-

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރު މުގައި އަމަލުކުރާ އުސޫލު

(އުސޫލު ނަންބަރު 2022-16)

1 ވަނަ މާއްދާ - ތައާރުފު

މިއީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ތެރެއިން އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރުވުމުން އިނާޔަތް ލިބޭ ގޮތަށް ވަޒީފާއިން ވަކިކުރާ މުވައްޒަފުންނާއި، އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން އިނާޔަތް ލިބޭގޮތަށް ވަޒީފާއިން ވަކިކުރާ މުވައްޒަފުން ވަކިކުރުމުގައި އަމަލުކުރާނެ އުސޫލެވެ.

 

2 ވަނަ މާއްދާ - ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންނަށް އިނާޔަތް ހަމަޖައްސައިދިނުން

(ހ) އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް އަމިއްލައަށް އެދިގެން ވަދެފައިވާ މުވައްޒަފުންގެ ތެރެއިން އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރުވުމުން ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންނަށާއި، އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންނަށް މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާއިން މުސްކުޅިކުރުމުގެ އިނާޔަތް އޮފީހުން ހަމަޖައްސައިދޭންވާނެއެވެ.

(ށ) އޮޑިޓަރ ޖެނެރަލް އައްޔަނު ކޮށްފައިވާ މަގާމެއްގައި ވަޒީފާ އަދާކުރާ މުވައްޒަފަކު ވަޒީފާއިން ވަކިވާނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގަވާއިދުގެ 11 ވަނަ ބާބުގެ 11.9 ގެ (ނ) ގައިވާ ގޮތުގެ މަތީން އޮފީހުން އިނާޔަތް ހަމަޖައްސައިދޭން ވާނެއެވެ.

 

3 ވަނަ މާއްދާ - ވަޒީފާއިން މުސްކުޅިކުރުން

(ހ) މި އުސޫލުގެ ދަށުން މުވައްޒަފަކު ވަޒީފާއިން މުސްކުޅި ކުރެވޭނެ ހާލަތްތައް 
ތިރީގައި މިވަނީއެވެ.

  1. އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރިހަމަވުމުން މުވައްޒަފު ވަޒީފާއިން މުސްކުޅިކޮށް ވަކިކުރު ން؛ 
  2. އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން އަމިއްލައަށް އެދިގެން ނޫންގޮތަކަށް މުސްކުޅިކޮށް ވަކިކުރުން؛
  3. އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން، އަމިއްލައަށް އެދިގެން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރު ން.

(ށ) އުމުރުން 55 (ފަންސާސްފަހެއް) އަހަރު ފުރިފައިވާ މުވައްޒަފުން، އަންނަނިވި ހާލަތްތަކުން ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވިދާނެއެވެ.

  1. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅައިފައިވާ ނިޒާމުގެ ތެރެއިން އެ މުވައްޒަފެއްގެ މަސައްކަތް އިވެލުއޭޓްކޮށް ބެލިއިރު، އެކަށީގެންވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅައިފައިވާ މިންވަރަށްވުރެ މަސައްކަތުގެ ފެންވަރު ދަށްވުން؛
  2. މުވައްޒަފުގެ ބަލިހާލަތު ހުރިގޮތުން، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން، ވަޒީފާ އަދާކުރުމަށް ނުކުޅެދިގެން،ސިއްހީ ކަންކަމާބެހޭ ވުޒާރާގައި ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު އެކަން ބަޔާންކޮށް ލިޔުމެއް ދޫކުރުން؛
  3. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮނިގަނޑަށް ގެންނަ ބަދަލެއްގެ ސަބަބުން،ނުވަތަ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ހިންގުމަށް ގެންނަ ބަދަލެއްގެ ސަބަބުން، މަސައްކަތް އުނިވެ، މަސައްކަތް ކުރަން ތިބި މުވައްޒަފުން އިތުރުވެ، އިތުރުވާ މުވައްޒަފުންގެ ތެރޭގައި އުމުރުން 55 (ފަންސާސްފަހެއް) އަހަރު ނުވަތަ އެއަށްވުރެ މަތީ އުމުރެއްގެ މުވައްޒަފަކު ހުރުން؛
  4. މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާ ތަމްރީނެއް ނުވަތަ ހުނަރެއް ލިބިފައި ނެތުމުގެ ސަބަބުން ވަޒީފާ އަދާނުކުރެވޭނަމަ، އެ ތަމްރީނެއް ނުވަތަ ހުނަރެއް ލިބިގަތުމުގެ ފުރުސަތު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތަނަވަސްކޮށްދިނުމަށްފަހު، މުވައްޒަފު އެ ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ، ނުވަތަ ދިން ފުރުސަތާ ގުޅިގެން، ހާސިލުކުރަންޖެހޭ މިންވަރަށް މައުލޫމާތު ނުވަތަ ހުނަރު މުވައްޒަފަށް ހޯދިފައި ނުވުން.

(ނ) އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ތެރެއިން އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރޭ މުވައްޒަފުން، މި އުސޫލުގައިވާ ގޮތުގެ މަތީން ވަފީފާއިން މުސްކުޅިކޮށް، ވަޒީފާއިން ވަކިކުރަންވާނެއެވެ.

(ރ) އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފެއްގެ އުމުރުން 55 (ފަންސާސްފަހެއް) އަހަރު ފުރުމުން، އެ މުވައްޒަފަކު ބޭނުންނަމަ، މުވައްޒަފު އަމިއްލައަށް އެދުމުން، މި އުސޫލުގައިވާ ގޮތުގެ މަތީން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުމުގެ އިހްތިޔާރު އޮޑިޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންގެ އިނާޔަތް ދިނުން

ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންނަށް އިނާޔަތް ދެވޭނީ، ތިރީގައިމިވާ ގޮތަށެވެ.

(ހ) އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުން ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވަނީ އެއްފަހަރާ ގަނޑުކޮށް ދޭ އިނާޔަތާއި، ރިޓަޔަރމަންޓް ޕެންށަނެވެ.

(ށ) އުމުރުން 55 (ފަންސާސްފަހެއް) އަހަރު ފުރުމުން އަމިއްލައަށް އެދިގެން ނޫންގޮތަކަށް މުސްކުޅިކުރެވޭ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވަނީ އެއްފަހަރާ ގަނޑުކޮށް ދޭ އިނާޔަތާއި، މަހުން މަހަށް އެ މީހަކަށް އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ވަންދެން ދެމުން ގެންދާ އިނާޔަތެވެ. އަދި 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުން އެ މީހަކަށް ލިބެމުންދާނީ،ރިޓަޔަރމަންޓް ޕެންށަނެވެ.

(ނ) އުމުރުން 55 (ފަންސާސްފަހެއް) އަހަރު ފުރުމުން، ސިއްހީ ހާލަތެއް މެދުވެރިވުމުގެ ސަބަބުން މުސްކުޅިކުރާ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވަނީ އެއްފަހަރާ ގަނޑުކޮށް ދޭ އިނާޔަތާއި، މަހުން މަހަށް އެ މީހަކަށް އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ވަންދެން ދެމުންގެންދާ އިނާޔަތެވެ. އަދި 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުން އެ މީހަކަށް ލިބެމުންދާނީ ، ރިޓަޔަރމަންޓް ޕެންށަނެވެ.

(ރ) އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން، ސިއްހީ ސަބަބެއްނެތި އަމިއްލައަށް އެދިގެން ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވަނީ، މަހުން މަހަށް، އެ މީހަކަށް އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ވަންދެން ދެމުންގެންދާ އިނާޔަތެވެ. އަދި 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުން ލިބެމުންދާނީ، ރިޓަޔަރމަންޓް ޕެންށަނެވެ.

 

5 ވަނަ މާއްދާ - ވަޒީފާއިން މުސްކުޅިކުރާއިރު އެއްފަހަރާ ގަނޑުކޮށް ދޭއިނާޔަތް

(ހ) ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފު، ދައުލަތަށް ހިދުމަތް ކޮށްފައިވަނީ 30 (ތިރީސް) އަހަރަށްވުރެ ކުރު މުއްދަތެއްގައި ކަމަށް ވާނަމަ، މުސްކުޅިކުރިއިރު ލިބެމުން އައި މުސާރައިގެ 1/3 (ތިންބައިކުޅައެއްބައި) އަށް ޖެހޭ އަދަދު، އެ މީހަކު ދައުލަތަށް ހިދުމަތްކުރި ޖުމުލަ އަހަރުގެ އަދަދާ ގުނަކުރުމުން ޖެހޭ އަދަދުގެ ފައިސާ އެއްފަހަރާ އެ މީހަކަށް ދޭންވާނެއެވެ.

(ށ) ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފު، ދައުލަތަށް ހިދުމަތްކޮށްފައިވަނީ 30 ( ތިރީސް) އަހަރު ނަމަ، ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ކަމަށް ވާނަމަ، އެ މީހަކު ވަޒީފާއިން މުސްކުޅިކުރާއިރު ލިބެމުން އައި މުސާރައިގެ 1/2 (ދެބައިކުޅައެއްބައި) އަށް ޖެހޭ އަދަދު، އެ މީހަކު ދައުލަތަށް ހިދުމަތްކުރި ޖުމުލަ އަހަރުގެ އަދަދާ ގުނަކުރުމުން ޖެހޭ އަދަދުގެ ފައިސާ އެއްފަހަރާ އެ މީހަކަށް ދޭންވާނެއެވެ.

 

6 ވަނަ މާއްދާ - މުސްކުޅިކުރާ މުވައްޒަފުންނަށް މަހަކު ލިބޭނެ އިނާޔަތް ހިސާބުކުރުން

ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންނަށް މަހަކު ދޭނެ އިނާޔަތް ހިސާބުކުރާނީ، އެ މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރާއިރު ލިބެމުން އައި މުސާރައިގެ 1/40 (ސާޅީސްބައިކުޅަ އެއްބައި) އެ މުވައްޒަފަކު ދައުލަތަށް ހިދުމަތްކުރި ޖުމުލަ އަހަރުގެ އަދަދާ ގުނަކުރުމުން ލިބޭ އަދަދުގެ ފައިސާ، އެއީ އެ މީހަކު އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ވަންދެން މަހަކަށް ދެމުންގެންދާ އިނާޔަތް ކަމުގައި ބަލައިގެންނެވެ.

 

79 ވަނަ މާއްދާ - ސިއްހީ ހާލަތެއް މެދުވެރިވުމުގެ ސަބަބުން އަމިއްލައަށް އެދިގެން މުސްކުޅިކުރާ މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތް

55 (ފަންސާސްފަހެއް) އަހަރުވެފައިވާ މުވައްޒަފަކަށް ސިއްހީ ހާލަތެއް މެދުވެރިވެގެން ވަޒީފާ އަދާކުރުމަށް އުޒުރުވެރިވެއްޖެނަމަ، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ނުވަތަ ރާއްޖެއިން ބޭރުގެ ސިއްހީ ހިދުމަތްދޭ ތަނަކުން ހާލަތު ބަޔާންކޮށް ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓެއް ނުވަތަ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގައިވާ ގޮތަށް މުސްކުޅިކުރާ މުވައްޒަފުންނަށް އިނާޔަތް ދޭނީ، މި އުސޫލުގެ 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

 

8 ވަނަ މާއްދާ - މުސްކުޅިކުރާ މުވައްޒަފުން ގެހިދުމަތުގެ އަހަރު ބަލާނެ ގޮތް

  • ވަޒީފާއިން މުސްކުޅި ކުރާއިރު ހިދުމަތުގެ އަހަރެއްގެ ގޮތުގައި ބަލާނީ، އެ މީހަކު ދައުލަތުގެ ވަޒީފާ އަދާކުރި ޖުމުލަ މުއްދަތަށެވެ. އެއީ އަހަރާއި މަހާއި ދުވަސް ހިދުމަތުގެ އަހަރުގެ ގޮތުގައި ގުނައިގެންނެވެ. ތިރީގައި މިވަނީ، ވަޒިފާއިން މުސްކުޅި ކުރެވޭއިރު، ހިދުމަތުގެ މުއްދަތު ހިސާބުކުރާނެ ގޮތުގެ މިސާލެވެ.
    މިސާލު: ވަޒީފާއިން މުސްކުޅި ކުރާއިރު ހިދުމަތުގައި ހޭދަކޮށްފައިވަނީ 29 އަހަރާއި 10 މަހާއި 10 ދުވަސް ކަމުގައި ވާނަމަ، އަހަރު ހިސާބު ކުރާނީ ތިރީގައިވާ ގޮތަށެވެ. 
    29 އަހަރު +
    10 މަސް = 10/12 = 0.83 އަހަރު +
    10 ދުވަސް = 10/365 = 0.0.3 އަހަރު 
    ޖުމުލަ ހިދުމަތުގެ އަހަރު = 0.0.3+0.83+29 =29.86 އަހަރު

 

9 ވަނަ މާއްދާ - ފައިސާ ދިނުމަށް ޓަކައި ހިދުމަތުގެ މުއްދަތު ގުނުން

(ހ) ދައުލަތުގެ ވަޒީފާގައި ހިދުމަތްކުރި މުއްދަތު ބަލާނީ، އެ މުވައްޒަފަކު ދައުލަތުގެ އެކިއެކި މުއައްސަސާތަކުގައި ވަޒީފާ އަދާކޮށްފައިވާ މުއްދަތު ގުޅުވައިލައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ އުސޫލުން ދައުލަތުގެ ވަޒީފާގައި ހިދުމަތްކުރި ޖުމުލަ މުއްދަތު ބެލިނަމަވެސް، ވަޒީފާއިން ވަކިވާއިރު އެއްފަހަރާ ގަނޑުކޮށް ދޭނެ ފައިސާގެ އަދަދު ބެލުމަށް މުއްދަތު ބަލާއިރު، ދައުލަތުގެ ވަޒީފާ މެދުކެނޑިގެން ގޮސްފައިވާ މުއްދަތާއި، ނޯޕޭ ލީވުގައި ހުރެފައިވާ މުއްދަތާއި، ހިދުމަތް ނުލިބޭ ގޮތަށް ސްކޮލަރށިޕުގައި ނުވަތަ ޓްރޭނިންގ ލީވުގައި ހުރެފައިވާ މުއްދަތާއި، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ ދައުލަތުގެ ހިއްސާ އޮންނަ ކުންފުންޏަކުން ރިޓަޔަރމަންޓް ޕެކޭޖް ނަގައިގެން ވަޒީފާއިން ވަކިވުމަށްފަހު ދެވަނަފަހަރަށް ހިދުމަތާ ގުޅިފައިވާނަމަ، ކުރިން ނެގި ރިޓަޔަރމަންޓް ޕެކޭޖް ނެގުމުގައި ހިދުމަތްކޮށްފައިވާ މުއްދަތުގެ ގޮތުގައި ބަލައިފައިވާ މުއްދަތު ވެސް،ދައުލަތުގެ ވަޒީފާގައި ހިދުމަތްކުރި ޖުމުލަ މުއްދަތުގެ ތެރެއިން އުނިކުރަން ވާނެއެވެ.

 

10 ވަނަ މާއްދާ - އެހެނިހެން ކަންކަން

(ހ) އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފު ދައުލަތުން މުސާރައާއި އިނާޔަތް ލިބޭގޮތަށް ދާއިމީ ވަޒީފާއެއް އަދާކުރަން ފަށާ ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެކަން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އެންގުމަށް ލާޒިމުވާ އިގުރާރެއްގައި، މުވައްޒަފު ވަޒީފާއިން މުސްކުޅިކުރުމުގެ ކުރިން އެ މުވައްޒަފަކު ލައްވައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ސޮއިކުރުވަން ވާނެއެވެ.

(ށ) މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރަން ނިންމައިފައިވާކަން 1 (އެކެއް) މަސްދުވަހުގެ ކުރިން އެ މުވައްޒަފަކަށް ލިޔުމުން އަންގަންވާނެއެވެ. މިގޮތުން އަންގާނީ، 65 (ފަސްދޮޅަސްފަހެއް) އަހަރުވެގެން މުސްކުޅިކުރާ މުވައްޒަފުންނަށާއި 55 (ފަންސާސްފަހެއް) އަހަރު ވެފައިވާ މުވައްޒަފުންގެ ތެރެއިން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބޭނުންވެގެން މުސްކުޅިކުރާ މުވައްޒަފުންނަށެވެ.

 

1112 ވަނަ މާއްދާ - މާނަކުރުން

ރިޓަޔަރމަންޓް ޕެންށަންކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރިޓަޔަރމަންޓް ބެނިފިޓަށެވެ.

 

12 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފަށާ ތާރީހު

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. އެ ތާރީހުން ފެށިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގަވާއިދު (2017) ގެ 12 ވަނަ ބާބުގެ ގޮތުގައި މި އުސޫލު ހިމެނޭނެއެވެ.

 

މައި ގާނޫނު/ގަވާއިދު

އަދި ނުހިމެނި

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު