-

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަން ކުރުމުގައި އަމަލުކުރާނެ އުސޫލު

(އުސޫލު - 8 ޖޫން 2019)

1 ވަނަ މާއްދާ - ތައާރަފު

މިއީ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު ހޮވުމުގައި އަމަލުކުރާނެ އުސޫލެވެ.

 

2 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލަކު ހޯދުމުގެ ކޮމިޓީ 

ސެކްރެޓަރީ ޖެނެރަލަކު ހޯދުމުގެ މަސައްކަތްކުރާނީ ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ކޮމިޓީއަކުންނެވެ.

 

3 ވަނަ މާއްދާ - ކޮމިޓީގެ މަސްއޫލިއްޔަތު

ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތައް ވަޒަންކުރުމުގެ ކްރައިޓީރިއާ ކަނޑައެޅުމާއި، މި މަގާމަށް މީހަކު ހޯދުމަށް އިއުލާނުކުރުމާއި، ށަރުތާ އެއްގޮތަށް އެޕްލިކޭށަންތައް ސްކްރީންކުރުމާއި، އިންޓަވިއުކުރުމާއި، އެ މަގާމަށް މީހަކު ހޯދުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

 

4 ވަނަ މާއްދާ - މަގާމުގެ އަސާސީ ށަރުތު

މި މަގާމުގެ އަސާސީ ށަރުތު، ޖަދުވަލު 1 ގައި އެވަނީއެވެ.

 

5 ވަނަ މާއްދާ - ކްރައިޓީރިއާ

ސްކްރީންކުރުމުގެ ބޭނުމަކީ، ގާނޫނު ނަންބަރު 10/2008 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 34 ވަނަ މާއްދާއާއި، ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދުގެ 52 ވަނަ މާއްދާގައިވާ، ވަޒީފާއަށް އައްޔަނުކުރުމުގެ ށަރުތުތަކާއި، ވަޒީފާއަށް އެދި ހުށަހެޅުމަށް އިއުލާނުކޮށްފައިވާ މަގާމުގެ އަސާސީ ށަރުތުތަކާއި، އިއުލާނުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަވެފައިވޭތޯ އިންސާފުވެރިކަމާއެކު ޒިންމާދާރުގޮތެއްގައި ބަލައި ޔަގީންކުރުމެވެ. މިގޮތަ ށް ބަލައި ބެލުމުގައި، އެންމެ ފަރާތަކުން ކުރިމަތިލައިފައި އޮތް ނަމަވެސް އެފަރާތުގެ ހުށަހެޅުން ފުރިހަމަތޯއާއި، ށަރުތު ހަމަވޭތޯ ބެލުމަށް ސްކްރީން ކުރެވޭނެއެވެ. ސްކްރީންކުރުމުގައި ބަލާނެ ކަންތައްތައް ތިރީގައި މިވަނީއެވެ.

 

6 ވަނަ މާއްދާ - ސްކްރީން ކުރުން

ސްކްރީންކުރުމުގެ ބޭނުމަކީ، ގާނޫނު ނަންބަރު 10/2008 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 34 ވަނަ މާއްދާއާއި، ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދުގެ 52 ވަނަ މާއްދާގައިވާ، ވަޒީފާއަށް އައްޔަނުކުރުމުގެ ށަރުތުތަކާއި، ވަޒީފާއަށް އެދި ހުށަހެޅުމަށް އިއުލާނުކޮށްފައިވާ މަގާމުގެ އަސާސީ ށަރުތުތަކާއި، އިއުލާނުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަވެފައިވޭތޯ އިންސާފުވެރިކަމާއެކު ޒިންމާދާރުގޮތެއްގައި ބަލައި ޔަގީންކުރުމެވެ. މިގޮތަ ށް ބަލައި ބެލުމުގައި، އެންމެ ފަރާތަކުން ކުރިމަތިލައިފައި އޮތް ނަމަވެސް އެފަރާތުގެ ހުށަހެޅުން ފުރިހަމަތޯއާއި، ށަރުތު ހަމަވޭތޯ ބެލުމަށް ސްކްރީން ކުރެވޭނެއެވެ. ސްކްރީންކުރުމުގައި ބަލާނެ ކަންތައްތައް ތިރީގައި މިވަނީއެވެ.

(ހ) އިއުލާނުގައިވާ މަގާމަށް އެދި ހުށަހަޅަންޖެހޭ ތާރީހަށް ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅައިފައިވާކަން ކަށަވަރުކުރުން.

(ށ) ޖުޑީށަލް ސަރވިސް ކޮމިށަނުގެ ވަޒީފާއަށް އައްޔަނުކުރުމުގެ ށަރުތުތައް ފުރިހަމަވެފައިވޭތޯ ކަށަވަރުކުރުން. ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދުގެ 52 ވަނަ މާއްދާގެ (ހ) ގައިވާ ށަރުތުތައް

(ނ) މަގާމުގެ އަސާސީ ށަރުތުތައް ފުރިހަމަވާކަން ކަށަވަރުކުރުން. އަސާސީ ށަރުތު ފުރިހަމަވޭތޯ ބަލާނީ، ތައުލީމާއި ތަޖުރިބާގެ ބައިންނެވެ. އެގޮތުން މި މަގާމަށް ށަރުތުހަމަވާ ކެންޑިޑޭޓުންގެ ލިސްޓެއް އިންޓަވިއު ޕެނަލުން ކަނޑައަޅަންވާނެއެވެ.

(ރ) ސްކްރީން ކުރުމަށްފަހު، ތައުލީމާއި ތަޖުރިބާގެ ބަޔަށް ކަނޑައަޅައިފައިވާ ޖުމްލަ އިންސައްތައިގެ 1/2 (ދެބައިކުޅަ އެއްބައި) އަށްވުރެ މަތިން އިންސައްތަ ލިބިފައިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިމްތިހާނާ ގުޅޭ މައުލޫމާތު އަންގަންވާނެއެވެ. އަދި އިމްތިހާނުން ފާސްވުމަށް ކަނޑައަޅައިފައިވާ އިންސައްތަ ހާސިލުކޮށްފައިވާ ފަރާތަކަށް، އިންޓަވިއުއާއި ޕްރެޒެންޓޭށަ ނުގެ މައުލޫމާތު ކޮމިށަނުން އަންގާނެއެވެ.

(ބ) މި މަގާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދޭ ރެފްރީންގެ މައުލޫމާތަކީ އެ މީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 (ދޭއް) ފަރާތެއްގެ މައުލޫމާތުކަމުގައި ވާންޖެހޭނެއެވެ. އެގޮތުން އެ ސުޕަވައިޒަރަކީ މަދުވެގެން 1 (އެކެއް) އަހަރުދުވަހަށްވުރެ ކުރު ނޫން މުއްދަތެއްގައި ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

 

7 ވަނަ މާއްދާ - ތައުލީމުގެ ބަޔަށް މާކްސް ދިނުން

މި މަގާމަށް މާކްސް ދިނުމަށް ކަނޑައަޅައިފައިވާ ކްރައިޓީރިއާގައިވާ ގޮތަށް ތައުލީމާއި، ތަމްރީނާއި، ތަޖުރިބާގެ ބަޔަށް މާކްސް ދޭންވާނެއެވެ. ތައުލީމުގެ ބަޔަށް މާކްސް ދިނުމުގައި، ތިރީގައިވާ ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

(ހ) ތައުލީމީ ފެންވަރު ބެލުމަށް ހުށަހަޅާ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކަކީ އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންވާނެއެވެ. އަދި ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތައް އެޓެސްޓްކުރާނީ ސަރުކާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓަރީކޮށްފައިވާ ލޯ ފާމަކުން ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭށަނުގައި ރަޖިސްޓަރީކޮށްފައިވާ ކޮލެޖް/ޔުނިވަސިޓީއަކުންނެވެ. ނަމަވެސް ވަޒީފާއަށް އެދޭ ފަރާތުން އެ މީހެއްގެ އަމިއްލަ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތައް އެޓެސްޓްކޮށްގެން ނުވާނެއެވެ.

(ށ) 2016 ސެޕްޓެންބަރު 1 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުން، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީގެ ހުއްދަޔާއެކު ކުރިއަށްގެންދާ ރާއްޖޭގެ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރުމުން ދޭ ސެޓުފިކެޓުތައް އެކްރެޑިޓްކޮށްފައި ނެތަސް ބަލައިގަނެވޭނެއެވެ.

(ނ) ހުށަހަޅާ ތައުލީމީ ދާއިރާގެ ސެޓުފިކެޓުތަކުގެ ތެރެއިން މާކްސް ދޭނީ އެ މީހަކު ހުށަހަޅައިފައިވާ އެންމެ މަތީ ސެޓުފިކެޓަށެވެ. މާކްސްދިނުމުގައި، އެއް ފެންވަރެއްގެ ނުވަތަ އެއަށް ވުރެ ގިނަ ސެޓުފިކެޓު ހުށަހެޅިކަމުގައިވިޔަސް، މާކްސްދޭނީ 1 (އެކެއް) ސެޓުފިކެޓަށެވެ. އަދި އެއް ފެންވަރެއްގެ 2 (ދޭއް) ދާއިރާއެއްގެ ސެޓުފިކެޓު އޮތަސް، މާކްސްދޭނީ 1 (އެކެއް) ސެޓުފިކެޓަށެވެ.

 

8 ވަނަ މާއްދާ - ތަމްރީނުގެ ބަޔަށް މާކްސް ދިނުން

(ހ) ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅައިފައިވާ އެކިއެކި ތަމްރީނުތަކުގެ ސެޓުފިކެޓުތަކަށް މާކްސްދޭނީ ހުށަހަޅައިފައިވާ ސެޓުފިކެޓަކީ ކުރިމަތިލައިފައިވާ ދާއިރާއާ ގުޅޭ ނުވަތަ ހިންގުމުގެ ދާއިރާއާ ގުޅޭ ސެޓުފިކެޓެއް ނަމަ އެވެ.

(ށ) ރަޖިސްޓަރީކޮށްގެން ހިންގާ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކުން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި ހިންގާ ތަމްރީނުތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓުފިކެޓުތަކަށް މާކްސް ދޭންވާނެއެވެ.

(ނ) މުއްދަތު ނުވަތަ ވަގުތު ކަނޑައަޅައިފައިނުވާ، ކުރިމަތިލައިފައިވާ ދާއިރާއާ ގުޅޭ ނުވަތަ ހިންގުމުގެ ދާއިރާއާ ގުޅޭ ތަމްރީނު ސެޓުފިކެޓަށް މާކްސްދިނުމުގައި ބެލޭނީ 1 (އެކެއް) ދުވަހުގެ ތަމްރީނެއްގެ ގޮތުގައެވެ.

 

9 ވަނަ މާއްދާ - ތަޖުރިބާގެ ބަޔަށް މާކްސް ދިނުން

މި ބަޔަށް މާކްސްދޭނީ، ތަޖުރިބާ ހާމަކޮށްދިނުމުގެގޮތުން އެ މުވައްޒަފަކު ހުށަހަޅާ ލިޔުންތަކަށާއި، ވަޒީފާ އަދާކުރި މުއްދަތަށް ރިއާޔަތްކޮށެވެ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކޮށްފައިވާ ނަމަ ބަލާނީ، ސިވިލް ސަރވިސްއާ އެއް ލެވެލެއްގެ މަގާމުގެ ތަޖުރިބާގެ ގޮތުގައެވެ.

(ށ) އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، ބަލާނީ، އަދާކުރި މަސްއޫލިއްޔަތަށާއި، މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދަށް ބަލައިގެންނެވެ. އެގޮތުން އެތަނުގެ މުވައްޒަފުންގެ އަދަދަކީ މަދުވެގެން 50 (ފަންސާސް) މީހުން ކަމުގައި ވާންވާނެއެވެ.

(ނ) މަސައްކަތުގެ ތަޖުރިބާގެ މުއްދަތަށް މާކްސްދޭނީ ހިންގުމުގެ ދާއިރާގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އެވެ

 

10 ވަނަ މާއްދާ - އިމްތިހާނު ކުރުން

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަގާމުގެ އަސާސީ ށަރުތު ހަމަވާ ފަރާތްތަކަށް އިމްތިހާނެއް ދޭނެއެވެ. އިމްތިހާން ދޭނީ ތައުލީމާއި ތަޖުރިބާގެ ބަޔަށް ކަނޑައަޅައިފައިވާ ޖުމުލަ އިންސައްތައިގެ 1/2 (ދެބައިކުޅަ އެއްބައި) އަށް ވުރެ މަތިން އިންސައްތަ ލިބިފައިވާ ފަރާތްތަކަށެވެ. އިމްތިހާނާ ގުޅޭ އެހެނިހެން މުހިންމު ކަންތައްތައް ތިރީގައި މިވަނީއެވެ.

(ހ) އިމްތިހާނު ކުރިއަށްދާއިރު ކުރުން އެކަށީގެން ނުވާ ފަދަ އަމަލެއް އެއްވެސް ބައިވެރިޔަކު ކޮށްފި ނަމަ، އެ ބައިވެރިއެއްގެ ނުވަތަ ބައިވެރިންގެ ސުވާލު ކަރުދާސް އަތުލުމަށްފަހު، އިމްތިހާނު ހޯލުން ފޮނުވައިލުމުގެ އިހްތިޔާރު، އިމްތިހާނު ހޯލުގެ އެންމެ އިސް ވެރިޔާއަށް ލިބިގެންވެއެވެ.

(ށ) އިމްތިހާނުގެ ކަންކަން ބަލަހައްޓާނީ މި ކޮމިޓީން ނުވަތަ ކޮމިޓީން ކަނޑައަޅާ ފަރާތްތަކުންނެވެ.

(ނ) އިމްތިހާނު ބާއްވާ ތަނަށް ނުވެއްދޭނެ ތަކެތި:

  1. މޯބައިލް ފޯނު
  2. ކަލްކިއުލޭޓަރު
  3. އަތްދަބަހާއި، ޕަރސް ފަދަ ތަކެތި
  4. އެއްވެސް ބާވަތެއްގެ ކާއެއްޗެއް
  5. މަތީގައި ބަޔާންކޮށްފައިވާ ތަކެތީގެ އިތުރުން، އިމްތިހާނުގައި ބޭނުންކުރުން އެކަށީގެންނުވާ ތަކެތި
    (މި ތަކެތި ކަނޑައަޅާނީ އިމްތިހާނު ހިންގުމާ ހަވާލުވެހުންނަ ވެރިޔާއެވެ.)

 

11 ވަނަ މާއްދާ - އިންޓަވިއުއާއި ޕްރެޒެންޓޭށަން

(ހ) އިންޓަވިއުއާއި ޕްރެޒެންޓޭށަނަށް ށޯޓްލިސްޓްކުރެވޭނީ މަގާމަށް ށަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން މަސައްކަތުގެ ތައުލީމާއި ތަޖުރިބާއާއި، އިމްތިހާނުގެ ބައިން އެންމެ މަތިން މާކްސް ލިބުނު 5 (ފަހެއް) ފަރާތެވެ. މިގޮތުން ށަރުތު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 5 (ފަހެއް) އަށްވުރެ މަދު ނަމަ، ށަރުތު ފުރިހަމަވާ ހުރިހާ ފަރާތަކާ އިންޓަވިއުކުރާނެއެވެ.

(ށ) ށޯޓްލިސްޓް ނުކުރާ ފަރާތްތަކަށް، ށޯޓްލިސްޓް ނުކުރާކަން، ކޮމިށަނުގެ އިދާރާގެ ފަރާތުން، ސަބަބާއެކު އަންގަންވާނެއެވެ. މިގޮތަށް އަންގާ އެންގުން، އެ ކެންޑިޑޭޓަކު އެޕްލިކޭށަން ފޯމުގައި ދީފައިވާ އީމެއިލް އެޑްރެހަށް ނުވަތަ ފޯނު ނަންބަރަށް މެސެޖަކުން އަންގާނެއެވެ.

(ނ) އިންޓަވިއުއާއި ޕްރެޒެންޓޭށަނަށް ށޯޓްލިސްޓް ކުރާނީ އިމްތިހާނަށް ކަނޑައަޅައިފައިވާ ޖުމުލަ އިންސައްތައިގެ 1/2 (ދެބައިކުޅަ އެއްބައި) އަށްވުރެ މަތިން އިންސައްތަ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، މި އުސޫލުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިންނެވެ.

(ރ) އިންޓަވިއުއަށް ކަނޑައަޅައިފައިވާ ވަގުތަކީ 20 (ވިހި) މިނެޓެވެ. ޕްރެޒެންޓޭށަނަށް ކަނޑައަޅައިފައިވާ ވަގުތަކީ 10 (ދިހައެއް) މިނެޓެވެ.

(ބ) ޕްރެޒެންޓޭށަން ދޭނީ އެކަމަށް ބޭނުންކުރާ ސޮފްޓްވެއަރއެއް މެދުވެރިކޮށެވެ. ޕްރެޒެންޓޭށަން ތައްޔާރުކޮށް ހުށަހަޅާންވާނީ ދިވެހިބަހުންނެވެ. އެހެންނަމަވެސް އިނގިރޭސިބަހުން ކުރާ ސުވާލަށް ޖަވާބުދޭންވާނީ އިނގިރޭސިބަހުންނެވެ.

(ޅ) ޕްރެޒެންޓޭށަނާ ގުޅޭ ތަފުސީލު މައުލޫމާތާއި، އިންޓަވިއުއަށާއި ޕްރެޒެންޓޭށަނަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި، އިންޓަވިއުއަށާއި ޕްރެޒެންޓޭށަނަށް ހާޒިރުވާންޖެހޭ ދުވަހުގެ މަސައްކަތު 2 (ދޭއް) ދުވަހުގެ ކުރިން، އިންޓަވިއުއަށާއި ޕްރެޒެންޓޭށަނަށް ށޯޓްލިސްޓްވީ ފަރާތްތަކަށް އަންގަންވާނެއެވެ.

(ކ) ސްކްރީންކުރުމުގެ މަރުހަލާ ގައި ށަރުތު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މި މަގާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ އިމްތިހާނާއި އިންޓަވިއުއިންކުރެ އެއްވެސް މަރުހަލާއެއް ފުރިހަމަނުކުރާ ފަރާތްތައް، އެ މަރުހަލާއެއް ފުރިހަމަނުކުރި ހިސާބުން އެ މަގާމަށް އައުމުގެ ފުރުސަތު ގެއްލޭނެއެވެ. އަދި އެ ފަރާތްތަކަށް އެކަން ލިޔުމުން އަންގަންވާނެއެވެ.

(އ) ކޮންމެ ކެންޑިޑޭޓަކަށް އިންޓަވިއުއާއި ޕްރެޒެންޓޭށަނަށް މާކްސްދިނުމަށްޓަކައި، އިންޓަވިއު ޕެނަލުގައި ހިމެނޭ ކޮންމެ ފަރާތަކަށް ވެސް ވަކިން މާކްސްދޭނެ ށީޓެއް އޮންނަންވާނެއެވެ. އަދި އިންޓަވިއުކޮށް ޕްރެޒެންޓޭށަން ހުށަހަޅައި ނިމުމުން، އިންޓަވިއު ޕެނަލުގައި ހިމެނޭ ފަރާތްތަކުން މާކްސް ށީޓްތަކުގައި ވަގުތުން ސޮއިކުރަންވާނެއެވެ.

(ވ) ކެންޑިޑޭޓުންނަށް ތައުލީމާއި، ތަޖުރިބާއާއި، އިމްތިހާނާއި، މަސައްކަތުގެ ހުނަރާއި ފެންވަރާއި ގާބިލުކަން (އިންޓަވިއުއާއި ޕްރެޒެންޓޭށަން)، ގެ ބައިން ލިބުނު މާކްސް އެއްކުރުމަށްފަހު، ކޮންމެ ބައިވެރިޔަކަށް ލިބުނު މާކުހުގެ ޖުމްލަ އަދަދާއި ޕަސެންޓޭޖް ހިމެނޭގޮތަށް ހުރިހާ ކެންޑިޑޭޓުންނަށް ލިބުނު މާކްސްތައް އެނގޭނެ މާކްސް ށީޓެއް ހަދަންވާ ނެއެވެ. މި ށީޓް ތަރުތީބުކުރާނީ އެންމެ މަތިން މާކްސް ލިބުނު ކެންޑިޑޭޓުންގެ ތަރުތީބުންނެވެ.

(މ) މަސައްކަތުގެ ހުނަރާއި ފެންވަރާއި ގާބިލުކަން ވަޒަންކުރުމަށް އިންޓަވިއުއާއި ޕްރެޒެންޓޭށަނުގެ ބަޔަށް މާކްސްދީ ނިމުމުން މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ މާކްސް ދީފައިވާގޮތުގެ މާކްސް ށީޓް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހަޅާއިރު ކޮމިށަނުގެ މެންބަރުންގެ މައުލޫމާތަށް ޓަކައި، ޕެނަލުގައި ހިމެނުނު ފަރާތްތަކުން، މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މާކްސް ށީޓްތައް ކޮންމެ މެންބަރަކަށް ބެލޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

 

12 ވަނަ މާއްދާ - ހޮވުމާއި އައްޔަނުކުރުން

(ހ) ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޮވުމުގައި ކޮމްޕީޓެންސީ ވަޒަންކުރާނީ، ކްރައިޓީރިއާގައި ކަނޑައަޅައިފައިވާ ބައިތަކަށް (ތައުލީމާއި ތަމްރީނާއި މަސައްކަތުގެ ތަޖުރިބާއާއި އިމްތިހާނާއި އިންޓަވިއުއާއި ޕްރެޒެންޓޭށަން) މާކްސް ދީގެންނެވެ.

(ށ) މި މަގާމަށް އައްޔަނުކުރާނީ އިންޓަވިއުއާއި ޕްރެޒެންޓޭށަނުގެ ބަޔަށް ކަނޑައަޅައިފައިވާ ޖުމުލަ އިންސައްތައިގެ 1/2 (ދެބައިކުޅަ އެއްބައި) އަށް ވުރެ މަތިން އިންސައްތަ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެކެވެ.

(ނ) އިންޓަވިއު ޕެނަލުގެ ރިޕޯޓާއި މާކްސް ށީޓަށް ބެލުމަށްފަހު، ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް އައްޔަނުކުރާނެ ފަރާތް ކަނޑައަޅާނީ ކޮމިށަނުންނެވެ.

(ރ) މި އުސޫލުގެ 11 ވަނަ މާއްދާގެ (ވ) ގައި ބުނާ މާކްސް ށީޓަށް ބެލުމަށްފަހު، އެންމެ މަތިން މާކްސް ލިބިފައިވާ ކެންޑިޑޭޓުންގެ ތަރުތީބުން ކޮމިށަނުގެ އަޣުލަބިއްޔަތު އެންމެ ފުރަތަމަ ލިބޭ ފަރާތެއް ސެކްރެޓެރީ ޖެނެރަލްގެ ގޮތުގައި އައްޔަނުކުރަން ވާނެއެވެ.

(ބ) މި މަގާމަށް އައްޔަނުކުރުމަށް ކޮމިށަނުން ނިންމާ ފަރާތުގެ ކުށުގެ ރެކޯޑު ސާފުކުރެވޭނެއެވެ.

(ޅ) ސެކްރެޓަރީ ޖެނެރަލްކަމަށް އައްޔަނުކުރުމަށް ކޮމިށަނުން ނިންމައިފައިވާ ކެންޑިޑޭޓް، ސެކްރެޓަރީ ޖެނެރަލްކަމަށް އައްޔަނުކުރުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކޮމިށަނުގެ އިދާރާއިން ކޮށް ނިންމަންވާނެއެވެ.

(ކ) ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވާ ފަރާތަށް ވަޒީފާއަށް ހޮވުނުކަމުގެ ލިޔުން ކޮމިށަ ނުން ފޮނުވަންވާނެއެވެ. އަދި މި މަގާމަށް ނުހޮވޭ ފަރާތްތަކަށް ނުހޮވުނުކަން ވެސް ސަބަބާއެކު ލިޔެ، އެ ފަރާތްތަކަށް ލިޔުމުން އަންގަންވާނެއެވެ.

 

13 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ގެޒެޓްކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 10/2008)

 

ގުޅުންހުރި ގަވާއިދު/އުސޫލު

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަންކުރުމުގައި އަމަލުކުރާނެ އުސޫލު (އުސޫލު - 31 ޑިސެމްބަރ 2018)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު