-

އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު 

(އުސޫލު ނަންބަރު 2022-04)

(މި އުސޫލުވަނީ އުސޫލު ނަންބަރު 2024-30 ގެ 31 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފު 

މި އުސޫލަކީ، މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރާއްޖެއިން ހައްޖަށާއި އުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް އެކަމަށް ހުއްދަ ދިނުމާއި، އެފަދަ ކުންފުނިތަކުގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، ހައްޖާއި އުމްރާގެ ކަންތައްތައް ބެލެހެއްޓުމާ ގުޅޭ އުސޫލުތައް އެކުލަވައިލައި، އެ އުސޫލުތަކާ އެއްގޮތަށް ހައްޖާއި އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން އަމަލުކުރަމުންދާކަން ކަށަވަރުކުރުން ހިމަނައިފައިވާތީ، ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ގުޅޭގޮތުން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ، "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދާއި ބޭނުން

މި އުސޫލުގެ ބޭނުމަކީ، އަންނަނިވި މަގުސަދުތައް ހާސިލުކުރުމެވެ.

(ހ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދާ ފަރާތްތަކާއި، އުމްރާވެރީންގެ ހައްގުތައް ހިމާޔަތްކޮށްދިނުން.

(ށ) އުމްރާއަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންގެ ފައިސާ ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެ ގޮތްތަކާއި، ފެންވަރު ރަނގަޅު ހިދުމަތެއް ލިބޭނެފަދަ އިންތިޒާމެއް ހަމަޖައްސައިދިނުން.

(ނ) ދިވެހިރާއްޖެއިން އުމްރާގެ ހިދުމަތް ދޭ ކުންފުނިތަކުގެ އުމްރާގެ ހިދުމަތާ ގުޅޭ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުން.

(ރ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދާ ކުންފުނިތައް ޒިންމާދާރުކުރުވައި، މިކަމާ ގުޅޭގޮތުން ހަދައިފައިވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުވުން.

 

4 ވަނަ މާއްދާ - ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދިނުމާއި، ހުއްދައިގެ މުއްދަތު 

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދޫކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. 

(ހ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދޫކުރެވޭނީ، ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުގެ ގޮތުން މިނިސްޓްރީން އިއުލާނު ކުރުމުން ، އެ އިއުލާނުގެ މުއްދަތުގައި ހުއްދައަށް އެދި ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން، ށަރުތު ފުރިހަމަވާ ކުންފުނިތަކަށެވެ.

(ށ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ދޫކުރާނީ، 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށެވެ.

 

5 ވަނަ މާއްދާ - ޕްރޮޕޯޒަލް ހުށަހަޅާ ކުންފުނިތަކުގައި ހުންނަންޖެހޭ ށަރުތުތައް 

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ، މި އުސޫލުގައިވާ ގޮތުގެ މަތީން، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ކުންފުނިތަކަށެވެ. 

(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކުގެ މަގުސަދުތަކުގެ ތެރޭގައި އުމްރާއަށް މީހުން ގެންދިޔުމުގެ ހިދުމަތްދިނުން ހިމެނިފައިވާ، %100 (ސައްތައިން ސައްތަ) ދިވެހީންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވުން.

(ށ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ، ހުއްދައަށް އެދި ހުށަހަޅާއިރު ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން، ނުވަތަ ހުއްދައަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތުގައި އޭނާގެ މައްޗަށް ޖިނާއީ ހުކުމެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން، ނުވަތަ އެ މުއްދަތުގައި ޖިނާއީ ކުށްތަކުގެ ތެރެއިން ފައިސާގެ ހިޔާނަތާބެހޭ އެއްވެސް މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހެއް ކަމުގައި ނުވުމާއި، އެ ފަދަ މައްސަލައެއް ށަރުއީ ކޯޓެއްގައި ހިނގަމުންދާ ފަރާތެއް ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ހިމެނިފައި ނުވުން.

 

6 ވަނަ މާއްދާ - ޕްރޮޕޯޒަލް ހުށަހެޅުން

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ މައްޗަށް ހިމެނޭ ޕްރޮޕޯޒަލެއް ހުށަހަޅަންވާނެއެވެ. 

(ހ) ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ ހުއްދަ އޮތް ގާނޫނީ ވަކީލަކު ތައްގަނޑު ޖަހައިފައިވާ ކޮޕީ).

(ށ) ކުންފުނީގެ އަސާސީ ގަވާއިދާއި، ހިންގާ ގަވާއިދުގެ ކޮޕީ.

(ނ) ކުންފުނީގެ ފަރާތުން އުމްރާއަށް މީހުން ގެންދިޔުމަށް ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ގަރާރުގެ ކޮޕީ.

(ރ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންގެ ފުރިހަމަ މައުލޫމާތު (ނަން، ކުންފުނީގެ މަގާމު، އެޑްރެސް، ފޯނު ނަންބަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ).

(ބ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންގެ ކުށުގެ ރިކޯޑު ސާފުކުރުމަށް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ފޯމު ފުރިހަމަކޮށްފައި ހުށަހެޅުން.

(ޅ) އުމްރާއަށް ގެންދާ ފަރާތާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުމުގެ ނަމޫނާގެ ކޮޕީ.

(ކ) އުމްރާ ހުއްދައަށް އެދޭ ކުންފުނިން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ދައްކަން ޖެހިފައިވާނަމަ، އެ ފައިސާ ގަވާއިދުން ދައްކަމުންދާކަން އަންގައިދޭ ލިޔުން.

(އ) މި އުސޫލުގެ ޖަދުވަލު 2 ގައިވާ، އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފޯމު.

(ވ) ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގެންދާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތާއި، ސިއްހީ ހިދުމަތްދިނުމަށް އެ ފަރާތްތަކަށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދޫކޮށްފައިވާ ހުއްދައާއި، އުމްރާވެރީންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އެ ފަރާތުން އުފުލާކަމުގެ ލިޔުމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

(މ) ދީނީ ނަސޭހަތާއި އިރުށާދު ދިނުމަށް ގެންދާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތާއި، މިނިސްޓްރީން ދީނީ ނަސޭހަތްދިނުމަށް ދީފައިވާ ހުއްދައާއި، އުމްރާވެރީންނަށް ދީނީ ނަސޭހަތް ދިނުމުގެ ޒިންމާ އެ ފަރާތުން އުފުލާނެކަމުގެ ލިޔުމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

(ފ) އަރަބިބަހުން މުއާމަލާތު ކުރުމަށް ގެންދާ ފަރާތުގެ ފުރިހަމަ މައުލޫމާތާއި، އަރަބިބަސް ދަންނަ ފަރާތެއްކަން އެނގޭނެ ސެޓުފިކެޓަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

(ދ) އުމްރާ ދަތުރުގައި ކުންފުނީގެ ފަރާތުން ދާ އިސްވެރިޔާއާއި، އިސްވެރިޔާގެ އެހީތެރިޔާގެ ވަނަވަރާއި މަސްއޫލިއްޔަތު ބަޔާންކުރާ ލިޔުމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

 

7 ވަނަ މާއްދާ - ޕްރޮޕޯޒަލް ހުށަހެޅުމާއި، ޕްރޮޕޯޒަލް ބަލައިގަތުން

އުމްރާއަށް މީހުން ގެންދިޔުމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމާއި ޕްރޮޕޯޒަލް ބަލައިގަތުމުގައި އަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ޕްރޮޕޯޒަލް ހުށަހަޅާނީ، އެކަމަށް 
މިނިސްޓްރީން ހުޅުވައިލުމުންނެވެ.

(ށ) ކޮންމެ ކުންފުންޏަކަށް ވެސް ހުށަހެޅޭނީ، ގިނަވެގެން 1 (އެކެއް) ޕްރޮޕޯޒަލެވެ. އެއް ކުންފުންޏަކުން 1 (އެކެއް) ޕްރޮޕޯޒަލަށްވުރެ ގިނަ ޕްރޮޕޯޒަލް ހުށަހަޅައިފިނަމަ، އެ ކުންފުންޏެއްގެ ހުރިހާ ޕްރޮޕޯޒަލެއް ބާތިލުކުރެވޭނެއެވެ.

(ނ) ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭނެކަމަށް، މި އުސޫލުގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރެއިން އެއްވެސް ލިޔުމެއް ޕްރޮޕޯޒަލާއެކު ހުށަނާޅާނަމަ، އެ ޕްރޮޕޯޒަލެއް ބަލައެއް ނުގަނެވޭނެއެވެ.

(ރ) ޕްރޮޕޯޒަލް ހުށަހަޅަން އަންނަ ފަރާތަކީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރަކަށް ވާންވާނެއެވެ. ޑިރެކްޓަރުންގެ ބޯޑުގައި ނުހިމެނޭ ފަރާތެއް ޕްރޮޕޯޒަލް ހުށަހަޅާނަމަ، އެ ފަރާތަކީ ކުންފުނީގެ ފަރާތުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުއްދަ ދީފައިވާ ފަރާތެއްކަން އަންގައިދޭ، ކުންފުނީގެ ތައްގަނޑު ޖެހި ސިޓީއެއް ނުވަތަ ލިޔުމެއް އޮންނަންވާނެއެވެ. މި ސިޓީ ނުވަތަ ލިޔުން އޮންނަންވާނީ، މިނިސްޓްރީއަށް ހުށަހަޅާ ޕްރޮޕޯޒަލާ ވަކީންނެވެ. މީގެ އިތުރުން، އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑު ހުށަހަޅަންވާނެއެވެ.

(ބ) ޕްރޮޕޯޒަލް ހުށަހެޅުމުން، ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމައަށް ހުރިތޯ ބަލައި، ހިމެނިފައިވާ ލިޔުންތަކާއި، ނުހިމެނޭ ލިޔުންތައް އެނގޭނެ ގޮތަށް، މި އުސޫލުގެ ޖަދުވަލު 5 ގައިވާ "ޕްރޮޕޯޒަލް ބަލައިގަތް ކަމުގެ ލިޔުން" ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް، މިނިސްޓްރީން ދޭންޖެހޭނެއެވެ. 

 

8 ވަނަ މާއްދާ - ޕްރޮޕޯޒަލް ޗެކްކުރުން

(ހ) ޕްރޮޕޯޒަލްތައް ޗެކް ކުރާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ.

(ށ) ޕްރޮޕޯޒަލް ޗެކް ކުރުމުގެ މަރުހަލާގައި، ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުމެއް ހުށަހަޅައިފައި ނުވާ ނަމަ، ނުވަތަ ހުށަހަޅައިފައި ނުވާކަން ފާހަގަކުރެވިއްޖެ ނަމަ، ނުވަތަ އުސޫލުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ފުރިހަމަ ނުވާ ނަމަ، އެ ފަދަ ޕްރޮޕޯޒަލެއް އިސްލާހު ކުރުމަށް ޓަކައި، ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ފުރުސަތެއް ދެވޭނެއެވެ.

 

9 ވަނަ މާއްދާ - ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ

(ހ) އުމްރާއަށް މީހުން ގެންދިޔުމަށް އެދި ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން ށަރުތު ހަމަވާ ކުންފުނިތަކަށް ހުއްދަ ދެވޭނެއެވެ.

(ށ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބޭ ކުންފުނިތަކުން، މި އުސޫލުގެ ޖަދުވަލު 1 ގައިވާ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މެނުވީ، އުމްރާއަށް މީހުން ގެންދިޔުމަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ.

(ނ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބުމަށްފަހު، "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ ދަފުތަރު" ގައި ރަޖިސްޓަރީކުރަން ޖެހޭނެއެވެ. ރަޖިސްޓަރީ ފީގެ ގޮތުގައި 20،000 (ވިހިހާސް) ރުފިޔާ ދައްކަންވާނެއެވެ. މި ފައިސާ ދައްކާނީ، ފައިސާ ދައްކަން މިނިސްޓްރީން އަންގާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.

(ރ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމަށް، ކޮންމެ މީލާދީ އަހަރަކު 2 (ދޭއް) ފަހަރު އިއުލާނު ކުރަންވާނެއެވެ. 

 

10 ވަނަ މާއްދާ - އުމްރާއަށް ދިޔުމަށް އެދޭ ފަރާތްތަކަށް ހިދުމަތްދޭ އޮފީހުގައި ހުންނަންޖެހޭ މިންގަނޑުތައް

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބޭ ކުންފުނިތަކުން، ހުއްދަ ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އަންނަނިވި މިންގަނޑަށް ފެތޭގޮތަށް، އުމްރާއަށް ދިޔުމަށް އެދޭ ފަރާތްތަކަށް ހިދުމަތްދޭ އޮފީސް ގާއިމު ކުރަން ވާނެއެވެ.

(ހ) ކުންފުނީގެ ނަންބޯޑާއި، އޮފީހުގެ އެޑްރެހާއި، އޮފީހާ ގުޅޭނެ ޓެލެފޯން ނަންބަރާއި، އީމެއިލް އެޑްރެހާއި، އެ އޮފީހުން ހިދުމަތް ދޭނެ ގަޑިތައް އާންމުކޮށް އެނގޭނޭގޮތަށް އޮފީހުގެ ބޭރުގައި ބަހައްޓައިފައި ހުރުން.

(ށ) އޮފީސް ހުޅުވައިފައި ހުންނަ ކޮންމެ ގަޑިއެއްގައި ވެސް، ޖަވާބުދާރީވާނެ މުވައްޒަފަކު އެ އޮފީހުގައި އިނުން.

(ނ) އުމްރާއަށް މީހުން ގެންދިޔުމަށް މިނިސްޓްރީން ދޫކުރާ ހުއްދަ، ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފެންނާނޭހެން ބަހައްޓައިފައި ހުރުން.

(ރ) އުމްރާއަށް ދިޔުމަށް ޓަކައި ފައިސާ ދައްކާ ފަރާތާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުމާއި، އެންމެހައި ލިޔެކިޔުންތައް، ކަމާބެހޭ ފަރާތްތަކުން ބަލަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ފަސޭހައިން ފެންނާނޭގޮތަށް ފައިލްކޮށް ބެލެހެއްޓުން.

 

11 ވަނަ މާއްދާ - އުމްރާއަށް ގެންދާ މީހުންގެ މައުލޫމާތު މިނިސްޓްރީން ބެލެހެއްޓުމާއި، އެ މައުލޫމާތު އާންމުކުރުން

އުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަދެވޭ ފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީގައި އޮންނަންވާނެއެވެ. އަދި އަންނަ ބަދަލުތައް އެ ދަފުތަރަށް ދުވަހުން ދުވަހަށް ގެންނަންވާނެއެވެ. އުމްރާއަށް މީހުން ގެންދެވޭނީ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް އެކަންޏެވެ.

(ހ) އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދެވިފައިވާ ފަރާތްތަކުގެ އެންމެ ފަހުގެ މައުލޫމާތު މިނިސްޓްރީގެ ދަފުތަރުގައި ހިމަނަންވާނެއެވެ. އަދި ގަވާއިދުން އަދާހަމަ ކުރަންވާނެއެވެ.

(ށ) ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު އާންމުކޮށް އެނގޭނޭ ފަދަ ގޮތަކަށް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ. އަދި ގަވާއިދުން އަދާހަމަކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - އުމްރާއަށް ގެންދާ ފަރާތާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުން

އުމްރާއަށް ދާ ފަރާތާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުމެއް، ތިރީގައިވާ ގޮތަށް އޮންނަންވާނެއެވެ.

(ހ) ކުންފުންޏާއި އުމްރާއަށް ދާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގައި ސޮއިކުރަންޖެހޭނެއެވެ. މި އެއްބަސްވުމުގައި، އުމްރާ ދަތުރުގެ ޖުމުލަ އަގާއި، އުމްރާއަށް ދާ ފަރާތަށް ކުންފުނިން ފޯރުކޮށްދޭނެ އެންމެހައި ހިދުމަތްތައް ހިމަނައިފައި އޮންނަންވާނެއެވެ.

(ށ) އުމްރާއަށް ދާ ފަރާތާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި މިނިސްޓްރީއަށް ފެންނަގޮތަށް ކުންފުނީގައި އޮންނަންވާނެއެވެ.

(ނ) އުމްރާއަށް ގެންދާ ފަރާތާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުމުގެ ކޮޕީއެއް، އުމްރާއަށް ދާ ފަރާތަށް ދޭންވާނެއެވެ. އެ އެއްބަސްވުމުގެ ކޮޕީއެއް، އުމްރާދަތުރު ނިމިގެން އެނބުރި މާލެއައުމާ ހަމައަށް، އުމްރާއަށް ދާ ފަރާތުގެ އަތުގައި އޮންނަންވާނެއެވެ.

(ރ) މި އުސޫލުގެ ދަށުން އުމްރާވެރީންނާއެކު އެފަދަ އެއްބަސްވުމެއް ނެތި އުމްރާއަށް މީހުން ގެންދިޔުމަކީ މަނާކަމެކެވެ.

 

13 ވަނަ މާއްދާ - އުމްރާއަށް ދިޔުމަށް ފައިސާ ދެއްކުމާއި، ފައިސާ ބަލައިގަތުން

މި އުސޫލުގެ ދަށުން، އުމްރާއަށް ދިޔުމަށް އެދޭ ފަރާތްތަކުގެ އަތުން ފައިސާ ނެގުމުގައްޔާއި އެ ފައިސާ ކުންފުންޏަށް ދެއްކުމުގައި އަމަލުކުރަންވާނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) އުމްރާއަށް ގެންދިޔުމަށް ފައިސާ ޖަމާކުރުމަށް ވަކި ހާއްސަ ބޭންކް އެކައުންޓެއް (ކަލެކްށަން އެކައުންޓް) ހުޅުވަންވާނެއެވެ. މި އެކައުންޓަށް އުމްރާވެރީން އުމްރާއަށް ދިޔުމަށް ދައްކާ ފައިސާ ނޫން އެހެން ފައިސާއެއް ޖަމާކޮށްގެން ނުވާނެއެވެ. އަދި އުމްރާވެރިޔާއާއި ކުންފުންޏާ ދެމެދު ހިންގާ ފައިސާގެ މުއާމަލާތްތައް ހިންގަންވާނީ، މި އެކައުންޓު މެދުވެރިކޮށެވެ. އަދި އުމްރާއަށް ދިޔުމަށް ފައިސާ ދައްކަންވާނީ، މިނިސްޓްރީން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ ނަމުގައި ހުޅުވައިފައިވާ އުމްރާއަށް ގެންދިޔުމަށް ފައިސާ ޖަމާކުރާ ހާއްސަ ބޭންކް އެކައުންޓަށެވެ.

(ށ) އުމްރާއަށް ދިޔުމަށް ޓަކައި ކުންފުންޏަށް ފައިސާ ދެއްކިކަމުގެ ރަސީދެއް، ކުންފުނީގެ ލޯގޯއާއި ތައްގަނޑު ހިމެނޭގޮތަށް، ފައިސާ ދައްކާ ފަރާތްތަކަށް ކުންފުނިތަކުން ދޭންވާނެއެވެ.

(ނ) އުމްރާއަށް ދިއުމަށް ޓަކައި ކުންފުންޏަށް ފައިސާ ދެއްކިކަމުގެ ރަސީދެއް (ކުންފުނީގެ ލޯގޯއާއި ތައްގަނޑު ހިމެނޭ ސްލިޕެއް) ފައިސާ ދައްކާ ފަރާތްތަކުން ހޯދަންވާނެއެވެ.

(ރ) ޕްރޮޕޯޒަލުގައި ބަޔާންކޮށްފައިވާ ކުންފުނީގެ އެކައުންޓު ނުވަތަ އެކައުންޓުތައް ފިޔަވައި އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކިކަމުގެ ރަސީދު ނުދީ ފައިސާ ބަލައިގަތުމަކީ މަނާކަމެކެވެ.

 

14 ވަނަ މާއްދާ - އުމްރާއަށްދާ ފަރާތްތަކަށް ކުންފުނީގެ ފަރާތުން ފުރިހަމަކޮށްދޭންޖެހޭ ކަންތައްތައް

އުމްރާއަށް ގެންދާ ފަރާތްތަކަށް (އުމްރާވެރީންނަށް) ކޮންމެ ކުންފުންޏަކުން ވެސް، ތިރީގައިވާ ކަންތައްތައް ފޯރުކޮށްދޭން ޖެހޭނެއެވެ. 

(ހ) ވައިގެ މަގުން ދެކޮޅު ޓިކެޓް، އުމްރާއަށް ދާ ފަރާތްތަކަށް ކުންފުނީގެ ފަރާތުން ހަމަޖެއްސުން.

(ށ) އުމްރާއަށް ގޮސްތިބޭ ދުވަސްވަރު، އެ ކުންފުންޏެއްގެ އުމްރާ ޕެކޭޖުގައިވާ ގޮތުގެ މަތީން އުމްރާވެރީންނަށް ހުރުމާއި، ކެއިންބުއިމާއި، އެއްގަމުގެ ދަތުރުތައް ހަމަޖައްސައިދޭންވާނެއެވެ. އަދި ކޮންމެ ކުންފުންޏަކުން ވެސް، އުމްރާއަށް ގެންދާ މީހުންނަށް އެ ކުންފުންޏަކުން ދިނުމަށް އެއްބަސްވެފައިވާ އެންމެހައި ހިދުމަތްތައް (އުސޫލާއި ޕްރޮޕޯޒަލާއި އުމްރާވެރިޔާއާއެކު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެންމެހައި ހިދުމަތްތައް) ފޯރުކޮށްދިނުން.

(ނ) މަހުރަމުން ފިޔަވައި ކޮޓަރިތަކުގައި ދެޖިންސު ވަކިން ބޭތިއްބުން.

(ރ) އުމްރާވެރީންނަށް އުމްރާގެ އަޅުކަން ފުރިހަމައަށް އަދާކުރުމަށް ފަސޭހައިން މަގުފަހިވާނެގޮތަށް އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދީ، އަޅުކަމުގައި އެހީތެރިވެދީ، ގުރޫޕުގެ ފަރާތުން އެކަން ކަށަވަރުކުރުން.

(ބ) ރާއްޖެއިން އުމްރާއަށް ފުރާ ދުވަހުން ފެށިގެން އެނބުރި ރާއްޖެއަށް އައުމާ ހަމައަށް އުމްރާވެރީން ދަތުރުކުރާ ހުރިހާ ދަތުރުތަކެއްގައި އުމްރާވެރީންނާއެކު ކުންފުނީގެ ޒިންމާ އުފުލޭނެ ފަރާތެއް ބައިވެރިވުން.

(ޅ) ހުއްދަ ދީފައިވާ ކުންފުންޏަކުން މި މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި އިތުރު ފަރާތަކާ ހަވާލުކުރާނަމަ، ނުވަތަ އެއްބަސްވުމެއް އެއްބަސްވާނަމަ، އެ ފަރާތަކީ އެ ހިދުމަތެއް ހޯދާ ގައުމެއްގައި އެފަދަ ހިދުމަތެއް ދިނުމަށް އެ ގައުމެއްގެ ސަރުކާރުގެ ރަސްމީ ހުއްދަ އޮތް ފަރާތެއްކަން ކަށަވަރުކުރުން.

 

15 ވަނަ މާއްދާ - ކޮށްގެން ނުވާނެ ކަންތައްތައް

މި އުސޫލުގެ ދަށުން ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމުގެ ހުއްދަ ލިބިފައިވާ ކުންފުނިތަކުންނާއި ރާއްޖެއިން އުމްރާއަށް ދާ ފަރާތްތަކުން، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްގެން ނުވާނެއެވެ.

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް މިނިސްޓްރީން ހުއްދަ ލިބިގެން މެނުވީ އެއްވެސް ކުންފުންޏެއްގެ ހަވާލުގައި އެއްވެސް ބަޔަކު އުމްރާއަށް ގެންގޮސްގެން ނުވާނެވެ.

(ށ) އުމްރާއަށް ދިއުމަށް ޓަކައި މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ކުންފުންޏަކަށް މެނުވީ އެއްވެސް ފަރާތަކުން ފައިސާ ދައްކައިގެން ނުވާނެއެވެ. އަދި އެކަން ކަށަވަރުނުކޮށް ފައިސާ ދެއްކުމަށްފަހު އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، އެކަމުގެ ޒިންމާ އެ ފަރާތަކުން އުފުލަންވާނެއެވެ.

(ނ) ސައުދީ އަރަބިއްޔާގެ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ ހިލާފަށް އުމްރާ ހިދުމަތުގެ ތެރޭގައި އެއްވެސް ކުންފުންޏަކުން އަމަލުކޮށްފިނަމަ، އެކަމެއްގެ ޒިންމާ އުފުލަންޖެހޭނީ އެ ކުންފުންޏަކުންނެވެ.

(ރ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ހަވާލުގައި އުމްރާއަށް ގެންދާ މީހުން ސައޫދީ އަރަބިއްޔާގެ ދާހިލީ އެއްވެސް ހަރަކާތެއްގައި ނުވަތަ ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމާއި، އެފަދަ ކަމަކަށް ވާގިދޭފަދަ އަމަލެއް ހިންގައިގެން ނުވާނެއެވެ. އަދި އެފަދަ އެހެން އަމަލެއް ވެސް ހިންގައިގެން ނުވާނެއެވެ.

(ބ) އުމްރާވެރީންނާއި ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގައި، އުމްރާގެ އަގުގެ ގޮތުގައި ނެގުމަށް ކަޑައަޅައިފައިވާ ފައިސާގެ އިތުރުން، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ހިދުމަތެއް ފޯރުކޮށްދިނުމަށް އުމްރާވެރީންގެ އަތުން އިތުރަށް އެއްވެސް ފައިސާއެއް ނަގައިގެން ނުވާނެއެވެ.

(ޅ) ކައިވެނި ހެޔޮވާ އަންހެނުންނާއި ފިރިހެނުން އެއް ކޮޓަރިއެއްގައި ބައިތިއްބައިގެން ނުވާނެއެވެ.

(ކ) އެއްކޮޓަރިއެއްގައި މީހުން ބޭތިއްބުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ކަނޑައަޅައިފައިވާ މިންވަރަށްވުރެ އިތުރަށް މީހުން ބައިތިއްބައިގެން ނުވާނެއެވެ.

(އ) އުމްރާއަށް މީހުންގެންދާ ކުންފުނިތަކުން ނުވަތަ ރާއްޖެއިން އުމްރާއަށް ދާ ފަރާތްތަކުން، ސައުދީ އަރަބިއްޔާގެ ގާނޫނުތަކާއި ގަވާއިދުތައް ހުއްދަ ނުކުރާ އެއްވެސް އެއްޗެއް ސައޫދީ އަރަބިއްޔާއަށް އެތެރެކޮށްގެން ނުވާނެއެވެ.

(ވ) އުމުރުން 45 (ސާޅީސްފަހެއް) އަހަރު ހަމަނުވާ އަންހެނުން މަހްރަމަކާނުލައި އަދި އުމުރުން 18 (އަށާރަ) އަހަރު ނުވާ ފިރިހެންކުދީން ބެލެނިވެރިޔަކާނުލައި އުމްރާއަށް ގެންގޮސްގެން ނުވާނެއެވެ.

(މ) ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ނުވަތަ ސިއްހީގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް ކުޅަދާނަވެގެންނުވާ ކަމަށް ކުންފުންޏަށް ފެންނަ ފަރާތެއްނަމަ، އެ ފަރާތަކަށް އުމްރާގެ އަޅުކަން (އެހީތެރިޔަކާއެކު ނަމަވެސް) އަދާކުރެވޭނެކަމަށް ދިވެހި ސަރުކާރު ގަބޫލުކުރާ ސިއްހީ ހިދުމަތް ދޭ މަރުކަޒަކުން ދޫކޮށްފައިވާ ލިޔުމާއެކީ މެނުވީ އުމްރާއަށް ގެންގޮސްގެން ނުވާނެއެވެ.

(ފ) ދީނީ އިރުށާދާއި ދީނީ ނަސޭހަތް ދިނުމުގައި، ދިވެހިރާއްޖޭގައި ދީނީ ނަސޭހަތްދިނުމުގެ ހުއްދަ ދީފައިނުވާ ފަރާތެއް ލައްވައި ދީނީ ނަސޭހަތް ދިނުމާއި، ދީނީ ނަސޭހަތް ދިނުމުގައި އާންމު އިޖުތިމާއީ މިންގަނ ޑުން އުނދަގޫވާގޮތަށް އަމަލުކޮށްގެން ނުވާނެއެވެ.

(ދ) އުމްރާއަށް ގެންދިޔުމަށް އުމްރާވެރީންގެ އަތުން ނަގާ ފައިސާ ، އުމްރާގެ ހިދުމަތްތައް ހަމަޖައްސައިނުދީ އެހެން ކަމަކަށް ބޭނުންކޮށްގެން ނުވާނެއެވެ.

(ތ) ށަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ ނުވަތަ ދިވެހި ދައުލަތުގެ އެއްވެސް އިދާރާއަކުން އެ ފަރާތެއް ހޯދުމަށް ނުވަތަ ވަކި އިދާރާއަކަށް ވަކި ދުވަހަކަށް ހާޒިރުވުމަށް އަމުރުކޮށްފައިވާ ފަރާތެއްނަމަ، އެ މުއްދަތުގައި އެ އިދާރާއެއްގެ ހުއްދަ ލިޔުމަކުން ނެތި އުމްރާގެ އަޅުކަމަށް ގެންގޮސްގެން ނުވާނެއެވެ.

(ލ) އެއްވެސް ސަބަބަކާހުރެ އުމްރާއަށް ނުގެންދެވޭނެކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވާ ފަރާތެއްގެ އަތުން ފައިސާ ނަގައިގެން ނުވާނެއެވެ. އަދި އެފަދަ ފަރާތެއްގެ އަތުން ފައިސާ ނެގުމަކީ މަނާކަމެކެވެ.

 

16 ވަނަ މާއްދާ - މައުލޫމާތު ދިނުމާއި، އުމްރާ ދަތުރުގެ ރިޕޯޓު ހުށަހެޅުން

(ހ) ކުންފުނީގެ ބެލުމުގެ ދަށުން އުމްރާއަށް ގެންދާ މީހުންގެ ދަތުރު ހަމަޖެހިފައިވާ ގޮތުގެ ތަފުލު )ދަތުރު ކުރުމަށް ހަމަޖެހިފައިވާ ތާރީހާއި، ގެންދިޔުމަށް ގަސްތުކުރާ އުމްރާވެރީންގެ އަދަދާއި، ދަތުރު ރޭވިފައިވާ ގޮތް( އުމްރާއަށް ފުރުމުގެ 20 (ވިހި) ދުވަހުގެ ކުރިން، މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ށ) އުމްރާއަށް ފުރުމުގެ 5 (ފަހެއް) ދުވަހުގެ ކުރިން، އުމްރާއަށް ފުރާ މީހުންގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ޕާސްޕޯޓް ނަންބަރާއި، ފޮޓޯ ހިމެނޭ ތަފުސީލީ ލިސްޓެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ނ) އުމްރާއަށް ފުރުމުގެ 5 (ފަހެއް) ދުވަހުގެ ކުރިން، އުމްރާއަށް ދާ ފަރާތްތަކުގެ ޓިކެޓާއި، މައްކާއާއި މަދީނާގެ ހުރުމާއި ކެއުން )އެކޮމަޑޭށަން( ހަމަޖެހިފައިވާކަމުގެ ލިޔުމެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ރ) ކޮންމެ އުމްރާ ދަތުރަކަށްފަހު، އެ ދަތުރަކަށް ހަރަދުވީ ވަރާއި، ދަތުރު ރިޕޯޓެއް،ދަތުރު ނިންމައިފައި ރާއްޖެއަށް އެނބުރި އަންނަތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ކޮންމެ ކުންފުންޏަކުން ވެސް ލިޔުމުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ބ) ކޮންމެ އުމްރާ ދަތުރަކަށްފަހު، އެ ދަތުރެއްގެ ހަރަދުގެ ތަފުސީލު، މި އުސޫލުގެ ޖަދުވަލު 4 ގައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅައިފައިވާ ފޯމެޓުގައި ތައްޔާރުކޮށް 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި އޭގެ ކޮޕީ، ދަތުރު ރިޕޯޓާއެކު، މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - އުމްރާ ދަތުރުގައި ދިމާވާ ކުއްލި ހާދިސާތައް އެންގުން

އުމްރާ ދަތުރުތަކުގައި ދިމާވާ ކުއްލި ހާދިސާތަކާއި ކަންކަން މިނިސްޓްރީއަށް އަންގަމުން ގެންދަންވާނެއެވެ.

 

18 ވަނަ މާއްދާ - ސުލޫކީ މިންގަނޑު

މި އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަދެވޭ ކުންފުނިތަކުން، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ފުރިހަމައަށް ބޯލަނބަންވާނެއެވެ.

(ހ) އުމްރާއަށް މީހުން ގެންދިޔުމާ ގުޅުންހުރި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި، މި އުސޫލުގައިވާ އެންމެހައި ކަންކަމަށް ތަބާވާންވާނެއެވެ.

(ށ) އުމްރާއަށް މީހުން ގެންދިޔުމާ ގުޅުންހުރި، ސައޫދީ އަރަބިއްޔާގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެންމެހައި އުސޫލުތަކަށް ތަބާވާންވާނެއެވެ.

(ނ) މި އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިމުގެ ކަންކަމުގައި މިނިސްޓްރީގެ ފަރާތުން ދޭ އިރުށާދުތަކާއި، އާންމު މަސްލަހަތަށް ޓަކައި ނިންމާ ނިންމުތަކާއި، އިދާރީ ފިޔަވަޅުތަކަށް ތަބާވުމާއި، ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން އެކަންކަމަށް އަމަލުކުރުމަށް ކުރާ އިލްތިމާސްތަކަށް ތަބާވާންވާނެއެވެ.

(ރ) މި އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިއުމުގައި ދިމާވާ އެއްވެސް ކަމެއްގެ ސަބަބުން، ހަމަޖެހިފައިވާ އުސޫލުތަކުގެ ބޭރުން ސަރުކާރާއި މިނިސްޓްރީ ބަދުނާމުވާ ފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެއެވެ.

 

19 ވަނަ މާއްދާ - މި އުސޫލުގެ ދަށުން ފިޔަވަޅުއެޅުން 

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލު ނުކޮށްފިނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ހ) މިނިސްޓްރީއާއި ހުއްދަ ދީފައިވާ ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ޖޫރިމަނާކުރުން.

(ށ) އެ ފަރާތަކަށް ދީފައިވާ ހުއްދަ ބާތިލުކުރުން ނުވަތަ ހުއްދަ ދީފައިވާ ކުންފުނީގެ ބޯޑުގައި ހިމެނޭ ފަރާތްތަކަށް ވަކި މުއްދަތަކަށް ހުއްދަ ނުދިނުން.

(ނ) މައްސަލައިގެ ބާވަތާއި ކުޑަބޮޑުމިނަށް ބަލައި، އެ މައްސަލައަކީ ޖިނާއީ މައްސަލައެއް ނަމަ، މައްސަލަ ތަހުގީގުކޮށް ށަރީއަތަށް ފޮނުވުމަށް ޓަކައި ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވޭނެއެވެ. އަދި އެ މައްސަލައަކީ މަދަނީ މައްސަލައެއް ނަމަ، އެޓާނީ ޖެނަރަލްގެ އޮފީހަށް ފޮނުވޭނެއެވެ.

 

20 ވަނަ މާއްދާ - މި އުސޫލުގެ ދަށުން އެޅޭނެ ފިޔަވަޅުތައް

މި އުސޫލުގެ 19 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމުގައި އަމަލުކުރާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބިފައިވާ ކުންފުނީގެ ޑިރެކްޓަރެއްގެ މައްޗަށް، ހުއްދަ ލިބޭ ފަހުން ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ، އެ ކުށެއްގެ ބާވަތާއި ކުށުގެ ކުޑަބޮޑުމިނަށް ބަލައި، މިނިސްޓްރީން ކަނޑައަޅާ ށަރުތުތައް ކުންފުނިން ފުރިހަމަ ނުކުރާ ނަމަ، އެ ކުންފުންޏަކަށް ދީފައިވާ އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ބާތިލު ކުރެވޭނެއެވެ.

(ށ) އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅާ ލިޔެކިޔުންތަކާއި ދެވޭ މައުލޫމާތުތަކުގެ ތެރޭގައި ދޮގު މައުލޫމާތު ހިމެނޭ ލިޔުމެއް ހުށަހަޅައިފިކަން އެނގިއްޖެ ނަމަ، އެ ފަރާތަށް އެކަން އެންގުމާއެކު، ހުއްދައަށް އެދި ހުށަހެޅި ޕްރޮޕޯޒަލް ބާތިލުކުރެވޭނެއެވެ. އަދި އެފަދަ ލިޔުމެއް ހުށަހެޅި ކުންފުނީގެ ބޯޑުގައި ހިމެނޭ އެންމެހައި ފަރާތްތައް، އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ޕްރޮޕޯޒަލް ހުށަހެޅުން، 3( ތިނެއް( އަހަރުދުވަހަށް ސަސްޕެންޑް ކުރެވޭނެއެވެ.

(ނ) މި އުސޫލުގެ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެ ނަ މަ، އެ ކުންފުންޏަކަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އެއްވެސް ފަރާތެއް ހިމެނޭ ކުންފުންޏަކަށް، ކުރިޔަށް އޮންނަ 3 (ތިނެއް) އަހަރުދުވަހު، އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައެއް ނުދެވޭނެއެވެ.

(ރ) އުމްރާއަށް ގެންދާ ފަރާތްތަކަށް ދޭންޖެހޭ ހިދުމަތްތަކުގެ ތެރެއިން ދޭން އެއްބަސްވެފައިވާ އެއްވެސް ހިދުމަތެއް ފުރިހަމަކޮށްދީފައި ނުވާ ނަމަ، ނުވަތަ ހިދުމަތް ފޯރުކޮށްދިނުމުގައި މަކަރާއި ހީލަތުން އެއްވެސް އަމަލެއް ހިންގައިފިނަމަ، އެ ކުންފުންޏާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އެއްވެސް މެންބަރަކު ހިމެނޭ އެހެން ކުންފުންޏަކަށް، އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައެއް ނުދެވޭނެއެވެ.

 

21 ވަނަ މާއްދާ - މި އުސޫލުގައި މޯލްޑިވްސް ހައްޖު ކޯޕަރޭށަން ލިމިޓެޑް އިސްތިސްނާ ކުރެވޭ ކަންކަން

މި އުސޫލުގެ 14 ވަނަ މާއްދާއާއި، 15 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި، (ބ) އާއި، (ޅ) އާއި، (ކ) އާއި، (އ) އާއި، (ވ) އާއި، (މ) އާއި، (ފ) އާއި، (ދ) އާއި، (ތ) އާއި، (ލ) އާއި، 16 މާއްދާގެ (ރ) އާއި، (ބ) އާއި، 17 ވަނަ މާއްދާއާއި، 18 ވަނަ މާއްދާ ފިޔަވައި އެނޫން މާއްދާތަކުން، މޯލްޑިވްސް ހައްޖު ކޯޕަރޭށަން ލިމިޓެޑް އިސްތިސްނާ ވެގެންވެއެވެ.

 

22 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

މި އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުންޏަކުން، މި އުސޫލާ ހިލާފުވެ، އުމްރާއަށް ގެންދާ މީހުންނާމެދު ވެވޭ އެއްބަސްވުމާ ހިލާފުވެއްޖެނަމަ، އެފަދަ ފަރާތަކާ ގުޅޭ ށަކުވާ ހުށަހަޅަންވާނީ، މި އުސޫލުގެ ޖަދުވަލު 3 ގައިވާ ފޯމުންނެވެ.

 

23 ވަނަ މާއްދާ - އުސޫލަށް ބަދަލުގެނައުން

މި އުސޫލަށް ބަދަލު ގެނައުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި ގެނެވޭ ބަދަލަކަށް އަމަލުކުރެވޭނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ ބަދަލެއް ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

24 ވަނަ މާއްދާ - މި އުސޫލުގައި ނުހިމެނޭ ކަމެއް މެދުވެރިވުން

މި އުސޫލުގައި ހިމެނިފައި ނުވާ ކަމެއް މެދުވެރިވެއްޖެނަމަ، ނުވަތަ ހާއްސަ ހާލަތަކާ ގުޅިގެން ވަކިގޮތަކަށް އަމަލުކުރަން ޖެހިއްޖެނަމަ، އެ ކަމެއް ނިންމާނީ މިނިސްޓްރީންނެވެ.

 

25 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އެހެން ގޮތަކަށް ބުނެފައި ނުވާނަމަ، ނުވަތަ އެ ލަފުޒެއް ނުވަތަ އިބާރާތެއް އޮތްގޮތުން ސީދާ އެހެން ގޮތަކަށް މާނަ ނުކުރެވޭނަމަ، ތިރީގައި ބަޔާންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރެވޭނީ އަންނަނިވި ގޮތަށެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށެވެ.

(ށ) "ކުންފުނި" ކަމަށް ބުނެފައި އެވަނީ، އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަޔަށް އެދޭ ކުންފުނި ނުވަތަ އެކަމަށް ހުއްދަ ދެވިފައިވާ ކުންފުންޏަށެވެ.

(ނ) "ޑިރެކްޓަރ/ޑިރެކްޓަރުން" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން / މެންބަރުންނަށެވެ.

(ރ) "ތުހުމަތު" ކަމަށް ބުނެފައި އެވަނީ، ތަހުގީގީ އިދާރާއަކުން ހިޔާނާތް/ފައިސާގެ އެއްވެސް މައްސަލައެއް ބަލަމުންދިޔުން، ނުވަތަ ށަރުއީ ކޯޓެއްގައި މައްސަލައެއް ހިނގަމުންދިޔުމަށެވެ.

(ބ) "އުމްރާ ޕެކޭޖް" ކަމަށް ބުނެފައި އެވަނީ ، ކުންފުނިތަކުން އުމްރާވެރީންނަށް ދިނުމަށް އެއްބަސްވެފައިވާ ހިދުމަތްތަކަށެވެ.

(ޅ) "ކުއްލި ހާދިސާ" ކަމަށް ބުނެފައި އެވަނީ، އާންމު ހާލަތުގެ ބޭރުން ހިނގާ އެންމެހައި ކަންކަމަށެވެ.

(ކ) "ދުވަސް" ކަމަށް ބުނެފައި އެވަނީ، ސަރުކާރު ބަންދުނޫން ދުވަސްތަކަށެވެ.

 

26 ވަނަ މާއްދާ - އަމަލުކުރުން

(ހ) މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، 2019 ޖަނަވަރީ 24 ވީ ބުރާސްފަތި ދުވަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލު" އާއި، 2019 އޮކްޓޫބަރު 3 ވީ ބުރާސްފަތި ދުވަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު" އުވުނީއެވެ.

 

މި އުސޫލުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

އުވި އުސޫލު

އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު (އުސޫލު ނަންބަރު 2024-30)

 

މައި ގާނޫނު/ގަވާއިދު

ނެތް

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު