މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔެކިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމާ ގުޅޭ އުސޫލު
(އުސޫލު ނަންބަރު 2025-18)
(މި އުސޫލަށް އަމަލުކުރަން ފެށީ 10 ސެޕްޓެމްބަރު 2025 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި އުސޫލަކީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 72 ވަނަ މާއްދާގެ (ރ) އަށް ރިއާޔަތްކޮށް، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ދޫކޮށްފައިވާ ލިޔެކިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވައިލައިފައިވާ އުސޫލެކެވެ.
(ށ) މި އުސޫލަށް ކިޔާނީ، "މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔެކިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމާ ގުޅޭ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މައިގަނޑު މަގުސަދުތައް ތިރީގައި މިވަނީއެވެ.
(ހ) އެމް.ކިއު.އޭ.އިން ދޫކޮށްފައިވާ އެކިއެކި ލިޔެކިޔުންތަކުގެ ކޮޕީ ގައި، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި މި އޮތޯރިޓީން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި، އެކަމާ ގުޅޭ އިޖުރާތުތައް އެކުލަވައިލުން.
(ށ) އެމް.ކިއު.އޭ.އިން ދޫކޮށްފައިވާ ލިޔެކިޔުންތަކުގެ ކޮޕީ އެހެނިހެން ފަރާތްތަކަށް ހުށަހެޅުމުގައި، އެ ލިޔެކިޔުންތަކުގެ ސައްހަކަން ފަސޭހަކަމާއެކު ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން.
3 ވަނަ މާއްދާ - އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުން
އެމް.ކިއު.އޭ.އިން ދޫކޮށްފައިވާ ލިޔެކިޔުންތަކުގެ ތެރެއިން މި އޮތޯރިޓީން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދޭ ލިޔެކިޔުންތައް ތިރީގައި މިވަނީއެވެ.
(ހ) ވެލިޑޭޓްކޮށްދޭ ސަނަދުތަކުގެ ކޮޕީ.
(ށ) އެސެސްމެންޓް ރިޕޯޓުތަކުގެ ކޮޕީ.
(ނ) ރިކޮގްނިށަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމްގެ ލިޔުމުގެ ކޮޕީ.
(ރ) ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށްފަހު ދޫކުރާ ލިޔުމުގެ ކޮޕީ.
(ބ) އެމް.ކިއު.އޭ.އިން ދޫކުރާ އެހެނިހެން ލިޔުންތަކުގެ ކޮޕީ
4 ވަނަ މާއްދާ - އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް ހުށަހެޅުން
ލިޔުމެއްގެ ނަކަލަކީ އަސްލާ އެއްގޮތްކަމުގެ ލިޔުމެއް ކަމުގައި ބެލެވޭނީ، އަންނަނިވި މައުލޫމާތު ހިމެނޭ ގޮތަށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައި ސޮއިކުރުމުންނެވެ.
(ހ) އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާ މުވައްޒަފުގެ ފުރިހަމަ ނަން.
(ށ) އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާ މުވައްޒަފުގެ ސޮއި.
(ނ) އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާ މުވައްޒަފުގެ ރެކޯޑު ކާޑު ނަންބަރު.
(ރ) އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާ ތާރީހު.
(ބ) އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާ ލިޔެކިޔުމުގެ މަތީގައި "އަސްލާ އެއްގޮތް ކޮޕީ" ނުވަތަ “ATTESTATION“މިފަދައިން ލިޔެފައި އޮންނަންވާނެއެވެ.
5 ވަނަ މާއްދާ - އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް ހުށަހެޅުން
އެމް.ކިއު.އޭ.އިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ ގައި އަސްލާ އެއްގޮތަކަމުގެ ތައްގަނޑު ޖެހުމަށް ހުށަހަޅާނީ، އެކަމަށް އެދޭ ފޯމުކަމުގައިވާ" އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް އެދޭ ފޯމު" އާއި، ފޯމުގައި ބަޔާންކޮށްފައިވާ ތިރީގައިވާ ލިޔުންތަކާއެކު އެމް.ކިއު.އޭ އަށެވެ.
(ހ) ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ކޮޕީ (ދެފުށް).
(ށ) ސަނަދުތަކުގެ އަސްލާއި ކޮޕީ.
6 ވަނަ މާއްދާ - މުއްދަތު
(ހ) މި އުސޫލުގެ 6 ވަނަ މާއްދާގެ ދަށުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް ފޯމު ހުށަހަޅާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދެވޭނެއެވެ.
(ށ) މި އުސޫލަށް އަމަލުކުރަން ފެށުމަށްފަހު، ވެލިޑޭޓްކުރުމަށް ހުށަހަޅާ ސަނަދުތަކާއި، ހޯދުމަށް އެދޭ އެސެސްމެންޓް ރިޕޯޓާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށްފަހު ދޫކުރާ ލިޔުމަށް އެދި ހުށަހަޅާ އެޕްލިކޭށަން ފޯމުގައި އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހަން އެދިފައިވާ ނަމަ، އެ ލިޔުންތައް ދޫކުރާއިރު، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދޭން ވާނެއެވެ.
7 ވަނަ މާއްދާ - ފީ ނެގުން
އެމް.ކިއު.އޭ.އިން ދޫކޮށްފައިވާ ލިޔެކިޔުންތަކުގެ ތެރެއިން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދޭ ލިޔެކިޔުންތަކަށް ނެގުމަށް ހަމަޖެހިފައިވާ ފީ ގެ މިންވަރު ތިރީގައި މިވަނީއެވެ.
(ހ) ވެލިޑޭޓްކޮށްދޭ ސަނަދުގެ ކޮޕީ – ކޮންމެ ސަފުހާއަކަށް 10 (ދިހައެއް) ރުފިޔާ.
(ށ) އެސެސްމެންޓް ރިޕޯޓުގެ ކޮޕީ - ކޮންމެ ސަފުހާއަކަށް 10 (ދިހައެއް) ރުފިޔާ.
(ނ) އިންޓެންޑެޑް ލެޓަރގެ ކޮޕީ - ކޮންމެ ސަފުހާއަކަށް 10 (ދިހައެއް) ރުފިޔާ.
(ރ) ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށްފަހު ދޫކުރާ ލިޔުމުގެ ކޮޕީ – ކޮންމެ ސަފުހާއަކަށް 20 (ވިހި) ރުފިޔާ.
8 ވަނަ މާއްދާ - ކުރީގެ ލިޔެކިޔުންތަކުގައި ތައްގަނޑު ޖެހުން
މި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން، އެމް.ކިއު.އޭ.އިން ދޫކޮށްފައިވާ ލިޔެކިޔުންތަކުގައި ވެސް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް އެދޭ ނަމަ، މި އުސޫލުގެ ދަށުން" އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހަން އެދޭ ފޯމު" އާއެކު ފޯމުގައިވާ ލިޔެކިޔުންތައް ހުށަހަޅާންވާނެއެވެ.
9 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް، ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.
(ހ) "އޮތޯރިޓީ" ނުވަތަ" އެމް.ކިއު.އޭ" ކަމަށް ބުނެފައި އެވަނީ، "މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ" އަށެވެ.
(ށ) "ލިޔެކިޔުންތައް" ނުވަތަ" ރަސްމީ ލިޔެކިޔުންތައް" ކަމަށް ބުނެފައި އެވަނީ، އެމް.ކިއު.އޭ.އިން ދޫކޮށްފައިވާ ލިޔެކިޔުންތަކަށެވެ.
(ނ) "އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުން" ކަމަށް ބުނެފައި އެވަނީ، އެމް.ކިއު.އޭ.އިން ޖަހައިދޭ ތައްގަނޑަށެވެ.
(ނ) "ލިޔުމެއްގެ ކޮޕީ" ކަމަށް ބުނެފައި އެވަނީ، އެމް.ކިއު.އޭ.އިން ދޫކޮށްފައިވާ ލިޔެކިޔުންތަކަށެވެ.
10 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން
މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު