ތ. ވިލުފުށީގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު
(އުސޫލު ނަންބަރު 2025-34)
(މި އުސޫލަށް އަމަލުކުރަން ފެށީ 24 ޑިސެމްބަރު 2025 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި އުސޫލަކީ، ސަރުކާރުގެ ހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން، އަމިއްލަ ގެދޮރުނެތް ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ "ގެދޮރުވެރިކުރުން" ޕްރޮގުރާމުގެ ތެރެއިން ތ. ވިލުފުށީގައި އިމާރާތްކުރާ 100 (އެއްސަތޭކަ) ހައުސިންގ ޔުނިޓް ދޫކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމުގެ އުސޫލެވެ.
(ށ) މި އުސޫލަށް ކިޔާނީ، "ތ. ވިލުފުށީގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މަގުސަދަކީ، ތ. ވިލުފުށީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ތ. ވިލުފުށީގައި އިމާރާތްކުރާ 100 (އެއްސަތޭކަ) ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓު ދޭނެ އުސޫލުތަކާއި، އިވެލުއޭށަން ކުރިޔަށް ގެންދާނެ ގޮތާއި ހައުސިންގ ޔުނިޓް ދޫކުރުމުގެ ކަންކަން އިންތިޒާމުކޮށް، ކުރިޔަށް ގެންދާނެ ގޮތުގެ އިޖުރާއަތުތައް ކަނޑައަޅައި އާންމުކުރުމާއި، ތ. ވިލުފުށީގައި މިވަގުތު ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ހާއްސަ އިސްކަމެއްދީ، އެ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބުމުގެ ފުރުސަތު ފަހިވާގޮތަށް ކަންކަން ކަށަވަރުކުރުމެވެ.
3 ވަނަ މާއްދާ - ހައުސިންގ ޔުނިޓުގެ ބާވަތް
މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ 100 (އެއްސަތޭކަ) ހައުސިންގ ޔުނިޓަކީ، 3 (ތިނެއް) ކޮޓަރިއާއި، 3 (ތިނެއް) ފާހާނާއާއި، ބަދިގެއާއި ސިޓިންގ ރޫމު ހިމެނޭގޮތަށް 2002.09 (ދެހާސް ދޭއް ޕޮއިންޓް ސުމެއް ނުވައެއް) އަކަފޫޓުގެ ބަންޑާރަ ގޯއްޗެއްގައި އިމާރާތްކުރެވޭ އޭރިޔާގައި 1204.69 (އެއްހާސް ދުއިސައްތަ ހަތަރެއް ޕޮއިންޓް ހައެއް ނުވައެއް) އަކަފޫޓު ހުންނަގޮތަށް އިމާރާތްކުރާ ހައުސިންގ ޔުނިޓްތަކެކެވެ.
4 ވަނަ މާއްދާ - ހައުސިންގ ޔުނިޓަށް އެދޭ ފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭ ށަރުތުތައް
(ހ) މި އުސޫލުގެ ދަށުން ހައުސިންގ ޔުނިޓު ހޯދަން އެދޭ މީހުންގެ ކިބައިގައި، އަންނަނިވި ށަރުތުތައް ފުރިހަމަވާން ވާނެއެވެ:
- ދިވެހި ރައްޔިތަކަށްވުން؛
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން؛
- ތ. ވިލުފުށީ ރަށްވެއްސެއްކަމުގައި ވުން ނުވަތަ ތ. ވިލުފުށްޓަށް ހިޖުރަކޮށް ތ. ވިލުފުށީގައި މެދުނުކެނޑި ދިރިއުޅެމުންއަންނަތާ 10 (ދިހައެއް) އަހަރުވެފައިވާ ފަރާތެއް ކަމުގައި ވުން؛
- ހައުސިންގ ޔުނިޓަށް އެދޭ ފަރާތަކީ، އެއްމެދު އިމާރާތަކުން 600 (ހަސަތޭކަ) އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑު ތަނެއް ގަނެފައިވާ ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތަކަށް ނުވުން؛
- ރާއްޖޭގެ އެއްވެސް ރަށެއްގައި ހައުސިންގ ޔުނިޓަށް އެދޭ ފަރާތުގެ އަމިއްލަ ނަމުގައި 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް/ޔުނިޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަށްރޫއެއްގެ ދަށުން ހަދައިފައިވާ އިމާރާތެއްގެ ފުލެޓެއް/ޔުނިޓެއް ނުވަތަ ހައުސިންގ ޔުނިޓެއް ލިބިފައި ނެތުން؛
- ރާއްޖޭގެ އެއްވެސް ރަށަކުން ލިބިފައިވާ ބަންޑާރަ ބިމަކީ ނުވަތަ އަމިއްލަ ބިމަކީ އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ތަނެއްކަމުގައި ވެފައި، އެ ބިން ބަހައިގެން ހައުސިންގ ޔުނިޓަށް އެދޭ ފަރާތަށް 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ބޮޑު ބިމެއް ލިބެން ނެތުން؛
- ރާއްޖޭގެ އެއްވެސް ރަށަކުން އެކަކަށް ވުރެ ގިނަ މީހުންގެ މެދުގައި ރަޖިސްޓަރީކޮށްފައިވާ ބަންޑާރަ ބިމެއް ނުވަތަ އަމިއްލަ ބިމެއް، އެ މީހުންގެ މެދުގައި ބަހައިގެން ހައުސިންގ ޔުނިޓަށް އެދޭ ފަރާތަށް ލިބޭ ބައި 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ކުޑަ ނަމަ، އެ ތަން ދޫކޮށްލަން އެއްބަސްވުން؛
- ރާއްޖޭގެ އެއްވެސް ރަށަކުން ހައުސިންގ ޔުނިޓަށް އެދޭ ފަރާތުގެ އަމިއްލަ ނަމުގައި 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް/ޔުނިޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަށްރޫއެއްގެ ދަށުން ހަދައިފައިވާ އިމާރާތެއްގެ ފްލެޓެއް/ޔުނިޓެއް ނުވަތަ ގެއެއް ލިބިފައިވާ ނަމަ، މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން.
- ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދަކުން އެޕްލިކަންޓުގެ ގިތިމިހާ އަނބިމިހާއަށް 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް/ޔުނިޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަށްރޫއެއްގެ ދަށުން ހަދައިފައިވާ އިމާރާތެއްގެ ފުލެޓެއް/ޔުނިޓެއް ނުވަތަ ހައުސިންގ ޔުނިޓެއް ލިބިފައި ނެތުން.
- އަމިއްލަ ގޯއްޗެއް ތަރިކައިގެ އުސޫލުން ބަހައިގެން ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނޫފުޅޭ މުދާ ތަރިކައިގެ އުސޫލުން ބަހައިގެން އެ ގޯއްޗެއްގެ ބިމުން ލިބިފައިވާ ނުވަތަ ލިބެން އޮންނަ ބައި، މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ދޫކޮށްލަން އެއްބަސްވުން.
- ވަސިއްޔަތުން ލިބިފައިވާ ނުވަތަ ލިބެންޖެހޭ އެ ބިމެއް ނެތުން ނުވަތަ އެފަދައިން ލިބޭ ބިމެއް، މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން.
- ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމަށް މިނިސްޓްރީން އިއުލާނުކުރާ މުއްދަތު ހަމަވާ ތާރީހާ ހަމަޔަށް، ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، ދިރިއުޅުމަށް ހޯދައިފައިވާ 600 (ހަސަތޭކަ) އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑު ބޯހިޔާވަހިކަމެއް އެއްވެސް މީހަކަށް ދީފައިވާ ނުވަތަ ވިއްކައިފައިވާ ފަރާތެއް ކަމުގައި ނުވުން.
- ސުނާމީ ކާރިސާއާ ގުޅިގެން ސަރުކާރުން އިމާރާތްކޮށް ބަދަލުގެ ގޮތުގައި ދޫކޮށްފައިވާ ގގެތައް އެ ފަރާތެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައި ނުވުން.
- ސުނާމީ ކާރިސާގެ ފަހުން ތ. ވިލުފުށިން ލިބިފައިވާ ގޯތި ނުވަތަ ގެއެއް ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން.
- މަސްދުވަހަކަށް ޖެހޭ ޖުމުލަ އާމްދަނީ 60,000/- (ފަސްދޮޅަސް ހާސް) ރުފިޔާއަށް ވުރެ އިތުރަށް ލިބޭ ފަރާތެއް ކަމުގައި ނުވުން.
(ށ) ހައުސިންގ ޔުނިޓު ލިބޭ ފަރާތަށް މި އުސޫލުގެ 10 ވަނަ މާއްދާގެ ދަށުން ހައުސިންގ ޔުނިޓު ހަވާލުކުރުމާ ހަމަޔަށް ހައުސިންގ ޔުނިޓު ލިބޭ ފަރާތަކީ މި އުސޫލުގެ 4 ވަނަ ގަވާއިދުގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (15) ވަނަ ނަންބަރުގެ ނިޔަލަށް ކަނޑައަޅައިފައިވާ އަސާސީ ށަރުޠުތައް ފުރިހަމަވާ ފަރާތަކަށް ވާންޖެހޭނެއެވެ.
(ނ) މި އުސޫލުގެ ބޭނުމަށް، ލިބިފައިވާ ބޯހިޔާވަހިކަން ދޫކޮށްލަން އެއްބަސްވާ ނަމަ މިނިސްޓްރީއާއި ހައުސިންގ ޔުނިޓު ލިބޭ ފަރާތާ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހައުސިންގ ޔުނިޓަށް އެދޭ މީހާއަށް ލިބިފައިވާ ބޯހިޔާވަހިކަން ށަރުއީ މަރުހަލާ މެދުވެރިކޮށް ދޫކޮށްލަން އެދި ށަރުއީ ކޯޓަށް ހުށަހެޅުމަށްފަހު، ށަރުއީ ކޯޓަށް ހުށަހަޅައި އެ މައްސަލަ ރަޖިސްޓަރީވިކަން އަންގައިދޭ ލިޔުން ބަޔާންކޮށް ށަރުއީ ކޯޓުން ދޫކޮށްފައިވާ ލިޔުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ގޯތި ދޫކޮށްލަން އެދި ށަރުއީ ކޯޓަށް ހުށަހެޅިކަމުގެ ލިޔުން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅައިފައިނުވާ ނަމަ، ހައުސިންގ ޔުނިޓު ލިބޭ ފަރާތާ ރަސްމީކޮށް ހައުސިންގ ޔުނިޓުގެ ތަޅުދަނޑި ހަވާލެއް ނުކުރެވޭނެއެވެ. އަދި މި އުސޫލުގެ ދަށުން ލިބިފައިވާ ހައުސިންގ ޔުނިޓު އެ ފަރާތުން ވަކިކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ރ) ހައުސިންގ ޔުނިޓު ލިބޭ ފަރާތަށް ތަރިކައިން ލިބެން އޮތް ގޯތީގެ މިލްކުވެރި ފަރާތް މި ދުނިޔެ ދޫކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެ މީހާގެ ގޯތިން ހައުސިންގ ޔުނިޓް ލިބޭ ފަރާތަށް ލިބެން އޮންނަ ބައި ދޫކޮށްލުމަށް ޓަކައި ކަމާބެހޭ ކޯޓަށް ހުށަހަޅައި، އެ މައްސަލަ އެ ކޯޓުގައި ރަޖިސްޓަރީވިކަން ބަޔާންކޮށް އެ ކޯޓުން ދޫކޮށްފައިވާ ލިޔުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި އެ މައްސަލައިގެ ހުކުމް ކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ކޯޓުން ކުރި ހުކުމުގެ ކޮޕީއަކާއެކު، މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ.
5 ވަނަ މާއްދާ - ޕޮއިންޓް ދިނުމުގެ މިންގަނޑާއި ތަރުތީބުކުރުން
ހައުސިންގ ޔުނިޓަށް އެދޭ ފަރާތްތައް ތަރުތީބުކުރެވޭނީ މި އުސޫލުގެ ޖަދުވަލު 1 ގައިވާ ހައުސިންގ ޔުނިޓަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދިނުމުގެ މިންގަނޑާ އެއްގޮތަށް، ތިރީގައި ބަޔާންކޮށްފައިވާ މައިގަނޑު ބައިތަކަށް ރިއާޔަތްކުރުމާ އެކުގައެވެ.
(ހ) އާއިލާގެ ކުޑަ ބޮޑުމިން
(ށ) ދިރިއުޅުމުގެ ހާލަތު
(ނ) ނުކުޅެދުންތެރިކަން ހުންނަ ފަރާތް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތް ނުވަތަ އިޖުތިމާއީ ރައްކައުތެރިކަން ބޭނުންވާ ފަރާތް ނުވަތަ ށަރުއީގޮތުން ނުވަތަ ގާނޫނީގޮތުން ހަވާލުކޮށްގެން ބަލަހައްޓަމުން އަންނަ ފަރާތް ނުވަތަ މައިންބަފައިން ބަލަހައްޓަމުން އަންނަ ފަރާތް/ފަރާތްތައް.
6 ވަނަ މާއްދާ - ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުން
މި އުސޫލުގެ ދަށުން ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ހ) މި އުސޫލުގެ ދަށުން ހައުސިންގ ޔުނިޓަށް އެދި ހުށަހެޅޭނީ ވަކި ފަރުދަކަށެވެ.
(ށ) ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމަށް އިއުލާނުކުރުމުން، ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާނީ، މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް hiyavehi-housing.gov.mv މެދުވެރިކޮށެވެ.
(ނ) މި އުސޫލުގެ ދަށުން ހުށަހަޅާ ފޯމު ޕޯޓަލަށް ހުށަހެޅުމުން "ފޯމު ހުށަހެޅުނުކަމުގެ ލިޔުން" ޕޯޓަލުން ލިބޭނެއެވެ. އަދި އެ ފަރާތެއްގެ އީ-މެއިލް އެޑްރެހަށް ނުވަތަ ޕޯޓަލުގައި ރަޖިސްޓަރީކޮށްފައިވާ ފޯނު ނަންބަރަށް މެސެޖެއް ލިބޭނެއެވެ.
(ރ) މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުޠުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ހައުސިންގ ޔުނިޓަށް އެދޭ ފަރާތްތަކަށް މި އުސޫލުގެ ޖަދުވަލު 1 ގައިވާ ހައުސިންގ ޔުނިޓަށް އެދޭ ފަރާތްތަކަށް ޕޮއިންޓު ދިނުމުގެ މިންގަނޑުގައި ބަޔާންކޮށްފައިވާ ކަންކަން ސާބިތުކުރުމަށް ޓަކައި އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. މި ލިޔެކިޔުންތަކުގެ މައުލޫމާތު ހިޔާވެހި ޕޯޓަލުން ފެންނަން ހުންނަންވާނެއެވެ.
- ހައުސިންގ ޔުނިޓަށް އެދޭ ފަރާތަކީ، ތ. ވިލުފުށީގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެއް ނަމަ، އެ ފަރާތް ތ. ވިލުފުށީގައި ވަޒީފާ އަދާކުރަމުން އަންނަކަން ބަޔާންކޮށް (ވަޒީފާ އަދާކުރަން ފެށި ތާރީހު އެނގޭ ގޮތަށް) ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން ނުވަތަ ތ. ވިލުފުށީގައި ދިރިއުޅެމުން އަންނަކަން ނުވަތަ ތ. ވިލުފުށްޓަށް ހިޖުރަކޮށްގެން ތ. ވިލުފުށީގައި މެދުނުކެނޑި ދިރިއުޅެމުން އަންނަތާ 10 (ދިހައެއް) އަހަރުވެފައިވާ މީހެއް ކަމުގައި ބަޔާންކޮށް ތ. ވިލުފުށީ ކައުންސިލުން ހައުސިންގ ޔުނިޓަށް އެދޭ ފަރާތަށް ދޫކޮށްފައިވާ ލިޔުން.
- ވިލުފުށީގައި ދިރިއުޅެމުން އަންނަކަން ސާބިތުކޮށްދިނުމުގެ ގޮތުން 2 (ދޭއް) ފަރާތަކުން ދޭ ހެކިބަހެއްގެ ގޮތުގައި މި އުސޫލުގެ ޖަދުވަލު 3 ގައިވާ ގޮތުގެ މަތީން (2ދޭއް) އެފިޑެވިޓް ފުރިހަމަކޮށް ހުށަހެޅުން.
- 18 (އަށާރަ) އަހަރުން ދަށުގެ ދަރިން ބަލަހައްޓަމުން އަންނަ ފަރާތެއްކަން ސާބިތުކުރުމަށް ޓަކައި، އެކަން ބަޔާންކޮށް ށަރުއީ ކޯޓަކުން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ކުއްޖާގެ މަންމަ ނުވަތަ ބައްޕަ އެކަމަށް ހެކިވެ، އިނގިލީގެ ނިށާނާއެކު ހުށަހަޅާ ސިޓީ، މިފަދަ ލިއުމެއް ނެތް ނަމަވެސް، އެޕްލިކޭށަން ހުށަހަޅައިފައިވާ ފަރާތުން ދީފައިވާ މައުލޫމާތުގެ އަލީގައި، އިވެލުއޭށަން ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެކަމާމެދު ގޮތެއް ނިންމުމުގެ އިހުތިޔާރު، އިވެލުއޭށަން ކޮމިޓީއަށް ލިބިގެންވެއެވެ.
- ދަރިއަކު ލިބިފައި ނުވަނީ އެ މަފިރިންގެ ތެރެއިން މީހެއްގެ ސިއްހީ މައްސަލައެއްގެ ސަބަބުން ކަމުގައި ވާ ނަމަ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ރަޖިސްޓަރީވެފައިވާ މެޑިކަލް ޕްރެކްޓިށަނަރަކު އެކަން ބަޔާންކޮށް ދޫކޮށްފައިވާ ލިޔުން.
- ގޯތި ނުވަތަ ބޯހިޔާވަހިކަން ދޫކޮށްލާކަމުގެ އިގުރާރު، (އިގުރާރުގެ ގޮތުގައި ހުށަހަޅާނީ، މި އުސޫލުގެ ޖަދުވަލު 2 ގައި ހިމަނައިފައިވާ އިގުރާރު ފުރިހަމަކުރުމަށްފަހުގައެވެ.)
- ހައުސިންގ ޔުނިޓަށް އެދޭ ފަރާތުން، ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީ (އެންސްޕާ) ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފުތަރުގައި ހިމެނޭ ފަރާތެއް ނުވަތަ ފަރާތްތަކެއް ބަލަހައްޓަމުން އަންނަ ނަމަ، ދައުލަތުގެ ކަމާ ގުޅޭ އިދާރާއަކުން ނުވަތަ ށަރުއީ ކޯޓަކުން، އެފަދަ ރައްކައުތެރިކަމެއް ބޭނުންވާ ފަރާތެއް ބެލެހެއްޓުން ހަވާލުކޮށްފައިވާ ފަރާތެއްކަމަށް ބަޔާންކޮށް ދީފައިވާ ލިޔުން.
- މައިންބަފައިންނާއި ދަރީން ފިޔަވައި، ށަރުއީގޮތުން ބަލަދުވެރިކަން ހަވާލުވެގެން ބަލަހައްޓާ ފަރާތެއް ބަލަހައްޓަމުން އަންނަ މީހެއްކަން ސާބިތުކުރުމަށް އެކަން ބަޔާންކޮށް ށަރުއީ ކޯޓަކުން ދީފައިވާ ލިޔުން.
- ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުން ހަވާލުކުރުމާބެހޭ އުސޫލުގެ ދަށުން ކުދިން ބަލަހައްޓާ ނަމަ، އެކަން ސާބިތުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން.
- އެކަނިވެރި މައެއްކަން ނުވަތަ އެކަނިވެރި ބަފައެއްކަން ސާބިތުކޮށްދިނުމަށް ވަރީގެ ސެޓްފިކެޓުގެ އަސްލާ އެއްގޮތްކަން އަންގައިދޭ ކޮޕީ ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާ ދުނިޔެ ދޫކޮށްފައިވާ ފަރާތެއް ނަމަ، މަރު ސާބިތުވިކަމުގެ ލިޔުމުގެ އަސްލާ އެއްގޮތްކަން އަންގައިދޭ ކޮޕީ.
- ވަޒީފާ އަދާކުރާ ފަރާތެއް ނަމަ، އެ ފަރާތް ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުމާއި، ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ވޭތުވެދިޔަ 6 (ހައެއް) މަސްދުވަހުގެ މުސާރަ ސްލިޕް.
(ނޯޓު: ވަޒީފާ އަދާކުރާ ތަނުން ދޫކުރާ ލިޔުމާއި، މުސާރަ ސްލިޕްގައި، ވަޒީފާ އަދާކުރާ ތަނުގެ ރަސްމީ ތައްގަނޑު ޖަހައިފައި އޮންނަންވާނެއެވެ.) - ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ވޭތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ބޭންކު އެކައުންޓް ސްޓޭޓްމަންޓް.
- މައިންބަފައިން ބަލާ ފަރާތެއް ނަމަ، މި އުސޫލުގެ ޖަދުވަލު 4 ގައި ހިމަނައިފައިވާ އިގުރާރު ފުރިހަމަކުރުމަށްފަހު ހުށަހެޅުން.
(ބ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔުމަކީ މި އުސޫލު އާންމުކުރާ ތާރީހުގެ ފަހުން، ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ. އެ ލިޔުމުގައި، އެ ލިޔުން ދޫކުރި އިދާރާ/އޮފީހުގެ ތައްގަނޑު ޖަހައިފައި އޮންނަންވާނެއެވެ. އަދި ލިޔުން ދޫކުރި ފަރާތުގެ ނަމާއި ސޮއި އޮންނަންވާނެއެވެ.
(ޅ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުން ފެށިގެން (11) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ ސައްހަކަން އިތުރަށް ކަށަވަރުކުރަން ޖެހިއްޖެ ނަމަ، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެއެވެ.
(ކ) ސަރުކާރުގެ އިދާރާއަކުން ނުވަތަ ތަނަކުން، ނުވަތަ އަމިއްލަ ފަރުދަކު ދޫކޮށްފައިވާ ލިޔުމެއް ހުށަހަޅާ ނަމަ، އެ ލިޔުމަކީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ) ގާނޫނު އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ލިޔުމެއްކަމުގައި ވާންވާނެއެވެ.)
(އ) މި އުސޫލުގެ ދަށުން އެޕްލިކޭށަންތައް ހުށަހަޅަންވާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރުމަށްފަހު މިނިސްޓްރީން ކުރާ އިއުލާނުގައި ބަޔާންކުރާ ކަޓް އޮފް ޑޭޓުގެ ކުރިންނެވެ.
7 ވަނަ މާއްދާ - އިވެލުއޭށަން
ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދިނުމާއި ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ހުށަހެޅުންތައް އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އިވެލުއޭޓްކުރާނީ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކުން ނުވަތަ ކޮމިޓީއަކުންނެވެ.
8 ވަނަ މާއްދާ - ހައުސިންގ ޔުނިޓު ލިބޭ ފަރާތްތައް ކަނޑައެޅުން
(ހ) ހައުސިންގ ޔުނިޓަށް ށަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ޔުނިޓުގެ އަދަދަށް އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތަކުގެ މައުލޫމާތުގެ ސައްހަކަން ކަމާ ގުޅޭ އިދާރާތަކުން ކަށަވަރުކުރެވޭނެއެވެ.
(ށ) ހައުސިންގ ޔުނިޓް ލިބޭ ފަރާތްތައް ކަނޑައަޅާނީ މި އުސޫލުގެ ދަށުން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތަކުގެ ތަރުތީބުންނެވެ.
(ނ) މި އުސޫލުގެ ދަށުން ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕޮއިންޓު ލިބޭ ތަރުތީބުން ހައުސިންގ ޔުނިޓް ލިބޭ ފަރާތް ކަނޑައަޅާއިރު، ޕޮއިންޓު އެއްވަރުވާ ހާލަތުގައި ހައުސިންގ ޔުނިޓް ލިބޭ ފަރާތް ކަނޑައަޅާނީ ޕޮއިންޓު އެއްވަރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.
(ރ) މި އުސޫލުގެ ދަށުން ދޫކުރާ ހައުސިންގ ޔުނިޓަށް އެދި ދެމަފިރިން ވަކިން އެޕްލިކޭށަން ހުށަހަޅައި، ދެމަފިރިންނަށް ވަކިން ހައުސިންގ ޔުނިޓް ލިބޭ ހާލަތުގައި، މި އުސޫލުގެ ދަށުން ހައުސިންގ ޔުނިޓް ދޫކުރަން ހަމަޖެހިފައިވަނީ ދެމަފިރީންގެ ތެރެއިން 1 (އެކެއް) ފަރާތަކަށެވެ. އެގޮތުން ހައުސިންގ ޔުނިޓް ލިބޭނީ ދެމަފިރިންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ. އަދި ޕޮއިންޓް އެއްވަރުވެއްޖެ ނަމަ ހައުސިންގ ޔުނިޓް ލިބޭ ފަރާތް އިހުތިޔާރުކުރަން ދެމަފިރިންނަށް ފުރުސަތު ދެވޭނެއެވެ. ޕޮއިންޓް އެއްވަރުވެ، އޭގެ ތެރެއިން ވަކި ފަރާތެއް އިހްތިޔާރުކުރުމަށް ދެފަރާތަށް އެއްބަސްނުވެވިއްޖެ ނަމަ، ހައުސިންގ ޔުނިޓް ލިބޭ ފަރާތް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
10 ވަނަ މާއްދާ - ހައުސިންގ ޔުނިޓުގެ އަގު ނެގުން
ހައުސިންގ ޔުނިޓުގެ އަގު ނަގާނެ ގޮތް ކަނޑައަޅާނީ މިނިސްޓްރީންނެވެ.
10 ވަނަ މާއްދާ - ހައުސިންގ ޔުނިޓު ހަވާލުކުރުން
ހައުސިންގ ޔުނިޓު ހަވާލުކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ހ) ހައުސިންގ ޔުނިޓު ލިބޭ ފަރާތްކަމަށް ކަނޑައެޅޭ ފަރާތާއި މިނިސްޓްރީއާ ދެމެދު ހައުސިންގ ޔުނިޓު ހަވާލުކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށް ހައުސިންގ ޔުނިޓް ހަވާލުކުރެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހައުސިންގ ޔުނިޓު ލިބޭ ފަރާތަކީ މި އުސޫލުގެ ދަށުން ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ދޫކޮށްލަންޖެހޭ ފަރާތެއް ނަމަ، އެ ފަރާތަކާ ހައުސިންގ ޔުނިޓު ހަވާލުކުރެވޭނީ، މިނިސްޓްރީއާއި ހައުސިންގ ޔުނިޓު ލިބޭ ފަރާތް ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ގޯއްޗަށް އެދޭ މީހާއަށް ލިބިފައިވާ ބޯހިޔާވަހިކަން ށަރުއީ މަރުހަލާ މެދުވެރިކޮށް ދޫކޮށްލުމަށް އެދި ށަރުއީ ކޯޓަށް ހުށަހެޅުމަށްފަހު ށަރުއީ ކޯޓަށް ހުށަހެޅިކަމަށް ބަޔާންކޮށް ށަރުއީ ކޯޓުން ދޫކޮށްފައިވާ ލިޔުން މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އެއްބަސްވުމުގައި ސޮއިކުރާއިރު ތަޅުދަނޑި ހަވާލުކުރެވޭނެއެވެ. އަދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ތަޅުދަނޑި ހަވާލުކުރެވޭނީ އެ އަކުރުގައި ބަޔާންކޮށްފައިވާ ށަރުއީ ކޯޓުގެ ލިޔުން މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.
11 ވަނަ މާއްދާ - ދޫކޮށްލާ ބިމާމެދު އަމަލުކުރާނެ ގޮތް
މި އުސޫލުގެ ދަށުން ދޫކޮށްލާ ބިމާމެދު އަމަލުކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ހ) މި އުސޫލުގެ ދަށުން ތަރިކައިން ލިބެން އޮންނަ ބައި ދޫކޮށްލުމުން ދެން އެ ބޯހިޔާވަހިކަން ލިބޭނީ ބާކީ ތިބި ވާރުތަވެރިންނަށެވެ. އަދި އެއްވެސް ވާރުތަވެރިޔަކު ނެތް ހާލަތުގައި އެ ބައެއް ދޫކޮށްލަންވާނީ ދައުލަތަށެވެ
(ށ) މި އުސޫލުގެ ދަށުން އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ބަންޑާރަ ބިމެއް ނުވަތަ އަމިއްލަ ބިމެއް ބަހައިގެން ލިބޭ ބައި ދޫކޮށްލާނީ ގޯތީގެ ރަޖިސްޓަރީގައި ބާކީ ތިބި މީހުންނަށެވެ.
(ނ) މި އުސޫލުގެ ދަށުން ދޫކޮށްލަން އެއްބަސްވާ، ހިޔާވަހިކަމަކީ ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފަރާތުގެ ނަމުގައި އެކަނި އޮންނަ ބޯހިޔާވަހިކަމެއް ނަމަ، އެ ބިމެއް ދޫކޮށްލަންވާނީ، މި އުސޫލުގައި ބަޔާންކޮށްފައިވާ ހައުސިންގ ޔުނިޓަށް ށަރުޠު ފުރިހަމަވާ 18 (އަށާރަ) އަހަރުން މަތީގެ ދަރިޔަކަށެވެ. އަދި ހައުސިންގ ޔުނިޓަށް ށަރުޠު ފުރިހަމަވާ 18 (އަށާރަ) އަހަރުން މަތީގެ އެއް ދަރިއަށް ވުރެ ގިނަ ދަރިން ތިބޭ ހާލަތުގައި، އެ ބިން ދޫކޮށްލާނެ ދަރިޔަކު ކަނޑައަޅާނީ ބިން ދޫކޮށްލާ ފަރާތުންނެވެ. މީގެއިތުރުން، ހައުސިންގ ޔުނިޓަށް ށަރުޠު ފުރިހަމަވާ 18 (އަށާރަ) އަހަރުން މަތީގެ ދަރިޔަކު ނެތް ނަމަ، އެ ބިން ދޫކޮށްލަންވާނީ، ދޫކޮށްލާ ބިމުގެ އިހްތިސާސްގައި ހިމެނޭ ކައުންސިލަށެވެ.
12 ވަނަ މާއްދާ - ޖަދުވަލުތައް
އަންނަނިވި ޖަދުވަލުތަކަކީ މި އުސޫލުގެ ބައެކެވެ.
(ހ) ޖަދުވަލު 1: ހައުސިންގ ޔުނިޓަށް އެދޭ ފަރާތްތަކަށް ޕޮއިންޓު ދިނުމުގެ މިންގަނޑު.
(ށ) ޖަދުވަލު 2: ގޯތި ނުވަތަ ބޯހިޔާވަހިކަން ނުވަތަ ހައްގުތައް ދޫކޮށްލާކަމުގެ އިގުރާރު.
(ނ) ޖަދުވަލު 3: ތ. ވިލުފުށީގައި ދިރިއުޅެމުންއަންނަކަން ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހަޅާ އެފިޑެވިޓް.
(ރ) ޖަދުވަލު 4: މައިންބަފައިން ބަލަހައްޓާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އިގުރާރު.
13 ވަނަ މާއްދާ - އުސޫލު ތަންފީޒުކުރުން
(ހ) މި އުސޫލު ތަންފީޒުކޮށް ދިމާވާ މައްސަލަތައް ހައްލުކޮށް ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ މިނިސްޓްރީއަށެވެ. އަދި މި އުސޫލު ތަންފީޒުކޮށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރާނީ ވެސް މިނިސްޓްރީންނެވެ.
(ށ) މި އުސޫލުގެ ދަށުން ހައުސިންގ ޔުނިޓަށް އެދޭ ފަރާތުން ދީފައިވާ އެއްވެސް މައުލޫމާތަކީ ސައްހަނޫން މައުލޫމާތެއްކަން ސާބިތުވެއްޖެ ނަމަ، އަދި މިފަދައިން ދީފައިވާ މައުލޫމާތަކަށް ބިނާކޮށް ހައުސިންގ ޔުނިޓު ލިބުމަށް ށަރުޠު ފުރިހަމަވެފައިވާ ނަމަ މި އުސޫލުގެ ދަށުން ދޫކުރާ ހައުސިންގ ޔުނިޓު، އެއްވެސް ބަދަލެއް ދިނުމަކާ ނުލައި މިނިސްޓްރީއަށް އަނބުރާ ނެގޭނެއެވެ.
(ނ) މި އުސޫލުގައި ހިމެނިފައި ނެތް ކަމެއް ދިމާވެއްޖެ ނަމަ އެ ކަމެއް ހައްލުކުރާނީ، މިނިސްޓްރީންނެވެ. އަދި އެ ކަމެއް ހައްލުކޮށް އުސޫލު އިސްލާހުކުރުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
14 ވަނަ މާއްދާ - ސުނާމީ ކާރިސާއާ ގުޅިގެން ސަރުކާރުން އިމާރާތްކޮށް ބަދަލުގެ ގޮތުގައި ދީ އެހެންނަމަވެސް، ރަޖިސްޓަރީކޮށްދީފައި ނުވާ ހާލަތު
(ހ) ސުނާމީ ކާރިސާއާ ގުޅިގެން ސަރުކާރުން އިމާރާތްކޮށް ބަދަލުގެ ގޮތުގައި ތ. ވިލުފުށިން ގެ/ގެތައް ލިބިފައިވާ، އެހެންނަމަވެސް، ރަޖިސްޓަރީކޮށްދީފައި ނުވާ ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާއަކީ އެ ގެ/ގެތައް ލިބުމުގެ ހައްގު ލިބިފައިވާ ފަރާތްތަކެއް ކަމުގައި ބެލެވޭނެއެވެ.
(ށ) މި އުސޫލުގެ ދަށުން ހައުސިންގ ޔުނިޓަށް އެދި އެޕްލިކޭށަން ހުށަހަޅައި މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ށަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް، ހައުސިންގ ޔުނިޓް ކަނޑައެޅޭނީ އެ ފަރާތްތަކަށް ސުނާމީ ކާރިސާގެ ފަހުން ތ. ވިލުފުށިން ގެއެއް ނުވަތަ ގޯއްޗެއް ލިބުމަށް އެ ފަރާތަށް ލިބިފައިވާ ހައްގު ދޫކޮށްލުމުގެ ގޮތުން، މި އުސޫލުގެ ޖަދުވަލު 2 ގައި ހިމަނައިފައިވާ އިގުރާރު ފުރިހަމަކުރުމުންނެވެ.
15 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ސުނާމީ" ކަމަށް ބުނެފައި އެވަނީ، 2004 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ކާރިސާއަށެވެ.
(ށ) "ހިޔާވަހިކަން" ކަމަށް ބުނެފައި އެވަނީ، ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެއްމެދު އިމާރާތުގެ ފުލެޓާއި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަށްރޫއެއްގެ ދަށުން ހަދައިފައިވާ އިމާރާތެއްގެ ފުލެޓު ނުވަތަ ހައުސިންގ ޔުނިޓާއި ސުނާމީ ކާރިސާއާ ގުޅިގެން ސަރުކާރުން އިމާރާތްކޮށް ބަދަލުގެ ގޮތުގައި ދޫކޮށްފައިވާ ގެތައް ހިމެނޭހެންނެވެ.
(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްށަން އެންޑް އިންފްރާސްޓްރަކްޗަރ، ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.
(ހ) "ކަޓް އޮފް ޑޭޓް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ލިޔެކިޔުންތަކުގެ ތާރީހަށެވެ. އެއީ ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ކުރާ އިއުލާނުގެ މުއްދަތު ހަމަވާ ތާރީހަށެވެ.
(ށ) "ބިން ދޫކޮށްލަން އެއްބަސްވުން" ކަމުގައި ބަލާނީ، ގޯތި ނުވަތަ ބޯހިޔާވަހިކަން ދޫކޮށްލާކަމުގެ "އިގުރާރު" ގައި ސޮއިކޮށް ފޯމާއެކު ހުށަހަޅައިފައިވުމަށެވެ.
(ނ) މި އުސޫލުގެ ދަށުން ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފަރާތުގެ އުމުރު ގުނުމުގައި ބަލާނީ، ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ކުރާ އިއުލާނުގެ މުއްދަތު ހަމަވާ ތާރީހަށެވެ.
(ރ) "ހިޔާވަހި ޕޯޓަލް" ކަމަށް ބުނެފައި އެވަނީ ސަރުކާރުގެ ބޯހިޔާވަހިކަމާ ގުޅުންހުރި ހުރިހާ ކަންކަމަށް އޮންލައިންގެ ޒަރީއާއިން ހުށަހެޅުމަށް ފަރުމާކޮށްފައިވާ ޕޯޓަލްކަމުގައިވާ hiyavehi-housing.gov.mv އަށެވެ.
(ބ) "ތ. ވިލުފުށި" ކަމަށް ބުނެފައި އެވަނީ "ކޮޅުމަޑުލު ވިލުފުށި" އަށެވެ.
(ޅ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ ކޮޅުމަޑުލު ވިލުފުށީ ކައުންސިލް އިދާރާއަށެވެ.
(ކ) "އާއިލާ" ކަމަށް ބުނެފައި އެވަނީ، އެޕްލިކަންޓުގެ އަނބިމީހާ ނުވަތަ ފިރިމީހާއާއި، އެޕްލިކަންޓުގެ ދަރިންނާއި މައިންބަފައިންނާއި، ކާފަ ދަރިން ނުވަތަ މާ ދަރިންނަށެވެ.
16 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުން
މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު/ގަވާއިދު
(ނެތް)
ކިޔުންތެރިންގެ ހިޔާލު