-

ދައުލަތުގެ އޮފީސްތަކުން ކުރިޔަށް ގެންދާ ބީލަންތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2022-23)

1 ވަނަ މާއްދާ - ތައާރުފު 

މިއީ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 10:77 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ދައުލަތުގެ އޮފީސްތަކުން އާންމުކޮށް އިއުލާނުކޮށްގެން ކުރިޔަށްގެންދާ ބީލަންތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މައިގަނޑު މަގުސަދު ތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ދިވެހިރާއްޖޭގެ އިގްތިސާދުގައި ފުޅާކުރުމާއި، އެފަދަ ވިޔަފާރިތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީވުމުގެ ގާބިލުކަން ފަހިކޮށްދިނުމުގެ ގޮތުން، ދައުލަތުގެ އޮފީސްތަކުން ތަކެއްޗާއި ހިދުމަތް ހޯދުމުގައްޔާއި، މަސައްކަތް ކުރުވާއިރު، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިސްކަން ދިނުން.

(ށ) ދައުލަތުގެ އޮފީސްތަކުން، ތަކެއްޗާއި ހިދުމަތް ހޯދުމުގައްޔާއި މަސައްކަތް ކުރުވާއިރު، ހާމަކަންބޮޑު ހަމަހަމަ އުސޫލެއްގެ ތެރެއިން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ބީލަންވެރިންގެ ބައިވެރިވުން އިތުރުކުރުން.

(ނ) ދައުލަތުގެ އޮފީސްތަކުން، ތަކެއްޗާއި ހިދުމަތް ހޯދުމުގައްޔާއި މަސައްކަތް ކުރުވާއިރު، ދިވެހިންނަށް އިސްކަންދިނުން.

 

3 ވަނަ މާއްދާ - އިސްކަންދޭނެ އުސޫލު

(ހ) ދައުލަތުގެ އިދާރާތަކުން ކުރިޔަށްގެންދާ 2،500،000 (ދެ މިލިޔަން ފަސްލައްކަ) ރުފިޔާއާއި 5،000،000 (ފަސް މިލިޔަން) ރުފިޔާއާ ދެމެދުގެ ޕްރޮކިއުމަންޓްތައް ހަވާލުކުރުމުގައި، ތިރީގައިވާ ގޮތަށް އަމަލު ކުރަންވާނެއެވެ.

  1. ފާސްވި ބީލަންވެރިންގެ ތެރޭގައި އެ ރަށަކަށް ނިސްބަތްވާ ފަރާތެއް ހިމެނޭކަމުގައި ވާނަމަ، އެ ރަށަށް ނިސްބަތްވާ ބީލަންވެރިންގެ ތެރެއިން އެންމެ މަތިން ރޭންކް ކުރެވޭ ފަރާތުން ހުށަހެޅި ބީލަމުގެ އަގާއި، މުޅި ބީލަމުގައި އެންމެ މަތިން ރޭންކް ކުރެވިފައިވާ ފަރާތުން ހުށަހެޅި ބީލަމުގެ އަގުގެ ފަރަގު %10 (ދިހައެއް އިންސައްތަ) އަށްވުރެ ބޮޑުނުވާ ކަމުގައި ވާނަމަ، އެ ރަށަކަށް ނިސްބަތްވާ ފަރާތާ ބީލަން ހަވާލުކުރަން ނިންމަންވާނެއެވެ.
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތަށް ފެތޭ ބީލަމެއް ނެތް ނަމަ، ފާސްވި ބީލަންވެރިންގެ ތެރޭގައި އެ އަތޮޅަކަށް ނިސްބަތްވާ ފަރާތެއް ހިމެނޭތޯ ބަލަންވާނެއެވެ. އެގޮތުން، އެ އަތޮޅަށް ނިސްބަތްވާ ބީލަންވެރިންގެ ތެރެއިން އެންމެ މަތިން ރޭންކް ކުރެވޭ ފަރާތުން ހުށަހެޅި ބީލަމުގެ އަގާއި، މުޅި ބީލަމުގައި އެންމެ މަތިން ރޭންކް ކުރެވިފައިވާ ފަރާތުން ހުށަހެޅި ބީލަމުގެ އަގުގެ ފަރަގު %5 (ފަހެއް އިންސައްތަ) އަށް ވުރެ ބޮޑުނުވާ ކަމުގައި ވާނަމަ، އެ އަތޮޅަކަށް ނިސްބަތްވާ ފަރާތާ ބީލަން ހަވާލުކުރަން ނިންމަންވާނެއެވެ.
  3. މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތަށް ފެތޭ ބީލަމެއް ނެތްނަމަ، އެންމެ މަތިން ރޭންކް ކުރެވިފައިވާ ދިވެހި ފަރާތާ ބީލަން ހަވާލުކުރަން ނިންމަންވާނެއެވެ.
  4. މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތަށް ފެތޭ ބީލަމެއް ނެތްނަމަ، އެންމެ މަތިން ރޭންކް ކުރެވިފައިވާ ފަރާތާ ބީލަން ހަވާލުކުރަން ނިންމަންވާނެއެވެ.

(ށ) ދައުލަތުގެ އޮފީސްތަކުން ކުރިޔަށްގެންދާ 2،500،000 (ދެ މިލިޔަން ފަސްލައްކަ) ރުފިޔާއަށްވުރެ ކުދި ޕްރޮކިއުމަންޓްތައް  ހަވާލުކުރުމުގައި ތިރީގައިވާ ގޮތަށް އަމަލު ކުރަން ވާނެއެވެ.

  1. އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް ފާސްވި ބީލަންވެރިންގެ ތެރޭގައި ހިމެނޭ ކަމުގައި ވާނަމަ، އެ ފަރާތުން ހުށަހެޅި ބީލަމުގެ އަގާއި، މުޅި ބީލަމުގައި އެންމެ މަތިން ރޭންކް ކުރެވިފައިވާ ފަރާތުން ހުށަހެޅި ބީލަމުގެ އަގުގެ ފަރަގު %15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނުވާ ކަމުގައި ވާނަމަ، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތާ ބީލަން ހަވާލުކުރަން ނިންމަންވާނެއެވެ.
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތަށް ފެތޭ ބީލަމެއް ނެތްނަމަ، ފާސްވި ބީލަންވެރިންގެ ތެރޭގައި އެ ރަށަކަށް ނިސްބަތްވާ ފަރާތެއް ހިމެނޭ ކަމުގައި ވާނަމަ، އެ ރަށަށް ނިސްބަތްވާ ބީލަންވެރިންގެ ތެރެއިން އެންމެ މަތިން ރޭންކް ކުރެވޭ ފަރާތުން ހުށަހެޅި ބީލަމުގެ އަގާއި، މުޅި ބީލަމުގައި އެންމެ މަތިން ރޭންކް ކުރެވިފައިވާ ފަރާތުން ހުށަހެޅި ބީލަމުގެ އަގުގެ ފަރަގު %10 (ދިހައެއް އިންސައްތަ) އަށްވުރެ ބޮޑުނުވާ ކަމުގައި ވާނަމަ، އެ ރަށަކަށް ނިސްބަތްވާ ފަރާތާ ބީލަން ހަވާލުކުރަން ނިންމަންވާނެއެވެ.
  3. މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތަށް ފެތޭ ބީލަމެއް ނެތް ނަމަ، ފާސްވި ބީލަންވެރިންގެ ތެރޭގައި އެ އަތޮޅަކަށް ނިސްބަތްވާ ފަރާތެއް ހިމެނޭތޯ ބަލަންވާނެއެވެ. އެގޮތުން، އެ އަތޮޅަށް ނިސްބަތްވާ ބީލަންވެރިންގެ ތެރެއިން އެންމެ މަތިން ރޭންކް ކުރެވޭ ފަރާތުން ހުށަހެޅި ބީލަމުގެ އަގާއި، މުޅި ބީލަމުގައި އެންމެ މަތިން ރޭންކް ކުރެވިފައިވާ ފަރާތުން ހުށަހެޅި ބީލަމުގެ އަގުގެ ފަރަގު %5 (ފަހެއް އިންސައްތަ) އަށްވުރެ ބޮޑުނުވާ ކަމުގައި ވާނަމަ، އެ އަތޮޅަކަށް ނިސްބަތްވާ ފަރާތާ ބީލަން ހަވާލުކުރަން ނިންމަންވާނެއެވެ.
  4. މި އަކުރުގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައި ބަޔާންކޮ ށްފައިވާ ހާލަތަށް ފެތޭ ބީލަމެއް ނެތްނަމަ، އެންމެ މަތިން ރޭންކް ކުރެވިފައިވާ ދިވެހި ފަރާތާ ބީލަން ހަވާލުކުރަން ނިންމަންވާނެއެވެ.
  5. މި އަކުރުގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތަށް ފެތޭ ބީލަމެއް ނެތްނަމަ، އެންމެ މަތިން ރޭންކް ކުރެވިފައިވާ ފަރާތާ ބީލަން ހަވާލުކުރަން ނިންމަންވާނެއެވެ.

 

4 ވަނަ މާއްދާ - ބީލަންވެރިން ނިސްބަތްވާ ސަރަހައްދު ކަނޑައަޅާނެ މިންގަނޑު 

މި އުސޫލުގެ ބޭނުމަށް، ވަކި ސަރަހައްދަކަށް ނިސްބަތްވާ ވިޔަފާރިއެއްގެ ގޮތުގައި ބެލެވޭނެ ގޮތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ބީލަންވެރިއަކީ އަމިއްލަ ފަރުދެއް ނަމަ، އެ ފަރާތެއްގެ ދާއިމީ އެޑްރެހަށް ބަލައިގެން. ނުވަތަ؛

(ށ) ބީލަންވެރިއަކީ ފަރުދަކަށް ނުވާ ވިޔަފާރިއެއް ނަމަ، އެ ވިޔަފާރިއެއް ރަޖިސްޓަރީކޮށްފައިވާ ރަށަށް ބަލައިގެން.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ވިޔަފާރިއެއް ނިސްބަތްވާ ސަރަހައްދުގެ ގޮތުގައި ބަލަންވާނީ، އަންނަނިވި ގޮތަށެވެ.

  1. ބީލަންވެރިއަކީ އަމިއްލަ ފަރުދެއް ނަމަ، ބީލަން އިއުލާނުކުރި އަހަރުގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހު އެ ފަރާތް ރަޖިސްޓަރީކޮށްފައިވާ ދާއިމީ އެޑްރެހަށް؛ ނުވަތަ
  2. ބީލަމަށް އިއުލާނުކުރި އަހަރުގެ ކުރިން ރަޖިސްޓަރީވެފައިވާ ވިޔަފާރިއެއް ނަމަ، ބީލަން އިއުލާނުކުރި އަހަރުގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހު އެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ރަށަށް؛ ނުވަތަ
  3. ބީލަމަށް އިއުލާނުކުރި އަހަރުގެ ތެރޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއް ނަމަ، އެ ވިޔަފާރިއެއް އެންމެ ފުރަތަމަ ރަޖިސްޓަރީކޮށްފައިވާ ރަށަށެވެ.

 

5 ވަނަ މާއްދާ - ބީލަމެއް ނިސްބަތްވާ ސަރަހައްދު ކަނޑައަޅާނެ މިންގަނޑު 

މި އުސޫލުގެ ބޭނުމަށް، ބީލަމެއް ނިސްބަތްވާ ސަރަހައްދު ކަނޑައަޅާނީ، އަންނަނިވި ގޮތަށެވެ.

(ހ) ވަކި ރަށަކަށް ނިސްބަތްކޮށް ހުޅުވައިލާ ބީލަން އެ ރަށަކަށް ނިސްބަތްވުން.

(ށ) ވަކި ރަށަކަށް މަންފާވާގޮތަށް ހުޅުވައިލާ ބީލަން އެ ރަށަކަށް ނިސްބަތްވުން.

(ނ) އަތޮޅުތެރޭގައި ގާއިމުވެފައި ހުރި ދައުލަތުގެ އޮފީހަކުން ހުޅުވައި ލާ ބީލަންތައް އެ އޮފީސް ގާއިމުވެފައި ހުރި ރަށަކަށް ނިސްބަތްވުން.

(ރ) އެއް ރަށަކަށްވުރެ ގިނަ ރަށްތަކަށް ނިސްބަތްކޮށް ހުޅުވައިލާ ބީލަންތަކުގައި އެ ބީލަމުގައި ހިމެނޭ އަދި އެ ބީލަމަކުން މަންފާކުރާ ހުރިހާ ރަށަކަށް ނިސްބަތްވުން.

 

6 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރުން އިސްތިސްނާވާ ހާލަތްތައް 

މި އުސޫލަށް އަމަލުކުރުމުގައި، އަންނަނިވި ހާލަތްތައް އިސްތިސްނާވާނެއެވެ.

(ހ) ނޭށަނަލް ޓެންޑަރ ބޯޑުން އެވޯޑުކުރާ ޕްރޮކިއުމަންޓްތައް. އަދި؛

(ށ) ލޯނާއި ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާއިން ކުރިޔަށްގެންދަން ނިންމައިފައިވާ ޕްރޮކިއުންޓްތަކުގައި، އެ ލޯނު ނުވަތަ ގްރާންޓް ދޭ ފަރާތުގެ ޕްރޮކިއުމަންޓަށް އަމަލުކުރުމަށް ލާޒިމުކުރާ ޕްރޮކިއުމަންޓްތައް.

 

7  ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 10:77 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

8 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، މި އުސޫލުގައި ބޭނުންކޮށްފައިވާ، އަންނަނިވި ލަފު ޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ދައުލަތުގެ އޮފީސްތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ގާނޫނު އަސާސީއާއި ގާނޫނުގެ ދަށުން އުފެދޭ އެންމެހައި އޮފީސްތަކާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށެވެ.

(ށ) "އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރި" ތަކުގެ ގޮތުގައި ބެލެވޭނީ، ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށެވެ.

(ނ) "އަތޮޅު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ހުރިހާ އިދާރީ ދާއިރާތަކަށެވެ. 

 

9 ވަނަ މާއްދާ - އުވައިލެވޭ އުސޫލު

(ހ) މި އުސޫލަށް އަމަލު ކުރާން ފެށުމާއެކު، 10 ފެބުރުވަރީ 2021 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "ދައުލަތުގެ އޮފީސްތަކުން ކުރިޔަށްގެންދާ ބީލަންތަކުގައި ސަރަހައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުސޫލު" އުވުނީއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި އުސޫލަށް އަމަލުކުރާން ފެށުމާ ހަމަޔަށް ބިޑް ހުށަހަޅައިފައިވާ ޕްރޮކިއުމަންޓްތައް އެވޯޑްކުރުމުގައި އަމަލު ކުރެވޭނީ، 10 ފެބުރުވަރީ 2021 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "ދައުލަތުގެ އޮފީސްތަކުން ކުރިޔަށްގެންދާ ބީލަންތަކުގައި ސަރަހައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުސޫލު" އަށެވެ.

 

މައި ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 20/2017)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު