-

ހަނގުރާމަވެރި ސަރަޙައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމާބެހޭ އުސޫލު 

(އުސޫލު ނަންބަރު 2022-01)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތުންނަށް އުފަންވެފައިވާ ކުދިންގެ އުފަންވުން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރުމާއި، އުފަންދުވަހުގެ ސެޓުފިކެޓު ހެދުމާ ގުޅޭ އެންމެހައި އިޖުރާއަތުތައް ބަޔާންކުރާ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން ރަޖިސްޓަރީ ކުރުމާބެހޭ އުސޫލު" އެވެ.

(ނ) މިއީ، ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 5-60 ވަނަ މާއްދާގެ (ދ) ގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

 

2 ވަނަ މާއްދާ - އުފަންވުން ރަޖިސްޓަރ ކުރުން

ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން، ކަމާބެހޭ ގާނޫނުތަކުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ރަޖިސްޓަރ ކޮށްފައި ނުވާނަމަ، އެ ކުދިންގެ އުފަންވުން، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީ ކޮށްދެވޭނީ، އެ ކުއްޖަކު، ދިވެހި ރައްޔިތަކަށް އުފަން ދަރިއަކު ކަމާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި، ގާނޫނުގެ 5-60 ވަނަ މާއްދާގެދަށުން ކޯޓަށް މައްސަލަ ހުށަހަޅައި، އެ ކުއްޖެއްގެ އުފަންވުމާމެދު ކޯޓުން ގޮތެއް ކަނޑައެޅުމުންނެވެ.

 

3 ވަނަ މާއްދާ - އުފަންވުން ރަޖިސްޓަރ ކުރުމަށް ހުށަހެޅުން

(ހ) ގާނޫނުގެ 5-60 ވަނަ މާއްދާގެ (މ) ގެ ދަށުން ކޯޓުން ނިންމާ ނިންމުން ލިބޭތާ 4 (ހަތަރެއް) ދުވަހުގެ ތެރޭގައި އެ ކުއްޖާގެ ބެލެނިވެރިޔާ، ނުވަތަ ބެލެނިވެރިޔާގެ ޕަވަރ އޮފް އެޓަރނީ އެއް މެދުވެރިކޮށް ކަނޑައަޅާ ފަރާތަކުން އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީ ކުރުމަށާއި އުފަންދުވަހުގެ ސެޓުފިކެޓު ހެދުމަށް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށް އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ރަށްވެހިވެފައިވާ ރަށެއްގެ ނުވަތަ ސިޓ އެއްގެ ކައުންސިލަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފޯމު ހުށަހަޅާއިރު، ގާނޫނުގެ 5-60 ވަނަ މާއްދާގެ (މ) ގެ ދަށުން ކޯޓުން މައްސަލަ ނިންމިގޮތުގެ ރިޕޯޓު ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގައި އެންމެހައި ކަންކަން ފުރިހަމަވާނަމަ، ގާނޫނުގެ 5-60 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، އެ ކުއްޖެއްގެ އުފަންވުން، އެ ކައުންސިލަކުން ރަޖިސްޓަރ ކޮށްދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީ ކުރުމަށްފަހު، ކައުންސިލުން ބަލަހައްޓާ އުފަންވުމުގެ ރަޖިސްޓަރީ ގައި އެ ކުއްޖެއްގެ އުފަންވުމާ ގުޅޭ މައުލޫމާތު ހިމަނަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީ ކުރުމަށްފަހު، ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނަށް މައުލޫމާތު ދިނުމަށް "ގެމެން ޕޯޓަލް" މެދުވެރިކޮށް އެ މައުލޫމާތު ކައުންސިލުން ހުށަހަޅަންވާނެއެވެ.

 

4 ވަނަ މާއްދާ - އުފަންދުވަހުގެ ސެޓުފިކެޓު

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގެ ދަށުން އުފަންވުން ރަޖިސްޓަރީ ކުރުމަށްފަހު، އެ ކުއްޖެއްގެ އުފަންދުވަހުގެ ސެޓުފިކެޓު، ގާނޫނުގެ 5-60 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ކައުންސިލުން ހަދައިދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުފަންދުވަހުގެ ސެޓުފިކެޓުގައި ޖެހުމަށް ޓަކައި އެ ކުއްޖެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހޯދުމަށް "ގެމެން ޕޯޓަލް" މެދުވެރިކޮށް ކައުންސިލުން ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން، ކުއްޖާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހޯދުމަށް ކައުންސިލުން ހުށަހަޅާއިރު، ގާނޫނުގެ 5-60 ވަނަ މާއްދާގެ (މ) ގެ ދަށުން ކޯޓުން ނިން މައިފައިވާ ނިންމުން، ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނަށް ފޮނުވަންވާނެއެވެ.

 

5 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

6 ވަނަ މާއްދާ - މާނަ

މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، މި އުސޫލުގައި އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އުފަންވުން ރަޖިސްޓަރީ ކުރުން" ކަމަށް ބުނެފައި އެވަނީ، ކުއްޖަކު އުފަންވުމާ ގުޅިގެން އެ ކުއްޖާގެ އުފަންވުމުގެ މައުލޫމާތު މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިކޯޑު ކުރުމަށެވެ.

(ށ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) އަށެވެ.

(ނ) "ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު" ކަމަށް ބުނެފައި އެވަނީ، ވަކި މީހަކު ކާކުކަން އަންގައިދިނުމުގެ ގޮތުން ޑިޕާޓްމަންޓުން ދޫކުރާ ކާޑުގެ ނަންބަރަށެވެ.

(ރ) "ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަން" ނުވަތަ "ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރ އޮފް ނޭށަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިންގަމުންދާ ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނަށެވެ.

(ބ) "ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށެވެ.

(ޅ) "ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މައިންބަފައިންނާއި، ކުއްޖާގެ ބެލެނިވެރިކަމާ ގާނޫނީ ގޮތުން ހަވާލުކޮށްފައިވާ ފަރާތަށެވެ.

(ކ) "ގެމެން ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، ކައުންސިލްތަކުގެ ވިހާމަރުވާއާއި، ގޯތިގެދޮރުގެ މައުލޫމާތާއި، ވޯޓުލާ މީހުންގެ ރަޖިސްޓަރީ އާއި، ވަގުތީ ގޮތުން ދިރިއުޅޭ މީހުންގެ ދަފުތަރު ފަދަ، އާބާދީ އާ ގުޅޭ މައުލޫމާތު ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލަށެވެ. 

 

މައި ގާނޫނު

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 32/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު