އާއިލާއާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2022-99)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) ގެ 72 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "އާއިލާއާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމެވެ.
ދެވަނަ ބާބު
ކައިވެނި ކޮށްދިނުމަށް އެދި ހުށަހެޅުން
3 ވަނަ މާއްދާ - ކައިވެނިކޮށްދިނުމަށް އެދި ހުށަހެޅުން
(ހ) ކައިވެންޏެއް ކުރަން ބޭނުންވެއްޖެނަމަ، ކޯޓުން ތައްޔާރުކޮށްފައިވާ، ކައިވެނި ކޮށްދިނުމަށް އެދޭ ފޯމުގައިވާ މައުލޫމާތު ފުރިހަމަކުރުމަށްފަހު، ކައިވެނިކުރަން އެދޭ ތާރީހުގެ 7 (ހަތެއް) ދުވަހުގެ ކުރިން،ރަސްމީ ގަޑީގައި ކޯޓަށް އެ ފޯމު ހުށަހަޅަންވާނެއެވެ. އަދި މި ފޯމާއެކު 25 (ފަންސަވީސް) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.
(ށ) ކައިވެނި ކޮށްދިނުމަށް އެދި ފުރާ ފޯމުގައި ހިމަނަންޖެހޭ މައުލޫމާތު ފުރިހަމަވެފައި ނުވާނަމަ، އެ ފޯމު ބަލައިގަނެވޭނީ، ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ހުށަހެޅުމުންނެވެ.
(ނ) ރަޖުއީ ވަރިއަކުން ވަރިވެފައިވާ އަންހެނާ އިއްދައިގެ މުއްދަތުގައި ރުޖޫއަކުރުން ނޫން ގޮތަކަށް ކައިވެނި ކުރުމަށް ހުށަހެޅޭ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. ތަފްރީގު ކުރެވިފައިވާ ނުވަތަ ފަސްހު ކުރެވިފައިވާ ކައިވެންޏެއްގެ އިއްދައިގައި އިން އަންހެނާއަށް ކައިވެނިކުރަން ހުށަހެޅޭނީ، ހަމައެކަނި ތަފްރީގު ކުރެވުނު ނުވަތަ ފަސްހުކުރެވުނު ފިރިހެނާއާ އެކުގައެވެ. އެހެން މީހަކާ ކައިވެނިކުރާނަމަ ކައިވެނި ކުރަން ހުށަހަޅަންވާނީ، އިއްދައިގެ މުއްދަތު ހަމަވުމަށްފަހުގައެވެ.
4 ވަނަ މާއްދާ - ކައިވެނީގެ އެއްބަސްވުން ރަޖިސްޓަރީކުރުން
(ހ) ކައިވެނިކުރާއިރު، އެ ކައިވެނީގައި ހިމެނޭ ދެފަރާތުން ދިރިއުޅުން ބިނާކުރުމުގައި ތަބާވާނެ މައިގަނޑު އުސޫލުތައް އެއްބަސްވުމެއްގައި ހިމަނައި، އެ އެއްބަސްވުން ކޯޓުގައި ރަޖިސްޓަރީ ކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމަކީ އިސްލާމީ ށަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް އެއްބަސްވެފައިވާ އެއްބަސްވުމެއްތ ކޯޓުން ބަލަންވާނެއެވެ.
5 ވަނަ މާއްދާ - ކައިވެނީގެ އެއްބަސްވުން ކޯޓަށް ހުށަހެޅުން
ކައިވެނިވާ ދެފަރާތުން ދިރިއުޅުން ބިނާކުރުމުގައި ތަބާވާނެ މައިގަނޑު އުސޫލުތަކުގެ މައްޗަށް މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ދެފަރާތުން އެއްބަސްވުމެއް ވެފައިވާނަމަ، އަދި އެ އެއްބަސްވުން ކޯޓުގައި ރަޖިސްޓަރީކުރުމަށް ކައިވެނިކުރާ ދެފަރާތުން އެދޭނަމަ، ކައިވެނިކުރުމަށް އެދި ހުށަހަޅާ ފޯމު ނުވަތަ ކައިވެނި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފޯމާއެކު އެ އެއްބަސްވުން ކޯޓަށް ހުށަހަޅަންވާނެއެވެ.
6 ވަނަ މާއްދާ - ކައިވެނިކޮށްދެވޭ ތަން
(ހ) އާންމުގޮތެއްގައި ކައިވެނިކޮށްދޭނީ، ކައިވެނި ކުރުމަށް އެދި ހުށަހެޅި ކޯޓުގައެވެ. ކޯޓުގައި ނޫން އެހެން ތަނެއްގައި ކައިވެނީގެ މަޖިލިސް ބާއްވާނަމަ، ކައިވެނީގެ މަޖިލިސް ބާއްވާ ތަނަކީ އެފަދަ މަޖިލީހަކަށް އެކަށީގެންގެންވާ ތަނަކަށް ވާންޖެހޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކައިވެނި ކުރުމަށް ހުށަހަޅާ ތަނަކީ ކޯޓުން ބޭރުގައި ކައިވެނިކުރުމަށް އެކަށީގެންވާ ތަނެއްތ ބެލުމުގައި ކޯޓުން ރިއާޔަތްކުރާނެ ކަންކަން، ކޯޓުން ކަނޑައަޅާ ކަމާބެހޭ އުސޫލެއްގައި ހިމަނައި، އެކަން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.
(ނ) ކައިވެނީގެ މަޖިލީހުގައި ކައިވެނިކުރާ އަންހެންމީހާއާއި ފިރިހެންމީހާ ތިބެންވާނެއެވެ.
7 ވަނަ މާއްދާ - ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑި އަށް ހާޒިރުނުވުމާއި، ކައިވެނި ފޯމު ކެންސަލުކުރުން
(ހ) ކޯޓުގައި ކުރާ ކައިވެންޏާއި، ކޯޓު ފިޔަވައި އެހެން ތަނެއްގައި ކުރާ ކައިވެނިތަކުގައި ކައިވެންޏަށް ހާޒިރުވާންޖެހޭ މީހުންގެ ތެރެއިން މީހަކު، ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރު ނުވެއްޖެނަމަ، އެ ކައިވެންޏެއް ކޮށްދެވޭނީ، ގަޑިޖެހުނު ކޮންމެ މީހަކަށް ކައިވެނިވާން އެދޭ ފަރާތުން 75 (ހަތްދިހަފައެއް) ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމުންނެވެ.
(ށ) ކައިވެންޏަށް ހާޒިރުވާންޖެހޭ މީހުންގެ ތެރެއިން މީހަކު ކައިވެންޏަށް ހާޒިރު ނުވެއްޖެނަމަ، ކައިވެންޏަށް އެދި ހުށަހެޅި ހުށަހެޅުން ބާތިލުކުރެވޭނެއެވެ. އަދި އެ ކައިވެންޏެއް އަލުން ކުރުމަށް އެދި ހުށަހެޅޭނީ، ފުރަތަމަ ހުށަހެޅުން ބާތިލުކުރި ދުވަހުން ފެށިގެން 7 (ހަތެއް) ދުވަސް ހަމަވުމުންނެވެ.
(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި ކައިވެންޏަށް ހާޒިރުވާންޖެހޭ މީހުންކަމަށް ބެލެވޭނީ، ކާއިވެނީކުރާ ދެމީހުންނާއި، ހެކިވެރިންނާއި، ވަލީވެރިޔާއެވެ.
(ރ) ކައިވެނީގެ މަޖިލީހަށް ހާޒިރުނުވާކަމަށް ބަލާނީ، އެ ކައިވެންޏެއް ކުރަން އޮތް ވަގުތުން ފެށިގެން 15 (ފަނަރަ) މިނެޓު ހިނގާއިރު ހާޒިރުނުވިނަމައެވެ.
(ބ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ކައިވެނީގެ މައުލޫމާތު ފޯމު ކެންސަލް ކުރެވިއްޖެނަމަ، ދެން އެ ކައިވެނި ކޮށްދެވޭނީ، އަލުން ފީ ދައްކައި، ރަޖިސްޓަރީ ކޮށްގެންނެވެ. އަދި އެފަދަ ކައިވެންޏެއްގެ ފޯމު 7 (ހަތެއް) ދުވަސް ވުމުގެ ކުރިން ބަލައިގަނެވޭނީ، ކައިވެނި ރަޖިސްޓަރީކުރަން ދައްކަންޖެހޭ ފީގެ އިތުރުން 500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.
8 ވަނަ މާއްދާ - ކައިވެނި ރަޖިސްޓަރީ ކުރުމުގެ ފީއާއި ކައިވެނިކޮށްދޭ ގަޑި
(ހ) ރާއްޖޭގައި ކުރާ ކައިވެނި ރަޖިސްޓަރީ ކުރުމުގެ ފީއަކީ 100 (އެއްސަތޭކަ) ރުފިޔާއެވެ.
(ށ) ރާއްޖެއިން ބޭރުގައި ކޮށްފައިވާ ކައިވެނި ރަޖިސްޓަރީ ކުރުމުގެ ފީއަކީ 500 (ފަސްސަތޭކަ) ރުފިޔާއެވެ.
(ނ) ކޯޓުގައްޔާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް، ކޯޓުން ކަނޑައަޅާ ކަމާބެހޭ އުސޫލެއްގައި ހިމަނައި، އެކަން އާންމުކޮށް އިއުލާނުކުރަންވާނެއެވެ. އެފަދައިން ކަނޑައަޅާ އުސޫލުގައި، ރަސްމީ މަސައްކަތު ދުވަސްތަކުގެ ރަސްމީ ގަޑީގައްޔާއި ނުރަސްމީ ގަޑިތަކުގައި ކައިވެނި ކޮށްދޭނެ ގަޑިތަކާއި، ބަންދު ދުވަސްތަކަށް ހާއްސަ ގަޑިތައް ވަކިން ހިމަނަންވާނެއެވެ.
(ރ) ނުރަސްމީ ގަޑީގައި ކޯޓުގައި ކައިވެނި ކޮށްދެވޭނީ، ކައިވެނި ރަޖިސްޓަރީކުރުމުގެ ފީގެ އިތުރުން، 500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.
(ބ) މީހުން ދިރިއުޅޭ ރަށްރަށުގައި ކޯޓުން ބޭރުގައި ކުރާ ކައިވެނީގެ ފީއަކީ ކައިވެނި ރަޖިސްޓަރީ ކުރުމުގެ ފީގެ އިތުރުން 1،000 (އެއްހާސް) ރުފިޔާއެވެ.
(ޅ) މީހުން ދިރިއުޅޭ ރަށްރަށުގައި ފިޔަވައި އެ ނޫން ތަނެއްގައި ކޯޓުން ބޭރުގައި ކައިވެނި ކުރުމުގެ ފީއަކީ، ކައިވެނި ރަޖިސްޓަރީ ކުރުމުގެ ފީގެ އިތުރުން 5000 (ފަސްހާސް) ރުފިޔާއެވެ. މީގެ އިތުރުން، ކައިވެނި ކޮށްދިނުމަށް ޓަކައި ކޯޓުން ދާ ބަޔަކު ކައިވެނިކުރާ ތަނަށް ދިޔުމާއި، އެނބުރި އައުމާއި، އެ ދެމެދުގެ ވަގުތުތަކުގެ ކެއިންބުއިމާއި، އެނބުރި އައުން ލަސްވުމުގެ ސަބަބުން އެ ތަނެއްގައި ތިބުމަށް ޓަކައި ހިނގާ އެންމެހައި ހަރަދުތައް ކައިވެނި އިންތިޒާމުކުރާ ފަރާތުން ކުރަންވާނެއެވެ.
(ކ) ކައިވެނި ކޮށްދިނުމަށް ފީ ނެގުމަށްފަހު، ދިމާވާ ސަބަބަކާހުރެ ކައިވެނި ކޮށްދިނުން ހުއްޓައިލަން ޖެހިއްޖެނަމަ، ހުއް ޓައިލަން މެދުވެރިވި ސަބަބަކީ ކައިވެނި ކުރުމަށް އެދިފައިވާ، އެ ކައިވެންޏާ ބެހޭ މީހުން (ކައިވެނިވާ ދެމީހުންނާއި، ވަލީވެރިޔާއާއި، ހެކިވެރިން) ގެ ތެރެއިން މީހެއްގެ އިހުމާލުން މެދުވެރިވި ސަބަބެއް ކަމުގައި ވާނަމަ، ކޯޓަށް ދައްކައިފައިވާ ފީ އަނބުރާ ނުދެވޭނެއެވެ. އެފަދަ ސަބަބެއް މެދުވެރިވީ ކޯޓުގެ އިހުމާލުން ކަމުގައި ވާނަމަ، ނެގި ފީ އަނބުރާ އެ ފަރާތަށް ލިބިދެވޭނެއެވެ.
9 ވަނަ މާއްދާ - ކައިވެނިކޮށްދިނުމުގެ ކުރިން ހަރަދާއި ޖޫރިމަނާ ފައިސާ ދެއްކުން
(ހ) ދަރިންގެ ހަރަދުގެ ފައިސާ ނުވަތަ ގާނޫނާ ހިލާފަށް ވަރިކޮށްގެން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައްކަންޖެހި ނުދައްކާވާ މީހުންގެ ކައިވެނި ކޮށްދެވޭނީ އެ ފައިސާއެއް ދެއްކުމުންނެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ދަރިންގެ ހަރަދުގެ ފައިސާ ދެއްކުމާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވާނަމަ، ކޯޓުން ކަނޑައަޅާ ށަރުތުތަކެއްގެ ދަށުން އެ މީހެއްގެ ކައިވެނި ކޮށްދެވިދާނެއެވެ.
10 ވަނަ މާއްދާ - 18 އަހަރު ނުރުފުރޭ ކުދިންގެ ކައިވެނި އަގުދުކޮށް ނުދިނުން
އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުދިންނަށް ކައިވެނި އަގްދުކޮށްދީގެން
11 ވަނަ މާއްދާ - ނުވާނެއެވެ.ބަންދުގައި ތިބޭމީހުންގެ ކައިވެނި ކޮށްދިނުން
ގޭގައި ބަންދުކޮށްފައި ތިބޭ މީހުންނާއި، އަރުވައިލައިފައި ތިބޭ މީހުންގެ ކައިވެނި ކުރުމަށް ޓަކައި، އެ ފަދަ މީހުންގެ ކަންކަން ބެލެހެއްޓުން ހަވާލުވެފައިވާ އިދާރާއިން އެއްބާރުލުންދީ، އެކަމަށް ޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖައްސައިދޭންވާނެއެވެ.
ތިންވަނަ ބާބު
ވަލީ
12 ވަނަ މާއްދާ - ވަލީވެރިޔާގެ ށަރުތުތައް
ވަލީވެރިންގެ ށަރުތުގެ ތެރޭގައި، ތިރީގައި ބަޔާކޮށްފައިވާ ށަރުތު ތައް ފުރިހަމަވުން ލާޒިމު ވާން ވާނެއެވެ.
(ހ) ބާލިއުވުން.
(ށ) ބުއްދި ސަލާމަތުން ހުރުން.
(ނ) މިނިވަނެއް ކަމުގައި ވުން.
13 ވަނަ މާއްދާ - ވަލީވެރިންގެ ތަރުތީބު
ވަލީ ދިނުމުގައި ބަލާނީ، ތިރީގައިވާ ތަރުތީބުގައިވާ ގޮތަށެވެ.
(ހ) ބައްޕަ.
(ށ) ކާފަ (ބައްޕަ ފަރާތުގެ).
(ނ) އެއްބަނޑުއެއްބަފާ އަހު.
(ރ) އެއްބަފާ އަހު.
(ބ) އެއްބަނޑުއެއްބަފާ އަހުގެ ފިރިހެންދަރިން.
(ޅ) އެއްބަފާ އަހުގެ ފިރިހެންދަރިން.
(ކ) ބައްޕަގެ އެއްބަނޑުއެއްބަފާ އަހު (ބައްޕަ ފަރާތުގެ ބޮޑުބޭބެ)
(އ) ބައްޕަގެ އެއްބަފާ އަހު (ބައްޕަ ފަރާތުގެ ބޮޑުބޭބެ)
(ވ) ބައްޕަގެ އެއްބަނޑުއެއްބަފާ އަހު (ބައްޕަ ފަރާތުގެ ބޮޑުބޭބެގެ ފިރިހެންދަރި)
14 ވަނަ މާއްދާ - ވަލީވެރިޔާ ރަށުގައި ނެތުން
އަންހެނަކު ކައިވެނި ކުރުމަށް ހުށަހަޅާއިރު ވަލީވެރިޔާ ރަށުގައި ނެތްނަމަ އަމަލުކުރާނީ،ތިރީގައި މިވާ ގޮތަށެވެ.
(ހ) ވަލީވެރިޔާ ހުރި ރަށެއްގެ ކޯޓު މެދުވެރިކޮށް ކައިވެނީގެ ރުހޭބަސް ލިބުމުން، އެ ކައިވެންޏެއް ކޮށްދިނުމުގެ ހުއްދަ ދޭނީ، އެ ކައިވެންޏެއް ކޮށްދިނުމަށް އެދި ހުށަހެޅި ކޯޓުންނެވެ.
(ށ) ވަލީވެރިޔާ އެހެން ފަރާތަކާ ވަލީ ހަވާލުކުރާނަމަ، ވަލީއާ ހަވާލުވާނެ ފަރާތެއް ވަލީވެރިޔާ އައްޔަނުކޮށް، ވަލީވެރިޔާ ކޯޓަށް ހާޒިރުވުމުން ވަލީ ހަވާލުކުރުމުގެ ކަންތައް ކޯޓުން ހަމަޖައްސައިދެވޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ވަލީއާ ހަވާލުވި ފަރާތު ން ކައިވެނިކުރާ ކޯޓަށް ހާޒިރުވެ ވަލީއާ ހަވާލުވިކަމަށް ސޮއިކުރަންވާނެއެވެ. އަދި ކައިވެނި ކޮށްދެވޭނީ، އެ ކައިވެނީގެ ވަލީއާ ހަވާލުވި ފަރާތުން ކައިވެނީގެ މަޖިލީހަށް ހާޒިރުވެ، ވަލީ ދިނުމުންނެވެ.
(ރ) ވަލީވެރިޔާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށް ވާނަމަ، އެ ގައުމެއްގައި ހުރި ދިވެހި ސަރުކާރު ތަމްސީލުކުރާ އޮފީހެއް މެދުވެރިކޮށް، ރުހޭ ބަސް ނުވަތަ ވަލީ ފޮނުވިދާނެއެވެ. އެފަދަ އޮފީހެއް ނެތް ގައުމެއްގައި ނަމަ، އެ ގައުމެއްގެ ކަމާބެހޭ ކޯޓު މެދުވެރިކޮށް ނުވަތަ އެ ތަނެއްގެ ސަރުކާރު ގަބޫލުކުރާ މުސްލިމް ޖަމާއަތެއް ނުވަތަ އެ ފަދަ ތަނެއް މެދުވެރިކޮށް ފޮނުވިދާނެއެވެ. މި ގޮތުން ފޮނުވީ ރުހޭ ބަސްކަމަށް ވާނަމަ، އެ ކައިވެނި ކޮށްދޭނީ، އެ ކައިވެންޏެއް ކޮށްދިނުމަށް އެދި ހުށަހެޅި ކޯޓުންނެވެ. ވަލީ ދިނުމަށް މީހަކު ފޮނުވާ ނަމަ، ނުވަތަ ވަލީ ދިނުން މީހަކާ ހަވާލުކުރާނަމަ ކައިވެނި ކޮށްދޭނީ، ވަލީއާ ހަވާލުވި ފަރާތުން ކައިވެނީގެ މަޖިލީހަށް ހާޒިރުވެ، ވަލީ ދިނުމުންނެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ކައިވެނި ކޮށްދޭނީ، ކަމާބެހޭ ރަސްމީ ލިޔުން ކޯޓަށް ލިބުމުންނެވެ.
15 ވަނަ މާއްދާ - ވަލީވެރިޔާ ވީތަނެއް ނޭނގުން
ކައިވެނި ކުރުމަށް އެދި ހުށަހަޅާއިރު ވަލީވެރިޔާ ވީތަނެއް ނޭނގޭކަމަށް އެ މީހުން ބުނާނަމަ، ވަލީވެރިޔާގެ އެންމެ ގާތް ތިމާގެ މީހުން ކޯޓަށް ހާޒިރުކޮށް އެކަން ސާފުކުރުމުން، ވަލީވެރިޔާ ވީތަނެއް ނޭނގޭކަމަށް އެ މީހުން ބުނާނަމަ، ހާކިމުގެ ވަލީއަށް ކައިވެނިކޮށްދޭނީއެވެ.
16 ވަނަ މާއްދާ - ވަލީވެރިޔާ ދުނިޔޭގައި ނެތުން
(ހ) ކައިވެނި ކުރުމަށް އެދި ހުށަހަޅާއިރު ވަލީވެރިޔާ ދުނިޔޭގައި ނެތްކަމަށް ބުނާނަމަ، ނުވަތަ ނަސަބުގެ ވަލީވެރިޔަކު ނެތްނަމަ، ކޯޓުން އެކަން ބެލުމުން ވަލީވެރިޔާ ދުނިޔޭގައި ނެތްކަން ސާބިތުވެއްޖެނަމަ، ހާކިމުގެ ވަލީއަށް ކައިވެނި ކޮށްދޭނީއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހާކިމުގެ ވަލީއަށް ކައިވެނި ކޮށްދެވޭނީ، އަންހެން ކުއްޖާގެ މަންމަ ނުވަތަ ބަލަދުވެރިޔަކު ދުނިޔޭގައި ހުރިނަމަ، އެ ކައިވެންޏާ މެދު މަންމަ ނުވަތަ ބަލަދުވެރިޔާ ބުނާ އެއްޗަކަށް ރިއާޔަތް ކުރުމަށްފަހު މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.
17 ވަނަމާއްްދާ - ވަލީވެރިޔާ ވަލީދިނުމަށް އިންކާރުކުރުން
(ހ) ވަލީވެރިޔާ ވަލީ ނުދީގެން އަންހެންމީހާ ހުށަހަޅާ މައްސަލަތަކުގައި ވަލީވެރިޔާ ވަލީ ދިނުމަށް އިންކާރު ކުރަނީ މަގްބޫލު އުޒުރެއް އޮވެގެން ނޫންކަމަށް ށަރީއަތަށް ފެނިއްޖެނަމަ، ހާކިމުގެ ވަލީއަށް ކައިވެނި ކޮށްދޭނީއެވެ.
(ށ) ވަލީ ހޯދުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅިފައި ވަނިކޮށް ށަރީއަތުން ވަކި ގޮތަކަށް ނުނިމެނީސް، ވަލީވެރިޔާ ފުރައިގެން ރަށުން ބޭރަށް، ނުވަތަ ރާއްޖެއިން ބޭރަށް ހިނގައްޖެނަމަ، ހާކިމުގެ ވަލީއަށް ކައިވެނި ކޮށްދޭނީއެވެ.
(ނ) އަންހެނާ ކައިވެންޏަށް ހުށަހެޅުމަށްފަހު، އެކަން ހަމަނުޖައްސައި ށަރުއީ ސަބަބެއްނެތި ވަލީވެރިޔާ ރަށުން ބޭރަށް ހިނގައްޖެނަމަ، ހާކިމުގެ ވަލީއަށް ކައިވެނި ކޮށްދެވޭނެއެވެ.
18 ވަނަ މާއްދާ - ވަލީދިނުމަށް ނުކުޅެދުން
ވަލީވެރިޔާ ބައްޔެއްގެ ސަބަބުން ވަލީ ދިނުމަށް ނުކުޅެދިއްޖެކަން ސާބިތުވާ ހާލަތެއް ދިމާވެއްޖެނަމަ، އެ ކައިވެންޏެއްގެ ވަލީ ނަގުލުވާނީ ދެން ޖެހިގެން ހުރި ވަލީވެރިއަށެވެ.
19 ވަނަ މާއްދާ - ހާކިމުގެ ވަލީއަށް ކައިވެނިކޮށްދިނުން
(ހ) ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން ހާކިމުގެ ވަލީ ދޭންޖެހިއްޖެނަމަ، ހާކިމުގެ ވަލީއަށް ކައިވެނިކުރުމުގެ ހުއްދަ ދޭނީ، ކައިވެނިކުރަން އެދި ހުށަހަޅައިފައިވާ ކޯޓުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ހާކިމުގެ ވަލީއަށް ކައިވެނި ކޮށްދިނުމަށް އެދޭނަމަ، ކައިވެނި ކޮށްދިނުމަށް އެދި ހުށަހެޅުމުގެ ކުރިން ހާކިމުގެ ވަލީ ހޯދަން ކޯޓަށް ހުށަހަޅައި، އެ ވަލީ ހޯދަންވާނެއެވެ.
ހަތަރުވަނަ ބާބު
އެއް އަންބަށްވުރެ ގިނަ އަންބަށް ކައިވެނިކުރުން
20 ވަނަ މާއްދާ - އެއް އަންބަށްވުރެ ގިނަ އަންބަށް ކައިވެނިކުރުން
އެއް އަންބަށްވުރެ ގިނަ އަންބަށް ކައިވެނިކުރަން އެދި ހުށަހަޅަން ޖެހޭނީ، އެކަމަށް އެދޭ ފޯމަކުންނެވެ.
21 ވަނަ މާއްދާ - އެއް އަންބަށްވުރެ ގިނަ އަންބަށް ކައިވެނިކުރުމުގެ ށަރުތުތައް
އެއް އަންބަށްވުރެ ގިނަ އަންބަށް ކައިވެނި ކުރުމުގެ ހުއްދަ ދެވޭނީ، އެ ކައިވެނިކުރާ ފިރިހެނާއަކީ ތިރީގައި ބަޔާންވެފައިވާ ށަރުތުތައް ފުރިހަމަވާ މީހެއްކަން ކޯޓަށް ސާބިތުވުމުންނެވެ. އަދި ހުށަ ހަޅައިފައިވާ ސަބަބުތަކަކީ ށަރުއީ ހަމަތަކުގެ މަތީން ބަލާއިރު މަގްބޫލު ސަބަބުތަކެއް ކަމަށް ވާނަމައެވެ.
(ހ) އެއް އަންބަށްވުރެ ގިނަ އަންބަށް ކައިވެނިކުރަން އެދޭ ފިރިހެނާއަކީ، އެ ފިރިހެނާ އިނދެގެންއުޅޭ އަނބިމީހާއަށާއި ދަރިންނަށް ކުރަންޖެހޭ ހަރަދު ކުރަމުންގެންދާ މީހަކު ކަމުގައި ވުން.
(ށ) ހަރަދު ނުދީގެން މައްސަލައެއް ހުށަހެޅި، ހިނގަމުންދާ މީހަކު ކަމުގައި ނުވުން.
(ނ) އެއް އަންބަށްވުރެ ގިނަ އަންބަށް ކައިވެނިކުރަން އެދޭ ފިރިހެނާއަކީ އޭނާގެ އަނބިދަރިން ދިރިއުޅޭނެ ގޮތާއި ހަރަދު ބެލެހެއްޓޭވަރުގެ މީހަކަށް ވުން. މިކަން ބަލާނީ، އޭނާ ކުރާ މަސައްކަތާއި، ލިބޭ އާމްދަނީއަށާއި، އޭނާގެ ގ ތިގެދޮރު ހުރި ނެތް ގޮތުގެ މައްޗަށް ރިއާޔަތްކޮށެވެ.
(ރ) އެ މީހެއްގެ މައްޗަށް ދަރަންޏެއް ސާބިތުވެފައިވާނަމަ، އެ ފައިސާ ގަވާއިދުން ދައްކަމުންދާ މީހަކު ކަމުގައި ވުން.
22 ވަނަ މާއްދާ - ކޯޓުން ބަލާނެ ކަންކަން
(ހ) އަނބިމީހާއަށާއި ދަރިންނަށް ފިރިމީހާ ހަރަދުކުރޭތ ބެލުމަށް އަނބިމީހާ ކޯޓަށް ހާޒިރުކޮށް ބަޔާން ނެގުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) އެއް އަންބަށްވުރެ ގިނަ އަންބަށް ކައިވެނިކުރަން ހުށަހަ ޅައިފައިވާ މީހާ އަނބިމީހާއަށާއި ދަރިންނަށް ހަރަދު ނުދޭ ކަމުގައި ބުނެ، އެފަދަ މައްސަލައެއް ކޯޓަކަށް ހުށަހަޅައިފައިވާނަމަ، އެފަދަ މައްސަލައެއް ނުނިމެނީސް ދެއަންބަށް ކައިވެނި ކޮށެއް ނުދެވޭނެއެވެ. އަދި ދަރަންޏެއް ސާބިތުވެފައިވާނަމަ، އެ ފައިސާ ގަވާއިދުން ދައްކަމުން ނުދާނަމަ، މިފަދަ ކައިވެންޏެއް ކޮށެއް ނުދެވޭނެއެވެ.
ފަސްވަނަ ބާބު
ދިވެހި ބިދޭސީ ކައިވެންޏާއި ވަރި
23 ވަނަ މާއްދާ - ދިވެހި ބިދޭސީ ކައިވެންޏާއި ވަރި
ބިދޭސީއަކާއި ދިވެހި ރައްޔިތަކާ ކައިވެނި ކުރެވޭނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) ގެ 16 ވަނަ މާއްދާގައި ބުނެފައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.
24 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ރައްޔިތަކާއި ބިދޭސީއަކު ކައިވެނިކުރަން އެދޭނަމަ ހުންނަންޖެހޭ ށަރުތުތައް
ދިވެހިރާއްޖޭގެ ރައްޔިތަކާއި ބިދޭސީއަކު ކައިވެނިކުރަން އެދޭނަމަ، އަންނަނިވި ކަންތައްތައް، ކައިވެނިކުރަން އެދޭ މީހާގެ ކިބައިގައި ފުރިހަމަވޭތ ބަލަންވާނެއެވެ.
(ހ) ށަރުއީގޮތުން ކައިވެނި ސައްހަވުމުގެ ސިފަތައް، ކައިވެނިކުރަން އެދޭ ދެފަރާތުގައި ފުރިހަމަވުން. މި ގޮތުން ކައިވެނިކުރަން އެދޭ ފަރާތުގެ ކިބައި ގައި އަންނަނިވި ށަރުތުތައް ފުރިހަމަވޭތ ބަލައި ކަށަވަރުކުރަންވާނެއެވެ.
(ށ) ކައިވެނިކުރަން އެދޭ ބިދޭސީ މީހާއަކީ މުސްލިމެއް ކަމުގައި ވުން.
(ނ) ކައިވެނިކުރަން އެދޭ ބިދޭސީމީހާއަކީ އަލަށް އިސްލާމްވެފައިވާ މީހެއްނަމަ،އިސްލާމްވިކަމުގެ ސެޓުފިކެޓުގެ އަސްލު ހުށަހެޅުން.
(ރ) އަލަށް އިސްލާމްވި މީހަކު ކަމުގައި ވާނަމަ، އިސްލާމްދީނުގައި މުސްލިމަކަށް ކޮންމެހެން އެނގުން ލާޒިމު ކަންތައްތައް އޭނާއަށް އެނގޭ މީހަކު ކަމުގައި ވުން. މިކަން ބަލައި ކަށަވަރުކުރާނީ، ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތައް ބަލަހައްޓާ ވުޒާރާ މެދުވެރިކޮށެވެ.
25 ވަނަ މާއްދާ - ދިވެހި ބިދޭސީންގެ ބާތިލުކައިވެނި
އިސްލާމްދީނުގެ ށަރުއީ ހަމަތަކާ ހިލާފަށް ދިވެހި ރައްޔިތަކު ބިދޭސިއަކާ ކައިވެނި ކޮށްފިނަމަ، އެ ކައިވެންޏެއް ވާނީ ބާތިލު ކައިވެންޏަކަށެވެ.
26 ވަނަ މާއްދާ - ދިވެހި ބިދޭސީންގެ ވަރި
(ހ) ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކާ ކައިވެނި ކުރުމަށްފަހު ވަރިކުރަންވާނީ، އިސްލާމްދީނުގެ ށަރުއީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކާ ކައިވެނި ކުރުމަށްފަހު ވަރިކޮށްފިނަމަ، މި ގަވާއިދުގެ އަށްވަނަ ބާބުގައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ. އަދި އެ ގޮތަށް އަމަލު ނުކޮށްފިނަ، އެ މާއްދާގައިވާ ގޮތުގެ މަތީން އެ މީހާކާމެދުއަމަލުކުރެވޭނެއެވެ.
27 ވަނަ މާއްދާ - ދިވެހި ބިދޭސީންގެ ދަރިންގެ ހަރަދު
ބިދޭސީ ފިރިހެނަކު އަނިބިމީހާއަށް ނުވަތަ ދަރިންނަށް ހަރަދު ނުދީގެން މައްސަލަ ކޯޓަށް ހުށަހެޅިފައިވަނިކޮށް، އެ މީހަކަށް ރައްޖެއިން ބޭރަށް ދެވޭނީ، އެ މީހަކު ދޭންޖެހޭކަމަށް ކޯޓުން ކަނޑައަޅާ ހަރަދު ކޯޓަށް ދެއްކުމަށް ފަހުގައެވެ. ނުވަތަ އެއިން ކޮންމެ ހަރަދެއް ވެސް ގަވާއިދުން އަދާކުރުމަށް ގެންދާނޭ، ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުން ގަބޫލުކުރާ ދިވެހިރާއްޖޭގެ ވަޒަންވެރިޔަކު އެ ބިދޭސީ ފިރިހެންމީހާ އައްޔަނުކޮށް، މި އައްޔަނުކުރާ މީހާ ކޯޓަށް ހާޒިރުވެ،އެ ހަރަދު ދޭން އެއްބަސްވާކަމުގެ ސޮއި، ލިޔުމަކުން ދިނުމަށްފަހުގައެވެ.
28 ވަނަ މާއްދާ - ދިވެހި ބިދޭސީންގެ އަނބިމީހާގެ ހަރަދު
ދިވެހި ފިރިހެނަކު ބިދޭސީ އަންހެނަކާ ކައިވެނިކޮށްފިނަމަ، ށަރުއީ ހަމަތަކުގެ މަތީން އަނބިމީހާ ބަލައި، އަނބިމީހާއަށް ދޭންޖެހޭ ހުރިހާ ހަރަދެއް ދޭންވާނެއެވެ. އަދި އަނބިމީހާ ވަރިކޮށްފިނަމަ، އެ އަންހެންމީހާގެ ގައުމުގެ އޭނާގެ ވަޒަނަށް ދެވޭނޭގޮތް ހަމަޖައްސައިދީ، އެކަމަށް ހިނގާނޭ ހުރިހާ ހަރަދެއް، ފިރިހެންމީހާ ދޭންވާނެއެވެ.
29 ވަނަ މާއްދާ - ދިވެހި އަންހެނުން ކައިވެނިކުރާ ބިދޭސީ ފިރިހެނުން އިގްރާރު ވާންޖެހޭ ކަންތައްތައް
ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކާ ކައިވެނި ކުރާނަމަ، ތިރީގައިމިވާ ކަންތައްތަކުގެ މައްޗަށް އިގްރާރު ވާންޖެހޭނެއެވެ.
(ހ) ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކާ ކައިވެނި ކުރުމަށްފަހު ވަރިކުރަންވާނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކާ ކައިވެނި ކުރުމަށްފަހު ވަރިކޮށްފިނަމަ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ ދެމީހުންނަށް ލިބިފައިވާ ކުދިންގެ ހަރަދާއި އަންހެންމީހާގެ ހަރަދުގެ ކަންތައް، ވަރިކުރި ފިރިހެންމީހާ ހަމަޖައްސަންވާނެއެވެ.
(ނ) ވަރިކުރިއިރު އަނބިމީހާ ބަލިވެއިން ކަމުގައި ވާނަމަ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި، މި ގަވާއިދުގައި އެފަދަ އަންހެނަކަށް ދިނުމަށް ހަމަޖެހިފައިވާ ހުރިހާ ހަރަދެއް، ވަރިކުރި ފިރިހެންމީހާ ދޭންވާނެއެވެ.
(ރ) ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކާ ކައިވެނި ކުރުމަށްފަހު އަންހެންމީ ރާއްޖެއިން ބޭރުގައި ފިރިހެން މީހާގެ ބެލުމުގެ ދަށުގައި އުޅެނިކޮށް ވަރިކުރިކަމަށްވާނަމަ، މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ހަރަދުތަކުގެ އިތުރަށް އޭނާ ދިރިއުޅޭ ރަށަށް އާދެވޭނެގޮތް ހަމަޖައްސައިދީ، އެކަމަށް ހިނގާނެ ހުރިހާ ހަރަދެއް ފިރިހެންމީހާ ދޭންވާނެއެވެ.
ހަވަނަ ބާބު
ކައިވެނި ރަޖިސްޓަރީކޮށްދިނުމާއި ކައިވެނީގެ ދަފުތަރު
30 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓަރީ ކޮށްދިނުން
(ހ) ދިވެއްސަކު ދިވެހިރާއްޖެއިން ބޭރުގައި ދިވެހިރާއްޖޭގެ ރަސްމީ އޮފީހެއް ހުންނަ ގައުމެއްގައި ކައިވެނިކޮށް، އެ އޮފީހަކަށް ކައިވެނި ރަޖިސްޓަރީ ކުރަން ހުށަހަޅައިފިނިމަ، އެ ކައިވެނި ރަޖިސްޓަރީ ކޮށްދެވޭނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ދިވެއްސަކު ކައިވެނިކުރީ ރާއްޖެއިން ބޭރުގައި ކަމަށް ވެފައި، އެ ކައިވެނިކުރި ގައުމަކީ ދިވެހިރާއްޖޭގެ ރަސްމީ އޮފީހެއް ހުރި ގައުމެއް ކަމުގައި ވާނަމަ، އެ ކައިވެނި ރަޖިސްޓަރީ ކުރުމަށް އޮފީހަކަށް ހުށަހަޅައިފިނަމަ، އެ އޮފީހަކުން،ކައިވެނީގެ ސެޓުފިކެޓާއި ލިޔުންތަކުގެ އަސްލު، ފެމިލީ ކޯޓަށް ފޮނުވަންވާނެއެވެ. އެ އޮފީހުގައި އެ ކައިވެންޏެއް ރަޖިސްޓަރީ ކޮށްދޭނީ، އެ ކައިވެންޏަކީ ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކޮށްފައިވާ ކައިވެންޏެއްތ ފެމިލީ ކޯޓުން ބެލުމަށްފަހު، އެކަން އެ އޮފީހަކަށް އެންގުމުން، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައިފައިވާ ފީ ދެއްކުމަށްފަހުގައެވެ.
31 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން
ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ކޯޓުގައި ރަޖިސްޓަރީކޮށްދިނު މަށް އެދި ހުށަހަޅަންވާނީ، އެކަމަށް އެދޭ ފޯމުންނެވެ. ނަމަވެސް ރާއްޖެއިން ބޭރުގައިވާ ދިވެހިރާއްޖޭގެ ރަސްމީ އޮފީހެއް މެދުވެރިކޮށް ރަޖިސްޓަރީކުރަން ފޮނުވާ ކައިވެނިތައް، މި މާއްދާއިން އިސްތިސްނާ ކުރެވޭނެއެވެ.
32 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓަރީ ކޮށްދިނުމުގެ ށަރުތުތައް
ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓަރީ ކޮށްދެވޭނީ، ތިރީގައިމިވާ ކަންތައްތައް ފުރިހަމަ ވުމަށްފަހުގައެވެ.
(ހ) ކައިވެނިކުރާ ދެމީހުންނަކީ އިސްލާމްދީނުގެ ހަމަތަކުގެ މަތީން ފިރިހެންމީހާއާއި އަންހެންމީހާގެ ކިބައިގައި ހުރުން ލާޒިމުވާ ސިފަތައް ހުރި ދެމީހުން ކަމުގައި ވުން.
(ށ) ކައިވެނީގެ ރަން ކަނޑައެޅިފައިވުން.
(ނ) ވަލީވެރިޔާގެ ރުހުން ލިބިފައިވުން.
(ރ) ހެކިންނަކީ ބުއްދި ފުރިހަމަވެ، ބާލިއުވެފައިވާ މުސްލިމު ދެ ފިރިހެނުން ކަމުގައި ވުން.
(ބ) ކައިވެނި ކޮށްދިން މައުޒޫނުގެ ނަން އެނގެން އޮތުން.
(ޅ) ކައިވެނި ކޮށްދީފައިވަނީ އެ ގައުމެއްގެ ސަރުކާރުން މުސްލިމުން ކައިވެނި ކޮށްދިނުމުގެ ހުއްދަ ދީފައިވާ ފަރާތަކުންކަން އެނގެން އޮތުން.
(ކ) ސެޓުފިކެޓު ދޫކުރި ފަރާތުގެ ނަމާއި ސޮއި އޮތުން.
33 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ކުރާ ކައިވެނީގައި ވަލީވެރިޔާގެ ރުހުން
ދިވެހި އަންހެނަކު ރާއްޖެއިން ބޭރުގައި ކުރާ ކައިވެނީގައި ވަލީވެރިޔާގެ ރުހުން ލިބިފައިވާކަން އެނގެން ނެތްނަމަ، އެ ކައިވެނި ކޯޓުގައި ރަޖިސްޓަރީ ކޮށްދެވޭނީ، ވަލީވެރިޔާގެ ރުހުން ލިބުމަށްފަހުގައެވެ.
34 ވަނަ މާއްދާ - ކައިވެނީގެ ދަފުތަރު
(ހ) ކައިވެނީގެ ދަފުތަރަކީ، ކައިވެނީގެ މައުލޫމާތުތައް ލިޔެ ބެލެ ހެއްޓުމަށް ޓަކައި ތައްޔާރުކުރާ ފޮތެކެވެ. އެ ފޮތަށް ނުވަތަ އެ ފޮތުގައިވާ ލިޔުމަކަށް އެއްވެސް އުނިއިތުރެއް ގެންނަންވާނީ، ރަޖިސްޓްރާރ އަންގާ ގޮތެއްގެ މަތީންނެވެ.
(ށ) ކޮންމެ ދުވަހަކު ވެސް އެ ދުވަހެއްގައި ކޮށްދެވޭ ކަވެނީގެ މައުލޫމާތު، ކައިވެނީގެ ދަފުތަރުގައި ލިޔުމަށްފަހު، ރަޖިސްޓްރާރ ސޮއިކުރަންވާނެއެވެ. އަދި ދަފުތަރުގައި ކުށެއް ލިޔެވިއްޖެނަމަ، އެ ކުށް އިސްލާހުކޮށް ރަނަގަޅު ކުރަންވާނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) ގެ 21 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.
ހަތްވަނަ ބާބު
ކައިވެންޏާ ގުޅޭ އެހެނިހެން ކަންކަން
35 ވަނަ މާއްދާ - ކައިވެނީގެ ސެޓުފިކެޓު ގެއްލުމުން އަލުން ހަދައިދިނުން
(ހ) ކައިވެނި ސެޓުފިކެޓު ގެއްލިއްޖެނަމަ، އަލުން ސެޓުފިކެޓު ހެއްދޭނީ، ފުރަތަމަ ސެޓުފިކެޓު ހަދައިދިން ތަނުންނެވެ. ނުވަތަ އެ ތަނުން މައުލޫމާތު ހޯދުމަށްފަހު، އެކަން އޮތްގޮތް ބަލައި އެ ފަރާތަށް އެންގުމާއެކުގައެވެ. އަދި ކުރިން ސެޓުފިކެޓު ހަދައިދިން ފަރާތް، ފަހުން ހަދާ ސެޓުފިކެޓުގައި އެނގެން އޮންނަންވާނެއެވެ.
(ށ) ގެއްލުނު ސެޓުފިކެޓުގެ ނަކަލު އެ ސެޓުފިކެޓު ހަދައިދިން ތަނުން ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ތަނުން ފެންނަން ނެތް ނަމަ، ނުވަތަ އެ ކައިވެންޏަކީ ސެޓުފިކެޓު ދޭން ފެށުމުގެ ކުރީގެ ކައިވެންޏެއް ކަމުގައި ވާނަމަ، އެކަން ސާބިތުކުރުމަށްފަހު، އަލުން ސެޓުފިކެޓު ހަދައިދެވިދާނެއެވެ.
އަށްވަނަ ބާބު
ވަރި
36 ވަނަ މާއްދާ - ވަރިކުރުމަށް ނުވަތަ ވަރިވުމަށް އެދި ހުށަހެޅުން
(ހ) ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) ގެ 23 ވަނަ މާއްދާއާއި 24 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ވަރިކުރުމަށް ނުވަތަ ވަރިވުމަށް އެދި ކޯޓަށް ހުށަހެޅޭނީ، އެކަމަށް އެދޭ ފޯމުގައިވާ މައުލޫމާތު ފުރިހަމަ ކުރުމަށް ފަހުގައެވެ. އަދި އެ ފޯމާއެކު 25 (ފަންސަވީސް) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގެ ކޮޕީއެއް ހޯދަން، މައްސަލަ ރައްދުވާ ފަރާތުން އެދިއްޖެނަމަ، އެ ފަރާތަކަށް ދޭންވާނެއެވެ.
37 ވަނަ މާއްދާ - ވަރިޔާއާމެދު މައްސަލައެއް ޖެހިއްޖެނަމަ ކޯޓަށް ހުށަހެޅުން
ވަރިޔާމެދު އޮޅުމެއް އަރައިފިނަމަ، ނުވަތަ ވަރިޔާމެދު ށައްކެއްވެއްޖެނަމަ، ވަކި މައްސަލައެއްގެ ގޮތުގައި އެކަން ކޯޓަށް ހުށަހަޅަންވާނެއެވެ.
38 ވަނަ މާއްދާ - ވަރިކޮށްފިނަމަ 3 ދުވަހުގެ ތެރޭގައި ކޯޓަށް އެންގުން
(ހ) ވަރިކޮށްފިނަމަ، ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކޯޓަށް އެކަން އަންގަންވާނެއެވެ. އަދި އަންހެންމީހާއަށް އޭނާ ވަރިކުރިކަން އެނގޭ ދުވަހުން ފެށިގެން ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކޯޓަށް އަންގަންވާނެއެވެ.
(ށ) ކޯޓަށް ވަރިކުރިކަން ނާންގާ ހުރެއްޖެނަމަ، 100 (އެއްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެކަން ކޯޓަށް އެންގި ދުވަހަކާ ހަމަޔަށް ކޮންމެ ދުވަހަކަށް 1 (އެކެއް) ރުފިޔާ ޖޫރިމަނާއެއް ނެގޭނެއެވެ.
39 ވަނަ މާއްދާ - ވަރީގެ ސެޓުފިކެޓަށް އެދުން
ވަރި ސާބިތުކުރެވޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ވަރީގެ ސެޓުފިކެޓު ހެދުމަށް ބޭނުންވާ ތަކެތި ކޯޓަށް ހުށަހަޅައި އަދި ވަރި ރަޖިސްޓަރީކުރި ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ވަރީގެ ސެޓުފިކެޓު ގެންދަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ސެޓުފިކެޓު ނުގެންގޮސްފިނަމަ އިތުރުވާ ކޮންމެ ދުވަހަކަށް ދެފަރާތުންކުރެ ކޮންމެ ފަރާތެއް 1 (އެކެއް) ރުފިޔާގެ ޖޫރިމަނާއެއް ވަމުންދާނެއެވެ.
40 ވަނަ މާއްދާ - ދެމަފިރިން ސުލްހަ ކުރުން
(ހ) ވަރިކުރުމަށް ނުވަތަ ވަރިވުމަށް އެދި ހުށަހަޅާ މައްސަލައެއްގައި، ދެފަރާތުން ސުލްހަވުމަށް ށަރީއަތުގެ މަޖިލީހުގައި އެއްބަސްވެއްޖެނަމަ، އެގޮތަށް މައްސަލަ ނިންމާނީއެވެ.
(ށ) ވަކިގޮތަކަށް އެއްބަސްނުވެއްޖެނަމަ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ނުވަތަ އެ ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ކަމާބެހޭ ކޯޓުގެ އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ގާޒީ އެ މައްސަލަ ފޮނުވަންވާނެއެވެ.
(ނ) ކޯޓުގައި މައްސަލަ ހިނގަމުންދަނިކޮށް ގާޒީގެ ހުއްދަ ލިބުމުގެ ކުރިން ވަރިކޮށްފިނަމަ، އެ ވަރި ބެލޭނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ކުރި ވަރިއެއްކަމަށެވެ.
41 ވަނަ މާއްދާ - ދެމަފިރިން ސުލްހަކުރުވުމުގެ އުސޫލު
މި ގަވާއިދުގައިވާ ގޮތުގެ މަތީން، ކަމާބެހޭ ކޯޓުގެ އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ހުށަހެޅޭ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާނީ ތިރީގައިމިވާ ގޮތުގެ މަތީންނެވެ.
(ހ) ދެމަފިރިން ސުލްހަކުރުމަށް ޓަކައި އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން ފުރަތަމަ މަސައްކަތްކޮށް، އެ ދެމަ ފިރިން ސުލްހަވެއްޖެނަމަ، ކޯޓުގެ ގާޒީއަށް އެކަން އަންގާނީއެވެ.
(ށ) ދެމަފިރިއަކު ސުލްހަކުރުމުގައި ކޯޓުގެ އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ފެނިއްޖެނަމަ، އެ ދެމަފިރިންގެ މައުލޫމާތު ލިބިފައިވާ އަދުލުވެރި 2 (ދޭއް) ހަކަމުން ގާޒީގެ ލަފާގެ މަތިން އައްޔަނު ކުރާނީއެވެ. މިގޮތުން އައްޔަނު ކުރާނީ އަންހެންމީހާގެ އާއިލާގެ މީހަކާއި، ފިރިހެންމީހާގެ އާއިލާގެ މީހެކެވެ. އަދި އެ 2 (ދޭއް) ހަކަމުންނަކީ އެ ދެމަފިރިން ވެސް ރުހޭ 2 (ދޭއް) މީހުން ކަމުގައި ވާންވާނެއެވެ.
(ނ) ދެމަފިރިން ސުލްހަކުރުމަށް ޓަކައި އައްޔަނުކޮށްފައިވާ 2 (ދޭއް) ހަކަމުން ސުލްހަ ކުރުމުގެ ކަންތައް ގެންދާގޮތް ރަނގަޅުނޫންކަމަށް ކޯޓުގެ އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ފެނިއްޖެނަމަ، އެ 2 (ދޭއް) ހަކަމުން ވަކިކޮށް އެހެން 2 (ދޭއް) ހަކަމުން އައްޔަނު ކުރެވިދާނެއެވެ.
(ރ) ދެމަފިރިން ސުލްހަ ކުރުމަށް ޓަކައި، ކޯޓުގެ އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން މަސައްކަތްކޮށްގެން ދެމަފިރިން ސުލްހަވެއްޖެނަމަ، އެކަން ށަރީއަތަށް ހުށަހެޅުމުން، ފަނޑިޔާރު މައްސަލަ ނިންމާނީއެވެ. އަދި އެ ދެމަފި ރިންނަށް އެކުގައި އުޅެވެން ނެތްކަމަށް ފެނިއްޖެނަމަ، އަދި އެ ދެމަފިރިން ވަކިވުން އެއީ އެ ދެމީހުންނަށް އެންމެ މަސްލަހަތު ހުރި ގޮތްކަމުގައި، ކޯޓުގެ އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ބުރަވެވިއްޖެނަމަ، ކޯޓުގެ ގާޒީއަށް އެކަން ހުށަހަޅާނީއެވެ.
(ބ) މި މާއްދާގެ (ރ) ގައިވާ ފަދައިން ގާޒީއަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ފިރިމީހާ، އަނބިމީހާ ވަރިކުރަން ހުށަހަޅާ މައްސަލަތަކުގައި ދެ މަފިރިން ވަކިވުން ރަނގަޅުކަމަށް ގާޒީއަށް ފެންނަނަމަ، ރުޖޫއު ވަރިއަކުން ވަރިކުރުމަށް ފިރިހެންމީހާއަށް އަމުރުކުރާނީއެވެ.
(ޅ) މި މާއްދާގެ (ރ) ގައިވާ ފަދައިން ގާޒީއަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން،އަނބިމީހާ ވަރިވާން އެދި ހުށަހަޅައިފައިވާ މައްސަލައެއްނަމަ، އަނބިމީހާ ހުލްއު ވަރިއަކުން ވަރިކުރުމަށް ފިރިމީހާއަށް ގާޒީ އަމުރުކުރާނީއެވެ. މި ދެގޮތުންކުރެ ގޮތެއްގައި ފިރިމީހާ، އަނބިމީހާ ވަރިނުކޮށްފިނަމަ، ގާޒީ އެ ދެމަ ފިރިންގެ ކައިވެނި ތަފްރީގް ކޮށްދޭން ވާނެއެވެ. މި ގޮތަށް ކުރާ ތަފްރީގަކީ ބާއިނު ވަރިއެކެވެ.
42 ވަނަ މާއްދާ - ދެމަފިރިން ސުލްހަކުރުމުގައި އަމަލުކުރާނެ އިޖުރާއަތު
މި ގަވާއިދުގައިވާ ގޮތުގެ މަތީން، ކަމާބެހޭ ކޯޓުގެ އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ހުށަހެޅޭ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ އިޖުރާތުތައް، ކޯޓުގެ ކަމާބެހޭ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ނުވަވަނަ ބައި
ކައިވެނި ތަފްރީގްކުރުން
43 ވަނަ މާއްދާ - ތަސައްރަފު ނުފުދޭ ހާލެއްގައި ތަފްރީގްކުރުން
(ހ) ދެމަފިރިންކުރެ އެކަކު ބުއްދި އުނިކަން އައުމުގެ ސަބަބުން ތަސައްރަފު ނުފުދޭ ހާލެއްގައިވާކަން ށަރީއަތަށް ސާބިތުވުމާއެކު، އެ ދެމީހުންކުރެ ބުއްދި ސަލާމަތުން ހުރި މީހާ ގަސްތުގައި ބުއްދި ހަމަނުވާ މީހާއަށް ސިއްހީގޮތުން ނުވަތަ މުދަލުގެ ގޮތުން ގެއްލުންދޭކަން ށަރީއަތަށް ސާބިތުވެއްޖެނަމަ، އެ ދެމަ ފިރިންގެ ކައިވެނި ތަފްރީގު ކުރެވިދާނެއެވެ. އަދި މިގޮތުން ތަފްރީގު ކުރެވުނު ކައިވެނީގެ ސެޓުފިކެޓުގައި އެކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ށ) ތަސައްރަފު ނުފުދޭ އަންހެންމީހާ ނުވަތަ ފިރިހެންމީހާ ތަފްރީގުކުރުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ހައްގު އޭނާގެ ބަލަދުވެރިޔާއަށާއި ބެލެނިވެރިޔާއަށާއި ދައުލަތަށް ލިބިގެންވެއެވެ.
ދިހަވަނަ ބާބު
ވަރި ރަޖިސްޓަރީކޮށްދިނުމާއި ވަރީގެ ދަފުތަރު
44 ވަނަ މާއްދާ - ވަރި ރަޖިސްޓަރީ ކުރުމާއި، ވަރީގެ ދަފުތަރު ބެލެހެއްޓުން
(ހ) ވަރީގެ ދަފުތަރަކީ، ވަރިވެވުނު ދެމީހުންނާބެހޭ ވަރީގެ މައުލޫމާތުތައް ލިޔާ ފޮތެވެ.
(ށ) ކޯޓުގައި ރަޖިސްޓަރީ ކުރެވޭ ހުރިހާ ވަރިއެއްގެ ސެޓުފިކެޓު ހެދުމާއި، އެ ސެޓުފިކެޓު ދޫކުރުމާއި، ވަރީގެ މައުލޫމާތު ދަފުތަރުގައި ލިޔުމުގެ ކަންތައް ހަމަޖައްސައި ބަލަހައްޓާނީ، ކައިވެނީގެ ރަޖިސްޓްރާރއެވެ.
(ނ) ވަރީގެ ދަފުތަރުގައިވާ މައުލޫމާތަކީ ތެދުނޫން މައުލޫމާތެއްކަން ސާބިތުވެއްޖެނަމަ، ތެދުނޫން މައުލޫމާތު ލިޔެފައިވާ ތަނުގައި ރޮނގެއް ދަމައިގެން އެ ތަން ކަނޑައިލުމަށްފަހު، ތެދު މައުލޫމާތު ލިޔެ، ރަޖިސްޓްރާރ ސޮއިކޮށް، ކޯޓުގެ ތައްގަނޑު ޖަހަންވާނެއެވެ.
އެގާރަވަނަ ބާބު
ހުލްއުވަރި
45 ވަނަ މާއްދާ - ހުލްއު ވަރިއަކުން ވަރިވުމަށް އެދި ހުށަހެޅުން
އަނބިމީހާ ނުވަތަ ފިރިމީހާ ކަނޑައަޅާ އެއްޗެއް ފިރިމީހާއަށް ދީގެން ހުލްއު ވަރިއަކުން ވަރިވުމަށް އެދޭނަމަ، އެކަން ދެމަ ފިރިންކުރެ މީހަކު ކޯޓަށް ހުށަހަޅާނީއެވެ.
46 ވަނަ މާއްދާ - ހުލްއު ވަރިކުރުން
(ހ) މައްސަލަ ކޯޓަށް ހުށަހެޅުމުން ވަރިވުމަށް ޓަކައި އަނބިމީހާ ފިރިމީހާއަށް ދިނުމަށް ހުށަހަޅައިފައިވާ އެއްޗަކީ ށަރުއީގޮތުން އަގެއްހުރި އެއްޗެއް ކަމުގައި ވާނަމަ، ދެމަފިރިން އެއްބަސްވެފައިވާ ގޮތުގެ މަތީން ކޯޓުގައި އަނބިމީހާ ވަރިކުރާނީއެވެ.
(ށ) ހުލްއު ވަރިއަކުން ވަރިވުމަށް ދެފަރާތުން އެއްބަސްވެ ކޯޓަށް ހުށަހެޅުމަށްފަހު ވަރިނުކޮށްފިނަމަ، މައްސަލަ ހުށަހެޅި ފޯމު ބާތިލުކޮށް މައްސަލަ ނިންމާނީއެވެ.
(ނ) ހުލުއު ވަރިއަކުން ވަރިކޮށްފިނަމަ، ރުޖޫއައެއް ނުކުރެވޭނެއެވެ.
ބާރަވަނަ ބާބު
ކައިވެނި ފަސްހުކުރުން
47 ވަނަ މާއްދާ - ކައިވެނި ފަސްހުކުރުން
(ހ) ފިރިމީހާ ގެއްލިގެން ނުވަތަ ވީތަނެއް ނޭނގިގެން ފިރިމީހާގެ އެއްވެސް ހަބަރެއް ނުވަތަ 1 (އެކެއް) އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެގެން ދެމަފިރިންގެ ކައިވެނި ފަސްހުކޮށްދިނުމަށް އެދި އަނބިމީހާމައްސަލަ ހުށަހެޅުމާ ގުޅިގެން، އެކަން ށަރީއަތަށް ސާބިތުވެއްޖެނަމަ، ކޯޓުން އެ ދެމަފިރިންގެ ކައިވެނި ފަސްހުކޮށްދޭން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދެމަފިރިންގެ ކައިވެނި ފަސްހު ކުރުމަށްފަހު އަންހެނާ އެހެން މީހަކާ އިންފަހުން ގެއްލިފައިވާ މީހާ ފެނިއްޖެނަމަ، އެ މީހާއާ ކައިވެނި ކުރުމަށް ޓަކައި ފަހުން އިންމީހާގެ ކައިރިން ވަރިވުމާއި ނުވަތަ އޭނާއާ އެކުގައި އުޅުމުގެ އިހްތިޔާރު، އަންހެންމީހާއަށް ލިބިގެންވެއެވެ. އަންހެންމީހާ ކުރިން އިނދެގެން އުޅުނު މީހާއާ އަލުން ކައިވެނިކުރަން ބޭނުންވާނަމަ، ގެއްލުނުމީހާ ފެނިއްޖެކަން އަންހެންމީހާއަށް އެނގުނު ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަންވާނެއެވެ. މި މުއްދަތުގެ ފަހުން ހުށަހަޅާ އެއްވެސް ހުށަހެޅުމެއް ގަބޫލެއް ނުކުރެވޭނެއެވެ. 7 (ހަތެއް) ދުވަސް ގުނާނީ، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.
48 ވަނަ މާއްދާ - ކައިވެނި ފަސްހުކުރުމަށް ހުށަހެޅުން
(ހ) ފަސްހު ކުރުމަށް ހުށަހަޅަނީ ހަރަދު ނުދީގެން ކަމަށް ވާނަމަ، އެ މައްސަލަ ކޯޓަށް ހުށަހެޅޭނީ، ހަރަދު ހޯދުމަށް އެދި މަދުވެގެން ދެފަހަރު ކޯޓަށް މައްސަލަ ހުށަހަޅައި އެ މަސަލަތައް ނިމިފައި ވާނަމައެވެ.
(ށ) ހަރަދު ނުދީގެން ވަރިވުމަށް އެދި ހުށަހަޅާއިރު، ކުރިން ނިމިފައިވާ ހަރަދާބެހޭ މައްސަލަތަކުގެ ރިޕޯޓު ހުށަހަޅަންވާނެއެވެ.
(ނ) ދެމަފިރިން ދިރިއުޅެމުން އައިތަން ދޫކޮށް ދިރިއުޅޭ ވަކިތަނެއް ނޭނގޭ ގޮތަށް ދެމަފިރިން ކުރެ މީހަކު އުޅެމުން ގެންދާތާ 3 (ތިނެއް) މަސްދުވަސް ވުމުން ވަރިވުމަށް ނުވަތަ ވަރިކުރުމަށް މައްސަލަ ހުށަހެޅުމުން އެކަން ށަރީއަތަށް ސާބިތުވެއްޖެނަމަ، ވަރިކުރަން ހުއްދަދީ ނުވަތަ ތަފްރީގްކޮށް މައްސަލަ ނިންމިދާނެއެވެ.
49 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުރުމުގެ ސަބަބުން ފަސްހުކުރުން
ފިރިމީހާގެ ޖިންސީ ނުކުޅެދުންތެރިކަން ހުރިކަމަށް ބުނެ ކައިވެނި ފަސްހު ކުރުމަށް އެދިއްޖެނަމަ، އެ ދެމަފިރިންގެ ކައިވެނި ފަސްހު ކޮށްދެވޭނެއެވެ. މިގޮތުން ޖިންސީ ނުކުޅެދުންތެރިކަން ށަރީއަތަށް ސާބިތުވާނީ، ތިރީގައި މިވާ ގޮތްތަކުގެ ތެރެއިން ގޮތަކުންނެވެ.
(ހ) ފިރިމީހާއަކީ ޖިންސީގޮތުން ނުކުޅެދޭ މީހެއްކަމަށް ފިރިމީހާ ށަރީއަތުގެ މަޖިލީހުގައި އިއުތިރާފުވުން.
(ށ) ފިރިމީހާއަކީ ޖިންސީގޮތުން ނުކުޅެދޭ މީހެއްކަން ބަޔާންކޮށް، ސަރުކާރު ހަސްފަތާލެއްގައި ނުވަތަ ސިއްހީ މަރުކަޒެއްގައި މަސައްކަތްކުރާ ޑޮކްޓަރަކު ދޫކުރާ ސެޓުފިކެޓު. ޖިންސީގޮތުން ނުކުޅެދޭ މީހެއްކަން ބަޔާންކޮށްފައި ދޫކުރާ ސެޓުފިކެޓުގައި ޑޮކްޓަރުގެ ނަން ލިޔެ ސޮއިކޮށް އަދި އެ ތަނެއްގެ ތައްގަނޑު ޖަހައިފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިރިމީހާގެ ޖިންސީ ނުކުޅެދުންތެރިކަން ސާބިތުވި ކަމުގައި ވިޔަސް، ފަރުވާ ކުރުމަށް 6 (ހައެއް) މަސްދުވަހުގެ ފުރުސަތެއް ފިރިމީހާއަށް ދެވޭނެއެވެ. އަދި އެ މުއްދަތުގައި ފަރުވާ ލިބިގަނެ ރަނގަޅުވެފައިވާކަން ޑޮކްޓަރުގެ ބަހުން ސާބިތުކޮށްދީފިނަމަ، ކައިވެނި ފަސްހެއް ނުކުރެވޭނެއެވެ.
(ރ) މި މާއްދާގައިވާ ގޮތުގެ މަތީން ފަރުވާ ލިބިގަތުމަށް 6 (ހައެއް) މަސްދުވަހުގެ މުއްދަތު ފިރިމީހާއަށް ދިނުމަށްފަހު، އެ މުއްދަތުގައި އެ ބަލި ރަނގަޅުނުވިނަމަ، އަދި ވަރިވުމަށް އަނބިމީހާ އެދުނުގޮތުގެ މަތީން ދެމިހުރިނަމަ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) ގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކައިވެނި ފަސްހު ކޮށްދެވޭނެއެވެ.
ތޭރަވަނަ ބާބު
ހަރަދު
50 ވަނަ މާއްދާ - އަނބިމީހާއަށާއި، ދަރިންނަށާއި، އިއްދައިގައި އިންނަ އަންހެނާއަށް ހަރަދު ހޯދައިދިނުން
(ހ) އަނބިމީހާ އޭނާގެ ހަރަދު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ހަރަދު ހޯދައިދެވޭނީ، މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.
(ށ) އަނބިމީހާގެ ހަރަދަށް ހޯދައިދެވޭނީ، މަދުވެގެން މަހަކު 2،000 (ދެހާސް) ރުފިޔާއެވެ. އެހެންނަމަވެސް، ފިރިމީހާގެ ތަނަވަސްކަމަށާއި، ލިބޭ އާމްދަނީއަށް ރިއާޔަތް ކުރުމަށްފަހު، އިތުރުކުރަން ކޯޓަށް ފެންނަ އަދަދެއް ކަނޑައެޅިދާނެއެވެ.
51 ވަނަ މާއްދާ - ހަރަދުގެ މިންވަރު
(ހ) ވަރިކޮށްފައި އިންނަ އަންހެނާގެ އިއްދަ ހަމަވަންދެން މަހަކު 2،000 (ދެހާސް) ރުފިޔާއަށްވުރެ މަދުނޫން އަދަދެއް ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތުމަކުން، އެ މާއްދާގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ހަރަދު ދިނުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.
52 ވަނަ މާއްދާ - ހަރަދު ސާބިތުކޮށް ނުދެވުން
(ހ) ދަރިންގެ ހަރަދު ހޯދުމަށް ކުރި އެއްވެސް މަސައްކަތެއް ށަރީއަތަށް ސާބިތުކޮށް ނުދެވިއްޖެނަމަ، އެ ދުވަސްތަކަށް ހަރަދެއް ނުލެއްވޭނެއެވެ. އަދި ދައުވާކުރި ދުވަހުން ފެށިގެން ގަވާއިދުން ދޭންޖެހޭ ހަރަދު ހޯދައިދެވޭނެއެވެ.
(ށ) ހަރަދު ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭނީ، ހަރަދު ހޯދުމަށް ދައުވާކޮށްފައިވާ ނަމައެވެ.
53 ވަނަ މާއްދާ - ހަރަދަށް އެދި ހުށަހެޅުން
ދަރިންގެ ހަރަދު ހޯދައިދެވޭނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.
(ހ) ކުއްޖާގެ އުމުރުން 18 (އަށާރަ) އަހަރު ފުރެންދެން ކުއްޖާގެ ހަރަދަށާއި ކުއްޖާ ބެލުމުގެ ހަރަދަށް، އެއްކުއްޖަކު ހުރިނަމަ، މަހަކު 2،000 (ދެހާސް) ރުފިޔާ، އަދި އެއްކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު 1،000 (އެއްހާސް) ރުފިޔާއަށްވުރެ މަދުނޫން އަދަދެއް ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތުމަކުން، އެ މާއްދާގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ހަރަދު ދިނުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.
(ނ) ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހަރަދު ހޯދުމަށް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި، ހަރަދު ނަގައިދޭއިރު އެ ނުކުޅެދުންތެރިކަން ދެމިގެންވާ މުއްދަތަކަށް ކުއްޖާގެ ހާލަތަށާއި ކުއްޖާގެ ހާއްސަ ބޭނުންތަކަށް ރިއާޔަތްކޮށް، އެ ވަގުތަކަށް ނަގައިދެވެން އޮތް ހަރަދެއް ނަގައިދެވޭނެއެވެ.
54 ވަނަ މާއްދާ - ހަރަދު ނަގައިދޭނެގޮތް
ދަރިންގެ ހަރަދަށް މި ގަވާއިދުގެ ދަށުން ދޭންޖެހޭ ހަރަދުގެ އިތުރުން، ތިރީގައިވާ ތަކެތި ނުވަތަ އެ ތަކެތީގެ ހަރަދު އެކަށީގެންވާ ގޮތެއްގެ މަތީން ހޯދައިދެވޭނެއެވެ.
(ހ) އަންނައުނުގެ ހަރަދު / އަހަރަކު 3 (ތިނެއް) ހެދުން.
(ށ) ކިޔަވައިދިނުމުގެ ހަރަދު / އަހަރަކު 2 (ދޭއް) ޔުނީފޯމު، 1 (އެކެއް) ބޫޓު، ފޮތްލިސްޓު (އަހަރަކު އެއްފަހަރު) އަދި މީގެ އިތުރުންވެސް ކިޔެވުމަށް ބޭނުންވާ އެހެނިހެން ތަކެތި.
(ނ) ބޭސްފަރުވާގެ ހަރަދު / ބޭސްފަރުވާއަށް ހޯދައިދެވޭނީ، ސަރުކާރުގެ ބޭސްފަރުވާ ކޮށްދޭ މަރުކަޒުތަކުގެ ހިދުމަތްދޭ ރޭޓުންނެވެ.
(ރ) ކުއްޖާގެ ހާލަތަށާއި ބަލަދުވެރިޔާގެ ތަނަވަސްކަމުގެ މައްޗަށް ރިއާޔަތްކޮށް، މަތީގައިވާ ހަރަދުތަކުގެ އިތުރުން ވެސް ހަރަދު ނަގައިދެވިދާނެއެވެ.
55 ވަނަ މާއްދާ - ސާބިތު ހަރަދާމެދު އަމަލުކުރާނޭ ގޮތް
ހުކުމާ އެއްގޮތަށް ސާބިތު ހަރަދުގެ ފައިސާ ނުދައްކައިގެން ހުށަހަޅައިފިނަމަ އަމަލުކުރަނީ، ތިރީގައި މިވާ ގޮތަށެވެ.
(ހ) ސާބިތުވެފައިވާ ގޮތުގެ މަތީން ހަރަދު ނުދައްކައިގެން މައްސަލަ ހުށަހެޅޭ ފުރަތަމަ ފަހަރު ހަރަދު ދޭންޖެހޭ މީހާއަކީ ސަރުކާރުގެ އޮފީހެއްގައި ވަޒީފާ އަދާކުރާ މީހެއްނަމަ، ނުވަތަ އަމިއްލަ ފަރާތެއްގައި ދާއިމީ މަސައްކަތެއްގައި އުޅޭ މީހެއްނަމަ، އެ މީހުންގެ މުސާރައިން ހަރަދު ކަނޑަމުން ގެންދިޔުމަށް ހުކުމްކޮށް، ހުކުމުގައިވާ އަދަދަށް އެ މީހެއްގެ މުސާރައިން ފައިސާ ކެނޑުމަށްފަހު، ކޯޓަށް އެ ފައިސާ ޖަމާކުރުމަށް އެ މީހާ ވަޒީފާ އަދާކުރާ އޮފީހަށް ނުވަތަ މަސައްކަތްކުރާ ތަނަށް އަންގަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ގޮތުގެ މަތީން އަމަލު ކުރުމުން ކޯޓަށް ފައިސާ ނުލިބޭނަމަ، ނުވަތަ ސާބިތު ހަރަދުގެ ފައިސާ ނުދައްކައިގެން ހުށަހެޅޭ ދެވަނަ ފަހަރު ހުކުމާ އެއްގޮތަށް އަމަލު ކުރުމަށް އެންގުމާއެކު، ސާބިތު ހަރަދަށް ފައިސާ ނުދެއްކި ފަރާތުގެ ހާލަތަށް ރިއާޔަތްކޮށް، ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(ނ) ހަރަދުކުރަންޖޭ މީހާއަކީ ވަޒީފާއެއްގައި އުޅޭ މީހަކަށް ނުވާނަމަ، ސާބިތު ހަރަދުގެ ފައިސާ ނުދައްކައިގެން ހުށަހެޅޭ ފުރަތަމަ ފަހަރު ހުކުމާ އެއްގޮތަށް ރިއާޔަތްކޮށް ފައިސާ ނުދެއްކި ފަރާތް 1 (އެކެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމަށް ހުކުމް ކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންވެގެންވާ ގޮތުގެ މަތީން އަމަލުކުރުމުން ވެސް، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން މައްސަލަ ހުށަހެޅިއްޖެނަމަ، ހުކުމާ އެއްގޮށް އަމަލުކުރުމަށް އެންގުމާއެކު 2 (ދޭއް) މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމަށް، ނުވަތަ
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފައިސާ ނުދައްކައިގެން ބަންދުކުރާ އަރުވައިލުމަށް ނުވަތަ ޖަލަށްލުމަށް ހުކުމްކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.ނުވަތަ އަރުވައިލާ ނުވަތަ ޖަލަށްލާ ހާލަތްތަކުގައި އެ މައްސަލައެއްގައި ހުކުމް ތަންފީޒުކޮށްދިނުމަށް އަލުން ހުށަހެޅޭނީ، ފުރަތަމަ ފަހަރު 1 (އެކެއް) މަސްދުވަހުގެ ފަހުން، ދެވަނަ ފަހަރު 2 (ދޭއް) މަސްދުވަހުގެ ފަހުންނެވެ.
(ޅ) މި މާއްދާގައި ބަޔާންވެދިޔަގޮތަށް އަމަލު ކުރުމުންވެސް ފައިސާ ނުދައްކާނަމަ، އެ މީހެއްގެ މިލްކުގައިވާ ތަކެތީގެ ތެރެއިން ކޯޓަށް ފެނުނު މިންވަރެއް ވިއްކައިލައި ނުވަތަ އެ މީހެއްގެ މިލްކުގައިވާ މުދަލަކުން ލިބޭ އާމްދަނީން ހަރަދަށް އެ ހިނދަކަށް ދައްކަންޖެހޭ މިންވަރެއް ހޯދައިދިނުމުގެބާރު ކޯޓަށް ލިބިގެންވެއެވެ.
(ކ) ސާބިތު ހަރަދަށް ފައިސާ ނުދައްކައިގެން ހުށަހެޅޭ މައްސަލަތަކުގައި މި މާއްދާގެ(ހ) އާއި، (ށ) އާއި، (ނ) އާއި، (ރ) އާއި، (ޅ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރަށް ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
- ކޯޓުގެ ހުއްދަނެތި ފައިސާ ދައްކަންޖެހޭ ފަރާތް ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޕާސްޕ ޓު ހިފެހެއްޓުމަށް ކޯޓު އަމުރުކުން؛
- ފައިސާ ދައްކަންޖެހޭ ފަރާތުގެ ބޭންކް އެކައުންޓް ބަ ލައި ޗެކްކޮށް،އެކައުންޓުތައް ފްރީޒް ކުރުން؛
- ފައިސާ ދައްކަންޖެހޭ ފަރާތުގެ އެއްވެސް މުދަލެއް ކުއްޔަށް ދޫކޮށްފައިވާނަމަ،އެ މުދަލެއް ކޯޓަށް ނެގުން، ނުވަތަ އެ މުދަލެއް ކުއްޔަށް ދީގެން ލިބޭ ކުލި ކޯޓަށް ނެގުން.
- ފައިސާ ދައްކަންޖެހޭ ފަރާތުގެ މުދަލެއް އެހެން ފަރާތަކަށް ކުށްޔަށްދީފައިވަނީ، ނުވަތަ ހިބަކޮށްދީފައިވަނީ، ނުވަތަ ވިއްކައިފައިވަނީ، ނުވަތަ ވަސިއްޔަތްކޮށްފައިވަނީ ނުވަތަ ރަހުނުކޮށްފައިވަނީ ސާބިތު ހަރަދުގެ މައްސަލަ ކޯޓުން ބަލަމުންދަނިކޮށް ނުވަތަ ބަލައި ނިމުނު ފަހުންކަމަށްވާނަމަ،އެ މުއާމަލާތެއް ބާތިލުކުރުން؛
- ސާބިތު ހަރަދަށް ފައިސާ ނުދައްކާ ފަރާތުގެ މައުލޫމާތު އާންމުކޮށް ށާއިއުކުރުން.
56 ވަނަ މާއްދާ - ވަގުތީގޮތުން ހަރަދު ހޯދައި ދިނުން
ކުދިންނަށް ހަރަދު ނުދީގެން ހުށަހެޅޭ މައްސަލަތަކުގައި ކޯޓުން އެ މައްސަލަތަކުގެ ށަރީއަތް ހިންގަމުންދާ ދުވަސްތަކުގައި، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަރަދު ހޯދައިދިނުމުގެ އިހްތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
(ހ) ކުދިންނަށް ހަރަދު ނުދީގެން ކޯޓަށް މައްސަލަ ހުށަހެޅުމުން، ކޯޓުން ކަނޑައަޅާ މިންވަރަކަށް ފައިސާ، ކޯޓަށް ޖަމާކުރަން ކުއްޖާގެ ބައްޕައަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ޖަމާކުރާ ފައިސާ، ކުއްޖާ ބެލުމަށާއި، ކުއްޖާގެ ތައުލީމަށާއި، ސިއްހީ ކަންތައްތަކަށް ހޭދަކުރުމަށް ޓަކައި، ކޯޓުން ކަނޑައަޅާ މިންވަރަކަށް ކުއްޖާގެ ހަރަދު ހޯދުމަށް ދައު ވާކުރި ފަރާތަށް ދޫކުރަންވާނެއެވެ. މިގޮތުގެ މަތީން ފައިސާ ދޫކުރާއިރު، އާންމުކޮށް ކުދިންގެ ހަރަދު ހޯދައިދިނުމުގައި ކޯޓުން ގެންގުޅޭމިންގަނޑަށް ގާޒީ ރިއާޔަތް ކުރަންވާނެއެވެ.
57 ވަނަ މާއްދާ - ސާބިތު ހަރަދު ހޯދައިދިނުމުގައި އަމަލު ކުރާނެ ގޮތް
އަނބިމީހާއަށާއި އިއްދައިގައި އިންނަ އަންހެނާއަށާއި ކުދިންނަށް ދޭންޖެހޭ ހަރަދު ކަނޑައެޅިފައިވާ އަދަދަށް ކަނޑައެޅިފައިވާ މުއްދަތުގައި ނުދައްކައިގެން ށަރީއަތަށް ހުށަހެޅުމުން އެކަން ބަލާއިރު، ހުކުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާނަމަ އަމަލުކުރާނީ،ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ހ) ހަރަދު ދޭންޖެހޭ މީހާއަކީ ސަރުކާރުގެ އޮފީހެއްގައި އުޅޭ މީހެއްނަމަ، ނުވަތަ އަމިއްލަ ފަރާތެއްގައި ދާއިމީ މަސައްކަތެއްގައި އުޅޭ މީހެއްނަމަ، އެ މީހަކަށް މުސާރައަށާއި، އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާއިން ހަރަދު ފައިސާ ކެނޑުމަށް ހުކުމްކޮށް މައްސަލަ ނިންމަންވާނެއެވެ. އަދި މިގޮތަށް ހުކުމްކުރިކަމާއި ހުކުމުގައިވާ އަދަދަށް އެ އޮފީހުން އެ މީހަކަށް ލިބޭ އާމްދަނީން ހަރަދު ފައިސާ ކެނޑުމަށްފަހު، ކޯޓަށް އެ ފައިސާ ޖަމާކުރުމަށް އެ މީހާ ވަޒީފާ އަދާކުރާ އޮފީހަށް ނުވަތަ މަސައްކަތްކުރާ ތަނަށް އަންގަންވާނެއެވެ.
(ށ) ހަރަދު ދޭންޖެހޭ މީހާއަކީ ދާއިމީ ވަޒީފާއެއްގައި އުޅޭމީހަކަށް ނުވެފައި، ކޯޓުން ކަނޑައަޅައިފައިވާ ގޮތުގެ މަތީން ހަރަދު ނުދީގެން މައްސަލަ ހުށަހެޅުމުން، ކޯޓުން އެ މައްސަލަ ބަލާއިރު ކަނޑައެޅިފައިވާ ގޮތުގެ މަތީން ހަރަދު ނުދޭކަން ސާބިތުވާނަމަ، ކަނޑައެޅިފައިވާ ގޮތެއްގެ މަތީން ހަރަދު ދިނުމަށް އެންގުމާއެކު މި ގަވާއިދުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަރަދު ހޯދާނީއެވެ.
58 ވަނަ މާއްދާ - އިތުރު ކަމިށަންތަކާއި ގުޅޭ
ހަރަދު ފައިސާ ދައްކަންޖެހޭ ކޯޓާ ހަމަޔަށް ފައިސާ ފޮނުވުމުގައި އެއްވެސް ކަމިށަނެއް ދައްކަން ޖެހޭނަމަ، އެ ކަމިށަނެއް ދެއްކުމަކީ ހަރަދު ދޭންޖެހޭ ފަރާތުގެ ކަމެކެވެ.
ސާދަވަނަ ބާބު
ހަޒާނަތާއި ބަލަދުވެރިކަން
59 ވަނަ މާއްދާ - ހަޒާނަތު ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި އިސްކަންދޭންޖެހޭ ތަރުތީބު
ކުއްޖާގެ ހަޒާނަތު ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި އިސްކަން ދޭންޖެހޭ ތަރުތީބު، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ކުއްޖާގެ މަންމަ.
(ށ) ކުއްޖާގެ މަންމަގެ މަންމަ (ކިތަން މެ ދުރަށް ދިޔަ ނަމަވެސް)
(ނ) ކުއްޖާގެ ބައްޕަ.
(ރ) ކުއްޖާގެ ބައްޕަގެ މަންމަ (ކިތަންމެ ދުރަށް ދިޔަ ނަމަވެސް)
(ބ) ކުއްޖާއާ އެއްބަނޑުއެއްބަފާ އުހުތު.
(ޅ) ކުއްޖާއާ އެއްބަފާ އުހުތު.
(ކ) ކުއްޖާއާ އެއްބަނޑު އުހުތު.
(އ) ކުއްޖާގެ މަންމައާއި އެއްބަނޑުއެއްބަފާ ބޮޑުދައިތަ.
(ވ) ކުއްޖާގެ މަންމައާ އެއްބަފާ ބޮޑުދައިތަ.
(މ) ކުއްޖާގެ މަންމައާ އެއްބަނޑު ބޮޑުދައިތަ.
(ފ) ކުއްޖާއާ އެއްބަނޑުއެއްބަފާ އުހުތުގެ އަންހެން ދަރި.
(ދ) ކުއްޖާއާ އެއްބަފާ އުހުތުގެ އަންހެންދަރި.
(ތ) ކުއްޖާއާ އެއްބަނޑު އުހުތުގެ އަންހެންދަރި.
(ލ) ކުއްޖާގެ އެއްބަނޑުއެއްބަފާ އަހުގެ އަންހެން ދަރިން.
(ގ) ކުއްޖާގެ އެއްބަފާ އަހުގެ އަންހެންދަރިން.
(ޏ) ކުއްޖާގެ އެއްބަނޑު އަހުގެ އަންހެން ދަރިން.
(ސ) ކުއްޖާގެ ބައްޕައާ އެއްބަނޑުއެއްބަފާ ބޮޑުދައިތައިން.
(ޑ) ކުއްޖާގެ ބައްޕައާ އެއްބަފާ ބޮޑުދައިތަ.
(ޒ) ކުއްޖާގެ ބައްޕައާ އެއްބަނޑު ބޮޑުދައިތަ.
60 ވަނަ މާއްދާ - ހަޒާނަތު ގެ ތަރުތީބުގެ އިސްތިސްނާ
ކުއްޖާގެ ހަޒާނަތު ތަރުތީބުން އެންމެ އިސްކަންދެވޭ މީހާއާ ކުއްޖާގެ ހަޒާނަތު ހަވާލު ކޮށްފިނަމަ ކުއްޖާގެ މަސްލަހަތަށް އުނިކަމެއް އަންނާނޭކަމަށް ބެލެވޭ ހެކިތަކެއް ހުރިނަމަ، ކުއްޖާގެ މަސްލަހަތަށް ރިއާޔަތްކޮށް، ހަޒާނަތުގައި އިސްކަންދޭ ތަރުތީބުގެ މަތީން ކުއްޖާގެ ހަޒާނަތު އެހެން ފަރާތަކާ ހަވާލު ކުރެވިދާނެއެވެ.
61 ވަނަ މާއްދާ - ވަކި ށަރުތުތަކަކާއެކު ހަޒާނަތު ހަވާލުކުރުން
ހަޒާނަތުގެ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން ހަޒާނަތު ހަވާލުކުރެވިދާނެއެވެ. ތިރީގައިވާ ކަންތައްތައް ނުވަތަ އޭގެ ތެރެއިން ބައެއް ކަންތައް ކޯޓުން ށަރުތު ކުރެވިދާނެއެވެ.
(ހ) ކުއްޖާގެ ހަޒާނަތު ހަވާލުވާ ފަރާތުން އެ ކުއްޖާ އުޅޭނެ ތަނާއި، ކުއްޖާގެ ތައުލީމާއިއެހެނިހެން ކަންތައްތައް ހަމަޖެއްސުން.
(ށ) ކުއްޖާގެ ހަޒާނަތު ހަވާލުވާ ފަރާތުން އެ ކުއްޖާގެ ހަޒާނަތު ގެއްލިފައިވާ މައިންބަފައިންކުރެ މީހަކަށް ނުވަތަ އެއިން މީހަކު ދުނިޔޭގައި ނެތްނަމަ، އެ މީހެއްގެގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރުމުގެ ހައްގު، ކޯޓުން ކަނަޑައަޅާ ގޮތެއްގެ މަތީން އެ ކުއްޖާއަށް ލިބިދިނުން.
(ނ) ކުއްޖާގެ ހަޒާނަތު ހަވާލުކުރެވޭ ފަރާތުން، އެ ކުއްޖާގެ ހަޒާނަތު ގެއްލިފައިވާ މައިންބަފައިންކުރެ މީހަކު ނުވަތަ އެ ދެމީހުންކުރެ މީހަކު ދުނިޔޭގައި ނެތްނަމަ، އެ މީހެއްގެ ގާތްތިމާގެ މީހުން އެ ކުއްޖަކަށް ޒިޔާރަތްކުރުމުގެ ހައްގު، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން ކަނޑައަޅާ އަދަދަކަށް ލިބިދިނުން.
62 ވަނަ މާއްދާ - ހަޒާނަތު ހަވާލުކުރާ ފަރާތް ނޫން އަނެއްފަރާތާ ކުއްޖާ ބައްދަލުކުރުމުގެ ފުރުސަތު
ކުއްޖާގެ ހަޒާނަތު ވަކި ފަރާތަކާ ހަވާލުކުރެވުނު ނަމަވެސް، ކުއްޖާއާއި ކުއްޖާގެ ހަޒާނަތުހަވާލުވި ފަރާތް ފިޔަވައި އަނެއް ފަރާތާ ބައްދަލުކުރުމަށް ދެފަރާތުން އެއްބަސްވާގޮތަކަށް ނިންމިދާނެއެވެ. އެހެންނަމަވެސް، އެއްބަސްވުމަކަށް ނާދެވޭނަމަ، އެފަދަ ބައްދަލުވުންތައް ހަމަޖެހޭނެ ގޮތެއް، ކުއްޖާގެ މަ ސްލަހަތަށް ރިއާޔަތްކޮށް ކޯޓުން ކަނޑައަޅައިދޭންވާނެއެވެ.
63 ވަނަ މާއްދާ - ވަގުތީގޮތުން ހަޒާނަތު ހަވާލުކުރުން
ކުއްޖާގެ ހަޒާނަތު ހަވާލުކުރެވޭ ފަރާތް ފިޔަވައި އެހެން ފަރާތަކާ ވަގުތީގޮތުން ކުއްޖާގެ ހަޒާނަތު ކޯޓަށް ހަވާލުކުރެވިދާނެއެވެ.
64 ވަނަ މާއްދާ - މީލާދީ ގޮތުން 7 އަހަރު ފުރުމަށްފަހު އަމަލުކުރާނެ ގޮތް
ކުއްޖާގެ އުމުން 7 (ހަތެއް) އަހަރު ފުރުމުން، ނުވަތަ ކުއްޖާގެ ހަޒާނަތުގެ މުއްދަތު ހަމަވުމުން، ކޯޓުން އެހެން ގޮތަކަށް އަމުރު ނުކުރާނަމަ، އެ ކުއްޖެއްގެ މައިންބަފައިންކުރެ އެ ކުއްޖަކު އިހްތިޔާރުކުރާ މީހަކާއެކު، ދިރިއުޅުމުގެ ހައްގު އެ ކުއްޖަކަށް ލިބިގެންވެއެވެ.
65 ވަނަ މާއްދާ - ހަޒާނަތު ގެ މުއްދަތު
ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) ގެ ދަށުން، ހަޒާނަތު ހަވާލުކުރެވޭ މީހާއަށް ކުއްޖާގެ ހަޒާނަތު އޮންނާނީ، އެ ކުއްޖެއްގެ އުމުރުން ހިޖުރީގޮތުން 7 (ހަތެއް) އަހަރު ފުރެންދެންނެވެ. ނަމަވެސް ހަޒާނަތު ހަވާލުކުރެވޭ މީހާ ކޯޓުގައި އެދިއްޖެނަމަ،އަންހެންކުއްޖާގެ އުމުރުން ހިޖުރީގޮތުން 11 (އެގާރަ) އަހަރު ފުރެންދެން، އަދި ފިރިހެންކުއްޖާގެ އުމުރުން ހިޖުރީގޮތުން 9 (ނުވައެއް) އަހަރު ފުރެންދެން ކުއްޖާގެ ހަޒާނަތު އޭނާއާ ހަވާލުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
66 ވަނަ މާއްދާ - ހަޒާނަތު ގެ އަމުރާ ހިލާފުވުން
ކުއްޖާގެ އުމުރުން 7 (ހަތެއް) އަހަރު ފުރުނުއިރު ކުއްޖާގެ ހަޒާނަތު ވަކިގޮތަކަށް ނިމިފައިވަނިކޮށް ކުއްޖާގެ ހަޒާނަތު ހަވާލުކުރެވިފައިވާ ފަރާތަށް ނޭނގި ނުވަތަ އެ ފަރާތުގެ ހުއްދައަކާ ނުލައި ކުއްޖާ އެއްވެސް ހާލެއްގައި ގެންގޮސްގެން ނުވާނެއެވެ. އަދި ކުއްޖާ ދިރިއުޅޭ ރަށްނޫން އެހެން ރަށަކަށް ކުއްޖާ ގެންދެވިގެން ނުވާނެއެވެ. ކުއްޖާ ގެންދަން ބޭނުންވާނަމަ، ކުއްޖާ ގެންދެވޭނީ، ހަޒާނަތުގެ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހެޅުމަށްފަހު މައްސަލައެއް ނިމުމުން ހަޒާނަތު ހަވާލުވި ފަރާތަށެވެ.
67 ވަނަ މާއްދާ - ގާނޫނީ ބަލަދުވެރިޔާ އައްޔަނުކުރުން
ށަރުއީ ބަލަދުވެރިޔަކު ނެތް ހާލަތެއްގައި ކޯޓުން ގާނޫނީ ބަލަދުވެރިއަކު އައްޔަނު ކުރާއިރު، ކުއްޖާގެ މަސްލަހަތަށް ރިއާޔަތް ކުރަންވާނެއެވެ.
68 ވަނަ މާއްދާ - ކުއްޖާގެ މަސްލަހަތު ދެނެގަތުން
ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ކަނޑައެޅުމުގައި ތިރީގައި މިވާ ކަންތައްތަކަށް ރިއާޔަތް ކުރަންވާނެއެވެ.
(ހ) ކުއްޖާގެ އުމުރާއި ޖިންސު.
(ށ) ކުއްޖާގެ ބަލަދުވެރިއަކަށް އައްޔަނުކުރަން ގަސްތުކުރާ މީހާގެ އުޅުމާއި، އަހްލާގާއި، އޭނާއާއި ކުއްޖާއާ ދެމެދު ހުރި ގާތްތިމާގެކަމުގެ ގުޅުން.
(ނ) ކުއްޖާގެ ބަލަދުވެރިކަން ހަވާލުކުރަން ގަސްތުކޮށްފައިވާ ފަރާތަކީ ކުއްޖާގެ މުދަލާ އެއްވެސް މުއާމަލާތެއް ކުރިން ނުވަތަ މިހާރު ހިންގާ ފަރާތެއް ކަމުގައި ވާނަމަ، އެ މުއާމަލާތު ކުރިގޮތް.
(ރ) ކުއްޖާއަކީ އެ ކުއްޖާގެ ކަންތައްތަކުގައި ހެޔޮ ރަނަގަޅުކޮށް ނިންމޭވަރުގެ ކުއްޖަކަށްވާނަމަ، އެ ކުއްޖާ އެދޭ ފަރާތަކާ ބަދަލުވެރިކަން ހަވާލުކުރުމުގައި އިސްކަންދިނުން.
69 ވަނަ މާއްދާ - ގާނޫނީ ބަލަދުވެރިކަން
(ހ) ކުއްޖާގެ ށަރުއީ ބަލަދުވެރިއެއް ނެތުމުން ކުއްޖާގެ ގާނޫނީ ބަލަދުވެރިއަކަށް ކުއްޖާގެ މަންމަ އައްޔަނު ކުރުމުގެ އިހްތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
(ށ) ގާނޫނީ ބަލަދުވެރިއަކަށް ކުއްޖާގެ އެއްވެސް މުދަލަކާމެދު މުއާމަލާތު ކުރެވޭނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) ގެ 50 ވަނަ މާއްދާގެ
(ރ) އާއި (ބ) ގައިވާ ގޮތުގެ މަތީންނެވެ.
(ނ) ގާނޫނީ ބަލަދުވެރިޔާ، ކުއްޖާއަށް ލިބެން ހުރި އެއްވެސް މުދަލަކުން ނުވަތަ ފައިސާއަކުން ކުއްޖާގެ ހަރަދަށާއި، ތައުލީމަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ހަރަދެއް ފިޔަވައި އެހެން ހަރަދެއް ކޮށްގެން ނުވާނެއެވެ. މި ގޮތަށް ކުރެވޭ ހަރަދު މަހަކު 1،000 (އެއްހާސް) ރުފިޔާއަށްވުރެ އިތުރުވާނަމަ، ކޯޓަށް އެކަން ހުށަހަޅައިގެން، އެކަމުގެ ހުއްދަ ހޯދަންވާނެއެވެ. އަދި ކުއްޖާގެ މުދަލުން ކުއްޖާ ބެލެހެއްޓުމަށް އެކަށީގެންވާވަރަށް ނުލިބޭނަމަ، ކުއްޖާއަށް ލިބެންހުރި ފައިސާއިން ކޯޓުން ކަނޑައަޅާ މިންވަރަކަށް ފައިސާ ދޫކުރެވިދާނެއެވެ.
70 ވަނަ މާއްދާ - ކުއްޖާގެ ށަރުއީ ބަލަދު ވެރިކަން ނަގުލުވަމުންދާނެގޮތް
އުމުރުން 18 (އަށާރަ) އަހަރު ނުރުފޭ ކުއްޖެއްގެ ށަރުއީ ބަލަދުވެރިކަން ނަގުލުވަމުންދާނީ، ތިރީގައި ބަޔާންކޮށްފައިވާ ތަރުތީބުންނެވެ.
(ހ) ބައްޕަ (ށަރުއީ އެންމެ އިސް ބަދަލުވެރިޔާ)
(ށ) ކާފަ (ބައްޕަގެ ބައްޕަ ކިތަންމެ ދުރަކަށް ދިޔަސް)
(ނ) އެއްބަނޑުއެއްބަފާ އަހު.
(ރ) އެއްބަފާ އަހު.
(ބ) އެއްބަނޑުއެއްބަފާ އަހުގެ ފިރިހެންދަރި.
(ޅ) އެއްބަފާ އަހުގެ ފިރިހެންދަރި.
(ކ) ބައްޕަޔާ އެއްބަނޑުއެއްބަފާ ބޮޑުބޭބެ.
(އ) ބައްޕަޔާ އެއްބަފާ ބޮޑުބޭބެ.
(ވ) ބައްޕަޔާ އެއްބަނޑު އެއްބަފާ ބޮޑުބޭބެގެ ފިރިހެންދަރި.
(މ) ބައްޕަޔާ އެއްބަފާ ބޮޑުބޭބެގެ ފިރިހެންދަރި.
(ފ) ކާފަޔާ އެއްބަނޑުއެއްބަފާ ބޮޑުބޭބެ (ބައްޕަ ފަރާތުގެ)
(ދ) ކާފަޔާ އެއްބަފާ ބޮޑުބޭބެ (ބައްޕަ ފަރާތުގެ)
(ތ) ކާފަޔާ އެއްބަނޑުއެއްބަފާ ބޮޑުބޭބެގެ ފިރިހެންދަރި (ބައްޕަ ފަރާތުގެ)
(ލ) ކާފަޔާ އެއްބަފާ ބޮޑުބޭބެގެ ފިރިހެންދަރި (ބައްޕަ ފަރާތުގެ)
(ގ) މުނިކާފަޔާ ބެއްބަނޑު އެއްބަފާ ބޮޑުބޭބެ (ބައްޕަ ފަރާތުގެ)
71 ވަނަ މާއްދާ - ނަސަބު ސާބިތުކުރުން
ނަސަބު ސާބިތު ކުރެވޭނީ، ތިރީގައި ބަޔާންވެގެންވާ ގޮތުގެ މަތީނެވެ.
(ހ) ދެފިރިހެނުންގެ ހެކިބަސް.
(ށ) އިގުރާރުން: އިގުރާރަކީ، ފިރިހެނަކު މިވެނި ކުއްޖަކީ އޭނާގެ ކުއްޖެއް ކަމުގައި ބުނެ އިގުރާރުވުމެވެ. ނުވަތަ ކުއްޖަކު އޭނާއަކީ މިވެނި މީހެއްގެ ދަރިއެއްކަމަށް އިގްރާރުވުމެވެ. ނަމަވެސް އިގްރާރު ސައްހަވާނީ، އަންނަނިވި ށަރުތު ހަމަވުމުންނެވެ.
- ދޮގު އިގުރާރެއްކަމުގައި ބެލެވޭފަދަ މާއްދީ ހެކި ނެތުން؛ މިސާލަކަށް: އެ ދެމީހުންނަކީ ބައްޕައަކާއި ދަރިއެއް ކަމުގައި ބެލެވޭފަދަ އުމުރެއްގެ ދެމީހުން ކަމުގައިވުން؛
- އިގުރާރަކީ ށަރުއީގޮތުން ގަބޫލު ނުކުރެވޭފަދަ ދޮގު އިގުރާރެއް ކަމުގައި ނުވުން؛ މިސާލަކަށް: ދަރިއެއްކަމަށް އިގުރާރުވާ ކުއްޖަކީ އެހެން މީހަކަށް ނަސަބު ސާބިތުވެފައިވާ ކުއްޖެއް ކަމުގައި ނުވުން.
- އެ ކުއްޖާއަކީ ތިމާގެ އުފަން ދަރިއެއްކަމުގައި ބުނާ ބުނުމަކީ ކަނޑައެޅިގެން އެ ކުއްޖާގެ ނަސަބު ސާބިތުކުރުމަށް ޓަކައި ބުނާ ބުނުމެއް ކަމަށް ވުމާއި، އެ ބުނުމަކީ އިގުރާރުވާ މީހާއަށް މަންފާއެއް ލިބިގަތުމަށް ނުވަތަ ގެއްލުމަކުން ސަލާމަތްވުމަށް ބުނާ ބުނުމެއް ކަމުގައި ނުވުން.
(ނ) ގިނަ އަދަދެއްގެ މީހުން އެކަމަށް އިއްތިފާގުވުން.
(ރ) އިއްތިފާގުވުން ސައްހަވާނީ އަންނަނިވި ށަރުތުތަކާ އެކުގައެވެ.
- އިއްތިފާގުވާ މީހުންގެ އަދަދަކީ ދޮގެއްގެ މައްޗަށް އިއްތިފާގު ވެދާނެކަމަށް ބުއްދި ގަބޫލު ނުކުރާހައި ގިނަބަޔަކު ކަމުގައިވުން؛
- އިއްތިފާގުވާ ބަޔަކީ އެ ދެމީހުން ދަންނަ، އެ ދެމީހުންގެ ރަށުގެ ބަޔަކު ކަމުގައިވުން؛
- އެ ދެމީހުންގެ މައުލޫމާތު ލިބިހުރި މީހަކު ކަމުގައި އިންކާރު ނުކުރުން.
(ބ) މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އާއި، (ރ) ގައިވާ ގޮތުގެ މަތީން ނަސަބު ސާބިތުވާނީ، ތިރީގައި ބަޔާންވެގެންވާ ށަރުތުތައް ފުރިހަމަވުމާ އެކުގައެވެ.
- ނަސަބު ސާބިތުކުރެވޭ ކުއްޖާއަކީ ށަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތީން އޭނާގެ މަންމައާއި ބައްޕަ ކައިވެނި ކުރުމަށްފަހު ލިބިފައިވާ ކުއްޖެއް ކަމުގައިވުން؛
- އެ ކުއްޖާ ވިހައިފައިވަނީ ށަރުއީ ހަމަތަކުގެ މަތިން ދަރިލައްވާ މުއްދަތުގެ ތެރޭގައި ކަމުގައި ވުން.
72 ވަނަ މާއްދާ - އިނދެގެން ތިބި ދެމީހުން ބައްދަލުނުވާތާ އެއްއަހަރު ވުމަށްފަހު ވިހާކުދިން
(ހ) އެ ކުއްޖެއްގެ ނަސަބު ނަފީކުރަން ބޭނުންވާނަމަ، ކުއްޖާ ވިހޭ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށްފަހު ކުއްޖާގެ ނަސަބު ނަފީކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅޭނީ، ކުއްޖާގެ މަންމަ އެ ކުއްޖާ ވިހައިފައިވަނީ އެ ކުއްޖާގެ ނަސަބު ނަފީކުރެވޭ މީހާއާ ކައިވެނިކުރިތާ 6 (ހައެއް) މަސްދުވަހުގެ ކުރިން ނުވަތަ ވަރިކުރިތާ 1 (އެކެއް) އަހަރުދުވަހުގެ ފަހުންކަން އެނގޭ ލިޔުންތަކާއެކު ކޯޓަށް ހުށަހެޅުމުންނެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތީން ކުއްޖާގެ ނަސަބާމެދު ކޯޓުން ވަކިގޮތަކަށް ކަނޑަނާޅާހައި ހިނދަކު އެ ކުއްޖާގެ ކަންކަމުގައި ކޯޓުން މުއާމަލާތު ކުރެވޭނީ، އެ ކުއްޖާގެ އުފަންދުވަހުގެ ސެޓުފިކެޓުގައި ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި އެ ކުއްޖާގެ ނަސަބު ބަޔާންކޮށްފައިވާ ގޮތަށެވެ.
ފަނަރަވަނަ ބާބު
އާއިލީ މައްސަލަތައް ހައްލުކުރުން
73 ވަނަ މާއްދާ - އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ފޮނުވިދާނެ ބާވަތުގެ މައްސަލަތައް
(ހ) ވަރިވުމަށް ނުވަތަ ވަރިކުރުމަށްއެދި ކޯޓަށް ހުށަހެޅޭ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގެ ތެރެއިން އެ މައްސަލައެއްގައި ހިމެނޭ ދެފަރާތުން ވާހަކަދައްކައި ސުލްހަވެރި ހައްލަކަށް ވާސިލުވެވިދާނެކަމަށް ފެންނަ މައްސަލަތައް، "އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައި" އަށް ފޮނުވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވޭ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ އިޖުރާއަތުތައް، ކޯޓުގެ ކަމާބެހޭ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
ސޯޅަވަނަ ބާބު
އެހެނިހެން
74 ވަނަ މާއްދާ - ހިޖުރީ ތާރީހަށް ބަލަންޖެހޭ ކަންކަން
ތިރީގައިމިވާ ކަންތައްތަކުގައި ބަލަންވާނީ ހިޖުރީ ތާރީހަށެވެ.
(ހ) އިއްދަ ހަމަކުރުމާއި، އިއްދައިގެ ހަރަދު ލެއްވުން.
(ށ) ބާލިއުވުން.
(ނ) ދަރިލެއްވުން.
(ރ) ކައިވެންޏާއި ވަރި.
75 ވަނަ މާއްދާ - ކޯޓުގެ އިޖުރާއަތާ ގުޅޭ އުސޫލުތައް ކޯޓުން ކަނޑައެޅުން
(ހ) ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އާއިލީ މައްސަލަތައް ބެލުމުގައި، ކޯޓުން އަމަލުކުރާނެ ގޮތުގެ އިޖުރާއަތު ކަނޑައަޅާނީ، އަންނަނިވި އުސޫލުތައް ހިނމެނޭގޮތަށެވެ.
- ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅޭ އުސޫލުތައް؛
- ކޯޓަށް ލިޔެކިޔުން ބަލައިގަތުމާއި، ކޯޓުން ލިޔެކިޔުން ރައްދުކުރުމާ ގުޅޭ އުސޫލުތައް؛
- ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވުމާއި، އަމުރު ރައްދުކުރުމާ ގުޅޭ އުސޫލުތައް؛
- ކޯޓަށް ހާޒިރުވުމުގެ އަމުރާ އެއްގޮތަށް ހާޒިރުނުވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ އުސޫލުތައް؛
- ހެކިން ހާޒިރުކުރުމާ ގުޅޭ އުސޫލުތައް؛
- އާއިލީ މައްސަލަތަކުގެ ށަރީއަތްތައް ހިންގުމާބެހޭ އުސޫލުތައް؛
- ށަރީއަތުގެ އަޑުއެހުންތައް ކުރިޔަށްދާނެ ގޮތުގެ އާންމު އުސޫލުތައް؛
- ބަދަލު ހަމަޖެއްސުމާއި، ވަކީލުން އައްޔަނުކުރުމާ ގުޅޭ އުސޫލުތައް؛
- ހެކި ހުށަހެޅުމާ ގުޅޭ އުސޫލުތައް؛
- ހުކުމް ތަންފީޒުކުރުމުގެ ގޮތުގެ ކޯޓުން އަޅާ ފިޔަވަޅުތަކުގެ އިޖުރާތުތަކާބެހޭ އުސޫލުތައް.
(ށ) ފެމިލީ ކޯޓަށް ހުށަހެޅޭ އާއިލީ މައްސަލަތަކުގެ މައްޗަށް ހިނގާ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިޖުރާތުތަކާ ގުޅޭ އުސޫލުތައް ކަނޑައަޅާނީ، ފެމިލީ ކޯޓުންނެވެ. މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މައްޗަށް ހިނގާ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިޖުރާތުތަކާ ގުޅޭ އުސޫލުތައް ކަނޑައަޅާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
76 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އެ ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިއެ ވަނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) ގައި އެ ލަފުޒުތަކަށް ދީފައިވާ މާނަކުރުމެވެ.
77 ވަނަ މާއްދާ - ބާތިލުވާ އުސޫލުތައް
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކުރިން އަމަލުކުރަމުންއައި އުސޫލުތަކުގެ ތެރެއިން މި ގަވާއިދާ ތައާރުޒުވާ އުސޫލުތައް ބާތިލުވާނެއެވެ.
78 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 2022 ޖޫން 16 ވަނަ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
އާއިލާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2000-04)
ކިޔުންތެރިންގެ ހިޔާލު