-

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2025-17)

(މި އުސޫލަށް އަމަލުކުރަން ފެށީ 3 ސެޕްޓެމްބަރު 2025 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި އުސޫލަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން. އަމިއްލަ ގެދޮރުނެތް ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުގައި ހިންގާ "ގެދޮރުވެރިކުރުން" މި ޕުރޮގުރާމުގެ ތެރެއިން. ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި އިމާރާތްކުރާ 200 (ދުއިސައްތަ) ރޯހައުސް ދޫކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމުގެ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ، ''ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ތިނަދޫގައި އިމާރާތްކުރާ 200 (ދުއިސައްތަ) ރޯހައުސްއަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓު ދޭނެ އުސޫލުތަކާއި، އިވެލުއޭށަން ކުރިޔަށްގެންދާނެ ގޮތާއި، ރޯހައުސް ދޫކުރުމުގެ ކަންކަން އިންތިޒާމުކޮށް، ކަނޑައެޅިފައިވާ ހަމަތަކުގެ މަތީން ރޯހައުސް ލިބޭނެ ފަރާތްތައް ކަނޑައެޅުމާއި، ތިނަދޫގައި މިވަގުތު ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދީ، އެ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބުމުގެ ފުރުސަތު ފަހިވާގޮތަށް ކަންކަން ކަށަވަރުކުރުމެވެ.

 

3 ވަނަ މާއްދާ - ރޯހައުސްގެ ބާވަތް

މި އުސޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 200 (ދުއިސައްތަ) ރޯހައުސްއަކީ 3 (ތިނެއް) ކޮޓަރިއާއި، 3 (ތިނެއް) ފާހާނާއާއި، 1 (އެކެއް) ބަދިގެއާއި، 1 (އެކެއް) ސިޓިންގރޫމް ހިމެނޭގޮތަށް 1451.12 (އެއްހާސް ހަތަރު ސަތޭކަ ފަންސާސް އެކެއް ޕޮއިންޓު އެކެއް ދޭއް) އަކަފޫޓުގެ ބަންޑާރަ ގޯއްޗެއްގައި، 2 (ދޭއް) ބުރިއަށް އިމާރާތްކުރެވޭ ފުލޯ އޭރިއާގައި 715.83 (ހަތްސަތޭކަ ފަނަރަ ޕޮއިންޓު އަށެއް ތިނެއް) އަކަފޫޓު ހުންނަގޮތަށް އިމާރާތްކުރާ 200 (ދުއިސައްތަ) ރޯހައުސްއެވެ.

 

4 ވަނަ މާއްދާ - ރޯހައުސްއަށް އެދޭ ފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭ ށަރުތުތައް

(ހ) މި ސްކީމުގެ ދަށުން ރޯހައުސް ހޯދުމަށް އެދޭ މީހުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާން ވާނެއެވެ.

  1. ދިވެހި ރައްޔިތަކަށްވުން؛
  2. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން؛
  3. ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގެ ރަށްވެއްސެއް ކަމުގައި ވުން ނުވަތަ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދުއަށް ހިޖުރަކޮށް، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 10 (ދިހައެއް) އަހަރު ވެފައިވާ މީހެއް ކަމުގައި ވުން؛
  4. ރޯހައުސްއަށް އެދޭ ފަރާތަކީ އެއްމެދު އިމާރާތަކުން 600 (ހަސަތޭކަ) އަކަފޫޓުގެ ނުވަތަ އެޔަށްވުރެ ބޮޑު ތަނެއް ގަނެފައިވާ ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތަކަށް ނުވުން؛
  5. ރާއްޖޭގެ އެއްވެސް ރަށެއްގައި ރޯހައުސްއަށް އެދޭ ފަރާތުގެ އަމިއްލަ ނަމުގައި 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް/ޔުނިޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަށްރޫއެއްގެ ދަށުން ހަދައިފައިވާ އިމާރާތެއްގެ ފުލެޓެއް/ޔުނިޓެއް ނުވަތަ ރޯހައުސްއެއް ލިބިފައި ނެތުން؛
  6. ރާއްޖޭގެ އެއްވެސް ރަށަކުން ލިބިފައިވާ ބަންޑާރަ ބިމަކީ ނުވަތަ އަމިއްލަ ބިމަކީ އެކަކަށްވުރެ ގިނަމީހުންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ތަނެއްކަމުގައި ވެފައި، އެ ބިން ބަހައިގެން ރޯހައުސްއަށް އެދޭ ފަރާތަށް 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ބޮޑު ބިމެއް ލިބެން ނެތުން؛
  7. ރާއްޖޭގެ އެއްވެސް ރަށެއްގައި، އެކަކަށްވުރެ ގިނަމީހުންގެ މެދުގައި ރަޖިސްޓަރީކޮށްފައިވާ ބަންޑާރަ ބިމެއް ނުވަތަ އަމިއްލަ ބިމެއް، އެ މީހުންގެ މެދުގައި ބަހައިގެން ރޯހައުސްއަށް އެދޭ ފަރާތަށް ލިބޭ ބައި 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ކުޑަ ނަމަ، އެ ތަން ދޫކޮށްލަން އެއްބަސްވުން؛
  8. ރާއްޖޭގެ އެއްވެސް ރަށެއްގައި ރޯހައުސްއަށް އެދޭ ފަރާތުގެ އަމިއްލަ ނަމުގައި 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް/ޔުނިޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަށްރޫއެއްގެ ދަށުން ހަދައިފައިވާ އިމާރާތެއްގެ ފުލެޓެއް/ޔުނިޓެއް ނުވަތަ ގެއެއް ލިބިފައިވާ ނަމަ، މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން؛
  9. އަމިއްލަ ގޯއްޗެއް ތަރިކައިގެ އުސޫލުން ބަހައިގެން ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނޫފުލޭ މުދާ ތަރިކައިގެ އުސޫލުން ބަހައިގެން އެ ގޯއްޗެއްގެ ބިމުން ލިބިފައިވާ ނުވަތަ ލިބެން އޮންނަ ބައި، މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ދޫކޮށްލުމަށް އެއްބަސްވުން؛
  10. ވަސިއްޔަތުން ލިބިފައިވާ ނުވަތަ ލިބެންޖެހޭ ބިމެއް ނެތުން ނުވަތަ އެފަދައިން ލިބޭ ބިމެއް، މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން؛
  11. ރޯހައުސްއަށް އެދި ހުށަހެޅުމަށް މިނިސްޓްރީން އިއުލާނުކުރާ މުއްދަތު ހަމަވާ ތާރީހާ ހަމަޔަށް، ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، ދިރިއުޅުމަށް ހޯދައިފައިވާ 600 (ހަސަތޭކަ) އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ބޯހިޔާވަހިކަމެއް އެއްވެސް މީހަކަށް ދީފައިވާ ނުވަތަ ވިއްކައިފައިވާ ފަރާތެއް ކަމުގައި ނުވުން؛
  12. މަހަކަށް ޖެހޭ ޖުމުލަ އާމްދަނީ 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށް ވުރެ އިތުރަށް ލިބޭ ފަރާތެއް ކަމުގައި ނުވުން.

(ށ) ރޯހައުސް ލިބޭ ފަރާތަށް މި އުސޫލުގެ 10 ވަނަ މާއްދާގެ ދަށުން ރޯހައުސް ހަވާލުކުރުމާ ހަމަޔަށް، ރޯހައުސް ލިބޭ ފަރާތަކީ މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (12) ވަނަ ނަންބަރުގެ ނިޔަލަށް ކަނޑައަޅައިފައިވާ އަސާސީ ށަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާންޖެހޭނެއެވެ.

(ނ) މި އުސޫލުގެ ބޭނުމަށް، ލިބިފައިވާ ބޯހިޔާވަހިކަން ދޫކޮށްލަން އެއްބަސްވާ ނަމަ، މި މިނިސްޓްރީއާއި ރޯހައުސް ލިބޭ ފަރާތާ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ރޯހައުސްއަށް އެދޭ މީހާއަށް ލިބިފައިވާ ބޯހިޔާވަހިކަން ށަރުއީ މަރުހަލާ މެދުވެރިކޮށް ދޫކޮށްލުމަށް އެދި ށަރުއީ ކޯޓަށް ހުށަހެޅުމަށްފަހު، ށަރުއީ ކޯޓަށް ހުށަހަޅައި އެ މައްސަލަ ރަޖިސްޓަރީވިކަން އަންގައިދޭކަމުގެ ލިޔުމެއްކަން ބަޔާންކޮށް ށަރުއީ ކޯޓުން ދޫކޮށްފައިވާ ލިޔުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ގޯތި ދޫކޮށްލުމަށް އެދި ށަރުއީ ކޯޓަށް ހުށަހެޅިކަމުގެ ލިޔުން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅައިފައިނުވާ ނަމަ، ރޯހައުސް ލިބޭ ފަރާތާއި، ރަސްމީކޮށް ރޯހައުސްގެ ތަޅުދަނޑި ހަވާލެއް ނުކުރެވޭނެއެވެ. އަދި މި އުސޫލުގެ ދަށުން ލިބިފައިވާ ރޯހައުސް އެ ފަރާތުން ވަކިކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ރ) ރޯހައުސް ލިބޭ ފަރާތަށް ތަރިކައިން ލިބެން އޮތް ގޯތީގެ މިލްކުވެރި ފަރާތް ނިޔާވާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ނިޔާވި މީހާގެ ގޯތިން ރޯހައުސް ލިބޭ ފަރާތަށް ލިބެން އޮންނަ ބައި ދޫކޮށްލުމަށް ޓަކައި ކަމާބެހޭ ކޯޓަށް ހުށަހަޅައި، އެ މައްސަލަ އެ ކޯޓުގައި ރަޖިސްޓަރީވިކަން ބަޔާންކޮށް އެ ކޯޓުން ދޫކޮށްފައިވާ ލިޔުން މިނިސްޓްރީއަށް ހުށަހަޅާންވާނެއެވެ. އަދި އެ މައްސަލައިގެ ހުކުން ކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޯޓުން ކުރި ހުކުމުގެ ކޮޕީއަކާއެކު، އެކަން މިނިސްޓްރީއަށް އަންގަންވާނެއެވެ.

 

5 ވަނަ މާޢްދާ - ދެމަފިރިންނަށް ވަކިން ރޯހައުސް ލިބޭ ހާލަތު

ދެމަފިރިން ވަކިން އެޕްލިކޭށަން ހުށަހަޅައި، ދެމަފިރީންނަށް ވަކިން ފުލެޓު ލިބޭ ހާލަތުގައި، މި ސްކީމުގެ ދަށުން ރޯހައުސް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެމަފިރީންގެ ތެރެއިން 1 (އެކެއް) ފަރާތަށެވެ.

 

6 ވަނަ މާއްދާ - ޕޮއިންޓް ދިނުމުގެ މިންގަނޑު ތަރުތީބުކުރުން

ރޯހައުސްއަށް އެދޭ ފަރާތްތައް ތަރުތީބުކުރެވޭނީ މި އުސޫލުގެ ޖަދުވަލު 1 ގައިވާ ރޯހައުސްއަށް އެދޭ ފަރާތްތަކަށް ޕޮއިންޓު ދިނުމުގެ މިންގަނޑާ އެއްގޮތަށް، ތިރީގައި ބަޔާންކޮށްފައިވާ މައިގަނޑު ބައިތަކަށް ރިއާޔަތް ކުރުމާ އެކުގައެވެ.

(ހ) އާއިލާގެ ކުޑަ ބޮޑުމިން.

(ށ) ދިރިއުޅުމުގެ ހާލަތު.

(ނ) ނުކުޅެދުންތެރިކަން ހުންނަ ފަރާތް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތް ނުވަތަ އިޖުތިމާއީ ރައްކައުތެރިކަން ބޭނުންވާ ފަރާތް ނުވަތަ ށަރުއީގޮތުން ނުވަތަ ގާނޫނީގޮތުން ހަވާލުކޮށްގެން ބަލަހައްޓަމުން އަންނަ ފަރާތް ނުވަތަ މައިންބަފައިން ބަލަހައްޓަމުން އަންނަ ފަރާތ/ްފަރާތްތައ.ް

 

7 ވަނަ މާއްދާ - ރޯހައުސްއަށް އެދިހުށަހެޅުން

މި ސްކީމުގެ ދަށުން ރޯހައުސްއަށް އެދި ހުށަހަޅާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) މި ސްކީމުގެ ދަށުން ރޯހައުސްއަށް އެދި ހުށަހެޅޭނީ ވަކި ފަރުދަކަށެވެ.

(ށ) ރޯހައުސްއަށް އެދި ހުށަހެޅުމަށް އިއުލާނުކުރުމުން. ރޯހައުސްއަށް އެދި ހުށަހަޅާނީ، މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް mv.gov.housing.hiyaavehi މެދުވެރިކޮށެވެ.

(ނ) މި އުސޫލުގެ ދަށުން ހުށަހަޅާ ފޯމު ޕޯޓަލަށް ހުށަހެޅުމުން ''ފޯމު ހުށަހެޅުނުކަމުގެ ލިޔުން'' ޕޯޓަލުން ލިބޭނެއެވެ. އަދި އެ ފަރާތެއްގެ މެއިލަށް ނުވަތަ ޕޯޓަލުގައި ރަޖިސްޓަރީކޮށްފައިވާ ފޯނު ނަންބަރަށް މެސެޖެއް ލިބޭނެއެވެ.

(ރ) މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ރޯހައުސްއަށް އެދޭ ފަރާތްތަކަށް މި އުސޫލުގެ ޖަދުވަލު 1 ގައިވާ ރޯހައުސްއަށް އެދޭ ފަރާތްތަކަށް ޕޮއިންޓު ދިނުމުގެ މިންގަނޑުގައި ބަޔާންކޮށްފައިވާ ކަންކަން ސާބިތުކުރުމަށް އަންނަނިވި ލިޔެކިޔުންތައް ހުށަހަޅާންވާނެއެވެ. މި ލިޔެކިޔުންތަކުގެ މައުލޫމާތ،ު ހިޔާވެހި ޕޯޓަލުން ފެންނަން ހުންނަންވާނެއެވެ.

  1. ރޯހައުސްއަށް އެދޭ ފަރާތަކީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެއް ނަމަ، އެ ފަރާތް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ވަޒީފާ އަދާކުރަމުން އަންނަކަން ބަޔާންކޮށް (ވަޒީފާ އަދާކުރަން ފެށި ތާރީހު އެނގޭ ގޮތަށް) ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ
  2. ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ދިރިއުޅެމުން އަންނަކަން ނުވަތަ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދުއަށް ހިޖުރަކޮށް، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި މެދުނުކެނޑި ދިރިއުޅެމުން އަންނަތާ 10 (ދިހައެއް) އަހަރު ވެފައިވާ މީހެއް ކަމުގައި ބަޔާންކޮށް ތިނަދޫ ސިޓީ ކައުންސިލުން. ރޯހައުސްއަށް އެދޭ ފަރާތަށް ދޫކޮށްފައިވާ ލިޔުން؛
  3. ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ދިރިއުޅެމުން އަންނަކަން ސާބިތުކޮށްދިނުމުގެ ގޮތުން. 2 (ދޭއް) ފަރާތަކުން ދޭ ހެކިބަހެއްގެ ގޮތުގައި މި އުސޫލުގެ ޖަދުވަލު 3 ގައިވާ ގޮތުގެ މަތީން 2 (ދޭއް) އެފިޑެވިޓް ފުރިހަމަކޮށް ހުށަހެޅުން؛
  4. 18 (އަށާރަ) އަހަރުން ދަށުގެ ދަރިން ބަލަހައްޓަމުން އަންނަ ފަރާތެއްކަން ސާބިތުކުރުމަށް އެކަން ބަޔާންކޮށް ށަރުއީ ކޯޓަކުން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ކުއްޖާގެ މަންމަ ނުވަތަ ބައްޕަ އެކަމަށް ހެކިވެ، އިނގިލީގެ ނިށާނާއެކު ހުށަހަޅާ ސިޓީ، މިފަދަ ލިޔުމެއް ނެތް ނަމަވެސް، އެޕްލިކޭށަން ހުށަހަޅައިފައިވާ ފަރާތުން ދީފައިވާ މައުލޫމާތުގެ އަލީގައި އިވެލުއޭށަން ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެކަމާމެދު ގޮތެއް ނިންމުމުގެ އިހުތިޔާރު ލިބިގެންވެއެވެ.
  5. ދަރިޔަކު ލިބިފައި ނުވަނީ ދެމަފިރީންގެ ތެރެއިން މީހެއްގެ ސިއްހީ މައްސަލައެއްގެ ސަބަބުން ކަމުގައި ވާ ނަމަ، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ރަޖިސްޓަރީވެފައިވާ މެޑިކަލް ޕްރެކްޓިށަނަރަކު، އެކަން ބަޔާންކޮށް ދޫކޮށްފައިވާ ލިޔުން؛
  6. ގޯތި ނުވަތަ ބޯހިޔާވަހިކަން ދޫކޮށްލާކަމުގެ އިގުރާރު؛ (އިގުރާރުގެ ގޮތުގައި ހުށަހަޅާނީ، މި އުސޫލުގެ ޖަދުވަލު 2 ގައި ހިމަނައިފައިވާ އިގުރާރު ފުރިހަމަކުރުމަށްފަހު)
  7. ރޯހައުސްއަށް އެދޭ ފަރާތުން ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީ (އެންސްޕާ) ގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފުތަރުގައި ހިމެނޭ ފަރާތެއް ނުވަތަ ފަރާތްތަކެއް ބަލަހައްޓަމުން އަންނަ ނަމަ، ދައުލަތުގެ ކަމާގުޅޭ އިދާރާ ނުވަތަ ށަރުއީ ކޯޓަކުން އެފަދަ ރައްކައުތެރިކަމެއް ބޭނުންވާ ފަރާތެއް ބެލެހެއްޓުން ހަވާލުކޮށްފައިވާ ފަރާތެއްކަމަށް ބަޔާންކޮށް ދީފައިވާ ލިޔުން؛
  8. މައިންބަފައިންނާއި ދަރީން ފިޔަވައި ށަރުއީގޮތުން ބަލަދުވެރިކަން ހަވާލުވެގެން ބަލަހައްޓާ ފަރާތެއް ބަލަހައްޓަމުން އަންނަ މީހެއްކަން ސާބިތުކުރުމަށް އެކަން ބަޔާންކޮށް ށަރުއީ ކޯޓަކުން ދީފައިވާ ލިޔުން؛
  9. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުން ހަވާލުކުރުމާބެހޭ އުސޫލުގެ ދަށުން ކުދިން ބަލަހައްޓާ ނަމަ، އެކަން ސާބިތުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން؛
  10. އެކަނިވެރި މައެއްކަން ނުވަތަ އެކަނިވެރި ބަފައެއްކަން ސާބިތުކޮށްދިނުމަށް ވަރީގެ ސެޓުފިކެޓުގެ އަސްލާ އެއްގޮތްކަން އަންގައިދޭ ކޮޕީ ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާ ނިޔާވެފައިވާ ފަރާތެއް ނަމަ، މަރު ސާބިތުކުރި ލިޔުމުގެ އަސްލާ އެއްގޮތްކަން އަންގައިދޭ ކޮޕީ؛
  11. ވަޒީފާ އަދާކުރާ ފަރާތެއް ނަމަ، އެ ފަރާތް ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުމާއި، ރޯހައުސްއަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ވޭތުވެދިޔަ 6 (ހައެއް) މަސްދުވަހުގެ މުސާރަ ސްލިޕް؛ ވަޒީފާ އަދާކުރާ ތަނުން ދޫކުރާ ލިޔުމާއި މުސާރަ ސްލިޕްގައި ވަޒީފާ އަދާކުރާ ތަނުގެ ރަސްމީ ތައްގަނޑު އޮންނަންވާނެއެވެ.
  12. ރޯހައުސްއަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ވޭތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ބެންކު އެކައުންޓް ސްޓޭޓްމަންޓް.

(ބ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔުމަކީ މި އުސޫލު އާންމުކުރާ ތާރީހުގެ ފަހުން ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ. އެ ލިޔުމުގައި، އެ ލިޔުން ދޫކުރި އިދާރ/ާއޮފީހުގެ ތައްގަނޑު ޖަހައިފައި އޮންނަންވާނެއެވެ. އަދި ލިޔުން ދޫކުރި ފަރާތުގެ ނަމާއި ސޮއި އޮންނަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުން ފެށިގެން (10) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ ސައްހަކަން އިތުރަށް ކަށަވަރުކުރަން ޖެހިއްޖެ ނަމަ، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެއެވެ.

(ކ) ސަރުކާރުގެ އިދާރާއަކުން ނުވަތަ ތަނަކުން ނުވަތަ އަމިއްލަ ފަރުދަކު ދޫކޮށްފައިވާ ލިޔުމެއް ހުށަހަޅާ ނަމަ، އެ ލިޔުމަކީ ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ލިޔުމެއްކަމުގައި ވާންވާނެއެވެ.

 

8 ވަނަ މާޢްދާ - އިވެލުއޭށަން

ރޯހައުސްއަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބަލަންޖެހޭ މިންގަނޑުތައް ބަލައި، ރޯހައުސްއަށް އެދި ހުށަހަޅާ ހުށަހެޅުންތައް އިވެލުއޭޓްކުރާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކުން ނުވަތަ ކޮމިޓީއަކުންނެވެ.

 

9 ވަނަ މާއްދާ - ރޯހައުސް ލިބޭ ފަރާތްތައް ކަނޑައެޅުން

ރޯހައުސް ލިބޭ ފަރާތްތައް ކަނޑައަޅާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) ރޯހައުސްއަށް ށަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މި ސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ޔުނިޓުގެ އަދަދަށް، އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތަކުގެ މައުލޫމާތުގެ ސައްހަކަން. ކަމާ ގުޅޭ އިދާރާތަކުން ޗެކްކުރެވޭނެއެވެ،

(ށ) ރޯހައުސް ލިބޭ ފަރާތްތައް ކަނޑައަޅާނީ، މި އުސޫލުގެ ދަށުން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތަކުގެ ތަރުތީބުންނެވެ.

(ނ) މި ސްކީމުގެ ދަށުން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕޮއިންޓު ލިބޭ ތަރުތީބުން ރޯހައުސް ލިބޭ ފަރާތް ކަނޑައަޅަމުން އައިސް، ޕޮއިންޓު އެއްވަރުވާ ހާލަތުގައި، ރޯހައުސް ލިބޭ ފަރާތް ކަނޑައަޅާނީ، ޕޮއިންޓު އެއްވަރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.

(ރ) މި ސްކީމުގެ ދަށުން ދޫކުރާ ރޯހައުސްއަށް އެދި ދެމަފިރީން ވަކިވަކީން ހުށަހަޅައިފި ނަމަ ފުލެޓު ލިބޭނީ، އޭގެތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 1 (އެކެއް) ފަރާތަކަށެވެ. ޕޮއިންޓު އެއްވަރުވެއްޖެ ނަމަ، ރޯހައުސް ލިބޭ ފަރާތް އިހުތިޔާރުކުރުމަށް ދެމަފިރީންނަށް ފުރުސަތު ދެވޭނެއެވެ. ދެފަރާތަށް އެއްބަސްނުވެވޭ ނަމަ، ރޯހައުސް ލިބޭ ފަރާތް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

 

10 ވަނަ މާޢްދާ - ރޯހައުސްގެ އަގު ނެގުން 

ރޯހައުސްގެ އަގު ނަގާނެ ގޮތް ކަނޑައަޅާނީ، މިނިސްޓްރީންނެވެ.

 

11 ވަނަ މާޢްދާ - ރޯހައުސް ހަވާލުކުރުން

ރޯހައުސް ހަވާލުކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) ރޯހައުސް ލިބޭ ފަރާތްކަމަށް ކަނޑައެޅޭ ފަރާތާއި މިނިސްޓްރީއާ ދެމެދު ރޯހައުސް ހަވާލުކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށް، ރޯހައުސް ހަވާލުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރޯހައުސް ލިބޭ ފަރާތަކީ މި އުސޫލުގެ ދަށުން ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ދޫކޮށްލަންޖެހޭ ފަރާތެއް ނަމަ، އެ ފަރާތަކާ ރޯހައުސް ހަވާލުކުރެވޭނީ، މިނިސްޓްރީއާއި ރޯހައުސް ލިބޭ ފަރާތާ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ގޯއްޗަށް އެދޭ މީހާއަށް ލިބިފައިވާ ބޯހިޔާވަހިކަން ށަރުއީ މަރުހަލާ މެދުވެރިކޮށް ދޫކޮށްލުމަށް އެދި ށަރުއީ ކޯޓަށް ހުށަހެޅުމަށްފަހު، ށަރުއީ ކޯޓަށް ހުށަހެޅިކަމަށް ބަޔާންކޮށް ށަރުއީ ކޯޓުން ދޫކޮށްފައިވާ ލިޔުން މިނިސްޓްރީއަށް ހުށަހެޅުމުންނެވެ. 

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އެއްބަސްވުމުގައި ސޮއިކުރާއިރު ތަޅުދަނޑި ހަވާލުކުރެވޭނެއެވެ. އަދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ތަޅުދަނޑި ހަވާލުކުރެވޭނީ، އެ އަކުރުގައި ބަޔާންކޮށްފައިވާ ށަރުއީ ކޯޓުގެ ލިޔުން ހުށަހެޅުމުންނެވެ.

 

12 ވަނަ މާއްދާ - ދޫކޫށްލާ ބިމާމެދު އަމަލުކުރާނެ ގޮތް

މި އުސޫލުގެ ދަށުން ދޫކޮށްލާ ބިމާމެދު އަމަލުކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) މި އުސޫލުގެ ދަށުން ތަރިކައިން ލިބެން އޮންނަ ބައި ދޫކޮށްލުމުން ދެން އެ ބޯހިޔާވަހިކަން ލިބޭނީ، ބާކީ ތިބި ވާރުތަވެރީންނަށެވެ. އަދި އިތުރު ވާރުތަވެރިއެއް ނެތް ހާލަތުގައި އެ ބައެއް
ދޫކޮށްލަންވާނީ ދައުލަތަށެވެ.

(ށ) މި އުސޫލުގެ ދަށުން އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ބަންޑާރަ ބިމެއް ނުވަތަ އަމިއްލަ ބިމެއް ބަހައިގެން ލިބޭ ބައި ދޫކޮށްލާނީ ގޯތީގެ ރަޖިސްޓަރީގައި ބާކީ ތިބި މީހުންނަށެވެ.

(ނ) މި އުސޫލުގެ ދަށުން ދޫކޮށްލަން އެއްބަސްވާ ބޯހިޔާވަހިކަމަކީ ރޯހައުސްއަށް އެދި ހުށަހަޅާ ފަރާތުގެ ނަމުގައި އެކަނި އޮންނަ ބޯހިޔާވަހިކަމެއް ނަމަ، އެ ބިމެއް ދޫކޮށްލަންވާނީ، މި އުސޫލުގައި ބަޔާންކޮށްފައިވާ ރޯހައުސްއަށް ށަރުތު ފުރިހަމަވާ 18 (އަށާރަ) އަހަރުން މަތީގެ ދަރިޔަކަށެވެ. އެ ފަދަ ފަރާތެއް ނެތް ނަމަ ދޫކޮށްލަންވާނީ ދައުލަތަށެވެ.

 

13 ވަނަ މާޢްދާ - ޖަދުވަލުތައް

އަންނަނިވި ޖަދުވަލުތަކަކީ މި އުސޫލުގެ ބައެކެވެ.

(ހ) ޖަދުވަލު :1 ރޯހައުސްއަށް އެދޭ ފަރާތްތަކަށް ޕޮއިންޓު ދިނުމުގެ މިންގަނޑު.

(ށ) ޖަދުވަލު :2 ގޯތި ނުވަތަ ބޯހިޔާވަ ހިކަން ދޫކޮށްލާކަމުގެ އިގުރާރ.ު

(ނ) ޖަދުވަލު :3 ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ދިރިއުޅެމުންދާކަން ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހަޅާ އެފިޑެވިޓް.

 

14 ވަނަ މާއްދާ - އުސޫލު ތަންފީޒުކުރުން

(ހ) މި އުސޫލު ތަންފީޒުކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް ގޮތެއް ނިންމުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި އުސޫލުގެ ދަށުން ރޯހައުސްއަށް އެދޭ ފަރާތުން ދީފައިވާ އެއްވެސް މައުލޫމާތަކީ ސައްހަނޫން މައުލޫމާތެއްކަމަށް ސާބިތުވެއްޖެ ނަމަ، އަދި މިފަދައިން ދީފައިވާ މައުލޫމާތަކަށް ބިނާކޮށް ރޯހައުސް ލިބުމަށް ށަރުތު ފުރިހަމަވެފައިވާ ނަމަ، މި އުސޫލުގެ ދަށުން ދޫކުރާ ރޯހައުސް އެއްވެސް ބަދަލެއް ދިނުމަކާ ނުލައި މިނިސްޓްރީއަށް އަނބުރާ ނެގޭނެއެވެ.

 

15 ވަނަ މާއްދާ - މާނަކުރުން 

މި އުސޫލުގައި، އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) ''ބޯހިޔާވަހިކަން'' ކަމަށް ބުނެފައި އެވަނީ، ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެއްމެދު އިމާރާތުގެ ފުލެޓާއި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަށްރޫއެއްގެ ދަށުން ހަދައިފައިވާ އިމާރާތެއްގެ ފުލެޓް ނުވަތަ ހައުސިންގ ޔުނިޓް ނުވަތަ ރޯހައުސް ހިމެނޭހެންނެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްށަން. ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ނ) "ކަޓް އޮފް ޑޭޓް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން ރޯހައުސްއަށް އެދި ހުށަހަޅާ ލިޔެކިޔުންތަކުގެ ތާރީހަށެވެ. އެއީ ރޯހައުސްއަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ކުރާ އިއުލާނުގެ މުއްދަތު ހަމަވާ ތާރީހަށެވެ.

(ރ) ''ބިން ދޫކޮށްލަން އެއްބަސްވުން'' ކަމުގައި ބަލާނީ، ގޯތި ނުވަތަ ބޯހިޔާވަހިކަން ދޫކޮށްލާކަމުގެ ''އިގުރާރު" ގައި ސޮއިކޮށް ފޯމާއެކު ހުށަހަޅައިފައިވުމަށެވެ.

(ބ) "އެއްމެދު މިލްކުވެރިން" ކަމަށް ބުނެފައި އެވަނީ، ގޯއްޗަށް އެދި ހުށަހަޅާ ފަރާތަށް އެ ބިން ލިބުނުކަމަށް ކަނޑައަޅައިފައިވާ ގަޒިއްޔާގައި ބެހެނިވެރީން ކަމުގައި ނުވަތަ ބިމުން ލިބޭ ފަރާތްތައް ކަމުގައި ކަނޑައަޅައިފައިވާ ފަރާތްތަކަށާއި، އެފަދަ ފަރާތަކުން ގަޒިއްޔާއިން ލިބުނު ބައި އިތުރު ފަރާތަކަށް ހިބަޔަކުން ނުވަތަ ވަސިއްޔަތަކުން ދީފައިވާ ނަމަ، ހިބަޔަކުން ނުވަތަ ވަސިއްޔަތަކުން ބިން ލިބުނު ފަރާތްތަކަށެވެ.

(ޅ) އުމުރު ގުނުމުގައި ބަލާނީ، ފުލެޓަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ކުރާ އިއުލާނުގެ މުއްދަތު ހަމަވާ ތާރީހަށެވެ.

(ކ) ހިޔާވަހި ޕޯޓަލް ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމާ ގުޅުންހުރި ހުރިހާ ކަންކަމަށް އޮންލައިން ޒަރީއާއިން ހުށަހެޅުމަށް ފަރުމާކޮށް ފައިވާ ޕޯޓަލްކަމުގައިވާ hiyaavehi.housing.gov.mv އަށެވެ. 

 

16 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު/ގަވާއިދު

(ނެތް)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު