-

ސިޔާސީ ޕާޓީތަކުގެ ހިސާބުތައް ބަލަހައްޓާ މިންވަރު ދެނެގަތުމަށް ޓަކައި ސިޔާސީ ޕާޓީތަކުގެ އާމްދަނީއާއި ހަރަދުތަކުގެ ލިޔެކިޔުންތައް އިލެކްށަންސް ކޮމިށަނުން ބެލުމާ ގުޅޭ އުސޫލު 

(އުސޫލު ނަންބަރު 2022-02)

 

1 ވަނަ މާއްދާ - ތައާރަފާއި ނަންޠ ޠޠ

(ހ) މިއީ، ގާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 41 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ސިޔާސީ ޕާޓީތަކުން ފައިސާގެ ހިސާބުތައް ބަލަހައްޓާ މިންވަރު ދެނެގަތުމަށް ޓަކައި، ސިޔާސީ ޕާޓީތަކުގެ އޮފީސްތަކަށް އިލެކްށަންސް ކޮމިށަނުގެ ފަރާތުން ހާޒިރުވެ، ޕާޓީތަކަށް ލިބޭ އާމްދަނީއާއި އެ ޕާޓީތަކުން ކުރާ ހަރަދުތަކާބެހޭ ލިޔެކިޔުންތައް ބެލުމުގައި އަމަލުކުރާނޭ ގޮތް ބަޔާންކުރުމުގެ ގޮތުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލުގެ ނަމަކީ، "ސިޔާސީ ޕާޓީތަކުގެ ހިސާބުތައް ބަލަހައްޓާ މިންވަރު ދެނެގަތުމަށް ޓަކައި ސިޔާސީ ޕާޓީތަކުގެ އާމްދަނީއާއި ހަރަދުތަކުގެ ލިޔެކިޔުންތައް އިލެކްށަންސް ކޮމިށަނުން ބެލުމާ ގުޅޭ އުސޫލު" އެވެ. 

 

2 ވަނަ މާއްދާ - ސިޔާސީ ޕާޓީތަކުން ފައިސާގެ ހިސާބުތައް ބަލަހައްޓާ މިންވަރު ދެނެގަތުމަށް ޓަކައި ބަލާނޭ ކަންކަން

(ހ) ކޮންމެ ޕާޓީއަކަށް ލިބޭ އާމްދަނީއާއި، އެ ޕާޓީއަކުން ކުރާ ހަރަދުގެ ތަފުސީލު ހިސާބުތައް، ތިރީގައި ބަޔާންކޮށްފައިވާ އުސޫލުން ބަލަހައްޓައިފައިވޭތޯ ކޮމިށަނުން ބަލަންވާނެއެވެ.

  1. ސިޔާސީ ޕާޓީގެ މުދަލާއި ފައިސާގެ ހިސާބުތައް ބަލަހައްޓަމުން ގެންދަނީ، ދައުލަތުގެ މުދަލާއި ފައިސާގެ ހިސާބުތައް ބަލަހައްޓާ އުސޫލުންކަން ނުވަތަ ނޫންކަން؛ 
  2. ޕާޓީގެ ނަމުގައި ބޭންކު އެކައުންޓެއް ހުޅުވައި، އެ އެކައުންޓަށް ޕާޓީގެ ފައިސާ ޖަމާކޮށް ބަލަހައްޓާކަން ނުވަތަ ނޫންކަން؛
  3. ޕާޓީގެ މުދަލާއި ތަކެތީގެ އިންވެންޓްރީއެއް ހަދައި ބަލަހައްޓާކަން ނުވަތަ ނޫންކަން؛
  4. ލިބޭ މުދަލާއި ފައިސާގެ ތަފުސީލުތައް ލިޔެ ބަލަހައްޓާކަން ނުވަތަ ނޫންކަން؛
  5. އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ ފަރާތެއް މެދުވެރިކޮށް، އަހަރަކު 1 (އެކެއް) ފަހަރު ފައިސާގެ ހިސާބުތައް އޮޑިޓްކުރާކަން ނުވަތަ ނޫންކަން؛
  6. އޮޑިޓް ރިޕޯޓު، ގަވާއިދުން ކޮމިށަނަށް ހުށަހަޅާކަން ނުވަތަ ނޫންކަން ؛
  7. ޕާޓީއަށް އެހީ ދޭ ފަރާތްތަކުގެ މައުލޫމާތު ލިޔެ ބަލަހައްޓާކަން ނުވަތަ ނޫންކަން.

(ށ) ސިޔާސީ ޕާޓީތަކުން ފައިސާގެ ހިސާބުތައް ބަލަހައްޓާ މިންވަރު ދެނެގަތުމަށް ޓަކައި ބަލާނޭ މިންގަނޑަކީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭ ލިޔެކިޔުންތައް، ގާނޫނު ނަންބަރު 4/2014 (ސިޔާސީ ޕާޓީގެ ގާނޫނު) އާއި، ކަމާބެހޭ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ބަލަހައްޓައިފައި ވޭތޯއެވެ. 

 

3 ވަނަ  މާއްދާ - ލިޔެކިޔުންތައް ބެލުމުގައި އަމަލުކުރާނޭ ތަރުތީބު

(ހ) ލިޔެކިޔުންތައް ބެލުމުގައި އަމަލުކުރާނޭ ތަރުތީބަކީ، ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ވެފައިވާ ތަރުތީބެވެ.

(ށ) ކޮންމެ އަހަރަކު ވެސް މަދުވެގެން އެއްފަހަރު ނުވަތަ ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން، ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމެނޭ އެންމެހައި ޕާޓީތަކުގެ ލިޔެކިޔުންތައް ބަލަންވާނެއެވެ.

(ނ) ޕާޓީތަކުގެ ލިޔެކިޔުންތައް ބަލަން ޕާޓީގެ އޮފީހަށް ދިއުމުގެ ކުރިން،ކޮމިށަނުން ބަލަން ދާނޭކަން، މަދުވެގެން 3 (ތިނެއް) ދުވަހުގެ ކުރިން، ޕާޓީގެ އޮފީހަށް ލިޔުމަކުން އަންގަންވާނެއެވެ.

 

4 ވަނަ މާއްދާ - ލިޔެކިޔުންތައް ބެލުމުގައި ކޮމިށަނުގެ ފަރާތުން ފުރިހަމަކުރާނޭ ކަންކަން

ސިޔާސީ ޕާޓީތަކުން ކުރާ ހަރަދުގެ ތަފުސީލު ހިސާބުތައް ރަނގަޅަށް ބަލަހައްޓައިފައިވޭތޯ ބެލުމަށް ޓަކައި، މި އުސޫލުގެ ޖަދުވަލު 1 ގައިވާ ފޯމު ކޮމިށަނުގެ ފަރާތުން ފުރިހަމަކުރަންވާނެއެވެ. މި ފޯމުގައި ފުރިހަމަކޮށްފައިވާ މައުލޫމާތަކީ، ގާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ގާނޫނު) ގައި ބުނާ، ސިޔާސީ ޕާޓީތަކުގެ މާލީ ބަޔާން ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމުގެ ހުއްޖަތެއް ނޫނެވެ.

 

5 ވަނަ މާއްދާ - ލިޔެކިޔުންތައް ބެލުން

ސިޔާސީ ޕާޓީތަކުގެ ހިސާބުތައް ބަލަހައްޓާ މިންވަރު ދެނެގަތުމަށް ޓަކައި ސިޔާސީ ޕާޓީތަކުގެ އާމްދަނީއާއި ހަރަދުތަކުގެ ލިޔެކިޔުންތައް އިލެކްށަންސް ކޮމިށަނުން ބަލާނީ، މި އުސޫލުގެ ޖަދުވަލު 1 ގައިވާ ފޯމުންނެވެ. އެގޮތުން، ޕާޓީގެ ލިޔެކިޔުންތައް ބެލުމުގައި، އެ ފޯމުގައިވާ ބައިތައް ފުރިހަމަކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، އިލެކްށަންސް ކޮމިށަނުން މި އުސޫލު ފާސްކުރުމަށްފަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މި އުސޫލުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މައި ގާނޫނު

ސިޔާސީ ޕާޓީގެ ގާނޫނު (ގާނޫނު ނަންބަރު 04/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު