-

ނޫސްވެރިން ދަފުތަރު ކުރުމުގެ އުސޫލު

(އުސޫލު ނަންބަރު 2023-27)

(މި އުސޫލަށް އަމަލުކުރަން ފެށީ 20 އޮގަސްޓް 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

މިއ،ީ ގަވާއިދު ނަންބަރު 2011-04 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގަވާއިދު) ގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން މޯލްޑިވްސް މީޑިއާ ކައުންސިލުގެ މަގުސަދުތައް ހާސިލުކުރުމަށާއި ކައުންސިލުގެ އެންމެހައި މަސައްކަތްތައް ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން، ދިވެހި ނޫސްވެރިންގެ ދަފުތަރު އެކުލަވައިލުމާއި ބެލެހެއްޓުމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ދިވެހި ނޫސްވެރިން ދަފުތަރު ކުރުމުގެ އުސޫލު" އެވެ.

(ނ) މި އުސޫލަކީ، އެއްވެސް ހާލަތެއްގައި ނޫސްވެރިން ދަރަޖަކުރުމުގެ ބޭނުމަށް އެކުލަވައިލައިފައިވާ އުސޫލެއް ނޫނެވެ.

 

2 ވަނަ މާއްދާ - މަގުސަދު

(ހ) ދިވެހިރާއްޖޭގައި ރަސްމީގޮތުން މަސައްކަތްކުރާ ނޫސްވެރިންނަކީ ދައުލަތުގެ އިދާރާއެއްގައި ރަޖިސްޓަރީވެފައިވާ އަދި އެފަދަ އިދާރާއަކުން ގަބޫލުކުރާ ފެންވަރުގެ ނޫސްވެރިންނަށް ހެދުމަށް ބާރުއެޅުން.

(ށ) މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި ފްރީލާންސް ނޫސްވެރިން ދެނެގަނެ، އެ ފަރާތްތަކުގެ މައުލޫމާތު ދަފުތަރުކޮށް ބެލެހެއްޓުން.

 

3 ވަނަ މާއްދާ - ދިވެހި ނޫސްވެރިންގެ ދަފުތަރު

(ހ) މި އުސޫލުގެ ދަށުން އެކުލަވައިލާ ދަފުތަރުގެ ނަމަކީ "ދިވެހި ނޫސްވެރިންގެ ދަފުތަރު" އެވެ.

(ށ) މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި ފްރީލާންސް ނޫސްވެރިންގެ މައުލޫމާތު ވަކިވަކިން އެނގޭނޭހެން މި އުސޫލުގެ ދަށުން ދަފުތަރު ކުރަންވާނެއެވެ.
(ނ) މި ދަފުތަރު އެކުލަވައިލުމުގެ ބޭނުމުގައި މީޑިއާތަކުގެ ނޫސްވެރިންގެ ގޮތުގައި ބަލާނީ، އަންނަނިވި ހައިސިއްޔަތުން ވަޒީފާ އަދާކުރާ މީހުންނެވެ.

  1. އެޑިޓަރުން؛
  2. މީޑިއާއަށް މައުލޫމާތު ހޯދާ ރިޕޯޓަރުން؛
  3. ވީޑިއޯ ނޫސްވެރިން؛ 
  4. ފޮޓޯއާއި އިންފޮގްރަފިކްސް ނޫސްވެރިން.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން، މި ދަފުތަރުގައި ރަޖިސްޓަރީވާ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަކީ ވެސް، ނޫސްވެރިންގެ ގޮތުގައި ބަލަންވާނެއެވެ.

 

4 ވަނަ މާއްދާ - ދަފުތަރު ކުރެވޭ ނޫސްވެރިންގެ ށަރުތުތައް

މި އުސޫލުގެ ދަށުން ދަފުތަރުކުރެވޭ ނޫސްވެރިންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން މީޑިއާއެއްގައި މަސައްކަތްކުރާ ނޫސްވެރިއެއް ކަމުގައިވުން. ނުވަތަ؛

(ށ) ފްރިލާންސްކޮށް މަސައްކަތްކުރާތާ މަދުވެގެން 2 (ދޭއް) އަހަރުދުވަސް ވެފައިވުން (މިކަން ސާބިތުކުރުމަށް ޓަކައި، ފާއިތުވި 2 (ދޭއް) އަހަރުދުވަހު އެ ފަރާތުން ކުރި މަސައްކަތް ދައްކުވައިދޭ ޕޯޓްފޯލިއޯއެއ،ް އެޕްލިކޭށަން ފޯމާއެކު، ކައުންސިލަށް ހުށަހަޅަން ޖެހޭނެއެވެ). އަދި؛

(ނ) "ވޭތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

  1. މީހަކު މެރުމުގެ ކުށް؛
  2. ރޭޕްކުރުމުގެ ކުށް؛ 
  3. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް؛
  4. ޓެރަރިޒަމުގެ ކުށްތަކާއި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް؛
  5. މަނީ ލޯންޑްރިންގގެ ކުށް؛
  6. މީހުން ޓްރެފިކް ކުރުމުގެ ކުށް؛
  7. މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް؛
  8. ވައްކަމާއި، ޓެކުމާއި، ހިޔާނާތްތެރިވުމާއި، މަކަރާއި ހީލަތް އަދި ފޭރުމުގެ ކުށްކުށުގެ ތެރެއިން 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތައް؛
  9. ކޮރަޕްށަނުގެ ކުށް؛
  10. ގޭންގް ކުށް؛
  11. މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނުވަތަ ހިއްސެއް ނެތިދާފަދަ ގޮތަކަށް މާރާމާރީ ހިންގުން.

(ރ) ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އައްޔަނުކޮށްފައިވާ މަގާމެއް އަދާކޮށްފައިވާނަމަ، އެ މަގާމަކުން ވަކިވިތާ ނުވަތަ އިސްތިއުފާ ދިންތާ 3 (ތިނެއް) މަސްދުވަސް ވެފައިވުން.

 

5 ވަނަ މާއްދާ - ދަފުތަރު އެކުލަ ވައިލުން

ނޫސްވެރިންގެ ދަފުތަރުގައި ރަޖިސްޓަރީކުރާނީ އެކަމަށް އެދި އާންމުކޮށް އިއުލާނުކުރުމުން، ފަރުދީގޮތުން ނުވަތަ މީޑިއާތަކުން ނަން ހުށަހަޅާ ނޫސްވެރިންގެ ތެރެއިން ށަރުތު ފުރިހަމަވާ ނޫސްވެރިންނެވެ. ނޫސްވެރިންގެ ދަފުތަރަށް ނަން ހުށަހެޅުމަކީ އާންމު އިއުލާނު ފުރަތަމަ ފަހަރަށް ކުރުމަށްފަހ،ު އޭގެ ފަހުގައި އާންމުކޮށް ހުޅުވައިލެވިފައިވާ ކަމެކެވެ. މިގޮތުން، ދަފު ތަރުގައި ރަޖިސްޓަރީކުރަން ނަން ހުށަހަޅާނީ މިކަމަށް ތައްޔާރުކޮށްފައިވާ ފޯމު ފުރިހަމަކޮށް، އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި ހިމަނައިގެންނެވެ.

(ހ) ދަފުތަރުގައި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ވަޒަންކުރާނީ އެކަމަށް ޓަކައި ކައުންސިލުން އެކުލަވައިލާ ކޮމެޓީއަކުންނެވެ.

(ށ) މި ކޮމެޓީގެ މެންބަރަކީ ނޫސްވެރިއަކަށްވެ އަދި އެ މެންބަރަކު ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅައިފައިވާނަމަ، އެކަމާމެދު ކޮމެޓީން ގޮތެއް ނިންމާއިރު، އެފަދަ މެންބަރަކު އެކަމުގައި ބައިވެރިވެގެން ނުވާނެއެވެ.

 

6 ވަނަ މާއްދާ - ދަފުތަރު ބެލެހެއްޓުން

(ހ) މި ދަފުތަރު އެކުލަވައިލުމަށްފަހު ދަފުތަރު ބަލަހައްޓާނީ، މޯލްޑިވްސް މީޑިއާ ކައުންސިލުންނެވެ.

(ށ) މަދުވެގެން 3 (ތިނެއް) މަ ސްދުވަހުން އެއްފަހަރު މި ދަފުތަރު އަދާހަމަކުރަންވާނެއެވެ. ދަފުތަރު އަދާހަމަކުރާނީ، އެންމެ ފަހުގެ އިސްދާރު ށާއިއުކުރެވުނު ފަހުން ކައުންސިލަށް ލިބުނު އައު ހުށަހެޅުންތަކާއި މައުލޫމާތު ބަދަލުވުމުގެ ސަބަބުން ނޫސްވެރިންނާއި މީޑިއާތަކުން ފޮނުވައިފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށެވެ.

(ނ) މި ދަފުތަރު، ކައުންސިލުގެ ވެބްސައިޓުގައި އާންމުކޮށް ފެންނަގޮތަށް ށާއިއުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ދަފުތަރު ކުރުމަށް ހޯދާނެ މައުލޫމާތު

ނޫސްވެރިން ދަފުތަރު ކުރާއިރު އަންނަނިވި މައުލޫމާތުތައް ހޯދަން ޖެހޭނެއެވެ.

(ހ) ނޫސްވެރިޔާގެ ތައުލީމީ ފެންވަރު.

(ށ) މަސައްކަތުގެ ތަޖުރިބާ.

(ނ) ނޫސްވެރިކަމުގެ ދާއިރާއިން ލިބިފައިވާ ތަމްރީނު.

 

8 ވަނަ މާއްދާ - ދަފުތަރު ކުރުމަށް އެދި ހުށަހެޅުން

ދަފުތަރު ކުރުމަށް އެދި ކައުންސިލަށް ހުށަހަޅާނީ، އެކަމަށް ޓަކައި ތައްޔާރުކޮށްފައިވާ ހާއްސަ ފޯމުންނެވެ. މި ފޯމުގައި، އެންމެ މަދުވެގެން ވެސް، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނުން ލާޒިމުވާނެއެވެ. އަދި ފޯމާއެކު، ނޫސްވެރިޔާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހަޅަންޖެހޭނެއެވެ.

(ހ) ނޫސްވެރިޔާގެ އަސާސީ މައުލޫމާތު.

(ށ) ނޫސްވެރިކަމާ ގުޅުންހުރި ތައުލީމާއި ތަމްރީނުގެ މައުލޫމާތު.

(ނ) މީޑިއާއެއްގައި މަސައްކަތްކުރާ ނޫސްވެރިއެއްނަމަ، މަސައްކަތްކުރާ މީޑިއާގެ މައުލޫމާތު.

 

9 ވަނަ މާއްދާ - ދަފުތަރު ކުރެވޭ މުއްދަތު

ނޫސްވެރިއަކު ދަފުތަރުގައި ރަޖިސްޓަރީކުރާނީ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި ދަފުތަރުގައި ރަޖިސްޓަރީކުރުމުން، ރަޖިސްޓަރީ ކުރިކަމުގެ ލިޔުމެއް ނޫސްވެރިޔާއަށް ދޭންވާނެއެވެ. ރަޖިސްޓަރީގެ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން ރަޖިސްޓަރީ އައުކުރުމަށް ޓަކައި ކައުންސިލަށް ހުށަހަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - ދަފުތަރުގައި ހިމެނޭ މައުލޫމާތު

ނޫސްވެރިންގެ ދަފުތަރުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ނޫސްވެރިޔާގެ މައުލޫމާތު.

(ށ) މަސައްކަތްކުރާ މީޑިއާގެ މައުލޫމާތު.

(ނ) ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރި މުއްދަތު.

 

11 ވަނަ މާއްދާ - އުސޫލުގައި ނެތްކަމެއް ދިމާވުން

މި އުސޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއް ނިންމާނީ ކައުންސިލުންނެވެ.

 

12 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާނަމަ، އެ ލަފުޒެއް ނުވަތަ އިބާރާތެއް މާނަކުރާނީ، ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-15 (މޯލްޑިވްސް މިޑިއާ ކައުންސިލްގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލަށެވެ.

(ށ) "ނޫސްވެރިން" ކަމަށް ބުނެފައި އެވަނީ، މި ދަފުތަރު އެކުލަވައިލުމުގެ ބޭނުމުގައި، ރަޖިސްޓަރީކޮށްފައިވާ މީޑިއާއެއްގައި މަސައްކަތްކުރާ ނުވަތަ އެފަދަ މީޑިއާއަކަށް އަމިއްލަގޮތުން ހިދުމަތްދީ މަސައްކަތްކުރާ (ފްރީލާންސްވެސް ހިމެނޭގޮތަށް)، މި އުސޫލުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މީހުންނަށެވެ.

(ނ) "މީޑިއާ" ކަމުގައި ބުނެފައި އެވަނީ، ޓީވީއަށާއި، ރޭޑިއޯއަށާއި، ސީޑީއަށާއި، ވެބްކާސްޓް އަދި ޑިޖިޓަލް ކޮންޓެންޓަށާއި، ދިވެހި ނޫސްތަކަށާއި، ހަފުތާ ނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭށަންތަކާއި، މިނޫން ވެސް ނަންނަމުގައި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެންނާއި ރަޖިސްޓަރީ ނުކޮށް މައުލޫމާތާއި ހަބަރާއި ހިޔާލާއި އިސްތިހާރާއި އާންމުކޮށް ފެތުރުމަށް ޓަކައި ގަންނަން ލިބޭގޮތަށް ނުވަތަ އަގަކާނުލައި ލިބޭގޮތަށް ޗާޕުކޮށްގެންނާއި އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ށާއިއުކުރެވޭ ށާއިއުކުރުންތަކަށެވެ.

 

13 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޖަލްސާއަކުން މި އުސޫލު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. އަދި މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ނޫސްވެރިންގެ ދަފުތަރު އެކުލަވައިލަންވާނެއެވެ.

 

މައި ގަވާއިދު

މީޑިއާ ކައުންސިލްގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު