-

އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން ތާއީދު ހޯދުމަށް ބޭނުންކުރާ ނިށާން ފާސްކުރު މާއި ބޭނުންކުރުމުގެ އުސޫލު

(އުސޫލު ނަންބަރު 2021-00)

1 ވަނަ މާއްދާ - ތައާރުފު

މި އުސޫލަކީ، އިލެކްށަންސް ކޮމިށަނުން އިންތިޒާމުކޮށްގެން ބާއްވާ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން، އިންތިހާބަކާ ގުޅިގެން އެ އިންތިހާބެއްގައި ހާއްސަ ނިށާނެއް ނުވަތަ ލޯގޯއެއް ބޭނުންކުރުމަށް އެދޭނަމަ، އެ ނިށާނެއް ނުވަތަ ލޯގޯއެއް ފާސްކޮށްދިނުމުގައި އިލެކްށަން ކޮމިށަނުން އަމަލުކުރާނެ ގޮތުގެ އުސޫލެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ ބޭނުމަކީ، އިލެކްށަންސް ކޮމިށަނުން އިންތިޒާމުކޮށްގެން ބާއްވާ އިންތިހާބުތަކުގައި ވާދަކުރާ ފަރާތްތަކުން، އިންތިހާބަކާ ގުޅިގެން އެ އިންތިހާބެއްގައި ހާއްސަ ނިށާނެއް ނުވަތަ ލޯގޯއެއް ފާސްކޮށް ދިނުމުގެ އުސޫލެއް ގާއިމުކުރުމެވެ.

 

3 ވަނަ މާއްދާ - އާންމު އުސޫލުތައް

(ހ) އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓުން އެ އިންތިހާބެއްގައި އެ ކެންޑިޑޭޓް ރަމްޒުކޮށްދިނުމުގެ ގޮތުން، އެއްވެސް ނިށާނެއް ނުވަތަ ލޯގޯއެއް ބޭނުންކުރަން އެދޭނަމަ، އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާ ނިށާން ފާސްކޮށްދިނުމަށް އެދޭ ފޯމާއެކު ހުށަހަޅާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ކެންޑިޑޭޓު ހުށަހަޅާ ނިށާނާއި ލޯގޯ ފާސްކުރުމުގައި އަންނަނިވި ކަންކަމަށް ބެލޭނެއެވެ.

  1. ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާއި އާންމު ނިޒާމާއި އާންމު އަދަބުތަކާ ހިލާފު ކަމެއް ނުވަތަ މަންޒަރެއް ރަމްޒުކޮށްދޭ އެއްޗަކަށް ނުވުން.
  2. ދައުލަތުގެ ނުވަތަ ދައުލަތުގެ އިދާރާއެއްގެ ނުވަތަ ސިޔާސީ ޕާޓީއެއްގެ ނުވަތަ ގާނޫނަކުން ނުވަތަ ގަވާއިދަކުން ހުއްދަ ދީގެން އެހެން ފަރާތަކުން ރަޖިސްޓަރީކޮށްފައިވާ ނިށާނެއް ނުވަތަ ލޯގޯއެއް ކަމުގައި ނުވުން.
  3. އިންތިހާބުގައި ވާދަކުރާ އެހެން ކެންޑިޑޭޓަކު ބޭނުންކުރުމަށް ކޮމިށަނުން ހުއްދަ ދީފައިވާ ނިށާނެއް ނުވަތަ ލޯގޯއެއް ކަމުގައި ނުވުން.
  4. ފާސްކުރުމަށް އެދި ހުށަހަޅައިފައިވާ ނިށާނަކީ ނުވަތަ ލޯގޯއަކީ ކޮމިށަނަށް ގަބޫލުކުރެވޭ ނިށާނެއް ނުވަތަ ލޯގޯއެއް ކަމުގައި ވުން.

(ނ) ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ ކެންޑިޑޭޓަކު އެ ޕާޓީއެއްގެ ރަސްމީ ނިށާނެއް ނުވަތަ ލޯގޯއެއް ބޭނުންކުރުމަށް މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު ހުރަހެއް ނާޅައެވެ.

 

4 ވަނަ މާއްދާ - ވޯޓުކަރުދާހުގައި ނިށާނެއް ނުވަތަ ލޯގޯއެއް ބޭނުންކުރުން

(ހ) ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ ކެންޑިޑޭޓުން ވޯޓުކަރުދާހުގައި ބޭނުންކުރާނީ އެ ޕާޓީއަކުން ކަނޑައަޅާ ނިށާނެއް ނުވަތަ ލޯގޯއެކެވެ.

(ށ) އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުން ވޯޓުކަރުދާހުގައި ނިށާނެއް ނުވަތަ ލޯގޯއެއް ޖަހަން ބޭނުންނަމަ، އެ ނިށާނެއް ނުވަތަ ލޯގޯއެއް ވޯޓުކަރުދާހުގައި ޖަހާނީ ކޮމިށަނުން އެ ނިށާނެއް ނުވަތަ ލޯގޯއެއް ފާސްކޮށްގެންނެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ގޮތުގެ އިތުރުން ވޯޓުކަރުދާހުގައި ނިށާނެއް ނުވަތަ ލޯގޯއެއް ޖެހުމާމެދު ކޮމިށަނުން ގޮތެއް ކަނޑައެޅިދާނެއެވެ.

 

5 ވަނަ މާއްދާ - ފާސްކޮށްދިނުމަށް ހުށަހެޅުން

(ހ) މި އުސޫލުގައިވާ ގޮތުގެ މަތީން ކެންޑިޑޭޓަކު އިންތިހާބުގައި ބޭނުންކުރުމަށް ނިށާނާއި ލޯގޯ ފާސްކޮށްދިނުމަށް އެދި ހުށަހަޅަންވާނީ، މި އުސޫލުގެ ޖަދުވަލު 1 ގައިވާ ފޯމުންނެވެ. އެގޮތުން ފޯމު ހުށަހަޅާއިރު އިންތިހާބުގައި ބޭނުންކުރާ ނިށާނުގައި ނުވަތަ ލޯގޯގައި ބޭނުންކުރާ ކުލައާއި އެ ކުލައިގެ ކޯޑާއި ނިށާނުގެ ފުރިހަމަ ތަފުސީލު ހުށަހަޅަންވާނެއެވެ.

(ށ) މި އުސޫލުގައިވާ ގޮތުގެ މަތީން އެއްވައްތަރެއްގެ ނިށާނެއް ނުވަތަ ލޯގޯއެއް ފާސްކޮށްދިނުމަށް އެދި އިންތިހާބެއްގައި ވާދަކުރާ ގިނަ ފަރާތްތަކަކުން ހުށަހަޅައިފައިވާ ނަމަ، ފާސްކޮށްދިނުމުގައި، އެ ނިށާނެއް ނުވަތަ އެ ލޯގޯއެއް ފާސްކޮށްދިނުމަށް އެދި ފުރަތަމަ ހުށަހެޅި ކެންޑިޑޭޓަކަށް އިސްކަން ދޭންވާނެއެވެ.

(ނ) މި އުސޫލުގެ ދަށުން ފާސްކޮށްދިނުމަށް އެދޭ ނިށާން ނުވަތަ ލޯގޯ ބޭނުންކުރެވޭނީ، އިލެކްށަންސް ކޮމިށަނުން އެ ތަކެތި ފާސްކުރުމުންނެވެ. އަދި އެ ނިށާނާއި ލޯގޯއަކީ، ވޯޓުކަރުދާހުގައި ޖަހަން ބޭނުންވާ ނިށާނެއް ނުވަތަ ލޯގޯއެއް ނަމަ، އެކަންވެސް އިލެކްށަންސް ކޮމިށަނުން ފާސްކުރަން ޖެހޭނެއެވެ.

(ރ) ފާސްކުރުމަށް އެދި ހުށަހެޅި ނިށާން ނުވަތަ ލޯގޯ، އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 10) ދިހައެއް) ދުވަހުގެ ތެރޭގައި މި އުސޫލުގައިވާ ގޮތުގެ މަތީން ފާސްވެފައިވާކަން ނުވަތަ ނޫންކަން،އިލެކްށަންސް ކޮމިށަނުން އެ ފަރާތަށް އަންގަންވާނެއެވެ.

(ބ) ފާސްކޮށްދިނުމަށް އެދި ހުށަހަޅާ ނިށާނެއް ނުވަތަ ލޯގޯއެއް ފާސްކޮށްދިނުމަށް ނުފެންނަކަމަށް ކޮމިށަނުން ނިންމައި، އެ ފަރާތަށް އަންގާ ތާރީހުން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އައު ލޯގޯއެއް ނުވަތަ ނިށާނެއްހުށަހެޅުމުގެ ފުރުސަތު އެ ކެންޑިޑޭޓަކަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ހާއްސަވުން

މި އުސޫލުގެ ދަށުން ފާސްކޮށްފައިވާ ނިށާނެއް ނުވަތަ ލޯގޯއެއް، އެ ނިށާނެއް ނުވަތަ އެ ލޯގޯއެއް ފާސް ކޮށްދެވުނު އިންތިހާބުގައި ވާދަކުރާ އެހެން ކެންޑިޑޭޓަކު ބޭނުންކޮށްގެން ނުވާނެއެވެ.

 

7 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރުން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

8 ވަނަ މާއްދާ - ބާތިލުވުން

މި އުސޫލުގެ ދަށުން ފާސްކޮށްފައިވާ ނިށާނެއް ނުވަތަ ލޯގޯއެއް ބޭނުންކުރެވޭނީ، ފާސްކޮށްދެވުނު އިންތިހާބުގައި އެކަންޏެވެ.

 

9 ވަނަ މާއްދާ - އުސޫލަށް އަންނަ ބަދަލު

މިއީ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން ތާއީދު ހޯދުމަށް ބޭނުންކުރާ ނިށާން ނުވަތަ ލޯގޯ ފާސްކުރުމާއި ބޭނުންކުރާނޭ ގޮތް ކަނޑައެޅުމަށް ޓަކައި، ހަދައިފައިވާ ފުރަތަމަ އުސޫލެވެ.

 

ޖަދުވަލު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މައި ގާނޫނު/ގަވާއިދު

ނެތް

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު