-

ލޯކަލް ކައުންސިލްތަކުގެ ސިއްކަ ރަޖިސްޓަރީ ކުރުމާ ގުޅޭ އުސޫލު

(އުސޫލު ނަންބަރު 2021-10-17)

1 ވަނަ މާއްދާ - ތަައާރުފާއި ނަން

(ހ) މިއީ، މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި، ލޯކަލް ކައުންސިލްތަކުގެ ސިއްކަ ރަޖިސްޓަރީކޮށްދިނުމާބެހޭ އުސޫލު ކަނޑައަޅައި، އެ އުސޫލާ އެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ ސިއްކަ ރަޖިސްޓަރީކޮށްދީ، އެކަމާބެހޭ މައުލޫމާތު ބެލެހެއްޓުން ހިމެނިފައިވާތީ، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ސިއްކަ ފާސްކޮށް، އެ ސިއްކަ ރަޖިސްޓަ ރީ ކުރުމުގައި ކައުންސިލްތަކުން އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމަށްޓަކައި އެކުލަވައިލާފައިވާ އުސޫލެކެވެ.
(ށ) މި އުސޫލަށް ކިޔާނީ "ލޯކަލް ކައުންސިލްތަކުގެ ސިއްކަ ރަޖިސްޓަރީކުރުމާގުޅޭ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - ސިއްކަ ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުން

(ހ) ލޯކަލް ކައުންސިލްތަކުގެ ސިއްކަ ރަޖިސްޓަރީކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނީ މި އުސޫލުގެ ޖަދުވަލު 1 ގައިވާ "ސިއްކަ ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމާއެކު އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.

  1. ރަޖިސްޓަރީކުރުމަށް އެދޭ ސިއްކައިގެ މިންތައް އެނގޭގޮތަށް ސިއްކައިގެ ނަމޫނާ؛
  2. ރަޖިސްޓަރީކުރުމަށް އެދޭ ސިއްކައަކީ ކައުންސިލުގެ އިދާރާއިން ފާސްކޮށްފައިވާ ސިއްކައެއްކަން އެނގޭނެ ލިޔުމެއް؛

 

3 ވަނަ މާއްދާ - ސިއްކައިގެ ނަމޫނާ

(ހ) ކައުންސިލުގެ ސިއްކައިގައި ހިމަނަންވާނީ ދައުލަތުގެ ނިށާނާއި، އެ ކައުންސިލެއްގެ ރަސްމީ ނަމާއި، އެ ކައުންސިލެއް ނިސްބަތްވާ އަތޮޅާއި ރަށުގެ ނަމެވެ.

(ށ) މި އުސޫލުގެ ދަށުން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ސިއްކަ، ދިވެހިބަހުންނާއި އިނގިރޭސިބަހުން އޮންނަންވާނެއެވެ.

(ނ) ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ސިއްކައިގެ ނަމޫނާ ޖަދުވަލު 2 ގައި އެވަނީއެވެ.

 

4 ވަނަ މާއްދާ - ސިއްކަ ރަޖިސްޓަރީކޮށްދިނުން

(ހ) މި އުސޫލުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ސިއްކ މި އުސޫލުގެ ޖަދުވަލު 2 ގައިވާ ނަމޫނާއާ އެއްގޮތް ނަމަ، އެ ސިއްކަ ރަޖިސްޓަރީކޮށްދީ، "ސިއްކަ ރަޖިސްޓަރީ ސެޓުފިކެޓް" އެ ކައުންސިލަކަށް ދޫކުރެވޭނެއެވެ.

(ށ) މި އުސޫލުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ސިއްކަ މި އުސޫލުގެ ޖަދުވަލު 2 ގައިވާ ނަމޫނާއާ އެއްގޮތް ނޫންނަމަ، ސިއްކަ އިސްލާހުކޮށް އަލުން ހުށަހެޅުމަށް އެ ކައުންސިލުގެ އިދާރާއަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އަންގާ އެންގުމާ ގުޅިގެން ސިއްކަ އިސްލާހުކޮށް އަލުން ހުށަހަޅަންވާނީ މި އުސޫލުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

5 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި "މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒަށެވެ.

 

6 ވަނަ މާއްދާ - އަމަލުކުރުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، މި އުސޫލު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން  ފެށިގެންނެވެ.

 

 

(މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު