ނުކުޅެދުންތެ ރިކަން ހުންނަ މީހުންނާއި ކުދިންނަށް ޚާއްޞަ ކޮށްގެން ބާއްވާ 'ރިވެލި ތަރި' މައު ރަޒު ހިންގުމުގެ އުސޫލ
(އުސޫލު ނަންބަރު 2022-36)
(މި އުސޫލަށް އަމަލުކުރަން ފެށީ 11 އޮކްޓޫބަރު 2022 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި އުސޫލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހުނަރު ދައްކައިލުމަށް މަގުފަހިކޮށްދިނުމަށްޓަކައި ބާއްވާ ''ރިވެލި ތަރި'' މައުރަޒު ރާވައި، ހިންގައި، ހުށަހެޅުންތަކަށް އިންސާފުކުރުމުގައި އަމަލުކުރާނެ ގޮތުގެއުސޫލެވެ.
(ށ) މި އުސޫލަށް ކިޔާނީ، "ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ހާއްސަކޮށްގެން ބާއްވާ 'ރިވެލި ތަރި' މައުރަޒު ހިންގުމުގެ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މަގުސަދަކީ 'ރިވެލި ތަރި' މައުރަޒު މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ށައު ގުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމެވެ.
3 ވަނަ މާއްދާ - މައުރަޒުގައި ބައިވެރިވެވޭނެ ފަރާތްތައ
(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ މައުރަޒުގައި ބައިވެރިވެވޭނީ، ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2021-54 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވައިލުމާއި، އެ ދަފްތަރު ބެލެހެއްޓުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ގޮތުގައި ކަނޑައެޅި، ބުނެވިދިޔަ ގަވާއިދުގެ ދަށުން އެކުލަވައިލެވިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނާއި، ކުދިންނަށެވެ.
(ށ) "ނުކުޅެދުންތެރިކަން ހުންނަ މީހުން" މި އުސޫލުގެ 13 ވަނަ މާއްދާގައި ތަފުސީލުކޮށް މާނަކޮށްފައިވާނެއެވެ.
4 ވަނަ މާއްދާ - މައުރަޒުގައި ހިމެނޭ ދާއިރާތައް
މި އުސޫލުގެ ދަށުން ބޭއްވޭ "ރިވެލި ތަރި" މައުރަޒުގައި ބައިވެރިކުރެވޭނީ އަންނަނިވި ދާއިރާތަކުން ހުށަހެޅޭ ހުށަހެޅުންތަކެކެވެ. ނުވަތަ އުފެއްދުންތަކެކެވެ.
(ހ) އަތްތެރި މަސައްކަތްކުރުމުގެ ދާއިރާ؛
(ށ) އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާ؛
(ނ) ދަނޑުވެރިކަމުގެ ދާއިރާ؛
(ރ) ކުރެހުމުގެ ދާއިރާ؛ އަދި
(ބ) ކާބޯތަކެތި ތައްޔާރުކުރުމުގެ ދާއިރާ.
5 ވަނަ މާއްދާ - މައުރަޒުގައި ބައިވެރިކުރާ ތަކެތި
''ރިވެލި ތަރި'' މައުރަޒުގައި ބައިވެރިކުރާ އުފެއްދުމެއް ނުވަތަ އުފެއްދުންތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ނުވަތަ ކުއްޖެއްގެ އަމިއްލަ އުފެއްދުމެއް ނުވަތަ އުފެއްދުންތަކަކަށް ވާންވާނެއެވެ.
6 ވަނަ މާއްދާ - ހުށަހެޅުންތަކަށް އިންސާފުކުރުމުގައި ބަލާނެ މިންގަނޑު
"ރިވެލި ތަރި" މައުރަޒަށް ހުށަހެޅޭ ހުށަހެޅުންތަކަށް އިންސާފުކުރުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރެވޭނެއެވެ.
- އުފެއްދުމުގެ ފުރިހަމަކަން
- ހިޔާލުގެ މުއްސަނދިކަން
- އަމިއްލަ ހުނަރު ބޭނުންކޮށްގެން އުފެއްދުން އުފައްދައިފައިވާ މިންވަރު
- އުފެއްދުން ފަރުމާކޮށް އުފެއްދުމުގައި ޒަމާނީ ދިރިއުޅުމުގެ ބޭނުންތަކަށް އުފެއްދުން ތައްޔާރުކުރެވިފައިވާ މިންވަރު
- އުފެއްދުން ތިމާވެށްޓާއި ރައްޓެހި މިންވަރު
- އުފެއްދުން މާކެޓް ކުރެވިދާނެ މިންވަރު
7 ވަނަ މާއްދާ - މައުރަޒުގެ އިދާރީ ކަންކަން ބެލެހެއްޓުން
މި އުސޫލުގެ ދަށުން ބޭއްވޭ މައުރަޒުގެ އެންމެހައި އިދާރީ ކަންކަން ބަލަހައްޓާނީ މިނިސްޓްރީންނެވެ.
8 ވަނަ މާއްދާ - ހުށަހެޅުންތަކަށް އިންސާފުކުރުމުގައި ހަރަކާތްތެރިވާ ކޮމިޓީ
(ހ)މައުރަޒުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި 7 މެންބަރުންގެ ކޮމިޓީއެއް މި މައުރަޒަށް އިއުލާނުކުރުމުގެ ކުރިން، މިނިސްޓްރީން އުފައްދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީގެ މެންބަރުންގެ ގޮތުގައި ތިއްބަވާނީ އެކުލަވައިލުން އަންނަނިވި ދާއިރާތަކުން ކަނޑައަޅުއްވާ ފަންނީ ފަރާތްތަކެވެ.
- މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯށަލް ސަރވިސަސް އިން ކަނޑައަޅާ ފަރާތެއް
- މިނިސްޓްރީ އޮފް އެޑިއުކޭށަނުން ކަނޑައަޅާ ފަރާތެއް
- މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭށަނުން ކަނޑައަޅާ ފަރާތެއް
- މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކަނޑައަޅާ ފަރާތެއް
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާ ފަރާތެއް
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލުން ކަނޑައަޅާ ފަރާތެއް
- މިނިސްޓްރީ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ކަނޑައަޅާ ފަރާތެއް
(ށ) މި ކޮމިޓީ ދެމި އޮންނާނީ މައުރަޒު ނިމި، ވަނަވަނައަށް ދާ ފަރާތްތައް އިއުލާނުކުރުމާ ހަމައަށެވެ.
9 ވަނަ މާއްދާ - ކޮމިޓީ ގެ މަސްއޫލިއްޔަތު
ކޮމިޓީގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) "ރިވެލި ތަރި" މައުރަޒުގައި ހުށަހެ ޅޭއެންމެހާ ހުށަހެޅުންތައް މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އިންސާފު ކުރުން.
(ށ) މައުރަޒާ ގުޅޭ އެއްވެސް ކަމެއްގައި ގޮތް ނިންމައި އިންސާފު ކުރުމުގައި އެއްވެސް ފަރާތަކަށް ބުރަ ނުވެ މަސައްކަތް ކުރުން.
(ނ) މައުރަޒު ނިމޭތާ 24 ގަޑިއިރު ތެރޭގައި ނަތީޖާއާ ގުޅޭ އެންމެހައި ކަންކަން ނިންމައި އެކަން މިނިސްޓްރީއާ ހިއްސާ ކުރުން.
10 ވަނަ މާއްދާ - ވަނަވަނައަށް ދާ ފަރާތްތަކަށް އިނާމު ދިނުން
(ހ) "ރިވެލި ތަރި" މައުރަޒުގައި ވަނަވަނައަށް ދާ ފަރާތްތައް ހޮވާނީ ދެ އުމުރުފުރައަކަށް ބަހައިލެވިގެންނެވެ.
- ކުޑަކުދިންގެ އުމުރުފުރާ (18 އަހަރުން ދަށުގެ އުމުރުފުރާ)؛
- ބޮޑެތި މީހުންގެ އުމުރުފުރާ (18 އަހަރުން މަތީގެ އުމުރުފުރާ)؛
(ށ) މައުރަޒުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އިނާމު ދޭނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯށަލް ސަރވިސަސްގެ ފަރާތުންނެވެ.
11 ވަނަ މާއްދާ - ހުށަހެޅުމާއި ތަކެތި ބަލައިގަތުން
(ހ) "ރިވެލި ތަރި" މައުރަޒުގައި ބައިވެރިވުމަށް އެދި ހުށަހަޅާނީ މި އުސޫލުގެ ޖަދުވަލު 1 ގެ ގޮތުގައި ހިމަނައިފައިވާ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެހުނަރު ދައްކައިދޭ "ރިވެލި ތަރި" މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު" މެދުވެރިކޮށް، މިނިސްޓްރީއަށެވެ.
(ށ) "ރިވެލި ތަރި" މައުރަޒަށް ތަކެތި ހަވާލު ކުރާއިރު ބައިވެރިކުރާ ކެޓަގަރީއާއި، ބައިވެރިކުރާ ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ރަނގަޅަށް ލޭބަލް ކުރަންވާނެއެވެ.
(ނ) މައުރަޒު ފެށިގެން ނިމެންދެން، ތަކެތި ބެލެހެއްޓުމާއި، ވިއްކުމާއި، ފައިސާ ބަލައިގަތުމުގެ އެންމެހައި މަސައްކަތް ކުރަންވާނީ، މައުރަޒުގައި ބައިވެރިވާ ފަރާތެއް ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތެކެވެ.
(ރ) މި މައުރަޒަށް ތަކެތި ހުށަހަޅާއިރު އެ އުފެއްދުމެއްގެ ފޮޓޯ އަދި ވީޑިއޯ އެނގޭނެހެން ނަން ޖަހައި ހުށަހަޅާ ތަކެތީގެ ލިސްޓު ފޯމާއެކު ހުށަހަޅަންވާނެއެވެ.
12 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
(ހ) "ރިވެލި ތަރި" މައުރަޒާ ގުޅިގެން އެއްވެސް ފަރާތަކުން ށަކުވާއެއް ހުށަހަޅާނަމަ އެ ށަކުވާއެއް ހުށަހަޅާނީ، މި އުސޫލުގެ ޖަދުވަލު 2 ގައި ހިމަނައިފައިވާ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރު ދައްކައިދޭ "ރިވެލި ތަރި" މައުރަޒާ ގުޅޭގޮތުން ށަކުވާ ހުށަހަޅާ ފޯމު" މެދުވެރިކޮށް،މިނިސްޓްރީއަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފޯމު މެދުވެރިކޮށް ށަކުވާ ހުށަހަޅާތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ށަކުވާގައި ބަޔާންކޮށްފައިވާ މައްސަލަ ބަލައި، އެކަމާ ގުޅޭގޮތުން ނިންމާ ގޮތް ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ށަކުވާ ހުށަހަޅާ ފޯމަށް ޖަވާބުދާރީ ވާންވާނީ މި އުސޫލުގެ 7 ވަނަ މާއްދާގައި ބަޔާންކުރާ މައުރަޒުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް މިނިސްޓްރީން ކަނޑައަޅައިފައިވާ ފަރާތްތަކުންނެވެ.
13 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައިހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯށަލް ސަރވިސަސްއަށެވެ.
(ށ) "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ހުށަހެޅުންތަކަށް އިންސާފުކުރުމުގައި ހަރަކާތްތެރިވާ 7 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޓީއަށެވެ.
(ނ) "ރިވެލި ތަރި" ކަމަށް ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން އުފައްދާ އުފެއްދުންތަކަށް ހާއްސަކޮށްގެން ބާއްވާ މައުރަޒަށެވެ.
(ރ) "ކުދިން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ދުނިއަށް އުފަންވުމަށްފަހު، މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިހަމަ ނުވާ ކުދިންނަށެވެ.
(ބ) "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާއި މިނިވަންކަމާއި، އެ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމާއި، އެފަދަ ފަރާތްތަކަށް ލިބިދޭންޖެހޭ ހާއްސަ ރައްކައުތެރިކަމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި ހަމަތައް ބަޔާންކުރުމުގެ ގޮތުން އެކުލަވައިލައިފައިވާ ގާނޫނު ނަންބަރު 2010-08 އަށެވެ.
(ޅ) "ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވައިލުމާއި، އެ ދަފްތަރު ބެލެހެއްޓުމުގެ ގަވާއިދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ 14 ވަނަ މާއްދާގެ (ރ) އާއި 33 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2021-54 އަށެވެ.
(ކ) ނުކުޅެދުންތެރިކަން ހުންނަ މީހުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ދިގު މުއްދަތުގެ ޖިސްމާނީ، ނުވަތަ ނަފްސާނީ، ނުވަތަ ހިއްސުތަކުގެ، ނުވަތަ ސިކުނޑީގެ އުނިކަމެއް ހުރި މީހަކު އެ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ އެންމެހައި ހުރަސްތަކާހުރެ މުޖްތަމައުގެ އެހެން މީހުންނާ އެއްހަމައެއްގައި ބޭނުންތެރި ގޮތުގައި އެންމެ ފުރިހަމައަށް ބައިވެރިވެ ހަރަކާތްތެރިވެ އުޅުމަށް ދަތިވާ ކޮންމެ މީހަކަށެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމުގައި ކަނޑައެޅުމުގެ ގޮތުން، ގަވާއިދު ނަންބަރު 2021-54 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލުމާއި، އެ ދަފްތަރު ބެލެހެއްޓުމުގެ ގަވާއިދު) ގެ ޖަދުވަލު 1 ގައި ބަޔާންކުރާ "ނުކުޅެދުންތެރިކަން މާނަކުރެވޭނެ ގޮތްތަކާއި، ހަމަތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ކޮބައިކަން ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އަށް މި އުސޫލުގެ ދަށުންވެސް ރިއާޔަތްކުރެވޭނެއެވެ. އަދި، ނުކުޅެދުންތެރިކަން މާނަކޮށް، ގިންތިކުރުމުގައި، ބުނެވިދިޔަ 'ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވައިލުމާއި، އެ ދަފްތަރު ބެލެހެއްޓުމުގެ ގަވާއިދު' ގެ 4 ވަނަ މާއްދާއަށާއި 5 ވަނަ މާއްދާއަށް މި އުސޫލުގެ ދަށުންވެސް ރިއާޔަތްކުރެވޭނެއެވެ.
(އ) "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2021-54 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލުމާއި، އެ ދަފްތަރު ބެލެހެއްޓުމުގެ ގަވާއިދު) ގެ 8 ވަނަ މާއްދާގެ ދަށުން އެކުލަވައިލެވޭ ދަފްތަރަށެވެ.
(ވ) "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން އުފައްދާ ކައުންސިލަށެވެ.
15 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު
މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު/ގަވާއިދު
ނެތް
ގުޅުންހުރި ގާނޫނު/ގަވާއިދު
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-08)
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވައިލުމާއި، އެ ދަފުތަރު ބެލެހެއްޓުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-54)
ކިޔުންތެރިންގެ ހިޔާލު