ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުން، 1ވަނަ އަށް އަންނަ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ ސްކޮލަރށިޕު ގެ އުސޫލު
(އުސޫލު ނަންބަރު 2026-26)
(މި އުސޫލަށް އަމަލުކުރަން ފެށީ 17 ސެޕްޓެމްބަރު 2026 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި އުސޫލަކީ، ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުން، މުޅި މުބާރާތުގެ ހާފިޒުންގެ ބައިންނާއި، މުޅި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިންނާއި، މުޅި މުބާރާތުގެ ނުބަލައި ކިޔެވުމުގެ ބައިން، މި 3 (ތިނެއް) ކެޓެގަރީން ކުރެ ކޮންމެ ކެޓެގަރީއަކުން 1ވަނަ އަށް އަންނަ ފަރާތަށް، މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ރޮނގަކުން ފުރަތަމަ ޑިގްރީން ފެށިގެން ޕީއެޗްޑީއާ ހަމަޔަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ ސްކޮލަރށިޕް ސްކީމާ ގުޅޭ ކަންކަން ބަޔާންކުރުމަށް ޓަކައި، އެކުލަވައިލައިފައިވާ އުސޫލެކެވެ.
(ށ) މި އުސޫލުގެ ދަށުން ދޭ ސްކޮލަރށިޕަކީ، ކީރިތި ގުރުއާން ކިޔެވުމަށާއި ހިތުދަސްކުރުމަށް ލޯބިޖައްސައި، ގުރުއާން ކިޔެވުމުގެ ފަންނު އާލާކުރުމާއި، ދިރުވުމާއި، ތަޖުވީދުމަގުން ރީތިކޮށް ގުރުއާން ކިޔެވުމަށް ބާރުއެޅުމާއި، އެކަންކަމަށް ހިތްވަރުދިނުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ ސްކޮލަރށިޕެކެވެ.
(ނ) މި އުސޫލަށް ކިޔާނީ، "ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުން 1ވަނަ އަށް އަންނަ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ ސްކޮލަރށިޕުގެ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މަގުސަދަކީ، ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން 1ވަނައަށް އަންނަ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ ސްކޮލަރށިޕުގެ ކަންކަން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކުރިޔަށްގެންދިއުމަށް ޓަކައި އެކަމާ ގުޅޭ އެންމެހައި އިޖުރާތުތައް ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - ސްކޮލަރށިޕް ދެވޭނެ ފަރާތްތައް
(ހ) މި އުސޫލުގެ ދަށުން ސްކޮލަރށިޕް ފުރުސަތު ދޭނީ އަންނަނިވި ފަރާތްތަކަށެވެ.
- ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މުޅި މުބާރާތުން ހާފިޒުންގެ ބައިން 1 ވަނަ ހާސިލުކުރާ ދިވެހި ރައްޔިތެއް؛ ނުވަތަ،
- ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން 1 ވަނަ ހާސިލުކުރާ ދިވެހި ރައްޔިތެއް؛ ނުވަތަ،
- ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ބައިން 1 ވަނަ ހާސިލުކުރާ ދިވެހި ރައްޔިތެއް.
(ށ) މުބާރާތުގެ އެއްބަޔަށް ވުރެ ގިނަ ބައިން މުޅި މުބާރާތުން 1 ވަނައަށް ހޮވިގެން ނުވަތަ މުޅި މުބާރާތުން އެކިފަހަރުމަތިން އެކި އަހަރު، އެއް ފަރާތެއް ތަކުރާރުކޮށް 1 ވަނައަށް ހޮވިއްޖެ ހިނދެއްގައި އެ ފަރާތަކަށް ސްކޮލަރށިޕް ދޭނީ 1 (އެކެއް) ފަހަރުއެވެ.
4 ވަނަ މާއްދާ - ސްކޮލަރށިޕު ގެ ދަށުން ކިޔެވޭނެ ލެވެލްއާއި މުއްދަތު
(ހ) ސްކޮލަރށިޕްގެ ދަށުން ފުރުސަތު ދޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ފުރަތަމަ ޑިގްރީއާއި، މާސްޓަރސް ޑިގްރީއާއި، ޕީއެޗްޑީ ލެވެލްގެ ޕުރޮގުރާމުތައް ފުލްޓައިމްކޮށް ކިޔެވުމަށެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ލެވެލްތަކުގެ ތެރެއިން އެއްވެސް ލެވެ ލްއެއް ހާސިލުކޮށްފައިވާ ނަމަ، އެ ފަރާތަށް ސްކޮލަރށިޕުގެ ފުރު ސަތު ލިބޭނީ ހާސިލުކޮށްފައިވާ ސަނަދަށް ވުރެ މަތީ ސަނަދެއް ހާސިލުކުރުމަށެވެ.
(ށ) ފުރަތަމަ ޑިގްރީ ލެވެލްގެ ތިރީގައި ބަޔާންކޮށްފައިވާ ޕުރޮގުރާމުތައް
- 3 (ތިނެއް) އަހަރުގެ ނުވަތަ 4 (ހަތަރެއް) އަހަރުގެ މުއްދަތުގެ ތެރޭގައި ފުރިހަމަކުރާ ބެޗްލަރސް ޑިގްރީ ނުވަތަ ބެޗްލަރސް ޑިގްރީ ވިތު އޮނަރސް ޕުރޮގުރާމުތައް؛ ނުވަތަ
- 3 (ތިނެއް) އަހަރުދުވަހުގެ ނުވަތަ 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ބެޗްލަރސް ޑިގްރީއަކާއެކު ފުރިހަމަކުރާ ޕްރޮފެށަނަލް ލައިސަންސް ޕުރޮގުރާމުތައް؛
- ކިޔެވުމާއި އިންޓަރންށިޕް ހިމެނޭ ގޮތަށް ގިނަވެގެން 6 (ހައެއް) އަހަރުގެ މުއްދަތުގެ ތެރޭގައި ފުރިހަމަކުރާ، މެޑިސިން ނުވަތަ ޑެންޓިސްޓްރީގެ ބެޗްލަރސް ޑިގްރީ ޕުރޮގުރާމުތައް.
(ނ) މާސްޓަރސް ޑިގްރީ ލެވެލްގެ ތިރީގައި ބަޔާންކޮށްފައިވާ ޕުރޮގުރާމުތައް
- ފުރަތަމަ ޑިގްރީގެ ބައިތައް ހިމެނޭ ގޮތަށް 4 (ހަތަރެއް) އަހަރުގެ މުއްދަތުގެ ތެރޭގައި ސީދާ މާސްޓަރސް ޑިގްރީއެއް ލިބޭގޮތަށް ފުރިހަމަކުރާ ޕުރޮގުރާމުތައް؛ ނުވަތަ
- 2 (ދޭއް) އަހަރުދުވަސް ނުވަތަ އެޔަށް ވުރެ ކުރު މުއްދަތެއްގެ މާސްޓަރސް ޑިގްރީ ޕުރޮގުރާމުތައް؛
- 3 (ތިނެއް) އަހަރުގެ މުއްދަތުން ފުރިހަމަކުރާ ގޮތަށް ކަނޑައެޅިފައިވާ މެޑިސިން ދާއިރާގެ މާސްޓަރސް ލެވެލްގެ ޕުރޮގުރާމުތައް.
(ރ) ޕީއެޗްޑީ ލެވެލްގެ 4 (ހަތަރު) އަހަރު ނުވަތަ އެޔަށް ވުރެ ދިގުނޫން މުއްދަތެއްގެ އެމް.އެން.ކިޔު.އެފް ލެވެލް 10 ގެ ޕުރޮގުރާމުތައް؛
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ޕުރޮގުރާމުތަކުގައި ކިޔަވާ ކޯހުގެ ބައެއްގެ ގޮތުގައި ކޮންމެހެން ފުރިހަމަކުރަންޖެހޭ ކަމަށް ކަނޑައަޅައިފައިވާ، ޖުމުލަ 1 (އެކެއް) އަހަރަށް ވުރެ ދިގުނޫން އިންޓަރންށިޕް ޕުރޮގުރާމުތަކަށް ސްކޮލަރށިޕްގެ ދަށުން ފުރުސަތު ދެވޭނެއެވެ.
(ޅ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން 3 (ތިނެއް) އަހަރުގެ ޑިގްރީއަކާއެކު އިތުރު 1 (އެކެއް) އަހަރުން ބެޗްލަރސް ވިތު އޮނަރސް ޕުރޮގުރާމު ފުރިހަމަކުރަން ހުށަހަޅާ ނަމަ، ފުރަތަމަ ޑިގްރީ ލެވެލްގައި ކިޔެވުމަށް އެދި ހުށަހަޅާއިރު ފުރަތަމަ ކިޔަވަން ފަށާ ޑިގްރީގެ އިތުރުން، ކިޔަވަން ގަސްތުކުރާ އޮނަރސް ޑިގްރީގެ ތަފުސީލު ވެސް ހުށަހަޅަންވާނެއެވެ.
(ކ) މި މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައްޔާއި (ބ) ގައި ބަޔާންކޮށްފައިވާ އިންޓަރންށިޕްގައި ބައިވެރިވާ ދަރިވަރުން، އެ ކޯހުގެ ބައެއްގެ ގޮތުގައި ނުވަތަ ކޯހުގެ ސަނަދު ހާސިލުކުރުމަށް އިންޓަރންށިޕް ފުރިހަމަކުރަންޖެހޭކަމުގެ ތަފުސީލު، މިނިސްޓްރީއަށް ހުށަހަޅައި، އެކަމުގެ ހުއްދަ ހޯދަންވާނެއެވެ.
5 ވަނަ މާއްދާ - ކިޔަވަން ދެވޭނެ ގައުމާއި މަރުކަޒު
(ހ) މި ސްކޮލަރށިޕުގެ ދަށުން ކިޔެވުމުގެ ފުރުސަތު ދެވޭނީ، ދިވެހިރާއްޖޭގައި ހުރެގެން ކިޔެވުމަށާއި، ރާއްޖެއާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުގެ ތެރެއިން، ދަރިވަރުން ކިޔަވަން ތިބުމަށް ރައްކައުތެރިކަމަށް ކަނޑައެޅިފައިވާ ގައުމުތަކުގައި، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި ކިޔެވުމަށެވެ.
(ށ) ދެ މަރުކަޒެއް ގުޅިގެން އެއް ގައުމަށް ވުރެ ގިނަ ގައުމުގައި ކިޔަވާގޮތަށް ހަމަޖެހިފައިވާ "ޓްވިނިންގ" ޕުރޮގުރާމުތަކުގައި ކިޔެވުމަށް ވެސް ދަރިވަރުންނަށް ފުރުސަތު ދެވިދާނެއެވެ.
(ނ) މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައްޔާއި އެ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އިންޓަރންށިޕ،ް ދަރިވަރުގެ ޕުރޮގުރާމު ފުރިހަމަކުރާ ގައުމުގައި ކުރިޔަށްގެންދެވެން ނެތް ހާލަތެއްގައި ނުވަތަ އެ ގައުމަށް ވުރެ ހަރަދުކުޑަކޮށް އެހެން ގައުމެއްގައި އިންޓަރންށިޕް ހެދެން އޮތް ނަމަ، މިނިސްޓްރީގެ ހުއްދަޔާއެކު ދިވެހިރާއްޖޭގައި ނުވަތަ ދެވަނަ އެހެން ގައުމެއްގައި އިންޓަރންށިޕް ފުރިހަމަކުރުމުގެ ފުރުސަތު ދެވިދާނެއެވެ.
6 ވަނަ މާއްދާ - ކިޔަވަން ފުރުސަތު ދެވޭނެ ދާއިރާތައް
މި އުސޫލުގެ ދަށުން ދަރިވަރު ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ދެވޭނެއެވެ.
7 ވަނަ މާއްދާ - ސްކޮލަރށިޕު ގެ ދަށުން ދެވޭ ހަރަދުތައް
ސްކޮލަރށިޕުގެ ދަށުން، މި އުސޫލުގައި ބަޔާންކޮށްފައިވާ ލެވެލްތަކުގެ ތެރެއިން ކޮންމެ ލެވެލްއެއްގައި ކިޔެވުމަށް ވެސް ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ހަރަދުތައް ކުރުމަށެވެ.
(ހ) ދަތުރުގެ ހަރަދު؛
ދަރިވަރުގެ ދިރިއުޅުން އާންމުކޮށް ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރި މަރުކަޒަކަށް ކިޔަވަންދާ ނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީ ން ދަތުރުގެ ހަރަދު ހަމަޖައްސައިދެވޭނެއެވެ.
- ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ކިޔަވާ ނަމަ، އަދި އެ މަރުކަޒު ހުރީ، ދަރިވަރު ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައިކަމަށް ވާ ނަމަ، އެ މަރުކަޒު ހުރި ރަށަށް ކިޔެވުން ފަށަން ދިއުމާއި، ކޯސް ނިމުމުން އަނބުރާ އައުމަށް، އެންމެ އަގުހެޔޮ ރޫޓަކުން، ވައިގެ މަގުން ނުވަތަ ކަނޑުމަގުން ކުރާ ދަތުރުގެ ޓިކެޓުގެ ހަރަދު؛
- ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ކިޔަވާ ނަމަ، ކޮންމެ ދިރާސީ އަހަރެއް ނިމުމުން، އަހަރީ ޗުއްޓީގައި، ދަރިވަރު ދިރިއުޅޭ ރަށަށް ދިއުމާއި އެނބުރި އައުމަށް، އެންމެ އަގުހެޔޮ ރޫޓަކުން، ވައިގެ މަގުން ނުވަތަ ކަނޑުމަގުން ކުރާ ދަތުރުގެ ޓިކެޓުގެ ހަރަދު؛
- ދިވެހިރާއްޖެއިން ބޭރަށް ކިޔަވަންދާ ނަމަ، މާލެއިން ނުވަތަ އެ ދަރިވަރަކު ދިރިއުޅެމުންދާ ރަށުން އެ ދަރިވަރު ކިޔަވާ މަރުކަޒު ހުރި ގައުމަށް، ކިޔެވުން ފަށަން ދިއުމާއި، ކޯސް ނިމުމުން ނުވަތަ އިންޓަރންށިޕް ނިމުމުން އަނބުރާ އައުމަށް ވައިގެ މަގުން، އިކޮނޮމީ ކްލާހުން، އެންމެ އަގުހެޔޮ އަދި އެންމެ ކުރު ރޫޓަކުން ކުރާ ދަތުރުގެ ޓިކެޓުގެ ހަރަދު؛
- ޓްވިނިންގ ޕުރޮގުރާމެއް ފުރިހަމަކުރާ ދަރިވަރުން، އެ ދަރިވަރު ފުރަތަމަ ކިޔަވަން ފަށާ ގައުމުން، ދެވަނައަށް ކިޔަވަންދާ ގައުމަށް ވައިގެ މަގުން، އިކޮނޮމީ ކްލާހުން، އެންމެ އަގުހެޔޮ އަދި އެންމެ ކުރު ރޫޓަކުން ކުރާ ދަތުރުގެ އެއްކޮޅު ޓިކެޓުގެ ހަރަދު؛
- އިންޓަރންށިޕް ފުރިހަމަކުރާ ދަރިވަރުން، އިންޓަރންށިޕް ފުރިހަމަކުރަނީ ކިޔެވި ގައުމު ނޫން އެހެން ގައުމެއްގައި ނަމަ، ކިޔެވި ގައުމުން އިންޓަރންށިޕް ފުރިހަމަކުރުމަށްދާ ގައުމަށް ވައިގެ މަގުން، އިކޮނޮމީ ކްލާހުން، އެންމެ އަގުހެޔޮ އަދި އެންމެ ކުރު ރޫޓަކުން ކުރާ ދަތުރުގެ އެއްކޮޅު ޓިކެޓުގެ ހަރަދު.
(ށ) ކޯހުގެ ރެޖިސްޓްރޭށަން ފީ؛
މިއީ، ދަރިވަރު ހަދާ ކޯހުގައި ބައިވެރިވުމަށް، ކިޔަވާ މަރުކަޒަށް ރެޖިސްޓްރޭށަން ފީގެ ގޮތުގައި ނުވަތަ އެޑްމިށަން ފީގެ ގޮތުގައި ކޯހަށް ވަންނައިރު ދައްކަންޖެހޭ ފީއެވެ.
(ނ) ޓިއުށަން ފީ؛
މިއީ، ދަރިވަރު ކިޔަވާ ކޯހުގެ އެކަޑަމިކް ފީގެ ގޮތުގައި އެ ކޯހަކަށް، ކިޔަވާ މަރުކަޒުން ކަނޑައަޅައިފައިވާ ޖުމުލަ ފީއެވެ. މި ފީގެ ތެރޭގައި، ކިޔެވުމާ ސީދާ ނުގުޅޭ ކަންކަމުގައި މަރުކަޒުގެ ފަރާތުން ދެވޭ ހިދުމަތްތަކަށް ނަގާ ފީގެ ހަރަދެއް ނުހިމެނޭނެއެވެ.
- ޓިއުށަންފީގެ ފައިސާ ދައްކާނީ، ދަރިވަރު ކިޔަވާ މަރުކަޒުން ކޮންމެ ދިރާސީ އަހަރަކަށް ޖެހޭ ފީގެ އިންވޮއިސް، މިނިސްޓްރީއަށް ލިބުމުން، އެ އިންވޮއިސްގައިވާ ގޮތުގެ މަތީންނެވެ. ނަމަވެސް ދަރިވަރު ކިޔަވާ މަރުކަޒުން ޓިއުށަންފީއަށް އިންވޮއިސްކުރަނީ ކޮންމެ ސެމިސްޓަރއަކަށް ވަކިން ކަމުގައިވާ ނަމަ، އެގޮތުގެ މަތީން ވެސް އެ ފައިސާ ދެއްކުމުގެ ކަންތައް ހަމަޖައްސައިދެވޭނެއެވެ.
- ކިޔަވާ މަރުކަޒުގެ ފަރާތުން ޓިއުށަންފީގެ އިންވޮއިސްކުރިކަމާއި، މަރުކަޒަށް ޓިއުށަންފީ ލިބިފައިވާކަން ދަރިވަރު ބަލައި، އެކަމުގެ މައުލޫމާތު މިނިސްޓްރީއަށް ގަވާއިދުން އަންގަމުން ގެންދަންވާނެއެވެ.
(ރ) ސްޓޫޑެންޓް ވީޒާ ފީގެ ހަރަދު؛
މިއީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އެ ދަރިވަރު ކިޔަވަންދާ ގައުމުގައި މަޑުކުރަންޖެހޭ މުއްދަތަށް ނަގަންޖެހޭ ވީޒާގެ އެޕްލިކޭށަން ޕްރޮސެސިންގއާއި ވީޒާ ދޫކުރުމަށް ނަގާ ފީއަށް ދޭ ހަރަދެވެ. ޓްވިނިންގ ޕުރޮގުރާމެއްގެ ދަށުން ދެ ގައުމެއްގައި ކިޔެވުން ކުރިޔަށްގެންދާ ދަރިވަރުންނަށް، އެ ދެ ގައުމުގެ ވީޒާ ފީގެ ހަރަދު ވެސް ދޫކުރެވޭނެއެވެ.
(ބ) ހެލްތު އިންށުއަރެންސް؛
މިއީ ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް އެ ގައުމުތަކުގައި ތިބޭއިރު ހޯދަންޖެހިދާނެ ސިއްހީ ފަރުވާއަކަށް، އެ ދަރިވަރަކު ކިޔަވާ މަރުކަޒަކުން ނުވަތަ ވީޒާގެ ށަރުތެއްގެ ގޮތުން އެ ގައުމެއްގެ ސަރުކާރަކުން ކަނޑައަޅައިފައިވާ ކަވަރޭޖެއް ލިބޭގޮތަށް، ކިޔަވަން އެ ގައުމެއްގައި ހުންނަ މުއްދަތަށް ކޮންމެހެން ނަގަންޖެހޭ ހެލްތު އިންށުއަރެންސްގެ ހަރަދެވެ. މި އިންށުއަރެންސުގެ ކަވަރޭޖުގެ ތެރޭގައި ހިމެނޭ ކަންކަމުގެ އިތުރުން، ދަރިވަރުގެ ސިއްހީ ފަރުވާއަކަށް މި އުސޫލުގެ ދަށުން ފައިސާގެ އިތުރު އެހީއެއް ނުދެވޭނެއެވެ.
(ޅ) އެސްޓަބްލިށްމަންޓް އެލަވަންސް؛
މިއީ، ދަރިވަރު ދިރިއުޅޭ ރަށްނޫން އެހެން ރަށަކަށް ކިޔަވަންދާއިރު އެ ރަށުގައި ކިޔެވުމަށް ޓަކައި ގާއިމުވުމަށް ކުރާ ހަރަދަށް ކަނޑައެޅިފައިވާ ރޭޓަކުން 1 (އެކެއް) ފަހަރު ދޭ ފައިސާއެވެ. އެކި ގައުމުތަކަށް ފައިސާދިނުމަށް ހަމަޖެހިފައިވާ ރޭޓުތަކުގެ ތަފުސީލު، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ޓްވިނިންގ ޕުރޮގުރާމު ފުރިހަމަކުރާ ދަރިވަރުންނަށް ވެސް އެސްޓަބްލިށްމަންޓް އެލަވަންސް ދޫކުރެވޭނީ 1 (އެކެއް) ފަހަރު، އެ ދަރިވަރު ކިޔަވަން ހަމަޖެހިފައިވާ ދެ ގައުމުގެ ތެރެއިން ދަރިވަރު އިހުތިޔާރުކުރާ ގައުމެއްގެ ރޭޓުންނެވެ.
(ކ)
- ސްޓައިޕެންޑް؛
މިއީ، ކޮންމެ މަހަކަށް ކަނޑައެޅިފައިވާ ރޭޓަކުން ދަރިވަރު ކިޔަވާ ގައުމުގައި ހުރުމާއި ކެއުމާއި އަސާސީ އެހެނިހެން ހަރަދުތަކަށް ދެވޭ ފައިސާއެކެވެ. އެކި ގައުމުތަކަށް ސްޓައިޕެންޑުގެ ގޮތުގައި ފައިސާ ދިނުމަށް ހަމަޖެހިފައިވާ ރޭޓްތަކުގެ ތަފުސީލު، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. - މި ސްކީމުގެ ދަށުން ދޭ ސްކޮލަރށިޕުގެ ދަށުން ދިވެހިރާއްޖޭގެ މަރުކަޒުތަކުގައި ކިޔެވުން ކުރިޔަށްގެންދާ ދަރިވަރުންނަށް، ދިވެހިރާއްޖެއަށް އާންމުކޮށް ކަނޑައަޅައިފައިވާ ސްޓައިޕެންޑް ރޭޓުގެ އިތުރުން، ކޮންމެ މަހަކަށް 6,000 (ހަ ހާސް) ރުފިޔާގެ ހާއްސަ އެލަވަންސެއް ދެވޭނެއެވެ.
- ސްޓައިޕެންޑުގެ ފައިސާ ހަމަޖައްސައިދޭނީ، ދަރިވަރު ކޯހުގެ ކިޔެވުން ފަށާ ދުވަހުގެ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ކުރިން ފެށިގެން އެ ދަރިވަރު ކޯސް ފުރިހަމަކުރަން މަރުކަޒަށް ހާޒިރުވާންޖެހޭ އެންމެ ފަހު ދުވަހުން ފެށިގެން ގިނަވެގެން 10 (ދިހައެއް) ދުވަހާ ހަމައަށެވެ.
- ޓްވިނިންގ ޕުރޮގުރާމެއް ފުރިހަމަކުރާ ދަރިވަރުން އެ ދަރިވަރު ފުރަތަމަ ކިޔަވަން ފަށާ ގައުމުން، ކިޔެވުން ނިމ،ި ދެވަނައަށް ކިޔަވަންދާ ގައުމުގައި ކިޔެވުން ފެށުމާ ދެމެދުގައި އޮންނަ މުއްދަތުގައި ސްޓައިޕެންޑުގެ ފައިސާ ހަމަޖައްސައިދެވޭނީ، ގިނަވެގެން 3 (ތިނެއް) މަހުގެ މުއްދަތަށެވެ.
- އިންޓަރންށިޕް ފުރިހަމަކުރާ ދަރިވަރުން ކިޔަވައި ނިމުމަށްފަހު އިންޓަރންށިޕް ފެށުމާ ދެމެދުގައި އޮންނަ މުއްދަތުގައި ސްޓައިޕެންޑްގެ ފައިސާ ހަމަޖައްސައިދެވޭނީ، ގިނަވެގެން 3 (ތިނެއް) މަހުގެ މުއްދަތަށެވެ.
- ސްޓައިޕެންޑްގެ ފައިސާ ދަރިވަރަށް އާންމުކޮށް ދޫކުރުމަށް ހަމަޖެހިފައިވަނީ، ކޮންމެ 6 (ހައެއް) މަހަކުން 6 (ހައެއް) މަހަކުންނެވެ. ނަމަވެސް ދަރިވަރެއްގެ އެކޮމަޑޭށަނަށްވާ ފައިސާ އެޑްވާންސްކޮށް 6 (ހައެއް) މަހަށް ވުރެ ދިގު މުއްދަތަކަށް އެއްފަހަރާ ދައްކަންޖެހޭ ހާލަތުގައި، 6 (ހައެއް) މަހަށް ވުރެ ދިގު މުއްދަތެއްގެ ސްޓައިޕެންޑަށްވާ ފައިސާ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ދޫކުރެވިދާނެއެވެ.
(އ) ބުކް އެލަވަންސް؛
މިއީ، ދަރިވަރުން ކިޔެވުން ކުރި ޔަށްގެންދާއިރު ކިޔެވުމަށް ހޯދަންޖެހޭ ޓެކްސްޓް ފޮތާއި އެފަދަ ވަސީލަތްތަކަށް ކުރަންޖެހޭ ހަރަދަށް، ކަނޑައެޅިފައިވާ ވަކި ރޭޓަކުން ކޮންމެ ދިރާސީ އަހަރަކަށް 1 (އެކެއް) ފަހަރު ދޭ ފައިސާއެވެ. އެކި ގައުމުތަކަށް ފައިސާދިނުމަށް ހަމަޖެހިފައިވާ ރޭޓުތަކުގެ ތަފުސީލު، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
(ވ) އިންޓަރންށިޕުގެ ހަރަދު؛
މިއީ، މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަ ރާއި އެ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އިންޓަރންށިޕް ފުރިހަމަކުރުމަށް ހަރަދެއް ހިނގާ ނަމަ، އެކަމަށް ދޭ ހަރަދެވެ. އިންޓަރންށިޕް ފުރިހަމަކުރަން ހުއްދަދެވިފައިވާ ކޯސްތަކުގެ އިންޓަރންށިޕުގެ މުއްދަތުގައި ފައިސާ ދިނުމާ މެދު ނުވަތަ ދެވޭނެ އަދަދާ މެދު ގޮތެއް ނިންމާނީ، ތިރީގައިވާ ހާލަތްތަކަށް ބަލައި، މިނިސްޓްރީންނެވެ.
- ކޯސް ފުރިހަމަކޮށް ސަނަދު ހޯދުމަށް ޓަކައި ހަދަންޖެހޭ އިންޓަރންށިޕުގައި ބައިވެރިވުމަށް، ފީއަކާ ނުލައި އިންޓަރންށިޕް ފުރިހަމަކުރެވެން ނެތް ހާލަތުގައި އެ ފީ؛
- އިންޓަރންށިޕުގައި ބައިވެރިވާ މުއައްސަސާއަކުން ނުވަތަ އެ ނޫންވެސް ގޮތަކުން ދަރިވަރަށް އުޖޫރައެއް ނުވަތަ އެލަވަންސެއް ނުލިބޭ ނަމަ، އެ މުއްދަތުގައި، އިންޓަރނށިޕް ހަދާ ގައުމަކަށް ކަނޑައެޅިފައިވާ ސްޓައިޕެންޑް ރޭޓުން އިންޓަރންށިޕް ހަރަދެއްގެ ގޮތުގައި ދެވޭ ލިވިންގ އެލަވަންސް؛
- އިންޓަރންށިޕުގައި ބައިވެރިވާ މުއައްސަސާއަކުން ނުވަތަ އެ ނޫންވެސް ގޮތަކުން ދަރިވަރަށް ލިބޭ އުޖޫރަ ނުވަތަ އެލަވަންސް އެ ގައުމަށް ކަނޑައަޅައިފައިވާ ސްޓައިޕެންޑް ރޭޓަށް ވުރެ މަދު ނަމަ، އެ މަދުވާ މިންވަރު.
(މ) ޑިޕާޗަރ އެލަވަންސް؛
މިއީ، ދަރިވަރު ކޯސް ފުރިހަމަކުރުމަށްފަހު އޭނާ ދިރިއުޅޭ ރަށަށް އެނބުރި އައުމުގެ ކުރިން ކުރަންޖެހޭ ހަރަދަށް، ކަނޑައެޅިފައިވާ ރޭޓަކުން 1 (އެކެއް) ފަހަރު ދޭ ފައިސާއެވެ. އެކި ގައުމުތަކަށް ފައިސާދިނުމަށް ހަމަޖެހިފައިވާ ރޭޓުތަކުގެ ތަފުސީލު، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
(ފ) އިންކްލޫސިވިޓީ އެލަވަންސް؛
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތެއްގެ ހުންނަ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް ޕުރޮގުރާމު ފުރިހަމަކުރުމަށް އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތްތަކުގައި އެކަމަށް މިނިސްޓްރީން ކަނޑައަޅާ ހަރަދު.
(ދ) ޕީއެޗްޑީއަށް ކިޔަވާ ދަރިވަރުންގެ އިތުރު އެލަވަންސް
މިއީ، ޕީއެޗްޑީއަށް ކިޔަވާ ދަރިވަރުން ކިޔަވާ ކޯހުގެ ބައެއްގެ ގޮތުގައި ކޮންމެހެން ފުރިހަމަކުރަންޖެހޭ ކަމަށް ކަނޑައަޅައިފައިވާ، ތީސިސްއާއި އާޓިކަލް ޕަބްލިށްކުރުމާއި ސެމިނަރ އަދި ކޮންފަރެންސްތަކުގައި ބައިވެރިވުމަށް ކުރަންޖެހޭ ހަރަދުތަކުގެ ތެރެއިން، ދަރިވަރު މިނިސްޓްރީއަށް ހުށަހަޅައިގެން މިނިސްޓްރީން ހުއްދަދޭ ހަރަދުތަކަށް، ކަނޑައެޅިފައިވާ ރޭޓަކުން ދެވޭ ފައިސާ.
8 ވަނަ މާއްދާ - ސްކޮލަރށިޕު ގައި ނުހިމެނޭ ހަރަދުތައް
މި ސްކޮލަރށިޕުގެ ދަށުން، ތިރީގައި ބަޔާންކޮށްފައިވާ ހަރަދުތައް ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.
(ހ) ކޯހުގެ ޕްލޭސްމަންޓް ހޯދުމަށް ޓަކައި ޕްރ-ީރިކުއިސިޓް ކޯހެއް ނުވަތަ ފައުންޑޭށަން ކޯހެއް ނުވަތަ ކޯސް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މޮޑިއުލެއްގައި ބައިވެރިވުމުގެ ހަރަދު.
(ށ) ކޯހުގައި ބައިވެރިވުމަށް ނުވަތަ ވީޒާ ހޯދުމަށް ނުވަތަ ކޯސް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިމްތިހާނެއްގައި ނުވަތަ އިންޓަވިއުއެއްގައި ބައިވެރިވުމަށް ކުރަންޖެހޭ ހަރަދު.
(ނ) ސްކޮލަރށިޕުގައި ދާން ބޭނުންވާ ގައުމުގެ ވީޒާ ނެގުމަށް ކުރަންޖެހޭ ދަތުރާއި އެ ދަތުރާ ގުޅިގެން ކުރަންޖެހޭ އެންމެހައި ހަރަދު.
(ރ) ދަރިވަރުގެ ސިއްހީ ފަރުވާއަށް ހިނގާ ހަރަދުގެ ތެރެއިން، ހެލްތު އިންށުއަރެންސް ކަވަރޭޖުގެ ތެރޭގައި ނުހިމެނޭ ހަރަދުތައް.
9 ވަނަ މާއްދާ - ސްކޮލަރށިޕު ގެ ދަށުން ހަމަޖެހޭ ފައިސާ އުނިކުރެވޭނެ ހާލަތްތައް
(ހ) ސްކޮލަރށިޕުގެ ދަށުން ހަމަޖެހޭ ފައިސާ އުނިކުރެވޭނީ، މި އުސޫލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުތަކުގެ ތެރެއިން ހަރަދެއް ހަމަޖެއްސުމަށް އެހެން ފަރާތަކުން ދަރިވަރަށް ފައިސާގެ އެހީއެއް ލިބިއްޖެ ނަމައެވެ. އެފަދަ ފައިސާގެ އެހީއެއް ލިބިއްޖެ ނަމަ، އެހީ ހަމަޖެހުނު ތާރީހުން ފެށިގެން މަދުވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ދަރިވަރު، މިނިސްޓްރީއަށް އެކަން ލިޔުމުން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ފަރާތަކުން ކަމަށް ބުނެފައި އެ ވަނީ، ސަރުކާރުގެ އެހެން އެއްވެސް ސްކީމަކުން ނުވަތަ ބައިލޭޓަރަލް ސްކީމަކުން ނުވަތަ ފައުންޑޭށަނަކުން ނުވަތަ މަތީ ތައުލީމު ދޭ މުއައްސަސާއަކުން ދަރިވަރަކަށް ލިބޭ ފުލް ސްކޮލަރށިޕަށް ނުވަތަ ޕާށަލް ސްކޮލަރށިޕަށެވެ. ނަމަވެސް ބެލެނިވެރިއެއްގެ ފަރާތުން ނުވަތަ ހެޔޮއެދޭ ފަރާތަކުން ދަރިވަރަކަށް ދޭ ފައިސާގެ އިނާމެއް، މި މާއްދާގެ ދަށުން ބަޔާންކޮށްފައިވާ، އެހެން ފަރާތަކުންދޭ ފައިސާގެ އެހީގެ ގޮތުގައި ނުހިމެނޭނެއެވެ.
10 ވަނަ މާއްދާ - ސްކޮލަރށިޕު ގެ ފައިސާ ހަރަދުކުރުން
(ހ) ސްކޮލަރށިޕުގެ ދަށުން ދޫކުރެވޭ ފައިސާ ހަރަދުކުރަންވާނީ، އެ ފައިސާ ދޫކުރެވުނު ދަރިވަރަކަށް، އެ ދޫކުރެވުނު ބޭނުމަކަށެވެ.
(ށ) ސްކޮލަރށިޕް ލިބޭ ދަރިވަރަކު ސްކޮލަރށިޕް އެވާރޑްކުރުމުގެ ކުރިން، އަމިއްލަ ހަރަދުގައި ކިޔަވަން ފަށައިފައިވާ ނަމަ، ދަރިވަރު އަމިއްލައަށް ކުރި ހަރަދުތަކުގެ ތަފުސީލު، ކިތާބީ ހެތްކާއެކު މިނިސްޓްރީއަށް ހުށަހެޅުމުން، އެއީ މި އުސޫލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދެއް ނަމަ، އެ ފައިސާ ދަރިވަރަށް ހަމަޖައްސައިދެވޭނެއެވެ.
11 ވަނަ މާއްދާ - ސްކޮލަރށިޕް ދިނުމުގައި އަމަލުކުރާނެ ގޮތް
ސްކޮލަރށިޕް ދިނުމުގައި އަމަލުކުރާނެ ގޮތް ތިރީގައި އެވަނީއެވެ.
(ހ) ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރާ ދުވަހު، މި ސްކޮލަރށިޕަށް ހޮވޭ ފަރާތްތަކަށް (ފުރަތަމަ ޑިގްރީން ފެށިގެން ޕީއެޗްޑީއާ ހަމަ ޔަށް ކިޔެވުމަށް) ސްކޮލަރށިޕް ލިބުނުކަމުގެ ލިޔުން ހަވާލުކުރެވޭނެއެވެ.
(ށ) ސްކޮލަރށިޕަށް ހޮވިފައިވާ ފަރާތްތަކުން، ސްކޮލަރށިޕް ލިބުނުކަމުގެ ލިޔުން ހަވާލުކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅަންވާނެއެވެ.
(ނ) ސްކޮލަރށިޕް ލިބޭ ފަރާތަކީ، ސްކޮލަރށިޕް ލިބޭއިރު ކިޔަވަން އެދޭ ޕު ރޮގުރާމަށް އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ފަރާތެއް ނަމަ، ސްކޮލަރށިޕް ލިބުނުކަމުގެ ލިޔުން ހަވާލުކުރެވޭ ތާރީހުން ފެށިގެން 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި، ފުރިހަމަކުރުމަށް އެދޭ ޕުރޮގުރާމުގެ ޕްލޭސްމަންޓް ހޯދައި، އެ ޕުރޮގުރާމުގެ ފީ ސްޓްރަކްޗަރއާއެކު މިނިސްޓްރީއަށް ހުށަހަޅައި، ސްކޮލަރށިޕް އިގުރާރުގައި ސޮއިކުރުމަށްފަހު، ކިޔަވަން ފަށަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ކިޔަވަން ނުފެށޭ ފަދަ މަގްބޫލު އުޒުރެއް މެދުވެރިވެއްޖެ ނަމަ، އެކަން ލިޔުމަކުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހެޅޭ އުޒުރުގެ ސައްހަކަން ސާބިތުކޮށްދިނުމުގެ ގޮތުން، ކަމާ ގުޅޭ ހެކި، ލިޔުމުން ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ހެކީގެ ސައްހަކަން ކަނޑައަޅާނީ މިނިސްޓްރީންނެވެ. މިގޮތުން ފަސްކޮށްފައިވާ ޕުރޮގުރާމެއް ފެށުމަށް އިތުރަށް ލިބޭނީ، ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ކިޔެވުން ފަށައިފައިނުވާ ނަމަ، ސްކޮލަރށިޕުގެ ފުރުސަތު ކެންސަލްވާނެއެވެ.
(ރ) ސްކޮލަރށިޕް ލިބޭ ފަރާތަކީ، ސްކޮލަރށިޕް ލިބޭއިރު ކިޔަވަން އެދޭ ޕު ރޮގުރާމަށް އެންޓްރީ ކްރައިޓީރިއާ ފުރިހަމަނުވާ ފަރާތެއް ނަމަ، އެންޓްރީ ކްރައިޓީރިއާ ފުރިހަމަވުމުން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
(ބ) ސްކޮލަރށިޕުގެ ދަށުން ފުރުސަތު ލިބޭ ފަރާތުން ހުށަހަޅާ ޕުރޮގުރާމުގައި ކިޔެވުމަށް މިނިސްޓްރީން ދޭ ސްޕޮންސަރށިޕް ލިޔުން ދޫކުރާނީ، އެ ޕުރޮގުރާމަކީ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއާއި، ދިވެހިރާއްޖޭގައި ގާއިމުވެފައިވާ އެ ދާއިރާއަކާ ގުޅޭ އެހެނިހެން ޕްރޮފެށަނަލް ކައުންސިލުތަކާއި، އޮތޯރިޓީތަކުން ގަބޫލުކުރާ ފެންވަރުގެ ޕުރޮގުރާމެއްތޯއާއި، ތައުލީމުދޭ މުއައްސަސާއަކީ އެ އިދާރާތަކުން ގަބޫލުކުރާ ތަނެއްތޯއާއި، ދަރިވަރު އެ ކޯހެއްގައި ބައިވެރިވެ، ކިޔެވުމަށް ފުރިހަމަކުރަންޖެހޭ ށަރުތުތައް ފުރިހަމަވޭތޯ ބެލުމަށްފަހުގައެވެ.
(ޅ) ސްކޮލަރށިޕުގެ ދަށުން ފުރަތަމަ ޑިގްރީ ފުރިހަމަކުރާ ތާރީހުން ފެށިގެން މާސްޓަރސް ޑިގްރީ ފެށުމަށް ގިނަވެގެން ދެވޭނީ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތެކެ ވެ. އަދި މާސްޓަރސް ޑިގްރީ ފުރިހަމަކުރުމަށްފަހު ޕީއެޗްޑީ ފެށުމަށް ވެސް ގިނަވެގެން ދެވޭނީ 2 (ދޭއް) އަހަރުގެ މުއްދަތެވެ.
(ކ) މި މާއްދާގެ (ޅ) ގައި އެހެން ބަޔާންކޮށްފައި ވީ ނަމަވެސް، މަގުބޫލު އުޒުރެއްގެ ސަބަބުން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ކިޔެވުން ފެށުމަށް އުޒުރުވެރިވާ ނަމަ، ސަބަބު ބަޔާންކޮށް 2 (ދޭއް) އަހަރުދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން މިނިސްޓްރީއަށް ލިޔެގެން ހުއްދަ ހޯދުމަށްފަހު، މިނިސްޓްރީން ހުއްދަދޭ މުއްދަތަކަށް ކިޔެވުން ފެށުން ފަސްކުރެވިދާނެއެވެ.
(އ) މި މާއްދާގެ (ކ) ގެ ދަށުން ކިޔެވުން ފެށުން ފަސްކުރުމަށް އެދި ހުށަހަޅައިފައިވާ ސަބަބަކީ މަގުބޫލު އުޒުރެއްކަމަށް ކަނޑައަޅާނީ މިނިސްޓްރީންނެވެ.
(ވ) މި މާއްދާގެ (ކ) ގައި ވާ ގޮތުގެ މަތީން، ފަސްކޮށްފައިވާ ޕުރޮގުރާމެއް ފެށުމަށް ލިބޭނީ، ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ކިޔެވުން ފަށައިފައިނުވާ ނަމަ، ސްކޮލަރށިޕުގެ ފުރުސަތު ކެންސަލްވާނެއެވެ.
12 ވަނަ މާއްދާ - ދަރިވަރުގެ ޒިންމާ
ސްކޮލަރށިޕުގެ ދަށުން ކިޔަވާ ދަރިވަރުން، ތިރީގައި ބަޔާންކޮށް ފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އުފުލަންވާނެއެވެ.
(ހ) ސްކޮލަރށިޕުގެ ދަށުން ފުރުސަތު ލިބޭ ދަރިވަރު ހުށަހަޅާ ޕްލޭސްމަންޓަކީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއާއި، ދިވެހިރާއްޖޭގައި ގާއިމުވެފައިވާ އެ ދާއިރާއަކާ ގުޅޭ އެހެނިހެން ޕްރޮފެށަނަލް ކައުންސިލްތަކާއި، އޮތޯރިޓީތަކުން ގަބޫލުކުރާ ފެންވަރުގެ ކޯހެއްތޯއާއި، ތައުލީމުދޭ މުއައްސަސާއަކީ ގަބޫލުކުރާ ތަނެއްތޯއާއި، ދަރިވަރު އެ ކޯހެއްގައި ބައިވެރިވެ، ކިޔެވުމަށް ފުރިހަމަކުރަންޖެހޭ ށަރުތުތައް ފުރިހަމަވޭތޯ ބެލުން.
(ށ) ސްކޮލަރށިޕަށް ހޮވުމުން، ސްކޮލަރށިޕުގައި ކަނޑައަޅައިފައިވާ ފެންވަރަށް ކިޔެވުމަށް ށަރުތު ހަމަވާތާ 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި ކިޔަވާނެ ކޯހެއް ހިޔާރުކޮށް، ކިޔަވަން ފެށުމުގެ ކުރިން، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ދަރިވަރުގެ ފަރާތުން ފުރިހަމަކޮށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ހުށަހަ ޅައި، ސްކޮލަރށިޕުގެ ދަށުން ބައިވެރިވާ ކޯހުގައި ކިޔަވަން ފެށުން. މިގޮތުން ކިޔެވުން ފަށާތާ މަދުވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކިޔަވަން ފެށި ތާރީހާއި، ސެމިސްޓަރގެ ކިޔެވުން މަރުކަޒުގައި ރަސްމީކޮށް ފެށުނު ތާރީހާއި، ކިޔަވަން އެންރޯލްވެފައިވާ މާއްދާތަކުގެ ތަފުސީލާއި ދަރިވަރު ކިޔަވަންދާ ގައުމުގައި ދަރިވަރުގެ އެޑްރެހާއި ދަރިވަރާ މުއާސަލާތުކުރެވޭނެ ގޮތުގެ ތަފުސީލުތައް މިނިސްޓްރީއާ ހިއްސާކުރުން.
(ނ) ދަރިވަރު ކޯހުގައި ކިޔަވަންޖެހޭ ހުރިހާ މާއްދ/ާމޮޑިއުލްއަކުން ފާސްވުމާއެކު، ކިޔަވަމުންގެންދާ މަރުކަޒުން ކޯސްފުރިހަމަކޮށް ސަނަދު ހާސިލުކުރުމަށް ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑަށް ވުރެ މަތީގައި ދަރިވަރުގެ އެކަޑަމިކް ޕަރފޯމަންސް ހިފެހެއްޓުން.
(ރ) ކޮންމެ ޓަރމެއްގެ ނުވަތަ ސެމިސްޓަރެއްގެ ނަތީޖާ މަރުކަޒުން ދޫކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ނަތީޖާ ށީޓް ނުވަތަ އެކަޑަމިކް ޓްރާންސްކްރިޕްޓް މިނިސްޓްރީއާ ހިއްސާކުރުން.
(ބ) ކިޔެވުން ފެށުމަށްފަހު، ކޮންމެ 6 (ހައެއް) މަސްދުވަހަކުން އެއްފަހަރު، ދަރިވަރު ކިޔެވުން ކުރިޔަށްގެންދާކަން އެނގޭނ،ެ ކިޔަވާ މަރުކަޒުގެ ލިޔުމާއެކު، ފައިސާ ދޫކުރުމަށް ބޭނުންވާ ލިޔުންތައް މިނިސްޓްރީއަށް ހުށަހަ ޅަމުން ގެންދިއުން.
(ޅ) ކިޔަވާ މަރުކަޒުގެ ފަރާތުން ޓިއުށަންފީގެ އިންވޮއިސްކުރިކަމާއި، މަރުކަޒަށް ޓިއުށަންފީ ލިބިފައިވާކަން ދަރިވަރު ބަލައި، އެ ކަމުގެ މައުލޫމާތ،ު މިނިސްޓްރީއަށް ގަވާއިދުން އަންގަމުން ގެންދިއުން.
(ކ) ދަރިވަރާ ބެހޭގޮތުންނާއި ކިޔަވާ މަރުކަޒާއި ކޯހާ ގުޅޭގޮތުން މިނިސްޓްރީއަށް ދީފައިވާ އެއްވެސް މައުލޫމާތަކަށް ނުވަތަ ރެކޯޑަކަށް ބަދަލެއް އަތުވެއްޖެ ނަމަ، އެ ބަދަލެއް އައިތާ ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ބަދަލެއްގެ މައުލޫމާތ،ު ތަފުސީލާއެކު، މިނިސްޓްރީއަށް ހިއްސާކުރަމުން ގެންދިއުން.
(އ) މަގުބޫލު ސަބަބަކާ ގުޅިގެން މިނިސްޓްރީން ލިޔުމުން ހުއްދަ ދީފައިވާ ހާއްސަ ހާލަތްތަކުގައި ނޫނީ، ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ކޯސް ފުރިހަމަކުރަންޖެހޭ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަކޮށް ނިމޭނޭ ގޮތަށް ކޮންމެ ސެމިސްޓަރއަކަށް ވެސް ކަނޑައަޅައިފައިވާ ފުލް ލޯޑުގައި މާއްދާތައް ނަގައިގެން، ކިޔެވުން ކުރިޔަށްގެންދިއުން.
(ވ) ކޯހުގެ ކިޔެވުން ކުރިޔަށްދާއިރު، ކިޔަވާ މަރުކަޒުގެ އުސޫލުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، ޕްލެޖިއަރިޒަމް ނުވަތަ ކޮޕީކުރުން ފަދަ އެކަޑަމިކް އިންޓެގްރިޓީ ގެއްލިދާނެ ފަދަ އެއްވެސް ކަމެއް ނުކުރުން.
(މ) މިއީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަމުގައި ދިވެހި ސަރުކާރުން ދޭ ސްކޮލަރށިޕަކަށްވުމާއެކު، ސްކޮލަރށިޕުގައި ކިޔަވަމުންދާއިރު، އަދި ކިޔެވުން ފުރިހަމަކުރުމަށްފަހު ވެސް، މި ށަރަފު ހިފަހައްޓައި ނެގެހެއްޓޭނެ ގޮތަށް ދަރިވަރުގެ އަހުލާގުންނާއި، އިސްނެގުމުންނާއި، އުނގެނުމުންނާއި ގައުމަށް ހިދުމަތްކުރުމުގައި ނަމޫނާ ދެއްކުން.
(ފ) އިސްލާމްދީނަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމާއެކު، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް ހުރުމަތްތެރިކޮށް ހިތުމާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން، އެ ދަރިވަރަކު ކިޔަވަމުންދާ ގައުމެއްގެ ގާނޫނުތަކަށާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، އާންމު މަސްލަހަތާއި ހަމަޖެހުން ގެއްލިދާނެ ފަދަ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވުމާއި، ދިވެހިރާއްޖޭގެ ތަސައްވުރު ކިލަނބުވާނެ ފަދަ އެއްވެސް އަމަލެއް ނުހިންގުމާއި، މިނިސްޓްރީން އަންގާ އެންގުންތަކަށް އަމަލުކުރުން.
(ދ) ސްކޮލަރށިޕުގެ ދަށުން ކިޔަވާ ކޯސް ފުރިހަމަކޮށް ނިމުމުން، ދަރިވަރު މަރުކަޒަށް ހާޒިރުވާންޖެހޭ އެންމެ ފަހު ދުވަހުގެ މައުލޫމާތު އެނގޭނ،ެ މަރުކަޒުގެ ލިޔުމަކާއެކު، ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އެންގުން.
(ތ) ދިވެހިރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ކޯސް ފުރިހަމަކުރުމަށްފަހު، ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އެނބުރި އައިސް، ރާއްޖެ އަންނަތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މިނިސްޓްރީއަށް ލިޔުމުން އެކަން އެންގުން.
(ލ) އިންޓަރންށިޕް ފުރިހަމަކުރާ ދަރިވަރުން އިންޓަރންށިޕް ފުރިހަމަކުރުމަށްފަހު، ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އެނބުރި އައިސް، ރާއްޖެ އަންނަތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މިނިސްޓްރީއަށް ލިޔުމުން އެކަން އެންގުން.
(ގ) ފުރިހަމަކުރާ ކޯހުގެ ފައިނަލް ނަތީޖ،ާ މަރުކަޒުން ދޫކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ނަތީޖާ ށީޓް ނުވަތަ އެކަޑަމިކް ޓްރާންސްކްރިޕްޓް މިނިސްޓްރީއާ ހިއްސާކުރުން. އަދި ފުރިހަމަކުރި ކޯހުގެ ސެޓުފިކެޓު ލިބުމާއެކު، އެ ސެޓުފިކެޓުގެ ކޮޕީއެއް، 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހެޅުން.
(ޏ) ސްކޮލަރށިޕް ފުރިހަމަކުރުމަށްފަހު، މި އުސޫލުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ދިވެހި ގައުމަށް ހިދުމަތްކުރުން.
(ސ) މި އުސޫލުގެ 11 ވަނަ މާއްދާގެ (ޅ) ގައިވާ ފަދައިން، ސްކޮލަރށިޕުގެ ދަށުން ފުރަތަމަ ޑިގްރީ ފުރިހަމަކުރުމަށްފަހު، ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި މާސްޓަރސް ޑިގްރީއަށް ކިޔަވަން ފެށުން. އަދި މާސްޓަރސް ޑިގްރީ ފުރިހަމަކުރުމަށްފަހު، ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ޕީއެޗްޑީއަށް ކިޔަވަން ފެށުން.
13 ވަނަ މާއްދާ - ސްކޮލަރށިޕު ގެ ފުރުސަތު ކެންސަލްވާނެ ހާލަތްތައް
ދަރިވަރަށް ލިބިފައިވާ ސްކޮލަރށިޕުގެ ފުރުސަތު ކެންސަލްވާނެ ހާލަތްތައް، ތިރީގައި މިވަނީއެވެ.
(ހ) ސްކޮލަރށިޕަށް ހޮވުމަށްފަހު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ޖަލު ހުކުމެއް އައުން.
(ށ) އަހުލާގީ ސަބަބަކާހުރެ ނުވަތަ ފެއިލްވުމާ ގުޅިގެން، ކިޔަވާ މަރުކަޒުން ދަރިވަރު ވަކިކުރުން.
(ނ) މި އުސޫލުގެ 11 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން، ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ށަރުތު ފުރިހަމަވާތާ 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި ކިޔަވަން ފަށައިފައި ނުވުން.
(ރ) މި އުސޫލުގެ 11 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގައި މާސްޓަރސް ޑިގްރީއަށް ނުވަތަ ޕީއެޗްޑީއަށް ކިޔަވަން ފަށައިފައި ނުވުން.
(ބ) ސްކޮލަށިޕް ދޫކޮށްލުމަށް ދަރިވަރު ލިޔުމުން މިނިސްޓްރީއަށް ހުށަހެޅުން.
14 ވަނަ މާއްދާ - ކިޔަވާ ޕުރޮގުރާމު ބަދަލުކުރުން
އުސޫލެއްގެ ގޮތުން، ދަރިވަރުން ތައުލީމު ހާސިލުކުރަން ފެށުމަށްފަހު، އެ ދަރިވަރަކު ކިޔަވަމުންދާ ކޯހާއި، ކޯހުގެ މުއްދަތާއި، މަތީތައުލީމު ދޭ މުއައްސަސާއާއި، ކިޔަވަންދާ ގައުމު ބަދަލުކުރުމުގެ ފުރު ސަތެއް ނުދެވޭނެއެވެ. ނަމަވެސް، ދަރިވަރު ކިޔަވަން ގަސްތުކުރި ކޯހުގެ ޕްލޭސްމަންޓް މަރުކަޒުން ލިބުމަށްފަހު އަންނަނިވި ކަންކަން ފުރިހަމަވާ ނަމަ، ކޯސް ނުވަތަ ކޯހުގެ މުއްދަތު ނުވަތަ މަރުކަޒާއި ގައުމު ބަދަލުކުރުމަށް މިނިސްޓްރީއަށް ހުށަހެޅުމުން، އެ ހާލަތަކަށް ރިއާޔަތްކޮށް މިނިސްޓްރީން ހުއްދަ ދެވިދާނެއެވެ.
(ހ) ޕުރޮގުރާމު ބަދަލުކުރަން އެދޭއިރު، ކުރިން ހުށަހެޅި ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ، މަތީ ތައުލީމު ދޭ މުއައްސަސާއަށް އެއްވެސް ޕޭމަންޓެއް ދައްކައިފައި ނުވުން.
(ށ) ޕުރޮގުރާމު ބަދަލުކުރަން އެދޭއިރު، ކުރިން ހުށަހެޅި ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ، މަތީ ތައުލީމު ދޭ މުއައްސަސާއަށް ޕޭމަންޓެއް ދައްކައިފައިފައިވަނިކޮށް ޕުރޮގުރާމު ބަދަލުކުރަން އެދޭ ނަމަ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުން.
- ބަދަލުކުރަން އެދި ހުށަހެޅ،ީ ކިޔަވަންފެށި ޕުރޮގުރާމުގެ ފުރަތަމަ ސެމެސްޓަރ ނިމުމުގެ ކުރިންކަމުގައިވުން؛
- ދޫކޮށްލާ ޕުރޮގުރާމު ކުރިޔަށްގެންދިޔުމަށް އެހައިތަނަށް ދަރިވަރަށް ސްކޮލަރށިޕުގެ ދަށުން ކޮށްފައިވާ ހަރަދުތަކަކީ، ބަދަލުވާ ޕުރޮގުރާމުގެ އެ މުއްދަތަށް ކުރެވުނު ހަރަދުކަމުގައި ބަލައި، ދޫކޮށްލާ ކޯހުގައި ކިޔަވައިފައިވާ މުއްދަތ،ު ބަދަލުވާ ކޯހުގެ ޖުމުލަ މުއްދަތުން އުނިކޮށް، އެ ކޯހުގެ ހަރަދުތައް ދިނުމާ މެދު އިއުތިރާޒެއް ނުކުރާކަމަށް ދަރިވަރު އެއްބަސްވުން؛
- ޕުރޮގުރާމު ބަދަލުކުރަންޖެހޭ ސަބަބ،ު އެކަން ކުރުން މުހިންމުކަމަށް ބާރުދޭ، ކަމާ ގުޅޭގޮތުން ކިޔަވާ މަރުކަޒުން ދޫކޮށްފައިވާ ލިޔުންތަކާއި، އަދި އެ ސަބަބަކީ ސިއްހީ ހާލަތެއް ނުވަތަ ނަފުސާނީ ހާލަތެއް އެ ދަރިވަރަކަށް މެދުވެރިވެގެން ދިމާވި ކަމެއް ނަމަ، އެކަން ސާބިތުކޮށްދިނުމަށް ޓަކައި ހުށަހަޅާ މެޑިކަލް ސެޓުފިކެޓުތަކާއި މި ނޫންވެސް މެޑިކޯ- ސޯށަލް ރިޕޯޓ،ު ރަސްމީ ފަރާތްތަކުގެ ލިޔުންތަކާއެކު ހުށަހަޅައިފައި އޮތުން؛
- ޕުރޮގުރާމު ބަދަލުކުރާ ފުރަތަމަ ފަހަރު ކަމުގައި ވުން؛
- ދޫކޮށްލާ ޕުރޮގުރާމު ފުރިހަމަކުރުމަށް ހިނގާނެ ހަރަދަށް ވުރެ، ބަދަލުވާ ކޯހުގެ ޖުމުލަ ހަރަދު ބޮޑުނުވާނޭ ޕުރޮގުރާމަކަށްވުން.
15 ވަނަ މާއްދާ - ދަރިވަރު ކޯހުން ފެއިލްވެއްޖެ ނަމަ ނުވަތަ ވަކިވެއްޖެ ނަމަ، އަމަލުކުރާނެ ގޮތް
(ހ) ސްކޮލަރށިޕުގައި ކިޔަވަމުންދާ ދަރިވަރަކު، މަގުބޫލު ސަބަބެއްނެތި، ކޯހުން ނުވަތަ ކޯހުގެ ޔުނިޓަކުން ފެއިލްވެއްޖެ ނަމަ، ފެއިލްވި މޮޑިއުލްގައި އަލުން ބައިވެރިވުމަށް ހިނގާ ހަރަދު ހަމަޖައްސަންޖެހޭނީ، އެ ދަރިވަރު އަމިއްލައަށެވެ. އަދި މިގޮތުން ޕުރޮގުރާމު ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ވުރެ ކޯހުގެ ހުރިހާ މޮޑިއުލެއް ފުރިހަމަކުރަން ހޭދަވާ މުއްދަތު އިތުރުވެއްޖެ ނަމަ، އެ މުއްދަތުގައި ސްޓައިޕެންޑުގެ ގޮތުގައި ކުރަންޖެހޭ ހަރަދު ވެސް ހަމަޖައްސަންޖެހޭނީ، އެ ދަރިވަރު އަމިއްލައަށެވެ.
(ށ) ސްކޮލަރށިޕުގައި ކިޔަވަމުންދާ ދަރިވަރަކު މާއްދާއަކުން ނުވަތަ މާއްދާތަކަކުން ފެއިލްވެފައިވަނީ އޭނާގެ އަމިއްލަ އިހުތިޔާރާއި ބާރުގެ ބޭރުން ހިނގާ ކަމެއްގެ ސަބަބުން ކަމަށް ވެފައި، އެއީ މަގުބޫލު އުޒުރެއްކަމަށް މިނިސްޓްރީއަށް ފެނިއްޖެ ނަމަ، އެ މާއްދާއެއްގައި ނުވަތަ މާއްދާތަކުގައި އިތުރު 1 (އެކެއް) ފަހަރު އަލުން ބައިވެރިވުމަށް ހަރަދު ދެވިދާނެއެވެ. އަދި މި ފަދަ ސަބަބަކާ ހުރެ މާއްދާއެއްގައި ނުވަތަ މާއްދާތަކެއްގައި އަލުން ބައިވެރިވާން ޖެހިގެން، މުޅި ކޯސް ފުރިހަމަކުރުމަށް ފުރަތަމަ ކަނޑައަޅައިފައިވާ މުއްދަތަށް ވުރެ އިތުރު ވަގުތު ހޭދަކުރަންޖެހޭ ނަމަ، އެންމެ އަވަސް މުއްދަތެއްގައި ނިންމުމަށް ހޭދަވާ މުއްދަތަކަށް ސްޓައިޕެންޑާއި ކޯސްފީގެ ހަރަދު ދެވިދާނެއެވެ. މި ގޮތުން، ކޯހުގެ އަސްލު މުއްދަތަށް ވުރެ އިތުރު ވަގުތު ހޭދަކުރަންޖެހޭ ނަމަ، ގިނަވެގެން ދެވޭނީ، އިތުރުވާ 12 (ބާރަ) މަސްދުވަހަށް ހިނގާނެ ހަރަދެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދަރިވަރަކު މާއްދާއަކުން ފާސްނުވުމުގައި މަގުބޫލު ސަބަބެއް އޮތްކަމަށް މިނިސްޓްރީން ކަނޑައަޅާނީ، އެ މާއްދާއަކުން ފެއިލްވާން ދިމާވި ސަބަބަކީ، ދަރިވަރުގެ އަމިއްލަ އިހުތިޔާރާއި ބާރުގެ ބޭރުން ހިނގައިފައިވާ ކަމެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން، ކަމާބެހޭ ހެކިތަކާއި، ކިޔަވާ މަރުކަޒުން ކަމާ ގުޅޭގޮތުން ދޫކޮށްފައިވާ ލިޔުންތަކާއި، އަދި އެ ސަބަބަކީ ސިއްހީ ހާލަތެއް ނުވަތަ ނަފުސާނީ ހާލަތެއް އެ ދަރިވަރަކަށް މެދުވެރިވެގެން ދިމާވި ކަމެއް ނަމަ، އެކަން ސާބިތުކޮށްދިނުމަށް ޓަކައި ހުށަހަޅާ މެޑިކަލް ސެޓުފިކެޓުތަކާއި މި ނޫންވެސް މެޑިކޯ- ސޯށަލް ރިޕޯޓުގެ މައްޗަށް ބިނާކޮށެވެ.
(ރ) އެއްވެސް ސަބަބަކާހުރެ، ތައުލީމު ހާސިލުކުރަމުންދާ މަތީ ތައުލީމުދޭ މަރުކަޒަކުން ދަރިވަރު ވަކިކޮށްފި ނަމަ ނުވަތަ މަގްބޫލު އުޒުރަކާނުލައި ކޯހުން ދަރިވަރު ފެއިލްވެއްޖެ ނަމަ ނުވަތަ ދަރިވަރު އަމިއްލައަށް ކޯހުގައި ކިޔެވުން ހުއްޓައިލައިފި ނަމަ، 12 ފެބުރުވަރީ 2020 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ހިދުމަތް ނުކުރާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުގެ މަތީން އެ ދަރިވަރަކާމެދު އަމަލުކުރެވޭނެއެވެ.
16 ވަނަ މާއްދާ - ކޯސް ނިންމުމަށްފަހު ހިދުމަތްކުރުން
(ހ) މި އުސޫލުގެ ދަށުން ސްކޮލަރށިޕް ލިބިގެން ކިޔަވާ ދަރިވަރުން، ތިރީގައި ބަޔާންވެގެންވާ ގޮތުގެ މަތީން ސަރުކާރަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދިވެހިރާއްޖެއަށް ހިދުމަތް ކުރަންވާނެއެވެ.
- ރާއްޖެއިން ބޭރުގައި ތަމްރީނު ދެވޭ ފަރާތެއް ނަމަ، އަދި އެ ކޯހުގެ މުއްދަތަކީ 4 (ހަތަރެއް) އަހަރުދުވަސް ނުވަތަ 2 (ދޭއް) އަހަރުދުވަހާއި 4 (ހަތަރެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއް ނަމަ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ހިދުމަތްކުރުން؛
- ރާއްޖެއިން ބޭރުގައި ތަމްރީނުވާ ފަރާތެއް ނަމަ، އަދި އެ ކޯހުގެ މުއްދަތަކީ 4 (ހަތަރެއް) އަހަރުދުވަހަށް ވުރެ ދިގު މުއްދަތެއް ނަމަ، 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތަށް ހިދުމަތްކުރުން؛
- ރާއްޖޭގައި ތަމްރީނުދެވޭ ފަރާތެއް ނަމަ، އަދި އެ ކޯހުގެ މުއްދަތަކީ 18 (އަށާރަ) މަސްދުވަހަށް ވުރެ ދިގު މުއްދަތެއް ނަމަ، 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތަށް ހިދުމަތްކުރުން؛
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޯހުގެ މުއްދަތު ގުނުމުގައި، ކޯހުގެ ބައެއްގެ ގޮތުގައި ހަރަދު ދީގެން ބައިވެރިވާ އިންޓަރންށި ޕުގެ މުއްދަތު ވެސް ހިމެނޭނެއެވެ.
(ށ) ސްކޮލަރށިޕުގެ ދަށުން ކިޔެވުމުގެ ފުރުސަތު ދޭ، ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީއާއި ޕީއެޗްޑ،ީ މި ތިން މަރު ހަލާއިން ކުރެ ކޮންމެ މަރުހަލާއެއް ފުރިހަމަކުރުމަށްފަހު، އަނެއް މަރުހަލާ ފެށުމާ ދެމެދުގައި 6 (ހައެއް) މަސްދުވަހަށް ވުރެ އިތުރުވާ ނަމަ، ލަސްވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ ގޮތަށް ހިދުމަތްކުރަން ފަށަންވާނެއެވެ. އަދި މުޅި ސްކޮލަރށިޕުގެ ދަށުން ކިޔެވުން ފުރިހަމަކުރުމަށްފަހު ވެސް ލަސްވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ ގޮތަށް ހިދުމަތްކުރަން ފަށަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ހިދުމަތްކުރަން ފެށުމަށްފަހު، ވަޒީފާ އަދާކުރާ ތަނާއި، ވަޒީފާ އަދާކުރަން ފެށި ތާރީހާއި މަގާމު އެނގޭނޭހެން ލިޔުމުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ޕޯރޓަލެއް މެދުވެރިކޮށް މިނިސްޓްރީއަށް އަންގަންވާނެއެވެ. އަދި ހިދުމަތްކުރަންޖެހޭ މުއްދަތުގެ ތެރޭގައި ވަޒީފާއިން ވަކިވެއްޖެ ނަމަ ނުވަތަ ވަޒީފާއަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ، ލަސްވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރީއަށް އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ތަނަކުން ވަޒީފާއެއް ހަމަޖެހިފައި ނުވާ ނަމަ، ވަޒީފާއެއް ހޯދުމަށް ކުރި މަސައްކަތުގެ ތަފުސީލާއެކު މިނިސްޓްރީއަށް އަންގަންވާނެއެވެ. މިފަދަ ހާލަތުގައި ދަރިވަރާ އެކަށީގެންވާ ވަޒީފާއެއް ހޯދައިދިނުމުގައި މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މިގޮތުން މިނިސްޓްރީ މެދުވެރިކޮށް ފަހިކޮށްދެވޭ ވަޒީފާގެ ފުރުސަތުގެ ބޭނުން ހިފުމަށް ދަރިވަރު އެއްބަސްވާންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންވެގެންވާ ގޮތުގެ މަތީން މި ސްކޮލަރށިޕުގެ ދަށުން ކިޔެވުމުގެ ފުރުސަތު ދޭ 3 (ތިނެއް) މަރުހަލާއިން ކުރެ އެއް މަރުހަލާ ފުރިހަމަކުރުމަށްފަހު، ސަރުކާރަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދިވެހިރާއްޖެއަށް ހިދުމަތްކުރަން ޖެހިފައިވާ މުއްދަތު ހަމަނުވެ އޮއްވައި އަނެއް މަރުހަލާގައި ބައިވެރިވުމާ ގުޅިގެން ހިދުމަތްކުރަންޖެހޭ މުއްދަތަށް ބަދަލެއް އަންނަ ގޮތް ދިމާވެއްޖެ ނަމަ، ކުރިން ހިދުމަތްކުރަން ޖެހިފައިވާ މުއްދަތުން ބާކީއޮތް ދުވަހަށް ބަލައި، ހިދުމަތްކުރާނީ މި ދެ މުއްދަތުންކުރެ ދިގު މުއްދަތަށެވެ.
(ޅ) ހިދުމަތްކުރުމަށް ކަނޑައަޅައިފައިވާ މުއްދަތުގައި، އަންނަނިވި ސަބަބުން ކުރެ ސަބަބެއް ދިމާވެއްޖެ ނަމަ، ސަބަބު ބަޔާންކޮށް ހެތްކާއެކު މިނިސްޓްރީއަށް އެކަން ހުށަހެޅުމުން، އެއީ މަގުބޫލު ސަބަބެއްކަމަށް މިނިސްޓްރީއަށް ފެނިއްޖެ ހާލަތެއްގައި، ހިދުމަތުގެ މުއްދަތު ފަސްކުރެވިދާނެއެވެ.
- ހިދުމަތްކުރަން ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި އެހެން ކޯހެއްގައި ނުވަތަ ތަމްރީނެއްގައި ބައިވެރިވުމަށް، އެ ޕުރޮގުރާމެއް ފުރިހަމަކުރުމަށް ހިނގާ މުއްދަތަށް؛
- ސިއްހީ މައްސަލައެއްގެ ސަބަބުން ދިގުމުއްދަތަކަށް މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވާ ފަދަ މަގުބޫލު ހާލަތެއް ދިމާވުމުން، އަނބުރާ ވަޒީފާ އަދާކުރެވޭ ފަދަ ހާލަތަކަށް ބަދަލުވަންދެން އެ މުއްދަތަށް؛
- އާއިލީގޮތުން ތިމާ ބަލަހައްޓަން ޖެހިފައިވާ ކުއްޖަކު ނުވަތަ މީހަކު ބެލެހެއްޓުމަށް މަގުބޫލު ސަބަބެއް އޮވެގެން ވަޒީފާއެއް އަދާކުރުމަށް އުޒުރުވެރިވާ ހާލަތުގައި އެ މުއްދަތަށް،
(ކ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތުގެ މުއްދަތު ގުނާނީ، ކޯސް ފުރިހަމަކުރުމަށްފަހު ފުރަތަމަ އަދާކުރާ ވަޒީފާގައި މަސައްކަތް ފަށާ ދުވަހުން ފެށިގެންނެވެ. މި ގޮތަށް މުއްދަތު ގުނުމުގައި ދެ ވަޒީފާއެއްގެ ދެމެދުގައި 3 (ތިނެއް) މަސްދުވަހަށް ވުރެ އިތުރުނުވާގޮތަށް ވަޒީފާ މެދުކެނޑިފައިވާ ދުވަސްތައް ވެސް ހިމެނޭނެއެވެ. ނަމަވެސް 3 (ތިނެއް) މަސްދުވަހަށް ވުރެ ދިގު މެދުކެނޑުމެއް އަތުވެއްޖެ ނަމަ، ހިދުމަތުގެ މުއްދަތު ގުނާނީ އެ މެދުކެނޑުނު ދުވަސްތައް ނުހިމަނައެވެ. ވަޒީފާގައި ހުރެގެން މުސާރަ ނުލިބޭގޮތަށް 3 (ތިނެއް) މަސްދުވަހަށް ވުރެ އިތުރުވާގޮތަށް ނަގާ ޗުއްޓީ (ނޯ ޕޭ ލީވް) ގެ މުއްދަތު ވެސް ހިދުމަތުގެ މުއްދަތުގެ ތެރޭގައެއް ނުގުނޭނެއެވެ.
17 ވަނަ މާއްދާ - ހިދުމަތްނުކުރާ ފަރާތްތަކުން އަނބުރާ ފައިސާދެއްކުން
މި އުސޫލުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހިދުމަތްނުކުރާ ފަރާތްތަކަށް، ސްކޮލަރށިޕުން ކޮށްފައިވާ ހަރަދ،ު ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް އަނބުރާ ސަރުކާރަށް ދައްކަންވާނެއެވެ.
(ހ) މި އުސޫލުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހިދުމަތްކުރަން ފަށައިފައިނުވާ ދަރިވަރުންނަށް ސްކޮލަރށިޕުގެ ދަށުން ކުރެވިފައިވާ ހަރަދު ބަލާނީ، އެއީ ދަރިވަރުން އަނބުރާ ދައްކަންޖެހޭ ލޯނެއްގެ ގޮތުގައެވެ. މިގޮތުން ދަރިވަރަށް ސްކޮލަރށިޕް ހަމަޖައްސާއިރު، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ސްކޮލަރށިޕަށްފަހު ހިދުމަތްނުކުރާ ހާލަތުގައި އެ ފައިސާއަކީ އަނބުރާ ދައްކަންޖެހޭ ފައިސާއެއްކަމަށް ދަރިވަރު އިގުރާރުވާން ވާނެއެވެ.
(ށ) ފައިސާ އަނބުރާ ދެއްކުމުގައި އަމަލުކުރާނީ، މިނިސްޓްރީގެ ފަރާތުން މަތީ ތައުލީމަށް ދޫކުރާ ލޯން ސްކީމުތަކުގައި އަމަލުކުރާ އުސޫލަށެވެ. މި ގޮތުން ފައިސާ އަނބުރާ ދައްކާ ހަލާސްކުރަންޖެހޭ ޖުމުލަ މުއްދަތާއި، ކޮންމެ މަހަކު ދައްކަންޖެހޭ ފައިސާގެ މިންވަރު މިނިސްޓްރީން ކަނޑައަޅާނީ، މަތީ ތައުލީމަށް ދޫކުރާ ލޯން ސްކީމުތަކުގައި އަމަލުކުރާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) މި އުސޫލުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު މުޅިން ފުރިހަމަނުކޮށް އެ މުއްދަތުން ބައެއްގައި ހިދުމަތްކޮށްފި ނަމަ، ލޯނުގެ ގޮތުގައި އަނބުރާ ދައްކަންޖެހޭ މިންވަރު ކަނޑައަޅާނީ، ހިދުމަތްކުރި މުއްދަތަށް ސްކޮލަރށިޕުގެ ޖުމުލަ ހަރަދުން، ހިދުމަތްކުރަންޖެހޭ ޖުމުލަ މުއްދަތުގެ ނިސްބަތުން ހިދުމަތްކުރި މުއްދަތު އުނިކުރުމަށްފަހު، ހިދުމަތްނުކޮށް ދޫކޮށްލާ މުއްދަތަށް ޖެހޭ މިންވަރެވެ.
18 ވަނަ މާއްދާ - މި އުސޫލުގައި ނެތްކަމެއް ދިމާވުން
މި އުސޫލުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއް ނިންމާނީ، މި އުސޫލުގައި ކަނޑައަޅައިފައިވާ ހަމަތަކާއި އަސާސްތަކާ ހިލާފުނުވާ ގޮތުގެ މަތީން، މިނިސްޓްރީންނެވެ.
19 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގައި ވަކި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް، ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.
(ހ) " ސްކޮލަރށިޕް" ކަމަށް ބުނެފައި އެވަނީ، ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުން 1 ވަނަ އަށް އަންނަ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ ސްކޮލަރށިޕަށެވެ.
(ށ) "ޕްރޮފެށަނަލް ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ލައިސަންސް ލިބިގެން ނުވަތަ ހުއްދަ ލިބިގެން މަސައްކަތްކުރަންޖެހޭ ދާއިރާތަކުގައި، އެފަދަ މަސައްކަތްތައް ފަންނީގޮތެއްގައި ކުރުމަށް ލައިސަންސް ނުވަތަ ހުއްދަ ލިބޭ ފެންވަރުގެ ސަނަދުތަކަށެވެ.
(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެ ވަނީ، މަތީ ތައުލީމާއި ތަމްރީނާ ގުޅޭ ކަންކަމަށް ޒިންމާވާ ވުޒާރާއަށެވެ.
(ރ) "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން ދަރިވަރު ކިޔަވަންދ،ާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަށެވެ.
(ބ) "ފުރަތަމަ ޑިގްރީ" ނުވަތަ "ބެޗްލަރސް ޑިގްރީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކުގެ ލެވަލް 7 ގެ ސަނަދެއްކަމަށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ކަނޑައަޅާ ސަނަދަށެވެ.
(ޅ) "މާސްޓަރސް ޑިގްރީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކުގެ ލެވަލް 9 ގެ ސަނަދެއްކަމަށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ކަނޑައަޅާ ސަނަދަށެވެ.
(ކ) "ޕީއެޗްޑީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކުގެ ލެވަލް 10 ގެ ސަނަދެއްކަމަށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ކަނޑައަޅާ ސަނަދަށެވެ.
(އ) "މޮޑިއުލް" ކަމަށް ބުނެފައި އެވަނީ، ދަރިވަރު ކިޔަވާ ޕުރޮގުރާމުގައި ވަކިވަކި މާއްދާތަކުގެ ގޮތުގައި ހަދަންޖެހޭ ޔުނިޓްތަކަށެވެ.
(ވ) "ދަރިވަރު" ކަމަށް ބުނެފައި އެވަނީ، މި ސްކޮލަރށިޕުގެ ދަށުން ކިޔެވުމަށް ހޮވިފައިވާ ފަރާތަށެވެ.
(މ) "ޕުރޮގުރާމު" ނުވަތަ "ކޯސް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މި ސްކޮލަރށި ޕުގެ ދަށުން ދަރިވަރު ބައިވެރިވާ ޕުރޮގުރާމުތަކަށެވެ.
(ފ) "ސްޕޮންސަރށިޕް ލިޔުން" ކަމަށް ބުނެފައި އެވަނީ، ސްކޮލަރށިޕުގެ ދަށުން ފުރުސަތު ލިބޭ ދަރިވަރު ހުށަހަޅާ ޕުރޮގުރާމުގައި ކިޔެވުމަށް މިނިސްޓްރީން ދޭ ހަރަދުތައް ހަމަޖައްސައިދޭނެކަން އަންގައިދޭ ރަސްމީ ލިޔުމެވެ.
(ދ) "މެޑިކޯ-ސޯށަލް ރިޕޯޓް" ކަމަށް ބުނެފައި އެވަނީ، ދަރިވަރެއްގެ ސިއްހީ، ނަފްސާނީ ނުވަތަ އިޖުތިމާއީ ހާލަތު ވަޒަންކުރުމަށްފަހު، އެފަދަ ކަންކަމުގެ ސަބަބުން ދަރިވަރުގެ ތައުލީމީ ޒިންމާތަކާއި، އިމްތިހާނުތަކާއި އެސެސްމަންޓްތައް ފުރިހަމަކުރުމުގެ ގާބިލިއްޔަތަށް ކޮށްފައިވާ އަސަރުތައް ބަޔާންކޮށް، އެ ދާއިރާއަކުން ކަމާބެހޭ ތައުލީމާއި ހުއްދަ ލިބިފައިވާ ސިއްހީ ނުވަތަ ނަފްސާނީ ނުވަތަ ގުޅުންހުރި ފަންނީ މާހިރަކު ތައްޔާރުކޮށް ދޫކުރާ ރިޕޯޓަށެވެ.
20 ވަނަ މާއްދާ - އުސޫލަށް އަމަލުކުރުން
(ހ) މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
(ށ) 2025 ވަނަ އަހަރުގެ ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުން، މުޅި މުބާރާތުގެ ހާފިޒުންގެ ބައިންނާއި، މުޅި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިންނާއި، މުޅި މުބާރާތުގެ ނުބަލައި ކިޔެވުމުގެ ބައިންނާއި މި 3 (ތިން) ކެޓެގަރީންކުރެ ކޮންމެ ކެޓެގަރީއަކުން 1 ވަނަ ހޯދައިފައިވާ ފަރާތްތަކާ މެދު ވެސް އަމަލުކުރާނީ މި އުސޫލުގެ ދަށުންނެވެ.
މައި ގާނޫނު/ގަވާއިދު
(ނެތް)
ކިޔުންތެރިންގެ ހިޔާލު