-

ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަ ނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2015-04)

(މި އުސޫލަށް އަމަލުކުރަން ފެށީ 20 އެޕްރީލް 2015 ގައި)

މި އުސޫލުވަނީ ގަވާއިދު ނަންބަރު 2020-80 ގެ 15 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފު

މިއީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ޖަލު ތެރޭގައި އަހުލާގު ބެހެއްޓުމަށް ކަނޑައަޅާފައިވާ މިންގަނޑެއް އޮންނަންވާނެކަމަށް ބަޔާންކޮށްފައިވާތީ، އެ މިންގަނޑު ބަޔާންކުރުމަށްޓަކައި އެކުލަވައިލާފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - އުސޫލުގެ ނަން

މި އުސޫލަށް ކިޔާނީ "ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ ޖަލުގައި ހުންނަ ހުރުމުގައި ގައިދީންނާއި ބަންދު މީހުންގެ އަހުލާގާއި ސުލޫކު އަދި އުޅުމާއި ގުޅުންތައް ދަމަހައްޓަންޖެހޭ ގޮތާއި ގައިދީންނަށާއި ބަންދު މީހުންނަށް ކުރުން މަނާ ކަންތައްތައް ކަނޑައެޅުމާއި، އެކަންކަން އަންގައިދިނުމެވެ.

 

4 ވަނަ މާއްދާ - އުސޫލު ހިންގާ ފަރާތް

މި އުސޫލު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

 

5 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނ،ީ މި އުސޫލު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ - ދީނީ އަޅުކަންތައް އަދާކުރުން

ޖަލުގައި ހުންނަ ކޮންމެ މުސްލިމަކުވެސް ކޮންމެ ދުވަހަކުވެސް ފަރުޒު ފަސްނަމާދުކޮށް، ކީރިތި ގުރްއާން ކިޔަވައި، ފަރުޒު ރޯދަ ހިފައި އަދި އެހެނިހެން ދީނީ އަޅުކަންތައް ބަރާބަރަށް އަދާކުރަންޖެހޭނެއެވެ.

 

7 ވަނަ މާއްދާ - ސާފު ތާހިރުކަން

(ހ) ޖަލުގައި ހުންނަ ކޮންމެ މީހަކުވެސް މަދުވެގެން ދުވާލަކު ދެފަހަރު ފެންވަރައި، ދަތްއުނގުޅައި ސާފުތާހިރު ވާންވާނެއެވެ.

(ށ) ސިއްހީ ގޮތުން ނުވަތަ ނުކުޅެދުންތެރިކަމެއް ހުރުމުގެ ސަބަބުން ގައިދީން ނުވަތަ ބަންދުމީހުން ފެންވަރުވަން ޖެހޭ ހާލަތްތަކުގައި ޖަލު އޮފިސަރުންގެ ބެލުމުގެ ދަށުން އެމީހަކު ފެންވެރުވިދާނެއެވެ.

(ނ) ގައިދީންނާއި ބަންދުމީހުންނަށް ދެވޭ ޔުނީފޯމް ނުވަތަ ގެންގުޅޭ އަންނައުނުތައް، ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާޖަލު އަމުރެއްގެ ދަށުން ދޮވެ ސާފު ކުރަންވާނެއެވެ.

(ރ) ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ހަމަޖައްސާ ގޮތެއްގެ މަތިން ގައިދީން ނުވަތަ ބަންދުމީހުން އުޅޭ ގޮޅި ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އެގޮޅިއެއްގައި އުޅޭ ބައެއްގެ ޒިންމާއެކެވެ.

 

8 ވަނަ މާއްދާ - ބޯކޮށުމާއި ތުނބުޅިމަތިމަސް ބޭލުމާއި ނިޔަފަތި ކެނޑުން

(ހ) ޖަލުގައި ތިބޭ ފިރިހެން ގައިދީންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ވަށައިގެން 2 (ދޭއް) ސެންޓިމީޓަރަށްވުރެ ދިގުނުވާވަރަށް ތުނިކޮށް ކޮށާފައެވެ. އަދި ތުނބުޅި ހުންނަންވާނީ ބާލާފައި ނުވަތަ 2 (ދޭއް) އިންޗިއަށްވުރެ ދިގުނުވާވަރަށް ކޮށާފައެވެ. އަދި މަތިމަސް ހުންނަންވާނީ ބާލާފައި ނުވަތަ ތުނިކޮށް ކޮށާފައެވެ.

(ށ) އަންހެން ގައިދީންގެ އިސްތަށިގަނޑު ކޮނޑުހުޅަށްވުރެ ކުރުނުވާވަރަށް ކޮށިދާނެއެވެ.

(ނ) ސިއްހީ ސަބަބަކަށްޓަކައި މެނުވީ އެއްވެސް ގައިދީއަކު ބޯ ބޭލުމަކީ މަނާކަމެކެވެ.

(ރ) ކޮންމެ ގައިދީއަކުވެސް އަދި ބަންދުމީހަކުވެސް އަބަދުވެސް ހުންނަން ވާނީ ދެއަތާއި ދެފައިގެ ނިޔަފަތި ރީއްޗަށް ކަނޑާފައެވެ.

 

9 ވަނަ މާއްދާ - މުއާމަލާތް ކުރުން

(ހ) ޖަލު އޮފިސަރުންނާއި، ގައިދީންނާއި ބަންދުމީހުންނަށް އެކިއެކި ހިދުމަތްތައް ދިނުމުގައާއި ޕްރޮގުރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ޖަލަށް ޒިޔާރަތް ކުރާ ފަރާތްތަކ،ާ ގައިދީން، ވާހަކަ ދައްކަންވާނީ މަޑުމައިތިރިކަމާއެކު ރިވެތި ބަހުންނެވެ.

(ށ) އެއްވެސް ގައިދީއަކު އަދި ބަންދުމީހަކު އެއްވެސް ހައިސިއްޔަތަކުން ޖަލު އޮފިސަރުންނާއި ޖަލަށް ޒިޔާރަތްކުރާ މީހެއްގެ ގައިގައި އަތްލުމަކީ މަނާކަމެކެވެ.

(ނ) އެއްވެސް ގައިދީއަކު ނުވަތަ ބަންދުމީހަކު އެހެން ގައިދީއަކާ ނުވަތަ ބަންދުމީހަކާ ވާހަކަ ދައްކާއިރުވެސް ހަޑިހުތުރު ބަހުން ވާހަކަ ދައްކައިގެން ނުވާނެއެވެ.

(ރ) ޖަލު އޮފިސަރުންނާ މުހާތަބު ކުރަންވާނީ އެއޮފިސަރެއްގެ ފުރިހަމަ ނަމުން ނުވަތަ ސަރ ނުވަތަ މެޑަމް ކިޔައިގެންނެވެ.

 

10 ވަނަ މާއްދާ - ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި އަމުރަށް ކިޔަމަންވުން

(ހ) ގައިދީން ނުވަތަ ބަންދުމީހުން އަމަލު ކުރުމަށް ހަދާފައިވާ އެންމެހައި ގަނޫނުތަކާއި ގަވާއިދުތަކާއި ޖަލު އަމުރުތަކާއި އުސޫލުތަކަށާއި އެންގުންތަކަށް ފުރިހަމައަށް ތަބާވެ، އެކަންތައްތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެއެވެ.

(ށ) ޖަލު އޮފިސަރެއްގެ ވާޖިބު އަދާކުރުމުގެ ގޮތުން ގައިދީއެއްގެ ނުވަތަ ބަންދުމީހެއްގެ މައްޗަށް ކުރާ ކޮންމެ އަމުރަކަށްވެސް އެމީހަކު ތަބާވާން ޖެހޭނެއެވެ.

 

11 ވަނަ މާއްދާ - އެއްބާރުލުން ދިނުން

ކޮންމެ ގައިދީއަކުވެސް އަދި ބަންދުމީހަކުވެސް ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމުގައި އެއްބާރުލުން ދޭންޖެހޭނެއެވެ.

(ހ) ޖަލުގެ މަސްޓަރ ނެގުމުގައި؛

(ށ) ގައިދީންގެ ނުވަތަ ބަންދުމީހުންގެ ހަށިގަ ނޑާއި ތަކެއްޗާއި ގޮޅިތައް ބަލައި ފާސް ކުރުމުގައި؛

(ނ) ގައިދީންނަށް އަދި ބަންދުމީހުންނަށް ފޯރުކޮށްދޭ އެންމެހައި ހިދުމަތްތައް ދިނުމުގައި؛

(ރ) ގައިދީއަކު ނުވަތަ ބަންދުމީހަކު ހާޒިރު ކުރަންޖެހޭ ކޯޓުތަކާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކަށް ހާޒިރުވުމުގައި؛

(ބ) ގައިދީން ނުވަތަ ބަންދުމީހުން މުޖުތަމައުއަށް އަހުލުވެރި ކުރުމުގެ ގޮތުން ޖަލުގައި ހިންގާ ޕްރޮގުރާމްތަކުގައި ބައިވެރިވެ، އެކަންކަން ކުރިއަށް ގެންދިއުމުގައި؛

(ޅ) ޖަލު އޮފިސަރެއްގެ ވާޖިބު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި؛

(ކ) ގައިދީންނާއި ބަންދުމީހުން އަމަލުކުރަންޖެހޭ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާއި ޖަލު އަމުރުތަކާއި އުސޫލުތައް ތަންފީޒުކުރުމަށް.

 

12 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލު ނުކުރުން

(ހ) އެއްވެސް ގައިދީއަކު އަދި ބަންދުމީހަކު ޖަލުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފައިވާ އެއްވެސް ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލު ކޮށްގެން ނުވާނެއެވެ.

(ށ) އެއްވެސް ގައިދީއަކު ނުވަތަ ބަންދުމީހަކު ޖަލު އޮފިސަރަކާ ނުވަތަ ގައިދީން އަދި ބަންދުމީހުން ފިޔަވައި އެނޫން ފަރާތްތަކާ މުއާމަލާތް ކުރާ ވަގުތުގައާއި ޖަލުންދޭ ހިދުމަތެއް ލިބިގަންނަ ވަގުތު ދުންފަތުގެ އިސްތިއުމާލު ކޮށްގެން ނުވާނެއެވެ.

(ނ) އެއްވެސް ގައިދީއަކު އަދި ބަންދުމީހަކު ދުންފަތުގެ އިސްތިއުމާލު ކުރުމަށް ނޫން ގޮތަކަށް އަލިފާން ބޭނުން ކޮށްގެން ނުވާނެއެވެ.

(ރ) އެއްވެސް ގައިދީއަކު އަދި ބަންދުމީހަކު އެހެން މީހަކަށް އުނދަގޫވާގޮތަށް ދުންތަފުގެ އިސްތިއުމާލު ކޮށްގެން ނުވާނެއެވެ.

(ބ) ގައިދީން ނުވަތަ ބަންދުމީހުން ދުންފަތުގެ އިސްތިއުމާލު ކުރާއިރު އެއްވެސް ހާލެއްގައި ގޮޅީތެރެއަށާއި ޔުނިޓުގެ އެހެން ތަންތަނުގެ ތެރެއަށް އަޅިކަނޑައި އަދި ސިގިރޭޓްގެ ފިލްޓަރު އުކައި ހަދައިގެން ނުވާނެއެވެ. އަދި މިތަކެތި އަޅަން ވާނީ އަޅިކެނޑިއަކަށް ނުވަތަ އެތަކެތި އެޅުމަށް ހާއްސަ ކޮށްފައިވާ އެއްޗަކަށެވެ.

 

13 ވަނަ މާއްދާ - ކުރުން މަނާ ކަންތައްތައް

އަންނަނިވި ކަންކަމަކީ ގައިދީންނަށާއި ބަންދުމީހުންނަށް ކުރުން މަނާ ކަންކަމެވެ.

(ހ) ގޮޅީގެ ބޮކިތަކާއި ގޮޅީގައި ވައި ދައުރު ކުރުމަށް ހަދާފައިވާ ތަންތަން ކަވަރު ކުރުން؛

(ށ) ހަވާލުކޮށްފައިވާ ގޮދަޑިއާއި، ބެޑްށީޓާއި، ބާލިހާއި އަދި ބާލީހު އުރަ ފަދަ ތަކެތި ދޮވެ ސާފުކުރުމަށް ނުވަތަ އެތަކެތީގެ ބަދަލުގައި އެބާވަތުގެ އެހެން އެއްޗެއް ވެއްދުމަށް ނޫން ގޮތަކަށް އެތަކެތި ގޮޅިން ބޭރަށް ނެރުން؛

(ނ) ފޮޓޯ އަދި ޕޯސްޓަރުފަދަ ތަކެތި ގޮޅީގެ ފާރުގައި ނުވަތަ ޔުނިޓުގެ އެނޫންވެސް ތަނެއްގައި ހަރުކޮށް ނުވަތަ ހިއްޕައި ހެދުން؛

(ރ) ގޮޅީގެ ނުވަތަ ޔުނިޓުގެ އެއްވެސް ފާރެއްގައި އަދި ތަޅުންގަނޑުގައި ނުވަތަ އެތަނުގައި ހުރި އެއްޗެއްގައި އެއްވެސް އެއްޗެއް ކުރަހައި އެތަންތަން ހަޑިކޮށް ހެދުން؛

(ބ) ނިދުމަށްޓަކައި އެމީހަކަށް ކަނޑައަޅާފައިވާ ތަންނޫން އެހެން ތަނެއް ނިދުމަށްޓަކައި ބޭނުން ކުރުން؛

(ޅ) ކަނޑައަޅާފައިވާ ގަޑިތަކަށް ނިދައިހޭނުލުމާއި އިސްޕެކްށަނަށް ތައްޔާރުނުވުން،

(ކ) ކަނޑައަޅާފައިވާ ދުވަހު ތާވަލާ އެއްގޮތަށް އަމަލު ނުކުރުން؛

(އ) ގައިދީންނާއި ބަންދުމީހުން އަނބުރާ މުޖުތަމައުއަށް ގެނައުމަށްޓަކައި ހިންގާ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ދެކޮޅުހެދުން؛

(ވ) މުވައްޒަފުންނާއި، ގައިދީންނާއި، ބަންދުމީހުންނާއި އެހެނިހެން މީހުންނަށް، ނަސްލުގެ ގޮތުން، ދީނުގެ ގޮތުން، ޖިންސުގެ ގޮތުން، އެމީހެއްގެ ގައުމަށް، ކުލަޔަށް، އުމުރަށް، ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، މާލީ ފުދުންތެރިކަމަށް، ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަންރަށަށް، ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް އަދި ޒާތީ ގޮތުން ތަފާތު ކުރުން؛

(މ) ދީފައިވާ އިނާޔަތްތަކުގެ ނާޖާއިޒު ފައިދާ ނެގުން؛

(ފ) ޔުނިޓް ނުވަތަ ގޮޅީތެރޭގައި އަޑުގަދަކޮށް، ތަންތަނުގައި ތަޅައި ހެދުން؛

(ދ) ބަލައި ފާސްކުރުމަށް ދެކޮޅު ހެދުން؛

(ތ) ކަރަންޓާއި ފެން އިސްރާފު ކުރުން؛

(ލ) އެހެން ގައިދީއަކަށް ނުވަތަ ބަންދުމީހަކަށް ގަވާއިދާ ހިލާފު ކަމެއް ކުރުމަށް އެއްބާރުލުންދީ ނުވަތަ ހިތްވަރުދީ ހެދުން؛

(ގ) ޖަލު އޮފިސަރެއްގެ ވާޖިބަށް ހުރަސް އެޅުން؛

(ޏ) ތިމާގެ އަމިއްލަ ނަފުސަށް ގެއްލުން ލިބޭ ފަދަ އެއްވެސް ކަމެއް ކުރުން؛

(ސ) ބަދުއަހުލާގީ އެއްވެސް އަމަލެއް ހިންގުން؛

(ޑ) ވަނުން މަނާކޮށްފައިވާ އެއްވެސް ތަނަކަށް ވަނުން؛

(ޒ) ޖަލުގެ މަސްޓަރ ނެގުމަށް ހުރަސް އެޅުން؛

(ޓ) ގަވާއިދާ ހިލާފަށް ގޮޅިން ނުވަތަ ޔުނިޓުން ބޭރަށް ނުކުތުން؛

(ޔ) ގޮޅިއަށް ވަނުމަށް އިންކާރުކޮށް ދެކޮޅު ހެދުން؛

(ޕ) ކާއެއްޗެތި ބަންޑުން ޖެހުން؛

(ޖ) ޖަލުގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް އަމަލެއް ހިންގުމާއި އެފަދަ ކަމެއްގައި ބައިވެރިވުން؛

(ޗ) ބިޑި އަޅަންޖެހޭ ހާލަތްތަކުގައި އެކަމަށް އިންކާރު ކުރުން؛

(ހހ) ކަންކަމަށް ޑިމާންޑް ކުރުން؛

(ށށ) މަސްތުވާ ޒާތުގެ އެއްވެސް އެއްޗެއް ބޭނުން ކުރުން؛

(ނނ) ޖަލުން ފިލަން މަސައްކަތް ކުރުން؛

(ރރ) އެއްވެސް ބާވަތެއްގެ ހަޅުތާލެއް ހެދުމާއި އެފަދަ ކަމެއް ކުރުމުގައި ބައިވެރިވުން؛

(ބބ) ގޮޅީގެ ދޮރުތަކާއި ތަޅުތަކަށް އެއްވެސް ގެއްލުމެއް ދިނުން؛

(ޅޅ) އެއްވެސް މީހެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގައި، ރަހީނުކޮށް، ބިރުދައްކައި އަދި ތަފާތު އެކި އިންޒާރުތައްދީ ހެދުމާއި އެފަދަ ކަމެއް ކުރުމަށް ހިތްވަރު ދިނުން؛

(ކކ) ސަރުކާރުގެ އިމާރާތްތަކަށާއި މުދަލަށް ގެއްލުންދީ ހެދުން؛

(އއ) އެހެން ގައިދީއެއްގެ ނުވަތަ ބަންދުމީހެއްގެ ތަކެތި އެމީހެއްގެ އަތުން ގަދަކަމުން އަތުލައި ނުވަތަ ވަގަށް ނަގައި ނުވަތަ ގެއްލުންދީ ހެދުން؛

(ވވ) ޖަލު އޮފިސަރުންނަށް ނުވަތަ އެނޫން ފަރާތަކަށްވެސް މަކަރާއި ހީލަތް ހެދުން؛

(މމ) ޔުނިޓު ތެރެއަށް ނުވަތަ ގޮޅީތެރެއަށް، ޖަލަށް ވެއްދުން މަނާ އެއްވެސް އެއްޗެއް ވެއްދުން ނުވަތަ ވައްދަން މަސައްކަތްކުރުން؛

 

14 ވަނަ މާއްދާ - ފިޔަވަޅު އެޅުން

މި އުސޫލާ ހިލާފުވާ ގައިދީންނާއި ބަންދު މީހުންގެ މައްސަލަތައް ބަލައި އެމީހުންނާމެދު ކަނޑައެޅިފައިވާ ޑިސިޕްލިނަރީ ނިޒާމުގެ ތެރެއިން ފިޔަވަޅުއަޅަން ވާނެއެވެ. 

މި އުސޫލަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

އުވި ގަވާއިދު

ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-80)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު