gaanoon_logo
-

3 ނޮވެން ބަރު 1988 ގެ ހަނގުރާމައިގައި ށަހީދުވި ސިފައިންގެ ޢާއިލާތަކާއި އަދި އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާ ހިލާފު ހިތްވަރު ފާހަގަކޮށް ށަރަފުގެ ނިށާން ދެވިފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމުގެ އުސޫލު 

(އުސޫލު ނަންބަރު 2025-07)

(މި އުސޫލަށް އަމަލުކުރަން ފެށީ 19 މާރިޗު 2025 ގައި)

 

1 ވަނަ މާއްދާ - ތައާރުފު

މިއީ، 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ށަހީދުވި ސިފައިންގެ އާއިލާތަކަށާއި އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް ށަރަފުގެ ނިށާން ދެވިފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމުގައި އަމަލުކުރަންވީގޮތް ބަޔާންކުރާ އުސޫލެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ށަހީދުވެފައިވާ ސިފައިންގެ އާއިލާތަކަށާއި އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް ސިފައިންގެއިން ށަރަފުގެ ނިށާން ދީފައިވާ ފަރާތްތަކުގެ ހިދުމަތުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް މާލީ އިނާޔަތެއް ދޭނެ އުސޫލެއް އެކަށައެޅުމެވެ.

 

3 ވަނަ މާއްދާ - އިނާޔަތް ހައްގުވާ ފަރާތްތައް

އިނާޔަތް ހައްގުވާ ފަރާތްތައ،ް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ށަހީދުވި ސިފައިންގެ އާއިލާތައް.

(ށ) 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް ށަރަފުގެ ނިށާން ދެވިފައިވާ ފަރާތްތައް.

 

4 ވަނަ މާއްދާ - 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ށަހީދުވި ސިފައިންގެ އާއިލާތަކަށް ދޭން ހަމަޖެހިފައިވާ އިނާޔަތް

(ހ) 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ށަހީދުވި ސިފައިންގެ ހިދުމަތް ފާހަގަކޮށް އިނާޔަތް ދެވޭނީ، އެ ށަހީދުންގެ އާއިލާތަކަށެވެ. ށަހީދުވި މީހާގެ އާއިލާކަމުގައި ބަލާނީ، މައިންބަފައިންނާއި، އުފަންދަރީންނާއި، ހުވަފަތްވި އަނބިމީހާއެވެ.

(ށ) 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ށަހީދުވި ސިފައިންގެ މީހާގެ އާއިލާގެ މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި ކޮންމެ މީހަކަށް (މަންމަ، ބައްޕަ ދަރިން އަދި ހުވަފަތްވި އަނބިމީހާ) އެ މީހަކު ދުނިޔޭގައި ހުރިހައި ދުވަހަކު މަހަކު 9,000 (ނުވަހާސް) ރުފިޔާ ދެވޭނެއެވެ.

 

6 ވަނަ މާއްދާ - 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް ށަރަފުގެ ނިށާން ދެވިފައިވާ ފަރާތްތަކަށް ދޭން ހަމަޖެހިފައިވާ އިނާޔަތް

3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި އަމިއްލަ ހަށިގަނޑަށާއި ފުރާނައަށް ބެލުމެއްނެތި ދައްކުވައިދިން ޖެހިލުންކުޑަ އަދި ހިތްވަރުގަދަ އަމަލުގެ ސަބަބުން ހަނގުރާމަ ކާމިޔާބުވުމަށް މަގުފަހިކޮށްދިންކަން ފާހަގަކޮށް އެ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު މަހުންމަހަށް ދެވޭ ފައިސާގެ އިނާޔަތްތައް ތިރީގައި، ބަޔާންކޮށްފައި މިވަނީއެވެ.

(ހ) 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި އަމިއްލަ ހަށިގަނޑަށާއި ފުރާނައަށް ބެލުމެއްނެތި ދައްކުވައިދިން ޖެހިލުންކުޑަ އަދި ހިތްވަރުގަދަ އަމަލުގެ ސަބަބުން ހަނގުރާމަ ކާމިޔާބުވުމަށް މަގުފަހިކޮށްދިންކަން ފާހަގަކޮށް، ހުރަވީ ރަން މެޑެލި ދެވިފައިވާ ފަރާތްތަކަށް، އެ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު މަހުންމަހަށް ދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 9,000 (ނުވަހާސް) ރުފިޔާ ދެވޭނެއެވެ.

(ށ( 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި އަމިއްލަ ހަށިގަނޑަށާއި ފުރާނައަށް ބެލުމެއްނެތި ދައްކުވައިދިން ޖެހިލުންކުޑަ އަދި ހިތްވަރުގަދަ އަމަލު ފާހަގަކޮށް، ހުރަވީ ރިހި މެޑެލި ދެވިފައިވާ ފަރާތްތަކަށް، އެ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު މަހުންމަހަށް ދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 8,000 (އަށްހާސް) ރުފިޔާ ދެވޭނެއެވެ.

(ނ) 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ދައްކުވައިދިން ހިތްވަރުގަދަ އަމަލު ފާހަގަކޮށް، ހިތްވަރުގަދަކަމުގެ ކުލަ ދެވިފައިވާ ފަރާތްތަކަށް، އެ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު މަހުންމަހަށް ދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 6,000 (ހަހާސް) ރުފިޔާ ދެވޭނެއެވެ.

(ރ) 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް ށަރަފުގެ ނިށާން ދެވިފައިވާ ފަރާތްތަކަށް ދޭން ހަމަޖެހިފައިވާ އިނާޔަތް ދެވޭނީ އެ ފަރާތެއް ދުނިޔޭގައި ދެމިހުރި ދުވަސްތަކަށް ކަމުގައިވާތީ، މި އިނާޔަތް ލިބެމުންދާ ފަރާތެއް މަރުވެއްޖެ ނަމަ، އިނާޔަތްދިނުން ހުއްޓުމަކަށް އަންނާނެއެވެ. އަދި މި އިނާޔަތް ލިބޭ ފަރާތެއް މަރުވެއްޖެ ނަމަ، އެކަން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މި ވުޒާރާއަށް އެ ފަރާތެއްގެ އާއިލާއިން އަންގަންވާނެއެވެ.

 

6 ވަނަ މާއްދާ - އުސޫލުގައި ނުހިމެނޭ ކަމެއް ދިމާވުން

މި އުސޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެ ނަމަ، އެކަމުގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ މަށްވަރާޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

 

7 ވަނަ މާއްދާ - އުސޫލު އި ސްލާހުކުރުން

މި އުސޫލަށް އިސްލާހު ގެނެވޭނީ، ވަޒީރުންގެ މަޖިލީހުގެ މަށްވަރާޔާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމާ ގޮތެއްގެ މަތީންނެވެ.

 

8 ވަނަ މާއްދާ - މައުލޫމާތު ސާފުކުރުމަށް

އުސޫލާ ގުޅިގެން މުއާމަލާތު ސާފުކުރުމަށް ގުޅާނީ 3322601 +960 އަދި އީމެއިލް ކުރާނީ admi@defence.gov.mv އަށެވެ،

 

9 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ އަދި މި އުސޫގެ ދަށުން އިނާޔަތް ދޭން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

(ނެތް)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު