-

ބ.ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2025-33)

(މި އުސޫލަށް އަމަލުކުރަން ފެށީ 24 ޑިސެމްބަރު 2025 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި އުސޫލަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން، އަމިއްލަ ގެދޮރު ނެތް ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ "ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ތެރެއިން، ބ. ތުޅާދޫގައި އިމާރާތްކުރާ 100 (އެއްސަތޭކަ) ހައުސިންގ ޔުނިޓް ދޫކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމުގެ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ބ. ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގްސަދަކީ، ބ. ތުޅާދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ބ. ތުޅާދޫގައި އިމާރާތްކުރާ 100 (އެއްސަތޭކަ) ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދޭނެ އުސޫލުތަކާއި، އިވެލުއޭށަން ކުރިޔަށް ގެންދާނެ ގޮތާއި، ހައުސިންގ ޔުނިޓް ދޫކުރުމުގެ ކަންކަން އިންތިޒާމުކޮށް ކުރިޔަށް ގެންދާނެ ގޮތުގެ އިޖުރާއަތުތައް ކަނޑައަޅައި އާންމުކުރުމާއި ބ. ތުޅާދޫގައި މިވަގުތު ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދީ އެ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބުމުގެ ފުރުސަތު ފަހިވާގޮތަށް ކަންކަން ކަށަވަރުކުރުމެވެ.

 

3 ވަނަ މާއްދާ - ހައުސިންގ ޔުނިޓުގެ ބާވަތް

މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ 100 (އެއްސަތޭކަ) ހައުސިންގ ޔުނިޓަކީ، 3 (ތިނެއް) ކޮޓަރިއާއި 3 (ތިނެއް) ފާހާނާއާއި، ބަދިގެއާއި ސިޓިންގ ރޫމު ހިމެނޭގޮތަށް 2002.09 (ދެހާސް ދޭއް ޕޮއިންޓް ސުމެއް ނުވައެއް) އަކަފޫޓުގެ ބަންޑާރަ ގޯއްޗެއްގައި އިމާރާތް ކުރެވޭ އޭރިއާގައި، 1204.69 (އެއްހާސް ދުއިސައްތަ ހަތަރެއް ޕޮއިންޓް ހައެއް ނުވައެއް) އަކަފޫޓު ހުންނަގޮތަށް އިމާރާތްކުރާ ހައުސިންގ ޔުނިޓްތަކެކެވެ.

4 ވަނަ މާއްދާ - ހައުސިންގ ޔުނިޓަށް އެދޭ ފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭ ށަރުތުތައް

(ހ) މި އުސޫލުގެ ދަށުން ހައުސިންގ ޔުނިޓު ހޯދަން އެދޭ މީހުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާން ވާނެއެވެ:

  1. ދިވެހި ރައްޔިތަކަށްވުން.
  2. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން.
  3. ރަށްވެއްސެއްކަމުގައި ވުން ނުވަތަ - ތުޅާދޫއަށް ހިޖުރަކޮށްގެން، - ތުޅާދޫގައި މެދުނުކެނޑި ދިރިއުޅެމުންއަންނަތާ 10 (ދިހައެއް) އަހަރުވެފައިވާ ފަރާތެއް ކަމުގައި ވުން.
  4. ހައުސިންގ ޔުނިޓަށް އެދޭ ފަރާތަކީ އެއްމެދު އިމާރާތަކުން 600 (ހަސަތޭކަ) އަކަފޫޓުގެ ނުވަތަ އެއަށް ވުރެ ބޮޑު ތަނެއް ގަނެފައިވާ ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތަކަށް ނުވުން.
  5. ރާއްޖޭގެ އެއްވެސް ރަށަކުން ހައުސިންގ ޔުނިޓަށް އެދޭ ފަރާތުގެ އަމިއްލަ ނަމުގައި 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ބޮޑު، ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް/ޔުނިޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަށްރޫއެއްގެ ދަށުން ހަދައިފައިވާ އިމާރާތެއްގެ ފްލެޓެއް/ޔުނިޓެއް ނުވަތަ ހައުސިންގ ޔުނިޓެއް ލިބިފައި ނެތުން.
  6. ރާއްޖޭގެ އެއްވެސް ރަށަކުން ލިބިފައިވާ ބަންޑާރަ ބިމަކީ ނުވަތަ އަމިއްލަ ބިމަކީ، އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ތަނެއްކަމުގައި ވެފައި، އެ ބިން ބަހައިގެން، ހައުސިންގ ޔުނިޓަށް އެދޭ ފަރާތަށް، 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ބޮޑު ބިމެއް ލިބެން ނެތުން.
  7. ރާއްޖޭގެ އެއްވެސް ރަށަކުން އެކަކަށް ވުރެ ގިނަ މީހުންގެ މެދުގައި ރަޖިސްޓަރީކޮށްފައިވާ ބަންޑާރަ ބިމެއް ނުވަތަ އަމިއްލަ ބިމެއް، އެ މީހުންގެ މެދުގައި ބަހައިގެން ހައުސިންގ ޔުނިޓަށް އެދޭ ފަރާތަށް ލިބޭ ބައި 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ކުޑަ ނަމަ، އެ ތަން ދޫކޮށްލަން އެއްބަސްވުން.
  8. ރާއްޖޭގެ އެއްވެސް ރަށަކުން ހައުސިންގ ޔުނިޓަށް އެދޭ ފަރާތުގެ އަމިއްލަ ނަމުގައި 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް/ޔުނިޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަށްރޫއެއްގެ ދަށުން ހަދައިފައިވާ އިމާރާތެއްގެ ފްލެޓެއް/ޔުނިޓެއް ނުވަތަ ގެއެއް ލިބިފައިވާ ނަމަ، މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން؛
  9. ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދަކުން އެޕްލިކަންޓުގެ އަމިއްލަނަމުގައި 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް/ޔުނިޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަށްރޫއެއްގެ ދަށުން ހަދައިފައިވާ އިމާރާތެއްގެ ފުލެޓެއް/ޔުނިޓެއް ނުވަތަ ހައުސިންގ ޔުނިޓެއް ލިބިފައި ނެތުން؛
  10. އަމިއްލަ ގޯއްޗެއް ތަރިކައިގެ އުސޫލުން ބަހައިގެން ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނޫފުލޭ މުދާ ތަރިކައިގެ އުސޫލުން ބަހައިގެން އެ ގޯއްޗެއްގެ ބިމުން ލިބިފައިވާ ނުވަތަ ލިބެން އޮންނަ ބައި މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ދޫކޮށްލަން އެއްބަސްވުން؛
  11. ވަސިއްޔަތުން ލިބިފައިވާ ނުވަތަ ލިބެންޖެހޭ ބިމެއް ނެތުން ނުވަތަ އެފަދައިން ލިބޭ ބިމެއް، މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން؛
  12. ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމަށް މިނިސްޓްރީން އިއުލާނުކުރާ މުއްދަތު ހަމަވާ ތާރީހާ ހަމަޔަށް ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، ދިރިއުޅުމަށް ހޯދައިފައިވާ 600 (ހަސަތޭކަ) އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑު ބޯހިޔާވަހިކަމެއް އެއްވެސް މީހަކަށް ދީފައިވާ ނުވަތަ ވިއްކައިފައިވާ ފަރާތެއް ކަމުގައި ނުވުން؛
  13. މަސްދުވަހަކަށް ޖެހޭ ޖުމުލަ އާމްދަނީ 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށް ވުރެ އިތުރަށް ލިބޭ ފަރާތެއް ކަމުގައި ނުވުން.

(ށ) ހައުސިންގ ޔުނިޓު ލިބޭ ފަރާތަށް، މި އުސޫލުގެ 10 ވަނަ މާއްދާގެ ދަށުން ހައުސިންގ ޔުނިޓް ހަވާލުކުރުމާ ހަމަޔަށް، ހައުސިންގ ޔުނިޓު ލިބޭ ފަރާތަކީ މި އުސޫލުގެ 4 ވަނަ 

މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (13) ވަނަ ނަންބަރުގެ ނިޔަލަށް ކަނޑައަޅައިފައިވާ އަސާސީ ށަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާންޖެހޭނެއެވެ.

(ނ) މި އުސޫލުގެ ބޭނުމަށް، ލިބިފައިވާ ބޯހިޔާވަހިކަން ދޫކޮށްލަން އެއްބަސްވާ، ނަމަ މިނިސްޓްރީއާއި ހައުސިންގ ޔުނިޓު ލިބޭ ފަރާތާ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ހައުސިންގ ޔުނިޓަށް އެދޭ މީހާއަށް ލިބިފައިވާ ބޯހިޔާވަހިކަން ށަރުއީ މަރުހަލާ މެދުވެރިކޮށް، ދޫކޮށްލުމަށް އެދި ށަރުއީ ކޯޓަށް ހުށަހެޅުމަށްފަހު ށަރުއީ ކޯޓަށް ހުށަހަޅައި އެ މައްސަލަ ރަޖިސްޓަރީވިކަން އަންގައިދޭކަމުގެ ލިޔުމެއްކަން ބަޔާންކޮށް، ށަރުއީ ކޯޓުން ދޫކޮށްފައިވާ ލިޔުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ގޯތި ދޫކޮށްލުމަށް އެދި ށަރުއީ ކޯޓަށް ހުށަހެޅިކަމުގެ ލިޔުން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅައިފައިނުވާ ނަމަ، ހައުސިންގ ޔުނިޓް ލިބޭ ފަރާތާ ރަސްމީކޮށް ހައުސިންގ ޔުނިޓުގެ ތަޅުދަނޑި ހަވާލެއް ނުކުރެވޭނެއެވެ. އަދި މި އުސޫލުގެ ދަށުން ލިބިފައިވާ ހައުސިންގ ޔުނިޓު އެ ފަރާތުން ވަކިކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ރ) ހައުސިންގ ޔުނިޓު ލިބޭ ފަރާތަށް ތަރިކައިން ލިބެން އޮތް ގޯތީގެ މިލްކުވެރި ފަރާތް މި ދުނިޔެ ދޫކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެ މީހާގެ ގޯތިން ހައުސިންގ ޔުނިޓު ލިބޭ ފަރާތަށް ލިބެން އޮންނަ ބައި ދޫކޮށްލުމަށް ޓަކައި ކަމާބެހޭ ކޯޓަށް ހުށަހަޅައި، އެ މައްސަލަ އެ ކޯޓުގައި ރަޖިސްޓަރީވިކަން ބަޔާންކޮށް އެ ކޯޓުން ދޫކޮށްފައިވާ ލިޔުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި އެ މައްސަލައިގެ ހުކުމް ކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޯޓުން ކުރި ހުކުމުގެ ކޮޕީއަކާއެކު، މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ.

 

5 ވަނަ މާއްދާ - ޕޮއިންޓް ދިނުމުގެ މިންގަނޑާއި ތަރުތީބުކުރުން

ހައުސިންގ ޔުނިޓަށް އެދޭ ފަރާތްތައް ތަރުތީބުކުރެވޭނީ މި އުސޫލުގެ ޖަދުވަލު 1 ގައިވާ ހައުސިންގ ޔުނިޓަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދިނުމުގެ މިންގަނޑާ އެއްގޮތަށް، ތިރީގައި ބަޔާންކޮށްފައިވާ މައިގަނޑު ބައިތަކަށް ރިއާޔަތްކުރުމާ އެކުގައެވެ.

(ހ) އާއިލާގެ ކުޑަބޮޑުމިން.

(ށ) ދިރިއުޅުމުގެ ހާލަތު.

(ނ) ނުކުޅެދުންތެރިކަން ހުންނަ ފަރާތް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތް ނުވަތަ އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތް ނުވަތަ ށަރުއީގޮތުން ނުވަތަ ގާނޫނީގޮތުން ހަވާލުކޮށްގެން ބަލަހައްޓަމުން އަންނަ ފަރާތް ނުވަތަ މައިންބަފައިން، ބަލަހައްޓަމުން އަންނަ ފަރާތް/ފަރާތްތައް

 

6 ވަނަ މާއްދާ - ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުން

މި އުސޫލުގެ ދަށުން ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) މި އުސޫލުގެ ދަށުން ހައުސިންގ ޔުނިޓަށް އެދި ހުށަހެޅޭނީ ވަކި ފަރުދަކަށެވެ.

(ށ) ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމަށް އިއުލާނުކުރުމުން، ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާނީ މިނިސްޓްރީގެ "ހިޔާވެހި ޕޯޓަލް" hiyavehi.housing.gov.mv މެދުވެރިކޮށެވެ.

(ނ) މި އުސޫލުގެ ދަށުން ހުށަހަޅާ ފޯމު ޕޯޓަލަށް ހުށަހެޅުމުން "ފޯމު ހުށަހެޅުނުކަމުގެ ލިޔުން" ޕޯޓަލުން ލިބޭނެއެވެ. އަދި އެ ފަރާތެއްގެ އީ-މެއިލް އެޑްރެހަށް ނުވަތަ ޕޯޓަލުގައި ރަޖިސްޓަރީކޮށްފައިވާ ފޯނު ނަންބަރަށް މެސެޖެއް ލިބޭނެއެވެ.

(ރ) މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ހައުސިންގ ޔުނިޓަށް އެދޭ ފަރާތްތަކަށް މި އުސޫލުގެ ޖަދުވަލު 1 ގައިވާ ހައުސިންގ ޔުނިޓަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދިނުމުގެ މިންގަނޑުގައި ބަޔާންކޮށްފައިވާ ކަންކަން ސާބިތުކުރުމަށް ޓަކައި އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. މި ލިޔެކިޔުންތަކުގެ މައުލޫމާތު "ހިޔާވެހި ޕޯޓަލް" އިން ފެންނަން ހުންނަންވާނެއެވެ.

  1. ހައުސިންގ ޔުނިޓަށް އެދޭ ފަރާތަކީ، ބ. ތުޅާދޫގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެއް ނަމަ، އެ ފަރާތް ބ. ތުޅާދޫގައި ވަޒީފާ އަދާކުރަމުން އަންނަކަން ބަޔާންކޮށް (ވަޒީފާ އަދާކުރަން ފެށި ތާރީހު އެނގޭ ގޮތަށް) ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން ނުވަތަ ބ. ތުޅާދޫގައި ދިރިއުޅެމުން އަންނަކަން ނުވަތަ ބ. ތުޅާދޫއަށް ހިޖުރަކޮށްގެން ބ. ތުޅާދޫގައި މެދުނުކެނޑި ދިރިއުޅެމުން އަންނަތާ 10 (ދިހައެއް) އަހަރުވެފައިވާ މީހެއް ކަމުގައި ބަޔާންކޮށް ބ. ތުޅާދޫ ކައުންސިލުން ހައުސިންގ ޔުނިޓަށް އެދޭ ފަރާތަށް ދޫކޮށްފައިވާ ލިޔުން.
  2. ދިރިއުޅެމުން އަންނަކަން، ސާބިތުކޮށްދިނުމުގެ ގޮތުން 2 (ދޭއް) ފަރާތަކުން ދޭ ހެކިބަހެއްގެ ގޮތުގައި މި އުސޫލުގެ ޖަދުވަލު 3 ގައިވާ ގޮތުގެ މަތީން 2 (ދޭއް) އެފިޑެވިޓް ފުރިހަމަކޮށް ހުށަހެޅުން.
  3. 18 (އަށާރަ) އަހަރުން ދަށުގެ ދަރިން ބަލަހައްޓަމުން އަންނަ ފަރާތެއްކަން ސާބިތުކުރުމަށް އެކަން ބަޔާންކޮށް ށަރުއީ ކޯޓަކުން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ކުއްޖާގެ މަންމަ ނުވަތަ ބައްޕަ އެކަމަށް ހެކިވެ، އިނގިލީގެ ނިށާނާއެކު ހުށަހަޅާ ސިޓީ، މިފަދަ ލިއުމެއް ނެތް ނަމަވެސް، އެޕްލިކޭށަން ހުށަހަޅައިފައިވާ ފަރާތުން ދީފައިވާ މައުލޫމާތުގެ އަލީގައި އިވެލުއޭށަން ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެކަމާމެދު ގޮތެއް ނިންމުމުގެ އިހުތިޔާރު އިވެލުއޭށަން ކޮމިޓީއަށް ލިބިގެންވެއެވެ.
  4. ދަރިޔަކު ލިބިފައި ނުވަނީ އެމަފިރީންގެ ތެރެއިން މީހެއްގެ ސިއްހީ މައްސަލައެއްގެ ސަބަބުން ކަމުގައި ވާ ނަމަ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ރަޖިސްޓަރީވެފައިވާ މެޑިކަލް ޕްރެކްޓިށަނަރަކު، އެކަން ބަޔާންކޮށް ދޫކޮށްފައިވާ ލިޔުން؛
  5. ގޯތި ނުވަތަ ބިހިޔާވަހިކަން ދޫކޮށްލާކަމުގެ އިގުރާރު (އިގުރާރުގެ ގޮތުގައި ހުށަހަޅާނީ، މި އުސޫލުގެ ޖަދުވަލު 2 ގައި ހިމަނައިފައިވާ އިގުރާރު ފުރިހަމަކުރުމަށްފަހުގައެވެ.)
  6. ހައުސިންގ ޔުނިޓަށް އެދޭ ފަރާތުން ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީ (އެންސްޕާ) ގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފުތަރުގައި ހިމެނޭ ފަރާތެއް ނުވަތަ ފަރާތްތަކެއް ބަލަހައްޓަމުން އަންނަ ނަމަ، ދައުލަތުގެ ކަމާގުޅޭ އިދާރާއަކުން ނުވަތަ ށަރުއީ ކޯޓަކުން އެފަދަ ރައްކައުތެރިކަމެއް ބޭނުންވާ ފަރާތެއް ބެލެހެއްޓުން ހަވާލުކޮށްފައިވާ ފަރާތެއްކަމަށް ބަޔާންކޮށް، ދީފައިވާ ލިޔުން.
  7. މައިންބަފައިންނާއި ދަރީން ފިޔަވައި ށަރުއީގޮތުން ބަލަދުވެރިކަން ހަވާލުވެގެން ބަލަހައްޓާ ފަރާތެއް ބަލަހައްޓަމުން އަންނަ މީހެއްކަން ސާބިތުކުރުމަށް، އެކަން ބަޔާންކޮށް ށަރުއީ ކޯޓަކުން ދީފައިވާ ލިޔުން.
  8. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުން ހަވާލުކުރުމާބެހޭ އުސޫލުގެ ދަށުން ކުދިން ބަލަހައްޓާ ނަމަ، އެކަން ސާބިތުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން؛
  9. އެކަނިވެރި މައެއްކަން ނުވަތަ އެކަނިވެރި ބަފައެއްކަން ސާބިތުކޮށްދިނުމަށް ވަރީގެ ސެޓްފިކެޓުގެ އަސްލާ އެއްގޮތްކަން އަންގައިދޭ ކޮޕީ ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާ ދުނިޔެ ދޫކޮށްފައިވާ ފަރާތެއް ނަމަ، މަރު ސާބިތުވިކަމުގެ ލިޔުމުގެ އަސްލާ އެއްގޮތްކަން އަންގައިދޭ ކޮޕީ؛
  10. ވަޒީފާ އަދާކުރާ ފަރާތެއް ނަމަ، އެ ފަރާތް ވަޒީފާގައި އުޅޭކަން ބަޔާންކޮށް، ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުމާއި، ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ވޭތުވެދިޔަ 6 (ހައެއް) މަސްދުވަހުގެ މުސާރަ ސްލިޕް؛
    (ނޯޓް: ވަޒީފާ އަދާކުރާ ތަނުން ދޫކުރާ ލިޔުމާއި، މުސާރަ ސްލިޕްގައި ވަޒީފާ އަދާކުރާ ތަނުގެ ރަސްމީ ތައްގަނޑު ޖަހައިފައި އޮންނަންވާނެއެވެ.)
  11. ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ވޭތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ބޭންކު އެކައުންޓް ސްޓޭޓްމަންޓް؛
  12. މައިންބަފައިން ބަލާ ފަރާތެއް ނަމަ، މި އުސޫލުގެ ޖަދުވަލު 4 ގައި ހިމަނައިފައިވާ އިގުރާރު ފުރިހަމަކުރުމަށްފަހު ހުށަހެޅުން.

(ބ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔުމަކީ މި އުސޫލު އާންމުކުރާ ތާރީހުގެ ފަހުން ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ. އެ ލިޔުމުގައި، އެ ލިޔުން ދޫކުރި އިދާރާ/އޮފީހުގެ ތައްގަނޑު ޖަހައިފައި އޮންނަންވާނެއެވެ. އަދި ލިޔުން ދޫކުރި ފަރާތުގެ ނަމާއި ސޮއި އޮންނަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުން ފެށިގެން (11) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ ސައްހަކަން އިތުރަށް ކަށަވަރުކުރަން ޖެހިއްޖެ ނަމަ، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެއެވެ.

(ކ) ސަރުކާރުގެ އިދާރާއަކުން ނުވަތަ ތަނަކުން ނުވަތަ އަމިއްލަ ފަރުދަކު ދޫކޮށްފައިވާ ލިޔުމެއް ހުށަހަޅާ ނަމަ، އެ ލިޔުމަކީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ) ގާނޫނު އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ލިޔުމެއްކަމުގައި ވާންވާނެއެވެ.

(އ) މި އުސޫލުގެ ދަށުން އެޕްލިކޭށަންތައް ހުށަހަޅަންވާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރުމަށްފަހު މިނިސްޓްރީން ކުރާ އިއުލާނުގައި ބަޔާންކުރާ ކަޓް އޮފް ޑޭޓުގެ ކުރިންނެވެ.

 

7 ވަނަ މާއްދާ - އިވެލުއޭށަން

ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓު ދިނުމާއި ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ހުށަހެޅުންތައް އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އިވެލުއޭޓްކުރާނީ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކުން ނުވަތަ ކޮމިޓީއަކުންނެވެ.

 

8 ވަނަ މާއްދާ - ހައުސިންގ ޔުނިޓް ލިބޭ ފަރާތްތައް ކަނޑައެޅުން

ހައުސިންގ ޔުނިޓު ލިބޭ ފަރާތްތައް ކަނޑައަޅާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) ހައުސިންގ ޔުނިޓަށް ށަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ޔުނިޓްގެ އަދަދަށް، އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތަކުގެ މައުލޫމާތުގެ ސައްހަކަން ކަމާ ގުޅޭ އިދާރާތަކުން ޗެކްކުރެވޭނެއެވެ.

(ށ) ހައުސިންގ ޔުނިޓް ލިބޭ ފަރާތްތައް ކަނޑައަޅާނީ، މި އުސޫލުގެ ދަށުން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތަކުގެ ތަރުތީބުންނެވެ.

(ނ) މި އުސޫލުގެ ދަށުން އެޕްލިކޭށަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕޮއިންޓް ލިބޭ ތަރުތީބުން ހައުސިންގ ޔުނިޓް ލިބޭ ފަރާތް ކަނޑައަޅާއިރު، ޕޮއިންޓް އެއްވަރުވާ ހާލަތުގައި ހައުސިންގ ޔުނިޓް ލިބޭ ފަރާތް ކަނޑައަޅާނީ، ޕޮއިންޓް އެއްވަރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.

(ރ) މި އުސޫލުގެ ދަށުން ދޫކުރާ ހައުސިންގ ޔުނިޓަށް އެދި ދެމަފިރިން ވަކިން އެޕްލިކޭށަން ހުށަހަޅައި، ދެމަފިރީންނަށް ވަކިން ހައުސިންގ ޔުނިޓު ލިބޭ ހާލަތުގައި މި އުސޫލުގެ ދަށުން ހައުސިންގ ޔުނިޓް ދޫކުރަން ހަމަޖެހިފައިވަނީ ދެމަފިރީންގެ ތެރެއިން 1 (އެކެއް) ފަރާތަކަށެވެ. އެގޮތުން، ހައުސިންގ ޔުނިޓް ލިބޭނީ ދެމަފިރީންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތަކަށެވެ. އަދި ޕޮއިންޓް އެއްވަރުވެއްޖެ ނަމަ، ހައުސިންގ ޔުނިޓް ލިބޭ ފަރާތް އިހްތިޔާރުކުރަން ދެމަފިރީންނަށް ފުރުސަތު ދެވޭނެއެވެ. ޕޮއިންޓް އެއްވަރުވެ އޭގެ ތެރެއިން ވަކި ފަރާތެއް އިހްތިޔާރުކުރުމަށް، ދެފަރާތަށް އެއްބަސްނުވެވިއްޖެ ނަމަ، ހައުސިންގ ޔުނިޓު ލިބޭ ފަރާތް ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.

 

9 ވަނަ މާއްދާ - ހައުސިންގ ޔުނިޓުގެ އަގު ނެގުން

ހައުސިންގ ޔުނިޓުގެ އަގު ނަގާނެ ގޮތް ކަނޑައަޅާނީ މިނިސްޓްރީންނެވެ.

 

10 ވަނަ މާއްދާ - ހައުސިންގ ޔުނިޓް ހަވާލުކުރުން

ހައުސިންގ ޔުނިޓް ހަވާލުކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) ހައުސިންގ ޔުނިޓު ލިބޭ ފަރާތްކަމަށް ކަނޑައެޅޭ ފަރާތާއި މިނިސްޓްރީއާ ދެމެދު ހައުސިންގ ޔުނިޓް ހަވާލުކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށް، ހައުސިންގ ޔުނިޓު ހަވާލުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހައުސިންގ ޔުނިޓު ލިބޭ ފަރާތަކީ މި އުސޫލުގެ ދަށުން ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ދޫކޮށްލަންޖެހޭ ފަރާތެއް ނަމަ، އެ ފަރާތަކާ ހައުސިންގ ޔުނިޓް ހަވާލުކުރެވޭނީ، މިނިސްޓްރީއާއި ހައުސިންގ ޔުނިޓު ލިބޭ ފަރާތާ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ގޯއްޗަށް އެދޭ މީހާއަށް ލިބިފައިވާ ބޯހިޔާވަހިކަން ށަރުއީ މަރުހަލާ މެދުވެރިކޮށް ދޫކޮށްލުމަށް އެދި ށަރުއީ ކޯޓަށް ހުށަހެޅުމަށްފަހު، ށަރުއީ ކޯޓަށް ހުށަހެޅިކަމަށް ބަޔާންކޮށް، ށަރުއީ ކޯޓުން ދޫކޮށްފައިވާ ލިޔުން މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އެއްބަސްވުމުގައި ސޮއިކުރާއިރު ތަޅުދަނޑި ހަވާލުކުރެވޭނެއެވެ. އަދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ތަޅުދަނޑި ހަވާލުކުރެވޭނީ އެ އަކުރުގައި ބަޔާންކޮށްފައިވާ ށަރުއީ ކޯޓުގެ ލިޔުން މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

 

11 ވަނަ މާއްދާ - ދޫކޮށްލާ ބިމާމެދު އަމަލުކުރާނެ ގޮތް

މި އުސޫލުގެ ދަށުން ދޫކޮށްލާ ބިމާމެދު އަމަލުކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) މި އުސޫލުގެ ދަށުން ތަރިކައިން ލިބެން އޮންނަ ބައި ދޫކޮށްލުމުން ދެން އެ ބޯހިޔާވަހިކަން ލިބޭނީ، ބާކީ ތިބި ވާރުތަވެރީންނަށެވެ. އަދި އެއްވެސް ވާރުތަވެރިޔަކު ނެތް ހާލަތުގައި އެ ބައެއް ދޫކޮށްލަންވާނީ ދައުލަތަށެވެ.

(ށ) މި އުސޫލުގެ ދަށުން އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ބަހައިގެން ލިބޭ ބައި ދޫކޮށްލާނީ، ގޯތީގެ ދަފްތަރުގައި ބާކީ ތިބި މީހުންނަށެވެ.

(ނ) މި އުސޫލުގެ ދަށުން ދޫކޮށްލަން އެއްބަސްވާ ބޯހިޔާވަހިކަމަކީ ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފަރާތުގެ ނަމުގައި އެކަނި އޮންނަ ބޯހިޔާވަހިކަމެއް ނަމަ، އެ ބިމެއް ދޫކޮށްލަންވާނީ، މި އުސޫލުގައި ބަޔާންކޮށްފައިވާ ހައުސިންގ ޔުނިޓަށް ށަރުތު ފުރިހަމަވާ، ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް 18 (އަށާރަ) އަހަރުން މަތީގެ ދަރިޔަކަށެވެ.

(ރ) މި އުސޫލުގެ ދަށުން ހައުސިންގ ޔުނިޓަށް ށަރުތު ފުރިހަމަވާ، ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް 18 (އަށާރަ) އަހަރުން މަތީގެ 1 (އެކެއް) ދަރިޔަށް ވުރެ ގިނަ ދަރިން ތިބޭ ހާލަތުގައި، އެ ބިން ދޫކޮށްލާނެ ދަރިއަކު ކަނޑައަޅާނީ، އެ ބިމެއް ދޫކޮށްލާ ފަރާތުންނެވެ. މިގޮތަށް ވަކި ދަރިޔަކަށް ބިން ދޫކޮށްލަން ކަނޑައަޅާ ހާލަތުގައި، ބާކީ ތިބި ދަރިންގެ ބިމުގެ ތަނަވަސްކަން ހުރި މިންވަރަށް ރިއާޔަތްކުރަންވާނެއެވެ. އަދި ބާކީ ތިބި ދަރިންގެ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް ނަމަ، އެ ފަރާތްތަކުގެ އިއުތިރާޒެއް ނެތްކަން ށަރުއީ ކޯޓު މެދުވެރިކޮށް ކަނޑައަޅަންވާނެއެވެ.

(ބ) ހައުސިންގ ޔުނިޓަށް ށަރުތު ފުރިހަމަވާ، ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް، 18 (އަށާރަ) އަހަރުން މަތީގެ ދަރިޔަކު ނެތް ނަމަ، އެ ބިން ދޫކޮށްލަންވާނީ، ދޫކޮށްލާ ބިމުގެ އިހްތިސާސްގައި ހިމެނޭ ކައުންސިލަށެވެ.

 

12 ވަނަ މާއްދާ - ޖަދުވަލުތައް

އަންނަނިވި ޖަދުވަލުތަކަކީ މި އުސޫލުގެ ބައެކެވެ.

(ހ) ޖަދުވަލު 1: ހައުސިންގ ޔުނިޓަށް އެދޭ ފަރާތްތަކަށް ޕޮއިންޓު ދިނުމުގެ މިންގަނޑު.

(ށ) ޖަދުވަލު 2: ގޯތި ނުވަތަ ބޯހިޔާވަހިކަން ނުވަތަ ހައްގުތައް ދޫކޮށްލާކަމުގެ އިގުރާރު.

(ނ) ޖަދުވަލު 3: ތުޅާދޫގައި ދިރިއުޅެމުންދާކަން ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހަޅާ އެފިޑެވިޓް.

(ރ) ޖަދުވަލު 4: މައިންބަފައިން ބަލަހައްޓާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އިގުރާރު.

 

13 ވަނަ މާއްދާ - އުސޫލު ތަންފީޒުކުރުން

(ހ) މި އުސޫލު ތަންފީޒުކޮށް، ދިމާވާ މައްސަލަތައް ހައްލުކޮށް ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ މިނިސްޓްރީއަށެވެ. އަދި މި އުސޫލު ތަންފީޒުކޮށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރާނީ ވެސް މިނިސްޓްރީންނެވެ.

(ށ) މި އުސޫލުގެ ދަށުން ހައުސިންގ ޔުނިޓަށް އެދޭ ފަރާތުން ދީފައިވާ އެއްވެސް މައުލޫމާތަކީ ސައްހަނޫން މައުލޫމާތެއްކަން ސާބިތުވެއްޖެ ނަމަ، އަދި މިފަދައިން ދީފައިވާ މައުލޫމާތަކަށް ބިނާކޮށް އެ ހައުސިންގ ޔުނިޓު ލިބުމަށް ށަރުތު ފުރިހަމަވެފައިވާ ނަމަ، މި އުސޫލުގެ ދަށުން ދޫކުރާ ހައުސިންގ ޔުނިޓު، އެއްވެސް ބަދަލެއް ދިނުމަކާ ނުލައި މިނިސްޓްރީއަށް އަނބުރާ ނެގޭނެއެވެ.

(ނ) މި އުސޫލުގައި ނެތް ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއް ހައްލުކުރާނީ މިނިސްޓްރީންނެވެ. އަދި އެ ކަމެއް ހައްލުކޮށް އުސޫލު އިސްލާހުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި، އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ހިޔާވަހިކަން" ކަމަށް ބުނެފައި އެވަނީ، ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެއްމެދު އިމާރާތުގެ ފްލެޓާއި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަށްރޫއެއްގެ ދަށުން ހަދައިފައިވާ އިމާރާތެއްގެ ފުލެޓް ނުވަތަ ހައުސިންގ ޔުނިޓް ހިމެނޭހެންނެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްށަން އެންޑް ހައުސިންގ އިންފްރާސްޓްރަކްޗަރ ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ނ) "ބިން ދޫކޮށްލަން އެއްބަސްވުން" ކަމުގައި ބަލާނީ، ގޯތި ނުވަތަ ބޯހިޔާވަހިކަން ދޫކޮށްލާކަމުގެ "އިގުރާރު" ގައި ސޮއިކޮށް ފޯމާއެކު އެ އިގުރާރު ހުށަހަޅައިފައިވުމަށެވެ.

(ރ) މި އުސޫލުގެ ދަށުން އެޕްލިކޭށަން ފޯމު ހުށަހަޅާ ފަރާތުގެ އުމުރު ގުނުމުގައި ބަލާނީ ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ކުރާ އިއުލާނުގެ މުއްދަތު ހަމަވާ ތާރީހަށެވެ.

(ބ) "ހިޔާވެހި ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމާ ގުޅުންހުރި ހުރިހާ ކަންކަމަށް، އޮންލައިންގެ ޒަރީއާއިން ހުށަހެޅުމަށް، ފަރުމާކޮށްފައިވާ ޕޯޓަލްކަމުގައިވާ hiyavehi-housing.gov.mv އަށެވެ.

(ޅ) "ބިމުގެ ތަނަވަސްކަން" ކަމަށް ބުނެފައި އެވަނީ، އެ މީހެއްގެ ނަމުގައި ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދަކުން 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ބޮޑު، ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް/ޔުނިޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަށްރޫއެއްގެ ދަށުން ހަދައިފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ ހައުސިންގ ޔުނިޓެއް ލިބިފައި ނެތުމަށެވެ.

(ކ) "ބ. ތުޅާދޫ" ކަމަށް ބުނެފައި އެވަނީ، މާޅޮސްމަޑުލު އުތުރުބުރީ ތުޅާދޫއަށެވެ.

(އ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާއަށެވެ.

(ވ) "ކަޓް އޮފް ޑޭޓް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ލިޔެކިޔުންތަކުގެ ތާރީހަށެވެ. އެއީ ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ކުރާ އިއުލާނުގެ މުއްދަތު ހަމަވާ ތާރީހަށެވެ.

 

15 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

ޖަދުވަލު

(މި އުސޫލުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

ޖަދުވަލު 1: ހައުސިންގ ޔުނިޓަށް އެދޭ ފަރާތްތަކަށް ޕޮއިންޓު ދިނުމުގެ މިންގަނޑު.

ޖަދުވަލު 2: ގޯތި ނުވަތަ ބޯހިޔާވަހިކަން ނުވަތަ ހައްގުތައް ދޫކޮށްލާކަމުގެ އިގުރާރު.

ޖަދުވަލު 3: ތުޅާދޫގައި ދިރިއުޅެމުންދާކަން ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހަޅާ އެފިޑެވިޓް.

ޖަދުވަލު 4: މައިންބަފައިން ބަލަހައްޓާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އިގުރާރު.

 

މައި ގާނޫނު/ގަވާއިދު

(ނެތް)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު