-

އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 1067/2019)

1 ވަނަ މާއްދާ - ތައާރުފު

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 72 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ 
ގަވާއިދެވެ.

(ށ) މިގަވާއިދަށް ކިޔާނީ، "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ 
ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ ދިވެހިރާއްޖޭގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތް ކުރެވޭނެ ފަރާތްތަކާއި، އެފަރާތްތަކުގެ ށަރުތުތައް ކަނޑައެޅުމާއި، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތް ކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމާއި، މިގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެ ގޮތް ކަނޑައެޅުމާއި، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތް ކުރުމާގުޅޭ އެހެނިހެން ކަންކަން ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތް ކުރެވޭނެ ފަރާތްތައް

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދިވެހިރާއްޖޭގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތް ކުރެވޭނީ، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންނަށެވެ.

 

4 ވަނަ މާއްދާ - އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތް

(ހ) ދިވެހިރާއްޖޭގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތްކުރާ ގާނޫނީ ވަކީލުންނަށް، ހިދުމަތް ހޯދަން އަންނަ ފަރާތުން ފޯރުކޮށްދޭ އަސްލު ބަލައި، އެއިގެ ނަކަލުގައި، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ ހުއްދަ ލިބިގެންވެއެވެ.

(ށ) އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި، ހިދުމަތް ހޯދަން އަންނަ ފަރާތުން ފޯރުކޮށްދޭ އަސްލު ލިޔުމަކީ އެއިގައި ށައްކުއުފެދޭފަދަ ކަންކަން ހުރި ލިޔުމެއްނަމަ، އެލިޔުމަކީ އޭގެ އަސްލުކަން ކަށަވަރުކުރުމަށް ފަހުގައި މެނުވީ، އޭގެ ނަކަލުގައި، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައި ދީގެން ނުވާނެއެވެ.

(ނ) ދިވެހިރާއްޖޭގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތްކުރާ ކޮންމެ ގާނޫނީ ވަކީލަކުމެ، އެފަރާތުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ. އަދި ހިދުމަތުގެ ސައްހަކަމާމެދު ސުވާލުއުފެދޭފަދަ އެއްވެސް އަމަލެއް ކޮށްގެން ނުވާނެއެވެ.

 

5 ވަނަ މާއްދާ - އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުން މަނާވާ ހާލަތްތައް

ގާނޫނީ ވަކީލާ ފުރަތަމަ ދަރަޖައިގެ އާއިލީ ގުޅުމެއް އޮތް ފަރާތަކަށް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމަކީ މަނާކަމެކެވެ.

 

6 ވަނަ މާއްދާ - އަސްލާ އެއްގޮތްކަމުގެ ތައްގަނޑު

(ހ) ދިވެހިރާއްޖޭގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތްކުރާ ކޮންމެ ގާނޫނީ ވަކީލަކުމެ، އަންނަނިވި މައުލޫމާތު ހިމެނޭ ތައްގަނޑެއް ޖަހައި ސޮއިކުރުމުން މެނުވީ، ލިޔުމެއްގެ ނަކަލަކީ އަސްލާ އެއްގޮތް ލިޔުމެއް ކަމުގައި ނުބެލޭނެއެވެ.

  1. ފުރިހަމަ ނަން؛
  2. ގާނޫނީ ވަކީލުކަމުގެ ހުއްދައިގެ ނަންބަރު؛ އަދި
  3. އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާ ތާރީހު.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކުރާ ތައްގަނޑުގެ މަތީގައި "އަސްލާއި އެއްގޮތް ކޮޕީ" މިފަދައިން ލިޔެފައި އޮންނަން ވާނެއެވެ.

(ނ) މިމާއްދާގެ (ހ) ގައި ބަޔާންކުރާ ތައްގަނޑު، އިނގިރޭސި ނުވަތަ ދިވެހި ބަހުން ހެދުމުގެ އިހްތިޔާރު ގާނޫނީ ވަކީލުންނަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ފިޔަވަޅުއެޅުން

(ހ) މިގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ނޫން ގޮތަކަށް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތްކޮށްފިނަމަ، އެފަރާތެއް އަންނަނިވި ގޮތުގެ މަތިން ޖޫރިމަނާކުރެވޭނެއެވެ.

  1. ކަމުގެ ކުޑަބޮޑު މިނަށް ބަލައި، ފުރަތަމަ ފަހަރު 25،000 (ފަންސަވީސް ހާސް ރުފިޔާ) އާއި 50،000 (ފަންސާސް ހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  2. ކަމުގެ ކުޑަބޮޑު މިނަށް ބަލައި، ދެވަނަ ފަހަރު 50،000 (ފަންސާސް ހާސް ރުފިޔާ) އާއި 150،000 (އެއްލައްކަ 
    ފަންސާސް ހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ އަދި
  3. ދެފަހަރަށް ވުރެ ގިނަ ފަހަރުނަމަ، ކަމުގެ ކުޑަބޮޑު މިނަށް ބަލައި، އިތުރަށް ޖޫރިމަނާކުރެވޭ ކޮންމެ ފަހަރަކު 150،000 (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) ރުފިޔާ އާއި 300،000 (ތިންލައްކަ) ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

(ށ) މިގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ނޫން ގޮތަކަށް އަމަލުކުރި ފަރާތަކީ ގާނޫނީ ވަކީލުކަމުގެ ހުއްދަ އޮންނަފަރާތެއްކަމުގައިވާނަމަ، ޖޫރިމަނާކުރުމުގެ އިތުރުން، އެފަރާތަކާމެދު ސުލޫކީ ފިޔަވަޅު އެޅުމުގެ ބާރު ބާ ކައުންސިލަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މިގަވާއިދަށް އަމަލުކުރަންފަށާނީ 1 ޖަނަވަރީ 2020 އިން ފެށިގެންނެވެ.

 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 5/2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު