-

ހާފިޒުން އިމްތިހާނު ކުރުމުގެ އުސޫލު

(އުސޫލު ނަންބަރު 2024-21)

(މި އުސޫލަށް އަމަލުކުރަން ފެށީ 29 މޭ 2024 ގައި)

(މި އުސޫލުގެ 16 ވަނަ މާއްދާގެ (ށ) އިން ވަނީ "ހާފިޒުން އިމްތިހާނު ކުރުމުގެ އުސޫލު 2021) އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މިއ،ީ ހާފިޒުކަމުގެ އިމްތިހާނު ކުރުމާއި، ހާފިޒުކަމުގެ ސަނަދު ދިނުމާއި، ހާފިޒުންނަށް ދައުލަތުން އިނާޔަތްތައް ދިނުމާއި، ހާފިޒުންގެ ދަފުތަރު ބެލެހެއްޓުމުގެ މަސައްކަތް ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ މެންޑޭޓުގައި ހިމެނިފައިވާތީ، އެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމަށް ޓަކައި އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ހާފިޒުން އިމްތިހާނު ކުރުމުގެ އުސޫލު" އެވެ. 

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ. 

(ހ) ހާފިޒުކަމުގެ ސަނަދު ހޯދުމަށް ބޭނުންވާ ފަރާތްތައް އިމްތިހާނު ކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.

(ށ) ހާފިޒުކަމުގެ އިމްތިހާނުން ފާސްވާ ފަރާތްތަކަށް ހާފިޒުކަމުގެ ސަނަދު ދިނުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރުން.

(ނ) ހާފިޒުންނަށް ދައުލަތުން އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުން.

 

3 ވަނަ މާއްދާ - ހާފިޒުކަމުގެ އިމްތިހާނު ކުރުން

މި އުސޫލުގެ ދަށުން ހާފިޒުކަމުގެ އިމްތިހާނު ކުރާނީ، އަންނަނިވި ގޮތްތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ހ) ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގައި ރަޖިސްޓަރީކޮށްގެން ހިންގާ، ގުރްއާން ހިތުދަސްކޮށްދޭ ކުލާހެއްގެ ދަރިވަރަކު ހާފިޒުކަމުގެ އިމްތިހާނު ކޮށްދިނުމަށް އެދ،ި ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒަށް ނުވަތަ ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން ކަނޑައަޅައިފައިވާ ކޮމިޓީއަށް ހުށަހެޅުމުން، އެ ދަރިވަރަކު އިމްތިހާނު ކޮށްދެވޭނެއެވެ.

(ށ) ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގައި ރަޖިސްޓަރީ ނުކޮށް ހިންގާ ކުލާސްތަކުގެ ދަރިވަރުންނާއި، އަމިއްލަގޮތުން ކީރިތި ގުރްއާން ހިތުދަސްކޮށްފައިވާ ފަރާތްތަކަށް ހާފިޒުކަމުގެ އިމްތިހާނުގައި ބައިވެރިވެވޭނީ، ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ދަރިވަރަކަށް އިމްތިހާނުގައި ބައިވެރިވެވޭވަރުގެ ފެންވަރު ހުރިކަން ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒަށް ނުވަތަ އެ މަރުކަޒުން ކަނޑައަޅާ ފަރާތަކަށް ކިޔައިދީ، ހާފިޒުކަމުގެ ފެންވަރު ހުރިކަން އަންގައިދޭ، ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގައި ދަފުތަރުކޮށްފައިވާ ހާފިޡެއްގެ ލިޔުމަކާ އެކުގައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުން ދަރިވަރަކު ހުށަހެޅުމުން، ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ އިމްތިހާނު ކޮމިޓީއަށް ނުވަތަ ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން ކަނޑައަޅައިފައިވާ ކޮމިޓީއަށް އެ ދަރިވަރަކު އިމްތިހާނު ކުރުމަށް ފޮނުވޭނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްގައިވާ ފަރާތްތައް އިމްތިހާނު ކުރުމުގެ ކަންކަން ކުރުމަށް އެއްވެސް ފީއެއް ނުނެގޭނެއެވެ.

(ބ) ހާފިޒުކަމުގެ އިމްތިހާނުގައި ދަރިވަރަކަށް ބައިވެރިވެވޭނީ، އެކަމަށް އެދި ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒަށް ނުވަތަ ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ދަށުން ކަނޑައަޅައިފައިވާ ކޮމިޓީއަށް ފޯމު ހުށަހެޅުމުން، ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން ނުވަތަ ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން ކަނޑައަޅައިފައިވާ ކޮމިޓީން އެ ދަރިވަރަށް އިމްތިހާން އޮންނަ ދުވަސް ކަނޑައެޅުމުންނެވެ. މިގޮތުން ހަމަޖެއްސި ދުވަހު ދަރިވަރަށް ހާޒިރުވެވެން ނެތްނަމަ، ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒަށް ނުވަތަ ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން ކަނޑައަޅައިފައިވާ މަރުކަޒަށް އެކަން އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ހާފިޒުކަމުގެ އިމްތިހާނުގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ފޯމު، ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި މި ފޯމު، ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ. މި ފޯމު، ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒަށް ނުވަތަ ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ [email protected] އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭނެއެވެ.

 

4 ވަނަ މާއްދާ - ކަނޑައަޅާ އިތުރު ކޮމިޓީތައް

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން ކަނޑައަޅައިފައިވާ އިތުރު ކޮމެޓީތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. އައްޑޫ ސިޓީގެ ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ހިފްޒު އިމްތިހާން ކޮމެޓީ؛
  2. ފުވައްމުލަކު ސިޓީގެ ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ހިފްޒު އިމްތިހާން ކޮމެޓީ؛
  3. އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ހިފްޒު އިމްތިހާން ކޮމެޓީ؛
  4. މި މާއްދާގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮމެޓީތަކުގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިނިސްޓްރީން ކަނޑައަޅާ ހިފްޒު އިމްތިހާން ކޮމެޓީތައ.ް

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅައިފައިވާ ކޮމިޓީތަކުން ހާފިޒުކަމުގެ އިމްތިހާނު ކުރެވޭނީ، ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން ކަނޑައަޅާ 5 (ފަހެއް) ހާފިޒުންގެ ކޮމިޓީއަކުންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން ކަނޑައަޅާ ކޮމިޓީ ހިންގުމަށް ޓަކައި އުސޫލެއް އެކުލަވައިލަންވާނެއެވެ.

 

5 ވަނަ މާއްދާ - ހާފިޒުކަމުގެ އިމްތިހާނުގެ މިންގަނޑުތައް

ހާފިޒުކަމުގެ އިމްތިހާނު ކުރުމުގައި އަންނަނިވި މިންގަނޑުތަކަށް ބެލޭނެއެވެ.

(ހ) ކީރިތި ގުރްއާން ހިތުދަސްވެފައިވާ މިންވަރާއި، ފަރިތަކަމާއި، ފަސާހާތްތެރިކަން.

(ށ) މުތަށާބިހު އާޔަތްތައް އެނގިފައިވާ މިންވަރު.

(ނ) ތަޖުވީދުގެ ހަމަތަކުގެ މަތީން ކިޔަވަން އެނގޭ މިންވަރު.

 

6 ވަނަ މާއްދާ - އިމްތިހާނުގައި ކިޔެވުން

މި އުސޫލުގެ ދަށުން އިމްތިހާނުގައި ދަރިވަރުން ކީރިތި ގުރްއާން ކިޔަވައިދިނުމުގައި އަމަލުކުރާނީ އަންނަނިވި ގޮތަށެވެ.

(ހ) ހާފިޒުކަމުގެ އިމްތިހާނުގައި ދަރިވަރު ކިޔަވަންވާނީ، ގެ ރިވާޔަތާ އެއްގޮތަށްވާ ގޮތުގެ މަތީން ތަޖުވީދުގެ ގަވާއިދާ އެއްގޮތަށް ތަރުތީލުކޮށެވެ. މި މާއްދާގެ ބޭނުމަށް ގެ ރިވާޔަތާ އެއްގޮތަށޭ ބުނެފައި އެވަނީ، އެ ގިރާއަތަށް ކިޔަވާ ކިޔެވުމަށެވެ.

(ށ) ކިޔަވަންވާނީ އަވަސްވެގެން 25 (ފަންސަވީސް) މިނިޓުން ފޮތެއް، ލަސްވެގެން 40 (ސާޅީސް) މިނިޓުން ފޮތެއް ކިޔެވޭ މިންވަރަށެވެ.

(ނ) ކޮންމެ ލަޖުނާއެއްގައި ކިޔަންވާނީ، ގިނަވެގެން 3 (ތިނެއް) ފޮތެވެ. މަދުވެގެން 1 (އެކެއް) ފޮތް ކިޔެވެން ޖެހޭނެއެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކިޔެވުމަށް އުޒުރުވެރިވާ ފަދަ ބަލި ހާލަތެއްގައި ހުރި ދަރިވަރަކުނަމަ، އެ ފަރާތެއްގެ ބަލި ހާލަތު ހުރި މިންވަރަށް ބަލައި، އިމްތިހާނު ކޮމިޓީން ކަނޑައަޅާ މިންވަރަކަށް ކިޔައިދެވިދާނެއެވެ.

 

7 ވަނަ މާއްދާ - އިމްތިހާނުގައި ކުށް ފާހަގަކުރުން

އިމްތިހާނު ކުރަމުންގެންދާއިރު ދަރިވަރަށް ކިޔޭ ކުށްތައް ނޯޓުކުރުމުގައި އަމަލުކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) ކުށެއް ކިއިއްޖެނަމަ، އެކަން ދަރި ވަރުގެ ސަމާލުކަމަށް ގެނެވޭނެއެވެ. 60 (ފަސްދޮޅަސް) ސިކުންތުގެ ތެރޭގައި ރަނގަޅު ނުކުރެވިއްޖެނަމަ، އެ ދަރިވަރަށް އިތުރަށް 2 (ދޭއް) ފުރުސަތު ދީ، 2 (ދޭއް) މިނިޓުގެ ތެރޭގައި އެ ކުށް އިސްލާހު ނުކުރެވިއްޖެނަމަ، ކުރިން ކިޔެވި ތަން ލައިދީ، އެއީ ކުށެއްކަމަށް ފާހަގަކޮށް ނޯޓު ކުރެވޭނެއެވެ.

(ށ) ކިޔަވަމުންދާއިރު ދަރިވަރަށް ކިޔެވުން ކުރިޔަށް ނުގެންދެވިއްޖެނަމަ، ކުރީގެ އާޔަތަކުން ފަށައިގެން ކިޔަވައި 60 (ފަސްދޮޅަސް) ސިކުންތުގެ ތެރޭގައި ވެސް ކުރިޔަށް ނުގެންދެވިއްޖެނަމަ، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.

(ނ) ދަރިވަރަށް ކިޔޭ ކުށްތައް އިސްލާހު ކުރުމަށް ޓަކައި މުޅި ގުރްއާން ކިޔައިދީ ނިމުމުން، ދެވަނަފަހަރަށް ކުށްޖެހުނު ތަންތަން ކިޔެވުމުގެ ފުރުސަތު ދެވޭނެއެވެ. އަދި ދެވަނަފަހަރަށް ކިޔަވާއިރު ކުރީގައި ނޯޓުކުރެވިފައި ނުވާ ކުށެއް ކިޔައިފިނަމަ، ކުށް ފާހަގަކުރުމަށް ހަމަޖެހިފައިވާ އުސޫލުން އެ ކުށެއް ނޯޓު ކުރެވޭނެއެވެ.

(ރ) ފޮތަކުން 5 (ފަހެއް) ކުށަށްވުރެ އިތުރުވެއްޖެނަމަ، އެ ފޮތް ދެވަނަފަހަރަށް ކިޔުއްވޭނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން އޮތް ނަމަވެސް، 5 (ފަހެއް) ކުށަށްވުރެ އިތުރުވެގެން ދެވަނަ ފަހަރަށް ކިޔެވުމުގެ ފުރުސަތު ދެވޭނީ، މުޅި ކީރިތި ގުރްއާނުން ވެސް އެންމެ ފޮތަކަށެވެ. ދެވަނަ ފޮތަކުން 5 (ފަހެއް) ކުށަށްވުރެ އިތުރުވެއްޖެނަމަ، އެ ފަރާތެއް އިމްތިހާނުން ފެއިލްވާނެއެވެ.

(ޅ) 1 (އެކެއް) ފޮތަށްވުރެ އިތުރު ފޮތަކުން 5 (ފަހެއް) ކުށަށްވުރެ އިތުރަށް ކިޔެވިއްޖެނަމަ، އިމްތިހާނުން ފާސްނުވާކަމަށް ކަނޑައެޅޭނެއެވެ.

 

8 ވަނަ މާއްދާ - އިމްތިހާނުގައި ކުށް އިސްލާހުކުރުން

އިމްތިހާނުކުރާ ދަރިވަރަށް ދެވޭ ދެވަނަ ފުރުސަތުގައި ކުށްތައް އިސްލާހު ކުރުމުގައި އަމަލުކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) މި އުސޫލުގެ 7 ވަނަ މާއްދާގެ (ނ) ގައިވާ ގޮތަށް ފުރުސަތު ދެވޭނީ، ފުރަތަމަ ފަހަރުގެ ކިޔެވުމުގައި މުޅި ގުރްއާނުން 90 (ނުވަދިހަ) ކުށަށްވުރެ އިތުރުވެފައިވާނަމަ އެ ފަރާތެއް ފެއިލްވީކަމަށް ކަނޑައެޅުމަށްފަހުގައެވެ.

(ށ) ކުށް ޖެހުނު އާޔަތުގެ ކުރީ އާޔަތުން ފަށައިގެން ކިޔަވަމުންގޮސް ކުށެއް ނުޖެހި ރަނގަޅަށް ކިޔަވައިފިނަމަ، ޖެހިފައިވާ ކުށް އިސްލާހުވީ ކަމުގައި ބެލެވޭނެއެވެ.

(ނ) މި އުސޫލުގެ 7 ވަނަ މާއްދާގެ ދަށުން ދަރިވަރު ކުރިން ކިޔައިފައި ނުވާ ކުށެއް ކިޔައިފިނަމަ، ކުށް ފާހަގަކުރުމުގެ އުސޫލުން ކުށެއްކަމުގައި ނޯޓުކޮށް، މާކްސް އުނިކުރެވޭނެއެވެ.

(ރ) ޖެހިފައިވާ ކުށްތަކުގެ ތެރެއިން ތަކުރާރުކޮށް ކިޔާ ކޮންމެ ކުށަކަށް 2 (ދޭއް) މާކްސް އުނިކުރެވޭނެއެވެ.

(ބ) ކުށް އިސްލާހުކުރެވޭ މަރުހަލާ ނިމުމަށްފަހު، މުޅި ގުރްއާނުން މުތަށާބިހާތު 10 (ދިހައެއް) ސުވާލު ކުރެވޭނެއެވެ.

(ޅ) މި މާއްދާގެ ދަށުން ކުށް އިސްލާހު ކުރުމަށް ދޭ ފުރުސަތު ފިޔަވައި އިތުރު ފުރުސަތެއް ނުދެވޭނެއެވެ.

 

9 ވަނަ މާއްދާ - މާކްސް ދިނުން 

އިމްތިހާނުކުރެވޭ ދަރިވަރުންނަށް މާކްސް ދިނުމުގައި ބަލާނީ، ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށެވެ. 

(ހ) ތަޖުވީދަށް ދެވޭނީ، ޖުމުލަ 20 (ވިހި) މާކުހެވެ.

(ށ) މުތަށާބިހު އާޔަތްތަކަށް 5 (ފަހެއް) މާކުހެވެ.

(ނ) ހިފްޡަށް ދެވޭނީ، ޖުމުލަ 70 (ހަތްދިހަ) މާކުހެވެ.

(ރ) ކިޔެވުމުގެ ފަރިތަކަމާއި ފަސާހާތްތެރިކަމަށް ޖުމުލަ 5 (ފަހެއް) މާކުހެވެ.

(ބ) ކުށެއް ކިއިއްޖެނަމަ، އެ ކުށް ރަނގަޅު ކުރުމަށް ޓަކައި ދަރިވަރުގެ ސަމާލުކަމަށް ގެނެވޭނެއެވެ. އަދި 60 (ފަސްދޮޅަސް) ސިކުންތުގެ ތެރޭގައި ކުށް އިސްލާހުކޮށްފިނަމަ، މާކުހެއް އުންޏެއް ނުކުރެވޭނެއެވެ. 60 (ފަސްދޮޅަސް) ސިކުންތުގެ ފަހުން، އިމްތިހާނުކުރާ ފަނޑިޔާރުންގެ ފަރާތުން ކުށް ރަނގަޅުކޮށްދެވިއްޖެނަމަ، 1 (އެކެއް) މާކްސް އުނިކުރެވޭނެއެވެ.

(ޅ) ދަރިވަރަށް ކިޔޭ ކުށެއް ސަމާލުކަމަށް ގެނެސް ލައިދިނުމުގެ ކުރިން އަމިއްލައަށް އިސްލާހުކޮށްފިނަމަ، މާކުހެއް އުންޏެއް ނުކުރެވޭނެއެވެ.

(ކ) ކިޔެވުން 50 (ފަންސާސް) މިނިޓަށްވުރެ ދިގުވެގެން ހިނގައްޖެނަމަ، 1 (އެކެއް) މާކްސް އުނިކުރެވޭނެއެވެ.

(އ) ކުށްތައް އިސްލާހުކުރުމަށް ލިބޭ ފުރުސަތުގެ ތެރެއިން ކުރީގައި ޖެހުނު ކުށެއް އިސްލާހުކޮށްފިނަމަ، އެ ކުށުން އުނިކުރެވުނު މާކުހުގެ %75 )ހަތްދިހަ ފަހެއް އިންސައްތަ( މާކްސް ލިބޭނެއެވެ.

(ވ) މި އުސޫލުގެ 7 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަކުރާރުކޮށް ކިޔެވޭ ފޮތުން ޖެހިފައިވާ ކުށްތައް އިސްލާހުކުރި ނަމަވެސް، ކޮންމެ ކުށަކުން 0.5 (ސުމެއް ޕޮއިންޓް ފަހެއް) މާކްސް އުނިކުރެވޭނެއެވެ.

(މ) ތަޖުވީދުން ދަރިވަރަށް ލިބޭނީ، މުޅި ގުރްއާނުން ދަރިވަރު ކިޔައިފައިވާ ކުށްތަކަށް ބަލައި، ހާފިޒު ކޮމިޓީގެ މެންބަރުންގެ އެވްރެޖް މާކުހެކެވެ.

(ފ) އިމްތިހާނުކުރެވޭ ދަރިވަރަށް ދެވޭނީ، ހާފިޒު ކޮމެޓީގެ މެންބަރުންގެ އެވްރެޖު މާކުހެވެ.

 

10 ވަނަ މާއްދާ - ދަރަޖަ ކުރެވޭ މިންގަނޑު

އިމްތިހާނު ކުރެވޭ ދަރިވަރުން ފާސްވުމުގައި ބަލާނީ، ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑުންނެވެ.

(ހ) އެއްވަނަ ދަރަޖަ (A ފާސް): %85 (އަށްޑިހަ ފަހެއް އިންސައްތަ) އިން %100 (ސައްތައިންސައްތަ) އާ ދެމެދު.

(ށ) ދެވަނަ ދަރަޖަ (B ފާސް): %75 (ހަތްދިހަ އިންސައްތަ) އިން %84 (އަށްޑިހަ ހަތަރެއް އިންސައްތަ) އާ ދެމެދު.

(ނ) ތިންވަނަ ދަރަޖަ (C ފާސް): %60 (ފަސްދޮޅަސް އިންސައްތަ) އިން %69 (ފަސްދޮޅަސް ނުވައެއް އިންސައްތަ) އާ ދެމެދު.

(ރ) ފެއިލް (F ފާސް): %59 (ފަންސާސް ނުވައެއް އިންސައްތަ) އިން ދަށ.ް

 

11 ވަނަ މާއްދާ - އިމްތިހާނުން ފާސްނުވާ ދަރިވަރުން އަލުން އިމްތިހާނުގައި ބައިވެރިވުން

(ހ) އެއްވެސް ސަބަބަކާހުރެ ދަރިވަރަކު އިމްތިހާނުން ފެއިލްވެއްޖެނަމަ، އެ ދަރިވަރަކަށް ދެވަނަ ފަހަރަށް އިމްތިހާނުގައި ބައިވެރިވެވޭނީ، އިމްތިހާނުން ފެއިލްވި ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ފަހުންނެވެ.

(ށ) ދެވަނަ ފަހަރަށް އިމްތިހާނުގައި ބައިވެރިވިޔަސް، މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ސަނަދު ދޫކުރުމާއި، ދަފުތަރު ބެލެހެއްޓުން

(ހ) ދަރިވަރު އިމްތިހާނުކޮށް ނިމުމުން، މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދަރިވަރު ފާސްވެފައިވާނަމަ، ލަސްވެގެން 30 )ތިރީސް( ދުވަހުގެ ތެރޭގައި ދަރިވަރަށް ހާފިޒުކަމުގެ ސަނަދު ދޫކުރަންވާނެއެވެ.

(ށ) މި އުސޫލު 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުން ހާފިޒުކަމުގެ ސަނަދު ނުވަތަ ލިޔުން ދޫކޮށްފައިވާ ފަރާތްތަކުން ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގައި ރަޖިސްޓަރީކުރުމަށް ހުށަހަޅައިފިނަމަ، އެ ސަނަދު ނުވަތަ ލިޔުން ކަށަވަރުކުރުމަށްފަހު، ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގައި ދަފުތަރު ކޮށްދޭންވާނެއެވެ.

(ނ) ދަރިވަރު އިމްތިހާނުކޮށް ނިމުމުން، މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދަރިވަރު ފާސްވެފައިވާނަމަ، ލަސްވެގެން 30 )ތިރީސް( ދުވަހުގެ ތެރޭގައި ދަރިވަރުގެ ނަން ހާފިޒުންގެ ދަފުތަރުގައި ހިމަނަންވާނެއެވެ. އަދި ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެކަން އަންގަންވާނެއެވެ.

 

13 ވަނަ މާއްދާ - ހާފިޒުކަމުގެ އިނާޔަތްތައް ދިނުން

(ހ) މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ދޭ ހާއްސަ އިނާޔަތް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފާގެ މަތީން،ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުންނެވެ. އަދި މި އިނާޔަތ،ް ދާއިމީގޮތެއްގައި ކޮންމެ މަހަކު އެ ހާފިޡަކަށް ލިބޭނެއެވެ.

(ށ) މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ދަރިވަރުންނަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިނާޔަތް ހަމަޖައްސައިދިނުން އެދި ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވޭނެއެވެ.

 

14 ވަނަ މާއްދާ - އުސޫލުގައި ނެތްކަމެއް ދިމާވުން

މި އުސޫލުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމާމެދު ގޮތެއް ނިންމާނީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒުގެ މަށްވަރާގެ މަތީން، ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުންނެވެ.

 

15 ވަނަ މާއްދާ - މާނަކުރުން

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެ އިރަކު އިސްލާމީ ކަންތައްތައް ބެލެހެއްޓުން ސަރުކާރުން ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ށ) "ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ކީރިތި ގުރްއާނާބެހޭ އިލްމު ފޯރުކޮށްދިނުމަށް ޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ދަށުން ހިންގުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދައިފައިވާ އިދާރާއަށެވެ.

(ނ) "ހާފިޒުން" ކަމަށް ބުނެފައި އެވަނީ، ކީރިތި ގުރްއާން ހިތުދަސްކޮށް، މި އުސޫލާ އެއްގޮތަށް ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން ކުރިޔަށްގެންދާ ހާފިޒުކަމުގެ އިމްތިހާނުން ފާސްވެ، ހާފިޒުކަމުގެ ސަނަދު ލިބޭ ފަރާތްތަކަށެވެ.

 

16 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

(ހ) މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި އުސޫލަށް އަމަލު ކުރަން ފެށުމާއެކު، 25 އެޕްރީލް 2021 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "ހާފިޒުން އިމްތިހާނު ކުރުމުގެ އުސޫލު" އުވުނީއެވެ.

 

އުވުނު އުސޫލު

ހާފިޒުން އިމްތިހާނު ކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2021-04)

 

މައި ގާނޫނު/ގަވާއިދު

ނެތް

ކިޔުންތެރިންގެ ހިޔާލު