-

ދިވެހިރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި ޢީދުނަމާދާއި ކޭތަނަމާދު ކުރުމަށް ހުއްދަ ދިނުމުގެ އުސޫލު

(އުސޫލު ނަންބަރު 2024-22)

(މި އުސޫލަށް އަމަލުކުރަން ފެށީ 10 ޖޫން 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، މިނިސްޓްރީގެ މެންޑޭޓަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި އިމާމުވެ ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމާއި، އެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުމާއި، ހަތީބުކަމުގެ ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ ގޮތްތަކާއި، ހަތީބުކަމުގެ ހުއްދަ ދީފައިވާ ފަރާތްތައް ހިފަހައްޓަންޖެހޭ ފަންނީ ހަމަތަކާއި، އިޖުތިމާއީ ސުލޫކު ބަޔާންކުރުމަށް ޓަކައި އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ދިވެހިރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރުމަށް ހުއްދަ ދިނުމުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) ތަޖުވީދުގެ ހަމަތަކާއެކު ރީތިކޮށް ގުރްއާން ކިޔަވާ، ނަމާދުގެ ފިގުހަށް އަހުލުވެރިޒުވާނުންނަށް އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ފުރުސަތުފަހިކޮށްދިނުން.

(ށ) އަތޮޅުތަކުގައި އިމާމުންނާއި ހަތީބުން ލިބުމުގެ ދަތިކަމަށް ހައްލެއް ގެނައުމަށް ޓަކައި އިމާމުންނާއި ހަތީބުންގެ ޒުވާން ޖީލެއް އުފެއްދުން.

(ނ) ހަތީބުންގެ ޕޫލަށް މީހުން ހޮވުމުގައި އަމަލުކުރަންވީ ގޮތް، އެއް އުސޫލަކުން ހަމަޖެއްސުން.

(ރ) ހަތީބުކަމުގެ ހުއްދަ ދީފައިވާ ފަރާތްތަކުން ހުރުމަތްތެރިކޮށް ހިތަންޖެހޭ ކަންތައްތަކާއިއެ ފަރާތުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުން.

(ބ) ހަތީބުންނަކީ ދީނީ، އިޖުތިމާއި، ގާނޫނީ، އަހްލާގީ އަދި އާންމު އުސޫލުތަކާ އެއްގޮތަށް އަމަލުކުރާ ބައެއްކަން ކަށަވަރުކުރުން.

(ޅ) ގައުމީ ވަހްދަތާއި ރިވެތި އަހްލާގީ ސިފަތައް ހިފަހައްޓ،ާ ސުލޫކު ރަނގަޅ،ު މުޖުތަމައު ބަލައިގަންނ،ަ އަބުރުވެރި، އާންމުން އިތުބާރުކުރާ ބަޔަކަށް ހަތީބުން ހެދުން.

 

3 ވަނަ މާއްދާ - އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުން

ރާއްޖޭގެ އެއްވެސް ތަނެއްގައި އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރެވޭނީ، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މިނިސްޓްރީން އެކަމުގެ ހުއްދަ ދީފައިވާ މީހުންނަށެވެ.

 

4 ވަނަ މާއްދާ - ހުއްދަ ދެވޭ މިންގަނޑުތަކާއި ށަރުތު

މި އުސޫލުގެ ދަށުން ރާއްޖޭގެ އެއްވެސް ތަނެއްގައި އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ހުއްދައަށް އަލަށް އެދި ހުށަހަޅާއިރު ބަލާނެ ކަންކަން ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މީލާދީގޮތުން، އުމުރުން 18 (އަށާރަ) އަހަރާއި 70 (ހަތްދިހަ) އަހަރާ ދެމެދުގެ ފަރާތެއް ނަމަ، ތިރީގައިވާ ށަރުތުތައް ފުރިހަމަވުން.

  1. ސާނަވީ އިމްތިހާނަކުން ނުވަތަ އެއަށްވުރެ މަތީ އިމްތިހާނަކުން އިސްލާމާއި ދިވެހި، މި ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ އިމާމުކަމުގެ ދާއިރާއިން ދަށްވެގެން އެމ.ްއެން.ކިއ.ުއެފް ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުން؛
  2. މިނިސްޓްރީން ކަނޑައަޅާ ކޮމެޓީއަކުން އަނގަބަހުން ދޭ އިމްތިހާނަކުން، އެންމެ މަދުވެގެން ވެސް %85 (އަށްޑިހަފަހެއް އިންސައްތަ) މާކްސް ލިބިފައިވުން. 

(ށ) އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުދިންގެ ތެރެއިން، ގްރޭޑް 10 ނުވަތަ ގްރޭޑް 11 ނުވަތަ ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރިވަރެއް ނަމަ، ނުވަތަ ސްކޫލު ނިންމައިފައިވާ ދަރިވަރުންގެ ތެރެއިން އުމުރުން 18 (އަށާރަ) އަހަރު ފުރިފައި ނުވާ ފަރާތެއް ނަމަ، ތިރީގައިވާ ށަރުތުތައް ފުރިހަމަވުން.

  1. މިނިސްޓްރީން ކަނޑައަޅާ ކޮމެޓީއަކުން އަނގަބަހުން ދޭ އިމްތިހާނަކުން، އެންމެ މަދުވެގެން ވެސް %75 (ހަތްދިހަފަހެއް އިންސައްތަ) މާކްސް ލިބިފައިވުން؛
  2. މިނިސްޓްރީން ކަނޑައަޅާ ހަތީބުކަމުގެ ތަމްރީނު ފުރިހަމަކޮށް، އެ ތަމްރީނަށް ކަނޑައަޅައިފައިވާ %10 (ދިހައެއް އިންސައްތަ) މާކްސް ލިބިފައިވުން؛
  3. އިމާމުކަމުގެ ދާއިރާއިން ސާނަވީ ތައުލީމާ އެއްފެންވަރެއްގެ ނުވަތަ މަތީ ސާނަވީ ތައުލީމާ އެއްފެންވަރެއްގެ ސަނަދެއް ހާސިލުކޮށްފައިވާ ނަމަ، މި މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ %10 (ދިހައެއް އިންސައްތަ) މާކްސް އެ ފަރާތަކަށް ލިބޭނެއެވެ. އަދި މި މާއްދާގެ (1) ވަނަ ނަންބަރާ އެއްގޮތަށް މިނިސްޓްރީން ކަނޑައަޅާ ކޮމެޓީއަކުން އަނގަބަހުން ދޭ އިމްތިހާނަކުން،  އެންމެ މަދުވެގެން ވެސް، %75 (ހަތްދިހަފަހެއް އިންސައްތަ) މާކްސް ހާސިލު ކުރަންވާނެއެވެ.
  4. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގްރޭޑް 12 ގައި ކިޔަވާ ކުދިންގެ ތެރެއިން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ކުދިންނަށް ހުއްދަ ދިނުމުގައި ބަލާނީ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތުތަކަށެވެ.

 

5 ވަނަ މާއްދާ - ހުއްދަ ދެވޭ ފަރާތުގައި ހުންނަންޖެހޭ އެހެނިހެން ށަރުތުތައް

މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، ހުއްދަ ދެވޭ ފަރާތުގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހިރާއްޖޭގައި ދީނީ ތަގްރީރުކުރުމާއި، ވައުޡުބުނުމުގެ ހުއްދަ ބާތިލުކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން.

(ށ) ހަތީބުކަމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފަރާތަކީ، ސާބިތު ދަރަންޏާއި ހަރަދުގެ މައްސަލަ ފިޔަވައި، މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އެހެން ކުށެއް ކުރިކަމަށް ސާބިތުވެގެން އެ ފަރާތުގެ މައްޗަށް ހުކުމެއް ކޮށްފައިވާ ފަރާތެއް ނަމަ، ހަތީބުކަމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ތާރީހާއި، އެ ހުކުމް ތަންފީޒުކޮށް ނިމުނު ތާރީހާ ދެމެދު، އެ ޖަދުވަލުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވެފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ. އަދި ކުށަށް މާފުދެވޭ ފަރާތްތަކަށް ހުއްދަ ދިނުމުގައި އެ ކުށެއްގެ ކުޑަބޮޑުމިނަށާއި ބާވަތަށާއި މިސްކިތުގެ އަހުލުވެރީންނާއި މުޖުތަމައުގައި އެ ކަމެއް ބަލައިގަންނަ ގޮތެއްގެ މިންވަރަށް ބެލޭނެއެވެ.

(ނ) ގާނޫނު ނަންބަރު 1994-06 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު) އާ ހިލާފުވާ ގޮތަށް ތަގުރީރުކޮށް، ރައްޔިތުންނަށް އޮޅޭގޮތަށް ދީނީ މައުލޫމާތުދޭ މީހެއްކަން މިނިސްޓްރީއަށް ސާބިތުވެފައި ނުވުން.

(ރ) ގާނޫނު ނަންބަރު 1994-06 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު) ގެ ދަށުން ކުށް ސާބިތުވެ އަދަބު ލިބިފައިވާ މީހަކު ނަމަ، ހުކުމް ތަންފީޒުކޮށް ނިމުނުތާ 3 (ތިނެއް) އަހަރުދުވަސް ވެފައިވުން.

 

6 ވަނަ މާއްދާ - ހުއްދައަށް އެދި އެޕްލިކޭށަން ފޯމު ހުށަހެޅުން 

(ހ) މި އުސޫލުގެ ދަށުން ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ، "ރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ހުއްދައަށް އެދޭ ފޯމު" މެދުވެރިކޮށެވެ. މި ފޯމު، މިނިސްޓްރީން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ https://islamicaffairs.gov.mv   ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މާލޭގައި ދިރިއުޅޭ ފަރާތްތަކުން އެޕްލިކޭށަން ފޯމު ހުށަހަޅާނީ، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީގެ [email protected] އީމެއިލް މެދުވެރިކޮށެވެ. މާލެ ފިޔަވައި އެހެން ސިޓީތަކުގައި އުޅޭ ފަރާތްތަކުން ހުށަހަޅާނީ، އެ މީހަކު ދިރިއުޅޭ ސިޓީއެއްގެ ސިޓީ ކައުންސިލް މެދުވެރިކޮށެ ވެ. ރަށްރަށުގައި ނަމަ ހުށަހަޅާނީ، އެ ރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށެވެ. އަދި މި އުސޫލުގެ ދަށުން ހުއްދައަށް އެދި ހުށަހަޅާއިރު، އެޕްލިކޭށަން ފޯމާއެކު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް؛
  2. ސްޓޭމްޕް ސައިޒުގެ 1 (އެކެއް) ގަނޑު ފޮޓޯ (ހުދުކުލައިގެ ބެކްގްރައުންޑުގައި)؛
  3. ސްކޫލު/މަދަރުސާގައި ކިޔަވާ ދަރިވަރެއް ނަމަ، ކިޔަވަމުންދާކަން އަންގައިދޭ އެ ސްކޫލު/މަދަރުސާގެ ލިޔުމެއް؛
  4. ސްކޫލު ނިންމައިފައިވާ، އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ދަރިވަރެއް ނަމަ،
    ސްކޫލް ލީވިންގ ސެޓުފިކެޓު؛
  5. އުމުރުން 18 (އަށާރަ) އަހަރު ނުވާ ފަރާތެއް ނަމަ، އެ ކުއްޖެއްގެ ށަރުއީ ބެލެނިވެރިޔާ ނުވަތަ ގާނޫނީ ބެލެނިވެރިޔާ އިއުތިރާޒު ނުކުރާކަމުގެ ލިޔުން؛
  6. އެކްރެޑިޓްކޮށްފައިވާ ނުވަތަ އެޓެސްޓްކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

7 ވަނަ މާއްދާ - އެޕްލިކޭށަން ފޯމު ބާތިލުކުރެވޭނެ ހާލަތްތައް

(ހ) މި އުސޫލުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ ތެރެއިން ލިޔުމެއް ހުށަހަޅައިފައި ނުވާ ނަމަ، ނުވަތަ އެ ލިޔުމުގައި ފުރިހަމަވާންޖެހޭ މައުލޫމާތު ފުރިހަމަ ނުވާ ނަމަ، އެފަދަ ލިޔުމެއް އިސްލާހުކުރުމަށް ނުވަތަ އަލުން ހުށަހެޅުމަށް، ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ފުރުސަތެއް ދެވޭނެއެވެ. އަދި މި މުއްދަތުގައި، މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުވާ ނަމަ، އެ އެޕްލިކޭށަން ފޯމު ބާތިލުކުރެވޭނެއެވެ. އަދި އެ ފަރާތެއްގެ އެޕްލިކޭށަން ދެން ބަލައިގަނެވޭނީ، މި ކަންކަން ފުރިހަމަކޮށްފައި، މި އުސޫލުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު އަލުން ފޯމު ހުށަހެޅުމުންނެވެ.

(ށ) އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ހުއްދައަށް އެދި އެޕްލިކޭށަން ފޯމު ހުށަހެޅުމަށްފަހު، އިމްތިހާނަށް ހާޒިރުވާން މިނިސްޓްރީން ކަނޑައަޅާ ތާރީހަކަށް މަގުބޫލު އުޒުރަކާ ނުލައި ހާޒިރު ނުވެއްޖެ ނަމަ، އެ ފޯމު ބާތިލުވާނެއެވެ. މިގޮތުން ފޯމު ބާތިލުކުރާ ހާލަތުގައި، ދެން ހުއްދައަށް އެދި ހުށަހެޅޭނީ، 1 (އެކެއް) މަސްދުވަހުގެ ފަހުންނެވެ. އަދި އެފަދަ ފަރާތަކަށް ހުއްދަ ދެވޭނީ، މި އުސޫލުގެ 6 ވަނަ މާއްދާގެ

(ށ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ހުއްދައަށް އެދޭ ފޯމު އަލުން ހުށަހެޅުމުންނެވެ.

(ނ) އިމްތިހާނުން ފާސްވެފައިވާކަން މިނިސްޓްރީން ލިޔުމުން އަންގާ ތާރީހުން ފެށިގެން، އުސޫލުގެ 8 ވަނަ މާއްދާގެ (ކ) އާ އެއްގޮތަށް ކުށުގެ ރިކޯޑު ސާފުކުރާ ފޯމު 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ހުށަހަޅައި ފައި ނުވާ ނަމަ، އެ ފަރާތުގެ އެޕްލިކޭށަން ފޯމު ބާތިލުވާނެއެވެ. މި ގޮތުން ފޯމު ބާތިލުކުރާ ހާލަތުގައި، ދެން ހުއްދައަށް އެދި ހުށަހެޅޭނީ، 1 (އެކެއް) މަސްދުވަހުގެ ފަހުންނެވެ. އަދި އެފަދަ ފަރާތަކަށް ހުއްދަ ދެވޭނީ، ހުއްދައަށް އެދޭ ފޯމު އަލުން ހުށަހެޅުމުންނެވެ. އަލުން ފޯމު ހުށަހަޅާއިރު، މި އުސޫލުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ފޯމާއެކު ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - އިމްތިހާނު ކުރުމާ ގުޅުންހުރި ކަންކަން

(ހ) މި އުސޫލުގެ 6 ވަނަ މާއްދާއާ އެއްގޮތަށް ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ށަރުތު ހަމަވާ ފަރާތްތަކުގެ ކިބައިގައި، އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ފެންވަރު ހުރިތޯ ބެލުމަށް ޓަކައި އިމްތިހާނެއް ދެވޭނެއެވެ. މި އިމްތިހާނު ކުރުމަށް ޓަކައި ސުވާލުކުރާނީ އަނގަބަހުންނެވެ.

(ށ) ހުއްދައަށް އެދޭ ފަރާތްތަކުގެ ތެރެއިން ށަރުތު ހަމަވާ ފަރާތްތައް އިމްތިހާނު ކުރާނީ، މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީންނެވެ. 

(ނ) ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރާ އިމްތިހާނަކީ ރިކޯޑުކޮށް ރައްކައުކުރެވޭ ވީޑިއޯ ސެށަނަކަށް ވާންވާނެއެވެ.

(ރ) އާންމުކޮށް އިމްތިހާނު ކުރާނެ ކަންތައްތައް ތިރީގައި މިވަނީއެވެ. އަދި މިކަންކަމުގެ އިތުރުން ވެސް އިމްތިހާނު ކުރެވޭނެ ބައިތައް މިނިސްޓްރީން ކަނޑައަޅައިފައި އޮންނަންވާނެއެވެ. 

  1. ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދާއި ކަށުނަމާދު ކުރާނޭ ގޮތާއި، ނަމާދުގެ ހުކުމްތައް އެނގޭ މިންވަރު ބެލުން؛
  2. ހުތުބާ ހުށަހެޅުން (ހުތުބާ ހުށަހެޅުމުގައި، ދިވެހިބަހާއި އަރަބިބަސް ފަރިތަކޮށް ކިޔަން އެނގޭ މިންވަރަށް ބެލޭނެއެވެ.)؛
  3. ތަޖުވީދުގެ ހަމަތަކުގެ މަތީން ގުރްއާން ކިޔަވަން އެނގޭ މިންވަރު ބެލުން. މިކަން ބަލާއިރު، އާއި، ފޮތުގެ ތިރީގެ ސޫރަތްތައް ހިފްޡުކޮށް ކިޔަވަން އެނގޭތޯ ހާއްސަ ގޮތެއްގައި ބެލޭނެއެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) އާ އެއްގޮތަށް އިމްތިހާނު ކުރުމަށް ޓަކައި، މާލޭގައި ދިރިއުޅޭ ފަރާތްތައް ހާޒިރުވާން ޖެހޭނީ މިނިސްޓްރީއަށެވެ. އަދި މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) އާ އެއްގޮތަށް ސިޓީތަކުންނާއި ރަށްރަށުން ހުއްދައަށް އެދި ހުށަހަޅާ ފަރާތްތައް އިމްތިހާނު ކުރާނީ، އެ ސިޓީއެއްގެ ސިޓީ ކައުންސިލް މެދުވެރިކޮށް ނުވަތަ އެ ރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް، އޮންލައިންކޮށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ގޮތަކަށެވެ.

(ޅ) މި މާއްދާއާ އެއްގޮތަށް އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކާއެކު ކުރެވޭ އިމްތިހާނުން ފާސްވާ ފަރާތްތަކަށް އެކަން ލިޔުމުން އެންގޭނެއެވެ. އަދި ހުއްދައަށް އެދޭ ފަރާތަކީ، މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަމްރީނު ހަދަންޖެހޭ ފަރާތެއް ނަމަ، އެ ތަމްރީނު ބޭއްވޭނެ ތާރީހު ވެސް އެ ފަރާތަކަށް ލިޔުމުން އެންގޭނެއެވެ. 

(ކ) އިމްތިހާނުން ފާސްވެފައިވާކަން މިނިސްޓްރީން ލިޔުމުން އަންގާ ތާރީހުން ފެށިގެން، 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ކުށުގެ ރިކޯޑު ސާފުކުރާ ފޯމު ހުށަހަޅަންވާނެއެވެ. އަދި ވަޒީފާއެއްގައި ހުރި ފަރާތެއް ކަމުގައި ވިޔަސް، ކުށުގެ ރިކޯޑު ސާފުކުރާ ފޯމު ފުރިހަމަ ކުރަން ވާނެއެވެ. މިގޮތުން ހުށަހަޅާ ކުށުގެ ރިކޯޑު ސާފުކުރާ ފޯމަކީ،  އެ ފޯމު ފުރިހަމަކުރިތާ 1 (އެކެއް) މަސްދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ފޯމަކަށް ވެގެން ނުވާނެއެވެ.

(އ) މާލޭގައި ދިރިއުޅޭ ފަރާތްތަކުން ކުށުގެ ރިކޯޑު ސާފުކުރާ ފޯމު ހުށަހަޅާނީ، މިނިސްޓްރީއަށެވެ. މާލެ ފިޔަވައި އެހެން ސިޓީތަކުގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލް މެދުވެރިކޮށް، ރަށްރަށުގައި ނަމަ، އެ ރަށެއްގެ  ކައުންސިލް މެދުވެރިކޮށް ނުވަތަ މި މިނިސްޓްރީގެ [email protected]  ގެ އީމެއިލް މެދުވެރިކޮށް ވެސް، ކުށުގެ ރިކޯޑު ސާފުކުރާ ފޯމު ހުށަހެޅިދާނެއެވެ. 

 

9 ވަނަ މާއްދާ - އިމްތިހާނުން ފާސްނުވާ ފަރާތްތަކަށް އަލުން އިމްތިހާނު ދިނުން

(ހ) އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކުން، މި އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިމްތިހާނުގައި ބައިވެރިވެ، މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިމްތިހާނުން ފާސްވުމަށް ކަނޑައަޅައިފައިވާ އިންސައްތަ ހާސިލުކުރަންވާނެއެވެ. އަދި އިމްތިހާނުން ފާސްނުވާ ފަރާތްތަކަށް އަލުން އިމްތިހާނު ދެވޭނެ ތާރީހު މިނިސްޓްރީން ލިޔުމުން އަންގަންވާނެއެވެ.

(ށ) އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް ދެވޭ އިމްތިހާނުން ފާސް ނުވެއްޖެ ނަމަ، އެ ފަރާތަކަށް 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އިމްތިހާނު ދެވޭނީ، ގިނަވެގެން 2 (ދޭއް) ފަހަރުއެވެ. އަދި އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ހުއްދައަށް އެދި ކޮންމެ ފަހަރަކު ވެސް ފޯމު ހުށަހަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - އިމްތިހާނު ކޮމިޓީ

(ހ) މި އުސޫލުގެ 8 ވަނަ މާއްދާއާ އެއްގޮތަށް ބައިވެރިން އިމްތިހާނުކުރުމަށް ޓަކައި، ކަމާ ގުޅުންހުރި ދާއިރާތަކުން މީހުން ހިމެނޭ ގޮތަށް، އެކަމަށް ހާއްސަ ކޮމެޓީއެއް، މިނިސްޓަރު އެކުލަވައިލަންވާނެއެވެ.

(ށ) މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހުއްދައަށް އެދި ކުރިމަތިލާ ފަރާތްތައް އިމްތިހާނު ކުރުމަށް ކަނޑައެޅިފައިވާ ބައިތަކުގެ ތަފުސީލާއި އެ ބައިތަކަށް މާކްސް ދިނުމަށްހަމަޖެހިފައިވާ ގޮތް، ކޮމެޓީން ކަނޑައަޅައިފައި އޮންނަންވާނެއެވެ. 

 

11 ވަނަ މާއްދާ - ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ތަމްރީނު ހެދުން

(ހ) މި އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިމްތިހާނުގައި ބައިވެރިވެ، ކަނޑައަޅައިފައިވާ މިންގަނޑުން ފާސްވާ ފަރާތްތަކުގެ ތެރެއިން، މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުން، މަސައްކަތުގެ މާހައުލުގައި ކޮންމެހެން އެނގެންޖެހޭ ކަންކަން ދެނެގަތުމަށް ޓަކައި، އިމާމުކަމާއި ހަތީބުކަމުގެ ހާއްސަ ތަމްރީނެއް ފުރިހަމަކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހަތީބުކަމުގެ ތަމްރީނު ފުރިހަމަކުރާ ފަރާތްތަކަށް އެކަމުގެ ލިޔުމާއި، %10 (ދިހައެއް އިންސައްތަ) މާކްސް ލިބޭނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ތަމްރީނުތައް ކުރިޔަށް ގެންދާނީ، މާލޭގައި ނަމަ މިނިސްޓްރީން ކަނޑައަޅާ ތަނެއްގައެވެ. އަދި ސިޓީތަކާއި ރަށްރަށުގައި ނަމަ މި ތަމްރީނު ކުރިޔަށްގެންދާނީ، އޮންލައިންކޮށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ގޮތަކަށެވެ.

(ރ) މި ތަމްރީނުގައި، ހުތުބާ ކިޔުމުގެ ފަންނާއި، ގުރްއާނުގެ ފަންނާއި، ޖަނާޒާގެ ކަންކަމާއި، އިމާމުންގެ އަހްލާގާއި، މިސްކިތުގެ ދައުރާއި، ނަމާދުގެ ފިގުހު ފަދަ ދާއިރާތަކުން މައުލޫމާތު ދިނުން ހިމެނޭނެއެވެ.

 

12 ވަނަ މާއްދާ - ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ހުއްދަ ދިނުން

(ހ) މި އުސޫލުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާއި 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށް، ރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ހުއްދަ ދޫކުރެވޭނެއެވެ.

(ށ) މި އުސޫލުގެ ދަށުން ދޫކުރާ ހުއްދައިގެ ބާވަތްތައް، ތިރީގައި މިވަނީއެވެ.

  1. ދާއިމީ ހުއްދަ: މި ހުއްދަ ދެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
  2. ވަގުތީ ހުއްދަ: މި ހުއްދަ ދެވޭނީ، މި އުސޫލުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކާ ގުޅިގެންނެވެ.

(ނ) މި އުސޫލުގެ ދަށުން ހުއްދަ ދޫކުރެވޭ ފަރާތާއި މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ. އެ ފަރާތްތަކާއެކު ވެވޭ އެއްބަސްވުމުގެ ނަމޫނ،ާ މި އުސޫލުގެ ޖަދުވަލު 2 ގައި ހިމަނައިފައި ވާނެއެވެ.

(ރ) މި އުސޫލުގެ ދަށުން ހުއްދަ ދޫކުރެވޭ ފަރާތްތަކަށް އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ޒިންމާއާއި މަސްއޫލިއްޔަތު ހަވާލުކުރުމަށް ޓަކައި ޕޫލެއް އެކުލަވައިލައިފައި އޮންނަންވާނެއެވެ. މި ޕޫލު އެކުލަވައިލައިފައި އޮންނަންވާނީ، މާލޭގައި ނަމަ މިނިސްޓްރީގައެވެ. މާލެ ފިޔަވައި އެހެން ސިޓީތަކާއި ރަށްރަށުގައި ނަމަ ކައުންސިލް އިދާރާތަކުގައެވެ.

 

13 ވަނަ މާއްދާ - ހުއްދަ ދެވޭ ގޮތްތައް

(ހ) މި އުސޫލުގެ ދަށުން ހުއްދަ ދެވޭ ފަރާތްތަކަށް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން، މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި ނުވަތަ އެނޫންވެސް ތަނެއްގައި މިނިސްޓްރީން ތައްޔާރުކޮށްފައިވާ ހުތުބާ ބަލައިގެން ކިޔުމާއި، އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، "މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލްއައުޡަމް" ގައްޔާއި "މަސްޖިދުލްމަލިކި ސަލްމާން" ގައި އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ހުއްދަ ދެވޭނީ، ދިވެހި ސަރުކާރު ގަބޫލުކުރާ ޔުނިވަރސިޓީ/ކޮލެޖު/އިންސްޓިޓިއުޓަކުން ދީނީ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކަށެވެ.

(ނ) އަތޮޅުތެރޭގައި ހުރި އިސްލާމީ މަރުކަޒުތަކުގައި އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ހުއްދަ ދިނުމުގައި އިސްކަންދޭންވާނީ، ދިވެހި ސަރުކާރު ގަބޫލުކުރާ ޔުނިވަރސިޓީ/ކޮލެޖު/އިންސްޓިޓިއުޓަކުން، ދީނީ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށެވެ.

 

14 ވަނަ މާއްދާ - ހާއްސަ ހާލަތްތަކާ ގުޅުވައިގެން ދެވޭ ހުއްދަ

(ހ) ރޭޑިއޯއިން ނުވަތަ ޓީވީން ނަމާދު ލައިވްކުރާ މިސްކިތެއްގައި ނުވަތަ މައިދާނެއްގައި އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރެވޭނީ، ދިވެހި ސަރުކާރު ގަބޫލުކުރާ ޔުނިވަރސިޓީ/ކޮލެޖު/އިންސްޓިޓިއުޓަކުން، ދީނީ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކަށެވެ.ނަމަވެސް ހާއްސަ ހާލަތެއްގައި އެ ނޫން މީހަކަށް ހުއްދަ ދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މި މާއްދާގައި ހާއްސަ ހާލަތެއްކަމަށް ބަޔާންކޮށްފައި އެވަނީ، ރާއްޖެއިން ބޭރުގެ އިލްމުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމާއި، އެހެނިހެން ހާއްސަ މުނާސަބަތުތަކާ ގުޅިގެން ވަކި މީހަކަށް އިސްކަންދިނުމަށް ނިންމާ ހާލަތަށެވެ.

(ށ) އިލްމީގޮތުން އަމިއްލައަށް ހުތުބާދިނުމުގެ ގާބިލުކަމާއި ތަޖުރިބާ ލިބިފައިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އެކަމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ހުއްދަ ދިނުން

ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ހުއްދަ ދޫކުރާނީ، މިނިސްޓްރީން ކަނޑައަޅާ ޕެނަލަކުން ކުރާ އިންޓަވިއުއަކަށްފަހު، ހުއްދަ ދިނުމަށް އެ ޕެނަލުން ނިންމާ ގޮތެއްގެ މަތީންނެވެ. ނަމަވެސް ހާލަތަށް ރިއާޔަތްކޮށް ހުއްދަ ދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

 

16 ވަނަ މާއްދާ - އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމަށް ވަގުތީ ހުއްދަ ދިނުން

މި އުސޫލުގެ ދަށުން އިމާމުވެ ހުކުރު ނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމަށް ވަގުތީ ހުއްދަ ދޫކުރެވޭނެ ހާލަތްތައް ތިރީގައި މިވަނީއެވެ.

(ހ) އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ހުއްދަ އޮތް އެއްވެސް ފަރާތެއް ނެތިގެން، ހުކުރުނަމާދާއި އީދު ނަމާދާއި ކޭތަނަމާދު ކުރާނެ ގާބިލު މީހެއްގެ މައުލޫމާތު ސިޓީތަކުގެ ސިޓީ ކައުންސިލްތަކުން ނުވަތަ ރަށްރަށުގެ ރަށު ކައުންސިލްތަކުން ނުވަތަ ސިޓީތަކާއި ރަށްރަށުގައި ހުރި މިނިސްޓްރީގެ ޔުނިޓަކުން ނުވަތަ ޑެސްކަކުން މިނިސްޓްރީއަށް ހުށަހެޅުމުން، 6 (ހައެއް) މަސްދުވަހަށްވުރެ އިތުރުނުވާ ގޮތަށް ވަގުތީ ހުއްދައެއް ދެވިދާނެއެވެ.

(ށ) ސިޓީއެއްގައި ނުވަތަ ރަށެއްގައި ހުރި، އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ހުއްދަ އޮންނަ މީހަކު ބަލިވެގެން ނުވަތަ އެފަދަ ބަޔަކު ބަލިވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ހުކުރު ނަމާދު ނުވަތަ އީދުނަމާދު ނުވަތަ ކޭތަނަމާދު ކުރެވޭނެ ގޮތް ނުވެއްޖެނަމަ، ހުކުރުނަމާދާއި، އީދުނަމާދާއި ކޭތަނަމާދު އިމާމުވެ ކުރެވޭވަރުގެ ގާބިލު މީހަކަށް ހުއްދަ ހޯދުމަށް އެދި ސިޓީތަކުގެ ސިޓީ ކައުންސިލްތަކުން ނުވަތަ ރަށްރަށުގެ ރަށު ކައުންސިލްތަކުން ނުވަތަ ސިޓީތަކާއި ރަށްރަށުގައި ހުރި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ޔުނިޓަކުން ނުވަތަ ޑެސްކަކުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅުމުން، އެ ހުކުރަކަށް ނުވަތަ އީދުނަމާދަކަށް ނުވަތަ ކޭތަނަމާދަކަށް ނުވަތަ 1 (އެކެއް) މަސްދުވަހަށްވުރެ އިތުރުނުވާގޮތަށް، އެ ފަރާތަކަށް ވަގުތީ ހުއްދައެއް ދެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ވަގުތީ ހުއްދަ ދެވޭނީ އަންނަނިވި މިންގަނޑަށް ފެތޭ ފަރާތްތަކަށެވެ.

  1. ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ކަންކަން އުނގަންނައިދިނުމާއި، ދީނުގެ ހިދުމަތުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައި ތިބި މީހުންގެ ތެރެއިން ބަޔަކަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަ ދޫކުރެވިދާނެއެވެ.
  2. މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ފަރާތެއް ނުލިބިއްޖެ ނަމަ، ރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރެވޭ ފެންވަރަށް ތަކެތި ދަންނަ މީހެއްކަމަށް ކައުންސިލުން ނުވަތަ މި އުސޫލުގެ ދަށުން ހުއްދަ ލިބިފައިވާ ފަރާތަކުން ކައުންސިލަށް ކަށަވަރުކޮށްދީފައިވާ ނަމަ، އެ މީހަކަށް ވަގުތީ ހުއްދައެއް ދޫކުރެވިދާނެއެވެ.
  3. މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރުން މަތީގެ ފަރާތްތަކަށް ވަގުތީ ހުއްދަ ދޫކުރެވޭނީ، އެ ފަރާތަކީ ސިއްހީގޮތުން ޒިންމާ އަދާކުރެވޭވަރުގެ ގާބިލުކަން ހުރި ފަރާތަކަށް ވާނަމައެވެ.
  4. މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން، ގްރޭޑް 6 (ހައެއް) އިން ފެށިގެން މަތީ ގްރޭޑުތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން ރީތިކޮށް ގުރްއާން ކިޔަވަން ދަންނަ އަދި ނަމާދުގެ ހުކުމްތައް އެނގޭ ދަރިވަރުންނަށް ތަމްރީނު ދިނުމުގެ ބޭނުމުގައި، ވަގުތީ ހުއްދައެއް ދޫކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ވަގުތީ ހުއްދަ ހޯދުމަށް ޓަކައި، ތިރީގައިވާ ތަކެތި ހުށަހަޅަންވާނެއެވެ.

  1. ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ؛
  3. އުމުރުން 18 (އަށާރަ) އަހަރު ނުވާ ކުއްޖެއްނަމަ، އެ ކުއްޖެއްގެ ށަރުއީ ބެލެނިވެރިޔާ ނުވަތަ ގާނޫނީ ބެލެނިވެރިޔާ އިއުތިރާޒު ނުކުރާކަމުގެ ލިޔުން؛
  4. ސްކޫލ/ުމަދަރުސާގައި ކިޔަވާ ދަރިވަރެއް ނަމަ، ކިޔަވަމުންދާކަން އަންގައިދޭ، އެ ސްކޫލު/މަދަރުސާގެ ލިޔުން؛
  5. މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރަށް ރިއާޔަތްކޮށް، ކައުންސިލުން ނުވަތަ ހުއްދަ ލިބިފައިވާ މީހަކު ކައުންސިލަށް އެކަން ކަށަވަރުކޮށްދީފައިވާކަން އަންގައިދޭ ލިޔުން.

(ބ) މި މާއްދާގެ ދަށުން ވަގުތީ ހުއްދަ ދޫކުރެވޭ ފަރާތްތަކަށް ވެސް އެކަން އެނގޭ ލިޔުމެއް އިދާރާއިން ދޫކުރަންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ވަގުތީ ހުއްދަ ދޫކުރެވޭ ފަރާތްތަކާއެކު ވެސް، މި އުސޫލުގެ ޖަދުވަލު 2 ގައިވާ އެއްބަސްވުމުގައި ސޮއިކުރަންވާނެއެވެ. 

 

17 ވަނަ މާއްދާ - އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ފުރުސަތު ދޭނެ ގޮތް

މި އުސޫލުގެ ދަށުން ދޫކުރެވޭ ހުއްދައިގެ މުއްދަތު ހަމަނުވެއޮތް ފަރާތްތަކަށް އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުން، އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމަށް އެ ފަރާތްތަކާ ހަވާލުކުރުމުގައި، އެ ފަރާތްތަކަކީ ސިއްހީގޮތުން އެކަން ކުރުމުގެ ގާބިލުކަން ހުރި ފަރާތްތަކެއްކަން ކަށަވަރުކުރަންވާނެއެވެ. އަދި މި ހާލަތުގައި އެކަމާމެދު ގޮތެއް ނިންމާނީ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުގެ މަށްވާރާގެ މަތީން ނުވަތަ އެ ރަށެއްގެ ރަށު ކައުންސިލުގެ މަށްވަރާގެ މަތީން، މިނިސްޓްރީންނެވެ.

 

18 ވަނަ މާއްދާ - ހަތީބުން ހަމަޖެއްސުމުގެ އިންތިޒާމު

(ހ) މި އުސޫލުގެ ދަށުން މިސްކިތްތަކަށް ހަތީބުން ހަމަޖެއްސުމުގެ އިންތިޒާމު މާލޭގައި ނަމަ ހަމަޖައްސާނީ މިނިސްޓްރީންނެވެ. އަދި ސިޓީތަކުގައި އެ އިންތިޒާމު ހަމަޖައްސާނީ، މިނިސްޓްރީގެ ލަފާގެ މަތީން، ސިޓީ ކައުންސިލުންނެވެ. ރަށްރަށުގައި ނަމަ އެ އިންތިޒާމު ހަމަޖައްސާނީ، މިނިސްޓްރީގެ ލަފާގެ މަތީން، އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.

(ށ) ހަތީބުން ހަމަޖެއްސުމުގެ އިންތިޒާމު ކައުންސިލްތަކުން ކުރިޔަށް ގެންދަންވާނީ، މި އުސޫލާ ހިލާފުނުވާ ގޮތުގެ މަތީން، މިނިސްޓްރީން ކަނޑައަޅާ ގޮތަކަށެވެ.

(ނ) މި އުސޫލުގެ ދަށުން ހޮވާ ހަތީބުންގެ ޕޫލުގައި ހިމެނޭ ފަރާތެއް ލައްވާ މަސައްކަތް ކުރުވައިފި ނަމަ، މިނިސްޓްރީން ދޭ ފޯމެޓާ އެއްގޮތަށް ހާޒިރީ ށީޓް ތައްޔާރުކޮށް، ހާޒިރީ ބަލަހައްޓަންވާނެއެވެ. އަދި ކޮންމެ މަހެއްގެ 11 (އެގާރަ) ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް މި ށީޓް ފޮނުވަންވާނެއެވެ.

 

19 ވަނަ މާއްދާހުއްދަ ދޫކުރެވޭ ފަރާތްތަކުގެ ދަފުތަރު ބެލެހެއްޓުން

(ހ) މި އުސޫލުގެ 12 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުއްދަ ދޫކުރެވޭ ފަރާތްތަކުގެ މައުލޫމާތ،ު މާލޭގައި ނަމަ މިނިސްޓްރީގައި އެކަމަށް ގާއިމުކޮށްފައިވާ ދަފުތަރުގައި ލިޔެ އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ. އަދި މާލެ ފިޔަވައި އެހެން ސިޓީތަކުގައި ނަމަ ސިޓީ ކައުންސިލްތަކުގައި އެކަމަށް ގާއިމުކޮށްފައިވާ ދަފުތަރުގައި ލިޔެ އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ. ރަށްރަށުގައި ނަމަ، ރަށު ކައުންސި ލްތަކުގައި އެކަމަށް ގާއިމުކޮށްފައިވާ ދަފުތަރުގައި ލިޔެ އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދަފުތަރު ބެލެހެއްޓުމުގައި، އުމުރުން 18 (އަށާރަ) އަހަރުނުވާ ފަރާތްތަކާއި އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރުވެފައިވާ ފަރާތްތައް ވަކިކޮށްފައި އޮންނަންވާނެއެވެ. އަދި ވަގުތީގޮތުން ހުއްދަދެވޭ ފަރާތްތަކުގެ ދަފުތަރެއް ވެސް އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.

 

20 ވަނަ މާއްދާ - ހުއްދަ ދެވޭ ފަރާތްތަކުގެ އަމަލުތައް ބަހައްޓަންވީ ގޮތް

(ހ) ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރާ ހަތީބު ނުވަތަ ބަދަލުގައި ހުންނަ ހަތީބު މިސްކިތަށް ނުވަތަ އެ ނަމާދެއް ކުރުމަށް ހަމަޖެހިފައިވާ ތަނަކަށް ހާޒިރުވާއިރު ހެދުން އަޅައިފައި ހުންނަންވާނީ، މިނިސްޓްރީން ކަނޑައަޅައިފައިވާ ހެދުންއެޅުމުގެ މިންގަނޑާ އެއްގޮތަށެވެ.

(ށ) ދިވެހިރާއްޖޭގައި ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރަން ފެށުމަށް މިނިސްޓްރީން ހަމަޖައްސައިފައިވާ ގަޑިއާ އެއްގޮތަށް، ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދުކުރަންވާނެއެވެ.

(ނ) ހުތުބާ ކިޔުމުގައި މިނިސްޓްރީން ކަނޑައަޅައިފައިވާ ޕްރޮފެށަނަލް މިންގަނޑުގައި ހިފަހައްޓަންވާނެއެވެ. އެގޮތުން ހުތުބާ ކިޔުމުގައި އަންނަނިވި ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.

  1. މިނިސްޓްރީން ލިޔެ ތައްޔާރުކޮށްފައިވާ ހުތުބާގައި އޮތް އިބާރާތުން ކިޔުން؛
  2. ފަރިތަކަމާއެކު ރަނގަޅަށް ސާފުވާނޭހެން ހުތުބާ ކިޔުން؛
  3. ކީރިތި ގުރްއާނުގެ އާޔަތްތައް ތަޖުވީދުގެ ހަމަތަކުގެ މަތީން ކިޔުން؛
  4. ރަސޫލާގެ ހަދީޘްތައް އަރަބިބަހުގެ އުސްލޫބުން ބޭރުނުވެ ކިޔުން. 

(ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި ސަރުކާރުން ކަނޑައަޅައިފައިވާ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، އެއަށް އަމަލު ކުރަންވާނެއެވެ.

(ބ) މިނިސްޓްރީން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާއި، މިނިސްޓްރީން އަންގާ އެންގުންތަކާއި ނިންމާ ނިންމުންތަކަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ.

(ޅ) މުޖުތަމައުގެ އާންމު އަހްލާގީ މިންގަނޑާ އެއްގޮތަށް އަމަލުކުރުމާއި، ވާހަކަދެއްކުމުގައްޔާއި މުހާތަބުކުރުމުގައި ހަޑިހުތުރު ބަހުރުވަ ބޭނުންކޮށްގެން ނުވާނެއެވެ.

 

21 ވަނަ މާއްދާ - ހުތުބާއަށް އުނިއިތުރު ގެނައުން

މި އުސޫލުގެ ދަށުން މިނިސްޓްރީން ހަވާލުކުރާ ހުތުބާއަށް، މިނިސްޓްރީގެ ހުއްދަނެތި އުނިއިތުރު ގެނައުމަކީ މަނާކަމެކެވެ.

 

22 ވަނަ މާއްދާ - ފިޔަވަޅު އެޅޭނެ ހާލަތްތައް

މި އުސޫލުގެ ދަށުން ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކާމެދު ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފިޔަވަޅު އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ހ) އިސްލާމީ ށަރީއަތުގައި އަދަބު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ޖިނާއީކުށެއް ކުރިކަން ށަރީއަތަށް ސާބިތުވުން ނުވަތަ އެފަދަ ކަމެއްގައި ތުހުމަތުކުރެވުން.

(ށ) މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވުން.

(ނ) ބަދުއަހްލާގީ މައްސަލައެއްގައި ތުހުމަތުކުރެވުން ނުވަތަ އެފަދަ ކަމެއް ށަރީއަތަށްސާބިތުވުން.

(ރ) މުޖުތަމައުގެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ކަމެއް ކުރުން ނުވަތަ އެފަދަ ކަމެއްގައި ތުހުމަތު ކުރެވުން.

(ބ) މިނިސްޓްރީގެ ހުއްދަނެތި ހުތުބާއަށް އުނިއިތުރު ގެނެސްގެން ހުތުބާ ދިންކަން މިނިސްޓްރީން ބަލާ ބެލުމުން މިނިސްޓްރީއަށް ސާބިތުވުން ނުވަތަ ހުތުބާއަށް އުނިއިތުރު ގެނައުން ނުވަތަ އެ ހަފުތާއަކަށް ކަނޑައަޅައިފައިވާ ހުތުބާ ނޫން އެހެން ހުތުބާއެއް ކިޔައިފައިވާކަން މިނިސްޓްރީން ބަލާ ބެލުމުން ސާބިތުވުން. ހުތުބާއަށް އުނިއިތުރު ގެނައިކަމަށް ނިންމާނީ، މިނިސްޓްރީން ކަނޑައަޅާ ކޮމިޓީއަކުން އެކަން ބެލުމަށްފަހުގައެވެ. މިގޮތުން ހުތުބާއަށް އުނިއިތުރު ގެނައިކަމަށް ކޮމިޓީން ނިންމައިފިނަމަ، ގެނައި އުނިއިތުރުގެ ކުޑަބޮޑުމިނަށް ބަލައި، މި އުސޫލުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ޅ) އެ މީހެއްގެ ގުރްއާން ކިޔެވުމާއި ހުތުބާ ކިޔުމުގައި ގިނަގުނަ ކުށް ކިޔާކަމުގެ ށަކުވާ ލިބިގެން، އެ ކަންކަން ބެލުމަށްފަހު، އެއިން ކަމެއް މިނިސްޓްރީއަށް ސާބިތުވުން. 

(ކ) މިނިސްޓްރީން ދޫކުރާ ހުއްދައާ އެއްގޮތަށް އަމަލު ނުކުރުން، ނުވަތަ މިނިސްޓްރީއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމާ ހިލާފުވުން، ނުވަތަ މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފުވުން

 

23 ވަނަ މާއްދާ - އުސޫލާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފުވެއްޖެނަމަ، މިނިސްޓްރީން އެ މައްސަލައެއް ބަލައި، އެ ކަމެއްގެ ކުޑަބޮޑުމިނަށް ރިއާޔަތް ކުރުމަށްފަހު މިނިސްޓްރީން އަޅާނެ ފިޔަވަޅުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ނަސޭހަތް ދިނުން؛
  2. ލިޔުމުން އިންޒާރު ދިނުން؛
  3. މިނިސްޓްރީން ވަކި ގޮތަކަށް ކަނޑައަޅަންދެން އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމަށް ހަވާލު ނުކުރުން؛
  4. ވަކި މުއްދަތަކަށް ހުއްދަ ހިފެހެއްޓުން ނުވަތަ މިނިސްޓްރީން ވަކި ގޮތަކަށްކަނޑައަޅަންދެން ހުއްދަ ހިފެހެއްޓުން؛
  5. ހުއްދަ ބާތިލުކުރުން.

(ށ) މައްސަލައިގެ ކުޑަބޮޑުމިނަށާއި އާންމު މަސްލަހަތަށް ރިއާޔަތްކޮށް ފުރަތަމަ ފަހަރުން ވެސް ހުއްދަ ބާތިލުކުރުމުގެ އިހްތިޔާރު ނުވަތަ ވަގުތީގޮތުން ހުއްދަ ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މައްސަލައިގެ ބާވަތަށާއި އާންމު މަސްލަހަތަށް ބަލައި، އެ ކަމެއްގެ ކުޑަބޮޑުމިން ވަޒަންކުރުމަށްފަހު، މި މާއްދާގެ (ހ) ގައި ލިސްޓުކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކޮންމެ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު ވެސް މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ރ) ޖިނާއީ ތުހުމަތުކުރެވޭ ފަދަ މައްސަލަތަކުގައި ވެސް އިދާރީ މިންގަނޑުން އެ ކަމެއް މިނިސްޓްރީއަށް ސާބިތުވާނަމަ، އެފަދަ ފަރާތަކަށް ފިޔަވަޅު އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ބ) މި އުސޫލާ ހިލާފުވާ ފަރާތްތަކާ ގުޅިގެން މައްސަލަ ބަލައި ނިންމުމަށްފަހު، ހުއްދައާމެދު މިނިސްޓްރީން ނިންމާ ގޮތެއް އެ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެ މީހަކީ ސިޓީއެއްގައި ނުވަތަ ރަށެއްގައި އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމަށް ހުއްދަ ދީފައިވާ މީހެއް ކަމުގައި ވާނަމަ، އެ މީހެއްގެ ހުއްދައާމެދު މިނިސްޓްރީން ނިންމައިފައިވާ ގޮތް، އެ ސިޓީއެއްގެ ސިޓީ ކައުންސިލާ ނުވަތަ އެ ރަށެއްގެ ރަށު ކައުންސިލާ، މިނިސްޓްރީން ލިޔުމުން ހިއްސާކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ފިޔަވަޅު އަޅައިފައިވާ ގޮތާމެދު ހިތްހަމަނުޖެހޭނަމަ، އެ ފަރާތަކަށް ލިޔުން ހަވާލުކުރާ ތާރީހުން ފެށިގެން، ރަސްމީ ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އެކަމުގެ ށަކުވާ ލިޔުމުން ހުށަހެޅިދާނެއެވެ.

 

34 ވަނަ މާއްދާ - ހުއްދަ ބާތިލު ކުރުމަށްފަހު އަލުން ހުއްދަ ދިނުން

(ހ) މި އުސޫލުގެ ދަށުން އެއްވެސް ބާވަތެއްގެ ހުއްދައެއް ދޫކޮށްފައިވާ ފަރާތަކުން، މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފައިވާނަމަ، އަދި އެ ކުށް އެ ފަރާތުގެ މައްޗަށް ސާބިތުވާކަމަށް ށަރީއަތުން ނިންމައިފައިވާނަމަ، މި އުސޫލުގެ ދަށުން އެ ފަރާތަށް އަލުން ހުއްދަ ދޫކުރެވޭނީ، ށަރީއަތުން ކަނޑައަޅައިފައިވާ އަދަބު އެ ފަރާތުން ތަންފީޒުކުރުމަށްފަހު، މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމުންނެވެ. އަދި އެފަދަ ކަމެއް ށަރީއަތަށް ސާބިތު ނުވި ނަމަވެސް، ކުރެވުނު ތުހުމަތަށާއި މުޖުތަމައުގެ އާންމު މަސްލަހަތަށް ބަލައި، އަލުން ހުއްދަ ދިނުމާއި ނުދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކާއި، މިފަދަ ހުކުމްތައް ތަންފީޒުކޮށް ނިމިފައިވާ ފަރާތްތަކަށް، އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ހުއްދަ އަލުން ދިނުމުގައި، އެ މީހެއްގެ އަހްލާގަށާއި، މުޖުތަމައުގައި އޭނާއާމެދު ދެކޭގޮތުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު، ހުއްދަ ދިނުމާއި ނުދިނުމުގެ ފުރިހަމަ އިހްތިޔާރާއި ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މިކަންކަން ބަލައި ގޮތެއް ކަނޑައަޅާނީ، އެކަމަށް ޓަކައި މިނިސްޓްރީން އެކުލަވައިލާ ހާއްސަ ކޮމިޓީއަކުންނެވެ.

(ނ) މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ އިތުރުން، ށަރީއަތަށް ސާބިތުވާ ޖިނާއީ ކުށްތަކާ ގުޅިގެން ށަރީއަތުން ކަނޑައަޅާ މުއްދަތެއް ހަމަވުމަށްފަހު އަދި އެ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި އަލުން ހުއްދަދޭނެ ތާރީހެއް ކަނޑައެޅުމުގެ އިހްތިޔާރު ނުވަތަ ހުއްދަ ނުދިނުމުގެ އިހްތިޔާރު ލިބިގެންވަނީ މިނިސްޓްރީއަށެވެ.

(ރ) ވަގުތީ ހުއްދައެއްގެ ދަށުން ހުއްދަ ލިބިގެން ރާއްޖޭގައި އިމާމުވެ ހުކުރުނަމާދު ކުރާ މީހަކު ކަމުގައި ވިޔަސް، ނުވަތަ އީދުނަމާދު ކުރާ މީހަކު ކަމުގައި ވިޔަސް، ނުވަތަ ކޭތަނަމާދު ކުރާ މީހަކު ކަމުގައި ވިޔަސް، މި އުސޫލާ ހިލާފަށް އަމަލުކުރާކަމަށް މިނިސްޓްރީއަށް ސާބިތުވެއްޖެނަމަ، އެ ފަރާތެއްގެ ހުއްދަ ހިފެހެއްޓުމުގެ ނުވަތަ ހުއްދަ ބާތިލު ކުރުމުގެ ނުވަތަ އިތުރަށް ހުއްދަ ނުދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ - އުސޫލުގައި ނެތްކަމެއް ދިމާވުން

މި އުސޫލުގައި ނެތް ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއްގައި ގޮތެއް ކަނޑައަޅާނީ މިނިސްޓްރީންނެވެ.

 

26 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، އިސްލާމްދީނާ ގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ވުޒާރާ ބެލެހެއްޓުން ހަވާލުކޮށްފައިވާ ވަޒީރަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިސްލާމްދީނާ ގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ވުޒާރާއަށެވެ.

(ނ) "ހަތީބުން" ކަމަށް ބުނެފައި އެވަނީ، މި އުސޫލަށް އަމަލުކުރަން ފަށާއިރު ރާއްޖޭގެ އެއްވެސް ތަނެއްގައި އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ހުއްދަ މިނިސްޓްރީން ދޫކޮށްފައިވާ ފަރާތްތަކަށާއި، މި އުސޫލުގެ ދަށުން ހުއްދަ ދޫކުރާ ފަރާތްތަކަށެވެ.

(ރ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ  ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ސިޓީ ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށެވެ.

 

27 ވަނަ މާއްދާ - އުސޫލަށް އި ސްލާހު ގެނައުން

މި އުސޫލާއެކު ހިމަނައިފައިވާ ޖަދުވަލަކަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ، އެ ބަދަލެއް އާންމު ކުރަންވާނެއެވެ. އަދި އެފަދަ ބަދަލެއް ބެލެވޭނީ މި އުސޫލުގެ ބައެއްގެ ގޮތުގައެވެ.

 

28 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

(ހ) މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، 10 ޖުލައި 2018 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "ރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު" ބާތިލުވީއެވެ.

(ނ) މި އުސޫލަށް އަމަލުކުރަން ފެށުމަށްފަހު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން ދޫކޮށްފައިވާ ހުއްދަތަކާމެދު އަމަލުކުރާނީ، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. އަދި މި ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން އަމަލުކުރުމަށް، މި އުސޫލުގައި ކަނޑައަޅައިފައިވާ އެންމެހައި ކަމަކަށް އެ ފަރާތްތަކުން ފުރިހަމައަށް އަމަލުކުރަންވާނެއެވެ.

(ރ) މި އުސޫލަށް އަމަލުކުރަން ފަށާތާ މަދުވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން ދޫކޮށްފައިވާ ހުއްދަތައް އިސްލާހުކުރަން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ބ) މި އުސޫލަށް އަމަލުކުރަން ފެށުމަށްފަހު، އައު ހުއްދަ ދޫކުރުމާއި، ކުރިން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުގެ ހުއްދަ އިސްލާހުކުރުމާއި، އެ ފަރާތްތަކުގެ ހުއްދަ އައުކުރުމާއި، އަދި ހުއްދަ ދޫކޮށްފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރެވޭނީ، މި އުސޫލުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ.

 

(މި އުސޫލުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

 

މައި ގާނޫނު/ގަވާއިދު

ނެތް

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު