-

ފަންނުވެރިން ދަފުތަރުކުރުމުގެ އުސޫލު

(އުސޫލު ނަންބަރު 2025-19)

(މި އުސޫލަށް އަމަލުކުރަން ފެށީ 27 ސެޕްޓެމްބަރު 2025 ގައި)


1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ފަންނުވެރި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، އެ ފަރާތްތައް މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ، އެ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމްކޮށްދީ، ފަންނުވެރިން ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، ފަންނުވެރިންގެ ދަފުތަރު އެކުލަވައިލުމުގެ މަގްޞަދުގައި އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ "ފަންނުވެރިން ދަފުތަރުކުރުމުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގްޞަދު

މި އުސޫލުގެ މަގްޞަދަކީ އަންނަނިވި ކަންކަން ހާޞިލުކުރުމެވެ.

(ހ) ދިވެހިރާއްޖޭގައި ފަންނުވެރިކަމުގެ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ދެނެގަތުން.

(ށ) ފަންނުވެރިންގެ ދައުރު ފުޅާކުރުން.

(ނ) ފަންނުވެރިކަމުގެ ދާއިރާތައް ދަފުތަރުކޮށް ބެލެހެއްޓުން.

(ރ) ފަންނުވެރިކަމުގެ ދާއިރާތަކާ ގުޅޭ ދިރާސާތައް ހެދުމާއި ސިޔާސަތުތައް ކަނޑައެޅުމަށް ޓަކައި ބޭނުންވާ މައުލޫމާތު އެއްކޮށް ބެލެހެއްޓުން.

 

3 ވަނަ މާއްދާ - އުސޫލު ތަންފީޒުކުރާ ފަރާތް

މި އުސޫލުގެ ދަށުން ދަފުތަރު އެކުލަވައިލައި، ދަފުތަރުގައި ހިމެނޭ މައުލޫމާތު އަދާހަމަކޮށް، މި އުސޫލުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ހިންގައި، ތަންފީޒުކޮށް، ބަލަހައްޓާނީ، "ނޭށަނަލް ސެންޓަރ ފޮރ ދި އާޓްސް" އިންނެވެ.

 

4 ވަނަ މާއްދާ - ފަންނުވެރިން ގިންތިކުރެވޭ ދާއިރާތައް

ފަންނުވެރިން ގިންތިކުރެވޭ މައިގަނޑު ދާއިރާތައް ތިރީގައި މިވަނީއެވެ.

(ހ) ޕަރފޯމިންގ އާޓްސް (Performing Arts): މިއީ މިއުޒިކް، ނެށުން، ޑްރާމާ، ތިއޭޓަރު އަދި ކުޅިވަރުތައް ފަދަ ދާއިރާތަކެވެ. މީގެ ތެރޭގައި ބޮޑުބެރާއި ބަނޑިޔާ ޖެހުން ފަދަ ސަގާފީ ކުޅިވަރުތައް ހިމެނެއެވެ.

(ށ) ވިށްއަލް އާޓްސް (Visual Arts): މި ދާއިރާގައި ހިމެނެނީ، ޕެއިންޓިންގ، ކުރެހުން، ކެލިގްރަފީ، ސްކަލްޕްޗަރ (Sculpture)، ފޮޓޯގްރަފީ އަދި ޑިޖިޓަލް އާޓްސް ފަދަ ކަންކަމެވެ.

 

5 ވަނަ މާއްދާ - ދަފުތަރުކުރުމަށް ހުށަހެޅޭނެ ފަރާތްތައް

މި އުސޫލުގެ ދަށުން ދަފުތަރުކުރުމަށް އެދި ހުށަހެޅޭނީ އަންނަނިވި ށަރުތު ހަމަވާ ފަރާތްތަކަށެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.

(ށ) އުމުރުން 18 (އަށާރަ) އަހަރުވެފައިވުން (އުމުރުން 18 އަހަރު ފުރިފައި ނުވާ ނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހެޅުން).

(ނ) މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައި ވުން.

 

6 ވަނަ މާއްދާ - ފަންނުވެރިން ދަފުތަރުކުރުން

(ހ) މި އުސޫލުގެ ދަށުން ފަންނުވެރިން ދަފުތަރުކުރުމަށް އެދި ހުށަހަޅާނީ އެންސީއޭގެ ވެބްސައިޓުގައިވާ "ފަންނުވެރިންގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" ހުށަހަޅައިގެންނެވެ.

(ށ) މި އުސޫލުގެ ދަށުން ދަފުތަރުކުރާ ފަރާތްތަކަށް، އެންސީއޭގެ "ފަންނުވެރިންގެ ދަފުތަރު" ގައި ދަފުތަރުކުރެވިފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ނުވަތަ އިލެކްޓްރޯނިކް ސެޓްފިކެޓެއް އެންސީއޭއިން ދޫކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - މައުލޫމާތު އަދާހަމަކުރުން

(ހ) މި އުސޫލުގެ ދަށުން ދަފުތަރު ކުރެވިފައިވާ ފަންނުވެރިންގެ މައުލޫމާތު އަހަރަކު 1 (އެކެއް) ފަހަރު އަދާހަމަކުރަންވާނެއެވެ. ދަފުތަރު އަދާހަމަކުރާނީ، އެންމެ ފަހުން އެންސީއޭގެ ވެބްސައިޓުގައި ދަފުތަރު ށާއިއުކުރި ފަހުން އެންސީއޭއަށް ލިބުނު އައު ހުށަހެޅުންތަކާއި، މައުލޫމާތު ބަދަލުވުމުގެ ސަބަބުން ފަންނުވެރިން ފޮނުވައިފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށެވެ.

(ށ) އެއްވެސް ސަބަބަކާހުރެ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު އަދާހަމަނުކުރާ ފަރާތްތައް، މި އުސޫލުގެ ދަށުން ދަފުތަރުން "އިންއެކްޓިވް" ކުރެވޭނެއެވެ. އަދި ފަންނުވެރިންގެ ދަފުތަރުން "އިންއެކްޓިވް" ކުރިކަން އެ ފަރާތަށް އީމެއިލް މެދުވެރިކޮށް އެންގޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި އުސޫލުގެ ދަށުން ދަފުތަރުކޮށްފައިވާ އެއްވެސް ފަރާތެއްގެ މައުލޫމާތަށް ބަދަލު އަތުވެއްޖެ ނަމަ އެ މައުލޫމާތު އަދާހަމަކުރުމަށް، އެންސީއޭގެ ވެބްސައިޓުގައިވާ "ފަންނުވެރިންގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު ވެބްސައިޓް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - މައުލޫމާތު ރައްކައުތެރިކުރުމާއި، ސިއްރު ހިފެހެއްޓުން

(ހ) މި އުސޫލުގެ ދަށުން، ދަފުތަރުކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ޒާތީ މައުލޫމާތުތަކަކީ، ސިއްރު މައުލޫމާތުތަކެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ މައުލޫމާތު ދައުލަތުގެ ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދައުލަތުގެ ތަންފީޒީ އިދާރާތަކާ ހިއްސާކުރުމަށް މި އުސޫލު ހުރަހެއް ނާޅައެވެ.

 

9 ވަނަ މާއްދާ - ދަފުތަރުކުރުމަށް ހުށަހަޅާ މައުލޫމާތުގެ ޞައްހަކަން ކަށަވަރުކުރުން

(ހ) މި އުސޫލުގެ ދަށުން، ދަފުތަރުކުރުމަށް އެދި ހުށަހަޅާއިރު ފޯރުކޮށްދޭ މައުލޫމާތަކީ ތެދު މައުލޫމާތުކަމަށް ޔަގީންކަންދީ، އެކަމަށް އިގްރާރުވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފަށް ދޮގު މައުލޫމާތު ހިމެނޭ ލިޔެކިޔުމެއް، ނުވަތަ މައުލޫމާތުގެ ޞައްހަކަން ކަށަވަރުނުކޮށް ހުށަހަޅާ ލިޔެކިޔުންތަކަށް އެ މައުލޫމާތު ހުށަހެޅި ފަރާތަކާމެދު މި އުސޫލުގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. އަދި މި ހާލަތުގައި އެއީ ދަފުތަރުކުރެވިފައިވާ ފަރާތެއް ނަމަ، ދަފުތަރުން އެ ފަރާތެއް އުނިކުރެވޭނެއެވެ.

(ނ) މި އުސޫލުގެ 7 ވަނަ މާއްދާގެ ދަށުން ދަފުތަރުވުމަށް ހުށަހަޅާ ލިޔެކިޔުމާ ގުޅިގެން، އެ މައުލޫމާތުގެ ޞައްހަކަން ކަށަވަރުކުރުމަށް ޓަކައި އިތުރު މައުލޫމާތު އެންސީއޭއަށް ބޭނުންވާ ނަމަ، އެ މައުލޫމާތު ހުށަހެޅުމާ ހަމަޔަށް އެ ފަރާތެއް ދަފުތަރު ނުކުރުމުގެ ބާރު އެންސީއޭ އަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ދަފުތަރުން އުނިކުރެވޭނެ ހާލަތްތައް

(ހ) އަމިއްލަ މަސައްކަތްކުރާ ފަރުދެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް، އަންނަނިވި ހާލަތްތަކުގައި އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، ދަފުތަރުން އުނިކުރެވޭނެއެވެ:

(ށ) ދަފުތަރުކޮށްފައިވާ ފަރާތުގެ މައުލޫމާތު، މި އުސޫލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އަދާހަމަނުކުރުން.

(ނ) ދަފުތަރުކުރުމަށް އެދި ހުށަހެޅި މައުލޫމާތަކީ ޞައްހަނޫން މައުލޫމާތުތަކެއްކަން އެންސީއޭ އަށް ކަށަވަރުކުރެވޭ ހާލަތުގައި ރަޖިސްޓަރީން އުނިކުރެވޭނެއެވެ.

 

11 ވަނަ މާއްދާ - އުސޫލާ ހިލާފުވުމާއި، ފިޔަވަޅުއެޅުން

އަމިއްލަ މަސައްކަތްކުރާ ފަރުދެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް، މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އިތުރު ނޯޓިހެއް ދިނުމަކާ ނުލައި ދަފުތަރުން އުނިކުރެވޭނެއެވެ. އަދި ދޮގު މައުލޫމާތު ހުށަހަޅާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ކަމާބެހޭ އިދާރާއަށް ހުށަހެޅުމުގެ އިހުތިޔާރު އެންސީއޭއަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ތިރީގައި ބަޔާންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރަންވާނީ، އެ ލަފުޒުތައް ނުވަތަ އިބާރާތްތައް ތިރީގައި މާނަކޮށްފައިވާ ގޮތަށެވެ.

(ހ) "އެންސީއޭ" ކަމަށް ބުނެފައި އެވަނީ، "ނޭށަނަލް ސެންޓަރ ފޮ ދި އާޓްސް" އަށެވެ.

(ށ) "ފަންނުވެރިން" ކަމަށް ބުނެފައި އެވަނީ، އެކިއެކި ފަންނުގައި މޮޅު، ކުޅަދާނަ މީހުންނަށެވެ.

(ނ) "ފަންނުވެރިކަމުގެ ދާއިރާ" ކަމަށް ބުނެފައި އެވަނީ، ތަފާތު ވައްތަރުގެ ފަންނުތައް އުފެއްދުމާއި، އެ ފަންނުތައް މީހުންނާ ހަމަޔަށް ގެނެސްދިނުމަށް މަސައްކަތްކުރުމާއި އަދި ވަކި ހުނަރެއް ހުރެގެން ހަރަކާތްތެރިވާ މީހުންގެ ދާއިރާއަށެވެ.

 

13 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު/ގަވާއިދު

(ނެތް)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު