-

ގާނޫނާއި ގަވާއިދާ ހިލާފަށް، ބެލެހެއްޓުމެއްނެތި އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2020-04)

 

1 ވަނަ މާއްދާ - ތަޢާރަފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 71 ވަނަ މާއްދާގެ (އ) އާއި (ގ) އާއި (ޏ) އިން މިނިސްޓްރީ އޮފް ފިށަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއަށް ލިބިދޭ އިހްތިޔާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، (ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާއިބެހޭ ގަވާއިދު) އެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގްސަދު

މި ގަވާއިދުގެ މައިގަނޑު މަގްސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) ދިވެހިރާއްޖޭގެ ބަނދަރުތަކުގެ ބޭނުން ހިފާ މަސްވެރިކަން ކުރާ ނުވަތަ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް އެކަށީގެންވާ ނިޒާމްތަކެއް ގާއިމްކުރުން؛

(ށ) ދިވެހިރާއްޖޭގެ ހާއްސަ  އިގްތިސާދީ ސަރަހައްދުގައްޔާއި އެ ސަރަހައްދުން ބޭރުގައި ގާނޫނާއި ގަވާއިދާ ހިލާފަށް މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގާ ބޭރުގެ އުޅަނދުފަހަރުގެ ހަރަކާތްތައް ހުއްޓުވުމަށް ދިވެހިރާއްޖޭގެ ބަނދަރުތަކުގައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުން؛

(ނ) ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ ދުނިޔޭގެ ކާބޯތަކެތީގެ ޖަމްޢިއްޔާ އެފް.އޭ.އޯ.ގެ (އެގްރީމަންޓް އޮން ޕޯޓް ސްޓޭޓް މެށަރސް ޓު ޕްރިވެންޓް، ޑިޓަރ އެންޑް އެލިމިނޭޓް އިލީގަލް، އަންރިޕޯޓެޑް އެންޑް އަންރެގިއުލޭޓެޑް ފިށިންގ) ގައި ބަޔާންކުރާ ކަންކަން ދިވެހިރާއްޖެއިން ތަންފީޒުކުރުމަށްޓަކައި އެކަމާ ގުޅޭ އުސޫލުތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގޭ ފަރާތްތައް

(ހ)    މި ގަވާއިދު ހިނގާނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.

  1. ދިވެހިރާއްޖޭގެ ބަނދަރަކަށް ވަނުމަށް އެދޭ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައި ނުވާ މަސްވެރިކަން ކުރާ ނުވަތަ މަސްވެރިކަމާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް.
  2. މި ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ހަރަކާތަކާ ގުޅިފައިވާ މީހުންނާއި، ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރު.
  3. އެހެން ގައުމެއްގެ މަސްވެރިކަމުގައި ކުރިން ހަރަކާތްތެރިވެފައިވާ، ޕްރޮވިށަނަލް ނުވަތަ ވަގުތީ ރަޖިސްޓަރީއެއްގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރު މި ގަވާއިދުގެ ބޭނުމަށްޓަކައި ބަލާނީ، މި މާއްދާގެ (1) ގައި ބަޔާންކުރާ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައި ނުވާ މަސްވެރިކަން ކުރާ ނުވަތަ މަސްވެރިކަމާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ގޮތުގައެވެ.

(ށ) މި މާއްދާގެ (ހ) 1 ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތިރީގައިވާ ގިންތިތަކަށް ފެތޭ އުޅަނދުފަހަރު މި ގަވާއިދުން އިސްތިސްނާވާނެއެވެ.

  1. ކޮންޓެއިނަރު އުފުލާ އުޅަނދުފަހަރުގެ ތެރެއިން އެއްވެސް ބާވަތެއްގެ މަހެއް ބަރުކޮށްފައިނުވާ އުޅަނދުފަހަރާއި، މަސް ނުވަތަ މަހުގެ އުފެއްދުމެއް އުފުލާނަމަ ކުރިން އެއްވެސް އެހެން ގައުމެއްގެ ބަނދަރަކަށް ކިރުވައިފައިނުވާ (ލޭންޑުކޮށްފައިނުވާ) އަދި ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަމަކުން ބާނައިފައިވާ ނުވަތަ ހިފައިފައިވާކަމަށް ބެލެވިދާނެ މަހުގެ ބާވަތެއް ނެތް ކޮންޓެއިނަރު އުފުލާ އުޅަނދުފަހަރު.

 

4 ވަނަ މާއްދާ - ބޭރުގެ އުޅަނދުފަހަރަށް މަސްވެރި ބަނދަރު ކަނޑައެޅުން

(ހ) މި ގަވާއިދުގެ ދަށުން ބޭރުގެ މަސްވެރި އުޅަނދުފަހަރުން ދިވެހިރާއްޖޭގައި ބަނދަރުކުރުމަށް ހުއްދަދޭނެ މަސްވެރި ބަނދަރުތައް ކަނޑައަޅައި، އެ ބަނދަރުތަކުގެ ތަފުސީލު މިނިސްޓްރީން އާންމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ މަސްވެރި ބަނދަރުތަކުގެ ތަފުސީލު، ދިވެހިރާއްޖެއިން ބައިވެރިވާ، މަސްވެރިކަމާ ގުޅުންހުރި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ޖަމްޢިއްޔާ ޖަމާއަތްތަކަށް އަންގަންވާނެއެވެ.

 

5 ވަނަ މާއްދާ - ބަނދަރަކަށް ވަނުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން

(ހ) މި ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ އުޅަނދެއް، އެއްވެސް ސަބަބަކަށްޓަކައި ދިވެހިރާއްޖޭގައި ބަނދަރުކުރަން ގަސްތުކުރާނަމަ، އެކަމަށް އެދޭ، (އެޑްވާންސް ރިކުއެސްޓް ފޮރ އެންޓްރީ އިންޓު ޕޯޓް) ފޯމް މެދުވެރިކޮށް، ބަނދަރަށް ވަނުމުގެ 3 (ތިނެއް) ދުވަހުގެ ކުރިން ބަނދަރަށް ވަނުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި އުޅަނދު ބަނދަރަށް ވަންނަންވާނީ، މި ހުއްދަ އުޅަނދުގެ ވެރި ފަރާތަށް ނުވަތަ އޮޕަރޭޓްކުރާ ފަރާތަށް ނުވަތަ ލޯކަލް އޭޖެންޓަށް ނުވަތަ މާސްޓަރަށް ލިއުމުން ލިބުމުންނެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ 3 (ތިނެއް) ދުވަހުގެ މުއްދަތު ގުނުމުގައި ސަރުކާރު ބަންދު ދުވަސްތަކެއް ނުހިމެނޭނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ފޯމާއި އެކަމާ ގުޅޭ އިޖުރާއަތްތައް، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިޢުކުރެވެން ވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ބޭރުގެ މަސްވެރި އުޅަނދުފަހަރު ބަނދަރުކުރުމުގެ ހުއްދަ ދޫކުރެވޭނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ މަސްވެރި ބަނދަރަކަށް ވަނުމަށެވެ.

(ނ) މި މާއްދާގެ ދަށުން ހުއްދަ ދެވޭ ބޭރުގެ މަސްވެރި އުޅަނދުފަހަރުގެ މަޢުލޫމާތު، އުޅަނދު ބަނދަރަށް ވަނުމުގެ ކުރިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށާއި، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ ކޯސްޓް ގާޑާ، މިނިސްޓްރީން ހިއްސާކުރަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ބަނދަރުކުރުމަށް އެދޭ ބޭރުގެ މަސްވެރި އުޅަނދުފަހަރަށް މިނިސްޓްރީން ހުއްދަ ދިންކަމުގައި ވިޔަސް، އާންމު އުސޫލުގެ ދަށުން ރާއްޖޭގައި ބަނދަރުކުރަން އެދޭ ބޭރުގެ އުޅަނދުފަހަރުން، ސަރުކާރުގެ ކަމާބެހޭ އެހެނިހެން އިދާރާތަކުން ނެގުމަށް ލާޒިމްކުރާ ހުއްދަތައް ހޯދަންޖެހޭނެއެވެ.

 

6 ވަނަ މާއްދާ - ބަނދަރަށް ވުނުމުގެ ހުއްދަ ނުދިނުން

(ހ) މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ބަނދަރަކަށް ވަނުމަށް ހުށަހަޅައިފައިވާ އުޅަނދަކީ އަންނަނިވި ހާލަތްތަކަށް ފެތޭ އުޅަނދެއް ނަމަ، އެ އުޅަނދަކަށް ބަނދަރަށް ވަނުމުގެ ހުއްދަ މިނިސްޓްރީގެ ފަރާތުން ދޫކޮށްގެން ނުވާނެއެވެ.

  1. މަސްވެރިކަމުގެ އެއްވެސް ސަރަހައްދީ ޖަމްޢިއްޔާއަކުން އާންމުކޮށްފައިވާ (އައި.ޔޫ.ޔޫ އުޅަނދެއްގެ ގޮތުގައި ލިސްޓުކޮށްފައިވާ) އުޅަނދުފަހަރު.
  2. ގާނޫނާއި ގަވާއިދާ ހިލާފަށް މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާކަމަށް ތުހުމަތުކުރެވޭ އުޅަނދުފަހަރާއި، އެފަދަ އުޅަނދަކުން ބާނައިފައިވާ މަސް ބަރުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ އުޅަނދުފަހަރާއި، އެފަދަ އުޅަނދަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ތުހުމަތުކުރެވޭ އުޅަނދުފަހަރު.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަނދަރަށް ވަނުމުގެ ހުއްދަ ނުދެވޭނެ ފަދަ އުޅަނދެއްވެސް، އިތުރަށް އިންސްޕެކްޓްކޮށްފައި، ގާނޫނާއި ގަވާއިދާ ހިލާފަށް އެ އުޅަނދަކުން ހިންގަމުންދާ މަސްވެރިކަމުގެ ހަރަކާތްތައް ހުއްޓުވުމަށް ކަމާބެހޭ ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށްޓަކައި ބަނދަރަށް ވަނުމުގެ ހުއްދަ ދެވިދާނެއެވެ. މި މާއްދާގެ ދަށުން ބަނދަރަށް ވަނުމުގެ ހުއްދަ ދެވޭ އުޅަނދަކަށް ބަނދަރުގެ އެއްވެސް ހިދުމަތެއް ބޭނުންކުރުމުގެ ހުއްދަ ދީގެން ނުވާނެއެވެ. އެހެންނަމަވެސް މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ދިނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) މި މާއްދާގެ ދަށުން ބަނދަރަށް ވަނުމުގެ ހުއްދަ ދޫނުކުރާ އުޅަނދުގެ ވެރިފަރާތަށް ނުވަތަ އޮޕަރޭޓަރަށް ނުވަތަ ލޯކަލް އޭޖެންޓަށް ނުވަތަ އުޅަނދުގެ ކަންކަމާ ހަވާލުވެހުރި ފަރާތަށް، ލޯކަލް އެޖެންޓަށް ނުވަތަ މާސްޓަރަށް އެކަމާ ގުޅޭ ގޮތުން މިނިސްޓްރީން ނިންމާ ނިންމުމެއް އަންގަންވާނެއެވެ.

(ރ) މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ހިލާފުވެފައިވާ އުޅަނދަކަށް ބަނދަރަށް ވަނުމުގެ ހުއްދަ ނުދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ނުވަތަ (ށ) ގެ ދަށުން ބަނދަރު ބޭނުންކުރުމުގެ ހުއްދަ އެއްވެސް އުޅަނދަކަށް ނުދީފިނަމަ، އެ އުޅަނދެއް ރަޖިސްޓަރީކޮށްފައިވާ ގައުމުގެ ކަމާބެހޭ އިދާރާއަށް އެކަށީގެންވާ ވަގުތުގައި މިނިސްޓްރީން އެކަން އަންގަންވާނެއެވެ. އަދި ކަމުގެ ބާވަތުން އަންގަންޖެހޭ އެ ސަރަހައްދުގެ އައްސޭރިފަށުގެ ގައުމުތަކަށާއި މަސްވެރިކަމާ ބެހޭ ސަރަހައްދީ ޖަމްޢިއްޔާތަކަށް އަންގަންވާނެއެވެ.

 

7 ވަނަ މާއްދާ - "ފޯސް މެޖުއަރ" ނުވަތަ "ޑިސްޓްރެސް" ހާލަތުގައިވާ އުޅަނދުފަހަރު

(ހ) (ފޯސް މެޖުއަރ) ނުވަތަ (ޑިސްޓްރެސް) ހާލަތުގައިވާ އުޅަނދުފަހަރުން މި ގަވާއިދުގެ ދަށުން ބަނދަރަށް ވަނުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރާކަށް ނުޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހާލުގައި ޖެހިފައިވާ ނުވަތަ ގުދުރަތީ ކާރިސާއަކުން ސަލަމާތްވާން ބަނދަރަށް ވަންނަ އުޅަނދުފަހަރުގެ ގޮތުގައި އަންނަނިވި އުޅަނދުފަހަރެއް ނުހިމެނޭނެއެވެ.

  1. ހާލުގައި ޖެހިފައިވާކަމަށް އޮޅުވައިލައިގެން މަޢުލޫމާތު ފޯރުކޮށްދޭ އުޅަނދުފަހަރު.
  2. ޒިންމާއިން ބަރީއަވުމަށް ނުވަތަ އޮޅުވައިލުމަށްޓަކައި ހާލުގައި ޖެހިފައިވާކަމަށް ބަޔާންކުރާ އުޅަނދުފަހަރު.
  3. އަމިއްލަޔަށް ކުރިމަތިކުރާ ކަމެއްގެ ސަބަބުން ހާލުގައި ޖެހިފައިވާ އުޅަނދުފަހަރު.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ، ހާލުގައި ޖެހިފައިވާ ނުވަތަ ގުދުރަތީ ކާރިސާއަކުން ސަލަމާތްވާންޖެހިފައިވާ އުޅަނދެއްކަމުގައި ސާބިތުކޮށްދިނުމުގެ ބުރަ އޮންނާނީ، އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދުގެ މާސްޓަރ ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަށެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހާލުގައި ޖެހިފައިވާ އުޅަނދެއްކަމުގައި ޔަގީންކުރުމަށް މިނިސްޓްރީން ނުވަތަ ދައުލަތުގެ ކަމާގުޅޭ އެހެން އިދާރާއަކުން އުޅަނދަށް އަރާ ފާސްކުރުމުގެ އިހްތިޔާރު މި ގަވާއިދުގެ ދަށުން ލިބިގެންވެއެވެ.

(ބ) ހާލުގައި ޖެހިފައިވާ ނުވަތަ ގުދުރަތީ ކާރިސާއަކުން ސަލާމަތްވުމަށް ބަނދަރުގެ ބޭނުންހިފާ އުޅަނދުފަހަރުންވެސް މިނިސްޓްރީގެ ފަރާތުން އަންގާ އެންގުންތަކަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ.

(ޅ) ހާލުގައިޖެހިފައިވާ އުޅަނދުފަހަރަށް ނުވަތަ ގުދުރަތީ ކާރިސާއަކުން ސަލާމަތްވުމަށް ބަނދަރުގެ ބޭނުންހިފާ އުޅަނދުފަހަރަށްވެސް މައްސަލަ ހައްލުވަންދެން ބަނދަރުގެ ބޭނުންހިފޭނެ މުއްދަތު ކަނޑައެޅުމުގެ އިހްތިޔާރާއި ބަނދަރުގައި ބޭނުން ހިފޭނެ ވަސީލަތްތައް ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ ދައުލަތުގެ ކަމާގުޅޭ އެހެން އިދާރާތަކަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - ބަނދަރަށް ވަނުމަށްފަހު ބަނދަރުގެ ވަސީލަތްތައް ބޭނުންކުރުމުގެ ހުއްދަ ނުދިނުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަނދަރަށް ވަނުމުގެ ހުއްދަ ދީފައިވާ އުޅަނދެއްގައި އަންނަނިވި ކަންކަން ފުރިހަމަ ނުވާނަމަ، ނުވަތަ ފުރިހަމަނުވާ ކަމަށް ބެލެވޭ ހާލަތެއްގައި ބަނދަރުގެ ވަސީލަތްތައް ބޭނުންކުރުމުގެ ހުއްދަ ދީގެން ނުވާނެއެވެ.

  1. މަސްވެރިކަންކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތް ހިންގުމަށް އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ގައުމުން ދޫކޮށްފައިވާ ސައްހަ ހުއްދައެއް ނެތުން.
  2. އައްސޭރިފަށުގެ ގައުމެއްގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ނުވަތަ ހަރަކާތްތެރިވަމުންދާ މަސްވެރި އުޅަނދުފަހަރުން އެ ހަރަކާތެއް ހިންގުމަށް އައްސޭރިފަށުގެ ގައުމުން ހުއްދައެއް ދީފައިނެތުން.
  3. އުޅަނދުގައި ހުރި މަހަކީ ސަރަހައްދީ މަސްވެރިކަމުގެ ސަރަހައްދީ ޖަމްޢިއްޔާތަކުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ ހިލާފަށް ނުވަތަ މަސްވެރިކަމުގައި ހަރަކާތްތެރިވެފައިވާ އައްސޭރިފަށުގެ ގައުމެއްގެ ނުވަތަ ގައުމުތަކެއްގެ ގަވާއިދުތަކާ ހިލާފަށް ހިންގައިފައިވާ މަސްވެރިކަމުގެ ހަރަކާތާ ގުޅޭ މަސްކަމުގެ ސާފު ހެކި ހުރުން.
  4. އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމުން އުޅަނދުގެ ހަރަކާތްތަކާ ގުޅޭ ގޮތުން ނުވަތަ އުޅަނދުގައި ހުރި މަހާ ގުޅޭ ގޮތުން ނުވަތަ މިނޫންވެސް ކަމަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މިނިސްޓްރީން އެދޭ އެދުމަކަށް އެކަށީގެންވާ މުއްދަތެއްގައި ޖަވާބުދާރީ ނުވުން.
  5. އެހެން ގޮތަކަށް ސާބިތުކޮށް ނުދެވޭހައި ހިނދަކު، ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއްގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭފަދަ ނުވަތަ އެފަދަ އުޅަނދަކަށް އެހީތެރިވެދީފައިވާކަމަށް ބެލެވޭފަދަ ހެކި ހުރި އުޅަނދުފަހަރު.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް އުޅަނދަކަށް ބަނދަރުގެ ހިދުމަތް ފޯރުކޮށް ނުދިނުމަށް ނިންމައިފިނަމަ، އެ އުޅަނދެއް ރަޖިސްޓަރީ ކޮށްފައިވާ ގައުމަށާއި، އެ އުޅަނދު ހަރަކާތްތެރިވެފައިވާ އައްސޭރިފަށުގެ ގައުމަށް ނުވަތަ ގައުމުތަކަށާއި، ކަމާގުޅޭ މަސްވެރިކަމުގެ ސަރަހައްދީ ޖަމްޢިއްޔާތަކަށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވެފައިވާކަމަށް ބެލެވޭ އުޅަނދުފަހަރު ހަރަކާތްތެރިވެފައިވަނީ މަސްވެރިކަމާ ގުޅޭ ސަރަހައްދީ ޖަމްޢިއްޔާގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ސާބިތުކޮށްދިނުމަކީ އުޅަނދުގެ ވެރިފަރާތުގެ، ނުވަތަ އޮޕަރޭޓްކުރާ ފަރާތުގެ، ނުވަތަ ޗާޓަރުކުރާ ފަރާތުގެ ޒިންމާއެކެވެ. އަދި އެ އުޅަނދަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވެފައިވާ އެހެން އުޅަނދަކަށް ހިދުމަތެއް ނުވަތަ އެހީތެރިކަމެއް ފޯރުކޮށްދީފައިވާކަމަށް ބެލެވޭ އުޅަނދެއްނަމަ، އަދި އެ ހިދުމަތް ދިނީ ނުވަތަ އެހީތެރިކަން ފޯރުކޮށްދިނީ ހިދުމަތް ހޯދި އުޅަނދުން ގަވާއިދާ ހިލާފު ހަރަކާތް ހިންގުމުގެ ކުރިންނަމަ، އެ ކަމެއް ސާބިތު ކޮށްދިނުމަކީވެސް ހިދުމަތް ދިން އުޅަނދުގެ ވެރިފަރާތުގެ ނުވަތަ އޮޕަރޭޓަރުގެ ޒިންމާއެކެވެ.

(ރ) މި މާއްދާގެ (ހ) ގައި ވާ ގޮތުގެ މަތިން ބަނދަރުގެ ހިދުމަތްތައް ފޯރުކޮށް ނުދިނުމަށް ކަނޑައަޅައިފައިވާ އުޅަނދުފަހަރަށް، އަންނަނިވި ހާލަތްތަކުގައި އެ ހާލަތަކާ ގުޅޭގޮތުން ހިދުމަތް ފޯރުކޮށްދޭންވާނެއެވެ.

  1. އެ ހިދުމަތަކީ އުޅަނދުގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ސަލާމަތާއި ސިއްހަތަށް ނުވަތަ އުޅަނދުގެ ސަލާމަތަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ހިދުމަތަކަށް ވުން.
  2. އުޅަނދު ނައްތައިލަން ފޯރުކޮށްދޭންޖެހޭ ހިދުމަތަކަށް ވުން.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ބަނދަރުގެ ހިދުމަތް ފޯރުކޮށް ނުދިނުމަށް ނިންމައިފައިވާ ނިންމުމެއް، މިނިސްޓްރީއާއި އުޅަނދު އޮޕަރޭޓްކުރާ ފަރާތާއެކު ނުވަތަ އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމާއެކު ބަދަލުކުރެވޭ މަޢުލޫމާތުގެ މައްޗަށް ރިޢާޔަތްކޮށް، އިއާދަކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ހިދުމަތް ފޯރުކޮށް ނުދިނުމަށް ނިންމާ ނިންމުން ބަދަލުކުރަންވާނީ އެ ނިންމުން ނިންމައިފައިވަނީ އެކަށީގެންވާ އެންމެ ފުރިހަމަ މަޢުލޫމާތު ނެތް ހާލަތުގައި ސައްހަނޫން މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމުގައި ވާނަމައެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން އެއްވެސް ނިންމުމެއް ބަދަލުކުރާނަމަ، އެ ނިންމުމަކާ ބެހޭގޮތުން މި މާއްދާގެ (ށ) ގެ ދަށުން މަޢުލޫމާތު ހިއްސާކޮށްފައިވާ ހުރިހާ ފަރާތްތަކަށް ނިންމުން ބަދަލުކުރިކަމާއި ނިންމުން ބަދަލުކުރެވުނު ގޮތުގެ ތަފުސީލު އަންގަންވާނެއެވެ.

 

9 ވަނަ މާއްދާ - ބަނދަރުގައި އުޅަނދު އިންސްޕެކްޓްކުރުން

(ހ) މި ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ އުޅަނދެއްގެ އިންސްޕެކްށަންގެ ހަރަކާތް ހިންގަންވާނީ މި ގަވާއިދުގައިވާ ގޮތުގެ މަތިން، މި ގަވާއިދުގެ ބޭނުމަށެވެ.

(ށ) މި މާއްދާގެ ދަށުން އިންސްޕެކްށަންތައް ހިންގުމުގައި އަންނަނިވި އުޅަނދުފަހަރަށް އިސްކަންދޭންވާނެއެވެ.

  1. މި ގަވާއިދުގެ ދަށުން ބަނދަރަށް ވަނުމުގެ ހުއްދައާއި ބަނދަރުގެ ހިދުމަތްތައް ހޯދުމުގެ ހުއްދަ ނުދިނުމަށް ނިންމައިފައިވާ އުޅަނދުފަހަރު.
  2. އެހެން ގައުމަކުން ނުވަތަ މަސްވެރިކަމާބެހޭ ސަރަހައްދީ ޖަމްޢިއްޔާއަކުން، ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއް ނެތި، އަދި ރިޕޯޓްކުރުމެއް ނެތި ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވެފައިވާ ނުވަތަ އެފަދަ އުޅަނދަކަށް ހަރަކާތްތެރިވެދީފައިވާކަމުގެ އެކަށީގެންވާ ހެކި ފޯރުކޮށްދީފައިވާ އުޅަނދުފަހަރު.
  3. ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވެފައިވާކަމުގެ އެކަށީގެންވާ ހެކި ނުވަތަ އެފަދަ އުޅަނދަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމުގެ އެކަށީގެންވާ ހެކި ހުރި އުޅަނދުފަހަރު.

(ނ) މި މާއްދާގެ ދަށުން ހިންގާ އިންސްޕެކްށަން ހިންގަންވާނީ، އެކަމާ ގުޅޭ ގޮތުން އެކުލަވައިލެވިފައިވާ ސަރަހައްދީ މިންގަނޑުތަކާ ނުވަތަ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތުގެ މަތިންނެވެ.

(ރ) މި މާއްދާގެ ދަށުން ހިންގާ އިންސްޕެކްށަނަށްފަހު އެކަމާ ގުޅޭގޮތުން ރިޕޯޓެއް މިނިސްޓްރީގެ ފަރާތުން އެކުލަވައިލަންވާނެއެވެ.

(ބ) މި ގަވާއިދުގެ ދަށުން ހިންގާ އިންސްޕެކްށަނަށް އުޅަނދުގެ މާސްޓަރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ. އަދި އިންސްޕެކްށަނަށް ބޭނުންވާ މަޢުލޫމާތާއި ލިއެކިއުން އެއްވެސް ސިއްރުކުރުމެއް ނުވަތަ އޮޅުވައިލުމެއްނެތި އިންސްޕެކްޓްކުރާ ފަރާތަށް ފޯރުކޮށްދޭންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ހިންގޭ އިންސްޕެކްށަންގެ ރިޕޯޓް އަންނަނިވި ފަރާތްތަކަށް މިނިސްޓްރީން ފޯރުކޮށްދޭންވާނެއެވެ.

  1. އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމުގެ ކަމާބެހޭ އިދާރާތަކަށް.
  2. އުޅަނދާ ގުޅުންހުރި އައްސޭރިފަށުގެ ގައުމުތަކަށް.
  3. އުޅަނދުގެ މާސްޓަރު ނިސްބަތްވާ ގައުމުގެ ކަމާބެހޭ އިދާރާއަށް.
  4. އުޅަނދުގެ ވެރިފަރާތަށް.

 

10 ވަނަ މާއްދާ - އިންސްޕެކްށަނަށް ފަހު ބަނދަރުގެ ހިދުމަތްތައް ފޯރުކޮށް ނުދިނުމަށް ނިންމުން

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ހިންގާ އިންސްޕެކްށަނަށްފަހު އެ އުޅަނދަކުން ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަމުގެ ހަރަކާތުގައި ބައިވެރިވެފައިވާކަން، ނުވަތަ އެފަދަ ހަރަކާތެއްގައި ބައިވެރިވެފައިވާ އުޅަނދަކަށް އެހީތެރިވެފައިވާކަމަށް ފާހަގަކުރެވިއްޖެނަމަ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމުގެ ކަމާގުޅޭ ފަރާތަކަށާއި، އުޅަނދާ ގުޅުންހުރި އައްސޭރިފަށުގެ ގައުމުތަކަށާއި، އުޅަނދުގެ މާސްޓަރު ނިސްބަތްވާ ގައުމުގެ ކަމާބެހޭ ފަރާތަށް އެކަމެއް އަންގަންވާނެއެވެ. އަދި އެހިނދުން ފެށިގެން އެ އުޅަނދަކަށް ބަނދަރުގެ ހިދުމަތްތައް ނުދިނުމަށް ނިންމައި އެ ފިޔަވަޅު އަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ބަނދަރުގެ ހިދުމަތްތައް ފޯރުކޮށްނުދިނުމުގެ ފިޔަވަޅު އެޅިނަމަވެސް، އެ ހިދުމަތަކީ އުޅަނދުގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ސަލާމަތަށާއި ސިއްހަތަށް ނުވަތަ އުޅަނދުގެ ސަލާމަތަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަށް ވާނަމަ، އެ ހިދުމަތް ފޯރުކޮށްދޭންވާނެއެވެ.

 

11 ވަނަ މާއްދާ - ބަނދަރުގެ ބޭނުން އެއްވެސް ހާލަތެއްގައި ހިފުމުގެ ހުއްދަ ނުދިނުން

(ހ) މި ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ، އަންނަނިވި ގިންތިތަކަށް ފެތޭ އުޅަނދުފަހަރުގެ އޮޕަރޭޓަރު، ވެރިފަރާތް، ފަޅުވެރިން ނުވަތަ ސީދާގޮތުން އަދި ނުސީދާ ގޮތުން ނަމަވެސް އުޅަނދުގެ ފަރާތުން ހަރަކާތްތެރިވާ އެއްވެސް ފަރާތަކުން، ބަނދަރުގެ އެއްވެސް ބޭނުމެއް ނުވަތަ އެފަދަ ގޮތަކަށް މާނަކުރެވޭފަދަ އެއްވެސް ހަރަކާތެއް ހިންގައިގެން ނުވާނެއެވެ. އަދި އެއްވެސް ފަރާތަކުން އެފަދަ އުޅަނދަކަށް ބަނދަރުގެ ހިދުމަތެއް ފޯރުކޮށްދިނުމަށް ނުވަތަ މަސައްކަތްކޮށްގެން ނުވާނެއެވެ.

  1. މި ގަވާއިދުގެ 5 ވަނަ މާއްދާޔާ ހިލާފަށް ބަނދަރަށް ވަދެފައިވާ އުޅަނދުފަހަރު ނުވަތަ 6 ވަނަ މާއްދާގެ ދަށުން ބަނދަރަށް ވަނުމުގެ ހުއްދަ ދީފައިނުވާ އުޅަނދުފަހަރު.
  2. މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ހަމައެކަނި އިންސްޕެކްޓްކުރުމަށްޓަކައި ބަނދަރަށް ވަނުމުގެ ހުއްދަ ދީފައިވާ އުޅަނދުފަހަރު، ނުވަތަ ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން، ހާލުގައި ޖެހިގެން ނުވަތަ ގުދުރަތީ ކާރިސާއަކުން ސަލާމަތްވުމަށް ބަނދަރަށް ވަންނަ އުޅަނދުފަހަރު.
  3. މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ނުވަތަ 10 ވަނަ މާއްދާގެ ދަށުން ބަނދަރަށް ވަނުމުގެ ހުއްދަ ނުވަތަ ބަނދަރު ބޭނުންކުރުމުގެ ހުއްދަ ދީފައިނުވާ އުޅަނދުފަހަރު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިއަށް ފެތޭ އުޅަނދަކަށް އެއްވެސް ފަރާތަކުން ބަނދަރުގެ އެއްވެސް ހިދުމަތެއް ފޯރުކޮށްދޭންވާނީ މިނިސްޓްރީގެ ފަރާތުން ލިއުމުން ހުއްދަ ލިބިގެންނެވެ.

 

12 ވަނަ މާއްދާ - ދިވެހިރާއްޖޭގެ އުޅަނދުފަހަރުން ފުރިހަމަކުރަންޖެހޭ ކަންކަން

(ހ) މި ގަވާއިދުގެ ތަރަހައިގެ ތެރެއަށް ފެތޭ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދަކުން ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަމެއްގައި ނުވަތަ އެފަދަ އުޅަނދަކަށް އެހީތެރިވުމުގައި ހަރަކާތްތެރިވެފައިވާކަމަށް ބެލެވިއްޖެނަމަ އަދި އެފަދަ މަސްވެރިކަމެއްގައި ހަރަކާތެރިވުމަށްފަހު އެހެން ގައުމެއްގެ ބަނދަރަކަށް ވަނުމަށް މަސައްކަތްކުރާކަން ނުވަތަ ކޮށްފާނެކަމަށް މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި، އެ އުޅަނދެއް އިންސްޕެކްޓްކޮށް އެ ގައުމެއްގެ އުސޫލުތަކާއި ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން، އެ އުޅަނދަކާ މެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީއަށް އެދެވިދާނެއެވެ.

(ށ) ބަނދަރުގައި ކުރެވޭ އިންސްޕެކްށަނަށްފަހު ދިވެހިރާއްޖޭގެ އުޅަނދަކުން ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވެފައިވާކަމަށް ފާހަގަކުރެވިއްޖެނަމަ، ބަނދަރުކުރާ ގައުމުން ފޯރުކޮށްދޭ މަޢުލޫމާތާއި އެހެނިހެން މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ތަހުގީގުކޮށް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގައިވާ ގޮތުގެ މަތިން، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ފިޔަވަޅުން އަޅަންވާނެއެވެ.

 

13 ވަނަ މާއްދާ - މާނަ ކުރުން

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް، ހިމެނިފައިވާގޮތުން، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހައި ހިނދަކު، އެ ލަފުޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވަނީ ތިރީގައިވާ ބަޔާންކޮށްފައިވާ މާނައިގައެވެ.

"މާސްޓަރ" ކަމުގައި ބުނެފައި އެ ވަނީ، މަސްވެރިކަން ކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ.

"މިނިސްޓްރީ" ކަމުގައި ބުނެފައި އެ ވަނީ، އެކުއަކަލްޗަރކުރުމުގެ ކަންކަން ހިމެނޭ ގޮތަށް މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

"މަސް" ކަމުގައި ބުނެފައި އެ ވަނީ، ޖަނަވާރެއް ނުވަތަ ގަހެއް، ނުވަތަ މަހެއްގެ ސިފައެއް ހުރި، ނުވަތަ ނެތް އެއްޗެއް ނަމަވެސް ފެނުގައި ނުވަތަ ލޮނުގައި ނުވަތަ ކަނޑުގައި އުޅޭ އެންމެހައި ދިރޭ ތަކެއްޗަށެވެ. މި މާނައިގެ ތެރޭގައި މައިކަށިހުރި ނުވަތަ މައިކަށި ނެތް ދިރޭ ތަކެތި، ށެލްފިށް، ވެލާ، އިހި، ކަކުނި އަދި ބުނެވިދިޔަ ދިރޭ ތަކެތީގެ ޅަ އެއްޗެއްސާއި، ފަންޏާއި ބިސް ހިމެނެއެވެ.

"މަސްވެރިކަން" ކަމުގައި ބުނެފައި އެ ވަނީ،

  1. ހިފުމަށާއި، ނެގުމަށާއި، މެރުމަށާއި، ބޭނުމަށް މަސް ހޯދުން؛
  2. މަސް ހޯދުމަށް، ހިފުމަށް، ނެގުމަށް، މެރުމަށް މަސައްކަތްކުރުން؛
  3. އެކަންކަމުގެ ނަތީޖާއަކީ މަސް ހޯދުން، ހިފުން، ނެގުން، މެރުން ނުވަތަ މަސް ބޭނުން ކަމުގައި ހިމެނޭ އެނޫންވެސް އެހެން ހަރަކާތެއް ހިންގުން؛
  4. "ރޭޑިއޯ ބީކަން" ހިމެނޭގޮތަށް، މަސް ޖަމާކުރުވުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގޭޓްކުރުމާ ގުޅޭ ސާމާނު ބެހެއްޓުން، ހޯދުން ނުވަތަ ނެގުން،
  5. މޫދުގައި ނުވަތަ ކަނޑުގައި ނުވަތަ އެއްގަމުގައި (ރަށެއްގައި) މި މާއްދާގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރު ނުވަތަ (4) ވަނަ ނަންބަރުގައި ބުނެފައިވާ އެއްވެސް ހަރަކާތެއް ހިންގުމަށް ތައްޔާރުވުމަށްޓަކައި އެއްވެސް ކަމެއް ހިންގުން.

"މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް" ކަމުގައި ބުނެފައި އެ ވަނީ،

  1. މަސް ނުވަތަ މަހުގެ އުފެއްދުންތައް ކަނޑުގައި ދުއްވާ އުޅަނދަކަށް ގެންދިޔުމަށް ނުވަތަ މަސް ނުވަތަ އެފަދަ އުފެއްދުމެއް ކަނޑުގައި ދުއްވާ އުޅަނދަކުން އެހެން ތަނަކަށް ގެންދިޔުމަށް (ޓްރާންށިޕްކުރުން)؛
  2. މަސް ބާނާ ވަގުތުން ފެށިގެން ނުވަތަ މަސް ނަގާ ވަގުތުން ފެށިގެން އެއް ތަނުން އަނެއް ތަނަށް މަސް ގެންދިޔުން ނުވަތަ މަސް ހަލާކުނުވާ ގޮތަށް ރައްކައުކުރުމަށް؛
  3. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ނަގައިގެން އެއްގަމަށް ފުރަތަމަ ގެނެވޭ ވަގުތާ ހަމައަށް، މަހާއި މަހުގެ އުފެއްދުންތައް ރައްކައުކުރުމާއި، ގަތުމާއި، ޕްރޮސެސްކުރުމަށް؛
  4. މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށް؛
  5. މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ތެޔޮ އެޅުން ނުވަތަ ތެޔޮ ފޯރުކޮށްދިނުން ނުވަތަ މަސްވެރިކަމުގެ ހަރަކާތްތައް ހިންގުމަށް އެއްބާރުލުން ދިނުމަށްޓަކައި އެއްވެސް ހަރަކާތެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް؛
  6. މި މާއްދާގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ އެއްވެސް މަސައްކަތެއް ކުރުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް ތައްޔާރުވުމަށް.

"ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން" ކަމުގައި ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު، 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފަށް އަދި އިސްވެ ބަޔާންކޮށްފައިވާ ގާނޫނާއި ގަވާއިދުތަކުގައި މާނަކުރެވިފައިވާ ގޮތަށް، މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާބެހޭ ބައިނަލްއަގްވާމީ ފިޔަވަޅުތަކާ ހިލާފަށް ކުރާ އެންމެހައި މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށެވެ.

"ބަނދަރު" ކަމުގައި ބުނެފައި އެ ވަނީ، މަސް އެއްތަނުން އަނެއްތަނަށް ބަރުކުރުމަށް ނުވަތަ ބަދަލުކުރުމަށް ނުވަތަ ޕެކްކުރުމަށް ނުވަތަ ޕްރޮސެސް ކުރުމަށް ނުވަތަ ކާބޯތަކެތި ފޯރުކޮށްދިނުމަށް ނުވަތަ ތެޔޮ ފޯރުކޮށްދޭ ތަންތަނަށް ނިސްބަތްކޮށެވެ.

"ބަނދަރުގެ ބޭނުން ހިފުން" ނުވަތަ "ބަނދަރުގެ ހިދުމަތެއް" ކަމުގައި ބުނެފައި އެ ވަނީ، މަސް އެއްތަނުން އަނެއްތަނަށް ބަރުކުރުމަށް ނުވަތަ ބަދަލުކުރުމަށް ނުވަތަ ޕެކްކުރުމަށް ނުވަތަ ޕްރޮސެސްކުރުމަށް ނުވަތަ ކާބޯތަކެތި ފޯރުކޮށްދިނުމަށް ނުވަތަ އުޅަނދު އެހެލުމަށް ނުވަތަ އުޅަނދު މަރާމާތުކުރުމަށް ނުވަތަ ތެޔޮ ފޯރުކޮށްދޭ ތަންތަނުން ހިދުމަތް ހޯދުމަށް ނިސްބަތްކޮށެވެ.

"އުޅަނދު" ކަމުގައި ބުނެފައި އެ ވަނީ މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބޯޓުފަހަރަށް ނިސްބަތްކޮށެވެ.

"ލޭންޑް ކުރުން" ކަމުގައި ބުނެފައި އެ ވަނީ، މަސްވެރިކަން ކޮށް ނިންމުމަމަށްފަހު އުޅަނދު އަނބުރާ ބަނދަރަށް ނުވަތަ އެފަދަ އެހެން ތަނަކަށް ދަތުރުކޮށް، ބާނައިފައިވާ މަސް ކިރުވުމަށް ނުވަތަ ވިއްކައިލުމަށް ނުވަތަ ބޭލުމަށެވެ.

 

14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަސް ފާއިތުވާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-14)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު