-

ބާ ކައުންސިލުން މައުލޫމާތު އާންމުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2023-38)

(މި އުސޫލަށް އަމަލުކުރަން ފެށީ 21 ޑިސެމްބަރު 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މި އުސޫލަކީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ގާނޫނީ ހިދުމަތުގެ ދާއިރާގެ މިނިވަންކަމާއި މުސްތަގިއްލުކަން ނެގެހެއްޓުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކުރާ މަސައްކަތުގެ ތެރެއިން، ބާ ކައުންސިލުގެ އާންމު މެންބަރުންނާއި މީޑިއާއާ ހިއްސާކުރާނެ މައުލޫމާތުތަކަކީ ކޮބައިކަން ކަނޑަ އެޅުމާއި، މީޑިއާއިން ކުރިމަތިކުރުވާ ސުވާލުތަކަށް ޖަވާބު ދިނުމުގައި އަމަލުކުރާނެ މިންގަނޑު ކަނޑައެޅުމާއި، ބާ ކައުންސިލާބެހޭ މައުލޫމާތާއި ހަބަރު އާންމުކުރާނެ ގޮތާއި، އެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތްތައް ބަޔާންކޮށް އެކުލަވައިލައިފައިވާ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ދިވެހިރާއްޖޭގެ ބާ ކައުންސިލުން މައުލޫމާތު އާންމުކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - އާންމުކުރާނެ މައުލޫމާތު

(ހ) މި އުސޫލުގެ ދަށުން މައުލޫމާތުކަމުގައި ބަޔާންކޮށްފައިވަނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނ،ޭ ބާ ކައުންސިލުން އުފައްދައިފައިވާނުވަތަ ބަލަހައްޓަމުންދާ މައުލޫމާތުގެ ތެރެއިން ތިންވަނަ ފަރާތެއްގެ މިލްކަކަށްނުވާ ކޮންމެ މައުލޫމާތަކަށެވެ.

(ށ) މި އުސޫލުގެ ދަށުން ބާ ކައުންސިލުން އަންނަނިވި ބާވަތްތަކުގެ މައުލޫމާތު އާންމު މެންބަރުންނާއި މީޑީއާއާ ހިއްސާކުރެވިދާނެއެވެ.

  1. 2019-05 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އާއި ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭ އެހެނިހެން ގަވާއިދުތަކުގެދަށުން ބާ ކައުންސިލުން ބަލަމުންދާ މައްސަލަތަކާ ގުޅޭ މައުލޫމާތު؛
  2. ބާ ކައުންސިލުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު؛
  3. އާންމު މަސްލަހަތާ ނުވަތަ ގާނޫނީ ވަކީލުންނާ ގުޅުންހުރި މައްސަލަތަކާ ގުޅިގެން ބާ ކައުންސިލުން ރައުޔު ހާމަކުރުމުގެ ގޮތުން ކުރާ މަސައްކަތްތަކާބެހޭ މައުލޫމާތު؛
  4. ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 7 ވަނަ މާއްދާގައި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނައިފައިވާ ކަންތައްތަކާ ގުޅުންހުރި މައުލޫމާތު؛
  5. ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން އާންމު މެންބަރުންނާއި މީޑީއާއާ ހިއްސާކުރުމަށް ކަނޑައަޅާ އެހެނިހެން މައުލޫމާތު.

 

3 ވަނަ މާއްދާ - މައުލޫމާތު އާންމުކުރާނެ ވަސީލަތްތައް

(ހ) މި އުސޫލުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު އާންމުކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ ތެރެއިން އެ މައުލޫމާތެއް އާންމުކުރުމަށް އެންމެ އެކަށީގެންވާ ވަސީލަތެއް ނުވަތަ ވަސީލަތްތައް މެދުވެރިކޮށެވެ.

  1. ބާ ކައުންސިލުގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްގެން؛
  2. ބާ ކައުންސިލުން އާންމު މެންބަރުންނާ މައުލޫމާތު ހިއްސާކުރުމަށް ބޭނުންކުރާ ރަސްމީ ޕްލެޓްފޯމްތައް މެދުވެރިކޮށް؛
  3. ބާ ކައުންސިލުގެ ރަސްމީ ސޯށަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް؛
  4. އެސ.ްއެމ.ްއެސް ގެ ޒަރިއްޔާއިން އާންމު މެންބަރުންނަށް މައުލޫމާތު ފޮނުވައިގެން؛
  5. ބާ ކައުންސިލުން ށާއިއުކުރާ ނޫސްބަޔާނާއި ހަބާރާއި މައުލޫމާތު މީޑިއާއަށް ފޮނުވައިގެން؛
  6. މީޑިއާއަށް ބަސްދީގަތުން ދީގެން؛ ނުވަތަ
  7. ނޫސް ކޮންފަރެންސް ބާއްވައިގެނ.ް

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަސީލަތްތައް ފިޔަވައި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އާންމު މެންބަރުންނާއި މީޑީއާއަށް މައުލޫމާތު ހިއްސާކުރުމަށް، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ނިންމިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށް، ބާ ކައުންސިލުގެ ރަސްމީ ސޯށަލް މީޑިއާ އެކައުންޓުތަކުގެ ތެރޭގައި ބާ ކައުންސިލުގެ ރައީސާއި ނައިބު ރައީސްގެ ރަސްމީ ސޯށަލް މީޑިއާ އެކައުންޓުތައް ހިމެނިގެންވެއެވެ.

 

4 ވަނަ މާއްދާ - ބާ ކައުންސިލުގެ ފަރާތުން މީޑިއާ އަށް މައުލޫމާތުދޭނެ ފަރާތް

(ހ) މި އުސޫލުގެ އެހެން މާއްދާއެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމ،ަ މި އުސޫލުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު އާންމުކުރުމަށް މި އުސޫލުގެ 3 ވަނަ މާއްދާގެ ދަށުން އެންމެ އެކަށީގެންވާ ވަސީލަތެއް ނުވަތަ ވަސީލަތްތައް ކަނޑައަޅައި މައުލޫމާތު އާންމުކުރާނީ، ބާ ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ ރައީސް ކަނޑައަޅާ ފަރާތެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ތަރަހައިގެ ތެރޭގައި ބާ ކައުންސިލުން ފޯރުކޮށްދޭ އަންނަނިވި ހިދުމަތްތަކާ ގުޅިގެން އާންމުކުރަންޖެހޭ މައުލޫމާތު ނުހިމެނޭނެއެވެ.

  1. ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސްތައް ދަފުތަރުކުރުމާ ގުޅޭ މައުލޫމާތު؛
  2. ޕަބްލިކް ނޮޓަރީގެ ގޮތުގައި މަސައްކަތްކުރުމާ ގުޅޭ މައުލޫމާތު؛
  3. ގާނޫނީ ވަކީލުން ދަރަޖަކުރުމާ ގުޅޭ މައުލޫމާތު؛
  4. ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާ ގުޅޭ މައުލޫމާތު؛
  5. ބާ ކައުންސިލުން ކުރިޔަށްގެންދާ އެކި ޕްރޮގްރާމާއި ތަމްރީނާއި ހޭލުންތެރިކުރުމުގެ ހަރަކާތްތަކާބެހޭ މައުލޫމާތު.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު އާންމުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މުވައްޒަފަކު، އެ މައުލޫމާތު އާންމުކުރުމުގެ ކުރިން އެ މަސައްކަތެއް ހަވާލުކޮށްފައިވާ ސުޕަވައިޒަރުގެ ހުއްދަ ހޯދަންވާނެއެވެ.

 

5 ވަނަ މާއްދާ - ބަލަމުންދާ މައްސަލަތަކާގުޅޭ މައުލޫމާތު އާންމުކުރުން

މި އުސޫލުގެ 2 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަ ންބަރުގެ ދަށުން، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) އާއި ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން، ބާ ކައުންސިލުން ބަލަމުންދާ މައްސަލަތަކާ ގުޅޭ މައުލޫމާތު އާންމުކުރުމުގައި ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ހ) ބަލަމުންދާ މައްސަލަތަކާ ގުޅިގެން އެ މައްސަލައެއް ބަލާ ނިމުމުގެ ކުރިން މައްސަލައިގެ މައުލޫމާތު އާންމުކޮށްގެން ނުވާނެ އެވެ.

(ށ) ވަކި ބާވަތެއްގެ މައްސަލައަކާ ގުޅިގެން، ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އަމަލުކުރަންޖެހޭ ވަކި ހާއްސަ އިޖުރާއަތެއް ބަޔާންކޮށްފައިވާނަމަ އެފަދަ މައްސަލައެއްގެ މައުލޫމާތު އާންމުކުރުމުގައި އަމަލުކުރަންވާނީ، އެ ގާނޫނުގައި ނުވަތަ ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) ބާ ކައުންސިލުން ފިޔަވަޅު އެޅުމަށް ނިންމާ މައްސަލައަކީ، އެ މައްސަލައެއްގެ ނިންމުން އާންމު ރައްޔިތުނާއި ވަކީލުން ހޭލުންތެރިކުރުމަށް މުހިންމު މައުލޫމާތަކަށްވާނަމަ އެފަދަ މައުލޫމާތު އާންމުކުރަންވާނީ، ނޫސްބަޔާނެއްގެ ގޮތުގައެވެ.

 

6 ވަނަ މާއްދާ - މަސައްކަތްތަކާގުޅޭ މައުލޫމާތު އާންމުކުރުން

މި އުސޫލުގެ 2 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ބާ ކައުންސިލުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު އާންމުކުރުމުގައި ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ހ) ބާ ކައުންސިލުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު އާންމުކުރާނީ، ބާ ކައުންސިލުން އާންމު މެންބަރުންނާ މައުލޫމާތު ހިއްސާކުރުމަށް ބޭނުންކުރާ ރަސްމީ ޕްލެޓްފޯމްތައް ނުވަތަ ބާ ކައުންސިލުގެ ރަސްމީ ސޯށަލް މީޑިއާ މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އާންމުކުރާ މައުލޫމަތަކީ، ބާ ކައުންސިލުގެ މީޑިއާ ޗެނަލް މެދުވެރިކޮށް ރައީސްގެ ނުވަތަ ނައިބު ރައީސްގެ ހުއްދަ ލިބިގެން އާންމުކުރާ މައުލޫމާތަކަށް ވާންވާނެއެވެ.

 

7 ވަނަ މާއްދާ - ބާ ކައުންސިލުން ރައުޔު ހާމަކުރުމުގެ ގޮތުން ކުރާ މަސައްކަތްތަކާބެހޭ މައުލޫމާތު

މި އުސޫލުގެ 2 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން، އާންމު މަސްލަހަތާ ނުވަތަ ގާނޫނީ ވަކީލުންނާ ގުޅުންހުރި މައްސަލަތަކާ ގުޅިގެން ބާ ކައުންސިލުން ރައުޔު ހާމަކުރުމުގެ ގޮތުން ކުރާ މަސައްކަތްތަކާބެހޭ މައުލޫމާތު އާންމުކުރުމުގައި ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ހ) އާންމު މަސްލަހަތާ ނުވަތަ ގާނޫނީ ވަކީލުންނާ ގުޅުންހުރި މައްސަލަތަކާ ގުޅިގެން ބާ ކައުންސިލުން ރައުޔު ހާމަކުރުމުގެ ގޮތުން ކުރާ މަސައްކަތްތަކާބެހޭ މައުލޫމާތު އެފަދަ މައްސަލައެއް ބަލާ ނިމުމުގެ ކުރިން އާންމުކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސ،ް އާންމު މަސްލަހަތާ ނުވަތަ ގާނޫނީ ވަކީލުންނާ ގުޅުންހުރި މައްސަލަތަކާ ގުޅިގެން ބާ ކައުންސިލުން ރައުޔު ހާމަކުރުމާގުޅޭ މަސައްކަތެއް ކުރަމުންދާކަން ނުވަތަ ކުރަމުން ނުދާކަން ބާ ކައުންސިލުގެ ރައީސަށް، ނުވަތަ ރައީސް ކަނޑައަޅާ ފަރާތަކަށް، މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތެއް މެދުވެރިކޮށް އާންމުކުރެވިދާނެއެވެ.

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބާ ކައުންސިލުން ރައުޔު ހާމަކުރުމުގެ ގޮތުން ކުރާ މަސައްކަތްތަކާބެހޭ މައުލޫމާތު އާންމުކުރާނީ، އެފަދަ މަސައްކަތަކާ ގުޅޭ ނޫސްބަޔާނެއް ތައްޔާރުކުރުމަށްފަހު އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅުމުން، އެ ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

8 ވަނަ މާއްދާ - ނޫސްބަޔާން އާންމުކުރުމުގައި އަމަލުކުރާނެގޮތް

(ހ) މި އުސޫލުގައި "ނޫސްބަޔާން" ކަމުގައި ބަޔާންކޮށްފައި އެވަނީ، މައުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމަށް، ނުވަތަ ވަކި ކަމެއް އަންގައި އިއުލާނުކުރުމުގެ ބޭނުމަށް، ބާ ކައުންސިލުގެ ރަސްމީ ލެޓަރހެޑުގައި ތައްޔާރުކޮށް، ބާ ކައުންސިލުގެ ސިއްކަ ޖަހައިފައިވާ ރަސްމީ ލިޔުމަކަށެވެ.

(ށ) މި އުސޫލުގެ ދަށުން ނޫސްބަޔާން އާންމުކުރަންވާނީ، އެފަދަ ނޫސްބަޔާނެއް ތައްޔާރުކުރުމަށްފަހު އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅުމުން، އެ ކޮމިޓީން ނިންމާ ގޮތެއްގެ މަތީންނެވެ.

 

9 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު