-

ބިޒްނަސް ވީޒާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 113/2021) (ކޮންސޮލިޑޭޓެޑް)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި) 

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ރަޖިސްޓްރާރ އޮފް ބިޒްނަސަސް ކަނޑައަޅާ ގޮތެއްގެ މަތީން، ރަޖިސްޓްރާރ އޮފް ބިޒްނަސަސް ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް ޓަކައި، އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް އަންނަ ބިދޭސީއަކަށް ބިޒްނަސް ވީޒާ ދޫކުރުމާއި، އެ ވީޒާގެ މުއްދަތު އިތުރުކުރުމާއި، ވީޒާ ބާތިލުކުރުމާ ގުޅޭ އެންމެހައި އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމަށް ޓަކައި އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނު) ގެ 9 ވަނަ މާއްދާގެ (ޅ) އިން ބާރު ލިބިގެން ރަޖިސްޓްރާރ އޮފް ބިޒްނަސަސް ހަދައިފައިވާ ގަވާއިދެކެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، "ބިޒްނަސް ވީޒާއާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ރަޖިސްޓްރާރ އޮފް ބިޒްނަސަސް ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް ޓަކައި، އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް އަންނަ ބިދޭސީއަކަށް ވަކި މުއްދަތަކަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ދިނުމުގައި ނުވަތަ ވީޒާ ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާނެ ފަރާތް 

(ހ) ރަޖިސްޓްރާރ އޮފް ބިޒްނަސަސް ދޫކުރާ ހުއްދައިގެ މައްޗަށް ބިނާކޮށް، މި ގަވާއިދުގެ ދަށުން އިތުރު ށަރުތަކާ ނުލައި ބިޒްނަސް ވީޒާ ދޫކުރުމާއި، އެ ވީޒާގެ މުއްދަތު އިތުރުކުރުމާއި، ވީޒާ ބާތިލުކުރުމުގެ އެންމެހައި ކަންކަން ހިންގައި ތަންފީޒުކުރާނީ ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކޮންޓްރޯލަރ އޮފް އިމިގްރޭށަންއެވެ.

(ށ) މި ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ބިޒްނަސް ވީޒާ ދޫނުކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ބިޒްނަސް ވީޒާއަށް އެދެވޭނެ ފަރާތްތައް 

ބިޒްނަސް ވީޒާއަށް ބިދޭސީ ފަރާތުގެ ނަމުގައި އެދެވޭނީ، ދިވެހިރާއްޖޭގައި އިންވެސްޓުކުރުމުގެ ށައުގުވެރިކަން ފާޅުކޮށް ރާއްޖެ އަންނަން ބޭނުންވާ ބިދޭސީއަކީ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތަކާ ގުޅިގެން ދިވެހިރާއްޖެއަށް ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އަންނަ ބިދޭސީއަކަށް ވާނަމައެވެ.

(ހ) ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތައް .

(ށ) ގާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރށިޕްތައް. 

(ނ) ގާނޫނު ނަންބަރު 3/2007 (ކޯޕަރޭޓިވް ސޮސައިޓީ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

(ރ) ގާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

(ބ) ވަކި ގާނޫނަކުން އުފައްދައިފައިވާ ޖަމްއިއްޔާތައް.

(ޅ) ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތައް.

 

5 ވަނަ މާއްދާ - ބިޒްނަސް ވީޒާއަށް އެދޭ ފަރާތުން ހުށަހަޅާންޖެހޭ މައުލޫމާތު

ބިިޒްނަސް ވީޒާއަށް އެދޭ ބިދޭސީ ފަރާތުން، މި މާއްދާގެ (ހ) އިން ފެށިގެން (ކ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާން ވާނެއެވެ. (މި މާއްދާ ވަނީ ގަވާއިދު ނަންބަރު 151/2021 އިން އިސްލާހު ކުރެވިފައި)

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ފަރާތަކާއެކު ވިޔަފާރިއާބެހޭ މަށްވަރާތައް ކުރުމަށް އެދޭކަން އަންގައި، ކުންފުންޏެއް ނަމަ، އެ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ، ޕާޓްނަރށިޕެއް ނަމަ، އެ ޕާޓްނަރށިޕެއްގެ މެނޭޖިންގ ޕާޓްނަރ، ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ، އެ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ޗެއަރޕަރސަން ނުވަތަ  އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނަމަ، އެ ވިޔަފާރިއެއްގެ މަސް އޫލުވެރިޔާގެ ސޮއިކޮށްފައިވާ ލިޔުމެއް.

(ށ) ވަކި މަސައްކަތެއް ކުރުމަށް ބިދޭސީއެއް ގެނައުމަށް އެދޭ ފަރާތަކީ، ގާނޫނަކުން ރާއްޖޭގައި އުފައްދައިފައިވާ ޖަމްއިއްޔާއެއް ނަމަ، އެ މަސައްކަތުގެ ތަފުސީލު ހިމަނައިފައި، އެ ޖަމްއިއްޔާގެ ރައީސް ސޮއިކޮށްފައިވާ ލިޔުމެއް.

(ނ) ވކި މަސައްކަތެއް ކުރުމަށް ބިދޭސީއެއް ގެނައުމަށް އެދޭ ފަރާތަކީ ސަރުކާރުގެ އިދާރާއެއް ނަމަ، ނުވަތަ ދައުލަތުގެ މުއައްސަސާއެއް ނަމަ، އެ މަސައްކަތުގެ ތަފުސީލު ހިމަނައިފައި، އެ އިދާރާއެއްގެ ކަމާބެހޭ ފަރާތަކުން ސޮ އިކޮށްފައިވާ ލިޔުމެއް.

(ރ) ދިވެހިރާއްޖޭގައި އިންށޫރަންސްގެ ހިދުމަތް ދިނުމަށް ލައިސަންސް ދީފައިވާ ފަރާތަކުން ނުވަތަ ދިވެހިރާއްޖެއިން ބޭރުންވިޔަސް އެފަދަ ފަރާތަކުން ދޫކޮށްފައިވާ ހެލްތް އެންޑް ޓްރެވަލް އިންށޫރަންސް ޕޮލިސީގެ ކޮޕީ. (މި މާއްދާ ވަނީ ގަވާއިދު ނަންބަރު 151/2021 އިން އިސްލާހު ކުރެވިފައި)

(ބ) މި ގަވާއިދުގެ 8 މާއްދާގައި ބަޔާންކޮށްފައިވާ ށަރުޠުތައް ފުރިހަމަވާކަމަށް ބަޔާންކޮށް، ރާއްޖެ އައުމަށް އެދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ޑިކްލަރޭށަން. (މި މާއްދާ ވަނީ ގަވާއިދު ނަންބަރު 151/2021 އިން އިސްލާހު ކުރެވިފައި)

(ޅ) މޯލްޑިވްސް އިމިގްރޭށަނުން ފޮޓޯ ގަބޫލުކުރާ މިންގަނޑަށް ފެތޭގޮތަށް ނަގައިފައިވާ، ނެގިތާ 3 (ތިނެއް) މަސްދުވަސް ނުވާ 1 (އެކެއް) ފޮޓޯގެ ސޮފްޓް ކޮޕީ.

(ކ) އެ ބިދޭސީއެއްގެ މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތު އޮތް ޕާސްޕޯޓުގެ ޑޭޓާޕޭޖުގެ ކުލަ ކޮޕީ.

(އ) މި މާއްދާގެ (ހ) އިން ފެށިގެން (ކ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، ބިޒްނަސް ވީޒާއަށް އެދޭ ބިދޭސީ މީހާގެ މާލީ ގާބިލުކަން ކަށަވަރުކޮށްދިނުމަށް އެދިއްޖެނަމަ، މާލީ ގާބިލުކަން ކަށަވަރުކުރުމަށް ޓަކައި، ކަމާބެހޭ ފަރާތަކުން ދޫކޮށްފައިވާ ލިޔުމެއް. (ނޮޓަރައިޒްކޮށްފައި)

 

6 ވަނަ މާއްދާ - ބިޒްނަސް ވީޒާގެ މުއްދަތު 

(ހ) ބިިޒްނަސް ވީޒާ ދޫކުރެވޭނީ އެ ވީޒާއަށް އެދި ހުށަހަޅާ ފަރާތަކަށް، މީލާދީ ކޮންމެ އަހަރެއްގައި 180 (އެއް ސަތޭކަ އަށްޑިހަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެ މަތިން، ފަހަރަކު 30 (ތިރީސް) ދުވަހާއި 90 (ނުވަދިހަ) ދުވަހާ ދެމެދުގެ މުއްދަތަކަށެވެ. (މި މާއްދާ ވަނީ ގަވާއިދު ނަންބަރު 151/2021 އިން އިސްލާހު ކުރެވިފައި)

(ށ) ބިޒްނަސް ވީޒާގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާނަމަ، ހުއްދައިގެ މުއްދަތު ހަމަވުމުގެ 10 (ދިހައެއް) ދުވަހުގެ ކުރިން، މުއްދަތު އިތުރުކުރުމަށް ހުށަހަޅާންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، މުއްދަތު އިތުރުކޮށްދެވޭނީ، މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހެޅި ސަބަބަށް ރިއާޔަތްކޮށް، ވީޒާ އިތުރުކޮށްދިނުމަށް ފެނިއްޖެ ހިނދެއްގައި، ބިޒްނަސް ވީޒާގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން، މީލާދީ އަހަރެއްގެ ތެރޭގައި، 180) އެއް ސަތޭކަ އަށްޑިހަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެ މަތިން، ފަހަރަކު 30 (ތިރީސް) ދުވަހާއި 90 (ނުވަދިހަ) ދުވަހާ ދެމެދުގެ މުއްދަތަކަށެވެ. (މި މާއްދާ ވަނީ ގަވާއިދު ނަންބަރު 151/2021 އިން އިސްލާހު ކުރެވިފައި)

 

7 ވަނަ މާއްދާ - ބިޒްނަސް ވީޒާގެ މުއްދަތުގައި ރާއްޖެއަށް އައުމާއި ރާއްޖެއިން ފުރުން

ބިޒްނަސް ވީޒާގެ މުއްދަތުގެ ތެރޭގައި، ވީޒާ ލިބިފައިވާ ފަރާތަކުން، ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނު) ގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާއާ ހިލާފުނުވާހައި ހިނދަކު، ރާއްޖެ އައުމާއި ރާއްޖެއިން ފުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެއެވެ.

  

8 ވަނަ މާއްދާ - ބިޒްނަސް ވީޒާ ދޫކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ އާންމު ށަރުތުތައް

މި ގަވާއިދުގެ ދަށުން ބިޒްނަސް ވީޒާގައި ރާއްޖެ އައުމަށް އެދޭ ފަރާތެއްގެ ކިބައިގައި އަންނަނިވި އާންމު ށަރުތު ތައް، ހުރިހާ ވަގުތެއްގައި ވެސް ފުރިހަމަވެފައި ހުންނާންޖެހޭނެއެވެ.

(ހ) ބިޒްނަސް ވީޒާއަށް ހުށަހަޅާއިރު، ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނު) ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެހެން އެއްވެސް ވީޒާއެއް އޮތް މީހަކު ކަމުގައި ނުވުން.

(ށ) އެއްވެސް ގައުމެއްގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ނ) އެއްވެސް ކުށަކާ ގުޅިގެން ދައުވާއެއް އުފުލައިފައި ނުވަތަ ތަހުގީގެއް އެ މީހެއްގެ މައްޗަށް ހިންގަމުންގެންދާ މީހަކު ކަމުގައި ނުވުން.

(ރ) ގެވެށި އަނިޔާގެ މައްސަލައެއް ނުވަތަ އެ ބާވަތުގެ އެހެން މައްސަލައަކާ ގުޅިގެން އެ މީހެއްގެ މައްޗަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ބ) ގެވެށި އަނިޔާގެ މައްސަލައެއްގައި ނުވަތަ އެ ބާވަތުގެ އެހެން މައްސަލައެއްގައި އަމުރެއް ރައްދުކުރެވިފައިވާ މީހަކު ކަމުގައި ނުވުން.

(ޅ) އެހެން މީހެއްގެ ހިމާޔަތަށް ޓަކައި، ގެވެށި އަނިޔާ ނުވަތަ އެ ބާވަތުގެ އެހެން މައްސަލައަކާ ގުޅިގެން ޓްރައިބިއުނަލަކުން ނުވަތަ ކޯޓަކުން އެ މީހެއްގެ މައްޗަށް އެއްވެސް އަމުރެއް ނެރެފައިވާ މީހަކު ކަމުގައި ނުވުން.

(ކ)  ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައި ވުން.

(އ) އިންޓަރޕޮލްގެ ނޯޓިހެއް ނުވަތަ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ މީހަކު ކަމުގައި ނުވުން.

(ވ)  ދިވެހިރާއްޖެއިން ޑީޕޯޓުކޮށްފައިވާ މީހަކު ކަމުގައި ނުވުން.

(މ) ޖިންސީ ކުށެއް، ނުވަތަ އިންސާނީ ވަގުފާރީގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ފ) ޖިނާއީ ކުށެއް ނުވަތަ ކޮރަޕްށަ ނުގެ އަމަލެއް ނުވަތަ މަނީ ލޯންޑަރކުރުމުގެ އަމަލެއް ހިންގައިފައި ނުވުމާއި، އެފަދަ އަމަލެއް ހިންގި ގްރޫޕަކަށް ނިސްބަތްވާ މީހަކު ކަމުގައި ނުވުން.

(ދ) ބިދޭސީމީހާ، އެ މީހަކު ނިސްބަތްވާ ގައުމު ނުވަތަ އެ މީހަކު ރާއްޖޭގައި މަސައްކަތް ކުރުމަށް ކަނޑައަޅައި ފައިވާ ތަނަކީ، ބިޒްނަސް ވީޒާގައި ރާއްޖެ އަންނަ ބިދޭސީންގެ ސެކިއުރިޓީ ސްކްރީން ކުރުމަށް ކަމާބެހޭ އިދާރާއަކުން ކަނޑައަޅައިފައިވާ މީހެއް ނަމަ، ނުވަތަ ގައުމެއް ނަމަ، ނުވަތަ ތަނެއް ނަމަ، އެ ބިދޭސީއަކަށް ބިޒްނަސް ވީޒާ ދޫކުރެވޭނީ، ސެކިއުރިޓީ ސްކްރީނިންގ ފުރިހަމަ ކުރުމުންނެވެ.

(ތ) ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް ގިންތީތަކުގައި ހިމެނިފައިވާ މީހަކަށް ނުވުން.

 

9 ވަނަ މާއްދާ - އެޕްލިކޭށަން ފުރިހަމަވުން 

ބިޒްނަސް ވީޒާ އެޕްލިކޭށަން ފުރިހަމަވީކަމަށް ބަލާނީ، އެޕްލިކޭށަން ފޯމާއި، ޑިކްލަރޭށަނާއި، ބިދޭސީ ފަރާތުގެ މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތު އޮތް ޕާސްޕޯޓުގެ ބަޔޯޑޭޓާ ހިމެނޭ ސަފުހާގެ ކުލަ ކޮޕީ، ބިޒްނަސް ޕޯޓަލްގެ ޒަރީއާއިން މިނިސްޓްރީއަށް ލިބުމުންނެވެ. އަދި ފުރިހަމަ އެޕްލިކޭށަން ހުށަހަޅާ ކޮންމެ ފަރާތަކަށް ވެސް އެޕްލިކޭށަން ރިފަރަންސް ނަންބަރެއް، ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ފޮނުވޭނެއެވެ.

 

10 ވަނަ މާއްދާ - އެޕްލިކޭށަން ބަލައިގަތުން

ބިިޒްނަސް ވީޒާއަށް އެދެވޭނީ، ހަމައެކަނި https://business.egov.mv ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ. (މި މާއްދާ ވަނީ ގަވާއިދު ނަންބަރު 151/2021 އިން އިސްލާހު ކުރެވިފައި)

 

11 ވަނަ މާއްދާ - ށަރުތު ފުރިހަމަވާ ފަރާތްތަކަށް ބިޒްނަސް ވީޒާ ދޫކުރުން 

މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ބިޒްނަސް ވީޒާއަށް އެދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަވާ ހާލަތް ތަކުގައި، އެޕްލިކޭށަން ބަލައިގަންނަތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެޕްލިކޭށަން ހުށަހެޅި ފަރާތަށް ބިޒްނަސް ވީޒާ  ހުއްދަ ދިނުމުން، ބިދޭސީ ފަރާތަށް ވީޒާ ދޫކުރާނީ، ކޮންޓްރޯލަރ އޮފް އިމިގްރޭށަންއެވެ.

  

12 ވަނަ މާއްދާ - ބިޒްނަސް ވީޒާ ބާތިލުކުރުން 

އަންނަނިވި ހާލަތްތަކުން ހާލަތެއް މެދުވެރިވެއްޖެނަމަ، ބިޒްނަސް ވީޒާ ދޫކޮށްފައިވާ ފަރާތުގެ ވީޒާ ބާތިލު ކުރެވޭނެއެވެ.

(ހ) ބިިޒްނަސް ވީޒާގެ ހުއްދަ ދޫކުރާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެ ހުއްދައިގެ ދަށުން ރާއްޖެއަށް އެތެރެވެފައި ނުވުން. (މި މާއްދާ ވަނީ ގަވާއިދު ނަންބަރު 151/2021 އިން އިސްލާހު ކުރެވިފައި)

(ށ)  ބިޒްނަސް ވީޒާ ހޯދުމަށް އެދި ހުށަހެޅި އެޕްލިކޭށަނުގައި ސައްހަ ނޫން މައުލޫމާތު ހުރިކަން އެނގުން.

(ނ) ބިޒްނަސް ވީޒާގައި ކުރުމަށް އައި ކަންކަން ފިޔަވައި، ހުއްދައިގައި ނުހިމެނޭ ކަމެއް ކުރުން.

(ރ) ބިޒްނަސް ވީޒާ ދޫކޮށްފައިވާ ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވުން.

(ބ) ބިޒްނަސް ވީޒާގައި ހުރި މީހަކު، ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފުވުން.

 

13 ވަނަ މާއްދާ - ބިޒްނަސް ވީޒާ ބާތިލުކޮށްފައިވާ މީހުންނަށް އަލުން ބިޒްނަސް ވީޒާ ދޫކުރުން 

މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެގެން، ބިޒްނަސް ވީޒާ ބާތިލުކުރެވޭ ފަރާތަކަށް، އަލުން ބިޒްނަސް ވީޒާއަށް އެދި ހުށަހެޅޭނީ، 5 (ފަހެއް) އަހަރު ފަހުންނެވެ.

 

14 ވަނަ މާއްދާ - ބިޒްނަސް ވީޒާ ހުއްދަ ބާތިލުކުރުމުގެ ނަތީޖާ 

މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި، ބިޒްނަސް ވީޒާ ހުއްދަ ބާތިލުކުރުމަށް ނިންމާތާ، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، އެ ފަރާތަކަށް ދޫކޮށްފައިވާ ވީޒާ ބާތިލުކުރުމަށް ކޮންޓްރޯލަރ އޮފް އިމިގްރޭށަންއަށް އަންގާންވާނެއެވެ.

 

15 ވަނަ މާއްދާ - ބިޒްނަސް ވީޒާ ފީ 

ބިޒްނަސް ވީޒާ ދޫކުރެވޭނީ، ބިޒްނަސް ވީޒާ ދޫކުރާ ކޮންމެ 3 (ތިނެއް) މަސްދުވަހަކަށް، ނުވަތަ އެ މުއްދަތުން ބަޔަކަށް، ބިޒްނަސް ވީޒާ ފީގެ ގޮތުގައި 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާ ދެއްކުމުންނެވެ. މި ފީއަކީ، ނޮން-ރިފަންޑަބަލް ފީއެކެވެ. 

 

16 އިސްތިސްނާ ހާލަތުތައް 

މި ގަވާއިދަށް އަމަލުކުރާން ފަށާއިރު، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ޓަކައި، އެއްވެސް ގައުމަކާއެކު، ބިޒްނަސް ވީޒާ ދޫކުރުމުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް ކަނޑައަޅައިފައިވާނަމަ، އެފަދަ އުސޫލުތަކެއްގެ ދަށުން އަމަލުކުރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

17 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) ބިޒްނަސް ވީޒާގެ މުއްދަތު ހަމަވާ ފަހުން ނުވަތަ ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ ދަށުން ހުއްދަ ބާތިލުކުރާ ފަހުން، އެ ބިދޭސީއަކު ރާއްޖޭގައި ހުރުމަކީ ނުވަތަ ބެހެއްޓުމަކީ، އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެކެވެ.

(ށ) މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ކުރީ ދިވެހި ރައްޔިތަކު ނަމަ، ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނު) ގެ 33 ވަނަ މާއްދާގެ (ށ) ގެ ދަށުން އަދަބު ކަނޑައެޅޭނެއެވެ. އަދި މިފަދަ ކުށެއް ކުރީ ބިދޭސީއަކު ނަމަ، ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނު) ގެ 33 ވަނަ މާއްދާގެ (ނ) ގެ ދަށުން އަދަބު ކަނޑައެޅޭނެއެވެ.

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފުވެއްޖެނަމަ ނުވަތަ މި ގަވާއިދުން ހާސިލުކުރަން ބޭނުންވާ މަގުސަދުތައް ހާސިލުވިޔަނުދިނުމުގެ ގޮތުން އަމަލެއް ކޮށްފިނަމަ، ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނު) ގައިވާ ގޮތެއްގެ މަތީން އެ ކަމަކަށް ކަނޑައަޅައިފައިވާ އަދަބު ދެވޭނެއެވެ. 

 

18 ވަނަ މާއްދާ - އިންތިގާލީ އިންތިޒާމުތައް 

މި ގަވާއިދަށް އަމަލުކުރާން ފަށާއިރު، ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނު) ގެ ދަށުން ދޫކޮށްފައިވާ ކޮންމެ ބިޒްނަސް ވީޒާއެއް ވެސް ދެމިއޮންނާނީ، އެ ވީޒާ ދޫކުރި މުއްދަތަށެވެ. އަދި އެ މުއްދަތު އިތުރުކުރަން އެދޭ ނަމަ، ބިޒްނަސް ވީޒާގެ މުއްދަތު ހަމަވުމުގެ 10 (ދިހައެއް) ދުވަހުގެ ކުރިން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބިޒްނަސް ވީޒާއަށް އެދި، މިނިސްޓްރީއަށް ހުށަހަޅާންވާނެއެވެ.

  

19 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރާން ފެށުން

މި ގަވާއިދަށް އަމަލުކުރާން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

20 ވަނަ މާއްދާ - މާނަކުރުން 

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ބިދޭސީން" ކަމަށް ބަޔާންކޮށްފައި އެވަނީ، ދިވެހި ރައްޔިތުން ނޫން މީހުންނަށެވެ.

(ށ) "ރެޖިސްޓްރާރ އޮފް ބިޒްނަސަސް" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ރެޖިސްޓްރާރ އޮފް ބިޒްނަސަސް" އަށެވެ.

 

(ނޯޓް: އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނޭ ޖަދުވަލު 1، އަދި 2 ވަނީ ގަވާއިދު ނަންބަރު 151/2021 (ބިޒްނަސް ވީޒާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 113/2021)  ) އަށް ގެނެވުނު 1 ވަަނަ އިސްލާހުގެ 8 ވަނަ މާއްދާއިން އުވާލެފިފައި)

 

މައި ގަވާއިދު

ބިޒްނަސް ވީޒާގެ ހުއްދަ ދޫކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އެ ހުއްދައިގެ ދަށުން ދިވެހިރާއްޖެއަށް އެތެރެވެފައި ނުވުން.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

އިމިގްރޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 1/2007)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު