-

ކޯޓުތަކުގެ ށަރީއަތްތަކުގައި ދެކެވޭ ވާހަކަތައް މަހްޒަރުކުރާ ފަރާތްތަކުގެ ދަފުތަރާ ގުޅޭ އުސޫލު

(އުސޫލު ނަންބަރު 2023-12)

(މި އުސޫލަށް އަމަލުކުރަން ފެށީ 19 އެޕްރީލް 2023 ގައި)

(މި އުސޫލުވަނީ އުސޫލު ނަންބަރު 2024-10 ގެ 1ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) ކޯޓުތަކުގެ ށަރީއަތްތަކުގައި ދެކެވޭ ވާހަކަތައް މަހްޒަރުކުރާ ފަރާތްތަކުގެ ދަފުތަރާ ގުޅޭ އުސޫލު މި އުސޫލަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުން ހިންގާ ށަރީއަތްތަކުގެ ރިކޯޑިންގއަޑު އަހައިގެން އެ ވާހަކަތައް މަހްޒަރުކުރުމަށް (ލިޔެދިނުމަށް) ށައުގުވެރިކަން ފާޅުކޮށް، އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން "ށަރީއަތްތަކުގައި ދެކެވޭ ވާހަކަތައް މަހްޒަރުކުރާ ފަރާތްތަކުގެ ދަފުތަރު" ގައި ރަޖިސްޓަރީ ކުރެވޭ ފަރާތްތަކުން، ށަރީއަތުގެ މަޖިލިސްތަކުގައި ދެކެވޭ ވާހަކަތައް މަހްޒަރުކުރުމުގައި، އަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ކޯޓުތަކުގެ ށަރީއަތްތަކުގައި ދެކެވޭ ވާހަކަތައް މަހްޒަރުކުރާ ފަރާތްތަކުގެ ދަފުތަރާ ގުޅޭ އުސޫލު" އެވެ.

 

2  ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުން ހިންގާ ށަރީ އަތްތަކުގައި ދެކެވޭ ވާހަކަތަކުގެ ރިކޯޑިންގ އަޑުއަހައިގެން އެ ވާހަކަތައް ލިޔުމުގައި ކޯޓުތަކަށް ދިމާވާ ދަތިކަން ހައްލުކޮށް، ށަރީއަ ތުގައި ދެކެވޭ ވާހަކަތައް އަވަސްކަމާއެކު ލިޔެވޭނެ ނިޒާމެއް ގާއިމު ކުރުމަށް ޓަކައި މި އުސޫލުގެ ދަށުން އެކުލަވައިލެވޭ ދަފުތަރުގައި ރަޖިސްޓަރީވާ ފަރާތްތައް ކޯޓުތަކަށް ހާޒިރުވެގެން، އެ މީހުންނާ ހަވާލުކުރެވޭ ރިކޯޑިންގތައް ލިޔުމެވެ.

 

3 ވަނަ މާއްދާ - ދަފުތަރުގައި ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ހުންނަންވީ ށަރުތުތައް 

މި ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާން ވާނެއެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.

(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ފަރާތެއް ކަމުގައި ވުން.

(ނ) ށަރުއީ ކޯޓުތަކާއި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތެއް ކަމުގައި ނުވުން.

(ރ) ޖިނާއީ ބޮޑު ކުށެއްކަމަށް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި، ޖިނާއީ އެހެން ކުށެއް އެ މީހެއްގެ މައްޗަށް ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

(ޅ) ސަރުކާރުގެ ނުވަތަ އަމިއްލަ ކުންފުންޏެއްގެ އޮފީހެއްގައި މަސައްކަތްކުރާ މީހެއްކަމުގައި ވާނަމަ، އެ މީހެއްގެ ވަޒީފާގެ އިތުރުން އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ކުރުން ވަޒީފާ އަދާކުރާ ތަނުން މަނާކޮށްފައިވާ މީހަކު ކަމުގައި ނުވުން.

 

4 ވަނަ މާއްދާ - ދަފުތަރުގައި ރަޖިސްޓަރީ ވުމަށް އެދި ހުށަހެޅުން 

ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ، މި އުސޫލުގެ ޖަދުވަލު 1 ގައިވާ ފޯމުން، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށެވެ. ފޯމާއެކު، ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތުގެ ކުށުގެ ރިކޯޑު ސާފުކޮށްފައިވާ ފޯމު ހުށަހަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - ދަފުތަރުގައި ރަޖިސްޓަރީ ކުރެވޭ ފަރާތްތަކާ މަސައްކަތް ހަވާލުކުރުމުގައި ކޯޓުތަކުން އަމަލުކުރާނެ ގޮތް

ށަރީއަތްތަކުގެ ރިކޯޑިންގތައް މި ދަފުތަރުގައި ހިމެނޭ ފަރާތްތައް މެދުވެރިކޮށް މަހްޒަރު ކުރުމުގައި ކޯޓުތަކުން އަމަލުކުރާނީ އަންނަނިވި ގޮތަށެވެ.

(ހ) ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކާ ކޯޓުން މުއާމަލާތްކޮށް، ށަރީއަތުގެ ރިކޯޑިންގ މަހްޒަރު ކުރަން ބޭނުންވާކަން އެ ފަރާތަށް އެންގުމާއި، އެ ފަރާތެއް ކޯޓަށް ހާޒިރުވެގެން ބަޔާން ލިޔުމަށް ބޭނުންވާނެ އިންތިޒާމުތައް ހަމަޖެއްސުން. އަދި މި ގޮތަށް ހާޒިރުކުރެވޭ ދުވަސްދުވަހުގެ ހާޒިރީ ރިކޯޑު،އެ ކޯޓަކުން ނުވަތަ ކޯޓުގެ ކަމާ ގުޅޭ ސެކްށަނަކުން ބަލަހައްޓަންވާނެއެވެ.

(ށ) ދަފުތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތެއް މެދުވެރިކޮށް ށަރީއަތުގެ ރިކޯޑިންގ މަހްޒަރު ކުރާނަމަ، މި އުސޫލުގެ ޖަދުވަލު 2 ގައިވާ ފޯމުން އެ ފަރާތާ މަސައްކަތް ހަވާލުކުރުން.

(ނ) ދަފުތަރުގައި ހިމެނޭ ފަރާތްތައް މެދުވެރިކޮށް މަހްޒަރު ކުރެވޭ ރިކޯޑިންގއަކީ 20 (ވިހި) މިނިޓަށް ވުރެ ކުރު ނޫން ރިކޯޑިންގއެއް ކަމުގައި ވުން.

(ރ) މަހްޒަރު ކުރުމަށް ކުރިން ހަވާލުކޮށްފައިވާ ފަރާތަކާ އިތުރު ރިކޯޑިންގއެއް މަހްޒަރުކުރަން ހަވާލުކުރާނަމަ، އެ މީހަކާ ކުރިން ހަވާލުކޮށްފައިވާ ރިކޯޑިންގއިން ނުނިމި ހުރި ގަޑީގެ އަދަދަށް ރިއާޔަތްކޮށް، ފަހުން ހަވާލުކުރެވޭ ރިކޯޑިންގ ނިންމުމަށް އެކަށީގެންވާ ވަގުތު ދިނުން.

(ބ) ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތް ނިންމާތޯ ބަލައި، މަސައްކަތުގެ އަޕްޑޭޓް ބެލެހެއްޓުން.

(ޅ) ބަޔާން ލިޔުމަށް ހަވާލުކޮށްފައިވާ ކޯޓުން ނުވަތަ ކޯޓުގެ ސެކްށަނުން ކަނޑައަޅާ ގޮތެއްގެ މަތީން މަހްޒަރުކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ފަރާތް ކޯޓަށް ހާޒިރުވެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން. އާންމު އުސޫލެއްގެ ގޮތުން މަހްޒަރު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަންވާނީ، ރަސްމީ ދުވަސްދުވަހުގެ ރަސްމީ މަސައްކަތު ގަޑީގެ ފަހުންނާއި، ނުރަސްމީ ދުވަސްދުވަހު ކޯޓު ހުޅުވައިފައި ހުންނަ ގަޑިތަކުގައެވެ.

(ކ) މި މާއްދާގެ (ޅ) ގައި އެހެން އޮތް ނަމަވެސް، ކޯޓުގެ ވަސީލަތްތައް ހުރި މިންވަރަށް ރިއާޔަތްކޮށް މި އުސޫލު ލާޒިމްކުރާ ކަންކަން ފުރިހަމަވާގޮތަށް ރަސްމީ މަސައްކަތު ގަޑީގައި މަހްޒަރުކުރުމުގެ މަސައްކަތް ކުރުމަށް ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް ކޯޓަށް ހާޒިރުކުރުމަކަށް މި އުސޫލު ހުރަހެއް ނާޅައެވެ.

(އ) ދަފުތަރުގައި ހިމެނޭ ފަރާތްތަކާ ހަވާލުކުރެވޭ މަސައްކަތުގައި މި އުސޫލުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައިވޭތޯ ބެލުން.

 

6 ވަނަ މާއްދާ - ކޯޓުތަކުގެ ށަރީއަތްކުރާ ސެކްށަންތަކުގެ ޒިންމާ

މި އުސޫލުގެ ދަށުން މަހްޒަރު ކުރުމަށް ހަވާލުކުރެވޭ ރިކޯޑިންގގެ މަސައްކަތް ކުރަމުންދާއިރުގައްޔާއި، މަސައްކަތް ނިންމައިފައި ސެކްށަނާ ހަވާލުކުރުމުން، އަންނަނިވި ކަންކަން ފުރިހަމަވޭތޯ އެ ސެކްށަނެއްގެ ލީގަލް އޮފިސަރ ނުވަތަ ރިކޯޑިންގ މަހްޒަރު ކުރުމުގެ މަސައްކަތް ވިލަރެސް ކުރުމަށް އެ ސެކްށަނުން ކަނޑައަޅައިފައިވާ މުވައްޒަފު ބަލަންވާނެއެވެ.

  1. މަހްޒަރު ބަޔާންތައް ލިޔެފައިވަނީ ރިކޯޑިންގއާ އެއްގޮތަށް އަކުރުން އަކުރަށްކަން ކަށަވަރުކުރުން.
  2. ބަޔާނުގައި ކުށް ހުރީ ކިހާ މިންވަރަކަށްތޯ ބެލުން. އަދި އެ ކަންކަން ރަނގަޅުކޮށް އިސްލާހުކުރުމަށް އިރުށާދު ދިނުން.
  3. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރިކޯޑިންގ ލިޔެ ނިންމައިފައިވޭތޯ ބެލުން.
  4. ބަޔާން ލިޔެފައިހުރީ މައިކްރޯސޮފްޓް ވޯޑުގައި، "ފަރުމާ" ފޮންޓުގައި، ލައިން ސްޕޭސިންގެ 5.1 ގައިތޯއާއި، ފޮންޓް ސައިޒް 12 ގައިތޯ ޔަގީންކުރުން.

(ށ) ކޮންމެ މަހެއްގެ ވެސް 20 (ވިހި) ވަނަ ދުވަހުގެ ކުރިން، މައްސަލަ ބަލާ ސެކްށަނަށް އެ މަހަކު ލިބިފައިވާ ބަޔާންތައް ލިޔެފައިވަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްގެންތޯ ބެލުމަށްފަހު، އެ ކަންކަމަށް ރިއާޔަތްކޮށް ބަޔާން ލިޔުނު ފަރާތަށް ދޭންޖެހޭ ފައިސާ ހަމަޖެއްސުމަށް، މި އުސޫލުގެ ޖަދުވަލު 3 ގައިވާ ފޯމު، ކޯޓުގެ ފައިސާއާބެހޭ ސެކްށަނަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމުގެ ކޮޕީއެއް، ބަޔާން ލިޔުނު ފަރާތަށް، ކޯޓުން ފޮނުވަންވާނެއެވެ.

(ރ) ކޯޓުގެ ބަޔާންތައް ލިޔުމުގައި ވަކި ހާއްސަ ކަންކަމަށް އިސްކަން ދޭންޖެހޭނަމަ،އެ ކޯޓެއްގެ ކަމާގުޅޭ ސެކްށަނަކުން، ބަޔާން ލިޔާ ފަރާތްތަކަށް، އެ ކަމެއް އޮޅުންފިލުވައިދޭންވާނެއެވެ.

 

7 ވަނަ މާއްދާ - މަސައްކަތުގެ އުޖޫރައާއި، އުޖޫރަ ދިނުމުގައި އަމަލުކުރާނެ ގޮތް

(ހ) މި އުސޫލުގެ ދަށުން ދަފުތަރު ކުރެވޭ ފަރާތްތަކަށް އުޖޫރައެއްގެ ގޮތުގައި ދޭނީ،ލިޔެފައިވާ ކޮންމެ ސަފުހާއަކަށް 45 ރުފިޔާގެ ރޭޓުންނެވެ. މި އުޖޫރަ ދޭނީ، ހިދުމަތް ލިބިގަންނަ ކޯޓަކުން، މި އުސޫލުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމު، ކޯޓުގެ ފައިސާއާބެހޭ ސެކްށަނަށް ފޮނުވައިގެން އެ ސެކްށަނުންނެވެ.

(ށ) އުޖޫރަ ދިނުމަށް ޓަކައި ސަފުހާގެ އަދަދު ކަނޑައަޅާނީ، މި އުސޫލުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައި ސެކްށަނުގެ ލީގަލް އޮފިސަރ ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި މުވައްޒަފެކެވެ.

 

8 ވަނަ މާއްދާ - ދަފުތަރުގައި ރަޖިސްޓަރީކުރެވޭ ފަރާތްތަކުގެ އިގުރާރު

ދަފުތަރުގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި އުސޫލުގައި  ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތައް ދަފުތަރުގައި ރަޖިސްޓަރީ ކުރެވޭނީ، މި އުސޫލުގެ ޖަދުވަލު 4 ގައިވާ އިގުރާރުގައި ސޮއިކުރުމުންނެވެ.

 

9 ވަނަ މާއްދާ - ދަފުތަރުގައި ރަޖިސްޓަރީކުރެވޭ ފަރާތްތަކުގެ ޒިންމާ

ދަފުތަރުގައި ރަޖިސްޓަރީކުރެވޭ ފަރާތްތަކުގެ ޒިންމާ، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ރިކޯޑިންގގައިވާ ވާހަކަތައް އެ ރިކޯޑިންގއާ އެއްގޮތަށް އަކުރުން އަކުރަށް ލިޔުން.

(ށ) ބަޔާން ލިޔުމުގައި ފަރުވާތެރިވުން.

(ނ) ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބަޔާން ލިޔެ ކޯޓުން އަންގާ ގޮތެއްގެ މަތީން ބަޔާން ހަވާލުކުރުން.

(ރ) ބަޔާން ލިޔަނީ މައިކްރޯސޮފްޓް ވޯޑުގައި، "ފަރުމާ" ފޮންޓުގައި، ލައިން ސްޕޭސިންގގެ 1.5 ގައިތޯއާއި ފޮންޓް ސައިޒް 12 ގައިކަން ޔަގީ ންކުރުން.

(ބ) ދަފުތަރުގައި ރަޖިސްޓަރީވުމަށް ވެވޭ އިގުރާރާ އެއްގޮތަށް އަމަލުކުރުން.

(ޅ) ބަޔާންތައް މަހްޒަރުކުރުމުގައި ވަކި ހާއްސަ ކަންކަމަކަށް އިސްކަންދިނުމަށް ކޯޓެއްގެ ކަމާގުޅޭ ސެކްށަނަކުން އިރުށާދު ދީފައިވާނަމަ، އެ އިރުށާދާ އެއްގޮތަށް އަމަލުކުރުން.

(ކ) ހަވާލުކޮށްފައިވާ މަސައްކަތާ ގުޅޭ ލިޔުންތައް ފިޔަވައި އެ ނޫން އިތުރު އެއްވެސް ލިޔުމެއް ބަލައި ނުހެދުމާއި، އެފަދަ އެއްވެސް ލިޔުމަކަށް އެކްސެސް ނުވުން.

(އ) ލިޔުމަށް ހަވާލުކުރެވޭ އެއްވެސް ރިކޯޑިންގއެއް އެއްވެސް ހާލަތެއްގައި އަމިއްލަ ޑިވައިސްއަކަށް ނުވަތަ އެހެން މީހެއްގެ ޑިވައިސްއަކަށް ނުވަތަ ވަންޑްރައިވްއަށް، ނުވަތަ މެއިލްއަށް ނުވަތަ މިނޫންވެސް ޓެކްނޮލޮޖީގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ނުނެގުން.

(ވ) މަސައްކަތް ކުރުމަށް ކޯޓުން ފޯރުކޮށްދޭ އެއްވެސް ވަސީލަތެއް، ހުއްދަ ދީފައިވާ ކަމެއްގައި ނޫނީ ބޭނުން ނުކުރުން.

(މ) މަސައްކަތް ހަވާލުކުރެވިފައިވަނިކޮށް ބަލިވެއްޖެނަމަ ނުވަތަ ދިމާވާ ސަބަބަކާހުރެ މަސައްކަތް ނުކުރެވޭފަދަ ހާލަތެއް ދިމާވެއްޖެނަމަ، މަސައްކަތް ހަވާލުކޮށްފައިވާ ކޯޓުގެ ކަމާބެހޭ ސެކްށަނަކަށް އެކަން އެންގުން.

 

10 ވަނަ މާއްދާ - ދަފުތަރުން ވަކިކުރެވިދާނެ ހާލަތްތައް 

އަންނަނިވި ހާލަތްތަކުގައި، ދަފުތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ދަފުތަރުން ވަކިކުރުމުގެ ބާރު، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިބިގެންވެއެވެ.
(ހ) މި އުސޫލުގެ ދަށުން ދަފުތަރުގައި ރަޖިސްޓަރީވާ ފަރާތް ވެފައިވާ އިގްރާރާއި،މި އުސޫލުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޒިންމާތަކާ ހިލާފުވުން.

(ށ) ބަޔާންތަކުގެ ފެންވަރު އެކަށީގެންވާ މިންވަރަށްވުރެ ދަށްކަމަށް ފާހަގަކޮށް ކޯޓުތަކުން ޑިޕާޓްމަންޓަށް ށަކުވާ ހުށަހެޅުމުން، އެ ކަން ބެލުމަށްފަހު ބަޔާންތަކުގެ ފެންވަރު އެކަށީގެންވާ ވަރަށްވުރެ ދަށްނަމަ ވަކިކުރެވިދާނެއެވެ. (ށަކުވާ ހުށަހަޅަންވާނީ ތަފުސީލުތަކާއެކު ލިޔުމުންނެވެ.)

(ނ) ދަފުތަރުގައި ރަޖިސްޓަރީވުމަށް ލާޒިމްވާ ށަރުތެއް އެ މީހެއްގެ ކިބައިން އުނިވުން.

 

11 ވަނަ މާއްދާ - ދަފުތަރުން ވަކިވާން އެދުން

ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތަކުން ދަފުތަރުން ވަކިވާން ބޭނުންވާނަމަ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް އެކަން ލިޔުމުން ހުށަހަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - ދަފުތަރު ބެލެހެއްޓުން 

މި އުސޫލުގެ ދަށުން އެކުލަވައިލެވޭ ދަފުތަރު ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

 

13 ވަނަ މާއްދާ - އުސޫލުގައި ނެތް ކަމެއް ދިމާވުން

މި އުސޫލުގައި ނެތް ކަމެއް ދިމާވެއްޖެނަމަ އެ ކަމަކާ މެދު ގޮތެއް ނިންމާނީ،ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

 

14 ވަނަ މާއްދާ - އުސޫލަށް އަމަލުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

 

 

 

 

 

 

 

 

އުވި އުސޫލު

ކޯޓުތަކުގެ ށަރީއަތްތަކުގައި ދެކެވޭ ވާހަކަތައް މަހްޒަރުކުރާ ފަރާތްތަކުގެ ދަފުތަރާ ގުޅޭ އުސޫލު (އުސޫލު ނަންބަރު 2023-12) އުވައިލުމުގެ އުސޫލު (އުސޫލު ނަންބަރު 2024-10)

 

މި އުސޫލަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު/ގަވާއިދު

ނެތް

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު