-

ގާނޫނާއި ގަވާއިދާ ހިލާފަށް، ބެލެހެއްޓުމެއްނެތި އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-04) އަށް 1ވަނަ އިސްލާހު ގެނައުމުގެ ގަވާޢިދު

(ގަވާއިދު ނަންބަރު 2026-05)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 18 ފެބުރުއަރީ 2026 ގައި)

 

ގަވާއިދު ނަންބަރު 2020-04 (ގާނޫނާއި ގަވާއިދާ ހިލާފަށް، ބެލެހެއްޓުމެއްނެތި އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އި ސްލާހުކުރުން.

ބަނދަރަކަށް ވަނުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން 5.

(ހ) މި ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ އުޅަނދެއް، އެއްވެސް ސަބަބަކަށް ޓަކައި ދިވެހިރާއްޖޭގައި ބަނދަރުކުރަން ގަސްތުކުރާ ނަމަ، އެކަމަށް އެދ،ޭ "އެޑްވާންސް ރިކުއެސްޓް ފޮރ އެންޓްރީ އިންޓު ޕޯޓް" ފޯމު މެދުވެރިކޮށް، ބަނދަރަށް ވަނުމުގެ 3 (ތިނެއް) ދުވަހުގެ ކުރިން، ބަނދަރަށް ވަނުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި އުޅަނދު ބަނދަރަށް ވަންނަންވާނީ، އުޅަނދުގެ ވެރި ފަރާތަށް ނުވަތަ އޮޕަރޭޓްކުރާ ފަރާތަށް ނުވަތަ ލޯކަލް އޭޖެންޓަށް ނުވަތަ މާސްޓަރަށް، ލިޔުމުން މި ހުއްދަ ލިބުމުންނެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ 3 (ތިނެއް) ދުވަހުގެ މުއްދަތު ގުނުމުގައި ސަރުކާރު ބަންދު ދުވަސްތަކެއް ނުހިމެނޭނެއެވެ. ދިވެހިރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދައަށް އެދި ފޯމު ހުށަހަޅަންވާނީ މިނިސްޓްރީން އެކުލަވައިލައިފައިވާ "އުޅަނދުތަކުން ފޯމު ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގައި ބަޔާންކޮށްފައިވާގޮތަށެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ފޯމާއި އެކަމާ ގުޅޭ އިޖުރާތުތައް، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރަން ވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ފަހަތަށް (3) ވަނަ ނަންބަރުގެ ގޮތުގައި އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން

ބަނދަރަށް ވަނުމުގެ ހުއްދަ ނުދިނުން 6.

(3) މަސް ބަރުކޮށް އެކްސްޕޯޓްކުރުމުގެ ބޭނުމަށް ދިވެހިރާއްޖޭގެ ބަނދަރަކަށް އަންނަ އުޅަނދުފަހަރުގެ ތެރެއިން އެ އުޅަނދެއް ރަޖިސްޓަރީކޮށްފައިވާ ގައުމުން ނުވަތަ މަސްވެރިކަން ބެލެހެއްޓުމާ ގުޅޭ ކަމާބެހޭ ސަރަހައްދީ ޖަމުއިއްޔާއަކުން ކެރިއަރ ވެސަލްއެއްގެ ގޮތުގައި އޮޕަރޭޓްކުރަން ހުއްދަ ދީފައިނުވާ އުޅަނދުފަހަރު.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ ފަހަތަށް 11-1 ނަންބަރު މާއްދާގެ ގޮތުގައި އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން

ބަނދަރަށް ވަނުމުގެ ހުއްދަ ނުދޭން ނިންމަ އިފައިވާ ނިންމުން މިނިސްޓަރަށް އިލްތިމާސްކުރުން 1-11.

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ބަނދަރަކަށް ވަނުމުގެ ހުއްދަ އުޅަނދަކަށް ނުދޭން ނިންމައިފައިވާ ނިންމުމެއް ބަދަލުކޮށްދޭން އެދި މިނިސްޓްރީއަށް ލިޔުމުން ހުށަހެޅިދާނެއެވެ.

(ށ) ދިވެހިރާއްޖޭގެ ބަނދަރަކަށް ވަނުމުގެ ހުއްދަ ނުދޭން ނިންމައިފައިވާ ނިންމުމެއް ބަދަލުކުރެވޭނީ، މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން، އެ އުޅަނދަކަށް ބަނދަރަށް ވަނުމަށް ހުއްދަ ނުދޭން ނިންމި ހާލަތު ބަދަލުވިކަން ސާބިތުކޮށްދެވޭވަރުގެ ހެކި ހުރުމާއެކު، މި ގަވާއިދުގެ ދަށުން އެ އުޅަނދަކަށް ހުއްދަ ނުދެވޭނެ ފަދަ އިތުރު ހާލަތެއް ނެތްނަމައެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އުޅަނދުގެ ވެރިފަރާތުން މިނިސްޓްރީއަށް ހުށަހަޅާ ހުށަހެޅުމާމެދު މިނިސްޓްރީން ނިންމާ ނިންމުން، އެ އުޅަނދެއްގެ ވެރިފަރާތަށް ނުވަތަ އޮޕަރޭޓަރަށް ނުވަތަ ލޯކަލް އެޖެންޓަށް ނުވަތަ އުޅަނދުގެ ކަންކަމާ ހަވާލުވެހުރި ފަރާތަށް ނުވަތަ މާސްޓަރަށް އެކަމާ ގުޅޭގޮތުން މިނިސްޓްރީން ނިންމާ ނިންމުމެއް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން އުޅަނދަކަށް ދިވެހިރާއްޖޭގެ ބަނދަރަކަށް ވަނުމުގެ ހުއްދަ ނުދޭން ނިންމައިފައިވާ ނިންމުމެއް ބަދަލުކޮށްފި ނަމަ، އެ އުޅަނދެއް ރަޖިސްޓަރީކޮށްފައިވާ ގައުމުގެ ކަމާބެހޭ އިދާރާއަށް މިނިސްޓްރީން އަންގަންވާނެއެވެ. އަދި ކަމުގެ ބާވަތުން އަންގަންޖެހޭ އެ ސަރަހައްދުގެ އައްސޭރިފަށުގެ ގައުމުތަކަށާއި މަސްވެރިކަމާބެހޭ ސަރަހައްދީ ޖަމުއިއްޔާތަކަށް އަންގަންވާނެއެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ގާނޫނާއި ގަވާއިދާ ހިލާފަށް، ބެލެހެއްޓުމެއްނެތި އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު