-

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2024-16)

(މި އުސޫލަށް އަމަލުކުރަން ފެށީ 9 މޭ 2024 ގައި)

މި އުސޫލުން ވަނީ އުސޫލު ނަންބަރު 2023-14 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ފަރާތްތަކުން ސުލޫކީގޮތުން ތަބާވާންޖެހޭ މިންގަނޑުތަކާއި، ހާޒިރީއާބެހޭ ކަންތައްތަކާއި، ޗުއްޓީ ނެގުމުގައި އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނ،ީ "ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުން، މައްސަލަތައް ބެލުމުގައި އަމިއްލަ މަސްލަހަތުން އެއްކިބާވެ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުން ނިންމާ ނިންމުންތަކަކީ، މިނިވަން އިންސާފުވެރި ނިންމުންތަކަކަށް ވުމަށް މަގުފަހިކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ހިނގާ، މުޖުތަމައުގެ އިތުބާރު ލިބިފައިވާ ޓްރައިބިއުނަލަކަށް ހަދައި، އަމިއްލަ މަސްލަހަތާއި ތައާރުޒުވާ އެންމެހައި ކަންކަމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުންތައް ސަލާމަތްވެގެންވާކަން ޔަގީންކުރުމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުން ޓްރައިބިއުނަލަށް ހާޒިރުވުމާއި، ޗުއްޓީ ނެގުމުގައި އަމަލުކުރާނެ ގޮތް ކަނޑައަޅައި ބަޔާންކުރުމެވ.

 

3 ވަނަ މާއްދާ - ޓްރައިބިއުނަލް އެކުލެވިގެންވާ ގޮތް

ވަޒީފާއާބެހޭ ޓްރައިބިއުނަލް އެކުލެވިގެންވަނ،ީ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުންގެ މައްޗަށެވެ.

 

4 ވަނަ މާއްދާ - ޓްރައިބިއުނަލުގެ ރައީސާއި ނާއިބު ރައީސް

ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 89 ވަނަ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ޓްރައިބިއުނަލުގެ ރައީސާއި ނާއިބު ރައީސް އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

 

5 ވަނަ މާއްދާ - ޓްރައިބިއުނަލުގެ ހިންގުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން ޓްރައިބިއުނަލް ހިންގުމާ ހަވާލުވެހުރި މެންބަރަކު ޓްރައިބިއުނަލުގައި އަބަދުވެސް ހުންނަންވާނެއެވ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން ޓްރައިބިއުނަލް ހިންގާނ،ީ ޓްރައިބިއުނަލުގެ ރައީސެވެ. އަދި ރައީސް ނެތިއްޖެ ހާލަތެއްގައި ޓްރައިބިއުނަލުގެ ނާއިބު ރައީސެވެ. ރައީސާއި ނާއިބު ރައީސް ނެތިއްޖެ ހާލަތެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ އާންމު މަޖިލީހުން ޓްރައިބިއުނަލް ހިންގުމަށް މެންބަރަކު އައްޔަނު ކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ޓްރައިބިއުނަލުގެ ރައީސްގެ މަސްއޫލިއްޔަތު

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ.

(ހ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2022-14 (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު) ގައިވާ ގޮތުގެ މަތީންޓްރައިބިއުނަލް ހިންގައި ބެލެހެއްޓުން.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން.

(ނ) މެންބަރުންނަށް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރާގޮތް ބެލުން.

(ރ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 87 ވަނަ މާއްދާއިން ޓްރައިބިއުނަލަށް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް ހަރުދަނާގޮތެއްގައި އަދާކުރަމުންދާކަން ކަށަވަރުކުރުން.

 

7 ވަނަ މާއްދާ - ޓްރައިބިއުނަލުގެ ނާއިބު ރައީސްގެ މަސްއޫލިއްޔަތު

ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 89 ވަނަ މާއްދާގެ (ބ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ޓްރައިބިއުނަލުގެ ރައީސަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނ،ީ ޓްރައިބިއުނަލުގެ ނާއިބު ރައީސެވެ. މީގެ އިތުރުން، ޓްރައިބިއުނަލުގެ ރައީސް، ޓްރައިބިއުނަލުގެ ނާއިބު ރައީސާ ހަވާލުކުރާ މަސްއޫލިއްޔަތުތައް ވެސް އޭނާ އަދާކުރަންވާނެއެވެ. 

 

8 ވަނަ މާއްދާ - ޓްރައިބިއުނަލުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް 

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ކުރުން ހިމެނެއެވ.

(ހ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، މި އުސޫލުގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންނާ ހަވާލުކުރާ މަސްއޫލިއްޔަތުތައް ހަރުދަނާގޮތެއްގައި އަދާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

(ށ) ކަނޑައެޅިގެން އެނގެން އޮތް މަގުބޫލު އުޒުރެއް މެދުވެރިވެގެން މެނުވީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާތަކަށް ފަރުވާތެރިކަމާއެކު ހާޒިރުވެ، އެ ޖަލްސާތަކުގައި އަމަލީގޮތުން ބައިވެރިވުން.

(ނ) ކަނޑައެޅިގެން އެނގެން އޮތް މަގުބޫލު އުޒުރެއް މެދުވެރިވެގެން މެނުވީ، ޓްރައިބިއުނަލުން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން. 

 

9 ވަނަ މާއްދާ - ޓްރައިބިއުނަލުގެ މެންބަރުންގެ ސުލޫކީ މިންގަނޑު

ޓްރައިބިއުނަލުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ބާރުތައް ބޭނުންކުރުމުގައި، ޓްރައިބިއުނަލުގެ މެންބަރުންގެ މެންބަރުކަމުގެ މުއްދަތުގައި، ޓްރައިބިއުނަލުގެ ކޮންމެ މެންބަރަކު ވެސް އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.

(ހ) އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުން.

(ށ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ދިވެހިރާއްޖޭގެ ގާނޫނުތަކުގައިވާ ގޮތުގެ މަތީން ކަންކަން ކުރުން.

(ނ) ގާނޫނުގެ ވެރިކަން ކުރިއަރުވައި، ރައްޔިތުންގެ ހައްގުތައް ރައްކައުތެރިކުރުން.

(ރ) މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އާއިލީ ގުޅުންތަކަށާއި، އިޖުތިމާއީ ގުޅުންތަކަށާއި، ސިޔާސީ ގުޅުންތަކަށާއި، އެހެނިހެން ގުޅުންތަކުން ރައްކައުތެރިވުމާއި، މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކިފަރާތަކަށް ނުޖެހުމާއި، އެއްވެސް ފަރާތަކަށް ޒާތީ މަންފާއެއް ހާސިލުކޮށްދިނުމަށް ނުވަތަ ގެއްލުމެއް ދިނުމަށް މަސައްކަތް ނުކުރުން.

(ބ) މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ބާރުތައް ބޭނުންކުރުމުގައި އެއްވެސް ރައްޔިތެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަކަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް، ނުވަތަ އުފަން ރަށަށް، ނުވަތަ ވާހަކަދައްކާ ބަހަށާއި އިޖުތިމާއީ ދަރަޖައަށް، ނުވަތަ މަގާމަށް ބަލައިގެން ތަފާތު ނުކުރުން.

(ޅ) އަމިއްލަ ފަރުދަކު ވިޔަސް، އަދި ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކު ވިޔަސް، އެއްވެސް ފަރާތަކުން މެންބަރެއްގެ މަސައްކަތާ ބެހ،ި މެންބަރުންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދިނުން.

(ކ) އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތ،ި ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތ،ި ތައައްސުބުން އެއްކިބާވެހުރެ މުސްތަގިއްލުކަމާއެކު، މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުންމަތީ ދެމިހުރުން.

(އ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލައި ނިންމުމުގައި މެންބަރުގެ އަމިއްލަ ވިސްނުމުގެ މައްޗަށް ބުރަވެ، އެހެނިހެން މެންބަރުންނާއި އެނޫންވެސް ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެ ހުރ،ެ ގާނޫނުގައިވާ ގޮތުގެ މަތީން، އަދުލުވެރިކަމާއި ތެދުވެރިކަމާއެކުގައި އަމަލުކުރުން.

(ވ) މެންބަރަކު ކުރާ ކަމަކުން، ނުވަތަ ބައިވެރިވާ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކަޔަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން، ނުވަތަ އެނޫންވެސް އެހެން ގޮތަކުން، އެ މެންބަރެއްގެ ނަޒާހަތްތެރިކަމާއި މުސްތަގިއްލުކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުން.

(މ) ޓްރައިބިއުނަލަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެ މައްސަލައެއް އިންސާފުވެރިކަމާއެކު ބެލުމަށް ހުރަސްއެޅޭފަދަ ލަފައެއް ނުވަތަ މަށްވަރާއެއް ވިޔަސް އެއްވެސް ފަރާތަކަށް ނުދިނުން.

(ފ) މައްސަލަތައް ނިންމުމުގައި، ހަމައެކަނި މައްސަލައާ ގުޅިގެން ހުށަހެޅޭ ނުވަތަ ހޯދައި ލިބިގަނެވޭ ހެއްކާއި ގަރީނާއަށް ރިއާޔަތްކުރުން.

(ދ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް، މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ނުވަތަ ގާނޫނީ އަމުރަކަށް ތަބާވުމުގެ ބޭނުމަށް ފިޔަވައި، ތިންވަނަ ފަރާތަކަށް އެ މައުލޫމާތެއް ހާމަނުކުރުން.

(ތ) އެއްވެސް މެންބަރަކު އެ މީހެއްގެ މެންބަރުކަމުގެ މަގާމުގެ ބޭނުންކޮށްގެން އަމިއްލަ މަސްލަހަތެއް ނުވަތަ އެހެން މީހެއްގެ މަސްލަހަތެއްވިޔަސް ކުރިއެރުވުމަށް މަސައްކަތް ނުކުރުން.

(ލ) ޓްރައިބިއުނަލުގެ ކޮންމެ މެންބަރަކު ވެސް، ހުރިހާ ވަގުތެއްގައި ވެސް، މުޖުތަމައު ގަބޫލުކުރާ ފެންވަރުގައި ހުރިހާ އަމަލުތަކެއް ބެހެއްޓުމާއި، އެ މީހެއްގެ އަހްލާގާއި އަބުރުގެ ރައްކައުތެރިކަން ދެމެހެއްޓުން.

(ގ) ރަސްމީ ގަޑީގައި، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މަސައްކަތަށް ހާޒިރުވުމާއި، މެންބަރުކަމުގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ވަގުތަށް ފަރުވާތެރިވުން.

(ޏ) މެންބަރުން، އެއްވެސް ކަމެއްގައި ރިށްވަތެއް ނުވަތަ ރިށްވަތަކަށް ވެދާނެ އެއްވެސް ކަމެއް ނުކުރުމާއި، އެއްވެސް އެއްޗެއް ބަލައިނުގަތުމާއި، އެހެން މެންބަރަކު މިފަދަ ކަމެއް ކުރިކަން ނުވަތަ ކުރާކަން އެނގިއްޖެނަމަ އެ ކަމެއް ހުއްޓުވަން މަސައްކަތްކުރުން.

(ސ) ކޮންމެ މެންބަރަކު ވެސް އެ މެންބަރަކާ ބެލުމަށް ހަވާލުކޮށްފައިވާ މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ބެލުމާއި، މައްސަލަތައް ބެލުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ އަވަސްމިނެއްގައި އެޅުމާއި، މައްސަލަ ނިމުމާއެކު އެއާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ވެސް އެކަށީގެންވާ އަވަސްމިނެއްގައި ކުރުން.

(ޑ) މެންބަރެއްގެ ވާޖިބުތައް ފުރިހަމަޔަށް އަދާކުރުމަށް ޓަކައި ބޭނުންވާ ތައުލީމާއި ތަމްރީނާއި ހުނަރާއި ސިފަތައް ހޯދައި ލިބިގަނ،ެ ޓްރައިބިއުނަލުގެ މަސައްކަތާބެހޭ އާންމު މައުލޫމާތު މުއްސަނދިކޮށް، އެ ދާއިރާއާ ގުޅޭ އެކިއެކި ދިރާސާތައް ކުރުމަށް މަސައްކަތް ކުރުމާއި، މެންބަރުންގެ ގާބިލިއްޔަތުކަން އިތުރުކޮށްދިނުމަށް ތަނަވަސްކޮށްދެވޭ ފުރުސަތުތަކުގެ ބޭނުން ހިފުން.

(ޒ) މެންބަރުންގެ ވާޖިބު އަދާކުރުމުގައި ފަރުވާކުޑަ ނުކުރުމާއި، ޒަރޫރީ ބޭނުމަށް ޓަކައި މެނުވީ ރަސްމީގަޑީގައި އަމިއްލަ އެއްވެސް ކަމެއް ޓްރައިބިއުނަލުގައި ވެސް އަދި ޓްރައިބިއުނަލުން ބޭރުގައި ވެސް ނުކުރުން.

(ޓ) މައްސަލަތަކާ ގުޅިގެން ޓްރައިބިއުނަލަށް ހާޒިރުވާ ގާނޫނީ ވަކީލުންނަށާއި، ހެކިންނަށާއި، އާންމުންގެ މީހުންނަށާއި، މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބައްދަލުވާންޖެހޭ އެންމެހައި ފަރާތްތަކާ މުއާމަލާތުކުރުމުގައި ކެތްތެރ،ި މަސްއޫލުވެރި އަދި ހިދުމަތްތެރި ބަޔަކަށް ވުން.

(ޔ) އެއްވެސް މައްސަލައެއްގައި ހާޒިރުކުރެވޭ މީހަކަށް ނުވަތަ ގާނޫނީ ވަކީލަކަށް އަމާޒުވާގޮތަށް ކުށްވެރިކުރުމުގެ ނުވަތަ ކުށްދެއްކުމުގެ ބަސްތައް ނުވަތަ މަލާމާތުގެ ގޮތަށް ބަސްމޮށުންތެރިކަން ނުބެހެއްޓުން.

(ޕ) މައްސަލަ ބަލާ މަޖިލިސް، ނިޒާމީ މިންގަނޑުތަކުގެ ތެރެއިން އިންސާފުވެރި މާހައުލެއްގައި ކުރިޔަށް ގެންދިއުން.

(ޖ) މެންބަރުންގެ ވާޖިބު ފުރިހަމަޔަށް އަދާކުރުމަށް ޓަކައި ބައިނަލްއަގްވާމީގޮތުން ވަޒީފާއާބެހޭ ގާނޫނުގެ ދާއިރާއަށް އަންނަ ކުރިއެރުންތަކާއި، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ މައުލޫމާތު ހޯދައި ލިބިގަނ،ެ އިންސާނީ ށަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ދީމިގްރާތީ މުޖުތަމައުތަކުން ގަބޫލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް އެ އުސޫލުތައް ކުރިއެރުވުން.

(ޗ) ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމާއި، ސިޔާސީ އެއްވެސް ނުފޫޒަކަށް ނުލެނބޭނެކަމުގެ ޔަގީންކަން އާންމު ރައްޔިތުންނަށް ލިބޭނެ ގޮތަކަށް އާންމު ދިރިއުޅުމުގައި ވެސް އަމަލުތައް ބެހެއްޓުމާއި، މެންބަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ސިޔާސީ އެއްވެސް ނުފޫޒަކަށް ނުލެނބޭނެކަމުގެ ޔަގީންކަން އާންމު ރައްޔިތުންނަށް ލިބޭނެގޮތަށް އަމަލުތައް ބެހެއްޓުން.

(ހހ) ހަމަހަމަކަމާއި، ހާމަކަމުގެ މައްޗަށް ބިނާކޮށް، މެންބަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުންމަތީ ދެމިހުރުން.

 

10 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ މަސައްކަތްތަކުން ތަނާޒުލުވުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރެއްގެ ކުރިމައްޗަށް މައްސަލައެއް ހުށަހެޅޭއިރ،ު އެ މައްސަލައަކީ، ގާތްތިމާގެކަމުގެ ގޮތުން، ނުވަތަ ރައްޓެހިކަމުގެ ގޮތުން، ނުވަތަ ވިޔަފާރީގެ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން މެންބަރާ ގާތް ގުޅުމެއް ހުރި މީހެއް ނުވަތަ ފަރާތެއް ހިމެނޭ މައްސަލައެއްކަމަށް ވާނަމަ، އެ މެންބަރަކު އެ މައްސަލަ ބެލުމާއި، އެ މައްސަލައާ ގުޅޭ އެންމެހައި ކަންކަމުން ތަނާޒުލު ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބަކާހުރެ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރަކު މައްސަލައަކުން ތަނާޒުލުވާންވާނ،ީ އަމިއްލަ މަސްލަހަތާ ތައާރުޒުވާކަމަށް ގަބޫލުކުރެވޭ ސަބަބާއި، މައްސަލައިން ތަނާޒުލުވާ ސަބަބު ބަޔާންކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސަށާއި ރަޖިސްޓްރާރއަށް އެކަން ލިޔުމުން އެންގުމަށްފަހުގައެވެ. ރައީސަކު ނެތް ހާލަތުގައި މި އެންގުން އަންގާނ،ީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނާއިބު ރައީސް ނުވަތަ ޓްރައިބިއުނަލުގެ މެންބަރުންގެ އާންމު މަޖިލީހަށާއި ޓްރައިބިއުނަލުގެ ރަޖިސްޓްރާރއަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ސަބަބަކާހުރެ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް މައްސަލައަކުން ތަނާޒުލުވާންވާނ،ީ އަމިއްލަ މަސްލަހަތާ ތައާރުޒުވާކަމަށް ގަބޫލުކުރެވޭ ސަބަބާއި، މައްސަލައިން ތަނާޒުލުވާ ސަބަބު ބަޔާންކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނާއިބު ރައީސަށާއި ރަޖިސްޓްރާރއަށް އެކަން ލިޔުމުން އެންގުމަށްފަހުގައެވެ. އަދި ނާއިބު ރައީސް ނެތް ހާލަތެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ އާންމު މަޖިލީހަށާއި ރަޖިސްޓްރާރއަށް އެކަން އަންގަންވާނެއެވެ.

(ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި މަށްވަރާކުރެވޭ ނުވަތަ ގޮތެއް ނިންމާ މައްސަލައަކީ އެއްވެސް މެންބަރެއްގެ މަސްލަހަތެއް ހިމެނޭ މައްސަލައެއްކަމުގައި ވާނަމަ، އެ މައްސަލައެއްގެ ބަހުސްގައި ނުވަތަ ގޮތެއް ނިންމުމުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ.

(ބ) ތިމާގެކަމުގެ ސަބަބުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންނަށް މައްސަލަ ނުބެލޭނީ ތިރީގައިވާ މީހުންގެ މަސްލަހަތު ހިމެނޭ މައްސަލަތަކެވެ.

  1. ބައްޕައާއި، ދޮންބައްޕަ؛
  2. މަންމައާއި، ދޮންމަންމަ؛
  3. ދަރިންނާއި، ދޮންދަރިން؛
  4. ކާފައިންނާއި، މާމައިން؛
  5. އަނބިންނާއި، ފިރިން؛
  6. އެއްބަނޑުއެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ އަހުންނާއި، އުހުތުންނާއި، އެ މީހުންގެ ދަރިން؛
  7. ބޮޑުބޭބެއިންނާއި، ބޮޑުދައިތައިންނާއި، އެ މީހުންގެ އަނބިންނާއި ފިރިން؛
  8. ދެބެންގެ ދެދަރި މީހުން؛
  9. ޅީދަރިންނާއި، ދަނބިދަރިން؛
  10. ބަފާކަލޭގެއާއި، މައިދައިތަ؛
  11. ޅިޔަނުންނާއި، ފަހަރިން.

(ޅ) ތިމާގެކަމުގެ ސަބަބުން ނޫން ގޮތްގޮތުން އަންނަނިވި ފަރާތްތައް ހިމެނޭ މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންނަކަށް ނުބެލޭނެއެވެ.

  1. ވިޔަފާރީގެ ނުވަތަ އެނޫންވެސް އަމިއްލަ މަސްލަހަތެއް އޮންނަ މީހުން؛
  2. ގާތް ރަހުމަތްތެރިން.

(ކ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުން، މަސްއޫލިއްޔަތާއި އަމިއްލަ މަސްލަހަތު ތައާރުޒުވެގެން ތަނާޒުލުވެފައިވާ މައްސަލަތަކުގެ ރިކޯޑު، ޓްރައިބިއުނަލުގެ ކަމާބެހޭ ސެކްށަނުން ބަލަހައްޓަންވާނެއެވެ.

 

11 ވަނަ މާއްދާ - ޓްރައިބިއުނަލުން ބޭރުގައި ކުރާ މަސައްކަތްތައް ކުރުން

(ހ) ޓްރައިބިއުނަލުގެ މެންބަރުންނަކީ ގާނޫނީގޮތުން މުހިންމު މަސްއޫލިއްޔަތުތަކަކާއި ޒިންމާތަކެއް އަދާކުރާ ބަޔަކަށް ވީހިނދ،ު އެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަށް ފުށުއަރާފާނެ އެއްވެސް އިތުރު މަސައްކަތެއް ކުރުމަކީ ނުވަތަ ޒިންމާއެއް އަދާކުރުމަކީ މެންބަރުންނަށް މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ބަޔާންކޮށްފައި ކަމުގައި ވިޔަސް، މެންބަރުންގެ ތައުލީމާއި ގާބިލުކަން ހުރި ދާއިރާއަކުން މުޖުތަމައަށް ފައިދާހުރި ރަނގަޅު މަސައްކަތެއް ކުރުމުގެގޮތުން، ޓްރައިބިއުނަލުގެ މަސައްކަތާއި މަސްލަހަތަށް 
ފުށުނާރާނޭހެން އަދި އެ މެންބަރަކު ޓްރައިބިއުނަލުގެ މަސައްކަތަށް ދޭންޖެހޭ ސަމާލުކަމަށް އަސަރު ނުކުރާނޭ ގޮތަކަށް، އަންނަނިވި ކަންތައްތައް، ޓްރައިބިއުނަލުގެ މެންބަރުންނަށް ކުރެވިދާނެއެވެ.

  1. ގާނޫނީ ދާއިރާ ނުވަތަ މެންބަރަކު ހާއްސަވެފައިވާ އެހެން ދާއިރާއަކާގުޅުންހުރި ލެކްޗަރުތައް ދިނުމާއި، ލިޔުންތައް ށާއިއުކުރުމާއި، ދާއިރާގެ ތަރައްގީއަށް ކުރެވޭ އެފަދަ އެހެނިހެން ކަންކަން ކުރުން؛ 
  2. މަދަނީ ހިދުމަތްތަކުގައްޔާއި، ހިލޭސާބަހަށް ކުރެވޭ އާންމު ހިދުމަތްތަކުގައި ބައިވެރިވުން؛
  3. އާންމުކޮށް ހުޅުވައިލައިގެން ބާއްވާ މައްސަލައެއްގެ އަޑުއެހުމަކަށް ވަނުން؛
  4. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ ތަރައްގީއަށް ޓަކައި ނުވަތަ ގާނޫނުގެ ތަރައްގީއަށް ޓަކައި އެކުލަވައިލައިފައިވާ ޖަމްއިއްޔާއެއްގެ މެންބަރުކަން ނުވަތަ ޑިރެކްޓަރުކަން ނުވަތަ އެނޫންވެސް މަގާމެއް ފުރުން.

(ނ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުން ފިޔަވައި އެހެން އެއްވެސް ކަމެއް ކުރުމަށް ޓަކައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އެއްވެސް ވަސީލަތެއްގެ ބޭނުން ހިފައިގެން ނުވާނެއެވެ.  

(ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާއާ ތައާރުޒު ނުވާނޭ ގޮތެއްގެ މަތީން، ވަޒީފާއާބެހޭ ޓްރައިބިއުނަލު ގެ މެންބަރުންނަށް، އަންނަނިވި ކަންކަން ކުރެވިދާނެއެވެ.

  1. މެންބަރުކަމުގެ މަސްއޫލިއްޔަތާއި އަމިއްލަ މަސްލަހަތާ ތައާރުޒު ނުވާނޭ ފަދައިން ވިޔަފާރީގެ މުއާމަލާތްތައް ކުރުން؛ 
  2. ވިޔަފާރިއެއްގައި އިންވެސްޓުކުރުން؛ އެހެންނަމަވެސް އެއްވެސް ވިޔަފާރިއެއްގެ އޮފިސަރުކަން، ޑިރެކްޓަރުކަން، މެނޭޖަރުކަން، އެޑްވައިޒަރުކަން ނުވަތަ އެހެން އެއްވެސް ވަޒީފާއެއް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުން އަދާކޮށްގެން ނުވާނެއެވެ.

(ބ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ އިތުރުން، މެންބަރުން ކުރާ އެންމެހައި ކަންކަމަކީ މެންބަރުކަމުގެ މަސްއޫލިއްޔަތާއި އަމިއްލަ މަސްލަހަތާ ތައާރުޒުނުވާނޭހެން ކުރާ ކަންތައްތަކަކަށް ވާންވާނެއެވެ. އެގޮތުން ނުކުރެވޭނެ ކަންކަން، ތިރީގައިވާ ނަންބަރުތަކުގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލިދާނެކަމަށް މީހުންނަށް ށައްކުވާފަދަ ކަންކަން؛ 
  2. މެންބަރުކަމުގެ މަގާމަށް ހުތުރުވާފަދަ ކަންކަން؛ 
  3. މެންބަރުކަމުގެ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރުމަށް ހުރަސްއެޅޭފަދަ ކަންކަން؛ 
  4. މައްސަލައެއްގައި އަރބިޓްރޭޓަރަކަށް ވުން؛ 
  5. ގާނޫނީ ވަކީލުކަމުގެ ޕްރެކްޓިސްކުރުން. 

 

12 ވަނަ މާއްދާ - ހަދިޔާ ގަބޫލުކުރުން

(ހ) މެންބަރެއްގެ ހައިސިއްޔަތުން ކުރާ ކަމަކާ ގުޅިގެން، ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އެއްވެސް މެންބަރަކު، ނުވަތަ އެ މީހުންގެ މައިންބަފައިންނާއި، އަނބިން ނުވަތަ ފިރިންނާއި، ދަރީންގެ ތެރެއިން މީހަކު، ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައި ނަމަވެސް ފައިސާއެއް، ނުވަތަ ހަދިޔާއެއް، ނުވަތަ އަގަކާ ނުލައި ލިބޭ ހިދުމަތެއް، ނުވަތަ ދައުވަތެއް، އަންނަނިވި ހާލަތްތަކުގައި ނޫންގޮތަކަށް، ގަބޫލުކޮށްގެން ނުވާނެއެވެ.

  1. އަމިއްލަ ފަރާތްތަކުން ހަދިޔާކުރ،ާ ވަޒީފާއާބެހޭ ގާނޫނާއި ށަރުއީ ދާއިރާއާއި، އެ މެންބަރަކު ހާއްސަވެފައިވާ އެހެން ދާއިރާއަކާ ގުޅުންހުރި ފޮތްތަކާއި ލިޔެކިޔުން ފަދަ ތަކެތި ބަލައިގަތުން؛ 
  2. ގާނޫނުގެ ތަރައްގީއަށް ޓަކައި ނުވަތަ ދިވެހިރާއްޖޭގައި އާންމުކޮށް ފާހަގަކުރާ ދުވަހަކާ ގުޅިގެން ދައުލަތުގެ އިދާރާއަކުން ބާއްވާ ހަފްލާއަކަށް މެންބަރުންނާއި އެ މީހުންގެ އާއިލާގެ މެންބަރުންނަށް ދޭ ދައުވަތު ގަބޫލުކުރުން.

 

13 ވަނަ މާއްދާ - މައްސަލައަކާ ގުޅުންހުރި ފަރާތަކާ މެންބަރުން އަމިއްލަގޮތުން މަށްވަރާކުރުން 

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އެއްވެސް މެންބަރަކު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ އެއްވެސް މައްސަލައަކާ ބެހޭގޮތުން، އެ މައްސަލައިގައި ހިމެނޭ ހަސްމަކާ ނުވަތަ އެއިން ފަރާތަކުން ފޮނުވާ މީހަކާ ނުވަތަ އެ މައްސަލައިގައި މަސްލަހަތު ހިމެނިދާނެ އެނޫންވެސް އެހެން ފަރާތަކާ އަމިއްލަގޮތުން ބައްދަލުކޮށް ހިޔާލުބަދަލުކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތުމަކުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބޭރުގައި އާންމު ނޫން ތަނެއްގައި، ޓްރައިބިއުނަލުގެ މެންބަރުންގެ މެދުގައި، އެހެން މީހަކު ބައިވެރިނުކޮށް، ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައަކާ ބެހޭގޮތުން ދެކެވޭ ވާހަކަ މީގެ ތެރެއަކު ނުހިމެނެއެވެ. 

 

14 ވަނަ މާއްދާ - މެންބަރުންގެ ހާޒިރީ

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުން، މަގުބޫލު އުޒުރެއް މެދުވެރިވެގެން މެނުވީ، ބަންދު ނޫން ކޮންމެ ދުވަހަކު މަސައްކަތަށް ހާޒިރުވާންވާނެއެވެ.

(ށ) ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހ،ު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ފުލްޓައިމް މެންބަރުން ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް މަސައްކަތަށް ހާޒިރުވާންވާނެއެވެ. އަދި ރަމަޒާންމަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ފުލްޓައިމް މެންބަރުން ރަސްމީ ދުވަސްތަކުގެ ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށް މަސައްކަތަށް ހާޒިރުވާންވާނެއެވެ.

(ނ) ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހ،ު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޕާޓްޓައިމް މެންބަރުން ރަސްމީ ދުވަސްތަކުގެ ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށް މަސައްކަތަށް ހާޒިރުވާންވާނެއެވެ. އަދި ރަމަޒާންމަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޕާޓްޓައިމް މެންބަރުން ރަސްމީ ދުވަސްތަކުގެ ހެނދުނު 11:00 އިން މެންދުރުފަހު 1:00 އަށް މަސައްކަތަށް ހާޒިރުވާންވާނެއެވެ.

(ރ) ރަސްމީ ދުވަހެއްގައި މެންބަރަކަށް މަސައްކަތަށް ހާޒިރުނުވެވޭ ގޮތް ދިމާވެއްޖެނަމަ، ޓްރައިބިއުނަލުގެ ރައީސް ނުވަތަ ނާއިބު ރައީސް ނުވަތަ އެ ވަގުތަކު ޓްރައިބިއުނަލް ހިންގުމާ ހަވާލުވެހުރި މެންބަރަކަށް، އަދި އޮފީހުގެ ހާޒިރީ ބަލަހައްޓާ އިސް މުވައްޒަފަކަށް، އެ ދުވަހެއްގެ ހެނދުނު 9:30 ގެ ކުރިން އެކަން އަންގަންވާނެއެވެ.

(ބ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާއެއް ތާވަލުކުރެވިފައިވާނަމަ، ކަނޑައެޅިގެން އެނގެން އޮތް މަގުބޫލު އުޒުރެއް މެދުވެރިވެގެން މެނުވީ، އެ ޖަލްސާއެއް ތާވަލުކުރެވިފައިވާ ގަޑީގައި މެންބަރުން ޖަލްސާގައި ބައިވެރިވާންވާނެއެވެ. މަގުބޫލު ސަބަބަކާހުރެ ޖަލްސާގައި ބައިވެރިނުވެވޭނަމަ، ޖަލްސާ ތާވަލުކުރެވިފައިވާ ގަޑީގެ 5 (ފަހެއް) މިނިޓުގެ ކުރިން، އާންމު މަޖިލީހުގެ ރިޔާސަތަށާއި ސެކްރެޓޭރިއެޓަށް އެކަން އަންގަންވާނެއެވެ.

(ޅ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުން ބައިވެރިވާންޖެހޭ މައްސަލަތަކުގެ އަޑުއެހުންތައް ތާވަލުކުރެވިފައިވާ ގަޑިއަށް މެންބަރުން އަޑުއެހުމުގައި ބައިވެރިވާންވާނެއެވެ. އެ ގަޑިއަށް ބައިވެރިނުވެވޭނަމަ، އަޑުއެހުން ތާވަލުކޮށްފައިވާ ވަގުތުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން ޓްރައިބިއުނަލުގެ ރައީސް ނުވަތަ ނާއިބު ރައީސް ނުވަތަ އެ ވަގުތަކު ޓްރައިބިއުނަލް ހިންގުމާ ހަވާލުވެހުރި މެންބަރަކަށާއި، ރަޖިސްޓްރާރއަށް އަންގަންވާނެއެވ.

(ކ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ ހާޒިރީގެ ރިކޯޑު، ޓްރައިބިއުނަލު ގެ ކަމާބެހޭ ސެކްށަނުން ބަލަހައްޓަންވާނެއެވެ.

 

15 ވަނަ މާއްދާ - އޮފީހުން ބޭރުގައިމަސައްކަތްކުރުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރަކު އޮފީހަށް ހާޒިރުވެގެން މަސައްކަތްކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެފައި ނުވާނަމަ، އޮފީހުން ބޭރުގައި އޮފީހުގެ މަސައްކަތް ކުރުމުގެ އިހްތިޔާރު މެންބަރުންނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މެންބަރަކު އޮފީހުން ބޭރުގައި އޮފީހުގެ މަސައްކަތްކުރާނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ކަމާ ގުޅުންހުރި މުވައްޒަފުންނަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ނުވަތަ 
ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ހުންނަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރަކަށް އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މެންބަރަކު އޮފީހުން ބޭރުގައި އޮފީހުގެ މަސައްކަތްކުރުމުގައި އަންނަނިވި ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.

  1. އެ މަސައްކަތަކީ އޮފީހުން ބޭރުގައި ކުރެވޭނެ މަސައްކަތެއްތޯ ބެލުން؛ 
  2. އެ ދުވަހުގެ އޮފީހުގެ މަސައްކަތް ކުރުމަށް ފުރިހަމަޔަށް ވަގުތު ދެވޭތޯ ބެލުން؛
  3.  މެންބަރު ކޮންމެހެން އޮފީހަށް ހާޒިރުވެގެން ބައިވެރިވާންޖެހޭ އަޑުއެހުމެއް ނުވަތަ ބައްދަލުވުމެއް ނުވަތަ މަސައްކަތެއް އެ ދުވަހަކު ކުރިޔަށްގެންދާނަމަ އެ ވަގުތަށް އޮފީހަށް ހާޒިރުވެވޭތޯ ބެލުން؛ 
  4. މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ކޮންމެހެން އޮފީހަށް ހާޒިރުވާން ނުޖެހުނު ނަމަވެސް، މެންބަރު ބައިވެރިވާންޖެހޭ އަޑުއެހުމެއް ނުވަތަ ބައްދަލުވުމެއް ނުވަތަ މަސައްކަތެއްގައި އޮންލައިންކޮށް ބައިވެރިވެވޭތޯ ބެލުން؛
  5. ރަސްމީ ގަޑީގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ރަސްމީ ގަޑީގައި ކުރެވޭތޯ ބެލުން.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުން އޮފީހުން ބޭރުގައި އޮފީހުގެ މަސައްކަތް ކުރުމަށް ބޭނުންވާ އިންތިޒާމު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހަމަޖައްސައިދޭންވާނެއެވެ. 

 

16 ވަނަ މާއްދާ - މެންބަރުންގެ ސަލާމާއި އާއިލީ ޒިންމާގެ ޗުއްޓީ

(ހ) ބަލިވުމުން ސަލާމުގެ ޗުއްޓީގެ ގޮތުގައި، މުސާރަ ލިބޭގޮތަށް އަހަރެއްގެ ތެރޭގައި ބަންދު ދުވަސްތައް ނުހިމަނައި 30 (ތިރީސް) ދުވަސް މެންބަރުންނަށް ލިބޭނެއެވެ. އަދި މެންބަރުކު ބަލިވެގެން ސަލާމުގެ ޗުއްޓީގައި ހުރުމަށްފަހ،ު މަސައްކަތަށް ހާޒިރުވާ ފުރަތަމަ ރަސްމީދުވަހ،ު ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މެންބަރަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 (ތިރީސް) ދުވަހުގެ ތެރެއިން 15 (ފަނަރަ) ދުވަސް، ވިދިވިދިގެން 2 (ދޭއް) ދުވަހަށްވުރެ ދިގު ނުވާނޭ ގޮތެއްގެ މަތީން، މެޑިކަލް ސެޓުފިކެޓަކާ ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިހްތިޔާރ،ު މެންބަރަށް ލިބިގެންވެއެވެ.

(ނ) އާއިލާގެ މެންބަރަކު ބަލިވުން ފަދަ މުހިންމު ޒިންމާތަކާ ގުޅިގެން، އާއިލީ ޒިންމާގެ ޗުއްޓީގެ ގޮތުގައި، ބަންދު ދުވަސްތައް ނުހިމަނައި، އަހަރުދުވަހެއްގެ ތެރޭގައި 10 (ދިހައެއް) ދުވަސް މެންބަރުންނަށް ލިބޭނެއެވެ.

(ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރަކު ސަލާމުގެ ޗުއްޓީ ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީ ނަގަންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ސަބަބު ބަޔާންކޮށް، މި އުސޫލުގެ 14 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ޓްރައިބިއުނަލުގެ ރައީސަށް ނުވަތަ ނާއިބު ރައީސަށް ނުވަތަ އެވަގުތަކު ޓްރައިބިއުނަލް ހިންގުމާ ހަވާލުވެހުރި މެންބަރަކަށާއި، އޮފީހުގެ ހާޒިރީ ބަލަހައްޓާ އިސް މުވައްޒަފަކަށް އެކަން އަންގަންވާނެއެވެ.

(ބ) ޓްރައިބިއުނަލުގެ ރައީސް ޗުއްޓީއެއް ބޭނުންވުމުން، ޗުއްޓީ ފަށަން ބޭނުންވާ ތާރީހާއި، ޗުއްޓީގެ ބާވަތާއި، ޗުއްޓީގެ މުއްދަތު ބަޔާންކޮށް، ޓްރައިބިއުނަލުގެ ނާއިބު ރައީސަށް އަދި ނާއިބު ރައީސް ނެތިއްޖެ ހާލަތެއްގައި އެ މުއްދަތަކަށް ޓްރައިބިއުނަލް ހިންގުން ހަވާލުކުރެވޭ މެންބަރަކަށް ލިޔުމުން އަންގަންވާނެއެވެ.

(ޅ) ޓްރައިބިއުނަލުގެ ނާއިބު ރައީސް ޗުއްޓީއެއް ބޭނުންވުމުން، ޗުއްޓީ ފަށަން ބޭނުންވާ ތާރީހާއި، ޗުއްޓީގެ ބާވަތާއި، ޗުއްޓީގެ މުއްދަތު ބަޔާންކޮށް، ޓްރައިބިއުނަލުގެ ރައީސަށް، ރައީސް ނެތިއްޖެ ހާލަތެއްގައި އެ މުއްދަތަކަށް ޓްރައިބިއުނަލް ހިންގުން ހަވާލުކުރެވޭ މެންބަރަކަށް ލިޔުމުން އަންގަންވާނެއެވެ.

(ކ) ޓްރައިބިއުނަލުގެ މެންބަރަކު ޗުއްޓީއެއް ބޭނުންވުމުން، ޗުއްޓީ ފަށަން ބޭނުންވާ ތާރީހާއި، ޗުއްޓީގެ ބާވަތާއި، ޗުއްޓީގެ މުއްދަތު ބަޔާންކޮށް، ޓްރައިބިއުނަލުގެ ރައީސަށް، ރައީސް ނެތިއްޖެ ހާލަތެއްގައި ނާއިބު ރައީސަށް، އަދި ޓްރައިބިއުނަލުގެ ރައީސާއި ނާއިބު ރައީސް ނެތިއްޖެ ހާލަތެއްގައި އެވަގުތަކު ޓްރައިބިއުނަލް ހިންގުން ހަވާލުކުރެވޭ މެންބަރަކަށް ލިޔުމުން އަންގަންވާނެއެވެ.

(އ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ޓްރައިބިއުނަލުގެ ރައީސް ނުވަތަ ނާއިބު ރައީސްކަމަށްވާތީ، މަޖުބޫރު ހާލަތެއްގައި މެނުވީ ރައީސާއި ނާއިބު ރައީސް އެއްވަގުތެއްގައި ޗުއްޓީ ނަގައިގެން ނުވާނެއެވެ. އަދި މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ޗުއްޓީއަށް ދާންވާނ،ީ އެހެން މެންބަރަކާ ޓްރައިބިއުނަލުގެ މަސައްކަތް ރަސްމީކޮށް ހަވާލުކުރުމަށްފަހުގައެވެ.

(ވ) ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ކޯރަމް ގެއްލޭގޮތަށް މެންބަރުން ޗުއްޓީ ނަގައިގެން ނުވާނެއެވެ. ނަމަވެސް، މަގްބޫލު އުޒުރެއް މެދުވެރިވެގެން ޗުއްޓީ ނެގުމަށް މި މާއްދާ ހުރަހެއްނާޅައެވެ.

(މ) ޓްރައިބިއުނަލުގެ މެންބަރުންގެ ޗުއްޓީ ހަމަޖައްސާނ،ީ ޓްރައިބިއުނަލުގެ ރައީސެވެ. ރައީސް ނެތިއްޖެ ހާލަތެއްގައި ނާއިބު ރައީސެވެ. އަދި ރައީސާއި ނާއިބު ރައީސް ނެތިއްޖެ ހާލަތެއްގައި، އެވަގުތަކު ޓްރައިބިއުނަލް ހިންގުން ހަވާލުކުރެވިފައިވާ މެންބަރެކެވެ.

(ފ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ ޗުއްޓީއާބެހޭ މައުލޫމާތ،ު ކަމާބެހޭ ސެކްށަނުން ބަލަހައްޓަންވާނެއެވެ.

 

17 ވަނަ މާއްދާ - މެންބަރުންގެ އަހަރީ ޗުއްޓީ 

(ހ) މެންބަރުކަމަށް އައްޔަނުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވުމުން، އަހަރީ ޗުއްޓީގެ ގޮތުގައި 3 (ތިނެއް) ދުވަސް ލިބޭނެއެވެ. އަދި އިތުރު މަސްދުވަހެއް ހަމަވުމުން، އަހަރީ ޗުއްޓީގެ ގޮތުގައި އިތުރު 3 (ތިނެއް) ދުވަސް ލިބޭނެއެވެ. މިގޮތަށް ހިދުމަތުގެ ފުރަތަމަ 12 (ބާރަ) މަސްދުވަސް ހަމަވަންދެން، އަހަރީ ޗުއްޓީގެ ގޮތުގައި، ބަންދު ދުވަސްތައް ނުހިމަނައި 30 (ތިރީސް) ދުވަސް ލިބޭނެއެވެ.

(ށ) ހިދުމަތުގެ ދެވަނަ އަހަރުގެ ތެރޭގައި އަހަރީ ޗުއްޓީގެ ގޮތުގައި ލިބޭނ،ީ ހިދުމަތުގެ ފުރަތަމަ އަހަރުގެ އަހަރީ ޗުއްޓީގެ 30 (ތިރީސް) ދުވަހުގެ ތެރެއިން ބާކީ އޮތް ދުވަސްތަކެވެ. މި އަހަރުގެ ތެރޭގައި އަހަރީ ޗުއްޓީގެ ޖަމާގައި ބާކީ އޮތް ދުވަސްތައް އެއްކޮށް ނުވަތަ އެކިފަހަރުމަތީން ބަހައިލައިގެން ވެސް ނެގިދާނެއެވެ.

(ނ) ހިދުމަތުގެ ދެވަނަ އަހަރު ހަމަވުމަށްފަހ،ު ބަންދު ދުވަސްތައް ނުހިމަނައި 30 (ތިރީސް) ދުވަހުގެ އަހަރީ ޗުއްޓ،ީ ކޮންމެ އަހަރަކު ލިބޭނެއެވެ.

(ރ) ހިދުމަތުގެ ދެވަނަ އަހަރުން ފެށިގެން، އަހަރުދުވަސް ހަމަވާއިރ،ު އެ އަހަރެއްގައި ހައްގުވި ޗުއްޓީގެ ތެރެއިން ނުނަގައި ބާކީހުރި ދުވަސްތަކުގެ ޗުއްޓީ ކެންސަލްވާނެއެވެ. ކެންސަލްވެފައިވާ ޗުއްޓީގެ އެއްވެސް ދުވަހަކަށް ފައިސާއެއް ނުދެވޭނެއެވެ.

(ބ) މެންބަރަކު އަހަރީ ޗުއްޓީގައި ވަނިކޮށް، އެ މެންބަރަކު އާންމު އުސޫލުން މަސައްކަތް ކުރަންޖެހޭ ދުވަހެއް އެއީ ރަސްމީ ބަންދު ދުވަހަކަށް ވެއްޖެނަމަ، އެފަދަ ކޮންމެ ބަންދު ދުވަހަކަށް، ދުވަހެއް، އެ މެންބަރެއްގެ އަހަރީ ޗުއްޓީއަށް އިތުރުކުރެވޭނެއެވެ.

 

18 ވަނަ މާއްދާ - ހައްޖު ޗުއްޓީ

ހައްޖު ޗުއްޓީގެ ގޮތުގައި، މުސާރަ ލިބޭގޮތަށް، މެންބަރު ހައްޖަށް ދިޔުމަށް މާލެއިން ފުރާ ދުވަހުން ފެށިގެން ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަސް ލިބޭނެއެވެ. މި ޗުއްޓީ ލިބޭނ،ީ މެންބަރު ފަރުޒު ހައްޖުގެ އަޅުކަން އަދާކުރާނަމައެވެ. ފަރުޒު ހައްޖުގެ އިތުރުން ހައްޖުގެ އަޅުކަން އަދާކުރުމަށް ޗުއްޓީ ނަގަން ބޭނުންވެއްޖެނަމަ، އެ މެންބަރަކަށް ހައްގުވާ އަހަރީ ޗުއްޓީ ނަގައިގެން ދެވިދާނެއެވެ.

 

19 ވަނަ މާއްދާ - އުމްރާ ޗުއްޓީ 

އުމްރާއަށް ދާން އެދޭ މެންބަރުންނަށް، މެންބަރުކަމަށް އައްޔަނުކޮށްފައިވާ މުއްދަތުގެ ތެރޭގައި 1 (އެކެއް) ފަހަރ،ު އުމްރާގެ ޗުއްޓީގެ ގޮތުގައި، މުސާރަ ލިބޭގޮތަށް، އުމްރާއަށް ދިޔުމަށް މާލެއިން ފުރާ ދުވަހުން ފެށިގެން ބަންދު ދުވަސްތައް ހިމަނައިގެން 15 (ފަނަރަ) ދުވަސް ލިބޭނެއެވެ.

 

20 ވަނަ މާއްދާ - ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ

ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ ގޮތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަންހެން މެންބަރުންނަށް ވިހެއި ދުވަހުން ފެށިގެން ލިބިދެވޭނ،ީ ބަންދު ދުވަސްތައް ހިމަނައިގެން 6 (ހައެއް) މަސްދުވަހުގެ ޗުއްޓީއެކެވެ.

 

21 ވަނަ މާއްދާ - ދަރިޔަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ

ދަރިޔަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީގެ ގޮތުގައި، ފިރިހެން މެންބަރުންނަށް ލިބިދެވޭނީ، ދަރިޔަކު ލިބޭ ދުވަހުން ފެށިގެން ބަންދު ދުވަސްތައް ހިމަނައިގެން 1 (އެކެއް) މަސްދުވަހުގެ ޗުއްޓީއެކެވެ.

 

22 ވަނަ މާއްދާ - ގާނޫނުން ލާޒިމުކުރާ އެހެނިހެން ޗުއްޓީތައް

ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އިން މުވައްޒަފަކަށް ލިބިދޭ އެހެންހުރިހާ ޗުއްޓީއެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންނަށް އެ ގާނޫނާ އެއްގޮތަށްލިބިދެވޭނެއެވެ.

 

23 ވަނަ މާއްދާ - ޗުއްޓީގައި ހުރެ މަސައްކަތްކުރުން

މެންބަރަކު ހައްގުވާ ޗުއްޓީއެއްގައި ހުރެގެން މަސައްކަތްކުރުމަކީ އެ މެންބަރަކަށް ލިބިފައިވާއިހްތިޔާރެކެވެ.

 

24 ވަނަ މާއްދާ - އުސޫލާ ހިލާފުވުން 

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރަކު މި އުސޫލާ ހިލާފަށް އަމަލުކުރަމުންދާނަމަ،ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ އާންމު މަޖިލީހުގެ ފަރާތުން އެކަން ލިޔުމުންރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަންވާނެއެވެ.

 

25 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނ،ީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ އާންމުމަޖިލީހުން މި އުސޫލު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާތާރީހުން ފެށިގެންނެވެ.

 

26 ވަނަ މާއްދާ - އުވައިލެވޭ އުސޫލު

މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، 25 އޮގަސްޓު 2021 ގައި ދިވެހި ސަރުކާރުގެގެޒެޓުގައި ށާއިއުކޮށްފައިވާ "ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލު" އާއި 26 އެޕްރީލް 2023 ގައިދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ އުސޫލު ނަންބަރު 2023-14 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެއުސޫލަށް 1 ވަނަ އިސްލާހު ގެނެއުމުގެ އުސޫލު) އުވުނީއެވެ.

 

އުވި އުސޫލު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު (އުސޫލު ނަންބަރު 2023-14)

 

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02)

ކިޔުންތެރިންގެ ހިޔާލު