-

 މެޖިސްޓްރޭޓް ކޯޓުތަކުގެ އާއިލީ އިޖުރާއަތުގެ އުސޫލު 

(އުސޫލު ނަންބަރު 2022-26)

(މި އުސޫލަށް އަމަލުުކުރަން ފެށީ 22 އޮގަސްޓް 2022 ގައި)

ފުރަތަމަ ބައި : ފެށުން

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި އުސޫލަކީ، ގަވާއިދު ނަންބަރު 2022-99 (އާއިލާއާބެހޭ ގަވާއިދު) ގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން، އާއިލީ މައްސަލަތައް ބެލުމުގައި މެޖިސްޓްރޭޓް ކޯޓުތަކުން އަމަލުކުރާނެގޮތުގެ އިޖުރާއަތު ބަޔާންކުރާ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ "މެޖިސްޓްރޭޓް ކޯޓުތަކުގެ އާއިލީ އިޖުރާއަތު ބަޔާންކުރާ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މި އުސޫލު އޭގެ މައްޗަށް ހިނގާނެ މައްސަލަތައް

މެޖިސްޓްރޭޓް ކޯޓުތަކަށް އިހްތިސާސް ލިބިފައިވާ އާއިލީ މައްސަލަތައް ބަލައި ހިންގާނީ މި އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

3 ވަނަ މާއްދާ - މި އުސޫލުގެ މަ ގުސަދު

މި އުސޫލުގެ މަގުސަދަކީ، މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް، އަދުލުވެރިކަމާއި ހާމަކަމާއެކު، އެކަށީގެންވާ އަވަސް މިނެއްގައި، ބަލައި ގޮތެއް ނިންމުމަށް މަގުފަހިކުރުމެވެ.

 

ދެވަނަ ބައި:

ކޯޓު ތަކު ގެ އިހްތިސާސް

 

4 ވަނަ މާއްދާ - މައުޒޫއީ އިހްތިސާސް

ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގައި ނުވަތަ ވަކި ހާއްސަ ގާނޫނެއްގައި، އާއިލީ މައްސަލަތައް ބެލުމަށް މެޖިސްޓްރޭޓް ކޯޓުތަކަށް އިހްތިސާސް ލިބިދޭ ކަމަށް ބަޔާންކުރާ މައްސަލަތައް ބެލުމުގެ އިހްތިސާސް މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ސަރަހައްދީ އިހްތިސާސް

(ހ) އާންމު އު ސޫލުން، އާއިލީ މައްސަލައެއް ބެލުމުގެ ސަރަހައްދީ އިހްތިސާސް ލިބިގެންވާ ކޯޓަކީ، މައްސަލަ ރައްދުވާ ފަރާތް އާންމު ގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ޖުޑީށަލް ދާއިރާގެ ކޯޓެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މައްސަލަ ހުށަހަޅާ ފަރާތް އާންމު ގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ޖުޑީށަލް ދާއިރާގެ ކޯޓަށް މައްސަލަ ހުށަހެޅުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، މައްސަލައެއް ހުށަހަޅާއިރު މައްސަލަ ރައްދުވާ ފަރާތް
އާންމު ގޮތެއްގައި ދިރިއުޅޭ ތަނެއް ނެތްނަމަ، އޭނާ އެންމެ ފަހުން ދިރިއުޅުނު ތަން ނިސްބަތްވާ ޖުޑީށަލް ދާއިރާގެ ކަމާބެހޭ ކޯޓަކީ އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓުކަމުގައި ބެލެވޭނެއެވެ. އާންމު ގޮތެއްގައިދިރިއުޅޭ ތަން ނިސްބަތްވާ 
ދާއިރާގެ ކޯޓު ކަމަށް ބަލާނީ، އެ ފަރާތެއް އާންމު ގޮތެއްގައި ކައިބޮއި ، ނިދާ ރަށުގައި ގާއިމުވެފައިވާ ފުރަތަމަ މަރުހަލާގެ ކޯޓު، ނުވަތަ އެ ރަށުގައި ގާއިމުވެފައިވާ ކޯޓުތަކުގެ ތެރެއިން ފުރަތަމަ މަރުހަލާގައި އާއިލީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިފައިވާ 
ކޯޓެވެ.

(ރ) މި މާއްދާގެ ބޭނުމަށްޓަކައި، މައްސަލަ ހުށަހަޅާ ފަރާތް ނުވަތަ މައްސަލަ ރައްދުވާފަރާތް ދިރިއުޅޭ ތަން ކަނޑައެޅުމުގައި އެ ފަރާތަކުން އެ ތަނެއްގައި ވަކި މުއްދަތަކަށްދިރިއުޅުން ލާޒިމެއްނޫނެވެ.

(ބ) މި މާއްދާގެ (ހ) ގެ އިތުރުން، އާއިލީ މައްސަލައަކީ ކުޑަކުއްޖަކާގުޅޭ މައްސަލައެއްނަމަ، އެ ކުއްޖާއާގުޅޭ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކުއްޖާ އެ ވަގުތަކު ހުރި ރަށެއްގެ ކޯޓަށް ވެސް ލިބިގެންވެއެވެ.

(ޅ) މައްސަލަ ރައްދުވާ އެއް ފަރާތަށްވުރެ ގިނަ ފަރާތް ތިބިނަމަ، އޭގެ ތެރެއިން އެއް ފަރާތް އާންމު ގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ޖުޑީށަލް ދާއިރާގެ ކަމާބެހޭ ކޯޓުގައި އެފަދަ މައްސަލައެއް އުފުލިދާނެއެވެ.

(ކ) ހުކުމެއް ތަންފީޒުކުރުމާގުޅޭ މައްސަލައެއްނަމަ، އެ މައްސަލައެއް ބެލުމުގެ ސަރަހައްދީއިހްތިސާސް ލިބިގެންވަނީ އެ ހުކުމެއް ކުރި ނުވަތަ ހުކުމް ތަންފީޒު ކުރަންޖެހޭ ތަން ނިސްބަތްވާ ޖުޑީށަލް ދާއިރާގެ ކަމާބެހޭ ކޯޓަށެވެ.

 

6 ވަނަ މާއްދާ - ވަގުތީ ފަރުވާގެފިޔަވަޅުތައް ބެލުން

ވަގުތީ ފަރުވާގެ ފިޔަވަޅުތައް އެޅުމަށް އަމުރުކުރުމުގެ ބާރު، މައްސަލައެއް މައުޒޫއީގޮތުންނިންމުމުގެ އިހްތިސާސް ލިބިގެންވާ ކޮންމެ ކޯޓަކަށް، ނުވަތަ އެ ފިޔަވަޅެއް ތަންފީޒުކުރެވޭޖުޑީށަލް ދާއިރާގެ ކަމާބެހޭ ކޯޓަކަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ދިވެހިރާއްޖޭގެ އެއް ކޯޓަކަށްވުރެ ގިނަ ކޯޓަށްހުށަހެޅޭ މައްސަލަތައް

(ހ) މައްސަލަ ބިނާކުރާ އަސާސްގެ މައްޗަށް، އެއް ހަސްމުންތަކެއް ހިމެނޭ އެއް މައްސަލައަށްވުރެ ގިނަ މައްސަލަ ދިވެހިރާއްޖޭގެ ތަފާތު ދެ ކޯޓަކަށް (ނުވަތަ އެއަށްވުރެ ގިނަ ކޯޓުތަކަށް) ހުށަހެޅިއްޖެކަން އެނގޭ ހިސާބުން، އެ މައްސަލަ ފުރަތަމަ ހުށަހެޅުނު ކޯޓުން އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންވޭތޯ ބަލައި އެކަމާމެދު ގޮތެއް ކަނޑައަޅަންދެން، އެ މައްސަލަ ފަހުން ހުށަހެޅުނު ކޯޓުގެ އަމިއްލަ އިސްނެގުމަށް އެ ކޯޓުގައި ހިނގަމުންދާ މައްސަލަ ބެލުން މެދުކަނޑައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެއް މެދުވެރިވެގެން މައްސަލަ ހުށަހެޅިފައިވާ އެހެން ކޯޓަކުން އެ ކޯޓަށް މައްސަލަ ހުށަހެޅުނު ތާރީހު ލަސްނުކޮށް ފުރަތަމަ މައްސަލަ ހުށަހެޅުނު ކޯޓަށް އަންގަންވާނެއެވެ.

(ނ) ފުރަތަމަ މައްސަލަ ހުށަހެޅި ކޯޓަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިފައިވާނަމަ، އެ މައްސަލަ ބަލާނީ ފުރަތަމަ އެ މައްސަލަ ހުށަހެޅުނު ކޯޓުންނެވެ. މިފަދައިން ފުރަތަމަ މައްސަލަ ހުށަހެޅުނު ކޯޓުން އެ މައްސަލަ ބެލުމަށް އެ ކޯޓުން ނިންމިކަން، އެ މައްސަލަ ފަހުން ހުށަހެޅުނު ކޯޓަށް އެންގުމުން، މި ސަބަބަށް ބިނާކޮށް، މައްސަލަ ފަހުން ހުށަހެޅި ކޯޓުން އެ މައްސަލަ ބާތިލުކުރަންވާނެއެވެ.

(ރ) ފުރަތަމަ މައްސަލަ ހުށަހެޅި ކޯޓަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިފައިނުވާނަމަ، އެ މައްސަލަ ފަހުން ހުށަހެޅުނު ކޯޓަށް، ފުރަތަމަ މައްސަލަ ހުށަހެޅި ކޯޓުން އެކަން އަންގަންވާނެއެވެ. އަދި، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ ކޯޓަށް މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވާކަން ކަނޑައެޅުމުގައި ދެވަނަ ފަހަރަށް މައްސަލަ ހުށަހެޅުނު ކޯޓުން ވެސް އަމަލުކުރަންވާނެއެވެ.

 

ތިންވަނަ ބައި:

ހަސްމުން އަދި ހަސްމުން ތަމްސީލުކުރުން

 

8 ވަނަ މާއްދާ - ހަސްމަކަށް ވެވޭހައިސިއްޔަތު

ގާނޫނީ ހައިސިއްޔަތު ލިބިގެންވާ ކޮންމެ ފަރާތަކީ، އާއިލީ މައްސަލައެއްގައި ހަސްމަކަށްވެވިދާނެ ފަރާތެކެވެ.

 

9 ވަނަ މާއްދާ - މައްސަލަ ހުށަހެޅުމުގެ މަސްލަހަތު އޮތުން

މި އުސޫލުގެ 8 ވަނަ މާއްދާގައި އެގޮތަށް ބަޔާންކޮށްފައިވީނަމަވެސް، އެއްވެސް ފަރާތަކަށް އާއިލީ މައްސަލައެއް ހުށަހެޅޭނީ، އެ މައްސަލައިގައި އެ ފަރާތުގެ އެކަށީގެންވާ މަސްލަހަތެއްއޮވެގެންނެވެ.

 

10 ވަނަ މާއްދާ - ބަދަލު ހަމަޖެއްސުން

(ހ) ހަސްމުގެ ފަރާތުން ބަދަލުގައި އެހެން ފަރާތެއް ށަރީއަތަށް ހާޒިރުވުމަށް އެދޭނަމަ، ބަދަލުގައި ހާޒިރުވާނެ ފަރާތެއް އައްޔަނުކުރަން ވާނެއެވެ.

(ށ) މައްސަލައިގެ ހަސްމެއްގެ ގޮތުގައި ހިމެނޭ ފަރާތަކީ ކުޑަކުއްޖެއް ކަމުގައިވާ ހާލަތުގައި ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތެއް ކަމުގައިވާ ހާލަތުގައި، އެއިން ފަރާތެއް ތަމްސީލުކުރުމަށް އެ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއް އައްޔަނުކުރަންވާނެއެވެ.

(ނ) މި އުސޫލުގެ ބޭނުމަށް "ރައްކައުތެރިކަން ލިބިގެންވާ ފަރާތް" ކަމަށް ބުނެފައި އެ ވަނީ، އެ މީހެއްގެ ކިބައިގައި ހުރި ނަފުސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އެ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ އެހެން ފަރާތެއް މެދުވެރިކޮށްގެން މެނުވީ، އާއިލީ މައްސަލައެއްގެ ށަރީއަތުގެ މަރުހަލާތައް ކުރިއަށްގެންދިޔުމުގެ ގާބިލުކަން ނެތް ކޮންމެ ފަރާތަކަށެވެ.

(ރ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއް ކަމަށް ބުނެފައި އެ ވަނީ، ކުޑަކުއްޖަކު، ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތެއް އައްޔަނުކުރުމުގައި، އެ ފަރާތެއްގެ ގާނޫނީ ބެލެނިވެރިޔާ، ނުވަތަ ށަރުއީ ބަލަދުވެރިޔާ، ނުވަތަ އެ ފަރާތެއް ބަލަމުންދާ ފަރާތް، ނުވަތަ ކުޑަކުދިންނާގުޅޭ އެންމެހައި ސިޔާސަތުތައް އެކަށައަޅައި އާއިލާއާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓްރީން ކަނޑައަޅާ ފަރާތަށެވެ.

 

11 ވަނަ މާއްދާ - ބަދަލުގައި ހާޒިރުވާނެ ފަރާތެއް ހަމަޖެއްސުން

(ހ) ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ އެއްވެސް ހަސްމެއްގެ ބަދަލުގައި ކޯޓަށް ހާޒިރުވާނެ އެހެން ފަރާތެއް ހަމަޖެއް ސޭނީ އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެންނެވެ.

  1. ބަލި ހާލަތު ހުރިގޮތުން ކޯޓަށް ހާޒިރުވުމަށް ނުކުޅެދުން؛ ނުވަތަ 
  2. ތިމާ ވަޒަންވެރިވެގެން ދިރިއުޅެމުންދާ އަތޮޅު ނޫން އަތޮޅެއްގެ ކޯޓަކަށް ހާޒިރުވާންޖެހުން؛ ނުވަތަ 
  3. ތިމާގެ ގޯތިގެދޮރު ނުވަތަ ތިމާ ބަލަންޖެހިފައިވާ މީހަކު ދޫކޮށް ކޯޓަށް ދިއުން ދަތިވުން؛ ނުވަތަ 
  4. ރަށުގައި ހުރެވެން ނެތުން؛ ނުވަތަ 
  5. ކޯޓަށް ގަބޫލުކުރެވޭ އެހެން ސަބަބެއް މެދުވެރިވުން. 

(ށ) ބަދަލުގައި ށަރީއަތަށް ހާޒިރުވާ މީހާއަކީ މައްސަލައާގުޅޭ ގޮތުން ށަރީއަތަށް ބޭނުންވާ މައުލޫމާތު އެނގިހުރި މީހަކަށް ވާންވާނެއެވެ. އެ މީހަކީ އެފަދަ މީހަކަށް ނުވާނަމަ ބަދަލު ބާތިލުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ނ) ކޯޓުގެ އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިގައި ބާއްވާ ބައްދަލުވުންތަކަށް 
ހާޒިރުވާންޖެހޭނީ މައްސަލައިގެ ހަސްމުންނެވެ.

(ރ) ބަދަލުގައި ށަރީއަތަށް ހާޒިރުވާ ފަރާތަށް ވަކީލު އައްޔަނުކުރާ ފޯމުގައި ސޮއިކުރެވޭނީ، ޕަވަރ އޮފް އެޓަރނީއަކުން އެ ބާރު ދީފައިވާނަމައެވެ.

(ބ) މައްސަލައެއްގައި ހިމެނޭ ހަސްމެއްގެ ބަދަލުގައި ށަރީއަތަށް ހާޒިރުވާނެ ފަރާތެއް ހަމަޖައްސާނަމަ، ށަރީއަތަށް ހާޒިރުވުމަށް ކަނޑައެޅިފައިވާ ގަޑީގެ 30 (ތިރީސް) މިނެޓު ކުރިން އެކަމަށް ކަނޑައެޅިފައިވާ "ބަދަލު ހަމަޖައްސަން އެދޭ ފޯމު" އާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

(ޅ) ކޯޓުން ކަނޑައަޅައިފައިވާ "ބަދަލު ހަމަޖައްސަން އެދޭ ފޯމު" ގެ ބަދަލުގައި އެ ފޯމުގައި ހިމެނޭ ހުރިހާ މައުލޫމާތެއް ހިމެނޭ ގޮތަށް، ރަޖިސްޓަރީކޮށްފައިވާ ނުވަތަ ނޯޓަރައިޒްކޮށްފައިވާ ނުވަތަ ރާއްޖެއިން ބޭރުގައިނަމަ، ރަސްމީ އިދާރާއަކުން ތައްގަނޑު ޖަހައިފައިވާ ޕަވަރ އޮފް އެޓަރނީއެއް ހުށަހެޅިދާނެއެވެ.

(ކ) ބަދަލުގައި މީހަކު ހަމަޖައްސައިފައިވަނިކޮށް، ބަދަލު ހަމަޖެއްސި ފަރާތުން އަޑުއެހުމަށް ހާޒިރުވާން އެދޭނަމަ ނުވަތަ ބަދަލު ހަމަޖައްސައިފައި އޮތް އޮތުން ބާތިލުކުރަން އެދޭނަމަ، އެކަމަށް ކަނޑައެޅިފައިވާ ފޯމުން ހުށަހަޅަންވާނެއެވެ.

(އ) ބަދަލުގައި ހާޒިރުވާ މީހާ ތަނާޒުލުވާން އެދޭނަމަ އެކަމަށް ކަނޑައެޅިފައިވާ ފޯމުން ހުށަހަޅަންވާނެއެވެ.

(ވ) ބަދަލުގައި މީހަކު ހަމަޖައް ސައިފައިވަނިކޮށް، އެ މީހާގެ ބަދަލުގައި އެހެން މީހަކު ހަމަޖެއްސޭނީ، ކުރިން ހަމަޖެއްސި ބަދަލު ބާތިލު ކުރުމަށްފަހުގައެވެ.

(މ) ބަދަލުގައި ކޯޓަށް ހާޒިރުވުމަށް ހަމަޖެއްސޭ ފަރާތަކީ ތަބީއީ ށަހްސަކަށް (މީހަކަށް) ވާންވާނެއެވެ.

 

12 ވަނަ މާއްދާ - ވަރީގެ މައްސަލަތަކުގައި ބަދަލު ހަމަޖެއްސުން

(ހ) ވަރިކުރުމަށް ނުވަތަ ވަރިވުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ބަދަލުގައި ހާޒިރުވުމަށް އެހެން މީހަކު ހަމަޖައްސާނަމަ، ރަޖިސްޓަރީކޮށްފައިވާ ނުވަތަ ނޯޓަރައިޒް ކޮށްފައިވާ ނުވަތަ ރާއްޖެއިން ބޭރުގައިނަމަ ކަމާބެހޭ ރަސްމީ އިދާރާއަކުން ތައްގަނޑު ޖަހައިފައިވާ ޕަވަރ އޮފް އެޓަރނީއެއް ހުށަހަޅަން ޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނާ ފަދަ މައްސަލައަކާ ގުޅިގެން ހުށަހަޅާ ޕަވަރ އޮފް އެޓަރނީގައި ވަރިކުރަން ހަވާލުކޮށްފައިވާކަން ނުވަތަ ވަރިވުމަށް އެއްބަސްވެފައިވާކަން ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

13 ވަނަ މާއްދާ - ގާނޫނީ ވަކީލަކު އައްޔަނުކުރުން

(ހ) މި އުސޫލުގެ ދަށުން އައްޔަނުކުރާ ގާނޫނީ ވަކީލަކީ ދިވެހިރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތް ފަރާތަކަށް ވާންވާނެއެވެ.

(ށ) އައްޔަނުކުރާ ގާނޫނީ ވަކީލަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން ސަސްޕެންޑް ކުރެވިފައިވާ ވަކީލަކަށް ވެގެންނުވާނެއެވެ.

(ނ) މައްސަލައިގެ ހަސްމަކު ގާނޫނީ ވަކީލަކު އައްޔަނު ކުރާނަމަ، ށަރީއަތަށް ހާޒިރުވުމަށް ކަނޑައެޅިފައިވާ ގަޑީގެ 30 (ތިރީސް) މިނެޓު ކުރިން އެކަމަށް ކަނޑައަޅައިފައިވާ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

(ރ) މައްސަލައެއްގައި އައްޔަނު ކޮށްފައިވާ ގާނޫނީ ވަކީލަކު، އެ މައްސަލައިގައި ށަރީއަތަށް ހާޒިރުވާންޖެހޭ މީހާގެ ބަދަލުގައި ހާޒިރުވުމަށް އެދޭނަމަ، މުވައްކިލުގެ ފަރާތުން، ހުށަހަޅައިފައިވާ ގާނޫނީ ވަކީލު ފޯމު ބާތިލުކުރަން އެދޭކަމަށް ބަޔާންކޮށް، ނުވަތަ ގާނޫނީ ވަކީލުގެ ފަރާތުން އެ މައްސަލައިގެ ގާނޫނީ ވަކީލުކަމުން ތަނާޒުލުވާން އެދޭކަމަށް ބަޔާންކޮށް އެކަމަށް ކަނޑައަޅައިފައިވާ ފޯމުން ހުށަހަޅަންވާނެއެވެ.

(ބ) މައްސަލައެއްގައި އައްޔަނު ކޮށްފައިވާ ގާނޫނީ ވަކީލު ވަކިކުރަން ނުވަތަ ބަދަލުކުރަން އެދޭނަމަ، މުވައްކިލުގެ ފަރާތުން، އެކަމަށް ކަނޑައަޅައިފައިވާ ފޯމުން 
ހުށަހަޅަންވާނެއެވެ.

(ޅ) މައްސަލައެއްގައި އައްޔަނު ކޮށްފައިވާ ގާނޫނީ ވަކީލު ތަނާޒުލުވުމަށް އެދޭނަމަ،އެކަމަށް ކަނޑައަޅައިފައިވާ ފޯމުން ހުށަހަޅަންވާނެއެވެ.

 

14 ވަނަ މާއްދާ - ށަރީއަތުގެ އެންގުމަށް ފޯމުގެ އަސްލު ކޯޓަށް ހުށަހެޅުން

ވަކީލު ފޯމު، ބަދަލު ފޯމު އަދި ޕަވަރ އޮފް އެޓަރނީގެ އަސްލު ހުށަހަޅަން ށަރީއަތުން އަންގައިފިނަމަ، އެ އަސްލު ކޯޓަށް ހުށަހަޅަންވާނެއެވެ.

 

15 ވަނަ މާއްދާ - ހަސްމުން އިތުރުކުރުމާއި، ބަދަލުކުރުމާއި، ވަކިކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި، މައްސަލައެއްގެ ހަސްމުންގެ ގޮތުގައި އިތުރު ފަރާތްތައް (ކޯޓުގެ އިސްނެގުމަށް) ހިމެނިދާނެއެވެ.

  1. ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ އެންމެހައި ކަންކަން ކޯޓަށް ނިންމޭނީ އެ މައްސަލައަކާގުޅޭ އިތުރު ހަސްމެއް ހިމަނައިގެން ކަމަށް ވުން؛ 
  2. ކޯޓުން ބަލަމުންދާ މައްސަލައެއްގައި ހިމެނޭ ހަސްމަކާއި އެހެން ފަރާތަކާ ދެމެދު އުފެދިފައިވާ އެހެން މައްސަލައަކީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ސީދާ އަސަރުކުރާ މައްސަލައެއް ކަމުގައިވާ ހާލަތުގައި، އެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެ ފަރާތެއް ހަސްމެއްގެ ގޮތުގައި ހިމެނުމަކީ މުހިންމު ކަމެއް ކަމަށް ވުން.

(ށ) މައްސަލައެއްގައި ހަސްމެއްގެ ގޮތުގައި ފުރަތަމަ ހިމެނުނު ފަރާތެއް އެއީ ހަސްމެއް ކަމުގައި ވާންޖެހޭ ފަރާތެއް ނޫން ކަމަށް ކޯޓަށް ފެނިއްޖެނަމަ، އެއީ އެ މައްސަލައިގެ ހަސްމެއް ނޫން ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ނިންމުމެއް ނިންމޭނީ، މައްސަލައިގެ ހަސްމެއްގެ ގޮތުގައި ފުރަތަމަ ހިމަނައިފައިވާ ފަރާތަކީ، އެ މައްސަލައާ ގުޅުންހުރި ފަރާތެއްކަމުގައިނުވާނަމަ، ނުވަތަ އެ ފަރާތުގެ މަސްލަހަތެއް އެ މައްސަލައިގައި ނުހިމެނޭނަމަ ނުވަތަ އެ ހަސްމަށްވުރެ އެ މައްސަލައިގައި ބޮޑު މަސްލަހަތެއް އޮތް އެހެން ފަރާތެއްވާނަމައެވެ.

(ރ) މައްސަލައެއްގައި ހަސްމެއްގެ ގޮތުގައި ފުރަތަމަ ހިމެނުނު ފަރާތެއްގެ މަސްލަހަތު ނުވަތަ އިލްތިޒާމު އެހެން ފަރާތަކަށް ބަދަލުވެފައިވާ ހާލަތުގައި، އަދި އެ މައްސަލައިގައި ހިމެނޭ އެންމެހައި ކަންކަމާމެދު ގޮތެއް ކަނޑައެޅެން އަންނަނީ، އެ ދެވަނަ ފަރާތް ހަސްމެއްގެ ގޮތުގައި ހަމަޖައްސައިގެން ކަމުގައިވާ ހާލަތުގައި، ފުރަތަމަ ހަސްމުގެ ބަދަލުގައި އެ ދެވަނަ ފަރާތް މައްސަލައިގެ ހަސްމެއްގެ ގޮތުގައި ކޯޓަށް ހަމަޖެއްސިދާނެއެވެ.

(ބ) ކޯޓަށް މައްސަލައެއް ހުށަހެޅުމަށްފަހު، އެ މައްސަލައިގައި އިތުރު ހަސްމުން ހިމެނޭނީ، ނުވަތަ ބަދަލުކުރެވޭނީ ނުވަތަ ވަކިކުރެވޭނީ، ކޯޓުގެ ހުއްދައާއެކުގައެވެ.

 

16 ވަނަ މާއްދާ - މައްސަލައަށްތަދައްހުލު ވުން

(ހ) ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި، އެހެން ފަރާތެއްގެ މަސްލަހަތު ހިމެނޭކަމަށް ބަޔާންކޮށް އެކަން އެ ފަރާތުން ކޯޓަށް ހުށަހެޅުމުން، އެ ފަރާތެއްގެ މަސްލަހަތު ހިމެނޭކަމަށް ކޯޓުން ނިންމައިފިނަމަ، މައްސަލައަށް ތަދައްހުލުވުމުގެ ފުރުސަތު އެ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި، އެހެން ފަރާތެއްގެ މަސްލަހަތު ހިމެނޭކަމަށް ށަރީއަތަށް ފެނިއްޖެނަމަ، މައްސަލައަށް ތަދައްހުލުވުމަށް އެ ފަރާތަށް އެންގުމުގެ ބާރު މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ.

 

17 ވަނަ މާއްދާ - ހަސްމަކު މަރުވުން

ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، އާއިލީ މައްސަލައެއްގައި ހިމެނޭ ހަސްމަކު މަރުވެއްޖެނަމަ، އެ މައްސަލައެއް ކުރިއަށް ގެންދިޔުމާމެދު ށަރީއަތުން ގޮތެއް ކަނޑައަޅަންވާނެއެވެ.

 

ހަތަރުވަނަ ބައި:

މައްސަލަ ހުށަހެޅުން

 

18 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން

(ހ) މައްސަލަ ހުށަހަޅާނީ، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ކޯޓަށް މައްސަލަ ހުށަހަޅާ ފޯމުންނެވެ. މައްސަލަ ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ނުވަތަ ކޯޓުން ކަނޑައަޅާ އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ.

(ށ) ކޯޓަށް ހުށަހަޅާ ފޯމުތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، އެ ފޯމެއް ކޯޓަށް ހުށަހަޅާއިރު ފީ ދައްކަންވާނެއެވެ.

(ނ) މައްސަލައެއް ފެށޭނީ، އެ މައްސަލައެއްގެ ފޯމު ކޯޓަށް ހުށަހަޅައި، ކޯޓުން އެ ފޯމު ބަލައިގަނެ، ރަޖިސްޓަރީކުރުމާއެކުގައެވެ.

 

19 ވަނަ މާއްދާ - މައްސަލަ ހުށަހަޅާ ފޯމުގައިހިމަނަންޖެހޭތަފުސީލުތައް

(ހ) މައްސަލަ ހުށަހަޅާ ފޯމުގައި އަންނަނިވި ތަފުސީލުތައް ހިމަނަންވާނެއެވެ.

  1. މައްސަލައިގެ ބާވަތާއި މައްސަލައިގެ ހުލާސާ؛
  2. މައްސަލަ އެ މައްޗަށް ބިނާވެފައިވާ، އަދި މައްސަލަ ހުށަހަޅާ ފަރާތުން ބަރޯސާވާ ވާގިއާތައް؛
  3. މައްސަލަ ހުށަހަޅާ ފަރާތުން ހޯދުމަށް އެދޭ ފަރުވާ؛
  4. ހެކިން ހުށަހަޅާނަމަ، ހެކިވެރިޔާގެ މައުލޫމާތު އަދި ހެކި ހުށަހަޅާ ސަބަބު؛

(ށ) ދައުލަތާ ދެކޮޅަށް ހުށަހަޅާ މައްސަލަތުކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމުގެ 
އިތުރުން، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. މައްސަލަ ނިސްބަތްވާ ދައުލަތުގެ އިދާރާގެ ނަން؛ އަދި
  2. ދައުލަތުން ޒިންމާ އުފުލަންޖެހޭ ހާލަތު މެދުވެރިވި ސަބަބުތަކާއި ވަށައިގެންވާ ކަންކަން.

(ނ) މައްސަލަ ހުށަހަޅަނީ އެހެން ފަރާތެއް ތަމްސީލުކުރުމުގެ ހައިސިއްޔަތުން ކަމުގައިވާނަމަ، މައްސަލަ ހުށަހަޅާ ފޯމުގައި އެ ހައިސިއްޔަތު ބަޔާންކުރަންވާނެއެވެ.

(ރ) ހަރަދު ހޯދުމަށް އެދި ހުށަހަޅާ މައްސަލައެއްނަމަ، ނުވަތަ ހަރަދު ތަންފީޒުކުރުމާގުޅޭ މައްސަލައެއްނަމަ، ފައިސާގެ ތަފުސީލު މައްސަލަ ހުށަހަޅާ ފޯމުގައި ހިމަނަންވާނެއެވެ.

 

20 ވަނަ މާއްދާ - މައްސަލައިގެ ފޯމު ހުށަހަޅާއިރުފުރިހަމަކުރަންޖެހޭ ކަންކަން

(ހ) މައްސަލަ ހުށަހަޅާ ފަރާތުން އެ މައްސަލަ ކޯޓުގައި ކުރިއަށްގެންދަން ގަސްތުކުރަނީ އަމިއްލައަށް ކަމުގައިވާނަމަ، އެ ފަރާތާބެހޭ އަންނަނިވި މައުލޫމާތު ހިމަނައި، ކޯޓަށް ހުށަހަޅަންވާނެއެވެ.

  1. މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަން އަންގައިދޭ މައުލޫމާތު؛
  2. މައްސަލަ ހުށަހަޅާ ފަރާތުގެ ދާއިމީ އެޑްރެހާއި އެއިރެއްގައި ދިރިއުޅެމުންގެންދާ އެޑްރެސް؛
  3. މައްސަލަ ހުށަހަޅާ ފަރާތާ ގުޅޭނެ ފޯނު ނަންބަރު؛
  4. މައްސަލަ ހުށަހަޅާ ފަރާތުގެ އީމެއިލް އެޑްރެހެއް އޮތްނަމަ، އެ މައުލޫމާތު.

(ށ) މައްސަލަ ހުށަހަޅާ ފަރާތް އެ މައްސަލަ ކޯޓުގައި ކުރިއަށްގެންދަން ގަސްތުކުރަނީ ގާނޫނީ ވަކީލަކު މެދުވެރިކޮށްގެން ކަމުގައިވާނަމަ، އަންނަނިވި މައުލޫމާތު ކޯޓަށް ހުށަހަޅަންވާނެއެވެ.

  1. މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަން އަންގައިދޭ މައުލޫމާތު؛
  2. ގާނޫނީ ވަކީލުގެ ނަމާއި ދާއިމީ އެޑްރެސް އަދި އެ ގާނޫނީ ވަކީލަކީ ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއްގެ ފަރާތުން ހާޒިރުވާ ވަކީލެއް ކަމުގައިވާނަމަ އެ ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސްގެ ނަމާއި އެޑްރެސް އަދި ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސްގެ ފަރާތުން އެ ވަކީލު އައްޔަންކޮށްފައިވާކަން އެނގޭނެ ލިޔުން؛
  3. ދައުލަތުގެ ވަކީލަކު ކަމުގައިވާނަމަ، އެ ގާނޫނީ ވަކީލުގެ ނަމާއި މަގާމު؛
  4. ގާނޫނީ ވަކީލާ ގުޅޭނެ ފޯނު ނަންބަރު؛
  5. ގާނޫނީ ވަކީލުގެ އީމެއިލް އެޑްރެސް.

(ނ) މައްސަލަ ހުށަހަޅާ ފޯމުގައި މައްސަލަ ހުށަހަޅާ ފަރާތުން ސޮއިކުރަންވާނެއެވެ. އަދި ގާނޫނީ ވަކީލެއް އައްޔަނުކޮށްފައިވާނަމަ، ގާނޫނީ ވަކީލު ސޮއިކުރަންވާނެއެވެ. އެ ގާނޫނީ ވަކީލަކީ ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއްގެ ފަރާތުން ހާޒިރުވާ ވަކީލެއް ކަމުގައިވާނަމަ އެ ލޯ ފަރމެއް ނުވަތަ އެ ލީގަލް ޕްރެކްޓިސްއެއްގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އެ ގާނޫނީ ވަކީލަކީ ދައުލަތުގެ އޮފީހެއްގެ ފަރާތުން ހާޒިރުވާ ވަކީލެއް ކަމުގައިވާނަމަ، ދައުލަތުގެ އޮފީހެއްގެ ތައްގަނޑު އޮންނަންވާނެއެވެ.

(ރ) މައްސަލަ ހުށަހަޅާ ފޯމު ކޯޓަށް ހުށަހަޅަންވާނީ، ކޯޓަށް ހުށަހަޅާ މައްސަލަ ފޯމުގެ އަސްލުގެ އިތުރުން، މައްސަލަ ރައްދުވާ ކޮންމެ ފަރާތަކަށް ވެސް އެ ފޯމުގެ އަސްލެއް ފޯރުކޮށްދެވޭނެ ގޮތެއްގެ މަތިންނެވެ.

 

21 ވަނަ މާއްދާ - އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް މައްސަލަ ހުށަހެޅުން

(ހ) މި އުސޫލަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް، އެންމެ ކުޑަމިނުން އީމެއިލުގެ ޒަރީއާއިން، މައްސަލަ ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަސީލަތެއް މެދުވެރިކޮށް ހުށަހަޅާ ފޯމެއް،އެ ތާރީހުގައި ކޯޓަށް ހުށަހެޅި ކަމުގައި ބަލާނީ ކޯޓުގެ ރަސްމީ މަސައްކަތު ދުވަހު ކޯޓު ބަންދުކުރާ ގަޑީގެ ކުރިން އެ ފޯމެއް ފޮނުވައިފައިވާނަމައެވެ. ކޯޓު ބަންދުކުރާ ގަޑީގެ ފަހުން ފޮނުވާ ފޯމުތައް ފޮނުވި ތާރީހު ކަމުގައި ބަލާނީ ޖެހިގެން އަންނަ ރަސްމީ ބަންދު ނޫން ދުވަހުގެ ތާރީހެވެ.

(ނ) ވަގުތީ ފިޔަވަޅެއް އެޅުމަށް ނުވަތަ އަވަސް އަމުރަކަށް އެދިފައިވާ މައްސަލަތަކުގައި މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އަމަލުކުރުން އިސްތިސްނާވާނެއެވެ.

(ރ) އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ފޯމާއި އެހެނިހެން ލިޔެކިޔުން ކޯޓަށް ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައި އޮތްނަމަވެސް، ކޯޓަށް ހާޒިރުވެ ފޯމާއި ލިޔެކިޔުން ކޯޓަށް ހުށަހެޅުމަށް ހުރަހެއް ނެތެވެ.

(ބ) މި މާއްދާގެ ދަށުން ހުށަހެޅޭ މައްސަލައެއް ރަޖިސްޓަރީކުރުމަށް ނިންމުމުން، ކޯޓުން އަންގާ ގޮތެއްގެ މަތީން، މައްސަލަ ރަޖިސްޓަރީ ކުރި ތާރީހުން ފެށިގެން ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ފޯމުގެ އަސްލުގެ އިތުރުން، މައްސަލަ ރައްދުވާ ކޮންމެ ފަރާތަކަށް ވެސް އެ ފޯމުގެ އަސްލެއް، މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅަންވާނެއެވެ.

 

ފަސްވަނަ ބައި:

މައްސަލަ ބަލައިގަތުމަށްފަހު އަމަލުކުރާ ގޮތް

 

22 ވަނަ މާއްދާ - މައްސަލަ ބަލައިގަތުމާއި، މައްސަލަރަޖިސްޓަރީކުރުން

(ހ) ކޯޓުތަކަށް މައްސަލައެއް ހުށަހެޅުމާއެކު، އެ މައްސަލައަކާގުޅޭ އަންނަނިވި ކަންކަން ފުރިހަމަވެފައިވޭތޯ ކޯޓުން ބަލަންވާނެއެވެ.

  1. މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތަށް، މައްސަލަ ހުށަހެޅުމާއި، އެ މައްސަލަ ރައްދުވުމުގެ ހައިސިއްޔަތު ލިބިފައިވޭތޯ؛
  2. މައްސަލަ ހުށަހެޅުމަށް އެކަށީގެންވާ މަސްލަހަތެއް މައްސަލަ ހުށަހަޅާ ފަރާތުގެ ކިބައިގައިވޭތޯ؛
  3. އެ މައްސަލައާ ގުޅޭގޮތުން، ތަންފީޒީ ބާރު ހިނގާ ހުކުމެއް ކުރިން ކޮށްފައިވޭތޯ އާއި، ހަސްމުންނާ ގުޅުންހުރި އެހެން މައްސަލައެއް ކޯޓުގައި ހިނގަމުންދޭތޯ؛
  4. މައްސަލައަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަމަށް މި އުސޫލު ނުވަތަ އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކުރާ ކަންކަން ފުރިހަމަވެފައިވޭތޯ؛
  5. މައްސަލަ ސާބިތުކުރުމަށް ބޭނުންވާ ހެކި ހިމެނޭގޮތުން، މައްސަލައާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހަޅައިފައިވޭތޯ؛
  6. ކަމާގުޅޭގޮތުން ކޯޓަށް ދައްކަންޖެހޭ އެންމެހައި ފީ ދައްކައިފައިވޭތޯ.

(ށ) މައްސަލަ ހުށަހަޅާ ފޯމާއި މައްސަލަތަކުގެ އެހެނިހެން ލިޔުންތައް ކޯޓަށް ލިބުމާއެކު އެ ފޯމު ނުވަތަ ލިޔުން ލިބުނު ތާރީހާއި ގަޑި އެނގޭނެ ގޮތަކަށް ކޯޓުން އެ ފޯމުގައި ނުވަތަ ލިޔުމުގައި ތައްގަނޑު ޖަހަންވާނެއެވެ.

(ނ) ފޯމު ހުށަހަޅާ ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ހުށަހެޅިފައިވާ ފޯމު، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ފުރިހަމަވާކަން ނުވަތަ ނޫންކަން އެ ފޯމު ހުށަހެޅި ފަރާތަށް ކޯޓުގެ ރަޖިސްޓްރަރ އަންގަންވާނެއެވެ.

(ރ) ފޯމު އިސްލާހުކުރަންޖެހޭނަމަ އެކަން ކުރަން ނުވަތަ އިތުރު ލިޔުމެއް ހުށަހަޅަންޖެހޭނަމަ ވަކި މުއްދަތެއްގައި އެ ކަމެއް ކުރަން ރަޖިސްޓްރަރ ލިޔުމަކުން އަންގަންވާނެއެވެ. ކަމެއް ކުރަން ރަޖިސްޓްރަރ ދޭ މުއްދަތަކީ އެ ކުރަންޖެހޭ ކަމެއް ކުރުމަށް އެކަށީގެންވާ މުއްދަތެއް ކަމަށް ވާންޖެހޭނެއެވެ.

(ބ) ފޯމު އިސްލާހުކޮށް ހުށަހެޅުމަށް ދޭ މުއްދަތުގައި އެ ފޯމު އިސްލާހު ނުކޮށްފިނަމަ، ނުވަތަ ފުރިހަމަކުރަން އަންގާ ކަމެއް ފުރިހަމަ ނުކޮށްފިނަމަ އެ ފޯމު ބާތިލުކުރުމުގެ އިހްތިޔާރު ރަޖިސްޓްރަރއަށް ލިބިގެންވެއެވެ. މި ބަޔާންކުރި ގޮތަށް ރަޖިސްޓްރަރ ފޯމެއް ބާތިލުކުރުމަކީ އަލުން މައްސަލައިގެ ފޯމެއް ހުށަހެޅުމަށް އޮތް ހުރަހެއް ނޫނެވެ.

(ޅ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ) އަދި (ބ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ކޯޓުގެ ވަގުތީ ފަރުވާގެ އަވަސް ފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހަ ޅައިފައިވާނަމަ، އެފަދަ ފޯމުތަކާމެދު ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ރަޖިސްޓްރަރ ގޮތެއް ނިންމައި، އަދި އިތުރަށް ފުރިހަމަކުރަންޖެހޭ އެހެނިހެން އިދާރީ ކަންކަން ފުރިހަމަކުރުމަށްފަހު، މައްސަލަ ބަލާނެ މެޖިސްޓްރޭޓަކު ކަނޑައެޅުމަށް އެ މައްސަލައިގެ ފައިލާއެކު އެ ފޯމު ކޯޓުގެ އިސްމެޖިސްޓްރޭޓާ ހަވާލުކުރަންވާނެއެވެ. އިސް މެޖިސްޓްރޭޓް ނުހުންނަ ކޯޓެއްނަމަ ކޯޓުގެ މެޖިސްޓްރޭޓާ ހަވާލުކުރަންވާނެއެވެ.

(ކ) ކޯޓުގެ ރަޖިސްޓްރަރ ފޯމު ބަލައިގަނެ އެ މައްސަލައެއް ރަޖިސްޓަރީކުރުމާއެކު ކޮންމެ މައްސަލައަކަށް ގަޒިއްޔާ ނަންބަރެއް ދޭންވާނެއެވެ. އަދި މައްސަލަ ބަލާނެ މެޖިސްޓްރޭޓަކު ކަނޑައެޅުމަށް އެ މައްސަލައިގެ ފައިލާއެކު އެ ފޯމު ކޯޓުގެ އިސްމެޖިސްޓްރޭޓާ ހަވާލުކުރަންވާނެއެވެ. އަދި އެއް މެޖިސްޓްރޭޓަކު ހުންނަ ކޯޓެއްނަމަ، ކޯޓުގެ މެޖިސްޓްރޭޓާ ހަވާލުކުރަންވާނެއެވެ.

(އ) މި މާއްދާގެ (ޅ) އާއި (ކ) ގެ ދަށުން އިސް މެޖިސްޓްރޭޓް، މައްސަލަ ބަލާނެ މެޖިސްޓްރޭޓުން ކަނޑައަޅާނީ، ބުރުހަމަވަންދެން ތަރުތީބުން ހުރިހާ މެޖިސްޓްރޭޓުންނަށް މައްސަލަތައް ހަމަހަމައަށް ބެހެމުންދާނޭ ގޮތަށެވެ.

 

23 ވަނަ މާއްދާ - މައްސަލަ ހުށަހަޅާ ފޯމު ނުވަތަ މައްސަލައިގެ ބަޔާންތައް އިސްލާހުކުރުން

(ހ) މައްސަލަ ހުށަހަޅާ ފޯމަށް އެއްވެސް އިސްލާހެއް ގެންނަނަމަ، އެ ފޯމެއް ކޯޓަށް ފޮނުވާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ އިސްލާހެއް ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) ށަރީއަތަށް މައްސަލަ ހުށަހެޅުމަށްފަހު މައްސަލަ ފޯމަށް ނުވަތަ ހުށަހަޅާ ބަޔާނަށް އެއްވެސް ބަދަލެއް ގެނެވޭނީ މައްސަލަ ބަލާ މެޖިސްޓްރޭޓުގެ ހުއްދަ ލިބިގެންނެވެ.

 

24 ވަނަ މާއްދާ - ލިޔެކިޔުންތައް ބަލައިގަތުމާއި ބަދަލުކުރުން

(ހ) ފޯމު ބަލައިގަނެ ގަޒިއްޔާއެއްގެ ގޮތުގައި ކޯޓުގައި ރަޖިސްޓަރީވުމުން، އެ ފޯމުގެ ކޮޕީ އާއި ހުށަހެޅިފައިވާ ލިޔުންތަކުގެ ކޮޕީ، މައްސަލަ ރަޖިސްޓަރީކުރި ތާރީހުން ފެށިގެން 3 (ތިރީސް) ދުވަހުގެ ތެރޭގައި މައްސަލަ ރައްދުވާ ފަރާތާ ކޯޓުން ހަވާލުކުރަންވާނެއެވެ.

(ށ) މައްސަލައިގެ ށަރީއަތް ކުރިއަށް ގެންދަން އެދެނީ އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށް ވާނަމަ، ނުވަތަ މައްސަލަ ރައްދުވާ ފަރާތުން އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ށަރީއަތް ކުރިއަށް ގެންދިޔުމަށް އެދިއްޖެނަމަ، މައްސަލައިގެ ފޯމުގެ ކޮޕީއާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ކޮޕީ އީމެއިލުގެ ޒަރީއާއިން މައްސަލަ ރައްދުވާ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގައިވާ ގޮތުގެ މަތިން ލިޔެކިޔުން ހަވާލުކުރުމުން، މައްސަލައަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް ކޯޓުން އަންގާ މުއްދަތެއްގެ ތެރޭގައި އަންނަނި ގޮތްތަކުގެތެރެއިން ގޮތަކުން، އެ ކަމާގުޅޭ ފޯމެއް މެދުވެރިކޮށް މައްސަލައަށް ޖަވާބުދާރީވާންވާނެއެވެ.

  1. މައްސަލައަށް އެއްބަސްވުން؛
  2. މައްސަލައަށް އިންކާރުކޮށް، ދިފާއު ހުށަހެޅުން؛
  3. ރައްދު މައްސަލަ ހުށަހެޅުން.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މައްސަލަ ރައްދުވާ ފަރާތުން މައްސަލައަށް ޖަވާބު ހުށަހެޅުމުން، މައްސަލައިގެ ޖަވާބު ފޯމު މައްސަލަ ހުށަހަޅާ ފަރާތަށް ފޮނުވަންވާނެއެވެ.

 

ހަވަނަ ބައި:

ކޯޓަށް ހާޒި ރުވުން

 

25 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުމުގެއަމުރު ފޮނުވުން

(ހ) އާންމު އުސޫލެއްގެ ގޮތުން މައްސަލަ ހުށަހަޅާ ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ކޯޓުން ރައްދުކުރާނީ އަތުން އަތަށެވެ. އަތުން އަތަށް ހަވާލުނުކުރެވޭ ހާލަތުގައި، ހާޒިރުވުމުގެ އަމުރު ފޮނުވޭ ފަރާތް ދިރިއުޅޭ ގޭގައި އުޅޭ ތަސައްރަފު ފުދިފައިވާ މީހަކާ ނުވަތަ ކޯޓަށް ހާޒިރުވާންޖެހޭ މީހާގެ ވަކީލާ، ނުވަތަ ބަދަލުގައި ހަމަޖައްސައިފައިވާ މީހާއާ އަމުރު ހަވާލުކުރުމުން، ހާޒިރުވުމުގެ އަމުރު ރައްދުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

(ށ) ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގައި އީމެއިލް ނުވަތަ އެ ނޫން ވެސް އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވިދާނެއެވެ. އަދި ކޯޓަށް ހާޒިރުވުމުގެ އަމުރު ކޯޓުން ފޮނުވައި، އެ އަމުރު ލިބިފައިވާކަން އަމުރު ރައްދުވާ ފަރާތުން ހާމަކޮށްފައިވާނަމަ، ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

(ނ) އެހެން ގޮތަކަށް މައްސަލަ ރައްދުވާ ފަރާތުން ކޯޓަށް އަންގައި ފައިނުވާނަމަ، ނުވަތަ އެ ނޫން ހުށަހެޅުމެއް މައްސަލަ ރައްދުވާ ފަރާތުން ހުށަހަޅައިފައިނުވާނަމަ، މައްސަލަ ރައްދުވާ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ކޯޓުން ރައްދުކުރާނީ މައްސަލަ ރައްދުވާ ފަރާތުގެ އެޑްރެސް ކަމަށް ބުނެ މައްސަލަ ހުށަހަޅާ ފަރާތުން ދީފައިވާ އެޑްރެހަށެވެ.

(ރ) އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، މައްސަލަ ހުށަހަޅާ ފަރާތުން ދީފައިވާ މައްސަލަ ރައްދުވާ ފަރާތުގެ އެޑްރެހަށް އަމުރު ރައްދުކުރުމަށް ކޯޓުން މަދުވެގެން 3 (ތިރީސް) ފަހަރު މަސައްކަތްކުރަންވާނެއެވެ. ނަމަވެސް،މައްސަލަ ހުށަހަޅާ ފަރާތުން މައްސަލަ ރައްދުވާ ފަރާތުގެ އެޑްރެސް ކަމަށް ބުނެ ދީފައިވާ އެޑްރެހުގައި މައްސަލަ ރައްދުވާ ފަރާތް ނޫޅޭކަމަށް ބުނާނަމަ، އިތުރު 1 (އެކެއް) ފަހަރު އަމުރު ރައްދުކުރަން މަސައްކަތްކުރިޔަސް ފުދޭނެއެވެ. އަދި އެފަދައިން މަސައްކަތްކޮށްގެން ވެސް އެ އެޑްރެހަށް އަމުރު ރައްދުނުކުރެވިއްޖެނަމަ، މައްސަލަ ރައްދުވާ ފަރާތުގެ އެޑްރެހަކީ ކޮބައިކަން ސާފުކުރުމަށްފަހު 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން ކޯޓަށް އެންގުމަށް މައްސަލަ ހުށަހަޅާ ފަރާތަށް ކޯޓުން އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް، މައްސަލަ ހުށަހަޅާ ފަރާތުން، މައްސަލަ ރައްދުވާ ފަރާތުގެ އެޑްރެސް ސާފުކުރުމަށް މަސައްކަތްކޮށްގެން ވެސް އެ ފަރާތުގެ އެޑްރެސް ސާފުކުރެވިފައިނުވާނަމަ އެކަން ކޯޓަށް އަންގަންވާނެއެވެ. އެގޮތަށް މައްސަލަ ހުށަހަޅާ ފަރާތުން އެންގުމުން ކޯޓުން މައްސަލަ ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެހަށް އަމުރު ރައްދުކުރުމަށް މަސައްކަތްކުރަންވާނެއެވެ.

(ޅ) މައްސަލަ ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެހަށް އަމުރު ރައްދުނުކުރެވިއްޖެނަމަ، މައްސަލަ ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެހުގައި އަމުރުގެ ރަތް ނޯޓިހެއް ހަރުކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަތް ނޯޓިސް ހަރުކުރުމަށްފަހުގައި ވެސް، މައްސަލަ ރައްދުވާ ފަރާތުން ކަނޑައަ ޅައިފައިވާ ތާރީހަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ، ވަކި ވަގުތަކަށް ކޯޓަށް ހާޒިރުވުމަށް މައްސަލަ ރައްދުވާ ފަރާތަށް އަންގައި ކޯޓުގެ ވެބްސައިޓުގައާއި ކޯޓުގެ ނޯޓިސް ބޯޑުގައި އަދި އާންމުކޮށް އިއުލާންކުރަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތަށް އާންމުކޮށް އިއުލާންކުރުމުން ވެސް، މައްސަލަ ރައްދުވާ ފަރާތުން ކޯޓަށް ހާޒިރުނުވެއްޖެނަމަ، މައްސަލަ ރައްދުވާ ފަރާތުގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށްގެންދިޔުމާއި، ހުކުމްކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

26 ވަނަ މާއްދާ - މައްސަލަ ރައްދުވާ ފަރާތަކީ ބިދޭސީއަކަށްވެފައި މައްސަލަ ހުށަހަޅާ ފަރާތަށް މައްސަލަ ރައްދުވާ ފަރާތް އުޅޭ ވަކި ތަނެއް ނޭނގުން

(ހ) މައްސަލަ ރައްދުވާ ފަރާތަކީ ބިދޭސީއެއް ނަމަ، އަދި މައްސަލަ ރައްދުވާ ފަރާތް އުޅޭ ވަކި އެޑްރެހެއް ނޭނގޭ ކަމުގައި މައްސަލަ ހުށަހަޅާ ފަރާތުން ބުނާނަމަ، މައްސަލަ ރައްދުވާ ފަރާތް ދިވެހިރާއްޖޭގައި އުޅޭތޯ މޯލްޑިވްސް އިމިގްރޭށަނުން ނުވަތަ ކަމާގުޅޭ އިދާރާއިންސާފުކުރަންވާނެއެވެ. މައްސަލަ ރައްދުވާ ފަރާތް ރާއްޖެއިން ބޭރަށް ފު ރައިފައިވާކަން ނުވަތަދިވެހިރާއްޖެ ދޫކޮށް ގޮސްފައިވާކަން މޯލްޑިވްސް އިމިގްރޭށަނުގެ ރެކޯޑުތަކުން ދައްކާނަމަ، ވަކި މުއްދަތެއްގެ ތެރޭގައި ކޯޓާ މުއާމަލާތުކުރުމަށް ނުވަތަ ކޯޓަށް ހާޒިރުވުމަށާއި، އެ މުއްދަތުގެ ތެރޭގައި މައްސަލަ ރައްދުވާ ފަރާތް ކޯޓާ މުއާމަލާތުކޮށްފައިނުވާނަމަ ނުވަތަހާޒިރުވެފައިނުވާނަމަ، މައްސަލަ ރައްދުވާ ފަރާތުގެ ގައިރު ހާޒިރުގައި މައްސަލަ ބަލައި ހުކުމްކުރެވޭނެކަން އަންގައި އިއުލާނުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މައްސަލަ ރައްދުވާ ފަރާތް ދިވެހިރާއްޖޭގައިނެތްކަން މޯލްޑިވްސް އިމިގްރޭށަނުގެ ނުވަތަ ކަމާގުޅޭ އިދާރާގެ ރިކޯޑުތަކުން އެނގޭނަމަ،އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު،މައްސަލަ ރައްދުވާ ފަރާތާ ގުޅޭނެ ނަންބަރެއް ނުވަތަ މައްސަލަ ރައްދުވާ ފަރާތުގެ އީމެއިލް އެޑްރެސް ސާފުކުރުމަށް މައްސަލަ ހުށަހަޅާ ފަރާތަށް 7 (ހަތެއް) ދުވަހުގެ މުއްދަތެއްދޭންވާނެއެވެ. މި މުއްދަތުގެ ތެރޭގައި މައްސަލަ ރައްދުވާ ފަރާތަށް ގުޅޭނެ ނަންބަރެއް ނުވަތަ އީމެއިލް އެޑްރެސް މައްސަލަ ހުށަހަޅާ ފަރާތުން ސާފުކޮށްދީ، ކޯޓަށްހުށަހަޅައިފިނަމަ، މައްސަލަ ރައްދުވާ ފަރާތަށް އީމެއިލް މެދުވެރިކޮށް އަމުރު ރައްދުކުރުމަށް ކޯޓުން މަސައްކަތްކުރަންވާނެއެވެ.

 

27 ވަނަ މާއްދާ - ންކޯޓަށް ހާޒިރުވުން

ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބޭ ކޮންމެ މީހަކު އަމުރުގައި ކަނޑައަޅައިފައިވާ ތާރީހާއި ގަޑިއަށް ކޯޓަށް ހާޒިރުވާންވާނެއެވެ.

 

28 ވަނަ މާއްދާ - ގަޑިއަށް ހާޒިރުނުވުން

(ހ) މި އުސޫލުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޯޓަށް ހާޒިރުވުމަށް އަންގާ ގަޑިއަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ، އެ މީހަކު 150 (ސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރެވިދާނެއެވެ. އަދި، ޖޫރިމަނާކުރިކަން ވީ އެންމެ އަވަހަކަށް ލިޔުމުން ޖޫރިމަނާކުރި 
ފަރާތަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ، ސަރުކާރު ބަންދު ނޫން 3 (ތިރީސް) ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ގޮތުގައި ބެލެވޭނެއެވެ. އަދި މި ހާލަތުގައި އެ މީހަކާމެދު ނުވަތަ އެ ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

29 ވަނަ މާއްދާ - ހާޒިރުވެވެން ނެތްނަމަ ސަބަބު އެންގުން

(ހ) ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބިފައިވަނިކޮށް، މަގުބޫލު އުޒުރެއް ދިމާވެގެން ކޯޓަށް ހާޒިރުވެވެން ނެތްނަމަ، އަމުރުގައިވާ ގަޑީގެ 1 (އެކެއް) ގަޑިއިރު ކުރިން ލިޔުމުން އެކަން ކޯޓަށް އަންގަންވާނެއެވެ.

(ށ) މި އުސޫލުގެ ދަށުން މަގުބޫލު ސަބަބެއް ކަމުގައި ބެލެވޭނީ، ތިރީގައިވާ ކަމަކުން ކުރެ ކަމަކަށެވެ.

  1. ކޯޓަށް ހާޒިރުނުވެވޭފަދަ ބައްޔެއްވުން؛
  2. މޫސުން ގޯސްވުމުގެ ސަބަބުން ހާޒިރުނުވެވުން؛
  3. މެޖިސްޓްރޭޓް ގަބޫލުކުރާ އެހެނިހެން ސަބަބުތައް.

 

30 ވަނަ މާއްދާ - މެޑިކަލް ސެޓުފިކެޓު ހުށަހެޅުން

ކޯޓަށް ހާޒިރުނުވެވެން ދިމާވި ސަބަބަކީ، މި އުސޫލުގެ 29 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައިވާ ސަބަބުކަމަށްވާނަމަ، ސިއްހީ ފަރުވާދޭ ތަނަކުން އެ މީހާގެ ސިއްހީ ހާލަތު ބަޔާންކޮށް، ސޮއިކޮށް ތައްގަނޑު ޖަހައިފައިވާ މެޑިކަލް ސެޓުފިކެޓު، ކޯޓަށް ހާޒި ރުވާން އޮތް ދުވަހުން ފެށިގެން 2 (ދޭއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

 

31 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވިކަމަށް އިންކާރުކުރުން

މި އުސޫލުގެ 25 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތަށް ހާޒިރުވުމުގެ އަމުރު ހަވާލުކުރެވިފައިވަނިކޮށް، އަމުރު ލިބެންވާ ފަރާތުން އަމުރު ލިބުނުކަމަށް އިންކާރުކުރާ ހާލަތުގައި، ކޯޓުގެ ފަރާތުން އަމުރު ހަވާލުކުރި މުވައްޒަފު އަމުރު ހަވާލުކުރި ކަމަށް ބުނެ ދޭ ހެކިބަހަކީ ހާޒިރުވުމުގެ އަމުރު ރައްދުވި ކަމުގެ ފުރިހަމަ ހެކި ބަހެއް ކަމުގައި ބެލެވޭނެއެވެ.

 

32 ވަނަ މާއްދާ - ބަންދުގައި ތިބޭ މީހުންނަށް އަމުރު ރައްދުކުރުން

(ހ) ބަންދުގައި ނުވަތަ ޖަލުގައި ހުރި މީހަކު ހާޒިރުކުރުމަށް އަމުރު ފޮނުވާނީ، އެ މީހަކު ބަންދުކޮށްފައިވާ ނުވަތަ ހައްޔަރުގައި ބަހައްޓައި ފައިވާ އިދާރާއަށެވެ.

(ށ) ބަންދުގައި ނުވަތަ ޖަލުގައި ހުރި މީހަކު ކޯޓަށް ހާޒިރުވުމަށް އަމުރު ފޮނުވުމުން،އެ އިދާރާއަކުން، އަމުރުގައިވާ ތާރީހާއި ގަޑިއަށް އެ މީހަކު ކޯޓަށް ހާޒިރުކޮށްދޭންވާނެއެވެ.އަމުރުގައިވާ ގަޑިއަށް ހާޒިރުކޮށްދެވެން ނެތްނަމަ، އަ ޑުއެހުން ފެށުމުގެ 1 (އެކެއް) ގަޑިއިރު ކުރިން އެކަން ކޯޓަށް އަންގަންވާނެއެވެ.

 

33 ވަނަ މާއްދާ - މައްސަލަ ހުށަހެޅިފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރި މީހަކު ހާޒިރުކުރުން ނުވަތަ ބަޔާން ނެގުން

(ހ) މައްސަލަ ހުށަހެޅިފައިވާ ރަށް ނޫން އެހެން ރަށެއްގައި މައްސަލަ ރައްދުވާ ފަރާތް ހުއްޓައި، އެ މީހާގެ މައްޗަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ މީހަކު ހާޒި ރުކޮށްދިނުމުގެ އަމުރު ރައްދުކޮށްދިނުމަށް އެދޭނީ އެ މީހަކު ހުރި ރަށެއްގެ ކޯޓުގައެވެ. އަދި މިގޮތަށް ކޯޓު މެދުވެރިކޮށް ހާޒިރުވުމުގެ އަމުރު ފޮނުވާ ހާލަތުގައި، އޯޑިއޯ/ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ށަރީއަތް ކުރިއަށް ގެންދާނީ އެ މީހަކު ހުރި ރަށެއްގެ ކޯޓު މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައިވީނަމަވެސް، އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ށަރީއަތުގައި ބައިވެރިވުމަށް މައްސަލަ ރައްދުވާ ފަރާތުން އެދޭނަމަ، އެ މީހަކު ހުރި ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ރައްދުވާ ފަރާތް ހާޒި ރުނުކޮށް، އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް މައްސަލަ ރައްދުވާ ފަރާތުގެ ބަޔާން ނެގުމަށް މި މާއްދާހުރަހެއް ނާޅައެވެ.

(ނ) ކޯޓަށް މައްސަލަ ހުށަހަޅާއިރު މައްސަލަ ރައްދުވާ ފަރާތް، މައްސަލަ ހުށަހެޅުނު ރަށުގައި ނޫޅެނަމަ، އޭނާ އެ ވަގުތަކު ހުރި ރަށެއްގެ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް ބަޔާން ނެގުމުގެ އިހުތިޔާރު މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ.

 

34 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންގެ ބަޔާން ނެގުން

(ހ) މައްސަލަ ހުށަހެޅުނުއިރު، މައްސަލަ ރައްދުވާ ފަރާތް ހުރީ ދިވެހިރާއްޖެއިން ބޭރުގައިނަމަ، އަދި އޭނާ ހުރި ގައުމަކީ ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ދިވެހިރާއްޖޭގެ ރަސްމީ އޮފީހެއް ގާއިމުކުރެވިފައިވާ ގައުމެއްނަމަ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް އެމްބަސީ ނުވަތަ ރަސްމީ އޮފީހަކަށް ހާޒިރުކޮށްގެން އޭނާގެ ބަޔާން ނެގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައިވީނަމަވެސް، އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގމެދުވެރިކޮށް ށަރީއަތް ކުރިއަށް ގެންދިއުމަށް މައްސަލަ ބަލާ މެޖިސްޓްރޭޓް ނިންމާ ހާލަތުގައި، އެމްބަސީއަކަށް ނުވަތަ ރަސްމީ އޮފީހަކަށް މައްސަލަ ރައްދުވާ ފަރާތް ހާޒިރުނުކޮށް، އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް މައްސަލަ ރައްދުވާ ފަރާތުގެބަޔާން ނެގުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

35 ވަނަ މާއްދާ - ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުން

(ހ) ހާޒިރުކުރަންޖެހޭ ފަރާތެއް ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަކީ، އެންމެ މަސްލަހަތު ރަނގަޅުގޮތް ކަމަށް މައްސަލަ ބަލާ މެޖިސްޓްރޭޓަށް ފެންނަ ހާލަތުތަކުގައި، އެ މީހަކުދިވެހި ފުލުހުންގެ ހިދުމަތް ނުވަތަ މީހުން ބަންދުކުރުމުގެ ބާރު ލިބިފައިވާ އެހެން އިދާރާއެއް މެދުވެރިކޮށް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށްޓަކައި، ކޯޓަށް ހާޒިރުކުރުމުގެ އަމުރު ނެރުމުގެ އިހުތިޔާރު މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަމުރު ނެރުމުގައި ބަލާނީ ތިރީގައި ބަޔާންކުރެވިފައިވާކަންތައްތަކަށެވެ.

  1. ކޯޓަށް ހާޒިރުވުމުގެ އަމުރެއް ކުރިން ފޮނުވި، އެ އަމުރަށް ހާޒިރުވެފައިނުވާފަރާތެއްކަމުގައި ވުން.
  2. އެ މީހަކީ ފިލާފާނެފަދަ މީހެއްކަމަށް ކޯޓަށް ފެންނަ މީހެއްކަށް ވުން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހާޒިރުކުރުމުގެ އަމުރު ނެރުމުން އެ އަމުރުގައިވާ ތާރީހާއި ގަޑިއަށް ދިވެހި ފުލުހުންގެ ހިދުމަތް ނުވަތަ މީހުން ބަންދުކުރުމުގެ ބާރު ލިބިފައިވާއެހެން އިދާރާއަކުން އެ މީހަކު ކޯޓަށް ހާޒިރުކޮށްދޭންވާނެއެވެ.

 

36 ވަނަ މާއްދާ - އެޑްރެސް ބަދަލުވުން

(ހ) ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި މައްސަލަ ހުށަހަޅާ ފަރާތުގެ ނުވަތަ މައްސަލަ ރައްދުވާ ފަރާތުގެ އެޑްރެސް ބަދަލުވެއްޖެނަމަ، އެޑްރެސް ބަދަލުވިތާ 3 (ތިރީސް) ދުވަހުގެ ތެރޭގައި، ބަދަލުވި އެޑްރެސް އެނގޭގޮތަށް ލިޔުމުން އެކަން ކޯޓަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެޑްރެސް ބަދަލުވިކަން ކޯޓަށް އަންގައިފައިނުވާނަމަ، މި އުސޫލުގެ 35 ވަނަ މާއްދާއާއި 38 ވަނަ މާއްދާގައިވާގޮތަށް އަމަލުކުރުމުގެ ބާރު މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ.

 

37 ވަނަ މާއްދާ - މައްސަލަ ރައްދުވާ ފަރާތަށް އަމުރު ލިބި ހާޒިރުނުވުން

ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބި، މަގުބޫލު އުޒުރެއް ނެތި އަމުރުގައިވާ ގަޑި އާއި ތާރީހަށް މައްސަލަ ރައްދުވާ ފަރާތް ކޯޓަށް ހާޒިރު ނުވެއްޖެނަމަ، ނުވަތަ މައްސަލަ ރައްދުވާ ފަރާތް ދީފައިވާ އެޑްރެހުގައި ނެތި، ވީ ތަނެއް ނޭނގޭނަމަ، ގައިރު ހާ ޒިރުގައި މައްސަލަ ހިންގޭނެކަން އެނގޭގޮތަށް އެ މީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީއިން ނުވަތަ އެނޫންވެސް ހަބަރު ފަތުރާ ވަސީލަތެއް މެދުވެރިކޮށް އިއުލާން ކުރުމަށްފަހު، އިއުލާނުގައިވާ ތާރީހާއި ގަޑިއަށް ކޯޓަށް ހާޒިރު ނުވެއްޖެނަމަ، ކޯޓަށް ހާޒިރުވުމަށް އެންގުނީ ކަމަށް ބަލައި، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް، އެ މީހާގެ ގައިރު ހާޒިރުގައި މައްސަލަ ނިންމުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

38 ވަނަ މާއްދާ - މައްސަލަ ހުށަހަޅާ ފަރާތް ހާޒިރުނުވުން

ކޯޓަށް ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބި، މަގުބޫލު އުޒުރެއް ނެތި އަމުރުގައިވާ ގަޑިއާއި ތާރީހަށް މައްސަލަ ހުށަހަޅާ ފަރާތް ކޯޓަށް ހާޒިރު ނުވެއްޖެނަމަ، ނުވަތަ އުޅޭ އެޑްރެސް ބަދަލުވެގެން، މި އުސޫލުގެ 36 ވަނަ މާއްދާގައިވާ ގޮތަށް އަމަލުކޮށްފައިނުވާނަމަ، ތިރީގައި މިވާ ގޮތަކުންކުރެ ގޮތަކަށް އަމަލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

  1. އެ މައްސަލައިގައި މައްސަލަ ރައްދުވާ ފަރާތުން ވަކި ގޮތަކަށް ކޯޓުން އަމަލުކޮށްދިނުމަށް އެދި ހުށަހަޅައިފައިނުވާނަމަ، އެ މައްސަލައެއް ބާތިލުކުރުން.
  2. އެ މައްސަލައިގައި މައްސަލަ ރައްދުވާ ފަރާތުން ވަކި ގޮތަކަށް ކޯޓުން އަމަލުކޮށްދިނުމަށް އެދި ހުށަހަޅައިފައިވާނަމަ، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ރިއާޔަތްކޮށް މައްސަލަ ނިންމުން.

 

39 ވަނަ މާއްދާ - ހެކިން ހާޒިރުކުރުން

(ހ) ށަރީއަތަށް ހުށަހަޅައިފައިވާ މައްސަލައެއްގައި، ހެކިން ހާޒިރުކުރަން ޖެހިއްޖެނަމަ،މި އުސޫލުގައިވާ ގޮތުގެ މަތިން އެ ހެކިވެރިއަކު ކޯޓަށް ހާޒިރުކުރަންވާނެއެވެ.

(ށ) ހެކިބަސް ދިނުމަށް ހާޒިރުވާންޖެހޭ ހެކިވެރިޔާ ހުރީ މައްސަލަ ހުށަހަ ޅައިފައިވާ ރަށް ނޫންއެހެން ރަށެއްގައިނަމަ، އެ ހެކިވެރިއަކު ހުރި ރަށެއްގެ ކޯޓަށް އެ ހެކިވެރިޔަކު ހާޒިރުކޮށް، އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ހެކިބަސް ނަގަންވާނެއެވެ.

 

ހަތްވަނަ ބައި:

ގިންތި ކަނޑައެޅުން

 

40 ވަނަ މާއްދާ - މައްސަލަ އިގެ ގިންތި ކަނޑައެޅުން

(ހ) ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައި، އެ މައްސަލަ އަވަސް ކުރުމުގައި ގިންތި ކަނޑައަޅަންވާނެއެވެ. ގިންތި ކަނޑައަޅާނީ އިބްތިދާއީ އަޑުއެހުމުގައި އެ މައްސަލަ ބަލާ މެޖިސްޓްރޭޓެވެ. ކޯޓަށް ހުށަހަޅައިފައިވާ މައްސަލައާއެކު ވަގުތީ އަމުރަކަށް އެދިފައިވާނަމަ އަމަލުކުރާނީ، މި އުސޫލުގެ 71 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިންނެވެ.

(ށ) މައްސަލައިގެ މުހިން މު ކަމަށާއި، މައްސަލައިގެ ކުޑަ ބޮޑުމިނަށާއި، މައްސަލައިގެ ބާވަތަށް ބެލުމަށްފަހު އަންނަނިވި ގިންތިތައް ކަނޑައެޅުމުގެ އިހްތިޔާރު މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ.

  1. ފުރަތަމަ ގިންތި: އަވަސް ނިޔާގެ މައްސަލަތައް 
  2. ދެވަނަ ގިންތި: އަވަހަށް ނިންމަންޖެހޭ މައްސަލަތައް 
  3. ތިންވަނަ ގިންތި: ދިގުލައިގެންދާނެކަމަށް ފެންނަ މައްސަލަތައް

(ނ) މައްސަލައިގެ ގިންތި ކަނޑައެޅުމުގައި އަންނަނިވި ކަންކަމުގެ މައްޗަށް ރިއާޔަތްކުރަންވާނެއެވެ.

  1. ފުރަތަމަ ގިންތި: މި ގިންތީގައި ހިމެނެނީ ރުޖޫއު ކުރުމަށް ބޭނުންވުމާއެކު ވަރި ސާބިތުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ވަރިއާމެދު ށައްކުވެގެން ހުށަހަޅާ މައްސަލަތަކާއި، ވަގުތީ އަމުރަކަށް އެދިފައިވާ މައްސަލަތަކާއި، ގެވެށި އަނިޔާއިން ރައްކައުތެރިކުރުމުގެ އަވަސް އަމުރަކަށް އެދޭ މައްސަލަތަކާއި، ކުޑަކުދިންގެހައްގުތައް ރައްކައު ތެރިކުރުމުގެ ގާނޫނުގެ ދަށުން ކޯޓު އަމުރަށް އެދޭ މައްސަލަތަކާއި،އަދި އަވަސް މިނެއްގައި ނިންމަންޖެހޭކަމަށް މައްސަލަ ބަލާ މެޖިސްޓްރޭޓް ކަނޑައަޅާ މައްސަލަތަކެވެ.
  2. ދެވަނަ ގިންތި: ފުރަތަމަ ގިންތީގައި ނުހިމެނޭ މައްސަލަތަކުގެ ތެރެއިން އެކި އިދާރާތަކުން މައުލޫމާތު ސާފުކުރަން ނުޖެހޭ މައްސަލަތަކާއި، ށަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ބޮޑެތި ގާނޫނީ ނުކުތާތައް ނުހިމެނޭ، އަވަހަށް ނިންމޭނެކަމަށް ފެންނަ މައްސަލަތަކެވެ.
  3. ތިންވަނަ ގިންތި: އެކި އިދާރާތަކުން މައުލޫމާތު ސާފުކުރަންޖެހޭ މައްސަލަތަކާއި، ށަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ބޮޑެތި ގާނޫނީ ނުކުތާތައް ހިމެނޭ މައްސަލަތަކެވެ.

 

އަށްވަނަ ބައި:

އިބްތިދާއީ އަޑުއެހުން

 

41 ވަނަ މާއްދާ - ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިބްތިދާއީ އަޑުއެހުމާއި ށަރީއަތް ހިންގުން

ށަރީއަތުގެ ކުރިން ބޭއްވުމަށް ކަނޑައަޅާ އިބްތިދާއީ އަޑުއެހުންތަކާއި ކޯޓުގެ ށަރީއަތްތަކާއި، އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވިދާނެއެވެ.

 

42 ވަނަ މާއްދާ - އިބްތިދާއީ އަޑުއެހުން ބޭއްވުން

(ހ) ށަރީއަތްކުރާ ސެކްށަނަށް މައްސަލަ ލިބުމާއެކު ލަސްނުކޮށް މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވަންވާނެއެވެ.

(ށ) މި މައްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ށަރީއަތުން މައްސަލައިގެ އިބްދިތާއީ އަޑުއެހުން ބޭއްވުމުގެ ކުރިން މައްސަލައިގައި ހިމެނޭ ކަމެއް އިތުރަށް ސާފުކުރަންޖެހޭކަމަށް މައްސަލަ ބަލާ މެޖިސްޓްރޭޓަށް ފެނިއްޖެނަމަ، އިބްތިދާއީ އަޑުއެހުމެއް ބޭއްވުމުގެ ކުރިން މި އަކުރުގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރުމަށްޓަކައި ރަޖިސްޓްރަރއަށް އެ މައްސަލައަނބުރާ ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރަޖިސްޓްރަރއަށް ފޮނުވާ މައްސަލަތަކުގައި މައުލޫމާތު ސާފުކުރުމަށްޓަކައި ހަސްމުން ކޯޓަށް ހާޒިރުކުރަންޖެހޭނަމަ، ހަސްމުން ހާޒިރުކޮށްގެން މައުލޫމާތު ސާފުކުރުމަށްޓަކައި އިބްތިދާއީ ބައްދަލުވުން ބާއްވާނީ ރަޖިސްޓްރަރ ނުވަތަ ރަޖިސްޓްރަރ ކަނޑައަޅާ ފަރާތަކުންނެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ފޮނުވޭ މައްސަލައިގައި ފުރިހަމަކުރަން އެދިފައިވާ ކަންކަން ފުރިހަމަވުމުން، މައްސަލަ ބެލުމަށް ކަނޑައަޅައިފައިވާ ސެކްށަނަށް މައްސަލަ އަނބުރާ ފޮނުވަންވާނެއެވެ. އަދި މައުލޫމާތު ސާފުކުރުމަށްޓަކައި ރަޖިސްޓްރަރއަށް ފޮނުވާ މައްސަލައިގައި އެއްވެސް ސަބަބަކާހުރެ އިބްތިދާއީ 2 (ދޭއް) ބައްދަލުވުމަށް ހަސްމުންހާޒިރުނުވެއްޖެނަމަ، ނުވަތަ އެއްވެސް ސަބަބަކާހުރެ މައުލޫމާތު ސާފުކުރެވިފައި ނުވާނަމަ،ސަބަބު ބަޔާންކޮށް ށަރީއަތް ކުރުމާބެހޭ ސެކްށަނަށް މައްސަލަ ފޮނުވަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބުނާ ހާލަތުގައި ށަރީއަތްކުރުމާބެހޭ ސެކްށަނަށް މައްސަލަ ލިބުމުން، ލަސްނުކޮށް މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފަށަންވާނެއެވެ.

(ޅ) އިބްތިދާއީ އަޑުއެހުން ފަށަމުން، އިބްތިދާއީ އަޑުއެހުންތައް ފެށުނީކަން މެޖިސްޓްރޭޓްއިއުލާންކުރުމަށްފަހު، ފޯމުގެ ކޮޕީ އާއި މައްސަލައާ ގުޅޭގޮތުން ހުށަހަޅައިފައިވާ ސިއްރު ކުރުމަށް އެދި ނުވަތަ ވަކި މިންވަރަކަށް ހާމަކުރުމަށް އެދި ހުށަހަޅައިފައިވާ ލިޔުންތައް ފިޔަވައި އެހެން ހުރިހާ ލިޔުންތަކެއް މައްސަލަ ރައްދުވާ ފަރާތަށް ލިބިފައިވާކަން ކަށަވަރުކުރަންވާނެއެވެ. އިބްތިދާއީ އަޑުއެހުމުގެ ކުރިއަށް މައްސަލަ ރައްދުވާ ފަރާތަށް ފޯމާއި ލިޔުންތައް ހަވާލުކުރެވިފައިނުވާނަމަ، މައްސަލަ ރައްދުވާ ފަރާތް ހާޒިރުވާ ފުރަތަމައަޑުއެހުމުގައި، ފޯމުގެ ކޮޕީ އާއި ލިޔުންތައް މައްސަލަ ރައްދުވާ ފަރަތާށް ރައްދުކުރަންވާނެއެވެ.

(ކ) ސިއްރުކުރުމަށް އެދޭ ލިޔުން ހުށަހަޅަނީ އިބްތިދާއީ އަޑުއެހުމަށްފަހު ކަމުގައިވާނަމަ ސިއްރުކުރުމަށް އެދޭ ލިޔުން ހުށަހަޅަން ބޭނުންވާކަން ލިޔުން ހުށަހެޅި ފަރާތުން ހާމަކުރަންވާނެއެވެ.

(އ) ހުށަހަޅައިފައިވާ ލިޔުންތަކުގެ ތެރޭގައި ސިއްރު ކުރުމަށް ނުވަތަ ވަކި މިންވަރަކަށް ހާމަ ކުރުމަށް އެދި ލިޔުމެއް ހުށަހަޅައިފައިވާނަމަ، އެ ލިޔުން ސިއްރުކުރުމާމެދު ނުވަތަ ވަކި މިންވަރަކަށް ހާމަކުރުމާމެދު މެޖިސްޓްރޭޓް ގޮތެއް ކަނޑައަޅަންވާނެއެވެ. އަދި އެ ލިޔުން ސިއްރު ނުކުރަން ނުވަތަ އެއްކޮށް ހާމަ ކުރަން މެޖިސްޓްރޭޓް ނިންމާ ހާލަތުގައި،އެ ލިޔުން މައްސަލައިގެ އަނެއް ހަސްމަށް ދޭންވާނެއެވެ.

(ވ) ލިޔުމެއް ސިއްރުކުރަން މެޖިސްޓްރޭޓް ކަނޑައަޅާ ހާލަތުގައި، އެ ނޫން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، އެ ލިޔުން އަނެއް ހަސްމަށް ދުލެއް ނުކުރެވޭނެއެވެ. އަދި ވަކި މިންވަރަކަށް ލިޔުން ހާމަކުރަން މެޖިސްޓްރޭޓް ގޮތެއް ކަނޑައަޅާ ހާލަތުގައި، ހާމަކުރަން ކަނޑައެޅި ބައި، ލިޔުން ހުށަހެޅި ފަރާތް ނޫން އަނެއް ފަރާތަށް ދޫކުރަންވާނެއެވެ. މި ގޮތުން ދޫކުރާ ލިޔުމުގައި ހާމަނުކުރަން މެޖިސްޓްރޭޓް ކަނޑައެޅި ބައި އުނިކުރުމަށްފަހު ލިޔުން ރައްދުކުރަން ޖެހޭ ފަރާތަށް ލިޔުން ރައްދުކުރުމަށްޓަކައި، އުނިކުރި ލިޔުން، ލިޔުން ހުށަހެޅި ފަރާތުން ކޯޓަށް ހުށަހަޅަން، ލިޔުން ހުށަހެޅި ފަރާތަށް މެޖިސްޓްރޭޓްއަންގަންވާނެއެވެ.

(މ) މައްސަލަ ރައްދުވާ ފަރާތުން މައްސަލައިގެ ޖަވާބު ހުށަހަޅަން ދީފައިވާ މުއްދަތުގެ ތެރޭގައި ޖަވާބު ހުށަހަޅައިފައިވޭތޯ އާއި، އެ ޖަވާބު ފޯމުގެ ކޮޕީއެއް މައްސަލަ ހުށަހަޅާ ފަރާތަށް ލިބިފައިވާކަން މެޖިސްޓްރޭޓް ކަށަވަރުކުރަންވާނެއެވެ. މައްސަލަ ރައްދުވާ ފަރާތުން މައްސަލައިގެ ޖަވާބު ހުށަހަޅައިފައިނުވާނަމަ، މެޖިސްޓްރޭޓް ކަނޑައަޅާ ގޮތެއްގެ މަތިން މައްސަލައަށް ޖަވާބު ހުށަހަޅަން މައްސަލަ ރައްދުވާ ފަރާތަށް އަންގަންވާނެއެވެ.

(ފ) މައްސަލައާ ގުޅޭ އެންމެހައި ލިޔުންތައް މައްސަލައިގެ ހަސްމުންނަށް ލިބިފައިވާކަން ކަށަވަރުކުރުމަށްފަހު، މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ގިންތި މި އުސޫލުގައިވާ ގޮތުގެ މަތިން މެޖިސްޓްރޭޓް ކަނޑައަޅަންވާނެއެވެ.

(ދ) ގިންތި ކަނޑައެޅުމަށްފަހު، ށަރީއަތް މެދުވެރިކޮށް މައްސަލަ ހައްލުކުރުމުގެ ފުރުސަތު އޮތްކަން ނުވަތަ ދެ ފަރާތުން އެއްބަސްވާނަމަ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތު އޮތްކަން މެޖިސްޓްރޭޓް ސާފުކޮށްދޭންވާނެއެވެ.

(ތ) މައްސަލަ ހުށަހަޅާ ފަރާތުން މައްސަލަ ސާފުކޮށްދިނުމަށް މައްސަލަ ހުށަހަޅާ ފަރާތަށް މެޖިސްޓްރޭޓް އަންގަންވާނެއެވެ.

(ލ) މައްސަލަ ހުށަހަޅާ ފަރާތުން މައްސަލަ ސާފުކޮށްދިނުމުން، މައްސަލައަށް ރައްދުދިނުމާގުޅޭ ގޮތުން ދޭންޖެހޭ އިރުށާދުތައް މެޖިސްޓްރޭޓް މައްސަލަ ރައްދުވާ ފަރާތަށް ދޭންވާނެއެވެ.

(ގ) ވަރިސާބިތުކުރުމުގެ މައްސަލަތަކާއި، ނަސަބު ސާބިތުކުރުމުގެ މައްސަލަތައް ފިޔަވައި، ކޯޓަށް ހުށަހަޅާ މައްސަލައަކާ ގުޅިގެން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ދެ ފަރާތުން ބޭނުންވާނަމަ، އެކަމަށް ވަގުތު ކަނޑައަޅައި، އެކަން އިއުލާނުކޮށް މައްސަލައިގެ އަޑުއެހުންތައް މަޑުޖައްސާލަންވާނެއެވެ.

(ޏ) ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް އާންމު އުސޫލެއްގެ ގޮތުން ދެވޭނީ ގިނަވެގެން 14) ސާދަ) ދުވަހުގެ މުއްދަތެކެވެ. ނަމަވެސް، އެ މުއްދަތު އިތުރުކޮށްދިނުމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް މައްސަލައިގައި ހިމެނޭ ހަސްމަކު އެދިއްޖެނަމަ، އިތުރު 14) ސާދަ) ދުވަހުގެ މުއްދަތެއް އިތުރުކޮށްދެވިދާނެއެވެ.

(ސ) ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި މައްސަލަ ހައްލު ކުރެވުނުކަން ނުވަތަ ހައްލު ނުކުރެވުނުކަން މައްސަލަ ހުށަހަޅާ ފަރާތުން ކޯޓަށް ލިޔުމުން އަންގަންވާނެއެވެ. އަދި މައްސަލަ ހައްލުކުރެވިދާނެ ކަމަށް މައްސަލަ ހުށަހަޅާ ފަރާތަށް ނުފެންނަ ހާލަތުގައި ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ވެސް އެކަން ކޯޓަށް ލިޔުމުން އެންގިދާނެއެވެ.

(ޑ) މައްސަލަ ހައްލުވެއްޖެކަމަށް މައްސަލަ ހުށަހަޅާ ފަރާތުން ކޯޓަށް އަންގައިފިނަމަ، އަޑުއެހުމެއްގައި އެކަން ކަށަވަރުކޮށް، ށަރީއަތުން މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި މައްސަލައިގެ ހަސްމުންނަށް އެކަން އަންގަންވާނެއެވެ.

(ޒ) މައްސަލަ ހައްލު ނުކުރެވޭކަން މައްސަލަ ހުށަހަޅާ ފަރާތުން ކޯޓަށް އަންގައިފިނަމަ، މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދާނެގޮތް ކަނޑައަޅައި ހަސްމުންނަށް އަންގަންވާނެއެވެ.

 

43 ވަނަ މާއްދާ - ކޯޓުގެ އިހްތިސާސާމެދު ސުވާލު އުފެއްދުން 

މައްސަލަ ރައްދުވާ ފަރާތުން މައްސަލައާ ހަވާލުވުމަށްފަހު، އެ މައްސަލަ ބަލައި އެމައްސަލައާމެދު ގޮތެއް ނިންމުމުގެ އިހްތިސާސް ކޯޓަށް ލިބިގެން ނުވާކަމަށް ނުވަތަ އެހާލަތުގައި އެ ކޯޓުން އެ މައްސަލަ ބަލައިގެން ނުވާނެ ހާލަތެއް ވުޖޫދުގައިވާކަމަށް މައްސަލަ ރައްދުވާ ފަރާތަށް ފެނިއްޖެނަމަ،މައްސަލައަށް ރައްދު ދިނުމުގެ ބަދަލުގައި، އެ މައްސަލަ ބެލުމުގެ ނުވަތަ ކުރިއަށް ގެންދިއުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެން ނުވާކަމަށް ކަނޑައަޅައިދިނުމަށް މައްސަލަ ރައްދުވާ ފަރާތަށްއެދެވިދާނެއެވެ. މައްސަލަ ރައްދުވާ ފަރާތުން ކޯޓުގެ އިހްތިސާސާ މެދު ސުވާލު އުފައްދައިފިނަމަ، އިބްތިދާއީ އަޑުއެހުމުގައި ނުވަތަ ށަރީއަތުގައި ވެސް މިކަމާމެދު ގޮތެއް ކަނޑައެޅިދާނެއެވެ.

 

44 ވަނަ މާއްދާ - މައްސަލައަށް އިންކާރުކުރުން

(ހ) މައްސަލަ ރައްދުވާ ފަރާތުން މައްސަލައިގެ ވަކި ބަޔަކަށް އެއްބަސްވެ، ވަކި ބަޔަކަށް އެއްބަސްނުވާނަމަ ނުވަތަ މުޅި މައްސަލައަށް އިންކާރުކުރާނަމަ، އެއްބަސްނުވެވޭ ބަޔާގުޅޭ ގޮތުން ހެކި ހާމަ ކުރުމުގެ ފުރުސަތު ދެ ފަރާތަށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ހެކި ހާމަކުރަން ފުރުސަތު ދޭންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ހެކި ހުށަހެޅުމަކާ ނުލައި ކުރިއަށް ގެންދެވިދާނެ ކަމަށް ށަރީއަތުން ކަނޑައަޅާ މައްސަލަތަކުގައި ހެކި ހާމަކުރާކަށް ނުޖެހޭނެއެވެ.

(ނ) ދެ ފަރާތުން ހުށަހަޅާ ހެކި ބަލައިގަތުމާމެދު ށަރީއަތުން ގޮތެއް ކަނޑައަޅައި، އިބްތިދާއީ އަޑުއެހުންތައް ނިންމައިލަންވާނެއެވެ. އަދި އިބްދިތާއީ އަޑުއެހުންތައް ނިންމައިލިކަން އިއުލާންކުރަންވާނެއެވެ.

 

45 ވަނަ މާއްދާ - އަޑުއެހުމަކާ ނުލައި މައްސަލަ ނިންމުން

ށަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކާ ނުލައި މައްސަލަ ނިންމާ ހާލަތުގައި، މައްސަލަ ނިންމުމުގެ އިތުރުން، އެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރާ ލިޔުމެއް، ހަސްމުންނަށް ފޮނުވަންވާނެއެވެ.

 

ނުވަވަނަ ބައި:

ށަރީއަތް ހިންގުން

 

46 ވަނަ މާއްދާ - ށަރީއަތުގެ އަޑުއެހުންތައް

(ހ) މައްސަލައިގައި ށަރީއަތް ފެށުމަށްޓަކައި، މި އުސޫލުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަކޮށް ނިމުމުން، މައްސަލައިގެ ށަރީއަތުގެ އަޑުއެހުން ކޯޓުން ބާއްވަންވާނެއެވެ. ށަރީއަތުގެ އަޑުއެހުންތައް ފަށައި، ށަރީއަތުގެ އަޑުއެހުންތައް ފެށުނުކަން މައްސަލަ ބަލާ މެޖިސްޓްރޭޓް އިއުލާންކުރަންވާނެއެވެ.

(ށ) ށަރީއަތުގެ އަޑުއެހުންތައް ކުރިއަށްދާނެ ގޮތުގެ އިރުށާދު ހަސްމުންނަށް ދޭންވާނެއެވެ. ވަރިވުމަށް ނުވަތަ ވަރިކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް ނަމަ، ވަރިވާން ދެ ފަރާތުން އެއްބަސްވާ ހާލަތުގައި ވަރިކުރުމުގެ ހުއްދަ ދޭންވާނެއެވެ. ހެކި ހުށަހެޅުމަކާ ނުލައި ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅާ މައްސަލަތަކުގައި މައްސަލައަށް ޖަވާބުދާރީވުމުން، މައްސަލައާމެދު ށަރީއަތުން ގޮތެއް ކަނޑައަޅައި ހުކުމް ކުރާނެ ތާރީހު އިއުލާން ކުރަންވާނެއެވެ.

(ނ) ވަރިއާ ގުޅުން ހުރި މައްސަލަތަކުގެ ތެރެއިން ދެ ފަރާތަށް ވަކި ގޮތަކަށް އެއްބަސްވެވިފައިނުވާ މައްސަލަތަކާއި، އިބްތިދާއީ އަޑުއެހުމުގައި ދެ ފަރާތަށް ވަކި ގޮތަކަށް އެއްބަސްވެވިފައިނުވާ އާއިލީ އެހެނިހެން މައްސަލަތަކުގެ ތެރެއިން، ށަރީއަތް ނުހިންގައި މައްސަލަ ހައްލުކުރެވިދާނެ މައްސަލަތަކުގައި، ށަރީއަތް މެދުވެރިކޮށް މައްސަލަ ހައްލުކުރުމުގެ މަސައްކަތް މައްސަލަ ބަލާ މެޖިސްޓްރޭޓް ކުރިއަށް ގެންދަން ވާނެއެވެ.

(ރ) ށަރީއަތް މެދުވެރިކޮށް މައްސަލަ ހައްލުކުރުމުގެ ފުރުސަތެއް ނެތް އަދި އިބްތިދާއީމަރުހަލާގައި ހެކި ހުށަހަޅައިފައިވާ މައްސަލަތަކުގައި، އެ ހެއްކަކީ ށަރީއަތަށް ބަލައިގަނެފައިވާ ހެއްކެއް ކަމަށް ށަރީއަތުން ކަނޑައަޅައިފައިވާނަމަ، މި އުސޫލުގެ އެގާރަވަނަ ބައިގައިވާ ގޮތުގެ މަތިން ހެކިބަސް ނަގަންވާނެއެވެ.

(ބ) ކިތާބީ ހެކި ބަލައިގަނެފައިވާނަމަ، ދެ ފަރާތުން ހުށަހަޅައިފައިވާ ށަފަހީ ހެކިންގެ ހެކިބަސް ނަގައި ނިމު މުން، ށަފަހީ ހެކިންގެ ހެކިބަހާ ގުޅޭގޮތުންނާއި، ކިތާބީ ހެއްކާ ގުޅިގެން ވާހަކަ ދައްކައި އަދި/ނުވަތަ ބަޔާން ހުށަހަޅަން ދެ ފަރާތަށް ފުރުސަތު ދޭންވާނެއެވެ. މިގޮތުން ހެއްކާ ގުޅިގެން ފުރަތަމަ ވާހަކަ ދައްކަން ފުރުސަތު ދޭންވާނީ މައްސަލަ ހުށަހަޅާ ފަރާތަށެވެ. އަދި މައްސަލަ ހުށަހަޅާ ފަރާތުން ހެއްކާ ގުޅިގެން ވާހަކަ ދެއްކުމުން، މައްސަލަ ރައްދުވާފަރާތުން ހެއްކާ ގުޅިގެން ވާހަކަ ދައްކަން ފުރުސަތު ދޭންވާނެއެވެ.

(ޅ) ހެއްކާ ގުޅިގެން ވާހަކަ ދެއްކުމަށްފަހު ދެ ފަރާތުން ވެސް ހުލާސާ ބަޔާން ހުށަހަޅަން ފުރުސަތު ދޭންވާނެއެވެ.

(ކ) ހުލާސާ ބަޔާން ހުށަހަޅާ ނިމުމުން، މައްސަލައިގެ އަޑުއެހުންތައް ނިމުނުކަން އިއުލާންކޮށް، ހުކުމް ކުރާނެ ދުވަހެއް އިއުލާންކުރަންވާނެއެވެ.

(އ) ށަރީއަތް މެދުވެރިކޮށް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރެވޭ މައްސަލައެއްގެ ށަރީއަތް ކުރިއަށް ގެންދިޔުމަށް މައްސަލަ ބަލާ މެޖިސްޓްރޭޓް ނިންމުމުން، އެ މައްސަލައަކީ ހެކި ހުށަހަޅައި، ހެކި ބަލައިގަނެފައިވާ މައްސަލައެއްނަމަ މި އުސޫލުގެ އެގާރަވަނަ ބައިގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދަންވާނެއެވެ.

(ވ) ހެކި ހުށަހަޅައިފައި ނުވާ މައްސަލައެއް ނަމަ، މައްސަލަ ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން ށަރީއަތަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް، ށަރީއަތުން ހުލާސާ ބަޔާން ހުށަހަޅަން ފުރުސަތު ދޭންވާނެއެވެ.

(މ) ހުލާސާ ބަޔާން ހުށަހަޅާ ނިމުމުން، މައްސަލައިގެ އަޑުއެހުންތައް ނިމުނުކަން އިއުލާނުކޮށް، ހުކުމްކުރާނެ ތާރީހެއް އިއުލާންކުރަންވާނެއެވެ.

 

ދިހަވަނަ ބައި:

އާއިލީ މައްސަލަތައް ހައްލުކުރުމުގައި އަމަލު ކުރާނެ ގޮތް

 

47 ވަނަ މާއްދާ - އާއިލީ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތް 

ވަރިކުރުމަށް ނުވަތަ ވަރިވުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި މައްސަލަ ރައްދުވާ ފަރާތުން ވަރިވުމަށް ނުވަތަ ވަރިކުރުމަށް އިންކާރުކޮށްފިނަމަ، ނުވަތަ ވަރިކުރުމަށް އެދި ނުވަތަ ވަރިވުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި އިބްތިދާއީ އަޑުއެހުމުގައި މައްސަލައިގައި ހަސްމަކު އެ މައްސަލައިގައި ކޯޓު މެދުވެރިކޮށް ދެ ފަރާތުގެ މައްސަލަ ހައްލުކުރުމަށް އެދޭނަމަ، ނުވަތަ ށަރީއަތަށް އެ މައްސަލައަކީ އެ މައްސަލައެއްގައި ހިމެނޭ ދެ ފަރާތުން ވާހަކަ ދައްކައި ސުލްހަވެރި ހައްލަކަށް ވާސިލުވެވިދާނެ މައްސަލައެއް ކަމަށް ފެންނަ މައްސަލައެއްނަމަ، އެ މައްސަލައެއް ށަރީއަތް މެދުވެރިކޮށް ހައްލުކުރުމުގެ މަސައްކަތް ކުރުމަށް، ށަރީއަތުގެ އަޑުއެހުންތައް މައްސަލަ ބަލާ މެޖިސްޓްރޭޓް ހުއްޓައިލަންވާނެއެވެ.

 

48 ވަނަ މާއްދާ - މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ގާނޫނީގޮތުން ލިބިދޭ ފުރުސަތުތަކާއި ހައްގުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރުން

(ހ) ށަރީއަތް މެދުވެރިކޮށް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާ މައްސަލަތަކުގައި، މައްސަލައިގައި ހިމެނޭ ފަރާތްތައް ހާޒިރުކޮށް ހުށަހެޅިފައިވާ މައްސަލައިގައި ދެ ފަރާތަށް ގާނޫނީގޮތުން ލިބިދޭ ފުރުސަތުތަކާއި ހައްގުތަކުގެ މައުލޫމާތު ވީ ވަރަކުން ދެ ފަރާތަށްގާނޫނީގޮތުން ލިބިދޭނެ މަގު މައްސަލަ ބަލާ މެޖިސްޓްރޭޓް ފަހިކޮށްދޭންވާނެއެވެ.

(ށ) ށަރީއަތް މެދުވެރިކޮށް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރެވޭ މައްސަލަތަކުގައި، އެ މައްސަލައިގައި ހިމެނޭ ފަރާތްތައް ހާޒިރުކޮށް އެ ފަރާތްތައް އެއްބަސްވާ ސުލްހަވެރިގޮތަކަށް މައްސަލަ ހައްލުކުރުމަށް މައްސަލަ ބަލާ މެޖިސްޓްރޭޓް މަސައްކަތްކުރަންވާނެއެވެ. މިގޮތަށް މަސައްކަތްކުރާއިރު ދެ ފަރާތުގެ މަސްލަހަތަށް އިސްކަންދޭންވާނެއެވެ.

 

49 ވަނަ މާއްދާ - ސުލްހަކުރުމުގެ މަރުހަލާގައި ބައިވެރިކުރެވިދާނެ އެހެން ފަރާތްތައް

(ހ) ދެމަފިރިންގެ ސުލްހަކުރުމަށްޓަކައި ދެ ފަރާތުގެ އާއިލާގެ މެންބަރެއް ނުވަތަ ގާތް މީހެއް ހާޒިރުކުރުން އެއީ އެންމެ ރަނގަޅު ގޮތްކަމުގައި މައްސަލަ ބަލާ މެޖިސްޓްރޭޓަށް ފެންނަ ހާލަތުގައި ސުލްހަކުރުމުގެ މަސައްކަތުގައި އެފަދަ ފަރާތެއް ކޯޓަށް ހާޒިރުކުރެވިދާނެއެވެ.

(ށ) ދެ ފަރާތުގެ އާއިލާގެ ފަރާތުން އައްޔަނުކުރާ ފަރާތަކީ ސުލްހަކުރުމުގައި ލިބިދޭންޖެހޭ އެހީފޯރުވައިނުދެވޭ ފަރާތެއްނަމަ ނުވަތަ މައްސަލައަށް އެ ފަރާތެއްގެ ސަބަބުން އިތުރުހީނަރުކަމެއް ފޯރާކަމަށް ފެނިއްޖެނަމަ އެފަދަ ފަރާތެއް މައްސަލައިން ވަކިކުރުމުގެ ބާރު މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ.

 

50 ވަނަ މާއްދާ - ވަރީގެ މައްސަލަތައް ސުލްހަ ނުކުރެވޭނަމަ ދަރިންނާމެދު ގޮތެއް ކަނޑައެޅުން

ވަރިވުމަށް ނުވަތަ ވަރިކުރުމަށް އެދި ހުށަހަޅާ މައްސަލަތައް ދެމަފިރިންގެ މެދުގައި ސުލްހަކުރުމަށް ށަރީއަތް މެދުވެރިކޮށް މަސައްކަތް ކުރުމަށްފަހުވެސް ސުލްހަ ނުކުރެވިއްޖެނަމަ، އަދި އެ ދެ މީހުން ކައިވެނިކޮށްގެން ތިބެ ދަރިން ލިބިފައިވާނަމަ، މައްސަލަ ށަރީއަތް ކުރުމާބެހޭ ބަޔަށް ފޮނުވުމުގެ ކުރިން، ދަރިންގެ މަސްލަހަތަށްޓަކައި ނިންމަންޖެހޭ ކަންތައްތަކުގައި ދެމަފިރިން އެއްބަސްވާ ގޮތްތަކެއް ކަނޑައެޅުމަށް މައްސަލަ ބަލާ މެޖިސްޓްރޭޓް މަސައްކަތްކުރަންވާނެއެވެ.

 

51 ވަނަ މާއްދާ - ދެމަފިރިން ސުލްހަކުރުމުގެ ގޮތުން ކައުންސެލިންގ ހޯދުމަށް ކަނޑައެޅުން

ވަރިވުމަށް ނުވަތަ ވަރިކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގެ ތެރެއިން، ދެމަފިރިން ސުލްހަކުރުމަށް މަސައްކަތްކޮށް ސުލްހަ ނުކުރެވި ށަރީއަތް ކުރިއަށް ގެންދިޔުމަށް ނިންމޭ ހާލަތްތަކުގައި، ދެމަފިރިންކައުންސެލިންގ ހޯދުން އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ށަރީއަތަށް ފެނިއްޖެނަމަ އެގޮތަށްކަނޑައެޅިދާނެއެވެ.

 

52 ވަނަ މާއްދާ - ދަރިންގެ މަސްލަހަތުގައި ބަލަންޖެހޭ ކަންކަން

(ހ) ދަރިންގެ މަސްލަހަތުގައި ބަލަންޖެހޭ ކަންތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ދަރިންގެ ހަރަދަށް ގާނޫނާއި އުސޫލުގައި ކަނޑައެޅިފައިވާ މިންވަރަށްވުރެ ބޮޑުއަދަދެއް ހަމަޖައްސަން ބޭނުންވާނަމަ އެކަން ދެ ފަރާތުން އެއްބަސްވާ އެންމެ މަސްލަހަތު ހުރި ގޮތް.
  2. ދަރިންގެ ހަޒާނަތު ހަވާލުކުރާނެ ފަރާތަކާއި ކުއްޖާއަށް ޒިޔާރަތްކުރުމުގައިއެއްބަސްވާ ގޮތް.
  3. ކުއްޖާގެ ސިއްހަތާއި ތައުލީމާއި އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ދެ ފަރާތުން ކުރަންޖެހޭ ކަންތައްތަކާއި، ހަރަދާ ބެހޭގޮތުން އެއްބަސްވުމަކަށް ވާސިލުވުމަށް.
  4. މި ނޫންވެސް ދަރިންގެ މަސްލަހަތުގަޔާއި ދަރިން ތަރުބިއްޔަތު ކުރުމަށްޓަކައިނިންމަންޖެހޭ ކަމަށް މައްސަލަ ބަލާ މެޖިސްޓްރޭޓަށް ނުވަތަ ދެމަފިރިންކުރެ މީހަކަށް ފެންނަ ކަންތަކުގައި އެއްބަސްވުމަކަށް ވާސިލުވުމަށް.

(ށ) މިނޫން ގޮތެއް ސާބިތުނުވާހައި ހިނދަކު ކުއްޖާގެ ހައްގުގައި އެންމެ މަސްލަހަތުހުރި ގޮތްކަމުގައި ބަލަންވާނީ، ކުއްޖާގެ މަންމަ އަދި ބައްޕައާ ވެސް ބައްދަލުކުރެވޭނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަށެވެ. 

(ނ) ކުއްޖާއަށް ޒިޔާރަތްކުރުމުގެ ހައްގު ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ކުއްޖާގެ އާއިލާގެ އެހެން މެންބަރުންނަށް ލިބިގެންވެއެވެ.

 

53 ވަނަ މާއްދާ - ކުދިންނާގުޅޭ ގޮތުން ކޯޓުން ހޯދާ މައުލޫމާތު

އެއްވެސް ކައިވެންޏެއް ރޫޅާލުމުގެ ކުރިން ދެމަފިރިންގެ މެދުގައި ދަރިން ތިބިނަމަ އެ ކުދިންގެއަންނަނިވި މައުލޫމާތު ކޯޓުން ހޯދަންވާނެއެވެ. 

(ހ) ކުދިންގެ އުމުރާއި އުފަންދުވަސް.

(ށ) ކުދިން ސްކޫލަށް ދާކަން ނުވަތަ ނޫންކަން.

(ނ) ކުދިން ސްކޫލަށް ދާ ގަޑި.

(ރ) މައްސަލަ ހުށަހެޅިއިރު ކުދިން ދިރިއުޅެމުންދަނީ ކޮން ފަރާތަކާ އެކުގައިކަން.

(ބ) ކުދިންނަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންކަން ނުވަތަ ނޫންކަން.

(ޅ) ކުދިންގެ ހަޒާނަތު ހަވާލުކުރަން ބޭނުންވަނީ ކޮންފަރާތަކާކަން.

(ކ) ކުއްޖާގެ ހަޒާނަތު ހަވާލުކުރެވޭ ފަރާތުން ދެންހުރި ފަރާތާއި ކުއްޖާއާ ބައްދަލުކޮށްދޭން ބޭނުންވަނީ ކޮން ގޮތަކަށްކަން.

(އ) ކުއްޖާ ބަލާ ބެލެހެއްޓުމުގެ ކަންތަކުގައި ހަރަދު ބޭނުންވާނެ މިންވަރު.

 

54 ވަނަ މާއްދާ - ދެމަފިރިންގެ މެދުގައި އެއްބަސްވާ ގޮތްތަކެއް ކަނޑައެޅުމުގައި އެހީތެރިވުން

(ހ) މި އުސޫލުގެ 50 ވަނަ މާއްދާގައިވާ ހާލަތުގައި، އަންނަނިވި ކަންތައްތަކާ ގުޅޭގޮތުން ދެމަފިރިން އެއްބަސްވާ ގޮތެއް ނުވަތަ ހައްލުކުރުމަށް ހުށަހަޅާ ގޮތް މައްސަލަ ބަލާ މެޖިސްޓްރޭޓް ބަލަންވާނެއެވެ.

  1. ކުދިންގެ ހަޒާނަތާއި އެ ކުދިންނަށް ޒިޔާރަތްކުރުން.
  2. ކުދިންގެ މަސްލަހަތުގައި ދެމަފިރިން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.
  3. ކުދިންގެ ހަރަދުބަރަދު ހަމަޖެއްސުން.
  4. ދެމަފިރިންގެ ދަރިން ތިބިނަމަ، މުސްތަގްބަލުގައި ދަރިންނާ ގުޅޭގޮތުން އެ ދެ ފަރާތުން އަމަލުކުރާނެ ގޮތް.

(ށ) މި މާއްދާގެ (ހ) ގައިވާ މައުލޫމާތުތައް ހޯދުމަށްފަހު މައްސަލަ ބަލާ މެޖިސްޓްރޭޓް އެ ކަންކަން ހައްލުކުރެވިދާނެ ގޮތްތަކެއްގެ މައުލޫމާތު ދެމަފިރިންނަށް ދޭންވާނެއެވެ. އަދި އެ ގޮތްތަކުން ކުރެ ދެމަފިރިންނަށް އެއްބަސްވެވިދާނެ ގޮތްތައް ދެނެގަތުމަށްއެހީތެރިވެވިދާނެއެވެ.

 

55 ވަނަ މާއްދާ - އެއްބަސްވާގޮތް ށަރީއަތްކުރުމާބެ ހޭބަޔަށް އެންގުން

ދެމަފިރިން ވަކިގޮތަކަށް އެއްބަސްވެއްޖެނަމަ އެ އެއްބަސްވިގޮތް ލިޔުމަކުން ށަރީއަތަށް އަންގަންވާނެއެވެ.

 

56 ވަނަ މާއްދާ - އެއްބަސްވާގޮތް ލިޔެ މައްސަލައިގައި ހިމެނޭ ދެ ފަރާތުން ސޮއިކުރުން

ށަރީއަތުގައި ދެ ފަރާތުން ވަކިގޮތަކަށް އެއްބަސްވެއްޖެނަމަ، އެ އެއްބަސްވި ގޮތް ލިޔެ، އެލިޔުމުގައިދެފަރާތުން ސޮއި ކުރަންވާނެއެވެ.

 

57 ވަނަ މާއްދާ - މައްސަލަތައް އަވަހަށް ނިންމުމަށް މަސައްކަތްކުރުން

(ހ) ށަރީއަތް މެދުވެރިކޮށް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރެވޭ މައްސަލަތަކުގައި ވީ އެންމެ އަވަހަކަށް ގޮތެއް ނިންމުމަށް މަސައްކަތް ކުރަންވާނެއެވެ. މިގޮތުން އާންމު އުސޫލެއްގެ ގޮތުން އެ މަސައްކަތް ފެށޭތާ 1 (އެކެއް) މަސްދުވަސް ނުވަތަ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި އެކަމާ ގުޅިގެން ވަކި ގޮތެއް ނިންމުމަށް ސަމާލުކަން ދޭންވާނެއެވެ.

(ށ) ށަރީއަތް މެދުވެރިކޮށް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރެވޭ މައްސަލަތައް އާއިލާއާބެހޭ ގާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 3 (ތިރީސް) މަސްދުވަހުގެ ތެރޭގައި އެންމެ ލަސްވެގެން ނިންމަންވާނެއެވެ.

 

58 ވަނަ މާއްދާ - މައުލޫމާތަށް ރިއާޔަތްކޮށް ށަރީއަތުން ގޮތެއް ނިންމުން

(ހ) ށަރީއަތް މެދުވެރިކޮށް މައްސަލަ ހައްލު ކުރުމަށް މަސައްކަތްކޮށްފައިވާ މައްސަލަތަކުގައި ށަރީއަތުން ގޮތެއް ނިންމުމުގައި އެހައިތަނަށް ށަރީއަތަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކުރަންވާނެއެވެ.

(ށ) ށަރީއަތް މެދުވެރިކޮށް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރެވިފައިވާ މައްސަލަތަކުގައި ސުލްހަވެރި ހައްލަކަށް ވާސިލު ނުވެވިއްޖެނަމަ މައްސަލައިގައި ގޮތެއް ށަރީއަތުން ނިންމަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ފަދައިން ށަރީއަތުން ގޮތެއް ނިންމާ ހާލަތުގައި ކުދިން ތިބިނަމަ،އެ ކުދިންނާ ބެހޭގޮތުން ގޮތެއް ނިންމުމުގައި މި އުސޫލުގެ 52 ވަނަ މާއްދާގައިވާ ކަންތައްތަކަށް ބަލައި ކުދިންގެ މަސްލަހަތުގައި އެންމެ ރަނގަޅު ގޮތަށް ރިއާޔަތްކުރަންވާނެއެވެ.

 

59 ވަނަ މާއްދާ - ދެ ފަރާތުން ވަކިގޮތަކަށް އެއްބަސްވެއްޖެނަމަ ސުލްހަ އެއްބަސްވުމެއް އެކުލަވައި ލުން

(ހ) ހަސްމުންގެ މެދުގައި އޮތް ހުސޫމާތު އެއްކޮށް ހައްލުވެއްޖެނަމަ، ނުވަތަ އެއިން ބައެއް ހައްލުވެއްޖެނަމަ، ލިޔުމުން ވެވޭ ސުލްހައިގެ އެއްބަސްވުމެއްގައި ހަސްމުން ސޮއިކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ށަރީއަތް މެދުވެރިކޮށް މައްސަލަ ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން ނުވަތަ ކޯޓުން ބޭރުގައިވިޔަސް މައްސަލަ އެކުގައި ނުވަތަ އެއިން ބައެއް ހައްލުވާ ހާލަތުގައި ހަސްމުންގެ މެދުގައިވާ ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރުވުމާއެކު، އެ މައްސަލަ އެއްކޮށް ނުވަތަ މައްސަލައިގެ އެ ބަޔާމެދު ގޮތެއް ކަނޑައެޅި ނިމުނީއެވެ.އެއަށްފަހު އެ މައްސަލަ ދެން ކޯޓަކަށް ހުށައެއްނޭޅޭނެއެވެ.

(ނ) ސުލްހައިގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ހަސްމުންނަށް ސާފުވެފައިވާކަންމެޖިސްޓްރޭޓް ޔަގީންކުރަންވާނެއެވެ. ސުލްހައިގެ އެއްބަސްވުން އެކުލަވައިލުމުގައި މެޖިސްޓްރޭޓް ހަސްމުންނަށް އެހީތެރިވެދިން ނަމަވެސް، އެއްވެސް ހަސްމަކު ގަބޫލުނުކުރާއިލްތިޒާމެއް އޭނާގެ ރުހުމާ ނުލައި، އެ އެއްބަސްވުމަށް އިތުރުކޮށްގެންނުވާނެއެވެ.

(ރ) ސުލްހައިގެ އެއްބަސްވުމުން ހައްލުވަނީ މައްސަލައިގެ ބައެއް ކަމުގައިވާނަމަ، ށަރީއަތަށްދާ ބައިގެ ތަފުސީލުތައް ބަޔާންކުރާ ލިޔުމެއްގައި ހަސްމުން ސޮއިކުރުމަށް އެންގުމުގެ އިހްތިޔާރު މެޖިސްޓްރޭޓް ލިބިގެންވެއެވެ.

 

އެގާރަވަނަ ބައި:

ހެކި ހުށަހެޅުން

 

60 ވަނަ މާއްދާ - ހެކިބަސް ދިނުމުގެ ކުރިން ހުވައިކުރުން

(ހ) ހެކިބަސް ދިނުމުގެކުރިން ހެކިބަސް ދޭ މީހާ ހަތިމުގައި އަތްލައިގެން އަންނަނިވި އިބާރާތުން ހުވައި ކުރަންވާނެއެވެ. "މި މަޖިލީހުގައި އަހުރެންނާ ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމުގައްޔާއި، އަހުރެން ބުނާ ކޮންމެ ބަހެއްގައި ތެދުބުނުމަށާއި، ހަގީގަތާ ހިލާފު އެއްވެސް ބަހެއް ނުބުނުމަށް މާތްالله ގަންދީ ހުވައިކުރަމެވެ."

(ށ) ހަތިމުގައި އަތްނުލެވޭ ހާލަތުގައި ހުރި މީހަކު ނަމަ، އެ މީހަކު ހުވައި ކުރާއިރު ހަތިމު އޭނާގެ ކުރިމަތީގައި ބޭއްވިދާނެއެވެ.

(ނ) ހެކިބަސްދޭން ހުރީ ގައިރު މުސްލިމެއް ނަމަ ހެކިބަސް ނަގަންވާނީ ، ތެދުބުނުމަށް އޭނާ އިގްރާރުވާކަމަށާއި، ދޮގުވާހަކައެއް ބުނެފިނަމަ ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅޭނެކަން އޭނާއަށް އެނގޭކަން ބަޔާންކޮށް، އޭނާގެ ބަޔާން ނެގުމަށްފަހުގައެވެ.

 

61 ވަނަ މާއްދާ - ދެ ފަރާތުން ވަކި ގޮތަކަށް އެއްބަސްނުވެއްޖެ ނަމަ ހެކި ހުށަހެޅުން

(ހ) ދެ ފަރާތުން ވަކިގޮތަކަށް އެއްބަސްނުވާ ހާލަތުގައި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ދަފްއު ސާބިތުކުރުމަށް ހެކި ހުށަހެޅުމުގެ ފުރުސަތު ށަރީއަތުން އެ ފަރާތްތަކަށް ދޭންވާނެއެވެ.

(ށ) ހެކި ހުށަހަޅާއިރު، ހެކި ހުށަހަޅަނީ ކޮން ވާގިއާއެއް ސާބިތުކުރުމަށް ކަމާއި، ހުށަހަޅަނީ ށަފަހީ ހެކިނަމަ ހުށަހަޅަން އެދޭ ހެކިވެރިޔާގެ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރު އުޅޭ އެޑްރެހާއި ފޯނު ނަންބަރު އެނގޭނަމަ ފޯނު ނަންބަރު ކޯޓަށް ހުށަހަޅަންވާނެއެވެ. ކިތާބީ ހެކި ހުށަހަޅާނަމަ، ހުށަހަޅާނީ ސާފު ލިޔުމެކެވެ.

(ނ) ހުށަހަޅަނީ ކިތާބީ ހެކި ކަމުގައި ވެފައި، އެ ހެއްކާ ގުޅިގެން އެއްވެސް ފަރާތަކުން ސުވާލުއުފައްދައިފައިނުވާނަމަ، މައްސަލައިގައި ގޮތެއް ކަނޑައެޅުމުގައި އެ ހެއްކަށް ރިއާޔަތްކުރަންވާނެއެވެ.

 

62 ވަނަ މާއްދާ - ހެކިބަސް ނެގުމުގައި އަމަލުކުރާނެ ގޮތް

(ހ) ހެކީންގެ ހެކިބަސް ނެގުމުގައި އަމަލުކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

  1. ށަރީއަތުގެ އަޑުއެހުމެއްގައި ހެކީންގެ ހެކިބަސް ނަގަންޖެހޭ ހާލަތްތަކުގައިހެކީންގެ ހެކިބަސް ނަގަންވާނީ، ށަރީއަތުގެ މަޖިލީހެއްގައި ނުވަތަ އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބެއްވޭ އަޑުއެހުމެއްގައި ހުވައި މަތީގައި އެ މީހުންނާ ސުވާލުކޮށްގެންނެވެ.
  2. އެފިޑެވިޓް ހުށަހެޅުމަށް ހުއްދަކުރާ ހާލަތުގައި، ނުވަތަ އެފިޑެވިޓް ހުށަހެޅުމަށް އެހެން ގާނޫނަކުން ލާޒިމުކުރާ ހާލަތުގައި، އެފިޑެވިޓް މެދުވެރިކޮށް ހެކިހުށަހެޅިދާނެއެވެ.
  3. ފުރަތަމަ ހެކިބަސް ނަގާނީ މައްސަލަ ހުށަހަޅާ ފަރާތުގެ ހެކީންގެއެވެ. މައްސަލަ ހުށަހަޅާ ފަރާތުގެ ހެކީންނާ މައްސަލަ ހުށަހަޅާ ފަރާތުން އެގްޒަމައިންކުރުމުގެ ގޮތުން ސުވާލުކޮށް ނިމުމުން، އެ ހެކީން ކްރޮސް-އެގްޒަމައިންކުރުމުގެ ހައްގު، މައްސަލަ ރައްދުވާ ފަރާތަށް ލިބިގެންވެއެވެ.
  4. މި މާއްދާގެ (3) ވަނަ ނަންބަރުގެ ދަށުން ހެކީން ކްރޮސް-އެގްޒަމައިންކުރުމުގެ ގޮތުން މައްސަލަ ރައްދުވާ ފަރާތުން އެ ހެކީންނާ ސުވާލުކުރާއިރު ސުވާލުކުރެވޭނީ،އެ ހެކީން ދިން ހެކިބަހުގައި ހިމެނުނު ކަންކަމާ ގުޅޭގޮތުން އެކަންޏެވެ. އޭގެ ބޭރުން އެއްވެސް ސުވާލެއް ނުކުރެވޭނެއެވެ.
  5. މި މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން މައްސަލަ ހުށަހަޅާ ފަރާތުގެ ހެކީން މައްސަލަ ރައްދުވާ ފަރާތުން ކްރޮސް-އެގްޒަމައިންކޮށް ނިމުމުން، އެ މީހުން ރީ-އެގްޒަމައިންކުރުމުގެ ހައްގު، މައްސަލަ ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.
  6. މައްސަލަ ހުށަހަޅާ ފަރާތުން ހާޒިރުކުރާ ހެކީންގެ ހެކިބަސް ނަގާ ނިމުމުން، ދެން ހާޒިރުކުރާނީ މައްސަލަ ރައްދުވާ ފަރާތުން ހާޒިރުކުރަން ބޭނުންވާ ހެކީންނެވެ.
  7. މައްސަލަ ރައްދުވާ ފަރާތުން ހާޒިރުކުރާ ހެކީންނާ މައްސަލަ ރައްދުވާ ފަރާތުން ސުވާލުކޮށް ނިމުމުން، އެ ހެކީން ކްރޮސް-އެގްޒަމައިންކުރުމުގެ ހައްގު މައްސަލަ ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.
  8. މި މާއްދާގެ 7 ވަނަ ނަންބަރުގެ ދަށުން ހެކީން ކްރޮސް-އެގްޒަމައިންކުރުމުގެ ގޮތުން މައްސަލަ ހުށަހަޅާ ފަރާތުން އެ ހެކީންނާ ސުވާލުކުރާއިރު ސުވާލުކުރެވޭނީ، އެ ހެކީން ދިން ހެކިބަހުގައި ހިމެނުނު ކަންކަމާ ގުޅޭގޮތުން އެކަންޏެވެ. އޭގެ ބޭރުން އެއްވެސް ސުވާލެއް ނުކުރެވޭނެއެވެ.
  9. މި މާއްދާގެ 8 ވަނަ ނަންބަރުގެ ދަށުން މައްސަލަ ރައްދުވާ ފަރާތުގެ ހެކީން މައްސަލަ ހުށަހަޅާ ފަރާތުން ކްރޮސް-އެގްޒަމައިންކޮށް ނިމުމުން، އެ މީހުން  ރީ-އެގްޒަމައިންކުރުމުގެ ހައްގު، މައްސަލަ ރައްދުވާ ފަރާތަށް ލިބިގެންވެއެވެ.
  10. ހެކިން އެގްޒަމައިންކުރުމާއި، ކްރޮސް-އެގްޒަމައިންކުރުމާއި، ރީ-އެގްޒަމައިންކޮށް ނިމުމަށްފަހު ހެއްކާ ގުޅިގެން ސުވާލެއް އުފެދޭނަމަ ށަރީއަތުން އެކަން 
    ސާފުކުރަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ހަސްމަކު ލިޔުމެއް ހާމަކުރާނީ ވަކި ލިޔުމެއް ވުޖޫދުގައި ވާކަން ނުވަތަ ކޮންމެވެސް އިރެއްގައި ވުޖޫދުގައި ވީކަން ބަޔާންކޮށްގެންނެވެ. މި މާއްދާގެ ބޭނުމަށްޓަކައި "ލިޔުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ބާވަތެއްގެ މައުލޫމާތެއް ހިމެނިފައިވާ ނުވަތަ ރައްކާކުރެވިފައިވާ ކޮންމެ އެއްޗަކަށެވެ. ލިޔުމުގެ މާނައިގެ ތެރޭގައި އަތުން ލިޔެފައިވާ ލިޔުންތަކާއި، އޯޑިއޯ އާއި، ވީޑިއޯ އާއި، ފޮޓޯއާއި، އީ-މެއިލާއި އެހެނިހެން އިލެކްޓްރޯނިކް މުއާސަލާތުތައް ހިމެނޭގޮތުން އިލެކްޓްރޯނިކް ލިޔުންތަކާއި، ވޯޑް -ޕްރޮސެސްކޮށްފައިވާ ލިޔުންތަކާއި، ޑޭޓާބޭސްތަކާއި، ފޮހެލައިފައިވާ ލިޔުންތަކާއި މެޓަޑޭޓާ އަދި މި ނޫންވެސް މިފަދަ ލިޔުންތައް ހިމެނެއެވެ.

(ނ) ހުށަހަޅޭ މައްސަލައަކާ ގުޅިގެން ހެކި ހުށަހަޅަންޖެހޭނީ، ހުވާ މަތީގައި ކަމަށް އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައަޅައިފައިވާނަމަ ހެކި ހުށަހަޅަން ވާނީ، އެފިޑެވިޓް މެދުވެރިކޮށެވެ.

(ރ) ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކަކީ، ހުވާ މަތީގައި ދިނުމަށް އެހެން ގައުމެއްގެ ކޯޓަކުން ލާޒިމުކުރާ ހެއްކެއް ކަމަށް ހަސްމަކަށް ގަބޫލުކުރެވޭނަމަ،ހުށަހަޅާ އެއްވެސް ހުށަހެޅުމެއް ހުށަހެޅޭނީ އެފިޑެވިޓް މެދުވެރިކޮށް ކަމަށްކަނޑައަޅައިދިނުމަށް ކޯޓުގައި އެދެވިދާނެއެވެ.

(ބ) ކޯޓުގެ އަމިއްލަ އިސްނެގުމުގައި ނުވަތަ މައްސަލައިގެ ހަސްމެއްގެ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެ މައްސަލައެއްގައި ހުށަހަޅާ ހެކިބަސްދޭ ފަރާތުގެ ބަޔާން ނުވަތަމައްސަލަގެ ލިޔެކިޔުންތަކުގެ ބަދަލުގައި ނުވަތަ އެ ލިޔުންތަކުގެ އިތުރުން ހެކީގެ ގޮތުގައި އެފިޑެވިޓް ހުށަހެޅުމަށް ކޯޓަށް އެންގިދާނެއެވެ.

 

63 ވަނަ މާއްދާ - ދިވެހިރާއްޖެއިން ބޭރުގައި ހުރެ އެފިޑެވިޓް މެދުވެރިކޮށް ހެކި ހުށަހެޅުން

ހެކިބަސްދޭ ފަރާތް ހުރީ ދިވެހިރާއްޖެއިން ބޭރުގައި ނަމަ، މި އުސޫލާ އެއްގޮތްވާ ގޮތުގެމަތިން، ނުވަތަ އެ ގައުމެއްގެ ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ގައުމުގައި ހުރެގެން ވެސް އެފިޑެވިޓްމެދުވެރިކޮށް ހެކިބަސް ދެވިދާނެއެވެ.

 

64 ވަނަ މާއްދާ - އެފިޑެވިޓް އޮންނަންވީ ގޮތް

(ހ) އެފިޑެވިޓެއް ދޭ ފަރާތަކުން އެ އެފިޑެވިޓުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން،އޭނާއަށް އެނގިފައިވާ ކަމެއްގެ މައްޗަށް ބިނާކޮށް ބަޔާންކޮށްފައިވާ ކަންކަމަކީ ކޮބައި ކަމާއި، އޭނާއަށް ލިބިފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ބަޔާންކޮށްފައިވާ ކަންކަމަކީކޮބައި ކަމާއި، އޭނާއަށް ގަބޫލުކުރެވޭ ގަބޫލުކުރުމެއްގެ މައްޗަށް ބިނާކޮށް ބަޔާންކޮށްފައިވާކަންކަމަކީ ކޮބައިކަން ވަކިން އެނގޭނެ ގޮތަށް ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި އެ މައުލޫމާތެއް ނުވަތަ ގަބޫލުކުރުމެއް ބިނާކޮށްފައިވާ މަސްދަރުތައް ވެސް ބަޔާންކޮށްފައިއޮންނަންވާނެއެވެ.

(ށ) އެފިޑެވިޓެއްގައި، އެ އެފިޑެވިޓެއް ދެނީ ކޮން ހަސްމެއްގެ ފަރާތަކުން ކަމާއި، އެފިޑެވިޓް ދޭ ފަރާތުގެ ނަމާއި، ހުވާކުރި ތާރީހު ބަޔާންކޮށްފައި އޮންނަންވާނެއެވެ. އެފިޑެވިޓް ދޭފަރާތުން ސޮއިކޮށް، އިނގިލީގެ ނިށާން ޖަހައިފައި އޮންނަންވާނެއެވެ. އަދި އެ ފަރާތެއްގެ ކުރިމަތީގައި އޭނާ ހުވާކޮށްފައިވާ ފަރާތުގެ ނަމާއި އެޑްރެހާއި، ހައިސިއްޔަތާއި އަދި އެފަރާތުގެ ސޮޔާއި، އިނގިލީގެ ނިށާންވެސް އޮންނަންވާނެއެވެ.

 

65 ވަނަ މާއްދާ - އެފިޑެވިޓް ހުށަހަޅާ ފަރާތް ނޫން ފަރާތަކުން އެފިޑެވިޓްގައި ސޮއިކުރުން

(ހ) މައްސަލައެއްގައި އެފިޑެވިޓް ހުށަހަޅާފައިވާ ފަރާތަކީ އެއްވެސް ސަބަބެއް މެދުވެރިވެގެން އެ އެފިޑެވިޓް ކިޔުމަށް ނުވަތަ އެ އެފިޑެވިޓްގައި ސޮއިކުރުމަށް ނުކުޅެދިފައިވާ ފަރާތެއްނަމަ،އެ ފަރާތެއްގެ ކުރިމަތީގައި އޭނާ ހުވާކުރި ފަރާތުން، އެ އެފިޑެވިޓްގައި އަންނަނިވި ކަންކަން ބަޔާންކޮށް، ސޮއިކުރަންވާނެއެވެ.

  1. އެފިޑެވިޓް ހުށަހަޅާ ފަރާތަށް އޭނާ އެ އެފިޑެވިޓް ކިޔައިދީފައިވާކަން؛
  2. އެފިޑެވިޓް ހުށަހަޅާ ފަރާތަށް އޭގައި ބަޔާންކޮށްފައިވާ ކަންކަން ފަހުމްވެފައިވާކަން؛ 
  3. އެފިޑެވިޓް ހުށަހަޅާ ފަރާތުން އެ އެފިޑެވިޓް ދީފައިވަނީ އޭނާގެ ހާޒިރުގައި ހުވާކުރުމަށްފަހުގައިކަން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ހިމަނައިފައިނުވާ އެފިޑެވިޓެއް ކޯޓުން ބަލައިގަންނަންވާނީ، އެ އެފިޑެވިޓް ހުށަހަޅާ ފަރާތަށް އެފިޑެވިޓް ކިޔައިދީ އެ ފަރާތަށް އޭގައި ބަޔާންކޮށްފައިވާ ކަންކަން ފަހުމްވެފައިވާކަން ކޯޓަށް ގަބޫލުކުރެވޭނަމަ އެކަންޏެވެ.

(ނ) އެފިޑެވިޓްގެ ބޭނުމަށް ހުވާ ކުރަންވާނީ އަންނަނިވި ފަރާތްތަކުގެ ކުރިމަތީގައެވެ.

  1. މެޖިސްޓްރޭޓް؛
  2. ކަމާބެހޭ ގާނޫނުގައި ކަނޑައަ ޅައިފައިވާ އެހެން ފަރާތެއް.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތަކީ، މައްސަލައިގެ ހަސްމަކު ނުވަތަ ހަސްމަކުތަމްސީލުކުރާ ފަރާތެއް ކަމުގައި ވެގެންނުވާނެއެވެ.

 

66 ވަނަ މާއްދާ - އެފިޑެވިޓް ތަރުޖަމާކުރުން

(ހ) ހުށަހަޅަން އެދޭ އެފިޑެވިޓްއަކީ ދިވެހި ބަސް ނޫން އެހެން ބަހަކުން އޮތް އެފިޑެވިޓެއްނަމަ، އެ އެފިޑެވިޓަށް ރިއާޔަތްކުރުމަށް އެދޭ ފަރާތުން އެ އެފިޑެވިޓްގެ ދިވެހި ތަރުޖަމާއަކާއި ބޭރު ގައުމެއްގެ ބަހުން އޮތް އެފިޑެވިޓްގެ އަސްލު ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެފިޑެވިޓެއްގެ ތަރުޖަމާ ހުށަހަޅާނަމަ، އެފިޑެވިޓް ތަރުޖަމާކުރި ފަރާތުން އެ އެފިޑެވިޓްގެ ތަރުޖަމާ ކަށަވަރުކުރުމާއެކު، އެފިޑެވިޓްގެ ތަރުޖަމާއާއި ބޭރު ގައުމުގެ ބަހުން އޮތް އެފިޑެވިޓްގެ ކޮޕީ އެ އެފިޑެވިޓަށް ރިއާޔަތްކުރުމަށް އެދޭ ފަރާތުންކޯޓަށް ހުށަހަޅަންވާނެއެވެ.

 

67 ވަނަ މާއްދާ - އިތުރު ހެއްކެއް ހުށަހެޅުމަކާ ނުލައި ހެކީގެ ގޮތުގައި ބަލައިގަނެވޭ ލިޔެކިޔުން

(ހ) ވިޔަފާރިއެއްގެ ނުވަތަ ދައުލަތުގެ އިދާރާއެއްގެ ރެކޯޑުތަކުގެ ތެރޭގައި ހިމެނޭ ލިޔެކިޔުމަކީ އެ ލިޔެކިޔުމުގެ ސައްހަކަމާއި އެ ލިޔެކިޔުމުން ދޭހަވާ ކަންކަން އިތުރަށް ސާބިތުކުރުމަކާނުލައި ހެކީގެ ގޮތުގައި ށަރީއަތަށް ބަލައިގަނެވޭނެ ލިޔެކިޔުމެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ވަކި ލިޔުމަކީ ވިޔަފާރިއެއްގެ ނުވަތަ ދައުލަތުގެ އިދާރާއެއްގެ ރެކޯޑުތަކުގެ ތެރޭގައި ހިމެނޭ ލިޔުމެއްކަމަށް ބެލެވޭނީ، އެ ލިޔުމެއް ނިސްބަތްވާ ވިޔަފާރިއެއް ނުވަތަ އިދާރާއެއްގެ އޮފިސަރަކު އެ ލިޔުމުގައި ސޮއިކޮށް، އެ ތަނެއްގެ ސިއްކައެއް އެ ލިޔުމުގައި ޖަހައިފައިވާނަމައެވެ.

(ނ) މައްސަލައެއްގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، ވަކި ލިޔުމަކާ ގުޅޭގޮތުން މި މާއްދާގެ (ހ) އަދި/ނުވަތަ (ށ) އަށް އަމަލުނުކުރެވޭނެ ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.

 

68 ވަނަ މާއްދާ - ހަބީރުންގެ ހެކިބަސް ނެގުމުގައި ކޯޓަށް ލިބިގެންވާ ބާރުތައް

(ހ) މައްސަލައެއްގައި ހަބީރުންގެ ހެކިބަސް ނަގަންވާނީ، އެ މައްސަލައެއް ފައިސަލާކުރުމަށްޓަކައި ހަބީރުންގެ ހެކިބަސް ބޭނުންވާ ކަންކަމުގެ މައްޗަށް އެކަންޏެވެ.

(ށ) ހަބީރަކަށް ލިބިފައިވާ ފަންނީ މައުލޫމާތާއި ތަޖުރިބާގެ އަލީގައި ކޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެ ހަބީރެއްގެ ވެސް ޒިންމާއެކެވެ. އެގޮތުން، ހަބީރަކަށް އިރުށާދުދޭ ފަރާތް ނުވަތަ އުޖޫރަ ދޭ ފަރާތުގެ މައްޗަށް އޮތް ޒިންމާއަށްވުރެ، ކޯޓަށް އޮންނަ ޒިންމާ 
އިސްވާންވާނެއެވެ.

(ނ) ށަރީއަތުގައި ހެކިބަސް ނެގުމަށްޓަކައި ހަބީރަކު ހާޒިރުކުރެވޭނީ، އަދި މައްސަލައިގެ ހެކީގެ ތެރޭގައި، ހަބީރެއްގެ ރިޕޯޓު ހިމެނޭނީ ކޯޓުގެ ހުއްދައާއެކުގައެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކޯޓުގެ ހުއްދައަށް އެދި ހަސްމުން ހުށަހަޅާއިރު، ހަބީރުގެ ހެކި ބޭނުންވާ ދާއިރާ އާއި، އެ ހެކިބަސް ނަގަނީ ކޮން ކަންތައްތަކަކާ ގުޅިގެން ކަމާއި،ހަބީރުގެ ނަން ބަޔާންކުރަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ކޯޓުން ދޭ ހުއްދައިގައި، ހެކިބަސް ނެގޭނީ ކޮން ކަންތައްތަކަކާ ގުޅިގެން ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.

(ޅ) ށަރީއަތުގެ ބޭނުމަށް ހަބީރުން ހާޒިރުކޮށް ރިޕޯޓާ ގުޅިގެން ސުވާލުކުރުމުގެ ބާރު މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ.

(ކ) ށަރީއަތުގެ ބޭނުމަށް ހަބީރުން ހާޒިރުކޮށް، ހަބީރު ހާޒިރުކުރެވޭ ފަންނާގުޅޭ ގޮތުން ށަރީއަތުން ހަބީރާއި ސުވާލުކުރުމުގެ ބާރު މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ.

 

69 ވަނަ މާއްދާ - ހުށަހަޅާ ރިޕޯޓާ ގުޅިގެން ހަބީރުންނާ ސުވާލުކުރުން

(ހ) ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ހަބީރުންގެ ހެކިބަސް ދޭންވާނީ ލިޔުމުން އޮންނަ ރިޕޯޓެއްގެ ގޮތުގައެވެ. މައްސަލައެއްގައި އިންސާފު ގާއިމުކުރުމަށްޓަކައި ހަބީރު ށަރީއަތަށް ހާޒިރުކުރުމަށް ކޮންމެހެން ބޭނުންވާ ކަމަށް މައްސަލަ ބަލާ މެޖިސްޓްރޭޓަށް ގަބޫލުކުރެވޭނަމަ، ހަބީރުގެ ހެކިބަސް ނެގުމަށް މައްސަލައިގެ އަޑުއެހުމަކަށް އޭނާ ހާޒިރުކޮށް ސުވާލުކުރެވިދާނެއެވެ.

(ށ) މައްސަލައެއްގައި ހުށަހަޅައިފައިވާ ހަބީރެއްގެ ރިޕޯޓަކާމެދު އެ ހަބީރަކާ ލިޔުމުން ސުވާލުކުރެވިދާނެއެވެ. ހަބީރަކާ ލިޔުމުން ސުވާލުކުރެވޭނީ އެއްފަހަރުއެވެ. ކޯޓުން އެ ނޫން ގޮތަކަށް ކަނޑައަޅައިފައިނުވާނަމަ، އަދި ހަބީރުގެ ރިޕޯޓު ހުށަހެޅި ހަސްމު އިތުރު ސުވާލެއް ކުރުމަށް އިއުތިރާޒުކުރާނަމަ، ހަބީރުގެ ރިޕޯޓާ ގުޅިގެން ސުވާލުކުރެވޭނީ ހަމައެކަނި އޭގައިވާ ކަމެއް ސާފުކުރުމަށްޓަކައެވެ. މި މާއްދާގެ ދަށުން ހަބީރާ ކުރާ ސުވާލުތަކަށް އޭނާ ދޭ ޖަވާބަކީ ހަބީރުގެ ރިޕޯޓުގެ ބައެއް ކަމުގައި ބެލެވޭނެއެވެ.

(ނ) ހަސްމަކު ހުށަހަޅައިފައިވާ ހަބީރެއްގެ ރިޕޯޓަކާ ގުޅިގެން މި މާއްދާގެ ދަށުން އެ ހަބީރަކާ ކުރާ ސުވާލަށް އޭނާ ޖަވާބު ނުދީފިނަމަ، ހަބީރުގެ ހެކިބަހަށް ބުރަނުވެވޭނެ ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.

 

70 ވަނަ މާއްދާ - އެއް ހާޒިރުގައި ނޫން ގޮތަށް ހެކިބަސް ނެގުން

އެއް ހާޒިރުގައި ނޫން ގޮތަށް ހެކިބަސް ނަގައި ދިނުމަށް ހެކި ހުށަހެޅި ފަރާތުން ބޭނުންވާ ހާލަތުގައި، އިބްތިދާއީ މަރުހަލާގައި އެކަން ހާމަކުރަންވާނެއެވެ. އަދި ހުށަހެޅި ސަބަބަށް ރިއާޔަތްކޮށް މައްސަލަ ބަލާ މެޖިސްޓްރޭޓް ގޮތެއް ކަނޑައަޅަންވާނެއެވެ. އިބްތިދާއީ މަރުހަލާ ނިމުމަށްފަހު އެއް ހާޒިރުގައި ނޫން ގޮތަށް ހެކިބަސް ނަގައިދޭން އެދިއްޖެނަމަ، އިބްތިދާއީ މަރުހަލާގައި ހުށަހެޅުން ހުށަހަޅައިފައިނުވާ ސަބަބާއި، އެއް ހާޒިރުގައި ނޫން ގޮތަށް ހެކިބަސް ނަގައިދިނުމަށް އެދިފައިވާ ސަބަބަށް ރިއާޔަތްކޮށް ށަރީއަތުން އެ ކަމާމެދު ގޮތެއް ކަނޑައަޅަންވާނެއެވެ.

 

ބާރަވަނަ ބައި:

ވަގުތީ އަމުރު 

 

71 ވަނަ މާއްދާ - ވަގުތީ އަމުރު

(ހ) މި އުސޫލުގެ ބޭނުމަށްޓަކައި "ވަގުތީ އަމުރު" ކަމަށް ބުނެފައި އެވަނީ، ކޯޓަށް ހުށަހެޅިފައިވާމައްސަލައަކާ ގުޅިގެން، އެ މައްސަލައެއް ނިމުމުގެ ކުރިން ކޯޓުން ފިޔަވަޅެއް ނާޅައިފިނަމަ މައްސަލައިގައި ހިމެނޭ ދެ ފަރާތުންކުރެ ފަރާތަކަށް ނުވަތަ ލިބިފައިވާ ދަރިންނަށް ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ސަބަބެއް ހުރުމާއެކު، އެކަމާ ގުޅިގެން ކަމެއް ކުރުމަށް ނުވަތަ ކަމެއް ނުކުރުމަށް ކޯޓުން ކުރާ އަމުރު، ނުވަތަ އެކަމާ ގުޅިގެން ކޯޓުން އަޅާ ފިޔަވަޅަށެވެ.

(ށ) އާއިލީ މައްސަލައެއްގައި ނުވަތަ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ވަގުތީ އަމުރަކަށް އެދި ހުށަހެޅުމުގެ ހައްގު މައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްލިބިގެންވެއެވެ. އަދި މީގެ އިތުރުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ވެސް އާއިލީމައްސަލައެއްގައި ވަގުތީ އަމުރަކަށް އެދެވިދާނެއެވެ.

(ނ) ވަގުތީ އަމުރަކަށް ނުވަތަ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަކުރެވިފައިވާ ފޯމުންނެވެ.

(ރ) ވަގުތީ އަމުރުގެ ގޮތުގައި އަންނަނިވި ބާވަތުގެ އަމުރުތައް ކޯޓަށް ނެރެދެވިދާނެއެވެ.

  1. ވަކި ކަމެއް ކުރުމަށް އަންގައި ކުރާ ވަގުތީ އަމުރެއް؛
  2. ވަކި ކަމެއް ނުކުރުމަށް އަންގައި ކުރާ ވަގުތީ އަމުރެއް.

(ބ) ވަގުތީ އަމުރެއް މެދުވެރިކޮށް ވަގުތީ ފަރުވާގެ ގޮތުގައި ނަގައިދިނުމަށް އެދޭ ބާވަތުގެ ފަރުވާއެއް މައުޒޫއީ މައްސަލައިގައި އެދިފައިނުވިނަމަވެސް، އެ ފަރުވާއެއް ވަގުތީ ފަރުވާއެއްގެ ގޮތުގައި ކޯޓަށް ނަގައިދެވިދާނެއެވެ.

(ޅ) އާއިލީ މައްސަލައެއްގައި ވަގުތީ އަމުރަކަށް ނުވަތަ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހެޅުމުން އެފަދަ އަމުރެއް ނެރެންޖެހޭތޯ ނުވަތަ އެފަދަ ފިޔަވަޅެއް އަޅަންޖެހޭތޯ ބަލައި އެ އަމުރެއް ނެރުމަކީ އެ މައްސަލައިގައި އޮތް އެންމެ އަދުލުވެރިގޮތް ކަމަށް ކޯޓަށްފެނިއްޖެނަމަ އެފަދަ އަމުރެއް ނެރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ކ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށްއެދި ހުށަހެޅިދާނެއެވެ.

  1. މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފަރާތެއް ފިލައިގެން ހިނގައިދާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން.
  2. ދެ މީހުންނަށް ލިބިފައިވާ ދަރިއަކު ނުވަތަ ދަރިން އެކެއްގެ ރުހުމާނުލައި އަނެކަކުރާއްޖެއިން ބޭރަށް ގެންގޮސްފާނެކަމުގެ ބިރު ހީވުން.
  3. ހަޒާނަތުގެ މައްސަލަތަކާ ގުޅިގެން ހަޒާނަތުގެ ހައްގު ލިބުމުގެ ކުރިން ކުއްޖާއަށް ނުވަތަ ދަރިންނަށް ގެއްލުން ލިބިދާނެކަމުގެ ބިރުހީވުން.
  4. މައްސަލައިގައި ހުކުމް ކުރެވޭއިރު އެ ހުކުމުގެ މަގުސަދު ހާސިލުނުވެ ހިނގައިދާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން.
  5. މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ގަބޫލުކުރެވޭފަދަ ކަމެއްވާނަމަ ވަކިކަމެއް ކުރުވުމުގެ ގޮތުން ނުވަތަ ހުއްޓުވުމުގެ ގޮތުން.
  6. ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ކޯޓުން ހުކުމް ކުރުމުގެ ކުރިން އެއްވެސް ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ދަރިއަކު ނުލިބި އެ ދަރިއަކަށް ގެއްލުމެއްލިބިދާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރެއްޖެނަމަ، ނުވަތަ ހަވާލުވެގެން ހުރި ފަރާތުން އެ ކުއްޖާއަށް ގެއްލުމެއް ދީފާނެކަމަށް ގަބޫލުކުރެވޭފަދަ ސަބަބުތަކެއް ހުރުން.
  7. ކުއްޖާގެ ހަޒާނަތުގެ ހައްގު ވަކިފަރާތަކަށް ލިބިފައިވާކަމަށް ކޯޓުން ހުކުމް ކޮށްފައިވަނިކޮށް އެ ފަރާތުގެ ހުއްދައާ ނުލައި ދަރިފުޅު ގެންދިޔުން.
  8. ވަގުތީ އަމުރެއް ނެރެދިނުމަށް ނުވަތަ ވަގުތީ ފިޔަވަޅެއް އަޅަންޖެހޭކަމަށް ގަބޫލުކުރެވޭފަދަ އެހެން ސަބަބެއް އޮތުން.

(އ) ވަގުތީ އަމުރު ނުވަތަ ފިޔަވަޅު ދެމި އޮންނާނީ ކޯޓުން ކަނޑައަޅާ މުއްދަތަކަށެވެ. ނުވަތަ އެ މައްސަލައެއްގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެނެވެ.

(ވ) ކޯޓުން ނެރޭ ވަގުތީ އަމުރު ނުވަތަ ވަގުތީ ފިޔަވަޅާމެދު ހިތްހަމަނުޖެހޭނަމަ އިސްތިއުނާފުކުރުމުގެ ހައްގު މައްސަލައާ ގުޅުންހުރި ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.

 

72 ވަނަ މާއްދާ - ވަގުތީ އަމުރަށް އެދޭނެގޮތް

(ހ) ވަގުތީ އަމުރަށް އެދި ހުށަހަޅާ ފޯމާއެކު، އެ އަމުރު ނެރެދިނުމަށް އެދޭ ސަބަބުތައް ސާފުކޮށް ބަޔާންކުރުމާއެކު، ހެކި ހުރިނަމަ އެކަމަށް ބާރުދޭ ހެކި ހުށަހަޅަންވާނެއެވެ.

(ށ) ވަގުތީ އަމުރަށް އެދޭ ފޯމު ހުށަހަޅާއިރު، ކޯޓުން ނެރެދޭންވީ އަމުރުގެ އިބާރާތް އޮންނަން އެދޭ ގޮތް ބަޔާންކުރާ ލިޔުމެއް ހިމަނަންވާނެއެވެ. އަދި އެ ލިޔުމުގެ ސޮފްޓް ކޮޕީ، ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި އަމުރު ރައްދުވާ އެންމެހައި ފަރާތްތަކަށް ބޭނުންވާ އަދަދަށްއެ ފޯމާއި ލިޔެކިޔުންތަކުގެ އަސްލު ހުށަހަޅަންވާނެއެވެ.

 

73 ވަނަ މާއްދާ - އެއް ހަސްމުގެ ގައިރު ހާޒި ރުގައި އަމުރު ނެރުން

(ހ) މި ބައިގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއް އެ އަމުރު ރައްދުވާ ހަސްމުގެ ގައިރު ހާޒިރުގައި ށަރީއަތުގެ ކުރިން ނުވަތަ ށަރީއަތުގެ ތެރޭގައި ނުވަތަ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ނެރެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތީ އަމުރެއް ހޯދަން އެދިފައިވަނީ އަނެއް ހަސްމުގެ ގައިރު ހާޒިރުގައި ކަމަށްވާނަމަ، އެ އަމުރަށް އެދިފައިވާ ފޯމު، އަމުރު ރައްދުވާ ފަރާތަށް ފޮނުވައި ހުށަހެޅުމާމެދު އަމުރު ރައްދުވާ ފަރާތުގެ ބަހެއް ހޯދާކަށް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އެއް ހަސްމުގެ ގައިރު ހާޒިރުގައި އަމުރެއް ނެރެދޭންވާނީ އަންނަނިވި ހާލަތްތައް މެދުވެރިވެފައިވާ ކަމަށް މައްސަލަ ބަލާ މެޖިސްޓްރޭޓަށް ގަބޫލުކުރެވޭނަމައެވެ.

  1. އެ އަމުރަކީ އަވަހަށް ނެރެންޖެހޭ އަމުރެއް ކަމަށްވުން؛ 
  2. ހެކި ނައްތައިލަފާނެ ކަމުގެ ބިރު އޮތުން؛ 
  3. ކުޑަކުއްޖަކާގުޅޭ މައްސަލައެއްނަމަ، ކުއްޖާ ގައުމުން ބޭރަށް ނުވަތަ އެހެން ތަނަކަށް ގެންގޮސްފާނެކަމުގެ އިހްތިމާލު އޮތުން؛ 
  4. އެފަދަ އަމުރެއް ގައިރު ހާޒިރުގައި ނެރެންޖެހޭ އެހެންވެސް ސަބަބެއް އޮތްކަމަށް މެޖިސްޓްރޭޓަށް ގަބޫލުކުރެވުން.

(ރ) މި މާއްދާގެ ދަށުން ގައިރު ހާޒިރުގައި ނެރޭ އަމުރެއް އެ އަމުރު ރައްދުވާ ފަރާތަށް ލިބުމުން، އެ އަމުރު މުރާޖައާ ކޮށްދިނުން އެދި ހުށަހަޅާނަމަ، އެ އަމުރު ނެރުނު ކޯޓަށް ހުށަހެޅިދާނެއެވެ. މި އުސޫލުން މުރާޖައާކުރުމަށް އެދި ހުށަހަޅާ މައްސަލައެއް މުރާޖައާކުރާނީ އެ އަމުރު ނެރުނު މެޖިސްޓްރޭޓެވެ. އަދި، އަމުރު ނެރުނު މެޖިސްޓްރޭޓް ނެތްނަމަ، މި އުސޫލުން މުރާޖައާކުރުމަށް އެދި ހުށަހަޅާ މައްސަލައެއް މުރާޖައާ ކުރާނީ، އެ ވަގުތަކު 
ކޯޓު ހިންގުމާ ހަވާލުވެ ހުރި މެޖިސްޓްރޭޓެވެ.

(ބ) ހަސްމެއްގެ ގައިރު ހާޒިރުގައި ނެރެފައިވާ އަމުރެއް މުރާޖައާކުރެވޭނީ ތިރީގައި މި ބަޔާންކުރާ ފަދަ ސަބަބެއް އޮތްނަމައެވެ.

  1. ގައިރު ހާޒިރުގައި އަމުރެއް ނެރެދިނުމަށް ހުށަހެޅި ހުށަހެޅުމުގައި ހާމަކުރަންޖެހޭ ހަގީގަތެއް ހާމަނުކޮށް އޮތުން؛ 
  2. އަމުރަށް އެދިފައިވާ ފަރާތުން އެ އަމުރުގައިވާ ށަރުތަކާ ހިލާފުވުން؛ ނުވަތަ
  3. މައްސަލައިގެ ހާލަތަކަށް ބަދަލު އައުން؛ 
  4. އަމުރެއް ނެރެދިނުމަށް މައްސަލައިގެ ހާލަތުތައް ތަންދޭ ކަމަށް ނުފެނުން؛ ނުވަތަ
  5. އަމުރު ނެރެދިނުމަށްފަހު އަމުރަށް އެދުނު ފަރާތުން މައްސަލަ އަވަހަށް ކުރިއަށް ގެންދިއުމަށް ފިޔަވަޅު ނޭޅުން؛
  6. އަމުރު ނެރުމުގެ ސަބަބުން ހައްގު ނޫން ބުރައެއް އެއްވެސް ފަރާތަކަށް އުފުލަން ޖެހުން.

(ޅ) އަމުރު ނެރުނުއިރު ހިނގަމުންދާ މައްސަލައެއް ނެތްނަމަ، މިފަދަ އަމުރެއް މުރާޖައާކުރުމުގެ މައްސަލަތައް ބަލާނީ ވަކި ގަޒިއްޔާއަކުންނެވެ.

(ކ) ވަގުތީ އަމުރަށް ނުވަތަ ރައްކައުތެރިކަމުގެ ފިޔަވަޅަށް އެދޭ ފޯމުގައި ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު އަމުރަށް އެދި ހުށަހަޅާ ފަރާތަށް ލިބިގެންވާގޮތް ބަޔާންކުރަންވާނެއެވެ.

 

74 ވަނަ މާއްދާ - މައްސަލަގެ ހުކުމްކުރާ ހާލަތުގައި ވަގުތީ އަމުރު ނިމުމަކަށް އައުން

ކޯޓުން މައްސަލައެއްގެ ހުކުމްކުރާ ހާލަތުގައި، އެ މައްސަލައާ ގުޅިގެން ކޯޓުން ވަގުތީ އަމުރެއްނެރެފައިވާނަމަ، އެ މައްސަލައެއްގެ ހުކުމްކުރާ ވަގުތު ކޯޓުން އެ ވަގުތީ އަމުރެއްގެ ތަންފީޒީ ބާރު ނެތިގެންދާނެއެވެ.

 

ތޭރަވަނަ ބައި:

ހުކުމްކުރުން

 

75 ވަނަ މާއްދާ - މައްސަލަ ހުށަހަޅާ ފަރާތުން މައްސަލަ އަނބުރާ ގެންދިޔުމަށް އެދުން

(ހ) މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އަނބުރާ ގެންދަން ބޭނުންވެއްޖެނަމަ،މައްސަލަ އަނބުރާ ގެންދިޔުމުގެ އިހްތިޔާރު މައްސަލަ ހުށަހެޅި ފަރާތަށްލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ވަރި ސާބިތުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކާއި ވަރިއާމެދު އޮޅުން އަރައިގެން ނުވަތަ ށައްކުވެގެން އެކަން ސާފުކުރުމަށް އެދި ހުށަހަޅާ މައްސަލަތައް އަނބުރާ ނުގެންދެވޭނެއެވެ.

(ނ) މިގޮތުން މައްސަލައެއް އަނބުރާ ގެންދެވޭނީ، އެ މައްސަލަ ހުށަހެޅި ފަރާތުން ށަރީއަތުގެ މަޖިލީހަށް ހާޒިރުވެ މައްސަލަ ދޫކޮށްލުމަށް އެދުމުންނެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ލިޔުމުން ހުށަހަޅައިގެން މައްސަލައެއް އަނބުރާ ގެންގޮސްފިނަމަ، އެ މައްސަލައެއް ބާތިލުކޮށް، އެކަން ދެ ފަރާތަށް ކޯޓުން އަންގަންވާނެއެވެ.

 

76 ވަނަ މާއްދާ - ހުކުމްކުރުން

(ހ) އާއިލީ މައްސަލައެއްގެ ށަރީއަތުގެ އަޑުއެހުންތައް ނިމުމާއެކު، ވަގުތުން ނުވަތަ ވީ އެންމެ އަވަހަކަށް އެ މައްސަލައިގެ ހުކުމް ކުރަންވާނެއެވެ.

(ށ) މައްސަލައެއްގެ އަޑުއެހުންތައް ނިމުމާއެކު ވަގުތުން ހުކުމް ނުކުރާނަމަ، ހުކުމް ކުރާނެ ތާރީހެއް، ށަރީއަތުގެ އެންމެ ފަހު އަޑުއެހުމުގައި ހަސްމުންނަށް އަންގަންވާނެއެވެ. ނުވަތަ ށަރީއަތުގެ ފަހު އަޑުއެހުމުގައި ހުކުމްކުރާނެ ތާރީހެއްކަނޑައެޅެން ނެތްނަމަ، އެ އަޑުއެހުން ބާއްވާތާ 3 (ތިރީސް) ދުވަހުގެ ތެރޭގައި،މައްސަލައިގެ ހުކުމްކުރާނެ ތާރީހެއް ކަނޑައަޅައި، ހަސްމުންނަށްލިޔުމުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ ތާރީހަކީ، ށަރީއަތުގެ ފަހު އަޑުއެހުން ބާއްވާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށްވުރެ ފަހުގެ ތާރީހެއްކަމުގައި ވެގެންނުވާނެއެވެ.

(ރ) ހުކުމްކުރުމުގެ މަޖިލީހުގައި މެޖިސްޓްރޭޓް ހުކުމް އިއްވުމަށްފަހު އެ ހުކުމުގެ އަސްލު،ވަގުތުން ހަސްމުންނަށް ދޭންވާނެއެވެ.

 

77 ވަނަ މާއްދާ - ހުކުމެއްގައި ފުރިހަމަވާންޖެހޭ މައިގަނޑު ކަންކަން

(ހ) މައްސަލައަކާމެދު ގޮތެއް ކަނޑައަޅައި ކުރާ ހުކުމުގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

  1. އެ ހުކުމް އިއްވި މެޖިސްޓްރޭޓްގެ ނަމާއި ސޮއި އަދި މަގާމު ބަޔާންކޮށްފައި އޮތުން؛
  2. ހުކުމްކުރި ތާރީހު ބަޔާންކޮށްފައި އޮތުން؛
  3. ކޯޓުގެ ސިއްކަ ޖަހާފައި އޮތުން؛
  4. ހުކުމް ތަންފީޒުކުރެވޭ ތާރީހަކީ ހުކުމްކުރި ތާރީހު ކަމުގައިނުވާނަމަ، އެފަދައިން ހުކުމްތަންފީޒުކުރެވޭނެ ތާރީހެއް ހިމަނައިފައި އޮތުން؛
  5. ހުކުމަށް މެޖިސްޓްރޭޓް ރުޖޫއަވި ސަބަބުތައް ބަޔާންކޮށްފައި އޮތުން.

(ށ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ތަ ފުސީލުތައް ހުކުމުގައި ހިމަނާއިރު، މައްސަލައިގައި ވަކި ކަމެއް ހިނގި ގޮތާމެދު ސުވާލު އުފައްދައިފައިވާނަމަ، އަދި އެކަންކަމާގުޅޭ ވަކިވަކި ގާނޫނީ ސުވާލު އުފައްދައިފައިވާނަމަ، އެއިން ކޮންމެ ކަމަކަށް ގޮތެއް ކަނޑައަޅައިފައި އޮންނަންވާނެއެވެ.

 

78 ވަނަ މާއްދާ - ކޮންމެ ކަމަކާމެދު ނިންމާ ނިންމުން ބަޔާންކުރުން

މައްސަލައެއްގައި، އެއް ކަމަކަށްވުރެ ގިނަ ކަންކަން ހިމެނޭނަމަ، މައްސަލައިގެ ހުކުމް ކުރުމުގައި،އެއިން ކޮންމެ ކަމަކަށް ގޮތެއް ކަނޑައަޅައިފައި އޮންނަންވާނެއެވެ. އަދި، އެއިން ކޮންމެ ނިންމުމަކަށްމެޖިސްޓްރޭޓް ވާސިލުވި ސަބަބު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

79 ވަނަ މާއްދާ - ހުކުމުގައިވާ ލިޔުމުގެ ނުވަތަ މައުލޫމާތުގެ ކުށް އިސްލާހުކުރުމުގެ އިޖުރާއަތު

(ހ) ކޯޓުން ކޮށްފައިވާ ހުކުމެއްގައި ލިޔުމުގެ ކުށެއް ނުވަތަ މައުލޫމާތުގެ ކުށެއް އެކުލެވިގެންވާނަމަ، ކޯޓުން އަމިއްލައަށް އިސްނަގައިގެން ނުވަތަ ހަސްމަކު އެކަމަށް އެދި ހުށަހެޅުމުން، މައްސަލައިގެ ހުކުމް އިސްލާހުކުރަންވާނެއެވެ. އެގޮތުން، ހަސްމަކު ހުށަހަޅާ ހުށަހެޅުމުގައި މައްސަލަ އެކުލެވޭ ބައިތަކާއި އެ ހުކުމަށް ގެންނަންޖެހޭކަމަށް ފެންނަ އިސްލާހުތައް ބަޔާންކުރަންވާނެއެވެ.

(ށ) ހުކުމެއް އިސްލާހުކުރުމަށް ހަސްމަކު ހުށަހަޅާ ހުށަހެޅުމަކީ ކޯޓަށް ބަލައިގަނެވޭ ހުށަހެޅުމެއްނަމަ ނުވަތަ އެކަށީގެންވާ ސަބަބެއް އޮވެގެން ހުށަހަޅައިފައިވާ ހުށަހެޅުމެއްނަމަ،އެ ހުށަހެޅުމަކާ ގުޅޭގޮތުން އަނެއް ހަސްމުގެ ބަހެއް ހޯދުމަށް ކޯޓުން އަނެއް ހަސްމަށްއެ ހުށަހެޅުން ފޯރުކޮށްދޭންވާނެއެވެ.

(ނ) ހުކުމް އިސްލާހުކުރުމަށް އެދި ހުށަހެޅުނު ކަމުގައިވީނަމަވެސް، އެ ހުކުމުގެ ގާނޫނީ ނަތީޖާ ނުވަތަ އެ ހުކުމް ތަންފީޒުކުރުން ފަސްވެގެންނެއް ނުދާނެއެވެ.

(ރ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކޯޓުން ކޮށްފައިވާ ހުކުމުގައިވާ އިމްލާ ކުށް ނުވަތަ ހިސާބުކުރުމުގެ ކުށް އިސްލާހުކުރުމަށްޓަކައި ހަސްމުންގެ ބަހެއް ހޯދާކަށް ނުޖެހޭނެއެވެ.

(ބ) ހުކުމެއް އިސްލާހުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާމެދު ކޯޓުން ނިންމާ ނިންމުމަކީ އެކަމާމެދު ސުވާލު އުފެއްދޭނެ ނިންމުމެއް ނޫނެވެ.

(ޅ) އިސްލާހުކުރެވޭ ހުކުމް، އެންމެހައި ހަސްމުންނަށް ފޯރުކޮށްދޭންވާނެއެވެ.

(ކ) ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު އިސްލާހުކުރުމުގައި ވެސް އަމަލުކުރަންވާނީ، މި މާއްދާގައިވާ އިޖުރާއަތާ އެއްގޮތަށެވެ.

 

80 ވަނަ މާއްދާ - އިސްތިއުނާފުކުރުމު ގެ އިޖުރާއަތު ބަޔާންކޮށްދިނުން

ހަސްމަކު ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކު ކަނޑައަޅައިފައިނުވާ ހާލަތުގައި، ކޯޓުން މައްސަލައިގެ ހުކުމްކުރުމަށްފަހު، އެ ހުކުމް އިސްތިއުނާފުކުރުމުގެ ހައްގު އެ ހަސްމަށް ލިބިގެންވާ ކަމާއި،އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ހަސްމުންނަށް ކޯޓުން ސާފުކޮށްދޭންވާނެއެވެ.

 

81 ވަނަ މާއްދާ - ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު

(ހ) ހުކުމް ކުރުމަށްފަހު، ވީ އެންމެ އަވަހަކަށް އެ މައްސަލައެއްގެ ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު، ކޯޓުން އެކުލަވައިލަންވާނެއެވެ.

(ށ) ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ގަޒިއްޔާ ނަންބަރު؛
  2. މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތުގެ ނަމާއި އެޑްރެސް؛
  3. މައްސަލަގެ ތަފުސީލުތައް؛
  4. މައްސަލައިގެ ހުކުމަށް ވާސިލުވިގޮތް؛
  5. މައްސަލަ ނިމުނު ގޮތް؛
  6. މައްސަލައިގައި ހުށަހެޅުނު އެންމެހައި ބަޔާންތަކާއި ހެކި.

(ނ) ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި، މެޖިސްޓްރޭޓުގެ ނަމާއި ސޮއި ހިމަނައިފައި އޮންނަންވާނެއެވެ.

(ރ) ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓަށް އެދި މައްސަލައިގެ ހަސްމަކު އެދިއްޖެނަމަ ގިނަވެގެން 14 ދުވަހުގެ ތެރޭގައި ރިޕޯޓު ހަވާލުކުރަންވާނެއެވެ.

(ބ) ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ފުރަތަމަ ފަހަރަށް ދޫކުރާނަމަ، ރިޕޯޓުގައި ހިމެނޭ ސަފްހާތައް ފިޔަވައި، ކޮޕީ ހަދައިފައިވާ ކޮންމެ ސަފްހާއަކަށް 1 (އެކެއް) ރުފިޔާގެ މަގުން ފީ ނަގަންވާނެއެވެ. އަދި ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު އެއް ފަހަރަށްވުރެ ގިނަ ފަހަރަށް ދޫކުރާނަމަ، ރިޕޯޓާއި ރިޕޯޓާއެކު ދޫކުރާ ކޮންމެ ސަފްހާއަކަށް (ކޮޕީ ހަދައިފައިވާ ކޮންމެ ސަފްހާއަކަށް) 1 (އެކެއް) ރުފިޔާގެ މަގުން ފީ ނަގަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ ހުލާސާއެއް،މައްސަލައިގައި ހުކުމްކުރާ ދުވަހު ހަސްމުންނާ ހަވާލުކުރަންވާނެއެވެ.

 

82 ވަނަ މާއްދާ - ގައިރު ހާޒިރުގައި ހުކުމްކުރުން

މި އުސޫލުގެ ހަވަނަ ބައިގައި ބަޔާންކުރާ ހާލަތްތަކުގެ އިތުރުނ އާއިލީ މައްސަލަތަކުގައި، ތިރީގައިމިވާ ހާލަތްތަކުގައި ގައިރު ހާޒިރުގައި މައްސަލަ ހިންގައި ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

  1. މައްސަލައެއް ބަލަން ފެށުމަށްފަހު ނުވަތަ މައްސަލައެއް ހިންގުމަށްޓަކައި ހާޒިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެ މީހާ ވީ ތަނެއް ނޭނގޭނަމަ ނުވަތަ އެ މީހަކުވީ ރާއްޖެއިން ބޭރުގައި ކަމަށްވާނަމަ، ގައިރު ހާޒި ރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް އެ މީހާ ހޯދުމަށް ކޯޓުގެ ވެބްސައިޓް ނުވަތަ ކޯޓުގެ ނޯޓިސް ބޯޑު ނުވަތަ ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެ ނޫންވެސް ހަބަރު ފަތުރާ ވަސީލަތަކުން އިއުލާނުކުރުމަށްފަހު އިއުލާނުގައިވާ ތާރީހާއި ގަޑިއަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ، ކޯޓަށް ހާޒިރުވުމަށް އެންގުނީކަމަށް ބަލައި، އެ މީހާގެ ގައިރު ހާޒިރުގައި މައްސަލަ ބަލައި ނިންމުން.
  2. މައްސަލައިގެ އަޑުއެހުން ނިމުމަށްފަހު މައްސަލައިގެ ހުކުމްކުރުމަށްޓަކައި، ހާޒިރުވުމަށް އެންގުމުން، މަގުބޫލު އުޒުރެއްނެތި ކޯޓަށް ހާޒިރު ނުވެއްޖެނަމަ، އޭނާގެ ގައިރު ހާޒިރުގައި މައްސަލައިގެ ހުކުމް އިއްވުން.

 

83 ވަނަ މާއްދާ - ދެ ގަޒިއްޔާ އެކީ ހުކުމްކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި، ދެ ގަޒިއްޔާއަކުން ކޯޓަށް ހުށަހެޅިފައިވާ ދެ މައްސަލައެއް ނުވަތަ ދެ މައްސަލައެއް ބަލައި ހުކުމްކުރަންވާނީ، ދެ ގަޒިއްޔާ އެއްކޮށް، އެކުއެކީގައެވެ.

  1. ދެ މައްސަލައިގައި ނުވަތަ ދެ މައްސަލައިގައިވެސް ހިމެނޭ ސުވާލަކީ އެއް ސުވާލެއް ކަމަށް ވުން؛
  2. އެއް ގަޒިއްޔާގައި ކުރާ ހުކުމުން އަނެއް ގަޒިއްޔާގެ ހުކުމަށް އަސަރުކުރާނެނަމަ،ނުވަތަ އެއް މައްސަލަ ނިމުމުން އަނެއް މައްސަލަވެސް ނިމޭނެ ކަމަށް ވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި މައްސަލަ ހުށަހަޅާ ނުވަތަ މައްސަލަ ރައްދުވާ ފަރާތުގެ ރުހުން އޮންނާކަށް ނުޖެހޭނެއެވެ.

 

84 ވަނަ މާއްދާ - ގުޅުންހުރި ދެ  ގަޒިއްޔާ

ކޯޓަށް ހުށަހެޅިފައިވާ ދެ ގަޒިއްޔާއަކީ ކޯޓުގެ ނަޒަރުގައި ގުޅުންހުރި ދެ ގަޒިއްޔާއެއް ނުވަތަ އެއް ހަސްމުން ށާމިލުވާ ދެ ގަޒިއްޔާ ކަމުގައިވާނަމަ، ދެ ގަޒިއްޔާ ބަލާނޭ ތަރުތީބު ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

 

85 ވަނަ މާއްދާ - މައްސަލަތަކުގެ ރަޖިސްޓަރީ

ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ރަޖިސްޓަރީއެއް، ކޯޓުގައި ގާއިމުކޮށްފައި އޮންނަންވާނެއެވެ.

 

ސާދަވަނަ ބައި:

ހުކުމް ތަންފީޒު ކުރުން

 

86 ވަނަ މާއްދާ - ބޭރު ގައުމުތަކުގެ ހުކުމްތައް ދިވެހިރާއްޖޭގައި ތަންފީޒުކުރުން

(ހ) ބޭރު ގައުމެއްގައި ކޮށްފައިވާ ހުކުމެއް، މި އުސޫލުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައިބަލައިގަނެ ތަންފީޒުކުރެވޭނެއެވެ. އަދި އެފަދަ ހުކުމެއް ބަލައިގަންނަން ނުވަތަ ތަންފީޒުކުރަން އިއުތިރާޒުކުރެވޭނީ އެހެން ގާނޫނަކުން ނުވަތަ މި އުސޫލުގައި ބަޔާންކުރާސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ.

(ށ) ބޭރު ގައުމެއްގައި ކޮށްފައިވާ ހުކުމެއް ދިވެހިރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރަން އެދިހުށަހަޅާ މައްސަލައެއް ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި މައުޒޫއީގޮތުން ނުބެލޭނެއެވެ.އެފަދަ މައްސަލައެއްގައި ބެލެވޭނީ ހަމައެކަނި މި ބާބުގައި ބަޔާންކުރާ ސަބަބުތައްތަތުބީގުކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަންތައްތަކެވެ.

(ނ) ބޭރު ގައުމެއްގައި ކޮށްފައިވާ ހުކުމެއް ދިވެހިރާއްޖޭގައި ބަލައިގަނެވޭނީ، އެ ހުކުމަކީ އެ މައްސަލަ ހުށަހެޅުނު ގައުމުގައި ބާރު ހިނގާ ހުކުމެއްނަމައެވެ. އަދި އެ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒުކުރެވޭނީ، އެ ހުކުމަކީ އެ ގައުމުގައި ތަންފީ ޒުކުރެވޭނެ ހުކުމަކަށްވާނަމައެވެ.

(ރ) އަންނަނިވި ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާނަމަ، ބޭރު ގައުމެއްގެ ހުކުމަކީ ދިވެހިރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރެވޭނެ ހުކުމެކެވެ.

  1. އެ ފަރާތަކާ ދެކޮޅަށް ކޮށްފައިވާ ހުކުމް ދިވެހިރާއްޖޭގައި ބަލައިގަތުމަށާއިތަންފީޒުކުރުމަށް ހުށަހަޅާ ހުށަހެޅުން ރައްދުވާ މީހާއަކީ، އެ ގައުމެއްގެ ކޯޓުގައި މައްސަލަ ހިނގިއިރު އެ ގައުމެއްގައި އާން މު ގޮތެއްގައި ދިރިއުޅޭ މީހަކަށްވެފައި އެ މައްސަލައިގެ ހަސްމަކަށް ވުން؛
  2. އެ ފަރާތަކާ ދެކޮޅަށް ކޮށްފައިވާ ހުކުމް ދިވެހިރާއްޖޭގައި ބަލައިގަތުމަށާއި ތަންފީޒުކުރުމަށް ހުށަހަޅާ ހުށަހެޅުން ރައްދުވާ މީހާއަކީ، ރައްދު މައްސަލަ  ނުހިމެނޭގޮތުން، ހުކުމް އެ މައްޗަށް ބިނާވި މައްސަލަ ހުށަހެޅި މީހާ ކަމަށް ވުން؛
  3. ހުކުމް ކުރެވުނު މައްސަލަ ހިނގަމުން ދިޔައިރު، މައްސަލަ ރައްދުވާ ފަރާތުންމައްސަލަ ހުށަހެޅުނު ކޯޓުގެ އިހްތިސާސަށް ސަރީހަ ބަހުން އެއްބަސްވެފައިވުން؛
  4. އިހްތިސާސާމެދު ނުވަތަ އިހްތިސާސް ހިންގުމާމެދު މައްސަލަ ރައްދުވާ ފަރާތުންކުރާ އިއުތިރާޒަކީ މައްސަލަ ހުށަހެޅުނު ގައުމުގެ ގާނޫނުތަކުގެ ދަށުން ކާމިޔާބުނުވާނެ އިއުތިރާޒެއްކަން އެނގެން އޮތް ހާލަތުގައި ފިޔަވައި، މައްސަލަ ހުށަހެޅުނު ގައުމުގެ ގާނޫނުތަކުގެ ދަށުން އިހްތިސާ ސާމެދު އިއުތިރާޒުކުރުމަށް އޮތް މުއްދަތުގެ ތެރޭގައި އިއުތިރާޒުނުކޮށް، މައްސަލަ ހުށަހެޅުނު ކޯޓުގައި މައްސަލަ ރައްދުވާ ފަރާތުން މައްސަލައިގެ މައުޒޫއަށް ވާހަކަ ދެއްކުން.

 

87 ވަނަ މާއްދާ - ހުކުމް ތަންފީޒުކުރުން

(ހ) ހިނގަމުންދާ މައްސަލައަކާ ގުޅިގެން ނެރެފައިވާ ވަގުތީ އަމުރު ތަންފީޒުކުރުމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ އެ މައްސަލައެއް ބަލާ މެޖިސްޓްރޭޓެވެ.

(ށ) ސާބިތު ހަރަދެއް އޮވެ ކޯޓަށް އެ ހަރަދު ނުދައްކާނަމަ، ކޯޓުން އިސްވެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން އަންނަނިވި ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ.

  1. ކޯޓުގެ އިސްނެގުމުގެ މަތިން ތަންފީޒުކުރަންޖެހޭ ހުކުމްތައް ފާހަގަކޮށް، އެފަދަހުކުމްތައް ތަންފީޒުކުރަމުންދޭތޯ ކަށަވަރުކުރުން.
  2. ކޯޓުން އިސްވެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ 1 (އެކެއް) ފަހަރު ބެލުން.

(ނ) ކޯޓުގެ އިސްނެގުމުގެ މަތިން މައްސަލަ ބެލުމަށްފަހު ދެން އެފަދަ މައްސަލައެއް ބެލޭނީ،ހުކުމާ އެއްގޮތަށް އަމަލުނުކޮށްގެން ހައްގު ލިބެންވާ ފަރާތުން އެ ހުކުމެއް ތަންފީޒުކޮށްދިނުންއެދި ވަކި މައްސަލައެއްގޮތުގައި ކޯޓަށް ހުށަހެޅުމުންނެވެ.

(ރ) ތަންފީޒީ ބާރު ހިނގާ ހުކުމެއް، އެ ހުކުމް ތަންފީޒުކުރަންޖެހޭ ފަރާތުގެ އަމިއްލަ އިހްތިޔާރުގައި ތަންފީ ޒުކުރުމަށް އޭނާ ދެކޮޅު ހަދާ ހާލަތުގައި، ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ނުވަތަ ފިޔަވަޅުތަކުން އެ ވަގުތަކަށް ކޯޓަށް ފެންނަ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

  1. ހަރަދު ދޭންޖެހޭ މީހާއަކީ ވަޒީފާއެއްގައި އުޅޭމީހެއްނަމަ، އޭނާގެ މުސާރައިން ކެނޑުމަށްފަހު ކޯޓަށް ފައިސާ ޖަމާކުރުމަށް އެ މީހާ ވަޒީފާ އަދާކުރާ އޮފީހަށް ނުވަތަ މަސައްކަތްކުރާ ތަނަށް އަންގައި އަމުރުކުރުން.
  2. މި މާއްދާގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އަމަލުކުރުމުން ވެސް ނުވަތަ ވަޒީފާއެއްގައި އުޅޭ މީހަކަށް ނުވުމުގެ ސަބަބުން ކޯޓަށް ފައިސާ ނުލިބޭނަމަ،ފުރަތަމަ ފަހަރު 1 (އެކެއް) މަސްދުވަހުގެ މުއްދަތަށް، ދެވަނަ ފަހަރު 2 (ދޭއް) މަސްދުވަސް ދުވަހުގެ މުއްދަތަށް ހަރަދު ދައްކަންޖެހޭ ފަރާތް ގޭގައި ބަންދުކުރުމަށް އަމުރުކުރުން.
  3. މި މާއްދާގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އަމަލުކުރުމުންވެސް ކޯޓަށް ފައިސާ ނުލިބޭނަމަ 2 (ދޭއް) މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ހަރަދު ދައްކަންޖެހޭ ފަރާތް ޖަލަށްލުމަށް އަމުރުކުރުން.
  4. ކޯޓުގެ ހުއްދަ ނެތި ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓު ހިފެހެއްޓުމަށްއަމުރުކުރުން.
  5. ހަރަދު ދައްކަންޖެހޭ ފަރާތުގެ ބޭންކް އެކައުންޓް ބަލައި ޗެކްކޮށް އެކައުންޓްތައް ފްރީޒްކުރުން.
  6. ހަރަދު ދައްކަންޖެހޭ ފަރާތުގެ އެކައުންޓުގައި ހުރި ފައިސާއިން އުނިކުރުމަށްފަހު،ކޯޓުން އަންގާ މިންވަރެއް ކޯޓަށް ޖަމާކުރުމަށް ބޭންކަށް އަމުރުކުރުން.
     7 .ހަރަދު ދައްކަންޖެހޭ ފަރާތުގެ އެއްވެސް މުދަލެއް ކުއްޔަށް ދޫކޮށްފައިވާނަމަ، އެ މުދަލެއް ނުވަތަ އެ މުދަލެއް ކުއްޔަށްދީގެން ލިބޭ ކުލި ކޯޓަށް ނެގުން.
  7. ހަރަދު ދައްކަންޖެހޭ ފަރާތުގެ މުދަލެއް އެހެން ފަރާތަކަށް ކުއްޔަށްދީ، ނުވަތަހިބަކޮށްދީ ނުވަތަ ވިއްކައި، ނުވަތަ ވަސިއްޔަތްކޮށް ނުވަތަ ރަހުނުކޮށްފައިވަނީސާބިތު ހަރަދުގެ މައްސަލަ ކޯޓުން ބަލަމުންދަނިކޮށް ނުވަތަ ބަލައިނިމުނުފަހުންކަމަށްވާނަމަ، އެ މުއާމަލާތެއް ބާތިލުކުރުން.
  8. ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް ހުކުމް ތަންފީޒުކުރުމަށް އަމުރުކުރުން.
  9. ސާބިތު ހަރަދަށް ފައިސާ ނުދައްކާ ފަރާތުގެ މައުލޫމާތު އާންމުކޮށް ށާއިއުކުރުން.

(ބ) ހުކުމް ތަންފީޒުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއްގައި މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތުން ވަކިގޮތަކަށް އެއްބަސްވެއްޖެނަމަ، ދެ ފަރާތުން އެއްބަސްވި ގޮތަކަށް އަމަލު ކުރުމަށް އަންގައި، މައްސަލަ ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ޅ) މި އުސޫލުގެ ދަށުން ފައިސާ ނުދައްކައިގެން ބަންދުކޮށްފައިވާ މީހަކު ނުވަތަ ޖަލަށް ލެވިފައިވާ މީހަކު ދައްކަންޖެހޭ ފައިސާ ދައްކައިފިނަމަ، އެ މީހަކު ބަންދުން ނުވަތަ ޖަލުން ދޫކޮށްލުމަށް އަމުރުކުރަންވާނެއެވެ.

(ކ) ހަރަދު ނުދައްކައިގެން ހުކުމް ތަންފީޒުކުރުމަށް އެދި މައްސަލަ ހުށަހެޅުމުން،އެ މައްސަލައިގައި ވަކިގޮތެއް ކަނޑައަޅައި ހުކުމެއް ކޮށްފައިވާނަމަ، އަލުން އެ މައްސަލަ ހުކުމް ތަންފީޒުކުރުމަށް އެދި ހުށަހެޅޭނީ، ހުކުމް ތަންފީޒުކުރުމަށްޓަކައި ކޮށްފައިވާ ހުކުމް ކުރި ތާރީހުން ފެށިގެން 3 (ތިރީސް) މަސްދުވަސް ފާއިތުވެފައިވާނަމައެވެ.

(އ) ފައިސާގެ އަދަދެއް ނުހިމެނޭ ހުކުމެއް، އެ ހުކުމް ތަންފީޒުކުރުން ލާޒިމުވާ ފަރާތުގެ އަމިއްލަ އިހްތިޔާރުގައި ތަންފީ ޒުކޮށްފައިނުވާނަމަ، އެ ހުކުމް ކޯޓު މެދުވެރިކޮށް ތަންފީޒުކުރާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

  1. ފައިސާގެ އަދަދެއް ނުހިމެނޭ ހުކުމެއް، އެ ހުކުމް ކޯޓު މެދުވެރިކޮށް ތަންފީޒުކުރާނީ،ހުކުމް ތަންފީޒުކުރަންޖެހޭ ފަރާތް ޖޫރިމަނާކޮށްގެންނެވެ.
  2. މި މާއްދާގެ ދަށުން ކަނޑައަޅާ ޖޫރިމަނާއަކީ ކަނޑައަޅައިފައިވާ ވަކި އަ ދަދެއް ކަމުގައި ނުވަތަ އިތުރުވަމުންދާ އަދަދެއް ކަމުގައި ނުވަތަ ތަންފީޒުނުކުރާ ހުކުމުގެ ކޮންމެ ބަޔަކަށް ހިނގާ ޖޫރިމަނާއެއްގެ ގޮތުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.
  3. މި މާއްދާގެ ދަށުން ކަނޑައަޅާ ޖޫރިމަނާ ހިނގަން ފަށާނީ، ޖޫރިމަނާކުރުމަށް ނިންމި  ނިންމުން ހުކުމް ތަންފީޒުކުރަންޖެހޭ ފަރާތަށް ރައްދުކުރުމަށްފަހުގައެވެ.
  4. ފައިސާގެ އަދަދެއް ނުހިމެނޭ ހުކުމެއްގައި ހިމެނޭ މައިގަނޑު އިލްތިޒާމު ތަންފީޒުކުރުމަކީ މުސްތަހީލު ކަމެއް ކަމުގައި ކޯޓަށް ފެނިއްޖެނަމަ، ޖޫރިމަނާގެ އަދަދު ކޯޓަށް ދަށްކުރެވިދާނެއެވެ.
  5. މި މާއްދާގެ ދަށުން ކަނޑައަޅާ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، ފައިސާގެ އަދަދެއް ހިމެނޭ ހުކުމެއް ތަންފީޒުކުރުމަށް މި މާއްދާގައި ކަނޑައަޅައިފައިވާ އިޖުރާއަތުގެ ދަށުން އެ ޖޫރިމަނާގެ ފައިސާ ހޯދިދާނެއެވެ.
  6. ހުކުމާ އެއްގޮތަށް އަމަލުނުކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބަލައި،އެ ކަމަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބެއް ދަރަނިވެރިޔާގެ މައްޗަށް ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
  7. ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް ހުކުމް ތަންފީޒުކުރުމަށް އަމުރުކުރެވިދާނެއެވެ.

 

ފަނަރަވަނަ ބައި:

އެހެނިހެން ކަންކަން

 

88 ވަނަ މާއްދާ - ށަރީއަތްކުރެވޭ ބަސް

(ހ) ކޯޓުތަކުގައި ހިންގާ މައްސަލަތަކުގެ ށަރީއަތްތައް ކުރެވޭނީ ދިވެހިބަހުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތްނަމަވެސް، ބިދޭސީ ބަސްބަހުން ހުންނަ ބަޔާންތަކާއި ލިޔެކިޔުން ބަލައިގަތުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. މިގޮތަށް ބިދޭސީ ބަސްބަހުން ހުންނަ ބަޔާންތަކާއި ލިޔެކިޔުމުގެ ދިވެހި ތަރުޖަމާ ކޯޓަށް ހުށަހެޅުމަށް ކޯޓުން އަންގައިފިނަމަ އެ ލިޔުމެއްގެ ދިވެހި ތަރުޖަމާ ކޯޓަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތްނަމަވެސް ބިދޭސީއެއްގެ ހެކިބަސް އިނގިރޭސިބަހުން ނެގުމަށް ނުވަތަ އިނގިރޭސިބަހުން ހެކިބަހުގެ ބަޔާނެއް ނުވަތަ އެފިޑެވިޓެއް ހުށަހެޅުމަށް މި އުސޫލު ހުރަހެއް ނާޅައެވެ.

(ރ) ދިވެހިބަސް ނޭނގޭ ހަސްމުންނާއި، އަޑުއިވުމާއި ވާހަކަ ދެއްކުމުން މަހުރޫމްވެފައިވާ ހަސްމުން، ތަރުޖަމާނަކު ހޯދުމަކީ އެ ހަސްމަކު އަމިއްލައަށް ކުރަންޖެހޭނެ ކަމެކެވެ.

(ބ) ދިވެހިބަހުން ވާހަކަދައްކަން ނޭނގޭ ބިދޭސީއެއްގެ ހެކިބަސް ށަރީއަތުގެ މަޖިލީހުގައި ނެގުމަށް ހަސްމަކު ހުށަހަޅައިފައިވާނަމަ، ތަރުޖަމާކުރުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ހެއްކަކު ހުށަހެޅި ފަރާތުންނެވެ.

(ޅ) މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތްނަމަވެސް ބިދޭސީ ބަހަކުން ކޯޓު އަމުރެއް ނެރުމަށް މި އުސޫލު ހުރަހެއް ނާޅައެވެ.

 

89 ވަނަ މާއްދާ - ކޯޓުގެ ހުރުމަތް ކެނޑުން

ށަރީއަތުގެ މަޖިލީސް ހިނގަމުންދަނިކޮށް ކޯޓުގެ އިޒުނައެއްނެތި، ށަރީއަތުގެ މަޖިލީހުން ނުކުމެ، ނުވަތަ މަޖިލީހުގެ ނިޒާމާ ހިލާފުވާފަދަ އަމަލެއް މީހަކު ހިންގައިފިނަމަ، ނުވަތަ ށަރީއަތުގެ މަޖިލީހުގައި ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވެއްޖެނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި، 10،000 (ދިހަހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ 15 (ފަނަރަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން، ނުވަތަ 1 (އެކެއް) މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމުގެ ބާރު މައްސަލަ ބަލާ މެޖިސްޓްރޭޓަށްލިބިގެންވެއެވެ.

 

90 ވަނަ މާއްދާ - ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން

(ހ) ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެއަމަލެއް ހިނގައިފިނަމަ، އެ އަމަލު ހިނގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޯޓުގެއަމިއްލަ އިސްނެގުމުގައި އެ އަމަލު ހިންގި ފަރާތާ ދެކޮޅަށް ފިޔަވަޅު އެޅިދާނެއެވެ.

(ށ) ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލުގެ ތެރޭގައި، ސަބަބެއް ނުވަތަ ބޭނުމެއް ނެތި ކުރާ އަމަލުތައް ނުވަތަ ވަގުތު ބޭކާރުކުރުމުގެ އަމަލުތައް ނުވަތަ އެހެން މީހުންނަށް އުނދަގޫވާގޮތަށް ހިންގާ އަމަލުތައް ހިމެނެއެވެ. އަދި ވަކި ހައްދެއް ނެތި ނުވަތަ އެކަށީގެންވާ ސަބަބެއް ނެތި އެހެން ފަރާތަކަށް ގެއްލުންވާނެފަދަ ގޮތަކަށް އިޖުރާއަތު ބޭނުންކުރުމާއި، އިންސާފަށް ހުރަސްއެޅުމަށް މަސައްކަތްކުރުމާއި، އާންމު މަށްވަރާ ކުރުމުގައި އެހެން ފަރާތަކަށް ލިބިގެންވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ފަދައަމަލުތަކަކީ ވެސް ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލުތައް ކަމަށް ބެލެވޭނެއެވެ.

(ނ) އެއް ހަސްމަކު ހުށަހަޅައިފައިވާ ހުށަހެޅުމަކީ ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލެއްގެ ގޮތުގައި ބެލިދާނެކަމަށް އަނެއް ހަސްމަކު ކޯޓުގައި އެކަށީގެންވާ މިންވަރަށް ބަޔާންކޮށްދީފިނަމަ، އެ ހުށަހެޅުމަކީ ހައްދެއް ނެތި ނުވަތަ އެކަށީގެންވާ ސަބަބެއްނެތި ހުށަހަޅައިފައިވާ ހުށަހެޅުމެއް ނޫންކަމާއި، އެފަދަ ހުށަހެޅުމެއް ހުށަހަޅަން ގާނޫނުން ތަންދޭކަން ސާބިތުކުރުމުގެ ޒިންމާ އުފުލަން ޖެހޭނީ ހުށަހެޅުން ހުށަހެޅި ފަރާތުންނެވެ.އެފަދަ ހުށަހެޅުމަކާއި ދިފާއެއް އަނގަބަހުން ހުށަހެޅުމަށްފަހު، ލިބިފައިވާ ހެއްކަށްރިއާޔަތްކޮށް ކޯޓުން ގޮތެއް ނިންމަންވާނެއެވެ.

(ރ) ހުށަހެޅުމެއް ހުށަހެޅުމުގައި ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށްކޯޓަށް ސާބިތުވެއްޖެނަމަ، އެފަދަ ހުށަހެޅުމެއް ބާތިލުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ބ) ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ކޯޓަށް ފެނިއްޖެނަމަ، އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅިދާނެއެވެ.

  1. ހުށަހެޅުމާ ގުޅިގެން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ވަކި ށަރުތުތަކެއްކަނޑައެޅުން؛
  2. ކަމާގުޅޭ ހަސްމުގެ ފަރާތުން ށަރީއަތުގެ ކަންކަން ރަނގަޅަށް ގެންދާނެކަމުގެ ޔަގީންކަން ހޯދުން.

 

91 ވަނަ މާއްދާ - އަސާސެއް ނެތް މައްސަލަ ހުށަހެޅުން ހުއްޓުވުމަށް ކޯޓަށް ލިބިގެންވާ ބާރު

(ހ) އެކަށީގެންވާ އަސާސެއް ނެތް ދެ ހުށަހެޅުމަށްވުރެ ގިނަ ހުށަހެޅުން ހަސްމަކު ހުށަހަޅައިފިނަމަ، އަސާސެއް ނެތް މައްސަލަ ހުށަހެޅުން ހުއްޓުވުމުގެ ގޮތުން ކޯޓަށްލިބިދޭ ބާރުގެ ދަށުން ކޯޓަށް އެ ހަސްމަކާ ދެކޮޅަށް އަމުރެއް ނެރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަސްމަކާ ދެކޮޅަށް ކޯޓުން އަމުރެއް ކުރާއިރު، އަންނަނިވި ށަރުތުތަކުގެ ތެރެއިން ށަރުތެއް ކަނޑައެޅިދާނެއެވެ.

  1. ކުރިން ހުށަހެޅި ހުށަހެޅުން ހުށަހަޅައިފައިވަނީ މެޖިސްޓްރޭޓުގެ ހުއްދަ ހޯދުމަކާނުލައި ކަމުގައި ވާނަމަ، އެ މެޖިސްޓްރޭޓެއްގެ ހުއްދަ ލިބިގެން މެނުވީ ށަރީއަތުގައި އިތުރު ހުށަހެޅުމެއް ހުށަހެޅުން މަނާކުރުން.
  2. ކުރިން ހުށަހެޅި ހުށަހެޅުން ހުށަހަޅައިފައިވަނީ މެޖިސްޓްރޭޓުގެ ހުއްދަ ހޯދައިގެން ކަމުގައިވާނަމަ، އެ ހުށަހެޅުން އިސްލާހުކުރަން އެންގުން ނުވަތަ ބާތިލުކުރުން.

(ނ) މި މާއްދާގެ ދަށުން ކޯޓުން އަމުރެއް ކޮށްފައިވާ ހަސްމަކު ކުރިން ހުށަހެޅި ހުށަހެޅުން ހުށަހަޅައިފައިވަނީ މެޖިސްޓްރޭޓުގެ ހުއްދަ ހޯދުމަކާ ނުލައި ކަމުގައިވާނަމަ، އަދި އަމުރު ނެރުނު ފަހުން ށަރީއަތުގައި އިތުރު ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އިތުރު އަމުރެއް ނެރުމަކާ ނުލައި، އަދި އަނެއް ހަސްމަށް އެކަމަށް ޖަވާބުދާރީވުމަށް ފުރުސަތެއް ދިނުމަކާނުލައި، އެ ހުށަހެޅުން ވަގުތުން މެޖިސްޓްރޭޓަށް ބާތިލުކުރެވިދާނެއެވެ.

(ރ) މި މާއްދާގެ ދަށުން ކޯޓުން ނެރޭ އަމުރަކާ ގުޅިގެން، ތަކުރާރުކޮށް އެއްވެސް އަސާސެއް ނެތް އިތުރު ހުށަހެޅުމެއް ހުށަހެޅުމަށްޓަކައި ކޯޓުގެ ހުއްދައަށް އެދޭނަމަ، އެފަދަ ހުށަހެޅުމެއް ހުށަހެޅުމަށްޓަކައި އިތުރަށް ކޯޓުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުން ބާތިލުކުރެވިދާނެއެވެ. އަދި އެ ހާލަތުގައި، އިސްތިއުނާފުކުރުމުގެ އާންމު އިޖުރާއަތާ އެއްގޮތަށް އެ ނިންމުން އިސްތިއުނާފުކުރުމުގެ ހައްގު އެ ހަސްމަށް ލިބިގެންވެއެވެ.

(ބ) އެ ހަސްމަކާ ދެކޮޅަށް މި މާއްދާގެ ދަށުން އަމުރެއް ނެރެފައިވާ ހަސްމަކަށް މި މާއްދާގެ

(ރ) ގެ ދަށުން ކޯޓުގެ ހުއްދައަށް އެދެވޭނީ، އެ ކަމުގެ ނޯޓިސް، ކޯޓަށް ދިނުމާއެކު، ކޯޓުން އަނެއް ހަސްމަށް އެކަން އެންގުމަށް ފަހުގައެވެ. އެގޮތުން، ކޯޓުން އަންގާ އެންގުމުގައި ކޯޓުގެ ހުއްދައަށް އެދުނު ސަބަބުތަކާއި، މައްސަލައިގެ ތަބީއަތް ބަޔާންކުރުމާއެކު، އެކަމަށް ޖަވާބުދާރީވުމަށް 7 (ހަތެއް) ދުވަހުގެ ފުރުސަތެއް ދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގެ ދަށުން ކޯޓުގެ ހުއްދައަށް އެދެންވާނީ، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ނޯޓިހަށް އަނެއް ހަސްމު ދިން ޖަވާބާއެކު، ލިޔުމުންނެވެ. އެފަދަހުށަހެޅުމަކާމެދު ކޯޓުން ގޮތެއް ނިންމާނީ އަޑުއެހުމެއް ބޭއްވުމަކާ ނުލައެވެ.

(ކ) މި މާއްދާގެ ދަށުން ނެރޭ އަމުރެއް ހިނގާނީ، އެ އަމުރު ނެރުނު ށަރީއަތާ ގުޅިގެން އެކަންޏެވެ. ކޯޓުން އެހެން ގޮތަކަށް އަމުރު ނުކުރާހައި ހިނދަކު، އެ އަމުރު، އެ އަމުރު ނެރެނު ށަރީއަތުގެ މުއްދަތަށް ދެމިއޮންނާނެއެވެ. އަދި އަމުރުގައި މި މާއްދާގެ (ނ) އާއި

(ރ) ގެ ދަށުން ކޯޓުގެ ހުއްދައަށް އެދި ހުށަހަޅަންވީ ކޮން މެޖިސްޓްރޭޓަކަށް ކަން ބަޔާންކުރަންވާނެއެވެ.

 

92 ވަނަ މާއްދާ - ގާނޫނުން މުއްދަތު ކަނޑައަޅައިފައިވާ މައްސަލަތަކާގުޅޭ ގޮތުން ދެވޭނެ އިސްތިސްނާ

އާއިލީ މައްސަލަތަކުގެ ތެރެއިން އެހެން ގާނޫނަކުން ނުވަތަ ގާނޫނެއްގެ ދަށުން ހަދައިފައިވާ ގަވާއިދަކުން މުއްދަތު ކަނޑައަޅައިފައިވާ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި އަމަލުކުރަންވާނީ މި އުސޫލުގައި ބަޔާންކުރާ އިޖުރާއަތާއި މުއްދަތަށެވެ.

 

93 ވަނަ މާއްދާ - ށަރީއަތަށް ހުށަހެޅޭ ލިޔުމެއް ސިއްރުކުރުމަށް އެދުން

(ހ) ކޯޓުން އެ ނޫން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ށަރީއަތަށް ހުށަހެޅޭ ލިޔުމެއް ށަރީއަތްހިނގަމުންދާ ކޮންމެ ވަގުތެއްގައި ވެސް ބެލުމުގެ ފުރުސަތު ހަސްމުންނަށް ލިބިގެންވެއެވެ. 

(ށ) ހެކިބަސްދޭ ފަރާތުގެ ބަޔާން ހަސްމުން ބެލުމަށް ލިބިދޭންނުޖެހޭ ކަމަށް ކަނޑައަޅައިދިނުމަށް އެދި ކޮންމެ ފަރާތަކަށް ވެސް ކޯޓުގައި އެދެވިދާނެއެވެ.

(ނ) ށަރީއަތަށް ހުށަހެޅޭ ލިޔުމެއް ހަސްމުން ބެލުމަށް ލިބިދޭން ނުޖެހޭ ކަމަށް ކަނޑައަޅައިދިނުމަށް އެދި އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮތް ކަމަށް ބުނެ ކޮންމެ ފަރާތަކަށްވެސް ކޯޓުގައި އެދެވިދާނެއެވެ.

  1. އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި؛
  2. އާންމު މަސްލަހަތަށްޓަކައި؛
  3. އެ ލިޔުމަކީ ސިއްހީ ދާއިރާގެ ހަބީރެއްގެ ބަޔާނަކަށް ވެފައި، އެ ލިޔުމުގައި ހައްސާސީ މައުލޫމާތު ހިމެނިފައިވުން؛
  4. އެ ލިޔުމުގައި ސިއްރު މައުލޫމާތު ހިމެނިފައިވުން؛
  5. ރައްކައުތެރިކުރެވިފައިވާ ފަރާތެއްގެ ނުވަތަ ކުޑަކުއްޖެއްގެ ހައްގުތައްރައްކައުތެރިކުރުމަށްޓަކައި.

(ރ) ކޯޓަށް ފެނިއްޖެ ހިނދެއްގައި، ށަރީއަތަށް ހުށަހެޅޭ ލިޔުމެއް ބެލުމަށް ފުރުސަތު ދޭއިރު،އެ ލިޔުމުގައި ހިމެނޭ ވަކި ލަފުޒުތަކެއް ނުވަތަ އިބާރާތްތަކެއް ހާމަނުކުރުމަށް އެންގިދާނެއެވެ.

 

94 ވަނަ މާއްދާ - ލިޔެކިޔުން ތައްޔާރުކުރުން

(ހ) މި އުސޫލުގެ ދަށުން ކޯޓަށް ހުށަހަޅަންޖެހޭ ލިޔެކިޔުން ތައްޔާރުކުރުމުގައި، ކޯޓުން އެ ނޫން ގޮތަކަށް އަންގައިފައިނުވާހައި ހިނދަކު، ކޯޓުން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް އެ ލިޔެކިޔުން ހުށަހަޅާ ހަސްމަކަށް ނުވަތަ ފަރާތަކަށް އެ ލިޔެކިޔުން ތައްޔާރުކުރެވިދާނެއެވެ.

(ށ) ލިޔެފައި ހުރި އެއްޗެއް ކިޔަން ނޭނގޭގޮތަށް ހުންނަ ލިޔެކިޔުންތަކާއި، ހުއްދަނެތި ތައްޔާރުކޮށްފައިވާ ލިޔެކިޔުންތަކާއި، އެ ނޫންވެސް ސަބަބުތަކަށްޓަކައި ކޯޓަށް ގަބޫލުނުކުރެވޭނެ ލިޔެކިޔުންތައް ބަލައިނުގަތުމަށް ކޯޓަށް ލިބިދޭ އިހްތިޔާރަކަށް މި މާއްދާއިން އެއްވެސް ހަނިކަމެއް ނާންނާނެއެވެ.

(ނ) މި އުސޫލުގެ އެއްވެސް މާއްދާއަކުން ލިޔުމެއްގައި ސޮއިކޮށްފައި އޮތުން ލާޒިމުކޮށްފައިވާނަމަ،ކޮމްޕިއުޓަރެއް ބޭނުންކޮށްގެން ނުވަތަ އެ ނޫންވެސް އިލެކްޓްރޯނިކް ގޮތަކުންސޮއިކޮށްފައިވާނަމަ، ބުނެވިދިޔަ ބޭނުމަށްޓަކައި އެ ސޮއި ފުދޭނެއެވެ.

 

95 ވަނަ މާއްދާ - ކޯޓުގެ ލިޔުންތަކުގައި ސިއްކަ ޖެހުން

(ހ) އަންނަނިވި ލިޔުންތައް ދޫކުރުމުގެ ކުރިން، އެ ލިޔުމުގައި ކޯޓުން ސިއްކަ ޖަހަންވާނެއެވެ.

  1. ހުކުމް؛
  2. ށަރީއަތް ނިމުނުގޮތުގެ ހުލާސާ ރިޕޯޓު؛
  3. ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު؛
  4. ގާނޫނަކުން ނުވަތަ ގަވާއިދަކުން ސިއްކަ ޖެހުމަށް ކޯޓަށް ލާޒިމުކުރާ ނޫން އެހެން ކޮންމެ ލިޔުމެއް.

(ށ) އިލެކްޓްރޯނިކް ވަސީލަތެއްގެ ޒަރީއާއިން ނުވަތަ އެ ނޫން ގޮތަކަށް ވެސް ލިޔުމެއްގައި ކޯޓުން ސިއްކަ ޖެހިދާނެއެވެ.

(ނ) ކޯޓުގެ ސިއްކަ ޖަހައިފައިވާ ލިޔުމެއް އިތުރު ހެއްކެއް ހުށަހެޅުމަކާ ނުލައި ހެކީގެ ގޮތުގައިކޯޓަށް ބަލައިގަނެވޭނެއެވެ.

 

96 ވަނަ މާއްދާ - ފޯމުތައް

(ހ) މައްސަލައަކާ ގުޅޭގޮތުން ބޭނުންކުރުމަށް ކަނޑައަޅައި، ކޯޓުތަކުގެ ވެބްސައިޓްތަކުގައި އާންމުކޮށްފައިވާ ފޯމުތައް އެ މައްސަލައެއް ހުށަހެޅުމުގައި ބޭނުންކުރެވޭނެއެވެ.

(ށ) ވަކި ކަމަކާ ގުޅިގެން އުފެދޭ ހާލަތެއްގައި ފޯމަށް ބަދަލެއް ގެންނަންޖެހިއްޖެނަމަ، ކޯޓަށްއެ ބަދަލެއް ގެނެވިދާނެއެވެ.

(ނ) ހަސްމަކު ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކު އައްޔަނުކޮށްފައިނުވާ ހާލަތެއްގައި، ކޯޓަށްހުށަހެޅުމަށްޓަކައި ފުރިހަމަކުރަންޖެހޭ ފޯމުތައް ފުރުމަށް ކޯޓުން ހަސްމުންނަށް އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.

 

97 ވަނަ މާއްދާ - އީމެއިލުގެ ޒަރީއާއިން ލިޔުންތައް ހުށަހެޅުމާއި މުއާމަލާތުކުރުން

މައްސަލައަކާ ގުޅިގެން ކޯޓުން ހަސްމުންނާ މުއާމަލާތުކުރުމުގައާއި، މައްސަލަ ހުށަހަޅާ ފޯމު ހުށަހެޅުމާއި، ކޯޓަށް ފޮނުވަންޖެހޭ އެ ނޫންވެސް ލިޔެކިޔުންތައް ފޮނުވުމާއި، މައްސަލައާގުޅޭ އެންމެހައި ލިޔެކިޔުންތައް ފޮނުވުމުގައި، އީމެއިލް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާ މު ކޯޓުތަކުން ގާއިމުކުރަންވާނެއެވެ.

 

98 ވަނަ މާއްދާ - ކޯޓަށް ލިޔެކިޔުން ހުށަހެޅުމާއި ކޯޓުން ކުރަންޖެހޭ މުއާމަލާތުތައް ކުރުން

(ހ) ކޯޓަށް ހުށަހަޅާ މައްސަލަތަކާއި މައްސަލަތަކާގުޅޭ ލިޔެކިޔުމާއި އެ ނޫން ވެސް ލިޔެކިޔުންތައް ހުށަހަޅާނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.

  1. ސީދާ ކޯޓަށް ހުށަހެޅުން؛
  2. އީމެއިލް މެދުވެރިކޮށް ހުށަހެޅުން؛
  3. މައްސަލަ ފޯމު ހުށަހެޅުމަށް ވަކި ޕޯޓަލެއް ހާއްސަކޮށްފައިވާނަމަ، އެގޮތަކަށްހުށަހެޅުން.

(ށ) މައްސަލަ ފޯމާއި ކޯޓަށް ފޮނުވަންޖެހޭ އެ ނޫންވެސް ލިޔެކިޔުން މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ފޮނުވުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް، ކޯޓުތަކުގައި ގާއިމުކޮށްފައި އޮންނަންވާނެއެވެ.

(ނ) ކޯޓަށް ހުށަހެޅޭ މައްސަލައެއް ނުވަތަ މައްސަލައަކާ ގުޅިގެން ކޯޓުން މައްސަލައިގެ ހަސްމުންނާ މުއާމަލާތުކުރުމުގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ވަސީލަތްތައް މެދުވެރިކޮށްއެ މުއާމަލާތްތައް ކުރެވިދާނެއެވެ.

(ރ) މި އުސޫލުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ހަސްމުންގެ ފަރާތުން ކޯޓަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ހުށަހެޅުންތައް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހުށަހެޅުމުން ނުވަތަ ފޮނުވުމުން، މި އުސޫލުގެ ބޭނުމަށް އެ އިޖުރާއަތެއް ފުރިހަމަކުރެވުނީ ކަމުގައި ބަލަންވާނެއެވެ.

 

99 ވަނަ މާއްދާ - އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ހިދުމަތްތައް ދިނުން

އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މައްސަލަ ހުށަހެޅުމާއި، ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވުމާއި، ށަރީއަތް ހިންގުމާއި އަދި އެހެނިހެން ހިދުމަތްތައް ދިނުމުގައި އަމަލުކުރާނީ، މި އުސޫލުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިންނެވެ.

 

100 ވަނަ މާއްދާ - މުއްދަތު ގުނުން

(ހ) މި އުސޫލުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، އާއިލީ މައްސަލަތައް ބެލުމުގައާއި އެއްވެސް ކަމެއް ކުރުމުގައި މުއްދަތު ގުނަންޖެހިއްޖެނަމަ،އަމަލުކުރަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ.

  1. މުއްދަތެއް ކަނޑައެޅުމުގައި، ވަކި ދުވަސްތަކެއްގެ ތެރޭގައި ވަކި ކަމެއް ކުރުމަށްބުނެފައިވާނަމަ، އެ މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަހެއް ނުހިމެނުން؛ 
  2. މުއްދަތު ގުނުމުގައި އެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ދުވަހެއް ހިމެނޭނަމަ ، އެ ބަންދު ދުވަހެއް އެ މުއްދަތު ގުނުމުގައި ނުހިމެނުން؛
  3. މި އުސޫލުގައި، ނުވަތަ ކޯޓު ހުކުމެއްގައި ނުވަތަ ކޯޓު އަމުރެއްގައި ނުވަތަކޯޓަކުން ނެރެފައިވާ އެނޫންވެސް އެންގުމެއްގައި ވަކި ކަމެއް ކުރުމަށް ކަނޑައަޅައިފައިވާ މުއްދަތު ނިމޭ ދުވަސް ދިމާވަނީ ރަސްމީ ބަންދު ދުވަހަކާ ކަމުގައިވާނަމަ، ދެން އެންމެ އަވަހަށް ކޯޓުގެ މަސައްކަތް ފެށޭ ރަސްމީ ދުވަހެއްގައި އެކަން ކުރުމުން، އެ މުއްދަތުގެ ތެރޭގައި އެކަމެއް ކުރެވުނީ ކަމުގައި ބެލުން؛
    4 .އާއިލާއާބެހޭ ގާނޫނުގައި އިސްތިސްނާކޮށްފައިވާ ހާލަތުގައި މެނުވީ، ހުކުމެއް ނުވަތަ ކޯޓު އަމުރެއް ނުވަތަ ކޯޓަކުން ނެރެފައިވާ އެ ނޫންވެސް އެންގުމެއްގައި މަހަކަށް ހަވާލާދީފައިވާނަމަ، އެ ހަވާލާދެނީ، މީލާދީ މަހަށް ކަމަށް ބެލުން.

(ށ) ކޯޓަކުން ކުރާ ހުކުމެއްގައި ނުވަތަ އަމުރެއްގައި ނުވަތަ އެ ނޫން ވެސް ނިންމުމެއްގައި،ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް ބަޔާންކުރާނަމަ، އެ މުއްދަތު ހަމަވާ ތާރީހު، މީލާދީ ތާރީހުން ކޯޓުގެ އެ ނިންމުމުގައި ބަޔާންކުރަންވާނެއެވެ. އަދި އެއީ އެ ތާރީހުގެ ވަކި ވަގުތެއްގެ ކުރިން ފުރިހަމަކުރަންޖެހޭކަމެއް ކަމުގައިވާނަމަ، އެ ވަގުތެއް ވެސް ބަޔާންކުރަންވާނެއެވެ.

(ނ) ވަކި ކަމެއް ކުރުމަށް ކަނޑައަ ޅައިފައިވާ ތާރީހެއް އެއްވެސް ލިޔުމެއްގައި ބަޔާންކުރާނަމަ،އެ ލިޔުމެއްގައި އެ ތާރީހު ބަޔާންކުރަންވާނީ މީލާދީ ތާރީހުންނެވެ.

 

101 ވަނަ މާއްދާ - ކޯޓުތަކުގެ  ރަޖިސްޓްރަރ

މި އުސޫލުގެ ބޭނުމަށް "ކޯޓުގެ ރަޖިސްޓްރަރ" ކަމަށް ބުނެފައި އެ ވަނީ، ކޯޓުގެ ރަޖިސްޓްރަރގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތްތަކާއި، ރަޖިސްޓްރަރގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތް ނެތް ހާލަތެއްގައި ރަޖިސްޓްރަރގެ މަސްއޫލިއްޔަތު އަދާކުރުމަށް ހަވާލުކުރެވިފައިވާ ފަރާތްތައް ވެސް ހިމެނޭ ގޮތަށެވެ.

 

102 ވަނަ މާއްދާ - އުސޫލު އިސްލާހުކުރުން

މި އުސޫލަށް އިސްލާހެއް ގެންނަން ބޭނުންވެއްޖެ ހިނދެއްގައި އެ އިސްލާހެއް ގެނައުމުގެ ބާރު ލިބިގެންވަނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށެވެ.

 

103 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، މި އުސޫލު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އާއިލާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-99)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު