-

އޮޑިޓަރ ޖެނަރަލްގެ އޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން އަމަލުކުރަންޖެހޭ އުސޫލު 

(އުސޫލު ނަންބަރު 2022-32)

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2007-04 (އޮޑިޓް ގާނޫނު) ގެ 6 ވަނަ މާއްދާގެ 6-1 ގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން އަމަލުކުރަންޖެހޭ އުސޫލެވެ. މި އުސޫލު އެކުލަވައިލައިފައިވާނީ، އިސްލާމީ ށަރީއަތާއި، ރާއްޖޭގެ ގާނޫނުތަކާއި، ސުޕްރީމް އޮޑިޓް އިންސްޓިޓިއުށަންތަކުގެ މުވައްޒަފުން އަމަލުކުރަމުންދާ އުސޫލުތައް އަސްލަކަށް ބަލައިގެންނެވެ.

(ށ) މި އުސޫލަށް ކިޔާނީ، "އޮޑިޓަރ ޖެނަރަލްގެ އޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން އަމަލުކުރަންޖެހޭ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގު ސަދު

މި އުސޫލުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނާ ހަވާލުކުރެވޭ ޒިންމާތައް އަދާކުރުމުގައި ވަކި ފަރާތަކަށް ނުޖެހި، މިނިވަންކަމާއި އަމާނާތްތެރިކަމާއެކު، ޖެހިލުންވުމެއްނެތި، ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް، އިންސާފުވެރިކަމާއި ނަޒާހަތްތެރިކަމާއެކު މަސައްކަތުގައި ދެމިތިބުމަށް ބާރުއެޅުން.

(ށ) އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނާ ހަވާލުކުރެވޭ ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތުގައި ފާހަގަވާ ކަންކަން، ޖެހިލުންވުމެއް، ބިރުގަތުމެއް ނެތި، އިންސާފުވެރިކަމާއި ނަޒާހަތްތެރިކަމާއެކު ހާމަކުރުމުގައި ދެމިތިބުމަށް ބާރުއެޅުން.

(ނ) އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަކީ ރަނގަޅު އަހްލާގެއްގެ މަތީގައި ތިބެގެން، ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު، ޕްރޮފެށަނަލްކޮށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއެޅުން.

(ރ) އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ ބާރުތައް، އިންސާފުވެރިކަމާއެކު ބޭނުންކުރުމުގައި، ވަކިފަރާތަކަށް ގެއްލުމެއް ދިނުމަށް ބޭނުން ނުކުރާނެ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއެޅުން.

(ބ) އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަކީ، ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް މަސައްކަތުގެ މާހައުލުގައްޔާއި އާންމު ދިރިއުޅުމުގައި އަމަލުކުރާ، އުޅުމާއި އަހްލާގީގޮތުން މުޖުތަމައު ގަބޫލުކުރާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއެޅުން.

 

3 ވަނަ މާއްދާ - އުސޫލަށް ބަދަލު ގެނައުން

މި އުސޫލަށް ބަދަލު ގެނެވޭނީ، އޮޑިޓަރ ޖެނަރަލަށެވެ. މިގޮތުން ގެންނަ ބަދަލުތަކަށް އަމަލުކުރަން ޖެހޭނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ ބަދަލެއް ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

4 ވަނަ މާއްދާ - އަމަލުކުރަންޖެހޭ ފަރާތްތައް

(ހ) މި އުސޫލަށް އަމަލުކުރަންޖެހޭނީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނެވެ.

(ށ) މި އުސޫލުގެ ދަށުން ތައްޔާރުކުރާ ލިޔުމެއްގައި، ކޮންމެ އަހަރަކު އެއްފަހަރު، އޮފީހުން ކަނޑައަޅާ ތާރީހެއްގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ސޮއިކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ތަބާވާންޖެހޭ އަސާސީ ކަންކަން

(ހ) އިސްލާމްދީނުގައި ހައްދު ކަނޑައަޅައިފައިވާ ކުށަކަށް އަރައިގަނެގެން ނުވާނެއެވެ.

(ށ) ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ނ) ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކަށް ތަބާވެ، އެ ކަންކަމާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ރ) މުޖުތަމައު ބަލައިގެންފައިވާ ރީތި އާދަތައް ދަމަހައްޓައި، އެ އާދަތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ބ) ޓެކުމާއި ކޮރަޕްށަނާއި ހިޔާނާތާއި ފަސާދައިގެ އެއްވެސް އަމަލެއް ހިންގުމުގައި ބައިވެރިނުވުމާއި، އެފަދަ ކަންކަމަށް ހިތްވަރުނުދިނުމާއި، އެފަދަ ކަމެއްގެ މައުލޫމާތެއް ލިބިއްޖެނަމަ އޮފީހަށް އަންގަންވާނެއެވެ.

(ޅ) ވަކިފަރާތަކުން ކޮށްދިން ކަމެއްގެ މުގާބިލުގައި ތިމާގެ ރަސްމީ ވާޖިބު އަދާކުރުމުގެ ތެރޭގައި ކަމެއް ކޮށްދިނުން ލާޒިމުވާ ހާލަތަށް މުވައްޒަފުންގެ އަމަލުތައް ގެންގޮސްގެން ނުވާނެއެވެ.

(ކ) ވަޒީފާގެ ޒިންމާތައް، ގާބިލުކަމާއި ސަމަކާރަކަމާއި (އެފިށެންސީ)، ޕްރޮފެށަނަލްކަމާއެކު އަދާކުރުމަށް ބޭނުންވާ ނަޒާހަތްތެރިކަން، ހުރިހާ ވަގުތެއްގައި ވެސް ހިފަހައްޓަންވާނެއެވެ.

(އ) މުވައްޒަފުންގެ ނަޒާހަތްތެރިކަމާއި އޮފީހުގެ ނަޒާހަތްތެރިކަމާއި މިނިވަންކަން ދެމެހެއްޓުމަށް މުވައްޒަފުން މަސައްކަތް ކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - މުވައްޒަފުން ދައްކައިދޭންވާނެ ސިފަތައް 

(ހ) މި އުސޫލުގެ 5 ވަނަ މާއްދާގެ (ހ) އިން ފެށިގެން (އ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން، އެ އަކުރުތަކުގައި ބަޔާންކޮށްފައިވާ ގޮތަށް ހިފަހައްޓަން މަސައްކަތްކުރާކަން ދައްކަންވާނެއެވެ.

(ށ) ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަމަލުކުރުމަށް ކަނޑައަޅައިފައިވާ އުސޫލުތަކާއި ހަމަތަކާ ހިލާފުނުވާކަން ދައްކައިދޭންވާނެއެވެ.

(ނ) އަމިއްލަ ދިރިއުޅުމުގައި ވެސް، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއި ރަނގަޅު އަހުލާގުގެ މަތީގައި އަމަލުތައް ބަހައްޓާކަން ދައްކައިދޭންވާނެއެވެ.

(ރ) އޮފީހަކީ އާންމުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ މުއައްސަސާއަކަށް ހެދުމަށް މަސައްކަތްކުރާކަން ދައްކަންވާނެއެވެ.

(ބ) ރަސްމީ ޒިންމާ އަދާކުރުމުގައި ، އޮފީހުން ކަނޑައަޅައިފައިވާ އުސޫލުން އަމަލުކުރުމުގައި ވަކިފަރާތަކަށް ނުޖެހޭކަމާއި، ރައްޔިތުންގެ މަޖިލީހާއި، ސަރުކާރާއި، ށަރުއީ ކޯޓުތަކާއި، އާންމުންގެ އިތުބާރު ހޯދަން މަސައްކަތްކުރާކަން ދައްކައިދޭންވާނެއެވެ.

 

7 ވަނަ މާއްދާ - މަސައްކަތް ކުރަންޖެހޭ ގޮތް

(ހ) ރަސްމީ މަސައްކަތް ކުރަންވާނީ، ޒާތީ އެއްވެސް ތައައްސުބެއްނެތި އަދި ފޯރުވާ ނުފޫޒަކަށް ތަބާނުވެ، ގާނޫނުތަކާއި ގަވާއިދުތަކާއި މަސައްކަތުގައި ބޭނުންކުރާ 
އުސޫލުތަކާއި ހަމަތަކާއި ފަންނުގެ ގޮތުން ބަލައިގަތުމަށް އޮފީހުން ކަނޑައަޅައިފައިވާސްޓޭންޑަޑްތަކަށް ރިއާޔަތްކޮށް، ހެކީގެ މައްޗަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްގެން މަސައްކަތް ކުރިޔަށް ގެންދިއުމުގައި، ތިމާގެ ވާޖިބަށް އިހުލާސްތެރިވެ، އިންސާފުވެރިވުމާއި، ފަރުވާތެރިކަމާއެކު މަސައްކަތް ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްގެން މަސައްކަތް ނިންމައިފައި ހުންނައިރު، ހަގީގަތާ ހިލާފު އެއްވެސް ކަމެއް ނިންމުމެއްގެ ގޮތުގައި ހިމަނައިގެން ނުވާނެއެވެ. އަދި ފާހަގަވި ކަންކަން ނިންމުމުގައި ހިމަނައިފައި ހުންނަންވާނީ ފާހަގަވިގޮތަށެވެ.

(ރ) މަސައްކަތް ނިންމައިފައި ހުންނަންވާނީ، ފަންނީ މީހުންނަށް، ރިވިއުކޮށްގެން މަސައްކަތް ކޮށްފައިވާ ގޮތް ދެނެގަނެވޭނެ ފެންވަރަށެވެ.

(ބ) ތިމާއަށް ނުވަތަ އެހެން ފަރާތަކަށް ފައިދާއެއް ހޯދުމަށް ނުވަތަ ގެއްލުމެއް ދިނުމަށް  މަސައްކަތް ކޮށްގެން ނުވާނެއެވެ.

(ޅ) ރަސްމީ މަސައްކަތްކުރުމަށް ކުރާ ކަންކަން ނިންމަންވާނީ، އެ ފަރާތަކުން ކުރި ކަމެއްގެ ނަތީޖާއެއްގެ ގޮތުން މެދުވެރިވާ ހާލަތެއް ފިޔަވައި އެހެން ހާލަތެއް، އެ ކަމެއް ކުރި ފަރާތަށް މެދުވެރިނުވާނެ ގޮތަށެވެ.

(ކ) މުވައްޒަފުންނާ އޮފީހުން ހަވާލުކުރާ މަސައްކަތް، އޮފީހުން ކަނޑައަޅާ ގޮތަށް ކުރުމަށް ދަތިވެދާނެ މިންވަރަށް، އެއްވެސް ފަރާތަކާ ގުޅުން ބަދަހިކޮށްގެން ނުވާނެއެވެ.

(އ) މަސައްކަތުގައި އުޅޭއިރު، މަސައްކަތްކުރާ ތަނުގައި އަމަލުކުރަމުންދާ އުސޫލުތަކަށް އިހްތިރާމު ކުރަންވާނެއެވެ.

(ވ) ހަވާލުކުރެވޭ މަސައްކަތްތައް ނިންމުމަށް، ލަޔާގަތާއި ގާބިލިއްޔަތު ތަންދޭ އެންމެ މަތީ ދަރަޖައަކަށް މަސައްކަތް ކުރަން ވާނެއެވެ.

(މ) އޮފީހަށް އަންނަ މީހުންނާ، ނުވަތަ އެހެނިހެން އޮފީސްތަކުގެ މުވައްޒަފުންނާ، ނުވަތަ އާންމުންނާ މުއާމަލާ ތު ކުރަންވާނީ، އިހްތިރާމް ކުރުމާއެކު، އާންމު އިޖުތިމާއީ މިންގަނޑާ ހިލާފުނުވާ ގޮތަށެވެ.

 

8 ވަނަ މާއްދާ - މަސައްކަތަށް އަހުލުވެރިވުން

(ހ) މަސައްކަތުގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ޓަކައި އިލްމު ހޯދުމަށް،ލަޔާގަތާއި ގާބިލިއްޔަތު ތަންދޭ އެންމެ މަތީ ދަރަޖައިގައި، ފަރުދީ ހައިސިއްޔަތުންނާއި ރަސްމީ ހައިސިއްޔަތުން އަބަދުވެސް މަސައްކަތް ކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ކަންކަން އިތުރުކުރުމަށް އޮފީހުން ފޯރުކޮށްދޭ ތަމްރީނުތަކުގެ ފުރުސަތުތަކުގައި ބައިވެރިވެ، އެ ތަމްރީނުތައް ފުރިހަމަ ކުރަންވާނެއެވެ.

(ނ) ކޮންމެ އަހަރަކު، ޕްރޮފެށަނަލް ޑިވެލޮޕްމަންޓުގެ ގޮތުގައި މަދުވެގެން 40 (ސާޅީސް) ގަޑިއިރުގެ ފަންނީ ތަމްރީނު ލިބިގަނެ، އެކަން އޮފީހަށް 
އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - ވަސީލަތް ބޭނުންކުރުން 

(ހ) ރަސްމީ މަސައްކަތުގައި އާންމު އުސޫލެއްގެ ގޮތުން ބޭނުންކުރަންވާނީ، އޮފީހުން ހަމަޖައްސައިދީފައިވާ ވަސީލަތްތަކެވެ.

(ށ) މަސައްކަތުގައި ބޭނުންކުރުމަށް އޮފީހުން ހަމަޖައްސައިދީފައިވާ ވަސީލަތަކަށް ނުވަތަ އެހެން ފަރާތެއްގެ ވަސީލަތަކަށް ގެއްލުމެއް ދީގެން ނުވާނެއެވެ. އަދި ގެއްލުމެއް ލިބިދާނެ ގޮތަކަށް އަމަލުކޮށްގެން ވެސް ނުވާނެއެވެ.

(ނ) އެހެން އޮފީހެއްގެ ވަސީލަތެއް ނުވަތަ އަމިއްލަ ވަސީލަތެއް ރަސްމީ މަސައްކަތުގައި ބޭނުންކުރަންވާނީ، އޮފީހުގެ ނުވަތަ ސުޕަވައިޒަރުގެ ހުއްދަ ލިބިގެންނެވެ.

(ރ) އޮފީހުން މުވައްޒަފުންނާ ހަވާލުކޮށްފައިވާ އޮފީހުގެ ވަސީލަތްތައް ބޭނުންކުރަންވާނީ،އެ ވަސީލަތެއް ބޭނުންކުރުމަށް އޮފީހުން ކަނޑައަޅައިފައިވާ ގޮތަށް، އަމާނާތްތެރިކަމާ 
އެކުގައެވެ.

 

10 ވަނަ މާއްދާ - ރަސްމީ ގަޑީގެ ބޭނުން ކުރުން

(ހ) އޮފީހަށް ހާޒިރުވެ މަސައްކަތްކުރަންޖެހޭ ރަސްމީގަޑި ބޭނުންކުރަންވާނީ، ރަސްމީ މަސައްކަތުގައެވެ.

(ށ) ރަސްމީ ގަޑީގައި އަމިއްލަ ކަމެއްގައި ވަގުތު ހޭދަކުރަންވާނީ، މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

(ނ) ދައުލަތުގެ އެހެން އޮފީހެއްގެ މަސައްކަތެއް މުވައްޒަފަކަށް ކުރެވޭނީ، އެކަމަށް އޮފީހުން ހުއްދަ ދިނުމުންނެވެ.

(ރ) އޮފީހުގެ މަސައްކަތުގެ ފަންނު ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތް، އޮފީހުން ހުއްދަދޭ ގޮތެއްގެ މަތީން މުވައްޒަފުންނަށް ކުރެވިދާނެއެވެ.

 

11 ވަނަ މާއްދާ - އިންތިހާބު ތަކުގައި ވާދަކުރުން

(ހ) އޮފީހުގެ މުވައްޒަފަކަށް ހުރެގެން، ވާދަވެރި އެއްވެސް އިންތިހާބެއްގައި އާންމު އުސޫލަކުން ބައިވެރިއެއް ނުވެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެ ގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އޮފީހުގެ މުވައްޒަފުންގެ ޖަމްއިއްޔާގެ އިންތިހާބުތަކުގައި ބައިވެރިވުމަށް ހުއްދަ ހޯދާކަށެއް
ނުޖެހޭނެއެވެ. އަދި ތިރީގައި ބަޔާންކޮށްފައިވާ އިންތިހާބުތަކުގައި އޮފީހުގެ ހުއްދަ ލިޔުމުން ހޯދައިގެން، މުވައްޒަފުންނަށް ބައިވެރިވެވިދާނެއެވެ.

  1. އެކައުންޓިންގ ޕްރޮފެށަން ނުވަތަ އެނޫންވެސް ޕްރޮފެށަނެއް ޑިވެލޮޕްކުރުމަށް، ވަކިފަރާތަކަށް ނިސްބަތްނުވާ ގޮތަށް، ގާނޫނަކުން އުފައްދައިފައިވާ ޖަމްއިއްޔާތަކުގެ ކައުންސިލުގެ މެންބަރުކަމަށް ނުވަތަ އެފަދަ މަގާމަކަށް މީހުން އައްޔަނު ކުރުމަށް ބާއްވާ އިންތިހާބުތައް؛
  2. ސްކޫލް، ނުވަތަ ކޮލެޖް، ނުވަތަ ޔުނިވަސިޓީތަކުގެ މުސްކުޅި ދަރިވަރުންގެ ޖަމްއިއްޔާއަށް ނުވަތަ ޕީ. ޓީ. އޭ. އަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބުތައް؛
    (3) މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއިގައި ނުހިމެނޭ، އޮފީހުން ލިޔުމުން ހުއްދަދޭ އިންތިހާބުތައް.

 

12 ވަނަ މާއްދާ - މުވައްޒަފުން ކުރުން މަނާކަންތައް

އޮފީހުގެ މުވައްޒަފަކަށް ހުރެ، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްގެން ނުވާނެއެވެ.
(ހ) ސިޔާސީ މަގުސަދެއް ހާސިލުކުރު މަށް ވަޒީފާގެ ބޭނުންކުރުން.

(ށ) ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް ހުށަހެޅުން.

(ނ) ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.

(ރ) ސިޔާސީ ޕާޓީއެއްގެ މަގާމަކަށް ކުރިމަތިލުން ނުވަތަ ސިޔާސީ ޕާޓީއެއްގެ ކޮމެޓީއެއްގެ މެންބަރަކަށް ވުމަށް ކުރިމަތިލުން.

(ބ) ސިޔާސީ ޕާޓީއެއްގެ އިންތިހާބުކުރެވޭ މަގާމެއް ފުރުން.

(ޅ) ސިޔާސީ ޕާޓީއެއްގެ ވަޒީފާއެއް އަދާކުރުން.

(ކ) ސިޔާސީ ޕާޓީއެއްގެ ކޮމިޓީއެއްގެ މެންބަރަކަށްވުން.

(އ) ސިޔާސީ ޕާޓީއަކަށް މާލީގޮތުން، ނުވަތަ ފަންނީގޮތުން، ނުވަތަ އެނޫންވެސް ގޮތަކުން އެހީތެރިވުން.

(ވ) ސިޔާސީ ޕާޓީއަކުން ނުވަތަ ސިޔާސީ ފަރާތަކުން ނުވަތަ ސިޔާސީ ޕާޓީއަކާ ގުޅިގެން، ކްލަބަކުން ނުވަތަ ޖަމްއިއްޔާއަކުން ނުވަތަ ޖަމާއަތަކުން ތައްޔާރުކުރާ ޕެޓިށަނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމާއި، އެފަދަ ޕެޓިށަނެއްގައި ސޮއިކުރުމާއި، ޕެޓިށަނަކަށް ސޮއި ހޯދުމަށް މަސައްކަތްކުރުމާއި، އެފަދަ ކަމަކަށް މާލީގޮތުން ނުވަތަ ފަންނީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން އެހީތެރިވުން.

(މ) ސިޔާސީ ޕާޓީއަކުން ނުވަތަ ސިޔާސީ ފަރާތަކުން ނުވަތަ ސިޔާސީ ޕާޓީއަކާ ގުޅިގެން، ކްލަބަކުން ނުވަތަ ޖަމުއިއްޔާއަކުން ނުވަތަ ޖަމާއަތަކުން ނުވަތަ އެނޫންވެސް ފަރާތަކުން ރާވައި ހިންގާ މުޒާހަރާއެއް، ނުވަތަ ހިނގައިލުމެއް، ނުވަތަ ފުޅަނދުބުރެއް ފަދަ ހަރަކާތެއްގައި ބައިވެރިވުމާއި، ތަގްރީރުކުރުމާއި، މިފަދަ ހަރަކާތެއް ރާވައި އިންތިޒާމު ކުރުމުގައި އުޅުމާއި، މާލީގޮތުން ނުވަތަ ފަންނީގޮތުން ނުވަތަ މިނޫންވެސް ގޮތަކުން މިފަދަ ކަމަކަށް އެހީތެރިވުން.

(ފ) ސިޔާސީ ޕާޓީއަކަށް ނުވަތަ ސިޔާސީ ކެންޑިޑޭޓަކަށް މަސައްކަތްކުރުމާއި، ތާއީދު ހޯދުމަށް މަސައްކަތްކުރުން ނުވަތަ ސިޔާސީ ޕާޓީއެއްގެ ނުވަތަ ސިޔާސީ ކެންޑިޑޭޓެއްގެ އެޖެންޓެއްގެ ގޮތުގައި ވޯޓުލާން މީހުން ގެންދިއުމުގައި ހަރަކާތްތެރިވުން ނުވަތަ ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވުމާއި، ސިޔާސީ ޕާޓީއަކަށް ނުވަތަ ސިޔާސީ ކެންޑިޑޭޓަކަށް އެއްވެސްގޮތަކަށް އެހީތެރިވުމާއި، ސިޔާސީ ޕާޓީއެއްގެ އޮފީހަށް ނުވަތަ ކެންޑިޑޭޓެއްގެ އޮފީހަށް ވަނުމާއި، އެފަދަ ތަނެއްގައި ހަރަކާތްތެރިވުން.

(ދ) ސިޔާސީ ޕާޓީއަކުން ނުވަތަ ސިޔާސީ މަގުސަދެއްގައި ނުވަތަ އެނޫން ގޮތަކުން ގޮވައިލާ ގޮވައިލުމަކަށް އިޖާބަ ދިނުމުގެ ގޮތުން، ވަޒީފާގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތެއް ނުކޮށް ހުއްޓައިލުން.

(ތ) ސިޔާސީ ކަމަކާ ގުޅުވައިގެން އެއްވެސް ފަރާތަކުން ސޯށަލްމީޑިއާގައި ނުވަތަ ޕްރިންޓް މީޑިއާގައި ލިޔާ ލިޔުމަކަށް ނުވަތަ ށާއިއުކުރާ ފޮޓޯތަކަށް ކޮމެންޓް ކުރުމާއި، ލައިކް ދިނުމާއި، ރީޕޯސްޓް ކުރުން ނުވަތަ ސިޔާސީ މީހުންނާއެކު ފޮޓޯ ނެގުން.
(ލ) ދައުލަތުގެ މުއައްސަސާތަކަށް ކަންކަމުގައި ލަފާ ދިނުމުގައި އޮފީހުން ކަނޑައަޅައިފައިވާ އުސޫލުގެ ބޭރުން ލަފާދިނުން.

(ގ) ކޮރަޕްށަނަށް މަގުފަހިވެދާނެ ނުވަތަ މުވައްޒަފުންގެ މިނިވަންކަމާއި ހަމަހަމަކަމާމެދު )ވަކިފަރާތަކަށް ނުޖެހޭކަމާމެދު( ސުވާލު އުފެދިދާނެ ގޮތަކަށް، މުވައްޒަފުން އަމިއްލަ ބޭނުންތައް ހާސިލުކުރުމަށް ޓަކައި، މުވައްޒަފުންނަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ބޭނުންކުރުން.

(ޏ) މުވައްޒަފުން ރަސްމީ މަސްއޫލިއްޔަތު އަދާކުރުމުގައި ލިބިފައިވާ މައުލޫމާތު އަމިއްލަ ފައިދާއަށް، ނުވަތަ އެހެން ފަރާތެއްގެ ފައިދާއަށް ބޭނުންކުރުމާއި، މީހަކަށް ނުވަތަ ފަރާތަކަށް ގެއްލުން ދިނުމަށް ބޭނުންކުރުން.

 

13 ވަނަ މާއްދާ - އޮފީހުގެ ވަޒީފާގެ މަސައްކަތުގެ އިތުރުން އެހެން ކަންކަން ކުރުން

(ހ) އަމިއްލަ މަސައްކަތް ކުރަންވާނީ، މުވައްޒަފުންގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި މިނިވަންކަމާއި ނަޒާހަތްތެރިކަން ހިފެހެއްޓޭނެގޮތަށް އަދި އާން މު ރައްޔިތުން އެކަންކަމާމެދު ދެކޭގޮތަށް ބުރޫނާރާނޭ ގޮތަށް، މުވައްޒަފާއި އޮފީހުގެ މިނިވަންކަމާއި ހައިބަތަށް ބުރުލެއް ނާރާގޮތަށް ބަލައިގެންނެވެ.

(ށ) އޮފީހުގެ މަސައްކަތާއި އަމިއްލަ މަސައްކަތް ކުރުމުގައި، ތިރީގައިވާ ކަންކަން ކޮށްގެން ނުވާނެއެވެ.

  1. އަސާސީ ވަޒީފާއެއްގެ ގޮތުގައި އޮޑިޓަރ ޖެނެރަލް އޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އެހެން ވަޒީފާއެއް އަދާކުރުން؛
  2. ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ބޯޑުގެ މެންބަރުކަން ކުރުން.
  3. އަމިއްލަ މަސައްކަތުގެ ގޮތުގައި ކިޔަވައިދިނުން ފިޔަވައި އެއްވެސް މަސައްކަތެއް، ދައުލަތުގެ އެއްވެސް އިދާރާއަކަށް ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏަކަށް ކޮށްދިނުން؛
  4. އެއްވެސް ބާވަތެއްގެ ސިޔާސީ މަސައްކަތެއް ކުރުން؛
  5. އެކައުންޓިންގ، އޮޑިޓިންގ އަދި ކޮންސަލްޓަންސީ ހިދުމަތެއް،އެކައުންޓިންގ ފާމަކާ ގުޅިގެން ދިނުމާއި، ޕަބްލިކް ޕްރެކްޓިސްގެ ގޮތުގައި މިފަދަ ހިދުމަތްތައް ދިނުން؛
  6. އަމިއްލަ އެއްވެސް މަސައްކަތެއް އޮފީހުގައި ކުރުމާއި، އެފަދަ މަސައްކަތަކަށް އޮފީހުގެ އެއްވެސް ވަސީލަތެއް ބޭނުންކުރުން.

(ނ) އަމިއްލަ މަސައްކަތް ކުރާ މުވައްޒަފުންނަށް އަހަރަކު އެއްފަހަރު ލިބޭ އާމްދަނީއާ ބެހޭ މައުލޫމާތު، އޮފީހަށް ހުށަހަޅަންވާނެއެވެ.

 

14 ވަނަ މާއްދާ - ހިލޭ ސާބަހަށް މަސައްކަތް ކުރުން

(ހ) ހިލޭސާބަހަށް މަސައްކަތްކުރެވޭނީ، އޮފީހަށް އެކަން ލިޔުމުން އެންގުމަށް ފަހުގައެވެ.

(ށ) ހިލޭސާބަހަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިޔާސީ މަސައްކަތެއް ކޮށްގެން ނުވާނެއެވެ.

 

15 ވަނަ މާއްދާ - އިތުބާރު ދެމެހެއްޓުން 

(ހ) މުއާމަލާތް ކުރަންވާނީ ތެދުބަހުންނެވެ.

(ށ) ސިއްރު ހިފަހައްޓަންވާނެއެވެ. އެއްވެސް ގާނޫނަކުން ނުވަތަ ގަވާއިދަކުން ނުވަތަ އޮފީހުން މަނާކޮށްފައިވާ މައުލޫމާތެއް ހާމަކޮށްގެން ނުވާނެއެވެ.

 

16 ވަނަ މާއްދާ - ތެދުވެރިކަމާއި އިހްލާސްތެރިކަން ދެމެހެއްޓުން

(ހ) އޮފީހުގެ މުވައްޒަފުން ރަސްމީ ޒިންމާ އަދާކުރުމުގައްޔާއި އަމިއްލަ ދިރިއުޅުމުގައި ވެސް މުވައްޒަފުންގެ އުޅުމާއި އަހްލާގު ބަހައްޓަންވާނީ،ރައްޔިތުންގެ އިތުބާރު ލިބޭގޮތަށެވެ.

(ށ) އޮފީހުގެ މުވައްޒަފުންނާއި، ދައުލަތުގެ އެހެން މުވައްޒަފުންނާއި، އަމިއްލަ ފަރާތްތަކާ ގުޅުން ގާއިމްކުރަންވާނީ، އެ ގުޅުމެއްގެ ސަބަބުން އޮފީހުގެ ވަޒީފާގެ މަސްއޫލިއްޔަތު ޕްރޮފެށަނަލްކަމާއެކު އަދާކުރުމަށް ހުރަސްނޭޅޭކަމަށް، ސަބަބުވެރި އިންސާނަކަށް ގަބޫލުކުރެވޭ މިންވަރަށެވެ.

(ނ) މަގާމުގެ ހައިސިއްޔަތުން ލިބިދޭ ބާރާއި އިހުތިޔާރު ބޭނުންކުރަންވާނީ، މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް އެކަންޏެވެ.

 

17 ވަނަ މާއްދާ - މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަން

(ހ) މުވައްޒަފުންގެ އަހްލާގާއި ސުލޫކާއި އަމަލުތައް ބަހައްޓަންވާނީ، މުވައްޒަފުގެ މިނިވަންކަމަށް އެއްވެސް ހާލެއްގައި ނުރަނގަޅު އަސަރެއް ނުފޯރާނޭ ގޮތަށެވެ.

(ށ) މުވައްޒަފުން މަސައްކަތްކުރުމުގައި، މުނާސަބުނޫން ނުފޫޒުން އެއްކިބާވެތިބެ، މިނިވަންކަމާއި އިންސާފުވެރިކަމާއެކު މަސައްކަތްކޮށް، ކުރެވޭ މަސައްކަތުގައި ހަމަހަމަކަން ހިފަހައްޓަންވާނެއެވެ.

(ނ) މުވައްޒަފު ރަސްމީ ޒިންމާ އަދާކުރުމުގައި، ޒާތީ މަސްލަހަތެއް ނުވަތަ މުވައްޒަފާ ގުޅުންހުރި ފަރާތެއްގެ މަސްލަހަތެއްގެ ސަބަބުން މުވައްޒަފުގެ މިނިވަންކަމަށް އުނިކަމެއް އަތުވެދާނެފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެއެވެ.

(ރ) މުވައްޒަފު މިނިވަންކަމާއެކު މަސައްކަތްކުރުމަށް ހުރަސްއެޅިދާނެ ހާލަތެއް މެދުވެރިވާނަމަ، އެކަން އޮފީހަށް ލިޔުމުން އަންގައި، އެފަދަ ކަމެއް މެދުވެރިވި މުވައްޒަފު ނުވަތަ މުވައްޒަފުން މަސައްކަތުން ތަނާޒުލުވާން ވާނެއެވެ.

(ބ) މުވައްޒަފުން މަސައްކަތްކުރަންވާނީ، އޮފީހުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް، ވަކި ފަރާތަކަށް ނުޖެހިއެވެ.

 

18 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ކަންތައްތައް

މުވައްޒަފެއްގެ މިނިވަންކަމަށް ނުފޫޒު ފޯރާފަދަ ނުވަތަ މިނިވަންކަމާއެކު މަސައްކަތްކުރުމަށް ހުރަސްއެޅޭނެ ނުވަތަ ހުރަސްއެޅިދާނެ ކަމަށް ބެލެވޭފަދަ އެއްވެސް ގުޅުމެއް، ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި މަސައްކަތްކުރާ މުވައްޒަފަކާމެދު ނުވަތަ މުއައްސަސާއާމެދު އޮތްނަމަ، އެ ކަމެއް، ލިޔުމުން އޮފީހަށް އަންގަންވާނެއެވެ.

 

19 ވަނަ މާއްދާ - ހަދިޔާއާއި މެހެމާންދާރީ ގަބޫލުކުރުމާއި ނުކުރުން

(ހ) އެއްވެސް ފަރާތަކުން ދޭ ހަދިޔާއަކީ ނުވަތަ އެހީތެރިކަމަކީ، މުވައްޒަފު އަދާކުރަންޖެހޭ ރަސްމީ ވާޖިބު އަދާކުރުމުގައި އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ބޭނުންވެގެން ދޭ ހަދިޔާއެއް ނުވަތަ އެހީތެރިކަމެއް ކަމަށް ބެލެވޭނަމަ، އެފަދަ ހަދިޔާއެއް ނުވަތަ އެހީތެރިކަމެއް ގަބޫލުކޮށްގެން ނުވާނެއެވެ.

(ށ) މަސައްކަތްކުރުމަށް މުވައްޒަފަކު މުއައްސަސާއަކަށް ދިއުމުން ހަދިޔާއެއް ނުވަތަ މަސައްކަތާ ނުގުޅޭ އެހީތެރިކަމެއް އެ މުއައްސަސާއިން ނުވަތަ އެ މުއައްސަސާގެ މުވައްޒަފަކު ނުވަތަ އެ މުއައްސަސާގެ މަސައްކަތާ ގުޅުވައިގެން އެހެން ފަރާތަކުން ދޭން ހުށަހެޅިޔަސް، އެ ހަދިޔާއެއް ނުވަތަ އެ އެހީތެރިކަމެއް ގަބޫލުކޮށްގެން ނުވާނެއެވެ.

(ނ) ރަސްމީ ވާޖިބު އަދާކުރުމުގެ ތެރެއިން މުވައްޒަފުގެ އެހީތެރިކަމެއް ބޭނުންވެގެން ނުވަތަ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމަށް އެއްވެސް ފަރާތަކުން ހަދިޔާއެއް ނުވަތަ އެހީތެރިކަމެއް ދޭން އުޅުނުކަމަށް މުވައްޒަފަށް ގަބޫލުކުރެވިއްޖެނަމަ، އެ ފަރާތެއްގެ މައުލޫމާތު އޮފީހަށް އަންގަންވާނެއެވެ.

(ރ) އެކި ފަރާތްތަކުން މުވައްޒަފުންނަށް ދޭ ހަދިޔާއާއި އެހިތެރިކަން ގަބޫލުކުރަންވާނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.

  1. ހަދިޔާއަކީ ނުވަތަ އެހީތެރިކަމަކީ އޮފީހުގައި ކުރާ މަސައްކަތަށް ނުވަތަ ކުރަންޖެހޭ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ދޭ ހަދިޔާއެއް ނުވަތަ އެހީތެރިކަމެއް ކަމަށް ގަ ބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، އެ ހަދިޔާއެއް ނުވަތަ އެ އެހީތެރިކަމެއް ގަބޫލުނުކުރުން؛
  2. ހަދިޔާ ނުވަތަ އެހީތެރިކަން ދެނީ ގިނަބަޔަކަށް ހަދިޔާ ނުވަތަ އެހީތެރިކަން ދިނުމުގެ ތެރެއިން ކަމަށް ވެފައި، އަދި އެ ހަދިޔާ ނުވަތަ އެ އެހީތެރިކަން ދިނުމާއި އޮފީހުގައި ކުރާ މަސައްކަތަށް ނުފޫޒުފޯރުވުމާ ގުޅުމެއް ނެތްކަމަށް މުވައްޒަފަށް ގަބޫލުކުރެވޭނަމަ، އެފަދަ ހަދިޔާއެއް ގަބޫލުކުރުމާއި ނުކުރުމުގެ އިހްތިޔާރު އެ މުވައްޒަފަކަށް ލިބިގެންވުން؛
  3. ރަސްމީ މަސައްކަތަށް ނުފޫޒު ފޯރުވުމެއްނެތި، އާއިލާގެ މީހުންނާއި ގާތް ރަހްމަތްތެރިން ދޭ ހަދިޔާއާއި އެހީތެރިކަން ގަބޫލުކުރުމުގެ އިހުތިޔާރު މުވައްޒަފަށް ލިބިގެންވުން؛
  4. ސެމިނަރއާއި ވޯކްށޮޕްތަކުގައި ބައިވެރިވާ މުވައްޒަފުންނަށް، އެކަން އިންތިޒާމުކުރާ ފަރާތުން، އެކަމުގައި ބައިވެރިވާ އެހެން ބައިވެރިންނެކޭ އެއްފަދައަކުން ދޭ ހަދިޔާއާއި އެހީތެރިކަމާއި މެހެމާންދާރީ މުވައްޒަފުންނަށް ގަބޫލުކުރެވިދާނެ؛
  5. އެ ވަގުތަކު މުވައްޒަފުން މަސައްކަތްކުރާ މުއައްސަސާއިން ދޭ މެހުމާންދާރީ މުވައްޒަފުން ގަބޫލުކުރަންވާނީ، ތިރީގައިވާ އުސޫލުންނެވެ.
    5.1 އެ މެހެމާންދާރީއަކީ އެ މުއައްސަސާއިން ކަންކަމުގައި މެހެމާންދާރީ އަދާކުރަމުންދާ އުސޫލުން ދޭ މެހެމާންދާރީއެއް ކަމަށްވުން.
    5.2 މަސައްކަތާ ގުޅިގެން އެ މުއައްސަސާއިން ކޮންމެހެންއަދާކުރަންޖެހޭ މެހެމާންދާރީއަކަށް ވުން.
    5.3 އެ މެހެމާންދާރީއަކީ ޒަރޫރީ ބޭނުމަކަށް ލިބިގަންނަ މެހެމާންދާރީއަކަށް ވުން.

(ބ) އެއްވެސް ފަރާތަކުން ދިން ހަދިޔާއެއް ގަބޫލުކުރިފަހުން، އެ ހަދިޔާއަކީ އޮފީހުން މަސައްކަތަށް ނުފޫޒު ފޯރުވުމަށް ދިން ހަދިޔާއެއްކަން އެނގިއްޖެނަމަ، އެކަން އޮފީހަށް އަންގަންވާނެއެވެ. އަދި އެ ހަދިޔާއަކާމެދު، އޮފީހުން އަންގާ ގޮތަކަށް އަމަލުކުރަންވާނެއެވެ.

(ޅ) އޮފީހުގެ މުވައްޒަފުން، ރަސްމީ މަސައްކަތުގައި ރަށްރަށަށް ދަތުރު ކުރުމުގައްޔާއި،އެ ރަށެއްގެ އެއްތަނުން އަނެއްތަނަށް ދިއުމުގައި، ދައުލަތުގެ މުއައްސަސާއަކުން އެ ތަނެއްގެ އުޅަނދެއްގައި ހިލޭ އެކަން ކޮށްދޭން އެދޭ ހާލަތުގައި، އޮފީހުގެ ހުއްދަޔާއެކު، އެފަދަ އެހީތެރިކަމެއްގެ ބޭނުން މުވައްޒަފުންނަށް ކުރެވިދާނެއެވެ.

(ކ) އޮފީހުގެ މުވައްޒަފުން ރަސްމީ މަސައްކަތުގައި، ރަށްރަށަށް ގޮސް ތިބުމުގައި، ދައުލަތުގެ މުއައްސަސާއަކުން ހަމަޖައްސައިދޭ އެކޮމަޑޭށަނެއްގައި ހިލޭ ހުރުމާއި ކެއުމުގެ ކަންތައް ހަމަޖައްސަންވާނީ، އޮފީހުގެ ހުއްދަ ލިބިގެންނެވެ.

(އ) އޮފީހުގެ މުވައްޒަފުން ރަސްމީ މަސައްކަތުގައި ތަންތަނަށް ދިއުމުގެ ނުވަތަ ހުރުމާ ކެއުމުގެ ނުވަތަ އެ ނޫން ކަމެއް ވެސް، ކުރަންއުޅޭ މަސައްކަތާއި މަސްލަހަތު ފުށުއަރާ ފަރާތަކުން ހިދުމަތް ހޯދަންވާނީ، އެ ނޫން ފަރާތަކުން އެ ހިދުމަތެއް ލިބެންނެތް ހާލަތެއްގައެވެ.

 

20 ވަނަ މާއްދާ - ލިޔުންތައް ހާމަކުރުމާއި އޮފީހަށް ހަވާލުކުރުން

(ހ) މުވައްޒަފުން މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ލިބޭ ލިޔުންތަކާއި މައުލޫމާތުތައް އަނގަބަހުން ނުވަތަ ލިޔުމުންވިޔަސް ތިންވަނަ ފަރާތަކަށް ހާމަކުރަންވާނީ، ގާނޫނީގޮތުން ނުވަތަ އޮފީހުގެ އާންމު އިޖުރާއަތުތަކަށް އަމަލުކުރުމަށް ޓަކައި އެފަދަ މައުލޫމާތެއް ހާމަކުރަންޖެހޭ ހާލަތް ތަކުގައެވެ.

(ށ) މަސައްކަތާ ގުޅިގެން ހޯދާ ލިޔުންތަކާއި، މައުލޫމާތުތަކާއި ހެކިތަކަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލައި، ރައްކައުތެރިކަމާއެކު ބަލަހައްޓައި، އެ ލިޔުންތައް އޮފީހާ ހަވާލުކުރުމަކީ މުވައްޒަފުންގެ ޒިންމާއެކެވެ.

 

21 ވަނަ މާއްދާ - މަސައްކަތަށް ޖަވާބުދާރީވުން

(ހ) މުވައްޒަފު ކުރި މަސައްކަތަކާ ގުޅިގެން އޮފީހަށް ނުވަތަ ޖަވާބުދާރީވުމަށް ލާޒިމުވާ އެހެން ފަރާތްތަކަށް ޖަވާބުދާރީވުމަކީ، މުވައްޒަފުގެ ޒިންމާއެކެވެ. އެހެންކަމުން،ޖަވާބުދާރީވާންޖެހޭ ފަރާތްތަކުން ކުރާ ސުވާލުތަކަށް މުވައްޒަފު ޖަވާބުދޭން ޖެހޭނެއެވެ.

(ށ) ވަޒީފާގައި މުވައްޒަފު ހުރިއިރު ކޮށްފައިވާ މަސައްކަތްތަކަށް އޮފީހުން އެންގުމުން މުވައްޒަފު ޖަވާބުދާރީވާންޖެހޭނީ، ވަޒީފާއިން ވަކިވާ ތާރީހުން ފެށިގެން 12 (ބާރަ)  މަސްދުވަހުގެ މުއްދަތަށެވެ.

 

22 ވަނަ މާއްދާ - މަސައްކަތްކޮށްފައިވާ މުއައްސަސާއެއްގެ ވަޒީފާއަށް ނުވަތަ މަސައްކަތަށް ދިއުން

(ހ) ފީހުގެ ވަޒީފާގައި ހުރިއިރު، އޮފީހުން ފޮނުވައިގެން މަސައްކަތް ކޮށްފައިވާ މުއައްސަސާއެއްގެ ވަޒީފާއަކަށް ދެވޭނީ، އެ މުއައްސަސާއެއްގެ މަސައްކަތް ނިންމިފަހުން 12 (ބާރަ) މަސްދުވަސް ހަމަވުމުން، ނުވަތަ އޮފީހުގެ ވަޒީފާއިން ވަކިވިފަހުން 12 (ބާރަ) މަސްދުވަސް ހަމަވުމުންނެވެ.

(ށ) ތިމާ ކުރިން ވަޒީފާ އަދާކުރި އޮފީހަކަށް މަސައްކަތްކުރަން ދެވޭނީ، އެ ވަޒީފާއިން ވަކިވުމަށްފަހު 12 (ބާރަ) މަސްދުވަސް ފަހުންނެވެ.

 

23 ވަނަ މާއްދާ - މާނަކުރުން

(ހ) "އޮފީސް" ކަމަށް ބުނެފައި އެވަނީ، އޮޑިޓަރ ޖެނަރަލްގެ އޮފީހާއި، އެ އޮފީހުގެ ދަށުން ހިނގަމުންދާ މުއައްސަސާތަކަށެވެ.

(ށ) "މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، އޮޑިޓަރ ޖެނަރަލްގެ އޮފީހުގެ ދާއިމީ މުވައްޒަފުންނާއި، ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ މުވައްޒަފުންނާއި، އޮފީހުން ހަވާލުކުރާ މަސައްކަތެއް ވަގުތީގޮތުން ކުރާ މީހުންނާއި، އިންޓާނުންގެ ގޮތުގައި މަސައްކަތްކުރާ މީހުންނަށެވެ.

(ނ) "މަސައްކަތް" ކަމަށް ބުނެފައި އެ ވަނީ، އޮޑިޓަރ ޖެނަރަލްގެ އޮފީހު ން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކަށެވެ.

(ރ) "ވަސީލަތް" ކަމަށް ބުނެފައި އެ ވަނީ، އޮފީހުގެ މުދަލާއި، ސޮފްޓްވެއަރތަކާއި، ސްޓޭށަނަރީއާއި، މަސައްކަތް ކުރިޔަށް ގެންދިއުމަށް އޮފީހުން ފަހިކޮށްދޭ އެހެނިހެން ތަކެއްޗާއި ކަންކަމަށެވެ.

(ބ) "ސިޔާސީ ހަރަކާތް" ކަމަށް ބުނެފައި އެވަނީ، ސިޔާސީ ޕާޓީއަކުން ހިންގާ އެއްވެސް ކަމެއްގައި އެއްވެސް ގޮތަކަށް ބައިވެރިވުމާއި، އެހީތެރިވުމާއި، ސިޔާސީ މީހަކު ނުވަތަ އެނޫންވެސް މީހަކު ހިންގާ ސިޔާސީ ކަމެއްގައި އެއްވެސް ގޮތަކަށް ބައިވެރިވުމާއި، އެހީތެރިވުމާއި، ސިޔާސީ ޕާޓީއަކުން ނުވަތަ އެއްވެސް ފަރާތަކުން ސޯށަލްމީޑިޔާގައި ނުވަތަ ޕްރިންޓް މީޑިޔާގައި ލިޔާ ލިޔުންތަކަށާއި ށާއިއުކުރާ ޕޮޓޯތަކަށް ކޮމެންޓް ކުރުމާއި ލައިކްދިނުމާއި ރީޕޯސްޓް ކުރުންފަދަ ކަންކަމަށެވެ.

(ޅ) "ސަބަބުވެރި އިންސާނާ" ކަމަށް ބުނެފައި އެވަނީ، ކަންކަމުގައި ބުއްދިވެރިކޮށް ވިސްނައިގެން ކަންކަމުގެ ހަގީގަތް ހޯދުމަށް މަސައްކަތްކުރާ މީހުންނަށެވެ.

(ކ) "ކޮރަޕްށަން" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުން މާލީ މަންފާ ހޯދުމަށް ޓަކައި ނުވަތަ އެނޫންވެސް ފައިދާއެއް ހޯދުމަށް ނުވަތަ ހޯދައިދިނުމަށް، އާންމުކޮށް ރިށްވަތު ހިފުން ހިމެނޭގޮތަށް ހިންގާ ހިޔާނާތުގެ އަމަލުތައް ނުވަތަ ނާޖާއިޒު ފައިދާއެއް ހޯދުމަށް ޓަކައި ނުވަތަ ނާޖާއިޒު ފައިދާއެއް އެހެން މީހަކަށް ހޯދައިދިނުމަށް ޓަކައި މަގާމުގެ ނުފޫޒު ބޭނުންކުރުމަށް ނުވަތަ ފަސާދައިގެ އަމަލުތައް ހިންގުމަށެވެ.

(އ) "ހިޔާނާތް" ކަމަށް ބުނެފައި އެވަނީ، ތިމާގެ ބެލުމުގެ ދަށުގައިވާ އެހެން ފަރާތެއްގެ އެއްޗެއް، އޭގެ ވެރިފަރާތުގެ އިޒުނަޔާ ނުލައި ނުބައި ނިޔަތެއްގައި ބޭނުންކުރުން، ނުވަތަ އެ އެއްޗަކަށް ބަދަލު ގެނައުން، ނުވަތަ އެ އެއްޗެއް ނައްތައިލުން، ނުވަތަ އެ ފަރާތުން ކަނޑައަޅައިފައިވާ ގޮތާ ހިލާފަށް އެ އެއްޗެއް ގެންގުޅުމަށެވެ.

(ވ) "ވައްކަން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ނުވަތަ ފަރާތެއްގެ މިލްކުގައިވާ އެއްޗެއް އެ މީހާއަށް ނުވަތަ އެ ފަރާތަށް ނޭނގި، އެއާ ހަވާލުވެގެން ހުރި މީހާ ނޫން މީހަކު ސިއްރުން ނެގުން ނުވަތަ އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ތިމާގެ ބާރު ހިންގަނީ އަނެކާއަށް އޮތް ހައްގުވެރިކަމުން އެ މުދާ ދާއިމަށް ނިގުޅައިގަތުމުގެ މަގުސަދުގައި ކަމުގައި ވުމަށެވެ.

(މ) "ޓެކުން" ކަމަށް ބުނެފައި އެވަނީ ، އަނެކާއަށް މަންފާއެއް އޮތްކަން ދައްކައިގެން ފައިދާއެއް ނުވަތަ ހިދުމަތެއް ދޭން ބުނެ އެފަދަ ކަމެއް ވެވިދާނެކަން، ކަމަކުން ނުވަތަ ސިފައަކުން ދައްކައިގެން، ފައިސާ ނުވަތަ ތަކެތި އަތުލައި، އެ ކަމެއް ބުނިގޮތަށް ކޮށްނުދީ، އެ ފައިސާ ނުވަތަ ތަކެތި ބޭނުންކުރުމަށެވެ.

(ފ) "ސުލޫކީ ހަމަތައް" ކަމަށް ބުނެފައި އެވަނީ، އޮފީހުގެ ހުރިހާ މުވައްޒަފުން އޮފީހަށް ހިދުމަތްކުރުމުގެގޮތުން ވަޒީފާ އަދާކުރުމުގައި އުޅުމާއި އަމަލުތައް ބަހައްޓަންޖެހޭ ހަމަތަކާއި އުސޫލުތަކެވެ.

 

24 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

25 ވަނަ މާއްދާ - އުވައިލެވޭ އުސޫލު

މި އުސޫލަށް އަމަލުކުރަން ފެށުމުން، 10 ޑިސެންބަރު 2020 ގައި އަމަލުކުރަން ފެށި "އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން އަމަލުކުރަންޖެހޭ އުސޫލު" އުވުނީއެވެ.

 

މައި ގާނޫނު

އޮޑިޓް ގާނޫނު (ގާނޫނު ނަންބަރު 2007-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު