް، އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކޮށްގެންނުވާނެއެވެ. އަދި ވިޔަފާރީގެ އުސޫލުން އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ. އަދި ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެންނުވާނެއެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުޢާމަލާތެއްގައި ސީދާގޮތުންވިޔަސް ނުވަތަ ނުސީދާގޮތުންވިޔަސް އޮޑިޓަރ ޖެނެރަލްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެންނުވާނެއެވެ.
(ނ) އޮޑިޓަރ ޖެނެރަލްގެ ހައިސިއްޔަތުން މެނުވީ، ދައުލަތުގެ އެހެން އެއްވެސް ކޮމިށަނެއްގައި، ނުވަތަ ކައުންސިލެއްގައި، ނުވަތަ މަޖިލީހެއްގައި، ނުވަތަ ކޮމިޓީއެއްގައި، ނުވަތަ ބޯޑެއްގައި، ނުވަތަ އެނޫންވެސް ތަނެއްގައި، އުޖޫރައަކަށްވިޔަސް ނުވަތަ އުޖޫރައަކާ ނުލައި ނަމަވެސް، ބައިވެރިވެގެންނުވާނެއެވެ.
(ރ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ޝެއަރހޯލްޑަރެއް ކަމުގައިނުވާ ގޮތުން، އެފަދަ ކުންފުންޏެއްގެ ހިއްސާ މިލްކުކުރުމަކީ، މި މާއްދާގެ ބޭނުމަށްޓަކައި ވިޔަފާރިކުރުން ކަމުގައެއް ނުބެލެވޭނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި "ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ޝެއަރހޯލްޑަރެއް" ކަމަށް ބަޔާންކޮށްފައިއެވަނީ، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ހިއްސާގެ ރައުސުލްމާލުގެ %5 (ފަހެއް އިންސައްތަ) އަށްވުރެ ގިނަ އަދަދެއްގެ ހިއްސާގެ މައްޗަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބާރު ފޯރުވޭ މަގާމެއްގައި ހުރި ހިއްސާދާރަކަށެވެ.
(ބ) އޮޑިޓަރ ޖެނެރަލް ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން އެއްވެސް ފަރާތަކަށް މަސައްކަތްކޮށްދީގެންނުވާނެއެވެ.
(ޅ) އޮޑިޓަރ ޖެނެރަލް އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ފުށުއަރާފާނެ ބާވަތުގެ މަދަނީ ޖަމާއަތެއްގެ މެންބަރަކަށް އޮޑިޓަރ ޖެނެރަލް ވެގެންނުވާނެއެވެ.
(ކ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، އޮޑިޓަރ ޖެނެރަލްގެ ނަމުގައި އޮތް ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް، ބާޒާރުގައި އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއްގެ އަގު ޢާންމުކޮށް ހުރި އަގަށްވުރެ ބޮޑުނޫން އަގަކަށް ވިއްކާލުމާއި، އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް ބާޒާރުގައި ޢާންމުކޮށް ކުއްޔަށްދީއުޅޭ އަގަށްވުރެ ބޮޑުނޫން އަގެއްގައި ކުއްޔަށްދީގެން އާމްދަނީ ހޯދުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިޔަފާރިއާއި މަސައްކަތުގެ ތެރޭގައި ހިމެނިގެނެއް ނުވެއެވެ.
(އ) އޮޑިޓަރ ޖެނެރަލްކަމުން ވަކިވުމަށްފަހު، ފުރަތަމަ ހިނގާ 12 (ބާރަ) މަސްދުވަހުގެ މުއްދަތު ފާއިތުވަންދެން، އޮޑިޓަރ ޖެނެރަލްގެ ހައިސިއްޔަތުން އޭނާ އަދާކުރި މަސްލަހަތާ ފުށުއަރާ ވަޒީފާއެއް ނުވަތަ މަސައްކަތެއް، އޮޑިޓަރ ޖެނެރަލް ކޮށްގެންނުވާނެއެވެ.
6-3 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުން (އިތުރު ކުރެވިފައި)
(ހ) އޮޑިޓަރ ޖެނެރަލް އަދާކުރަންޖެހޭ ރަސްމީ ވާޖިބާއި އޭނާގެ މަސްލަހަތާ ދެމެދު އެއްވެސް ފުށުއެރުމެއް އުފެދުމަކަށް ފުރުސަތު ދީގެން ނުވާނެއެވެ.
(ށ) އޮޑިޓަރ ޖެނެރަލްގެ މަސްލަހަތު ފުށުއެރުން ކަމަށް މި މާއްދާގެ (ހ) ގައި ބުނެފައިއެވާ އުސޫލުގައި، އޭނާ އިނދެގެންއުޅޭ މީހާއާއި، އޭނާގެ ދަރިންނާއި، އޭނާ ސީދާ ބަލަހައްޓަމުންގެންދާ އެހެން މީހުންގެ މަސްލަހަތު ފުށުއެރުމަކީވެސް، އޮޑިޓަރ ޖެނެރަލްގެ މަސްލަހަތު ފުށުއެރުން ކަމުގައި ބެލެވޭނެއެވެ.
(ނ) އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދާ އޮޑިޓެއްގައި، އޮޑިޓަރ ޖެނެރަލްގެ މަސްލަހަތު ފުށުއަރާފާނެ ފަދަ ހާލަތެއް ދިމާވެއްޖެނަމަ، ނުވަތަ ދިމާވެދާނެކަމަށް ގަބޫލުކުރެވޭނަމަ، އެކަން ބަޔާންކުރުމަށްފަހު، އެ މައްސަލައެއް ބެލުމުން ތަނާޒުލުވާންވާނެއެވެ. އަދި އެ މައްސަލައެއް ބެލުމުގައި އެއްވެސް ފަރާތަކަށް އެއްވެސް މިންވަރަކަށް ނުފޫޒު ފޯރުވައިގެންނުވާނެއެވެ. އަދި އެ މައްސަލައެއް ނިންމުމުގައި އޭގެ ފަހުން އެއްވެސް މިންވަރަކަށް ބައިވެރިވެގެންނުވާނެއެވެ.
(ރ) މި މާއްދާގެ (ހ)، (ށ)، އަދި (ނ) ގައި ބަޔާންވެގެންވާ އުސޫލުތައް، ކަމާގުޅޭ ނިސްބަތަށް، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ މައްޗަށްވެސް ހިނގާނެއެވެ.
(ބ) މި މާއްދާގެ (ހ)، (ށ)، އަދި (ނ) ގައި ބަޔާންވެގެންވާ އުސޫލަކާ އޮޑިޓަރ ޖެނެރަލް ހިލާފުވުމަކީ، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމުގައި ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.
(ޅ) މި މާއްދާގެ (ހ)، (ށ)، އަދި (ނ) ގައި ބަޔާންވެގެންވާ އުސޫލަކާ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފަކު ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް އޮތްނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއް ކަމުގައި ބެލެވޭނެއެވެ.
6-4 ވަނަ މާއްދާ - ސިޔާސަތުތައް އެކަށައެޅުން (އިތުރު ކުރެވިފައި)
މި ގާނޫނުގެ 1-6 ވަނަ މާއްދާގައި ބަޔާންވެގެންވާ ހަމަތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި އުސޫލުތަކާއި ތަމްރީނުތަކާއި ހަމަތަކާގުޅޭ ތަފްސީލުތައް މި ގާނޫނު ފާސްކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލް އެކުލަވާލައި ތަންފީޒުކުރަންވާނެއެވެ. އަދި އެ ހަމަތަކަށް އަމަލުކުރުމުގައި ކުރުން ހުއްދަވެގެންވަނީ ކޮން ކަމެއްކަން ނުވަތަ މަނާވެގެންވަނީ ކޮން ކަމެއްކަން އެނގޭނެ މިންވަރަށް އެ ހަމަތައް ތަފްސީލުކޮށްދޭންވާނެއެވެ.
6-5 ވަނަ މާއްދާ - ސުލޫކީ ހަމަތަކަށް ތަބާވުން (އިތުރު ކުރެވިފައި)
(ހ) އޮޑިޓަރ ޖެނެރަލް އޭނާގެ މަގާމުގެ ވާޖިބު އަދާކުރުމުގައި، މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ އެންމެމަތީ މިންގަނޑުގައި ހިފަހައްޓައި، އެހެން މީހުންނަށްވެސް އެ ހަމަތަކަށް ތަބާވާކަން އެނގޭ މިންވަރަށް، ހުރިހާ ހާލަތެއްގައިވެސް އެ ހަމަތަކަށް ތަބާވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމަތަކަށް އޮޑިޓަރ ޖެނެރަލް ތަބާވުން އެ މާއްދާގެ ދަށުން ލާޒިމުކުރާ ފަދައިން، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންވެސް އެ ސުލޫކީ ހަމަތަކަށް ތަބާވާކަން، އޮޑިޓަރ ޖެނެރަލް ކަށަވަރުކުރަންވާނެއެވެ.
(ނ) އޮޑިޓަރ ޖެނެރަލްގެ ފަރުދީ ހައިސިއްޔަތުންނާއި މަގާމުގެ ހައިސިއްޔަތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މިނިވަންކަމާއި، އަބުރުވެރިކަމާއި، ހަމަހަމަކަމާއި އަހްލާގީ އަދި ސުލޫކީ މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.
6-6 ވަނަ މާއްދާ - ސުލޫކީ ހަމަތަކާ ހިލާފުވުން (އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ އޮޑިޓަރ ޖެނެރަލް ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއް އުފަންވީ ކަމުގައި ބެލެވޭނެއެވެ.
(ށ) އޮޑިޓަރ ޖެނެރަލް ސުލޫކީ ހަމަތަކާ ހިލާފަށް ކުރި ކަމަކީ، އޭގައި ޖިނާއީ ކުށެއްގެ އަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅުމަކީ، ޖިނާއީ ދައުވާއެއް އޭނާގެ މައްޗަށް ކުރުމަށް އޮތް ހުރަހެއްނޫނެވެ.
6-7 ވަނަ މާއްދާ - މާލީ ހިސާބު ހުށަހެޅުން (އިތުރު ކުރެވިފައި)
(ހ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ނުވަތަ އެފަދަ ގާނޫނެއްގެ ދަށުން އެހެންގޮތަކަށް އަމަލުކުރަމުން އައިކަމުގައިވީނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، އޮޑިޓަރ ޖެނެރަލް މާލީ ހިސާބު ހުށަހެޅުމުގައި އަމަލުކުރާނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) އޮޑިޓަރ ޖެނެރަލް ކަމަށް އައްޔަންކުރެވޭ މީހާ، އޭނާގެ މަގާމާ ހަވާލުވިއިރު، އޭނާއަށް ލިބިފައިވާ އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އެ މަގާމާ އޭނާ ހަވާލުވާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މާލީ ހިސާބު ހުށަހެޅުމުގެ އިތުރަށް، މަގާމާ ހަވާލުވާ ތާރީޚުން ފެށިގެން ކޮންމެ އަހަރެއްގެ މާލީ ހިސާބު އެ އަހަރެއް ނިމޭތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން ގެންދަންވާނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި އަހަރު ކަމަށް މާނަކޮށްފައިވަނީ، އެމީހަކު އޮޑިޓަރ ޖެނެރަލްގެ މަގާމާ ހަވާލުވާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ހަމަވާ ތާރީހަށެވެ.
(ރ) އޮޑިޓަރ ޖެނެރަލް މަގާމުން ވަކިވުމަށްފަހު ނުވަތަ އިސްތިއުފާ ދިނުމަށްފަހު ހިނގާ ފުރަތަމަ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޭނާ މަގާމުން ވަކިވިއިރު އޭނާއަށް ލިބިފައިވާ އާމްދަނީއާއި އާމްދަނީ ލިބޭ ގޮތްތަކާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ށ)، (ނ)، އަދި (ރ) ގެ ދަށުން އޮޑިޓަރ ޖެނެރަލް މާލީ ހިސާބު ހުށަހަޅާއިރު، އޭނާ އިނދެގެންއުޅޭ މީހާއާއި، 18 އަހަރު ނުފުރޭ ދަރިންގެ މާލީ ހިސާބުވެސް ހުށަހަޅަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގެ ދަށުން ހުށަހެޅުން ލާޒިމުކުރާ މާލީ ހިސާބުތައް ތައްޔާރުކުރާނީ، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
6-8 ވަނަ މާއްދާ - ސުލޫކީ ހަމަތަކާ މުވައްޒަފުން ހިލާފުވުން (އިތުރު ކުރެވިފައި)
(ހ) އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފަކު މި ގާނޫނުގެ 1-6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ ހިލާފުވެއްޖެކަމަށްވާނަމަ، އެ ހިލާފުވި މިންވަރެއްގެ ކުޑަބޮޑު މިނަށް ބަލައި، އެ މުވައްޒަފަކާމެދު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ސުލޫކާ ހިލާފުވެގެން އެ މުވައްޒަފުންނާމެދު އެޅޭނެ ފިޔަވަޅުތައް، މި ގާނޫނުގެ ދަށުން ހަދާ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފަކު ސުލޫކީ ހަމަތަކާ ހިލާފަށް ކުރިކަމަކީ، އޭގައި ޖިނާއީ ކުށެއްގެ އަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަކީ، އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަށް އޮތް ހުރަހެއް ނޫނެވެ.
7 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު
އޮޑިޓަރ ޖެނެރަލް ގެ މަސްއޫލިއްޔަތުތައްއ، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދައުލަތުގެ އެންމެހައި އިދާރާތަކާއި، އެކައުންޓްތަކާއި، ދައުލަތުގެ ވިޔޔަވާރި ތަންތަން އޮޑިޓް ކުރުން؛
(ށ) އަންނަނިވި ތަންތަނުގެ އެކައުންޓްތަކާއި، ހިސާބުތަކާއި، މާލީ ހިންގުމާ ގުޅޭގޮތުން އޮޑިޓްކުރުން (އިތުރު ކުރެވިފައި)
- މައިގަނޑު ގޮތެއްގައި ދައުލަތުގެ މުދަލާއި ފައިސާ ހޭދަކޮށްގެން ހިންގާ ކޮންމެ ތަނެއް؛
- އެ ވިޔަފާރިއެއްގައި ސަރުކާރުގެ ހިއްސާއެއް އޮތް ކޮންމެ ވިޔަފާރިއެއް.
(ށ) ދައުލަތުގެ އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކާއި އަދި ދައުލަތުން ބައިވެރިވާ ކުންފުނިތަކުގެ މާލީ ދާއިރާގެ ކަންތައްތައް ހަރުދަނާކޮށް ޖަވާބުދާރީވުން އިތުރުކުރުން؛
(ނ) ދިވެހިރާއްޖޭގައި އޮޑިޓްކުރުމާބެހޭ އުސޫލުތަކާއި ގަވާއިދުތައް ކަނޑައެޅުން؛
(ރ) އެހެން ގާނޫނަކުން އޮޑިޓަރ ޖެނެރަލް ކުރުން ލާޒިމުކުރާ ކަމެއްވާނަމަ، އެކަމެއް ކުރުން.
8 ވަނަ މާއްދާ - ޕަރފޯމަންސް އޮޑިޓް
އޮޑިޓަރ ޖެނެރަލަށް، ކޮންމެ ވަގުތެއްގައިވެސް، އަންނަނިވި ތަންތަނުގެ ޕަރފޯމަންސް އޮޑިޓް ކުރެވިދާނެއެވެ.
(ހ) މިނިސްޓަރީތަކާއި، ޑިޕާޓްމަންޓުތަކާއި، ސަރުކާރުގެ އޮފީސްތަކާއި، އެކިއެކި މުއައްސަސާތައް؛
(ށ) ދައުލަތުގެ ވިޔަފާރި ތަންތަން ނުވަތަ ދައުލަތުގެ ކޮންޓްރޯލިންގ ހިއްސާ އޮންނަ ވިޔަފާރި ތަންތަން؛
(ނ) ސަރުކާރުގެ ޓްރަސްޓް، ނުވަތަ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ޓްރަސްޓް.
9 ވަނަ މާއްދާ – އޮޑިޓަރ ޖެނެރަލްގެ ބާރުތައް
އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އޮޑިޓަރ ޖެނެރަލަށް ލިބިގެންވާ ބާރުތައް ތިރީގައި އެވަނީއެވެ.
(ހ) ދައުލަތުގެ މާލިއްޔާއިން ކުރެވޭ އެންމެހައި ކަރަދުތަކާ ގުޅިގެން ހިސާބު ބެލެހެއްޓުމާއި މުދަލާއި ފައިސާގެ ތަފްސީލުތައް ބަލަހައްޓަންވީގޮތް، ދައުލަތުގެ އެންމެހައި އިދާރާތަކަށް އެންގުން؛
(ށ) އޮޑިޓަރ ޖެނެރަލް ކުރާ އޮޑިޓަކާ ގުޅިގެން ބަލަންޖެހޭ ހުރިހާ ރެކޯޑުތަކާއި، ފޮތްތަކާއި، ރަސީދުތަކާއި، ލިޔުންތަކާއި، ފައިސާއާއި، ސްޓޭމްޕާއި މުދަލާއި ފައިސާގެ ތަފްސީލު ބަލަހައްޓަންވީގޮތް، ދައުލަތުގެ އެންމެހައި އިދާރާތަކަށް އެންގުން؛
(ނ) އޮޑިޓަރ ޖެނެރަލް އޭނާގެ މަސައްކަތާއި ގުޅިގެން ހޯދަންޖެހޭ މައުލޫމާތާއި، ސާފުކުރަން ބޭނުންވާ ކަންކަން ސާފުކޮށްދިނުމަށް، ކޮންމެ ފަރާތަކަށްވެސް އެންތުން؛
(ރ) އޮޑިޓް ކުރުމުގައި ސިސްކަންޖޭނެ އެކައުންޓްތައް ކަނޑައެޅުން؛
(ބ) އޮޑިޓަރ ޖެނެރަލް އޭނާގެ މަސައްކަތާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭވަރުގެ ލަޔާގަތާއި ގާބިލުކަން ލިބިފައިވާ ބަޔަކު އައްޔަންކުރުން؛
(ޅ) (އުނި ކުރެވިފައި)
(ކ) އޮޑިޓަރ ޖެނެރަލްގެ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ފަރާތަކާ ހަވާލުކުރުން؛
(އ) އޮޑިޓް މެނުއަލްއާއި އޮޑިޓިންގ ސްޓޭންޑަރޑްސް، އޮޑިޓް ކުރުމުގައި ގެންގުޅޭ ބައިނަލްއަގްވާމީ އޮޑިޓް އުސޫލުތަކަށް ރިއާޔަތްކޮށް ކަނޑައެޅުނ؛
(ވ) އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛
(މ) ދިވެހިރާއްޖޭގައި އޮޑިޓް ކުރުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާއި އެހުއްދަ ބާތިލް ކުރެވޭނެ އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކިފަރާތްތަކަށް އެ ހުއްދަ ދޫކުރުމާއި ބާތިލުކުރުން؛
(ފ) މި މާއްދާގެ (މ) ގައި އެހެން އޮތުމަކުން، އެކި އެކި މީސްމީހުންގެ އަމިއްލަ ބޭނުންތަކަށް، އޮޑިޓްގެ މަސައްކަތް ހުއްދައެއްނެތި ކުރުން މަނައެއް ނުކުރެއެވެ.
10 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލްގެ ހުވައި (އިތުރު ކުރެވިގައި)
އޮޑިޓަރ ޖެނެރަލް އޭނާގެ މަގާމާ ހަވާލުވެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި އަންނަނިވި ހުވައިކޮށް، އެ ހުވައިގެ އިގްރާރުގައި ސޮއިކުރުމުންނެވެ.
"އަހުރެން ...... (މީހާގެ ނަން) ...... އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ރައްކާތެރި ވުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، އޮޑިޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."
11 ވަނަ މާއްދާ – މައުލޫމާތު ފޯރުވައިދިނުން
(ހ) އޮޑިޓަރ ޖެނެރަލް އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބެނުންވާ މައްލޫމާތާއި، ސާފުކުރަންޖެހޭ ކަންކަން ސާފުކޮށްދިނުމަށް އެދިއްޖެ ކޮންމެ ފަރާތަކުން، އެ މައްލޫމާތު އޮޑިޓަރ ޖެނެރަލަށް ސާފުކޮށްދޭންވާނެއެވެ.
(ށ) އޮޑިޓަރ ޖެނެރަލް ކުރާ ސުވާލުތަކަށް ޖަވާގު ދިނުމަށް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ތަނަކަށް، އަދި ކަނޑައަޅާ ވަގުތަކަށް ހާޒިރުވުމަށް އެންގިދާނެއެވެ. މިގޮތުން، ވަގުތާއި ތަން ކަނޑައެޅުމުގައި، ހާޒިރުކުރާ މީހެއްގެ ހާލަތަށް ރިއާޔަށްކުރަން ވާނެއެވެ.
(ނ) މަގްވޫލު އުޒުރެއްނެތި މި މާއްދާގެ (ށ) ގައިވާ އެންގުމަކާ އެއްގޮތަށް ހާޒިރުވާން އަންގާ ފަރާތެއް ހާޒިރު ނުވެއްޖެނަމަ އެފަރާތެއް ކުށްވެރިވާނެއެވެ. އަދި މި މާއްދާގެ ދަށުން ކުށްވެރިވާ ފަރާތަކަށް ތިރީގައިވާ އަދަބު ދެވޭނެއެވެ.
- ކުށްކުރީ ފަރުދެއްނަމަ 5،000 (ފަސްހާސް) ރިފިޔައަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
- ކުށްކުރީ ށަހްސެއްނަމަ، 25،000 (ފަންސަވީސް ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން.
12 ވަނަ މާއްދާ – މައުލޫމާތު ހޯދުމުގެ ގޮތުން ތަންތަނަށް ވަނުން
(ހ) އޮޑިޓަރ ޖެނެރަލް ކުރާ މަސައްކަތަކާ ގުޅިގެން ބޭނުންވާ ލިޔެކިޔުމާއި، މައްލޫމާތާއި އެހެނިހެން ހެކިތައް ހޯދުމަށް، ކުރިން އެންގުމަކާއިނުލައި، އޮޑިޓަރ ޖެނެރަލް ނުވަތަ އޮޑިޓަރ ޖެނެރަލް އައްޔަންކުރާ މީހަކަށް ނުވަތަ ބަޔަކަށް، ދައުލަތުގެ ތަންތަނަށް ވަދެ، އެފަދަ ތަންތާނގައިވާ ލިޔެކިޔުންތައް ބަލައި، އެކުރާ މަސައްކަތަކާ ގުޅޭ ލިޔުންތައް ނަކަލު ކުރެވިދާނެއެވެ.
(ށ) އޮޑިޓަރ ޖެނެރަލް ކުރާ މަސައްކަތަކާ ގުޅިގެން ބޭނުންވާ ލިޔެކިޔުމާއި، މައްލޫމާތާއި އެހެނިހެން ހެކިތައް، މިމާއްދާގެ (ހ) ގައި ބަޔާންވެގެންވާ ފަދަ ތަންތަން ފިޔަވައި އެހެން ތަނެއްގައި ހުރިކަމަށް ކޯޓަށް ގަބޫލުކުރެވިގެން ކޯޓުން ހޯދާ އަމުރަކާއެކު، ކުރިން އެންގުމަކާނުލައި، އޮޑިޓަރ ޖެނެރަލް ނުވަތަ އޭނާ އައްޔަންކުރާ މީހަކަށް ނުވަތަ ބަޔަކަށް، އެފަދަ ތަންތަނަށް ވަދެ، އެފަދަ ތަންތާނގައިވާ ލިޔެކިޔުންތައް ބަލައި، އެކުރާ މަސައްކަތަކާ ގުޅޭ ލިޔުންތައް ނަކަލު ކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އައްޔަންކޮށް ފޮނުވާ މީހަކީ ނުވަތަ ބަޔަކީ އޮޑިޓަރ ޖެނެރަލްގެ މަސައްކަތަކާ ގުޅިގެން އޮޑިޓަރ ޖެނެރަލްގެ ފަރާތުން ފޮނުވާ މީހެއްކަން ނުވަތަ ބަޔެއްކަން އަނގޭނޭ ރަސްމީ ލިޔުމެއް، އެތަނެއްގެ ވެރިފަރާތަށް، ނުވަތަ އެވަގުތަކު އެތަނަކާ ހަވާލުވެހުރި ފަރާތަކަށް އޭނާ ދައްކަންވާނެއެވެ.
(ރ) އޮޑިޓަރ ޖެނެރަލް ކުރަންޖެހޭ މަސައްކަތަކާ ގުޅިގެން އޮޑިޓަރ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ މީހަކު ނުވަތަ ބަޔަކު ތަނަކަށް ޒިޔާރަށްކޮށްފިނަމަ، އެދިޔަ މަސައްކަތެއް ކުރުމަށް، އެވަތުގު އެތަނެއްގައި ތިބި ބަޔަކު، ކަންތައްތައް ފަހިކޮށްދޭންވާނެއެވެ.
13 ވަނަ މާއްދާ – ދައުލަތުގެ ބަޖެޓުގެ އަހަރީ މާލީ ހިސާބުތައް އޮޑިޓްކޮށް، ރިޕޯޓު ހުށަހެޅުން
(ހ) ކޮންމެ މާލީ އަހަރެއް ނިމޭތާ 3 މަހާއި 14 ދުވަހުގެ ތެރޭގައި، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 38 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ދައުލަތުގެ އަހަރީ މާލީ ހިސާބުތައް ތައްޔާރުކޮށް، އޮޑިޓްކުރުމަށްޓަކައި، އޮޑިޓަރ ޖެނެރަލަށް، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ދައުލަތުގެ އަހަރީ މާލީ ހިސާބުތައް ތައްޔާރުކޮށް، އޮޑިޓަރ ޖެނެރަލަށް ލިބިފައިނުވާނަމަ، 14 ދުވަހުގެ ތެރޭގައި އެކަން ރައީސުލްޖުމްހޫރިއްޔާއަށައި، ރައްޔިތުންގެ މަޖިލީހަށް ލިހޔުމުން އަންގަންވާނެއެވެ.
14 ވަނަ މާއްދާ – އޮޑިޓްކުރުމުގައި ގާނޫނާއި ގަވާއިދާ ހިލާފުވުން
(ހ) އޮޑިޓްކުރުމުގެ މަސައްކަތުގެ ތެރޭގައި، ފައިސާ ބަލައިގަތުމުގައި ނުވަތަ ފައިސާ ކަރަދު ކުރުމުގައި، ނުވަތަ ފައިސާ ބެހެއްޓުމުގައި، ނުވަތަ ސްޓޭމްޕް ނުވަތަ ސެކިޔުރިޓީޒް ނުވަތަ އެހެން މުދާ ބަލައިގަތުމުގައި، ނުވަތަ ބެހެއްޓުމުގައި ނުވަތަ ދޫކުރުމުގައި، ނުވަތަ ވިއްކުމުގައި ނުވަތަ ބަދަލުކުރުމުގައި، ނުވަތަ އެކައުންޓް ކުރުމުގައި، ގާނޫނާއި ގަވާއިދާ ހިލާފުވެފައިވާކަން އޮޑިޓަރ ޖެނެރަލަށް ފާހަގަކުރެވިފައިވާނަމަ، އެކަން ލިޔުމަކުން ރައިސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނާކަމެއް ކޮށްފި މީހަކާމެދު ގާނޫނީގޮތުން ފިޔަވަޅު އެޅެންދެން، އެމީހަކަށް ވަޒީފާއަށް ނުނުކުމެވޭގޮތަށް ހަމަޖެއްސުމުގެ އިހްތިޔާރު، އޮޑިޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
15 ވަނަ މާއްދާ – އޮޑިޓްކުރުމަށް ނަގާ ފީ
(ހ) މި ގާނޫނުގެ ދަށުން އޮޑިޓްކުރެވޭ ތަނތާނގެ ތެރެއިން އޮޑިޓް ފީ ނެގުމަށް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ތަންތަނުން އޮޑިޓަރ ޖެނެރަލް ކަނޑައަޅާ އުސޫލެއްގެ މަތިން ފީ ނެގިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ނަގާ ފީ، ދައްކަން އަންގާތާ 30 ދުވަހުގެ ތެރޭގައި އެ ފީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ދައްކަންވާނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބުނާ މުއްދަތުގެ ތެރޭގައި އޮޑިޓް ފީ ދައްކާފައި ނުވާނަމަ، އޮޑިޓަރ ޖެނެރަލްގެ ފަރާތުން އެ ފައިސާ ހޯދުމަށް، ދައުލަތުން ދައްވާ ކުރަންވާނެއެވެ.
16 ވަނަ މާއްދާ – އޮޑިޓަރ ޖެނެރަލްގެ އަހަރީ ރިޕޯޓު
(ހ) މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދައުލަތުގެ އަހަރީ މާލީ ހިސާބުތައް، އޮޑިޓަރ ޖެނެރަލް ލިބޭތާ 3 މަސް ދުވުހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލް އެހިސާބުތައް އޮޑިޓްކޮށް، އެހިސާބުތައް އޮޑިޓްކުރުމުގައި އޭނާގެ އޮފީހުން ކުރި މަސައްކަތްތަކާއި، އެހިސާބުތަކާމެދު އޭނާއަށް ފެންނަގޮތާއި އަދި އޭނާއަށް ފެންނަ އިސްލާހީ ފިޔަވަޅުތައް ހިމަނާފައިވާ އިޕޯޓެއް، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި އެ ރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ.
(ށ) އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް ކޮންމެ އަހަރަކު ތައްޔާރުކޮށް، އެ އަހަރެއްގެ މާލީ ހިސާބުތަކާއެކު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އޮޑިޓަރ ޖެނެރަލް ފޮނުވަންވާނެއެވެ. އަދި އެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލް އެ ރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ (އިތުރު ކުރެވިފައި)
17 ވަނަ މާއްދާ – މަގާމުން އިސްތިއުފާދިނުން (އިސްލާހު ކުރެވިފައި)
އޮޑިޓަރ ޖެނެރަލް އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނީއެވެ. އަދި އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އޮޑިޓަރ ޖެނެރަލް އެ މަގާމުން ވަކިވީއެވެ.
18 ވަނަ މާއްދާ – އޮޑިޓަރ ޖެނެރަލް މަގާމުން ވަކިކުރުން (އިސްލާހު ކުރެވިފައި)
އޮޑިޓަރ ޖެނެރަލް މަގާމުން ވަކިކުރެވޭނީ، އޮޑިޓަރ ޖެނެރަލްގެ މަގާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ އެ މަގާމު އަދާކުރުމުގެ ގާބިލުކަން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، އޮޑިޓަރ ޖެނެރަލް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުންނެވެ. ރައްޔިތުންގެ މަޖިލީހުން އެފަދައިން ފާސްކުރުމުން، އެ ހިނދުން ފެށިގެން އޮޑިޓަރ ޖެނެރަލް އޭނާގެ މަގާމުން ވަކިވީއެވެ.
19 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް (އިތުރު ކުރެވިފައި)
އޮޑިޓަރ ޖެނެރަލްގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ރައްޔިތުންގެ މަޖިލީހުންނެވެ.
އިދާރީ ހިންގުން
20 ވަނަ މާއްދާ – އޮފީސް ހިންގުމުގެ ހަރަދު
(ހ) އޮޑިޓަރ ޖެނެރަލާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ މާލީ އަހަރެއް ފެށުމުގެ 90 ދުވަސް ކުރިން، އޮޑިޓަރ ޖެނެރަލް އެ އަހަރަކަށް ކަނޑައަޅާ މަސައްކަތު ޕްރޮގްރާމެއް ހިމެނޭ ޕްލޭނަކާއި އެ ޕްލޭންގައިވާ މަސައްކަތްތައް ކުރުމަށް ބޭނުންވާނޭ ތަފްސީލު ބަޖެޓެއް ތައްޔާރުކޮށް، އެވަގުތަކު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކޮމިޓީއަށް ފޮނުވަންވާނެއެވެ. އޮޑިޓަރ ޖެނެރަލް ހުށަހަޅާ ބަޖެޓުގައި ތިރީގައިމިވާ ކަންކަމަށް ހިނގާނެ ހަރަދުތައް ހިމަނަންވާނެއެވެ.
- އޮޑިޓަރ ޖެނެރަލަށް ލިބެންވާ މުސާރައާއި އެހެނިހެން އިނާޔަތްތައް؛
- އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް؛
- މުވައްޒަފުން ތަމްރީނުކުރުމާއި ފަންނީގޮތުން މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ކުރަންޖެހޭ ހަރަދު؛
- އޮޑިޓަރ ޖެނެރަލްގެ މަސައްކަތް ހިންގުމަށްޓަކައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ކުރަންޖެހޭ ދަތުރުފަތުރުގެ ހަރަދާއި، ކުރަންޖެހޭ އެހެނިހެން ކަންތައްތަކަށް ހިނގާ ހަރަދު؛
- އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިދާރީ ހަރަދުތަކަށް ބޭނުންވާ ފައިސާ؛
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އޮޑިޓަރ ޖެނެރަލް ހުށަހަޅާ ބަޖެޓް އެ ކޮމިޓީން ދިރާސާކޮށް، އެ ކޮމިޓީއަށް ފެންނަ ބަދަލުތައް ގެނައުމަށްފަހު، ކޮމިޓީގެ ރިޕޯޓަކާއެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހުށަހަޅަންވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެ ބަޖެޓް ފާސްކުރާ ގޮތެއްގެ މަތިން ދައުލަތުގެ މާލިއްޔާއިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފައިސާ ދޫކުރަންވާނެއެވެ.
(ނ) ބަޖެއްޓަށް ލިބޭ ފައިސާ ބޭނުންކުރަންވަނީ އޮޑިޓަރ ޖެނެރަލްގެ މަސައްކަތްތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރުމަށް، ހަރުދަނާ މާލީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.
(ރ) އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާއި، ހިނގަމުންދާ ގޮތާމެދު ކޮންމެ ތިންމަހުން އެއްމަހު ރިޕޯޓެއް ތައްޔާރުކޮށް، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.
(ބ) އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓްކޮށްފައިވާ އަހަރީ މާލީ ހިސާބާއި، އަހަރީ ޕާރފޯމަންސް ރިޕޯޓެއް ކޮންމެ އަހަރަކު އެއްފަހަރު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ޕާރފޯމަންސް ރިޕޯޓުގައި، އޮޑިޓަރ ޖެނެރަލްގެ އަހަރީ ޕްލޭންގައި ކަނޑައަޅާފައިވަ ކަންތައްތައް ހާސިލްކުރެވުނު މިންވަރަކާއި ނުކުރެވުނު ކަންކަން ސަބަބާއެކު ބަޔާންކުރަންވާނެއެވެ.
21 ވަނަ މާއްދާ - ވަޒީފާ ދިނުމާއި، ބަދަލުކުރުމާއި ވަކިކުރުން
(ހ) އޮޑިޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށާއި އޮޑިޓަރ ޖެނެރަލްގެބާރުތައް ތަންފީޒުކުރުމަށްޓަކައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ކޮންމެއަހަރަކު އޮޑިޓަރ ޖެނެރަލްގެ އޮފީސް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓާ ހިލާފްނުވާ ގޮތެއްގެމަތިން އިތުރު މުވައްޒަފުން އައްޔަންކުރުމާއި، ތަމްރީނުދިނުމާއި، މުސާރަދިނުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، އިނާޔާތްތައް ދިނުމާއި އަދި މަގާމުން ވަކިކުރުމުގެ ބާރު އޮޑިޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ށ) އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ބޭނުންވާ ފަންނީ އަދި އެހެނިހެން މުވައްޒަފުންގެ ހާއްސަ އޮނިގަނޑެއް އޮންނަންވާނެއެވެ. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، މި އޮނިގަނޑުގައި ހިމެނޭ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، މަގާމުގެ ކުރިއެރުމާއި، މަގާމާއި ހިދްމަތުގެ ށަރުތުތައް ހިމެނިފައި އޮންނަންވާނެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓްކުރުން
22 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ހިސާބުތައް އޮޑިޓްކުރުން
(ހ) އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކޮމިޓީން ކޮންމެ އަހަރަކު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އަހަރީ މާލީ ހިސާބުތަކާއި، އެކައުންޓްތަކާއި، އޮޑިޓަރ ޖެނެރަލްގެ އޮފީސް ހިންގިފައިވާ ގޮތާއި މެދު ބަލައި ރިޕޯޓުކުރުމަށް، މުސްތަގިއްލު އޮޑިޓަރަކު އައްޔަންކުރަންވާނެއެވެ.
(ށ) ކޮންމެ މާލީ އަހަރެއް ނިމޭ ތާރީހުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ހިސާބުތައް، އޮޑިޓް ކުރުމަށްޓަކައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އައްޔަންކުރާ މުސްތަގިއްލު އޮޑިޓަރާ ހަވާލުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަސައްކަތް ފުރިހަމަކުރުމަށްފަހު، އެ މަސައްކަތާ ހަވާލުވި ފަރާތަކުން އޮޑިޓާބެހޭ ރިޕޯޓެއް ލިޔުމަކުން ރައިސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އަދި އޮޑިޓަރ ޖެނެރަލަށް 3 މަސްދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.
އެހެނިހެން ކަންތައްތައް
23 ވަނަ މާއްދާ – ސިއްރު މައްލޫމާތު
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާ އަދާކުރާ އެންމެހައި މުވައްޒަފުންނަށް، އެ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބޭ މައްލޫމާތަކާއި، ސިއްރު މައްލޫމާތެކެވެ. އަދި މި ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުތަކުގައި މެނުވީ، އެފަދަ މައްލޫމާތެއް ހާމަކޮށްގެން ނުވާނެއެވެ.
24 ވަނަ މާއްދާ – ސިއްރު މައްލޫމާތު ހާމަކުރުން
(ހ)
- އެ މައްލޫމާތަކާއި އާންމު މަސްލަހަތާ ގުޅޭ މައްލޫމާތަކަށްވެފައި، އާންމުންނަށް އެނގުން މުހިންމު މައްލޫމާތެއްކަމަށް އޮޑިޓަރ ޖެނެރަލަށް ފެންނަ މައްލޫމާތު ހާމަކުރުން
- ގާނޫނަކަށް ނުވަތަ ގަވާއިދަކަށް އަމަލުކުރުމުގެ ގޮތުން އެ ގާނޫނުގައި، ނުވަތަ އެ ގަވާއިދުގައި ކަނޑައަޅާފައިވާ އިދާރާއަކަށް، ނުވަތަ ށަހްސަކަށް ހާމަކުރުން؛
- ވަކިފަރާތަކުން ދީފައިވާ އެފަރާތެއްގެ މައްލޫމާތު އެހެންފަރާތަކަށް ދިނުމުގައި، އެ މައްލޫމާތު ދިންފަރާތުން އެކަމަށް ރުހޭކަން،، ލިޔުމަކުން ހޯދުމަށްފަހު، މައްލޫމާތު ހާމަކުރުން؛
- ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން ހޯދަން އެދިއްޖެ މައްލޫމާތު؛
- ގާނޫނީ ށަހްސަކަށް ލިބިގެންވާ ތަހްގީގީ އިދާރާއަކުން ހިންގަމުން ގެންދާ ތަހްގީގަކަށް ބޭނުންވެގެން ހޯދަން އެޖިއްޖެ މައްލޫމާތު؛
- ށަރްއީ އަމުރެއްގެ ދަށުން ހާމަކުރަންޖެހޭ މައްލޫމާތު.
(ށ) މި މާއްދާގެ (ހ) ގައިވާގޮތާ ހިލާފަށް މައްލޫމާތު ހާމަކުރާ ފަރާތެއްގެ އަދަބަކީ 25،000 (ފަންސަވީސް ހާސް) އަށްވުރެން ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން.
(ނ) މި މާއްދާގެ (ހ) ގައިވާގޮތާ ހިލާފަށް، ޒާތީ މަންފާއަކަށް މައްލޫމާތު ހާމަކުރި، ނުވަތަ ބޭނުންކުރާ މީހެއްގެ އަދަބަކީ، އެމީހަކު އެހޯދި މަންފާއަކަށް ރިއާޔަށްކޮށް 10،000 (ދިހަހާސް) ރުފިޔާއަށް ވުރެ މަދުނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު 3 މަސް ދުވަހާއި 1 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.
25 ވަނަ މާއްދާ – ގާނޫނު ހިންގުމާއި ގަވާއިދު ހެދުން
މި ގާނޫނު ހިންގުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، އޮޑިޓަރ ޖެނެރަލެވެ.
26 ވަނަ މާއްދާ – ކުށާއި އަދަބު
(ހ)
- މި ގާނޫނުގެ ދަސުން އޮޑިޓަރ ޖެނެރަލަށް ލިބިދޭ އިހްތިޔާރުތަކުގެ ދަށުން ކުރަންއުޅޭ މަސައްކަތަކަށް ގަސްތުގައި ހުރަސްއެޅުމާއި، އޭނާ ބޭނުންވާ މައްލޫމާތު ވަންހަނާ ކުރުމަކީ ކުށެކެވެ.
- މި މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށެއްކޮށްފި މީހެއްގެ މައްސަލަ ބެލުމަށްފަހު، ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އޮޑިޓަރ ޖެނެރަލް ފޮނުވަންވާނެއެވެ (އިސްލާހު ކުރެވިފައި)
(ށ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް އެއްވެސް މީހެއްގެ އަމިއްލަ ނަފްސާ އިދިކޮޅަށް މައްލޫމާތު ދިނުން ލާޒިމެއް ނުކުރެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ 10،000 (ދިހަހާސް) ރުފިޔާއާއި 75،000 (ހަތްދިހަ ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރުމެވެ. ނުވަތަ 3 މަސް ދުވަހާއި 1 އަހާރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ނުވަތަ ޖޫރިމަނާ އާއެކު ޖަލަށްލުމެވެ.
ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ
27 ވަނަ މާއްދާ – ލަފުޒުތަކާއި އިބާރާތް
މި ގާނޫނުގައި، އެ އިބާރާތް ހިމެނިފައިވާގޮތުން އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަނުވާނަމަ:
"ދައުލަތުގެ ފައިސާ" ކަމަށް ބުނެފައި އެވަނީ، ކޮންމެ ގޮތެއްގައިނަމަވެސް، ދައުލަތަށް ލިބިފައިވާ، ނުވަތަ ހޯދާފައިވާ ނުވަތަ ދައުލަތުގެ ނަމުގައި ބަލައިގެންފައިވާ އެންމެހައި އާމްދަނީއާއި، ލޯނާއި، ޓްރަސްޓާއި އެހެނިހެން ފައިސާއާއި ހުރިހާ ސްޓޭމްޕަކާއި، ބޮންޑާއި، ޑިބެންޗަރާއި އެހެން ސެކިއުރިޓީއަށެވެ. ޕަބްލިކް ޓްރަސްޓީގެ ގޮތުގައި، ނުވަތަ އޮފިށަލް ރިސީވަރެއްގެ ގޮތުގައި، ނުވަތަ ދައުލަތުގެ ފަރާތުން އެކަމަށް ކަނޑައަޅާފައިވާ ވަކީލެއްގެގޮތުން، ދައުލަތުގެ ފައިސާއެއްގެ ގޮތުގައި ނޫންގޮތެއްގައި ބަލައިގެންފައި، ނުވަތަ ލިބިފައި ހުންނަ ފައިސާވެސް މީގެތެރޭގައި ހިމެނެއެވެ.
"ށަހްސު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އިދާރާއަކަށް ނުވަތަ ދައުލަތުގެ ވިޔަފާރި ތަނަކަށް ނުވަތަ ދައުލަތުގެ ކޮންޓްރޯލިންގ ހިއްސާ އޮންނަ ވިޔަފާރި ތަނަކަށް ނުވަތަ އެހެން ގާނޫނެއްގައި ށަހްސެއްކަމަށް ބަޔާންކޮށްފައިވާ ކޮންމެތަނެކަށެވެ.
"އޮޑިޓަރ ޖެނެރަލް އައްޔަންކުރާ މީހެއް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް އޭނާ ލިޔުމުން ހުއްދަދޭ މީހަކަށެވެ.
"މާލީ އަހަރު" ކަމަށް ބުނެފައި އެވަނީ، ކޮންމެ މީލާދީ އަހަރެއްގެ ޖަނަވަރީމަހުގެ 1 އިން ފެށިގެން ޑިސެމްބަރމަހުގެ 31 ގެ ނިޔަލަށް ހިނގާ މުއްދަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި ނިމޭދުވަސް ހިމެނެއެވެ.
"އޮޑިޓް ފީ" ކަމަށް ބުނެފައި އެވަނީ، އޮޑިޓްކުރުމަށްޓަކައި އޮޑިޓްކުރާ ފަރާތަށް ދެވޭ އުޖޫރައަށެވެ.
"ފަރފޯމަންސް އޮޑިޓް" ކަމަށް ބުނެފައިއެވަނީ، އެފަރާތުގެ ވަސީލަތްތައް ބޭނޫންކޮށްފައިވާ ގޮތް ބަލައި ވަޒަންކުރުމާއި އެފަރާތުގެ މަސައްކަތް ހިނގާފައިވަނީ ހަރުދަނާ މާލީ އުސޫލުތަކާއި ހަމަތަކުގެ މަތިންތޯ ބަލައި ވަޒަންކުރުމަށެވެ.
"ދައުލަތުގެ ތަންތަން" ކަމަށް ބުނެފައި އެވަނީ، މިގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންތަނަށެވެ.
މި ގާނޫނަށް ގެނެވުނު އިސްލާހު
މި ގާނުގެ ދަށުން ހެދިފައިވާ ގަވާއިދު/ އުސޫލު
- ރެގިއުލޭށަން އޮން ދި އޮޑިޓް އެންޑް އެކައުންޓެބިލިޓީ އޮފް ސްޓޭޓް-އޯންޑް އެންޓަރޕްރައިސަސް (ގަވާއިދު ނަންބަރު 2021/152)
- ގާނޫނުއަސާސީން ނުވަތަ ދިވެހިރާއްޖޭގެ ގާނޫނުތަކުން އެސެޓް ޑިކްލަރޭށަން ތައްޔާރުކޮށް އޮޑިޓަރ ޖެނެރަލަށް ހުށަހެޅުމަށް ލާޒިމުކޮށްފައިވާ ފަރާތްތަކުގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނީގެ މަޢުލޫމާތު އޮޑިޓަރ ޖެނަރަލަށް ހާމަކުރުމުގެ އުސޫލު (އުސޫލު - 11 ޖުލައި 2020)
- އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ލިޔެކިއުމާއި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 50/2020)
- ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 23/2020)
- ގާނޫނީ އޮޑިޓްކުރުމާއި އެށޯރެންސްގެ ހިދްމަތް ދިނުމުގެ ގަވާއިދު (2 ވަނަ އިސްލާހާއެކު) (ގަވާއިދު ނަންބަރު 222/2015)
- ގާނޫނީ އޮޑިޓްކުރުމާއި އެށޯރެންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 24/2012)
ކިޔުންތެރިންގެ ހިޔާލު