ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލު
(އުސޫލު ނަންބަރު 2022-43)
(މި އުސޫލަށް އަމަލުުރަން ފެށީ 18 ޑިސެމްބަރު 2022 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގައި މިނިސްޓްރީން ބަލާނެ މިންގަނޑުތަކާއި، ދައުލަތުގެ ނަމުގައި ގެރެންޓީއެއް ދިނުމަށް އެދި ހުށަހަޅަންޖެހޭ ގޮތާއި، ގެރެންޓީ ދޫކުރެވޭނެ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ށަރުތުތައް ބަޔާންކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 5 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 14.02 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވަ އިލައިފައިވާ އުސޫލެކެވެ.
(ށ) މި އުސޫލަށް ކިޔާނީ، "ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މައިގަނޑު މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2013-07 (ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީ ން ދިވެހި ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ ނިޒާމު ކަނޑައެޅުން.
(ށ) ދައުލަތުގެ ނަމުގައި ގެރެންޓީ ދިނުމަށް އެދި ހުށަހެޅޭނެ ފަރާތްތަކާއި، މުއާމަލާތްތައް ބަޔާންކުރުމާއި، ދައުލަތުގެ ނަމުގައި ގެރެންޓީ ދިނުމަށް އެދި ހުށަހެޅުމުގެ އިޖުރާއަތާއި، ގެރެންޓީ ދިނުމުގައި މިނިސްޓްރީން އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރުން.
(ނ) ގައުމުގެ އިގްތިސާދީ ހާލަތަށާއި، ސަރުކާރުގެ މާލީ ސިޔާސަތުތަކަށާއި، ތަރައްގީގެ ޕްލޭންތަކަށް ރިއާޔަތްކުރެވިގެން، ދެފުށް ފެންނަ، ހަރުދަނާ އުސޫލެއްގެ ދަށުން، ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމަށް މަގުފަހިކުރުން.
3 ވަނަ މާއްދާ - ގެރެންޓީއަށް އެދެވޭނެ ފަރާތްތަކާއި، ގެރެންޓީ ދެވޭނެ މަށްރޫއުތަކާއި މުއާމަލާތްތައް
(ހ) ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރެވޭނީ، ސަރުކާރުން އިސްކަންދޭ ބޮޑެތި މަށްރޫއުތައް ހިންގުމަށް ނުވަތަ މިނިސްޓަރު ހުއްދަދޭ މާލީ މުއާމަލާތްތަކާ ގުޅިގެން ހުށަހަޅާ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބްސިޑިއަރީތައް؛
- ދިވެހިރާއްޖޭގައި ވިޔަފާރިކުރަން ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ރީ -ރަޖިސްޓަރީކޮށްފައިވާ ކުންފުނިތައް؛
- ދައުލަތުގެ މުސްތަގިއްލު މުއައްސަސާތައް؛
- ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އިން އުފައްދައިފައިވާ ކައުންސިލްތައް.
(ށ) މި އުސޫލުގެ ދަށުން ގެރެންޓީއަށް އެދި ހުށަހެޅޭނީ، އަންނަނިވި ކަންކަން ކުރުމަށް ނަގާ ދަރަނިތަކަށެވެ.
- ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްގީގެ މަށްރޫއުތައް ހިންގުމަށް؛
- ސަރުކާރުން ހުށަހަޅާ ށަރުތުތަކާ އެއްގޮތަށް ސޯށަލް ހައުސިންގ މަށްރޫއުތައް ހިންގުމަށް؛
- ތަރައްގީގެ މަށްރޫއެއްގެ ގޮތުގައި އިސްކަންދިނުމަށް ސަރުކާރުން ނިންމާ މަށްރޫއުތައް ހިންގުމަށް؛
- މިނިސްޓަރު ހުއްދަދޭ މާލީ މުއާމަލާތްތައް ކުރުމަށް.
(ނ) މި އުސޫލުގެ ދަށުން ގެރެންޓީކޮށްދެވޭ ދަރަނީގެ އިފެކްޓިވް އިންޓަރެސްޓް ރޭޓުން، "ވޭރިއަބަލް އިންޓަރެސްޓް" އުނިކުރުމުން، އަންނަ އަދަދު %5.3 (ތިނެއް ޕޮއިންޓް ފަހެއް އިންސައްތަ) އަށްވުރެ މަތިވެގެން ނުވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގައުމުގެ އިގްތިސާދީ ހާލަތަށާއި، އެ އިރެއްގައި ދަރަނި ނެގެންހުރި މާކެޓް ރޭޓަށާއި، އެ ދަރަނި ނަގައިގެން ހާސިލުކުރަން ބޭނުންވާ މަގުސަދަށާއި، އެ ދަރަނި ނެގުމުގެ މުހިންމުކަން ފަދަ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، ގާނޫނު ނަންބަރު 2013-07 (ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު) އާ ހިލާފުނުވާ ގޮތެއްގެ މަތީން، މިނިސްޓަރުގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު، މި މާއްދާގެ (ނ) ގައިވާ ށަރުތު އިސްތިސްނާ ކުރެވިދާނެއެވެ.
(ބ) މި އުސޫލުގެ ދަށުން އަމިއްލަ ފަރުދުންނަކަށް ގެރެންޓީ ދުލެއް ނުކުރެވޭނެއެވެ.
4 ވަނަ މާއްދާ - ގެރެންޓީއަށް އެދިހުށަހަޅާނޭ ގޮތް
ގެރެންޓީއަށް އެދި ހުށަހަޅާނީ، ގެރެންޓީ އެޕްލިކޭށަން ފޯމު މެދުވެރިކޮށް، މިނިސްޓްރީއަށެވެ. އަދި އެ ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ. ގެރެންޓީ އެޕްލިކޭށަން ފޯމު، މިނިސްޓްރީގެ ވެބްސައިޓް (www.finance.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ފޯމުގައި،ގެރެންޓީއަށް އެދި ހުށަހަޅާއިރު ހިމަނަންޖެހޭ ހުރިހާ ލިޔުންތަކުގެ ތަފުސީލު އެނގެން އޮންނާނެއެވެ.
5 ވަނަ މާއްދާ - ގެރެންޓީއަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
(ހ) މި އުސޫލުގެ ދަށުން ގެރެންޓީއަށް އެދި ހުށަހަޅާއިރު، ހުށަހަޅާ ފަރާތަކީ ދިވެހިރާއްޖޭގައި ވިޔަފާރިކުރަން ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ރީ-ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއް ނަމަ، ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ނަމަ، ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ސަބްސިޑިއަރީއެއް ނަމަ، އަންނަނިވި މައުލޫމާތާއި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. ގެރެންޓީއަށް އެދި ހުށަހެޅުނުކަމަށް ބެލެވޭނީ، މި އުސޫލުގައިވާ ގޮތުގެ މަތީން ތިރީގައިވާ މައުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަކޮށް،ގެރެންޓީ އެޕްލިކޭށަން ފޯމު ހުށަހެޅުމުންނެވެ.
- ކުންފުނީގެ ތައާރަފާއި، ކުންފުނީގެ ހިއްސާ ބެހިފައިވާ ގޮތުގެ ތަފުސީލާއި، އޯގަނައިޒޭށަނަލް ސްޓްރަކްޗަރއާއި، މެނޭޖްމަންޓް ޓީމާއި، ގެރެންޓީއާއެކު ހިންގުމަށް ހުށަހަޅައިފައިވާ މަށްރޫއު ރޭވުމުގައްޔާއި ހިންގުމުގައި ނުވަތަ މާލީ މުއާމަލާތް ކުރުމުގައި އިސްވެ ހަރަކާތްތެރިވާނެ ފަރާތްތަކުގެ މައުލޫމާތު؛
- ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ؛
- ކުންފުނީގެ ބޯޑު ރިޒޮލިއުށަން؛ މި ރިޒޮލިއުށަނުގައި، ގެރެންޓީއަކަށް އެދި ހުށަހަޅަން ނިންމުނުކަމާއި، ގެރެންޓީއަށް އެދި ހުށަހަޅާ ސަބަބާއި، ގެރެންޓީގެ ބޭނުމާއި، މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ކުންފުނިން އަމަލު ކުރާނޭކަމަށް އެއްބަސްވެފައި އޮންނަންވާނެއެވެ.
- މަށްރޫއާ ގުޅިގެން ނުވަތަ މާލީ މުއާމަލާތާ ގުޅިގެން ހަދައިފައިވާ ޕްލޭން؛ މި ޕްލޭނުގައި، މަށްރޫއު ނުވަތަ މާލީ މުއާމަލާތް ހިމަނައިފައިވާ ކުންފުނީގެ ފައިނޭންށަލް ފޯކާސްޓާއި، މަށްރޫއު ނުވަތަ މާލީ މުއާމަލާތް ނުހިމަނައި ކުންފުނީގެ ފައިނޭންށަލް ފޯކާސްޓް ހިމަނައިފައި އޮންނަންވާނެއެވެ.)؛
- ގެރެންޓީއަށް އެދި ހުށަހަޅާ ކުންފުނީގެ ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ އޮޑިޓްކުރެވިފައިވާ މާލީ ބަޔާން. އަދި 3 (ތިނެއް) އަހަރުދުވަސްނުވާ ކުންފުންޏެއްނަމަ، ފާއިތުވި ދުވަސްތަކުގެ އޮޑިޓްކުރެވިފައިވާ މާލީ ބަޔާން؛
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ 30 (ތިރީސް) ދުވަސް ހަމަނުވާ "ޓެކްސް ކްލިއަރަންސް ރިޕޯޓް"؛
- ގެރެންޓީއަށް އެދި ހުށަހަޅާ ކުންފުނިން އެއްވެސް މާލީ އިދާރާއަކަށް ދައްކަންޖެހޭފައިސާއެއް އޮތްނަމަ، އެ މައުލޫމާތު؛
- ގެރެންޓީއަށް އެދި ހުށަހަޅާ ކުންފުނިން އެއްވެސް ށަރުއީ ހުކުމަކާ ނުވަތަދަރަންޏަކާ ގުޅިގެން އެއްވެސް ފަރާތަކަށް ފައިސާ ދައްކަން ޖެހިފައިވާނަމަ، އެ ކަމާބެހޭ މައުލޫމާތު؛
- ގެރެންޓީ ކޮށްދިނުމަށް އެދި ހުށަހަޅާ ދަރަނީގެ ޓާރމް ށީޓާއި، ދަރަނީގެ ޑްރާފްޓް އެއްބަސްވުމާއި، ހިންގަން ގަސްތުކުރާ މަށްރޫއާބެހޭ ނުވަތަ މާލީ މުއާމަލާތާބެހޭ އެންމެހައި ލިޔެކިޔުން؛
- ކުންފުނީގެ އެ ހިނދަށް ނަގައި އަދާކޮށް ނިމިފައިނުވާ ދަރަންޏެއް ނުވަތަ އެނޫންވެސް އެފަދަ މާލީ އެކްސްޕޯށަރއެއް ވާނަމަ، އެ މުއާމަލާތަށް ކޮށްފައިވާ ރަހުނާއި އެހެނިހެން ސެކިއުރިޓީ ހިމެނޭގޮތަށް، އެ މުއާމަލާތަކާބެހޭ ފުރިހަމަ މައުލޫމާތު؛
- ގެރެންޓީއަށް އެދި ހުށަހަޅާ ކުންފުނީގެ ފަރާތުން ސަރުކާރުގެ އެއްވެސް އިދާރާއަކަށް، ނުވަތަ މާލީ އިދާރާއަކަށް، ނުވަތަ އެއްވެސް ށަރުއީ ހުކުމަކާ ނުވަތަ ދަރަންޏަކާ ގުޅިގެން އެއްވެސް ފަރާތަކަށް ފައިސާއެއް ދައްކަންޖެހޭނަމަ، އެ ފައިސާ ދައްކާނޭ ގޮތަކާމެދު އެއްބަސްވެވިފައިވާކަން އެނގޭ ކުންފުނީގެ ބޯޑު ރިޒޮލިޔުށަން؛
- ގެރެންޓީއަށް އެދި ހުށަހަޅައިފައިވަނީ މަށްރޫއެއް ހިންގުމަށް ނަގާ ދަރަންޏަކާ ގުޅިގެންނަމަ، މި އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަށްރޫއުގެ ފީޒިބިލިޓީ ސްޓަޑީ؛
- މި އުސޫލުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަރަންޏާބެހޭ މައުލޫމާތު ހިމެނޭ ލިޔުންތައް؛
- މި މާއްދާގައި ލިސްޓުކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރުން ވެސް، މިނިސްޓްރީން ހުށަހަޅަން އަންގާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތައް.
(ށ) މި އުސޫލުގެ ދަށުން ގެރެންޓީއަށް އެދި ހުށަހަޅާ ފަރާތަކީ ދައުލަތުގެ މުސްތަގިއްލު މުއައްސަސާއެއް ނަމަ، ނުވަތަ ކައުންސިލެއް ނަމަ، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. ގެރެންޓީއަށް އެދި ހުށަހެޅުނުކަމަށް ބެލެވޭނީ، މި އުސޫލުގައިވާ ގޮތުގެ މަތީން އަންނަނިވި މައުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަކޮށް ގެރެންޓީ އެޕްލިކޭށަން ފޯމު ހުށަހެޅުމުންނެވެ.
- ދައުލަތުގެ މުސްތަގިއްލު މުއައްސަސާގެ ނުވަތަ ކައުންސިލުގެ އޯގަނައިޒޭށަނަލް ސްޓްރަކްޗަރއާއި، މެނޭޖްމަންޓް ޓީމާއި، ގެރެންޓީއާއެކު ކުރިޔަށް ގެންދިޔުމަށް ހުށަހަޅައިފައިވާ މަށްރޫއު ރޭވުމުގައްޔާއި ހިންގުމުގައި ނުވަތަ މާލީ މުއާމަލާތް ކުރުމުގައި އިސްވެ ހަރަކާތްތެރިވާނެ ފަރާތްތަކުގެ މައުލޫމާތު؛
- ދައުލަތުގެ މުސްތަގިއްލު މުއައްސަސާގެ ނުވަތަ ކައުންސިލުގެ ނިންމުން ؛ މި ލިޔުމުގައި، ގެރެންޓީއަކަށް އެދި ހުށަހަޅަން ނިންމުނުކަމާއި، ގެރެންޓީއަށް އެދި ހުށަހަޅާ ސަބަބާއި، ގެރެންޓީގެ ބޭނުން ހިމެނިފައިވުމުގެ އިތުރުން، ދައުލަތުގެ މުސްތަގިއްލު މުއައްސަސާއިން ނުވަތަ ކައުންސިލުން މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އަމަލު ކުރާނޭކަމަށް އެއްބަސްވެފައި އޮންނަންވާނެއެވެ.
- މަށްރޫއާ ގުޅިގެން ނުވަތަ މާލީ މުއާމަލާތާ ގުޅިގެން ހަދައިފައިވާ ޕްލޭން؛ (މި ޕްލޭނުގައި، މަށްރޫއު ނުވަތަ މާލީ މުއާމަލާތް ހިމަނައިގެން ހަދައިފައިވާ ދައުލަތުގެ މުސްތަގިއްލު މުއައްސަސާގެ ނުވަތަ ކައުންސިލުގެ ފައިނޭންށަލް ފޯކާސްޓާއި، މަށްރޫއު ނުވަތަ މާލީ މުއާމަލާތް ނުހިމަނައި ހަދައިފައިވާ ދައުލަތުގެ މުސްތަގިއްލު މުއައްސަސާގެ ނުވަތަ ކައުންސިލުގެ ފައިނޭންށަލް ފޯކާސްޓް ހިމަނައިފައި އޮންނަންވާނެއެވެ.)
- ގެރެންޓީއަށް އެދި ހުށަހަޅާ ދައުލަތުގެ މުސްތަގިއްލު މުއައްސަސާގެ ނުވަތަ ކައުންސިލުގެ ވޭތުވެދިޔަ 3 (ތިނެއް) އަހަރުގެ އޮޑިޓްކުރެވިފައިވާ މާލީ ބަޔާން؛ އަދި 3 (ތިނެއް) އަހަރުނުވާ ފަރާތެއްނަމަ، ފާއިތުވި ދުވަސްތަކުގެ އޮޑިޓްކުރެވިފައިވާ މާލީ ބަޔާން؛
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ 30 (ތިރީސް) ދުވަސް ހަމަނުވާ "ޓެކްސް ކްލިއަރަންސް ރިޕޯޓް"؛
- ގެރެންޓީއަށް އެދި ހުށަހަޅާ ދައުލަތުގެ މުސްތަގިއްލު މުއައްސަސާއިން ނުވަތަ ކައުންސިލުން، މާލީ އެއްވެސް އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް އޮތް ނަމަ، އެ މައުލޫމާތު؛
- ގެރެންޓީއަށް އެދި ހުށަހަޅާ ދައުލަތުގެ މުސްތަގިއްލު މުއައްސަސާއިން ނުވަތަ ކައުންސިލުން އެއްވެސް ށަރުއީ ހުކުމަކާ ގުޅިގެން ނުވަތަ ދަރަންޏަކާ ގުޅިގެންއެއްވެސް ފަރާތަކަށް ފައިސާ ދައްކަންޖެހިފައިވާނަމަ، އެކަމާބެހޭ މައުލޫމާތު؛
- ގެރެންޓީ ކޮށްދިނުމަށް އެދި ހުށަހަޅާ ދަރަނީގެ ޓާރމް ށީޓާއި، ދަރަނީގެ ޑްރާފްޓް އެއްބަސްވުމާއި، ހިންގަން ގަސްތުކުރާ މަށްރޫއު ނުވަތަ މާލީ މުއާމަލާތާބެހޭ އެންމެހައި ލިޔެކިޔުން؛
- ދައުލަތުގެ މުސްތަގިއްލު މުއައްސަސާއިން ނުވަތަ ކައުންސިލުން އެ ހިނދަށް ނަގައި އަދާކޮށް ނިމިފައިނުވާ ދަރަންޏެއް ނުވަތަ އެނޫންވެސް އެފަދަ މާލީ އެކްސްޕޯޒަރއެއް ވާނަމަ، އެ މުއާމަލާތަށްކޮށްފައިވާ ރަހުނާއި އެހެނިހެން ސެކިއުރިޓީ ހިމެނޭގޮތަށް، އެ މުއާމަލާތަކާބެހޭ ފުރިހަމަ މައުލޫމާތު؛
- ގެރެންޓީއަށް އެދި ހުށަހަޅާ ދައުލަތުގެ މުސްތަގިއްލު މުއައްސަސާއިން ނުވަތަ ކައުންސިލުން ސަރުކާރުގެ އެއްވެސް އިދާރާއަކަށް، ނުވަތަ މާލީ އިދާރާއަކަށް، ނުވަތަ ށަރުއީ އެއްވެސް ހުކުމަކާ ގުޅިގެން ނުވަތަ ދަރަންޏަކާ ގުޅިގެން އެއްވެސް ފަރާތަކަށް ފައިސާއެއް ދައްކަންޖެހޭނަމަ، އެ ފައިސާ ދައްކާނޭ ގޮތަކާމެދު އެއްބަސްވެވިފައިވާކަން އެނގޭ ދައުލަތުގެ މުސްތަގިއްލު މުއައްސަސާގެ ނުވަތަ ކައުންސިލުގެ ނިންމުން؛
- ގެރެންޓީއަށް އެދި ހުށަހަޅައިފައިވަނީ މަށްރޫއެއް ހިންގުމަށް ނަގާ ދަރަންޏަކާ ގުޅިގެންނަމަ، މި އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފީޒިބިލިޓީ ސްޓަޑީ؛
- މި އުސޫލުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަރަންޏާބެހޭ މައުލޫމާތު ހިމެނޭ ލިޔުންތައް؛
- މި މާއްދާގައި ލިސްޓުކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރުންވެސް، މިނިސްޓްރީން ހުށަހަޅަން އަންގާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތައް.
6 ވަނަ މާއްދާ - ގެރެންޓީ ދޫނުކުރެވޭނޭ ފަރާތްތައް
(ހ) އަންނަނިވި ފަރާތްތަކަށް، މި އުސޫލުގެ ދަށުން ގެރެންޓީއެއް ދުލެއް ނުކުރެވޭނެއެވެ.
- ގެރެންޓީއަށް އެދި ހުށަހަޅާ ފަރާތްތަކުން ސަރުކާރުގެ އެއްވެސް އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް ދައްކަންޖެހޭ އުސޫލުން ނުދައްކާ އޮވެފައި، އެ ފައިސާއެއް ދައްކާނެ ގޮތަކާމެދު އެއްބަސްވުމަކަށް އާދެވިފައިނުވާ ފަރާތްތައް؛
- ގެރެންޓީއަށް އެދި ހުށަހަޅާ ފަރާތްތަކުން މާލީ އެއްވެސް އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް ދައްކަންޖެހޭ އުސޫލުން ނުދައްކައި އޮވެފައި، އެ ފައިސާއެއް ދައްކާނެ ގޮތަކާމެދު އެއްބަސްވުމަކަށް އާދެވިފައިނުވާ ފަރާތްތައް؛
- ގެރެންޓީއަށް އެދި ހުށަހަޅާ ފަރާތްތަކުން އެއްވެސް ށަރުއީ ހުކުމަކާ ނުވަތަ ދަރަންޏަކާ ގުޅިގެން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ފައިސާއެއް ދައްކަންޖެހޭ އުސޫލުން ނުދައްކައި އޮވެފައި، އެ ފައިސާއެއް ދައްކާނެ ގޮތަކާމެދު އެއްބަސްވުމަކަށް އާދެވިފައިނުވާ ފަރާތްތައް.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގައުމުގެ އިގްތިސާދީ ހާލަތަށާއި، އެ އިރެއްގައި ދަރަނި ނެގެންހުރި މާކެޓް ރޭޓަށާއި، އެ ދަރަނި ނަގައިގެން ހާސިލުކުރަން ބޭނުންވާ މަގުސަދަށާއި، އެ ދަރަނި ނެގުމުގެ މުހިންމުކަން ފަދަ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، މިނިސްޓަރުގެ ހުއްދަޔާއެކު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް މި އުސޫލުގެ ދަށުން ގެރެންޓީ ދޫކުރެވިދާނެއެވެ.
7 ވަނަ މާއްދާ - ކޮށްގެންނުވާނޭ ކަންކަން
މި އުސޫލުގެ ދަށުން ދައުލަތުގެ ނަމުގައި ގެރެންޓީއެއް ދޫކޮށްފައިވާ ފަރާތަކުން މިނިސްޓްރީއަށް ލިޔުމުން އަންގައި، މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ އަންނަނިވި ކަންކަން ކޮށްގެންނުވާނެއެވެ.
(ހ) އެއްވެސް ފަރާތަކުން ނުވަތަ އެއްވެސް ބޭނުމަކު، ދަރަންޏަށް އިތުރަށް ފައިސާ ނެގުން؛
(ށ) ކުންފުނި ނުވަތަ ދައުލަތުގެ މުސްތަގިއްލު މުއައްސަސާ ނުވަތަ ކައުންސިލުގެ އެސެޓާއި ސެކިއުރިޓީތައް، އިތުރު އެއްވެސް ދަރަންޏެއް ނުވަތަ ގެރެންޓީއެއް ހޯދުމަށް ރަހުނުކުރުން؛
(ނ) ކުންފުނި ނުވަތަ ދައުލަތުގެ މުސްތަގިއްލު މުއައްސަސާ ނުވަތަ ކައުންސިލުގެ ގެރެންޓީގެ ދަށުން ސެކިއުރިޓައިޒްކޮށްފައިވާ އެސެޓެއް ނައްތައިލުން؛ ނުވަތަ
(ރ) ކުންފުނީގެ ހިއްސާ އެހެން ފަރާތަކަށް ބަދަލުކުރުން ނުވަތަ ޑައިވެސްޓްކުރުން.
8 ވަނަ މާއްދާ - މަށްރޫއުގެ ފީޒިބިލިޓީ ސްޓަޑީ
މި އުސޫލުގެ ދަށުން ގެރެންޓީއަކަށް އެދި ހުށަހަޅާއިރު، އަންނަނިވި މައުލޫމާތު ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ މަށްރޫއުގެ ފީޒިބިލިޓީ ސްޓަޑީ ނުވަތަ ރިޕޯޓު ހުށަހަޅަންވާނެއެވެ. މި ފީޒިބިލިޓީ ސްޓަޑީ ނުވަތަ ރިޕޯޓު ހެދުމަށް ޓަކައި ޕްރޮޖެކްޓް އެސެސްމަންޓް ހަދަންވާނީ، އެކަމަށް ގާބިލު، މިނިވަން ފަރާތެއް މެދުވެރިކޮށެވެ.
(ހ) މަށްރޫއާބެހޭ ތަފުސީލު (މަށްރޫއުގެ ތަފުސީލު ޑިޒައިނާއި ބިލް އޮފް ކުއަންޓިޓީ ހިމެނޭ ގޮތަށް)؛
(ށ) މަށްރޫއުގެ ސަބަބުން އެސެޓް ވެލިއު އިތުރުވެގެންދާ މިންވަރު؛
(ނ) މަށްރޫއުގެ ސަބަބުން އެ ރަށަށް ނުވަތަ އެ އަތޮޅަށް ނުވަތަ ސިޓީއާއި ގައުމަށް އިގްތިސާދީގޮތުންނާއި އިޖުތިމާއީގޮތުން ކުރާނެ އަސަރު؛ މީގެ ތެރޭގައި، ތިރީގައިވާ ކަންކަން ހިމެނިފައި ހުންނަންވާނެއެވެ.
- މަށްރޫއުގެ ސަބަބުން ގައުމުގެ އިގްތިސާދީ ދުވެއްޔަށާއި، ތަރައްގީއަށް ކުރާނެ އަސަރު؛
- މަށްރޫއުގެ ސަބަބުން ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެ މިންވަރާއި، ދިވެހިންނަށާއި ބޭރުގެ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ބެހިގެންދާނެ ގޮތް؛
- މަށްރޫއުގެ ސަބަބުން އެކްސްޕޯޓް އިމްޕޯޓަށް އަންނާނޭ ބަދަލާއި، ބޭރު ފައިސާ އިތުރުވެގެންދާނެ މިންވަރު؛
- މަށްރޫއުގެ ސަބަބުން ގައުމުގެ އުމްރާނީ ތަރައްގީއާއި، އެހެނިހެން ހިދުމަތްތައް ފުޅާވެގެންދާނެ މިންވަރު؛
- މަށްރޫއު ހިންގޭ ދާއިރާ ފުޅާވެގެންދާނެ މިންވަރާއި، މަށްރޫއު ހިންގޭ ސަރަހައްދާއި އަތޮޅަށާއި ވަކިވަކި ރަށްތަކަށް ފައިދާ ބެހިގެންދާނޭ ގޮތުގެ ތަފުސީލު؛
- މަށްރޫއުގެ ސަބަބުން ރައްޔިތުންގެ ފުދުންތެރިކަމަށް އަންނާނޭ ބަދަލު؛
(ރ) މަށްރޫއު ހިންގޭ މުއްދަތަށް ކުންފުނީގެ ނުވަތަ ދައުލަތުގެ މުސްތަގިއްލު މުއައްސަސާގެ ނުވަތަ ކައުންސިލުގެ ފައިނޭންށަލް ފޯކާސްޓްތަކާއި، މަށްރޫއާމެދު ހަދައިފައިވާ މުހިންމު އެސަމްޕްށަންތަކުގެ ތަފުސީލު. މީގެ ތެރޭގައި، ޕްރޮފިޓް އެންޑް ލޮސް ސްޓޭޓްމަންޓާއި، ކޭށް ފްލޯ ސްޓޭޓްމަންޓާއި، ފޯކާސްޓަޑް ފައިނޭންށަލް ޕޮޒިށަން ހިމަނަންވާނެއެވެ. އަދި މި މުއްދަތަށް ފައިނޭންށަލް ރޭށިއޯތަކާއި ، މި ރޭށިއޯތަކުގެ ސެންސިޓިވިޓީ އެނާލިސިސް ހިމަނަންވާނެއެވެ. ދަރަނި ނެގުމުގެ ސަބަބުން ކުންފުންޏަށް ނުވަތަ ދައުލަތުގެ މުސްތަގިއްލު މުއައްސަސާއަށް ނުވަތަ ކައުންސިލަށް ކުރާނެ އަސަރު،ފައިނޭންށަލް ފޯކަސްޓްތަކުގައި ހިމަނަންވާނެއެވެ.
9 ވަނަ މާއްދާ - ގެރެންޓީކުރުމަށް އެދި ހުށަހަޅާ ދަރަނީގެ މައުލޫމާތު
(ހ) މި އުސޫލުގެ ދަށުން ގެރެންޓީއަކަށް އެދި ހުށަހަޅާއިރު، ގެރެންޓީކޮށްދިނުމަށް އެދޭ ދަރަންޏާ ބެހޭ އަންނަނިވި މައުލޫމާތު ހިމެނޭގޮތަށް ލިޔުންތައް ހުށަހަޅަންވާނެއެވެ.
- ދަރަނި ދޫކުރާ ފައިނޭންށަލް އިންސްޓިޓިއުށަނުގެ ތަފުސީލާއި، އެ ފަރާތުން ދޭ ހިދުމަތްތަކާބެހޭ މައުލޫމާތު؛
- ގެރެންޓީ ކުރެވޭ ދަރަނީގެ ޓާރމްސް (ދަރަނީގެ އަދަދު، ފައިސާގެ ބާވަތާއި، އިންޓަރެސްޓާއި، މެޗުރިޓީއާއި، ގްރޭސް ޕީރިއަޑާއި، އެހެނިހެން ފީ ނުވަތަ ފުރިހަމަކުރަންޖެހޭ ށަރުތުތައް)؛
- ދަރަނި ޑިސްބަރސްކުރުމަށް ރާވައިފައިވާ ގޮތުގެ ށެޑިއުލާއި، ރީޕޭމަންޓް ޕްލޭން؛
- ދަރަނީގެ ޑްރާފްޓް އެއްބަސްވުން؛
- ދަރަންޏަށް ސެކިއުރިޓީއެއް ހުށަހަޅާނަމަ، ހުށަހަޅާ ސެކިއުރިޓީގެ ތަފުސީލާއި ޑްރާފްޓް ސެކިއުރިޓީ އެއްބަސްވުން (ސެކިއުރިޓީގެ ވެރިފަރާތާއި، ސެކިއުރިޓީގެ އަގާއި، އަގުކޮށްފައިވާ ގޮތުގެ ތަފުސީލާއި، އަގުކޮށްފައިވާ ފަރާތް އެނގޭނޭ ގޮތަށް ހިމަނަންވާނެއެވެ.)؛
- ވަކި ފައިނޭންށަލް އިންސްޓިޓިއުށަނަކާއެކު ދަރަނީގެ މުއާމަލާތް ކުރިޔަށް ގެންދިއުމަށް ނިންމައިފައިވާ ސަބަބާއި، މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި، ދަރަނި ނެގުމަށް އެންމެ ލުއި ފަސޭހަ ފައިނޭންސިންގ ދޭނެ ފަރާތެއް ހޯދުމަށް ޓަކައި އެކި ފަރާތްތަކާއެކު ގެރެންޓީއަށް އެދި ހުށަހަޅާ ފަރާތުން ކޮށްފައިވާ މުއާމަލާތްތަކުގެ ތަފުސީލު.
(ށ) ގެރެންޓީއަކަށް އެދި ހުށަހަޅާ ދަރަނީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ހުއްދަ ސަރުކާރުން ދިނުމުން މެނުވީ، ގެރެންޓީ ދޫކުރެވޭނެކަމަށް ބަޔާންކޮށްފައިވާ ދަރަނީގެ އެއްބަސްވުމެއްގައި ސޮއިކޮށްގެން ނުވާނެއެވެ.
10 ވަނަ މާއްދާ - ގެރެންޓީ ދެވޭ ލިމިޓް
(ހ) ދައުލަތުގެ މުސްތަގިއްލު މުއައްސަސާއެއް ނުވަތަ ކައުންސިލެއް ނަމަ، ގެރެންޓީ ދޫކުރުމުގައި ލިމިޓް ކަނޑައަޅާނީ، އެ ފަރާތެއްގެ ކްރެޑިޓް ރިސްކާއި، ދަރަނި ނަގައިގެން ހިންގަން ކަނޑައަޅައިފައިވާ މަށްރޫއުގެ ފީޒިބިލިޓީ ނުވަތަ މާލީ މުއާމަލާތުގެ މުހިންމުކަމަށް ބެލުމަށްފަހުގައެވެ. މީގެ އިތުރުން، ގައުމުގެ އިގްތިސާދީ ހާލަތަށާއި،ސަރުކާރުގެ މާލީ ފުދުންތެރިކަން ހުރި މިންވަރަށާއި، ގެރެންޓީ ދޫކުރުމުން ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރަށް ބެލެވޭނެއެވެ. އަދި ގެރެންޓީ ދިނުމުން ސަރުކާރަށް ކުރިމަތިވާ ރިސްކް މާ ބޮޑުކަމަށް ފެންނަނަމަ، ގެރެންޓީއަށް އިތުރު ސެކިއުރިޓީއެއް ހުށަހެޅުމަށް ށަރުތު ކުރެވިދާނެއެވެ.
(ށ) ސަރުކާރު ހިއްސާވާ ކުންފުންޏެއް ނަމަ، ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ސަބްސިޑިއަރީއެއް ނަމަ، ވަކިވަކި ގެރެންޓީ ދޫކުރުމުގައި ލިމިޓް ކަނޑައަޅާނީ، ގެރެންޓީ ކޮށްދެވޭ ކުންފުނީގައި ސަރުކާރުގެ ހިއްސާ އޮތް މިންވަރަށާއި، ކުންފުނީގެ ކްރެޑިޓް ރިސްކާއި ދަރަނި ނަގައިގެން ހިންގަން ކަނޑައަޅައިފައިވާ މަށްރޫއުގެ ފީޒިބިލިޓީ ނުވަތަ މާލީ މުއާމަލާތުގެ މުހިންމުކަމަށް ބެލުމަށްފަހުގައެވެ. މީގެ އިތުރުން، ގައުމުގެ އިގްތިސާދީ ހާލަތަށާއި، ސަރުކާރުގެ މާލީ ފުދުންތެރިކަން ހުރި މިންވަރަށާއި، ގެރެންޓީ ދޫކުރުމުން ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރަށް ބެލެވޭނެއެވެ. އަދި ގެރެންޓީ ދިނުމުން ސަރުކާރަށް ކުރިމަތިވާ ރިސްކް މާ ބޮޑުކަމަށް ފެންނަނަމަ، ގެރެންޓީއަށް އިތުރު ސެކިއުރިޓީއެއް ހުށަހެޅުމަށް ށަރުތު ކުރެވިދާނެއެވެ.
(ނ) ސަރުކާރުގެ ހިއްސާ ނުހިމެނޭ ކުންފުންޏެއް ނަމަ، ގެރެންޓީ ދޫކުރުމުގައި ލިމިޓް ކަނޑައަޅާނީ، ކުންފުނީގެ ކްރެޑިޓް ރިސްކާއި ދަރަނި ނަގައިގެން ހިންގުމަށް ކަނޑައަޅައިފައިވާ މަށްރޫއުގެ ފީޒިބިލިޓީއަށް ބެލުމަށްފަހުގައެވެ. މީގެ އިތުރުން، ގައުމުގެ އިގްތިސާދީ ހާލަތަށާއި، ސަރުކާރުގެ މާލީ ފުދުންތެރިކަން ހުރި މިންވަރަށާއި، ގެރެންޓީ ދޫކުރުމުން ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރަށް ބެލެވޭނެއެވެ.
(ރ) ސަރުކާރު ހިއްސާ ނުހިމެނޭ ކުންފުންޏެއް ނަމަ، ގެރެންޓީ ދޫކުރުމުގައި އަމަލުކުރަންވާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
- ކޮމިޓްމަންޓް ފީއާއި، މެނޭޖްމަންޓް ފީއާއި، ގެރެންޓީ ދޫކުރާ ތާރީހުގައި ދަރަނީގެ އިންޓްރެސްޓަށް އަރާނޭކަމަށް އަންދާޒާކުރެވޭ އަދަދާއި، އެހެނިހެން ހަރަދު ހިމެނޭގޮތަށް ދަރަނީގެ ޖުމުލަ އަދަދު (ޓޯޓަލް ކޮސްޓް އޮފް ބޮރޮވިންގ) ގެ %100 (ސައްތައިން ސައްތަ) އާ އެއްވަރުގެ އެސެޓެއް ސަރުކާރަށް ރަހުނުކުރަންވާނެއެވެ. މިގޮތުން ރަހުނުކުރެވޭ އެސެޓަކީ ސަރުކާރަށް ކުރިމަތިވާ ރިސްކާ އެއްވަރުގެ ސެކިއުރިޓީއެއްކަން މިނިސްޓްރީން ޔަގީންކުރަންވާނެއެވެ.
- ދަރަނިން އުފައްދާ ނުވަތަ ތަރައްގީކުރާ އެސެޓް، ކޮލެޓަރަލްގެ ގޮތުގައި ސަރުކާރަށް ރަހުނުކުރަންވާނެއެވެ.
- ދަރަނިން އުފައްދާ ނުވަތަ ތަރައްގީކުރާ އެސެޓް ތަރައްގީކޮށް ނިމުމުން،އެ އެސެޓުގެ އަގު ސަރުކާރުން ބެލުމަށްފަހު، ރަހުނުކޮށްފައިވާ އެސެޓުގެ އަގު، ދަރަނީގެ ޖުމުލަ އަދަދުގެ %100 (ސައްތައިން ސައްތަ) ގައި ދަމަހައްޓަންވާނެއެވެ. މި ގޮތުން، ރަހުނުކޮށްފައިވާ އެސެޓެއް ދޫކޮށްލާނަމަ، އެ އެސެޓެއް ދޫކޮށްލުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ވެލުއޭށަން ތައްޔާރުކުރުމަށް ހިނގާ ހަރަދަކީ، ގެރެންޓީ ދެވިފައިވާ ކުންފުނިން ޒިންމާވާންޖެހޭ ހަރަދެކެވެ.
- ގެރެންޓީ ކޮށްދެވޭ ކުންފުނީގެ ކްރެޑިޓް ރިސްކަށް ބެލުމަށްފަހު، ސަރުކާރަށް ފެނިއްޖެ ހިނދެއްގައި، ދަރަނި އަނބުރާ ދެއްކުން ޔަގީންކުރުމުގެ ގޮތުން އެސްކްރޯ އެކައުންޓެއް ނުވަތަ ރިޒާވް އެކައުންޓެއް، ސަރުކާރުން ކަނޑައަޅާ ބޭންކެއްގައި ހުޅުވައި، އެ އެކައުންޓަށް ވަކި އަދަދަކަށް ފައިސާ ޖަމާކޮށްފައި ބެހެއްޓުމަށް ސަރުކާރަށް ށަރުތުކުރެވިދާނެއެވެ.
- އެ ކުންފުނީގެ ހިއްސާދާރުންގެ ޕާރސަނަލް ގެރެންޓީއެއް ސަރުކާރަށް ދޭންވާނެއެވެ.
11 ވަނަ މާއްދާ - ގެރެންޓީ ފީއާއި، އިވެލުއޭށަން ފީއާއި، އިދާރީ ފީއާއި، އެހެނިހެން ފީތައް
(ހ) ގެރެންޓީ ކޮށްދެވޭ ފަރާތުން ގެރެންޓީ ފީއެއްގެ ގޮތުގައި ގެރެންޓީ ކުރެވޭ އަދަދުގެ %1 (އެކެއް އިންސައްތަ) މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން މިނިސްޓްރީއަށް ދައްކަންވާނެއެވެ. މި ފީއަކީ، ގެރެންޓީގެ މުއްދަތުގައި އެންމެ ފަހަރަކު ދައްކަންޖެހޭ ފީއެކެވެ.
(ށ) ގެރެންޓީއަށް އެދި ހުށަހަޅާ ފަރާތުގެ ޑިއު ޑިލިޖެންސް ފުރިހަމަކުރުމަށާއި، އިދާރީ މަސައްކަތްތައް ކުރުމަށް ފީއެއްގެ ގޮތުގައި 170،000 (އެއްލައްކަ ހަތްދިހަ ހާސް) ދިވެހި ރުފިޔާ، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން މިނިސްޓްރީއަށް ދައްކަންވާނެއެވެ.
(ނ) މި އުސޫލުގެ 7 ވަނަ މާއްދާގެ ދަށުން ހިމެނިފައިވާ ކަމެއް ކުރުމުގެ ހުއްދައަށް ގެރެންޓީ ކޮށްދެވޭ ފަރާތަކުން އެދިއްޖެނަމަ، އެ ފަރާތުގެ އިވެލުއޭށަނެއް އަލުން ހެދޭނެއެވެ. މިގޮތުން ހެދޭ އިވެލުއޭށަނަށް ހިނގާ ހަރަދަކީ، ގެރެންޓީއަށް އެދި ހުށަހަޅާ ފަރާތުން ޒިންމާވާންޖެހޭނެ ހަރަދެކެވެ.
(ރ) ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމަށްފަހު، އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގެރެންޓީ ކޮށްދެވޭ ދަރަނީގެ %.025 (ސުމެއް ޕޮއިންޓް ދޭއް ފަހެއް) ކޮންމެ އަހަރަކު،ގެރެންޓީއަށް އެދި ހުށަހަޅާ ފަރާތުން، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން މިނިސްޓްރީއަށް ދައްކަންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން ދައްކާ އެއްވެސް ފީ އަކީ، ރީފަންޑް ކޮށްދެވޭނެ ފީއެއް ނޫނެވެ.
(ޅ) މި މާއްދާގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން، ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބްސިޑިއަރީތަކުން، ނުވަތަ ދައުލަތުގެ މުސްތަގިއްލު މުއައްސަސާތަކުން،ނުވަތަ ކައުންސިލްތަކުން ނަގާ ފީތަކަށް ބަދަލު ގެނައުމުގެ އިހުތިޔާރު، މިނިސްޓަރަށް ލިބިގެންވެއެވެ.
12 ވަނަ މާއްދާ - ގެރެންޓީގެ ލިޔުމާއި އެއްބަސްވުން
(ހ) މި އުސޫލުގެ ދަށުން، ގެރެންޓީއަށް އެދި ހުށަހަޅާ ފަރާތާއި ދިވެހި ސަރުކާރާ ދެމެދު، ގެރެންޓީ ދޫކުރުމާބެހޭ ގޮތުން އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ. މި އެއްބަސްވުމުގައި، ގެރެންޓީ ދޫކުރުމާއި، ގެރެންޓީ ދިނުމާ ގުޅޭގޮތުން ކަނޑައެޅިފައިވާ އެންމެހައި ށަރުތުތަކާއި، އުސޫލުތަކާއި، ދެފަރާތުން އަމަލުކުރަންޖެހޭ ގޮތުގެ ތަފުސީލުތައް ހިމެނިފައި ހުންނަންވާނެއެވެ.
(ށ) ދައުލަތުގެ ނަމުގައި ދޫކުރާ ހުރިހާ ގެރެންޓީއެއް ވެސް އޮންނާނީ، ސްޓޭންޑަރޑް ފޯމެޓަކަށެވެ. އަދި، މި ފޯމެޓް ވާންވާނީ، އެޓަރނީ ޖެނެރަލްގެ އޮފީހުން ފާސްކޮށްފައިވާ ގެރެންޓީގެ ލިޔުމަކަށެވެ.
(ނ) ގެރެންޓީ ދޫކުރެވޭނީ، ގެރެންޓީ ކުރެވޭ ދަރަނީގެ މުއްދަތަށެވެ. އަދި މި މުއްދަތު ނިމޭ ތާރީހު، ގެރެންޓީގެ ލިޔުމުގައި ސާފުކޮށް ހިމަނައިފައި އޮންނަންވާނެއެވެ.
(ރ) ގެރެންޓީ ދޫކުރުމުގައި ސަރުކާރުން ށަރުތުކުރާ ކަންތައްތަކާއި ހަމަތައް، ގެރެންޓީގެ ލިޔުމުގައްޔާއި، ގެރެންޓީގެ އެއްބަސްވުމުގައްޔާއި، ދަރަނީގެ މުއާމަލާތާ ގުޅޭ ލިޔުންތަކުގައި ހިމެނުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
13 ވަނަ މާއްދާ - ގެރެންޓީ ދޫކުރުމާއި ގެރެންޓީގެ އާންމު އުސޫލުތައް
(ހ) ގެރެންޓީއަށް އެދި ހުށަހަޅައިފައިވާ މަށްރޫއަކަށް ނުވަތަ މުއާމަލާތަކަށް ގެރެންޓީ ދޫކުރެވޭނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގައިވާ އުސޫލުގެ މަތީންނެވެ.
(ށ) ގެރެންޓީ ދޫކުރުމާބެހޭ އެންމެހައި އިދާރީ ކަންކަން ބަލަހައްޓާނީ މިނިސްޓްރީންނެވެ. އަދި ގެރެންޓީއަށް އެދި ހުށަހަޅާ ފަރާތުން ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކާއި، ކަމާބެހޭ އެހެން ހުރިހާ ކަމެއް ބެލުމަށްފަހު، ގެރެންޓީ ދޫކުރުމަށް މިނިސްޓަރަށް ފެނިއްޖެނަމަ، ގެރެންޓީ ދޫކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދައަށް އެދި ފޮނުވަންވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ހުއްދަ ދީފިނަމަ، ގެރެންޓީގެ ލިޔުން ދޫކުރަންވާނެއެވެ. މިއިން އެއްވެސް މަރުހަލާއެއްގައި ގެރެންޓީ ދޫކުރުމަށް ނުފެންނަކަމަށް ނިންމާނަމަ، ގެރެންޓީއަށް އެދި ހުށަހެޅި ފަރާތަށް، އެގޮތަށް ނިންމައިފައިވާ ސަބަބު، ލިޔުމުން އަންގަންވާނެއެވެ.
(ނ) ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރާ ދަރަންޏަށް، ދައުލަތުގެ ނަމުގައި ދޫކުރާ ގެރެންޓީގެ އިތުރުން، އެކަށީގެންވާ މިންވަރަށް ރަހުނެއް ނުވަތަ އެނޫންވެސް ސެކިޔުރިޓީއެއް ބަހައްޓައިފައިވާކަން މިނިސްޓްރީން ޔަގީންކުރަންވާނެއެވެ.
14 ވަނަ މާއްދާ - ގެރެންޓީ މޮނިޓަރ ކުރުން
ގެރެންޓީ ކޮށްދެވޭ ހުރިހާ ދަރަނިތައް ރިކޯޑުކޮށް، މޮނިޓަރކޮށް، ރިސްކް އެނަލިސިސް ހަދައި، ބަލަހައްޓަމުން ގެންދާނީ މިނިސްޓްރީންނެވެ. މި ޒިންމާ އަދާކުރުމަށް ޓަކައި، ގެރެންޓީ ކޮށްދެވޭ ފަރާތުން، އަންނަނިވި ކަންތައްތައް ފުރިހަމަކުރަންވާނެއެވެ.
(ހ) ގެރެންޓީ ކޮށްދެވޭ ފަރާތާއި، ގެރެންޓީ ދެވޭ ފަރާތުން ދަރަނީގެ އައުޓްސްޓޭންޑިންގ ބެލެންސާއި، ދަރަނި ސަރވިސް ކުރެވެމުންދާ ގޮތުގެ ތަފުސީލު، ގެރެންޓީ ކޮށްދެވޭ ފަރާތުން މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން މިނިސްޓްރީއަށް ހުށަހެޅުން؛
(ށ) ދައުލަތުގެ ނަމުގައި ގެރެންޓީ ކޮށްދީފައިވާ ދަރަނި ބޭނުންކޮށްގެން ހިންގާ މަށްރޫއުގެ ނުވަތަ މުއާމަލާތުގެ ސްޓޭޓަސް، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން މިނިސްޓްރީއަށް ހުށަހެޅުން؛
(ނ) މަތީގައިވާ ނަންބަރުތަކުގައި ހިމެނިފައި ނުވާ، މިނިސްޓްރީން އެދޭ އެހެނިހެން މައުލޫމާތު ، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން މިނިސްޓްރީއަށް ފޯރުކޮށްދިނުން.
15 ވަނަ މާއްދާ - ގެރެންޓީ ކޯލް ކުރުން
ގެރެންޓީ ކުރެވިފައިވާ ދަރަނި އަނބުރާ ދެއްކުމުގައި ދަތި ކަންތައްތަކެއް ކުރިމަތިވެއްޖެނަމަ، ސެކިއުރިޓީ ލިކުއިޑޭޓް ކުރުމުގެ މަރުހަލާ ފެށުމުގެ ކުރިން، ގެރެންޓީ ދެވޭ ފަރާތުންނާއި، ގެރެންޓީ ކޮށްދެވޭ ފަރާތުން ލަސްނުކޮށް އެކަން މިނިސްޓްރީއަށް އަންގަންވާނެއެވެ. މީގެ އިތުރުން، ގެރެންޓީ ކޯލް ކުރުމުން، ސަރުކާރުން ދައްކާ ފައިސާއަކީ ގެރެންޓީ ކޮށްދެވޭ ފަރާތާއި ސަރުކާރާ ދެމެދު އޮންނަ ދަރަންޏަކަށް ބަދަލުކުރެވޭނެއެވެ. އަދި މި ދަރަނި އަނބުރާ ދެއްކުމަށް ގެރެންޓީ ކޮށްދެވޭ ފަރާތާއި މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.
16 ވަނަ މާއްދާ - ގެރެންޓީތަކާބެހޭ މައުލޫމާތު އާންމުކުރުން
ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެރެންޓީތަކާބެހޭ މައުލޫމާތު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އާންމުކުރަންވާނެއެވެ.
17 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް، ތިރީގައި ދީފައިވާ މާނަކުރުމެވެ. މި އުސޫލުގައި އެހެން ގޮތަކަށް މާނަކޮށްދީފައި ނުވާހައި ހިނދަކު، އަދި މި އުސޫލުގައި އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި އުސޫލުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 52 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 1.02 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. މި އުސޫލުގެ ބޭނުމަށް އަންނަނިވި އިބާރާތްތަކަށް ދީފައިވަނީ ތިރީގައިވާ މާނައެވެ.
(ހ) "ދައުލަތުގެ މުސްތަގިއްލު މުއައްސަސާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން އުފައްދައިފައިވާ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގާނޫނު ހުއްދަކުރާ ގޮތުގެ މަތީން ހޯދުމާއި ލިބިގަތުމުގެ ހައްގު ލިބިގެންވާ، އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިގެންވާ، އަދި ވަކި ސިއްކައެއް އޮންނަ، މިނިވަން މުއައްސަސާއަކަށް ނިސްބަތްކޮށެވެ.
(ށ) "ގެރެންޓީ" ކަމަށް ބުނެފައި އެވަނީ، ދަރަންޏަށް ފައިސާ ނަގާ ފަރާތަށް އެ ދަރަނި ނުދެއްކިއްޖެ ހާލަތެއްގައި، ދައުލަތުން އެ ދަރަނި އަދާކޮށްދޭނޭ ކަމަށް ވެފައިވާ އެއްބަސްވުމަށެވެ.
(ނ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މިނިސްޓަރ އޮފް ފިނޭންސަށް ނިސްބަތްކޮށެވެ.
(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ފިނޭންސް ނުވަތަ ދައުލަތުގެ މާލީ ކަންކަން ހިންގައި ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އެ އިރެއްގައި ހަވާލުކޮށްފައިވާ މިނިސްޓްރީއަކަށެވެ.
(ބ) "ގެރެންޓީ ކޮށްދެވޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ގެރެންޓަރ އެ ފަރާތެއްގެ ދަރަނި އަނބުރާ ދައްކައިދޭން އެއްބަސްވާ ފަރާތަކަށް ނިސްބަތްކޮށެވެ.
(ޅ) "ގެރެންޓީ ދެވޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ގެރެންޓަރ އެ ފަރާތަކަށް ދަރަނި އަނބުރާ ދައްކައިދޭން އެއްބަސްވާ ފަރާތަކަށް ނިސްބަތްކޮށެވެ.
(ކ) "ގެރެންޓީ ކޯލް" ކަމަށް ބުނެފައި އެވަނީ، ގެރެންޓީ ދެވޭ ފަރާތުން، ގެރެންޓީ ކޮށްދެވޭ ފަރާތުގެ ބަދަލުގައި ދަރަނި އަނބުރާ ދެއްކުމަށް ދައުލަތަށް އަންގާ އެންގުމަށެވެ.
(އ) "އިފެކްޓިވް އިންޓަރެސްޓް ރޭޓް" ކަމަށް ބުނެފައި އެވަނީ، ދަރަނި އަނބުރާ ދެއްކުން ފިޔަވައި ދަރަންޏަށް ހިނގާ އިންޓަރެސްޓާއި އެހެނިހެން ހަރަދުތައް ހިމަނައިގެން ކަނޑައެޅޭ ރޭޓަށެވެ.
(ވ) "ވޭރިއަބަލް އިންޓަރެސްޓް" ކަމަށް ބުނެފައި އެވަނީ، ބޭންކްތަކުގެ މެދުގައި ދަރަނި ދޫކުރުމުގައި ބޭނުންކުރެވޭ ބެންޗްމާކް އިންޓަރެސްޓް ރޭޓަށް ބިނާކޮށް ކަނޑައެޅޭ ބަދަލުވަމުންދާ އިންޓަރެސްޓް ރޭޓަށެވެ. (މިސާލަކަށް، LIBOR ނުވަތަ SOFR)
(މ) "ތަރައްގީކުރާ އެސެޓް" ކަމަށް ބުނެފައި އެވަނީ، ދަރަންޏަށް ނަގާ ފައިސާއިން ތަރައްގީކުރާ އެސެޓަށެވެ.
(ފ) "ސަރުކާރު ހިއްސާވާ ކުންފުނި" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކަށް ނިސްބަތްކޮށެވެ.
(ދ) "ސަރުކާރު ހިއްސާވާ ކުންފުނީގެ ސަބްސިޑިއަރީ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކުގެ %05 (ފަންސާސް އިންސައްތަ) އަށް ވުރެ ބޮޑު ހިއްސާއެއް އޮންނަ ސަބްސިޑިއަރީ ކުންފުނިތަކަށް ނިސްބަތްކޮށެވެ.
18 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. އަދި މި އުސޫލު ށާއިއުކުރާ ދުވަހުގެ ނިޔަލަށް ގެރެންޓީއަށް އެދި ހުށަހަޅައިފައިވާ ފަރާތްތަކުގެ ތެރެއިން ގެރެންޓީ ދޫނުކޮށް ހުރި ފަރާތްތަކުން މި އުސޫލާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
19 ވަނަ މާއްދާ - އުވައިލެވޭ އުސޫލު
މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، 13 އޮގަސްޓު 2017 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލު" އާއި، 25 ސެޕްޓެންބަރު 2017 ގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު" އުވުނީއެވެ.
މައި ގާނޫނު/ގަވާއިދު
ކިޔުންތެރިންގެ ހިޔާލު