ތިޔަހޯއްދަވާ މައުލޫމާތެއް ނުފެނުނު
gaanoon_logo
-

ރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު

(އުސޫލު - 10 ޖުލައި 2018)

 

1 ވަނަ މާއްދާ - ތައާރަފު

މި އުސޫލަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ އިހްތިޔާރުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް މެންޑޭޓްކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ، ރާއްޖޭގެ ރަށްރަށުގައި ދެ އީދު ދެނަމާދާއި، ކޭތަ ނަމާދާއި، ހުކުރު ނަމާދު ކުރުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސާކަން ކަށަވަރުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ހަވާލުކުރައްވާފައިވާތީ، އެ ބާރުގެ ދަށުން އެކުލަވައިލެވުނު އުސޫލެކެވެ. މި އުސޫލުގެ ދަށުން ދޫކުރެވޭ ހުއްދަތަކަކީ، ދެ ދަރަޖައެއްގެ މައްޗަށް އެކުލެވިގެންވާ ހުއްދަތަކެކެވެ.

 

2 ވަނަ މާއްދާ - ހުކުރުނަމާދާއި، އީދު ނަމާދާއި، ކޭތަ ނަމާދު ކުރުމުގެ ހުއްދަ ދެވޭ ދަރަޖަތައް

(ހ) އެއްވަނަ ދަރަޖައިގެ ހުއްދައަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެ މުނާސަބާއަކަށް ތައްޔާރުކޮށްފައިވާ ހުތުބާ ބަލައިގެން ކިޔުމާއި، ރާއްޖޭގެ ރަށްރަށުގައި އިމާމުވެ ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދައެވެ.

(ށ) ދެވަނަ ދަރަޖައިގެ ހުއްދައަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެ މުނާސަބާއަކަށް ތައްޔާރުކޮށްފައިވާ ހުތުބާ ބަލައިގެން ކިޔުމާއި، ލައިވްކުރާ މިސްކިތްތައް ފިޔަވައި އެހެން ހުރިހާ މިސްކިތެއްގައި ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދައެވެ. 
 
 (ނ) ރޭޑިއޯ ނުވަތަ ޓީވީން ނަމާދު ވަގުތުން ފޮނުވާ މިސްކިތެއްގައި ނުވަތަ މައިދާނެއްގައި އިމާމުވެ 
ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރެވޭނީ، އެއްވަނަ ދަރަޖައިގެ ހުއްދަ އޮންނަ ފަރާތަކަށެވެ. ނަމަވެސް ހާއްސަ ހާލަތެއްގައި އެނޫން މީހަކަށް ހުއްދަ ދިނުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ލިބިގެންވެއެވެ. ހާއްސަ ހާލަތެއްކަމަށް ބުނެފައި އެވަނީ، ރާއްޖެއިން ބޭރުން ވަޑައިގަންނަވާ އިލްމުވެރި ބޭފުޅުންނާއި، ހާއްސަ މުނާސަބަތުތަކާ ގުޅިގެން ވަކިމީހަކަށް އިސްކަންދިނުމަށް ނިންމާ ހާލަތަށެވެ.

 

3 ވަނަ މާއްދާ - ހުއްދަދެވޭ މިންގަނޑުތަކާއި ށަރުތު

ތިރީގައި ބަޔާންކޮށްފައި އެވަނީ، 2 ދަރަޖަ (ދަރަޖަ 1،2) އަށް ހުއްދަދިނުމުގައި ބެލޭނެ މިންގަނޑުތަކެވެ.

(ހ) ތިރީގައި ބަޔާންކޮށްފައި އެވަނީ، 1 ވަނަ ދަރަޖައަށް ހުއްދަ ދިނުމަށް ބެލޭނެ މިންގަނޑުތަކެވެ.

  1. މީލާދީގޮތުން 18 އަހަރާއި 65 އަހަރާ ދެމެދުގެ އުމުރެއްގެ މީހެއްކަމުގައިވުން.
  2. ދިވެހި ސަރުކާރު ގަބޫލުކުރާ ޔުނިވަރސިޓީ / ކޮލެޖު / އިންސްޓިޓިއުޓަކުން، އިސްލާމިކް ސްޓަޑީޒް / ށަރީއާ / ށަރީއަތާއި ގާނޫނާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް ހާސިލުކޮށްފައިވުން.
  3. އަރަބި މީޑިއަމުން، ދަށްވެގެން ށަހާދާ ސާނަވީން ފާސްވުން.
  4. ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން.
  5. މި މާއްދާގެ (ހ) ގެ ނަންބަރު (2) އާއި، (3) އާއި، (4) ގެ އިތުރުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ ޕެނަލަކުން އަނގަބަހުންދޭ އިމްތިހާނަކުން %85 މާކްސް ލިބިފައިވުން.
  6. މި އުސޫލުގައި މިހެން ބަޔާންކޮށްފައިވިޔަސް، އިލްމީގޮތުން އަމިއްލައަށް ހުތުބާ ދިނުމުގެ ގާބިލުކަން ލިބިފައިވާ މީހަކަށް، އޭނާ އަމިއްލައަށް ހުތުބާ ކިޔުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒަށް ނުވަތަ އެވަގުތަކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ހިންގަން ހުންނަ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) ތިރީގައި ބަޔާންކޮށްފައި އެވަނީ، 2 ވަނަ ދަރަޖައަށް ހުއްދަ ދިނުމަށް ބެލޭނެ މިންގަނޑުތަކެވެ.

  1. ދިވެހި ސަރުކާރު ގަބޫލުކުރާ ޔުނިވަރސިޓީ / ކޮލެޖު / އިންސްޓިޓިއުޓަކުން، އިސްލާމިކް ސްޓަޑީޒް / ށަރީއާ / ށަރީއަތާއި ގާނޫނުގެ ދާއިރާއިން ދަށްވެގެން ޑިޕްލޮމާއެއް ހާސިލުކޮށްފައި ުވން.
  2. އަރަބި މީޑިއަމުން، ދަށްވެގެން ށަހާދާ ސާނަވީން ފާސްވެފައިވުން، ނުވަތަ
  3. އެމް.ކިޔު.އޭ ގަބޫލުކުރާ ކޯހެއްގެ މުގައްރަރުގައި ގުރްއާނާއި ފިގްހު މި ދެ މާއްދާ ހިމެނިގެން، ގައުމީ ސަނަދުގެ ލެވެލް 3 އިން ފެށިގެން މަތީ ލެވެލެއްގެ ސެޓުފިކެޓެއް ލިބިފައިވުން.
  4. ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން.
  5. މި މާއްދާގެ (ށ) ގެ ނަންބަރު (1) އާއި، (2) އާއި، (3) އާއި، (4) ގެ އިތުރުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ ޕެނަލަކުން އަނގަބަހުންދޭ އިމްތިހާނަކުން %85 މާކްސް ލިބިފައިވުން.  

 

4 ވަނަ މާއްދާ - ހުއްދަދެވޭ ފަރާތުގައި ހުންނަންޖެހޭ އެހެނިހެން ށަރުތު

(ހ) ދީނީ ތަގްރީރުކުރުމާއި، ނަސޭހަތްދިނުމުގެ ހުއްދަ ބާތިލުކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.

(ށ) މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވެފައިވާނަމަ، އެ ޖަދުވަލުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަކުރަންވާނެއެވެ. އަދި އެ ޖަދުވަލުގައި ބަޔާންކޮށްފައިވާ ކުށެއްނަމަ، ޖަދުވަލުގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރު މުއްދަތެއް ހަމަކުރާކަށެއް ނުޖެހޭނެއެވެ.

(ނ) ގާނޫނު ނަންބަރު 1994-06 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު) އާ ހިލާފުވާގޮތަށް ތަގުރީރުކޮށް،  ރައްޔިތުންނަށް އޮޅޭގޮތަށް ދީނީ މައުލޫމާތުދޭ މީހެއްކަން  މިނިސްޓްރީއަށް ސާބިތުވެފައި ނުވުން.

 

5 ވަނަ މާއްދާ - ލޮލުގެ ފެނުން މަހުރޫމްވެފައިވާ ފަރާތްތަކަށް ހުއްދަ ދިނުން 

ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އިމާމުވެ ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ދޫކުރާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ ޕެނަލަކުން ދެވޭ އިންޓަވިއުއަކަށްފަހު، ހުއްދަ ދިނުމަށް އެ ޕެނަލުން ނިންމާ ގޮތެއްގެ މަތިންނެވެ. ނަމަވެސް އިސްތިސްނާ ހާލަތްތަކުގައި، ހާލަތަށް ރިއާޔަތްކޮށް ހުއްދަ ދިނުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ހުއްދައަށް އެދޭފަރާތް އިމްތިހާނުކުރުން

ހުއްދައަށް އެދޭފަރާތްތަކުގެ ތެރެއިން ށަރުތު ހަމަވާ ފަރާތްތައް އިމްތިހާންކުރާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ ކޮމެޓީއަކުންނެވެ. އިމްތިހާނުކުރުމަށްޓަކައި ސުވާލުކުރާނީ އަނގަބަހުންނެވެ. އާންމުކޮށް އިމްތިހާންކުރާނެ ކަންތައްތައް ތިރީގައި މިވަނީއެވެ.

(ހ) ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދާއި، ކަށުނަމާދު ކުރާނޭގޮތް. 

(ށ) ހުތުބާ ހުށަހެޅުން.

(ނ) ތަޖުވީދުގެ ހަމަތަކުގެމަތިން ގުރްއާން ކިޔަވަން އެނގޭ މިންވަރު ބެލުން. (ހާއްސަގޮތެއްގައި، سورة الفاتحة އާއި، سورة الأعلى އިން ފެށިގެން އައްމާ ފޮތުގެ ތިރީގެ ސޫރަތްތައް ހިފްޡުކޮށް ކިޔަވަން އެނގޭތޯ ބެލޭނެއެވެ.)

 

7 ވަނަ މާއްދާ - އިމްތިހާނުން ފާސްނުވާ ފަރާތްތަކަށް އަލުން އިމްތިހާނު ދިނުން 

އިމާމުވެ ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް ދެވޭ އިމްތިހާނުން ފާސްނުވެއްޖެނަމަ، އެ ފަރާތަކަށް 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ގިނަވެގެން އިމްތިހާނު ދެވޭނީ 2 (ދޭއް) ފަހަރުއެވެ. ކޮންމެ ފަހަރަކުވެސް އިމާމުވެ ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދައަށް އެދި ފޯމު ހުށަހަ ަޅންވާނެއެވެ.

 

8 ވަނަ މާއްދާ - އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދާއި ކޭތަ ނަމާދު ކުރުމަށް ވަގުތީ ހުއްދަ ދިނުން

(ހ) އިމާމުވެ ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދައޮތް އެއްވެސް ފަރާތެއް ނެތިގެން، ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރާނެ ގާބިލު މީހެއްގެ ަމއުލޫމާތު ސިޓީ ކައުންސިލުން ނުވަތަ ރަށު ކައުންސިލުން ނުވަތަ ރަށްރަށުގައި ހުރި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ޔުނިޓަކުން ނުވަތަ ޑެސްކަކުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅުމުން، 6 (ހައެއް) މަސްދުވަހަށްވުރެ އިތުރުނުވާގޮތަށް ވަގުތީ ހުއްދައެއް ދެވިދާނެއެވެ. 

(ށ) ރަށެއްގައި ތިބި، ހުކުރުކުރުމުގެ ހުއްދަ އޮންނަ މީހަކު ނުވަތަ މީހުން ބަލިވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ހުކުރުކުރެވޭނެގޮތް ނުވެއްޖެނަމަ، ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު އިމާމުވެ ކުރެވޭވަރުގެ ގާބިލު މީހަކަށް ހުއްދަ ހޯދުމަށް އެދި ސިޓީ ކައުންސިލުން، ރަށު ކައުންސިލުން ނުވަތަ ރަށްރަށުގައި ހުރި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ޔުނިޓަކުން ނުވަތަ ޑެސްކަކުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅުމުން އެ ހުކުރަކަށް ނުވަތަ 1 (އެކެއް) މަސްދުވަހަށްވުރެ އިތުރުނުވާގޮތަށް، އެ ފަރާތަކަށް ވަގުތީ ހުއްދައެއް ދެވިދާނެއެވެ.

 

9 ވަނަ މާއްދާ - ހުއްދަ ބާތިލުކުރެވޭ ނުވަތަ ވަގުތީގޮތުން ހުއްދަ ހިފެހެއްޓޭ ހާލަތްތައް

(ހ) އިސްލާމީ ށަރީއަތުގައި އަދަބު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވުން ނުވަތަ އެފަދަ ކަމެއްގައި ތުހުމަތުކުރެވިފައި ފަރާތެއްކަމުގައި ވުން.

(ށ) މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވުން.

(ނ) މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ހުއްދަނެތި ހުތުބާއަށް އުނިއިތުރު ގެނެސްގެން ހުތުބާ ދިންކަން މިނިސްޓްރީން ބަލާބެލުމުން ސާބިތުވުން.

(ރ) އެމީހެއްގެ ގުރްއާން ކިޔެވުމާއި، ހުތުބާ ކިއުމުގައި ގިނަގުނަ ކުށް ކިޔާކަމުގެ ށަކުވާ ލިބިގެން، އެކަންކަން ބެލުމަށްފަހު، އެއިން ކަމެއް މިނި ްސޓްރީ އޮފް އިސްލާމިކް އެފެއާޒަށް ސާބިތުވުން.

(ބ) ބަދުއަހްލާގީ މައްސަލައެއްގައި ތުހުމަތުކުރެވުން ނުވަތަ އެފަދަކަމެއް ށަރީއަތަށް ސާބިތުވުން.

(ޅ) މުޖުތަމައުގެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފުކަމެއް ކުރުން ނުވަތަ އެފަދަ ކަމެއްގައި ތުހުމަތު ކުރެވުން.

 

10 ވަނަ މާއްދާ - ހުއްދަ ބާތިލުކުރުމަށްފަހު އަލުން ހުއްދަ ދިނުން

(ހ) މި އުސޫލުގެ 9 ވަނަ މާއްދާއާއި ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކުށެއްނަމަ، އަލުން ހުއްދަދެވޭނީ ށަރީއަތުން ކަނޑައަޅާ މުއްދަތެއް ހަމަވުމަށްފަހު ނުވަތަ ޖަދުވަލުގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށްފަހުއެވެ. ނަމަވެސް އެފަދަ ކަމެއް ށަރީއަތަށް ސާބިތުނުވިނަމަވެސް، ކުރެވުނު ތުހުމަތަށް ބަލައި، އަލުން ހުއްދަދިނުމާއި ނުދިނުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ލިބިގެންވެއެވެ.

(ށ) ވަގުތީ ހުއްދައެއްގެ ދަށުން ހުއްދަ ލިބިގެން ރާއްޖޭގައި އިމާމުވެ ހުކުރުނަމާދުކުރާ މީހަކު ކަމުގައިވިޔަސް، ނުވަތަ އީދުނަމާދުކުރާ މީހަކު ކަމުގައިވިޔަސް، ނުވަތަ ކޭތަނަމާދުކުރާ މީހަކު ކަމުގައިވިޔަސް، މި އުސޫލާ ހިލާފަށް އަމަލުކުރާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ސާބިތުވެއްޖެނަމަ، އެފަރާތެއްގެ ހުއްދަ ހިފެހެއްޓުމުގެ ނުވަތަ ހުއްދަ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - އުމުރުން 65 އަހަރު ވެގެން ހުއްދަ ބާތިލުވެފައިވާ ފަރާތްތަކާމެދު އަމަލު ކުރާނެގޮތް

އުމުރުން 65 އަހަރުވެގެން ހުއްދަ ބާތިލުވެފައިވާ މީހަކު، އިމާމުވެ ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދައަށް އަލުން އެދޭނަމަ، އެ ހުއްދަ ދެވޭނީ، އިމާމުވެ ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ލިބިފައިވާ 2 (ދޭއް) ފަރާތެއްގެ ލިޔުމަކާއެކު ހުށަހެޅުމުންނެވެ. އެ ލިޔުމުގައި، އެފަރާތަކީ ސިއްހީގޮތުން އެކަން ކުރެވޭފަދަ ގާބިލުކަންހުރި ފަރާތެއްކަން ބަޔާންކުރަންވާނެއެވެ. މިގޮތުން ހުށަހަޅާ ލިޔު ްނތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބެލުމަށްފަހު ހުއްދަ ދެވޭނީ، ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށެވެ.

 

12 ވަނަ މާއްދާ - ހުތުބާއަށް އުނިއިތުރު ގެނައުން ނުވަތަ އެ ހަފުތާއަކަށް ކަނޑައެޅިފައިވާ ހުތުބާ ނޫން އެހެން ހުތުބާއެއް ކިޔުން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ހުއްދަ ނެތި ހުތުބާއަށް އުނި އިތުރު ގެނައުމަކީ މަނާކަމެކެވެ. ހުތުބާއަށް އުނިއިތުރު ގެނައިކަމަށް ނިންމާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ ކޮމެޓީއަކުން އެކަން ބެލުމަށްފަހުގައެވެ. މި ގޮތުން ހުތުބާއަށް އުނިއިތުރު ގެނައިކަމަށް ކޮމެޓީން ނިންމައިފިނަމަ، ގެނައި އުނި އިތުރުގެ ކުޑަ ބޮޑުމިނަށް ބަލައި ތިރީގައިވާ ފިޔަވަޅު އެޅޭނެއެވެ.

(ހ) ނަސޭހަތް ދިނުން.

(ށ) އިންޒާރު ދިނުން.

(ނ) ހުއްދަ ހިފެހެއްޓުން ނުވަތަ ހުއްދަ ބާތިލުކުރުން. 

 

13 ވަނަ މާއްދާ - ފޯމު ބާތިލުކުރުން 

(ހ) (ހ) އިމާމުވެ ހުކުރު ނަމާދާއި، އީދު ނަމާދާއި، ކޭތަ ނަމާދު ކުރުމުގެ ހުއްދައަށް އެދި ފޯމް ހުށަހެޅުމަށްފަހު، އިމްތިހާނަށް ހާޒިރުވާން އެންގުމުން، އިމްތިހާނަށް ހާޒިރުނުވެ 1 (އެކެއް) މަސްދުވަސް ވެއްޖެނަމަ، އެ ފޯމު ބާތިލުވާނެއެވެ. 

(ށ) (ށ) އިމްތިހާނުން ފާސްވުމަށްފަހު، ކުށުގެ ރިކޯޑު ސާފުކުރާ ފޯޯމު 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. ވަޒީފާއެއްގައި ހުރި ފަރާތެއްކަމުގައިވިޔަސް، ކުށުގެ ރިކޯޑު ފޯމު ފުރިހަމަކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ މުއްދަތުގެ ތެރޭގައި ކުށުގެ ރިކޯޑު ސާފުކުރާ ފޯމު ހުށަނާޅައިފިނަމަ، އެ ފޯޯމު ބާތިލުވާނެއެވެ. އަދި އެފަދަ ފަރާތަކަށް ހުއްދަ ދެވޭނީ، ހުއްދައަށްއެދޭ ފޯމު އަލުން ހުށަހެޅުމުންނެވެ. އަލުން ފޯމު ހުށަހަޅާއިރު، ބަޔާންކޮށްފައިވާ ލިޔުންތައް ފޯމާއެކު ހުށަހަޅަންވާނެއެވެ. 

(ރ) އިމާމުވެ ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި ފެންވަރު ހުރިތޯ ބެލުމަށް ކުރާ އިމްތިހާނުން ފާސްނުވާ ފަރާތްތަކަށް އަލުން އިމްތިހާނު ދެވޭނެ ތާރީހު، ލިޔުމަކުން އެފަރާތްތަކަށް އަންގަންވާނެއެވެ. 

14 ވަނަ މާއްދާ - ހުއްދައަށް އެދި ފޯމު ހުށަހެޅުން

އިމާމުވެ ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، އެކަމަށް އެދޭ ފޯމުންނެވެ. މި ފޯމު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުން، މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

އިމާމުވެ ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމާއެކު ތިރީގައިވާ ތަކެތި ހުށަހަޅަންވާނެއެވެ. އެއީ:

(ހ) ސްޓޭމްޕް ސައިޒުގެ 1 ގަނޑު ފޮޓޯ.

(ށ) ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް.

(ނ) އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު ނުވަތަ މޯލްޑިވްސް ކޮލި ިފކޭށަން އޮތޯރިޓީން ދީފައިވާ އެސެސްމަންޓް ލެޓަރގެ ކޮޕީއެއް.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައިވާ ލިޔުންތައް ހުށަހަޅާއިރު، ސަރުކާރުގެ މުއައްސަސާއަކުން ނުވަތަ ހުއްދަ އޮތް ގާނޫނީ ވަކީލެއްގެ ފަރާތުން، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައި އޮންނަންވާނެވެ.

 

15 ވަނަ މާއްދާ - އަލުން ހުއްދަ ދިނުން

މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރޭގައި ހިމެނޭ، ޓެރަރިޒަމާއި، މާރާމާރީއާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކާއި، މިފަދަ ހުކުމްތައް ތަންފީޒުކޮށް ނިމިފައިވާ ފަރާތްތަކަށް، އިމާމުވެ ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ އަލުން ދިނުމުގައި، އެމީހެއްގެ އަހްލާގަށާއި، މުޖުތަމައުގައި އޭނާއާމެދު ދެކޭގޮތުގެ މައްޗަށްރިއާޔަތް ކުރުމަށްފަހު، ހުއްދަ ދިނުމާއި، ނުދިނުމުގެ ފުރިހަމަ އިހްތިޔާރާއި ބާރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ލިބިގެންވެއެވެ. އަދި މިކަންކަން ބަލައި ގޮތެއް ކަނޑައަޅާނީ، އެކަމަށްޓަކައި އެކުލަވައިލާ ކޮމެޓީންނެވެ.

 

16 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. އަދި މި އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭ ދުވަހުން ފެށިގެން މީގެ ކުރިން އަމަލުކުރަމުންއައި، ރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު ބާތިލުވާނެއެވެ.

 

މި އުސޫލުގެ ޖަދުވަލު އެޓޭކްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

ގުޅުންހުރި ގަވާއިދު

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-40)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު