-

ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2019-1057)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 23 ސެޕްޓެމްބަރު 2019 ގައި)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1975-04 (ދިވެހިރާއްޖެ ގެނައުން މަނާ ތަކެތީގެ ގާނޫނު (ގެ 5 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަ ންބަރުގެ ދަށުން، ގޮވާ އެއްޗެހި ކަމުގައި ނުހިމެނޭ ނުރައްކާތެރި ކެމިކަލާއި އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި ބާވަތް ބާވަތުގެ ވިހަ، ދިވެހިރާއްޖެއަށް ގެނައުމާއި، އެ ތަކެތި ގުދަންކުރުމާއި، ދިވެހިރާއްޖޭގައި ގެންގުޅުމުގައި އަމަލުކުރަންވީ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މިގަވާއިދުގެ މަގްސަދަކީ:-

  1. ނުރައްކާތެރި ކެމިކަލަކީ ކޮބައިކަން ކަނޑައެޅުމާއި؛
  2. ނުރައްކާތެރި ކެމިކަލް ދިވެހިރާއްޖެއަށް އެތެރެކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅައި ބަޔާން ކުރުމާއި؛
  3. ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކޮށް، ގުދަންކޮށް، ނައްތާލުމާއި،ބޭނުންކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކުރުމާއި؛
  4. ނުރައްކާތެރި ކެމިކަލް އެތެރެކޮށް، އެ ތަކެތި ވިއްކާ ފަރާތްތަކުން އަމަލުކުރަންޖެހޭގޮތް ބަޔާން ކުރުމެވެ.

 

3 ވަނަ މާއްދާ - ނުރައްކާތެރި ކެމިކަލް

މި ގަވާއިދުގެ ބޭނުމަށް، ނުރައްކާތެރި ކެމިކަލްގެ ގޮތުގައި ބެލެވޭނީ މިގަވައިދުގެ ޖަދުވަލު 6 ގައިވާ ލިސްޓުގައި ހިމެނޭ ކެމިކަލް ފިޔަވައި އެހެން ކެމިކަލްތަކެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގައި ތަންފީޒު ކުރުން

(ހ) މި ގަވާއިދު ހިންގައި، ގަވާއިދު ތަންފީޒުކޮށް، ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެންނާނީ، މިނިސްޓްރީންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ނ) މި ގަވާއިދު ތަންފީޒުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ކެމިކަލް އެތެރެކޮށް، ލޭބަލްކޮށް، އެއްތަނުން އަނެއްތަނަށް އުފުލައި، ގުދަންކޮށް، ބޭނުންކޮށް، ވިއްކައި، ނައްތައިލަން ވާނީ މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

(ރ) މި ގަވާއިދު ތަންފީޒުކުރަން ފަށާއިރު ރާއްޖޭގައި ހުރި ކެމިކަލް ގުދަންކުރާ ތަންތަނާއި ކެމިކަލް ވިއްކާ ތަންތަނުގައި، މި ގަވާއިދު ތަންފީޒު ކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ނުރައްކާތެރި ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދިނުން

(ހ) ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކުރުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅައިގެން އެކަމުގެ ހުއްދަ ހޯދަން ވާނެއެވެ. ހުއްދައަށް އެދި ހުށަހެޅުމުން މި ގަވާއިދުގައިވާ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމަށްފަހު، އެކަންކަން ފުރިހަމަކޮށްފައިވާ ފަރާތްތަކަށްހުއްދަ ދޫކުރެވޭނެއެވެ.

(ށ) މި ހުއްދަ އަށް އެދި ހުށަހަޅަންވާނީ މިނިސްޓްރީން އެކަމަށް ތައްޔާރުކޮށްފައިވާ ފޯމުމެދުވެރިކޮށެވެ. މިގޮތުން ހުށަހަޅާއިރު، ކޮންމެ ށިޕްމަންޓަކަށް ވަކި ފޯމެއް ހުށަހަޅަންވާނެއެވެ.

(ނ) ނުރައްކާތެރި ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދެވޭނީ މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފޯމު ފުރުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުމުން، އަންނަނިވި ކަންކަމަށް ބެލުމަށްފަހު އެވެ.

  1. ކެމިކަލް އެތެރެކުރާ ބޭނުން ސާފުކޮށް ބަޔާންކޮށްފައި އޮތުން؛
  2. މި ގަވާއިދުގެ ޖަދުވަލު 1 ގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމާއެކު އެ ކެމިކަލް އުފުލައި ގެންގުޅުމުގެ އިންތިޒާމް ހަމަޖެހިފައި ހުރުން؛
  3. އެތެރެކުރާ ކެމިކަލް، މި ގަވާއިދުގެ ޖަދުވަލު 2 ގައި ކަނޑައަޅަ އިފައިވާ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމާއެކު ގުދަންކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުން؛
  4. ކެމިކަލް އެތެރެކުރަނީ ވިއްކަން ކަމަށްވާނަމަ، އެ ކެމިކަލެއް ރައްކާތެރިކަމާއެކު ގެންގުޅެ ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ކެމިކަލް ގަންނަ ފަރާތްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުން.
  5. ނުރައްކާތެރި ކެމިކަލް ގުދަންކޮށްފައި ބަހައްޓާ ތަނަށް ލިބިދާނެ ގެއްލުމަކަށް ޒިންމާވާގޮތައް ކޮމްޕްރިހެންސިވް އިންށުއަރެންސް ޕޮލިސީ އަކުން އިންށުއަރ ކޮށްފައިހުރުން.

(ރ) ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދޫކުރާނީ ކެމިކަލްގެ ނުރައްކާތެރިކަން ހުރި މިންވަރެއްގެ މައްޗަށް ބަލައި، މިނިސްޓްރީން ކަނޑައަޅާ އަދަދަކަށެވެ.

(ބ) މި މާއްދާގެ (ށ) ގައިވާ ފޯމު ފުރުމަށްފަހު މިނިސްޓްރީއަށް ހުށަހަޅާއިރު، ކެމިކަލް ނުވަތަ ކެމިކަލްތަކާ ގުޅުންހުރި "މެޓީރިއަލް ސޭފްޓީ ޑާޓާ ށީޓް" މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި ހުށަހަޅަން ވާނެއެވެ.

(ޅ) ދިވެހިރާއްޖެއިން ތަޞްދީޤުކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއްގެ ދަށުން ނުވަތަ ޤާނޫނަކުން ސަރުކާރުގެ އެހެން އިދާރާއަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް ތަންފީޒު ކުރުމުގެ ގޮތުން އެ އިދާރާއަކުން މޮނިޓަރ ކުރާ ކެމިކަލެއް ނަމަ، އެ ކެމިކަލެއް އެތެރެކުރުމަށް ހުއްދަ ދޫކުރާނީ، އެ އިދާރާއެއްގެ އިޢުތިރާޒެއް ނެތްކަން މިނިސްޓްރީއަށް އެންގުމުންނެވެ.

 

6 ވަނަ މާއްދާ - ހުއްދަ ނުހޯދާ އެތެރެކުރާ ނުރައްކާތެރި ކެމިކަލް

މި ގަވާއިދުގައި ބަޔާންކުރާ ނުރައްކާތެރި ކެމިކަލެއް، ހުއްދަ ހޯދުމަކާނުލައި ރާއްޖެއަށް އެތެރެކޮށް ގެންގުޅެނިކޮށް ފެނިއްޖެނަމަ، ބަދަލުދިނުމަކާއި ނުލައި އެއެއްޗެއް އަތުލެވޭނެއެވެ.

 

7 ވަނަ މާއްދާ - ނުރައްކާތެރި ކެމިކަލް ވިއްކުމުގެ ހުއްދަ

(ހ) ދިވެހިރާއްޖެއަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން އެތެރެކުރާ ކެމިކަލް، އެއްވެސް ފަރާތަކަށް ވިއްކަންވާނީ މިނިސްޓްރީން "ކެމިކަލް ވިއްކުމުގެ ހުއްދަ" ނަގައިގެންނެވެ.

(ށ) މި ހުއްދައަށް އެދި ހުށަހަޅަންވާނީ އެކަމަށް ތައްޔާރުކޮށްފައިވާ ފޯމު މެދުވެރިކޮށެވެ.

(ނ) ކެމިކަލް ވިއްކުމުގެ ހުއްދަ ދެވޭނީ މި މާއްދާގެ (ށ) ގައިވާ ފޯމު ފުރުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުމުން، އަންނަނިވި ކަންތައްތަކަށް ބެލުމަށްފަހުއެވެ.

  1. ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށްވުން 
  2. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި އިމްޕޯޓަރެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށްވުން.
  3. މި ގަވާއިދުގެ ޖަދުވަލު 1 ގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް، ރައްކާތެރިކަމާއެކު ކެމިކަލް އުފުލަ އި ގެންގުޅުމުގެ އިންތިޒާމް ހަމަޖެހިފައިވުން. 
  4. އެތެރެކުރާ ކެމިކަލް، މި ގަވާއިދުގެ ޖަދުވަލު 2 ގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމާއެކު ގުދަން ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިހުރުން.

(ރ) ކެމިކަލް ވިއްކާ ފަރާތުން، އެ ކެމިކަލް ގަންނަ ފަރާތްތަކަށް، އެ ކެމިކަލް އުފުލާ ގެންގުޅުމާއި، ބެލެހެއްޓުމާއި، ބޭނުންކުރުމުގައި މި ގަވާއިދުގައިވާ ގޮތުގެމަތިން ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބުނެދ،ީ އެގޮތުގެ މަތީން ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ލިޔުމަކުން އަންގަންވާނެއެވެ. އަދި މި މައުލޫމާތު ހުންނަންވާނީ ދިވެހިބަހުން އަދި އިނގިރޭސި ބަހުންނެވެ.

(ބ) ކެމިކަލް ވިއްކާ ފަރާތުން ކެމިކަލް ވިއްކާ ގޮތުގެ ތަފްސީލ،ު މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމާ އެއްގޮތަށް ބަލަހައްޓަން ވާނެއެވެ.

(ޅ) ނުރައްކާތެރި ކެމިކަލެއް ވިއްކަންވާނީ އެތަކެތި ގަންނަނީ ކޮންފަރާތަކުންކަން އެނގޭނެ ރަސްމީ ލިޔުމެއް ގެނައުމުން ކެމިކަލް ގަންނަ ބޭނުން އަދި ގަންނަފަރާތުގެ ކާކުކަން އެނގޭނެ މައުލޫމާތު ލިޔުމުން ރިކޯޑު ކުރުމަށްފަހުގައެވެ. އަދި އެރެކޯޑު ރަސްމީ އިދާރާއަކުން ބަލަންބޭނުންވެއްޖެ ހިނދެއްގައި އެއިދާރާއަކަށް ދެއްކޭނެ ފަދައަކުން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

 

8 ވަނަ މާއްދާ - ކެމިކަލް ރައްކާކޮށްފައި ހުންނަ ގުދަން އިންސްޕެކްޓް ކުރުން

ކެމިކަލް ގެންގުޅޭ ފަރާތްތަކުން މި ގަވާއިދާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށްޓަކައި، މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި، ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓް ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ލޭބަލް ކުރުން

(ހ) ކޮންމެ ކެމިކަލެއްވެސް ދިވެހިރާއްޖެއަށް އެތެރެކުރާއިރުގައްޔާއި، އެއްތަނުން އަނެއްތަނަށް އުފުލާއިރުގައްޔާއި، ވިއްކާއިރު، ކެމިކަލް ބަންދުކޮށްފައިވާ ޕެކެޖުގެ ބޭރުގައި،މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ގޮތަށް އެ ކެމިކަލެއްގައި ހަރުކުރަންޖެހޭ ލޭބަލް ހަރުކޮށް، ކަލަރ ކޯޑުކޮށް، މި ގަވާއިދުގެ ޖަދުވަލު 4.1 ގައިވާ ގޮތުގެ މަތީން އެ ކެމިކަލެއްގައި ހަރުކުރަންޖެހޭ ލޭބަލް ހަރުކޮށް ކަލަރ ކޯޑުކޮށް، މި ގަވާއިދުގެ ޖަދުވަލު 4.1 ގައިވާ ގޮތުގެމަތީން އެކެމިކަލެއްގައި ހަރުކުރަންޖެހޭ "ނުރައްކާތެރިކަން އަންގައިދޭ ކުރެހުން" ހަރުކޮށްފައި ހުންނަންވާނެއެވެ.

(ށ) ކެމިކަލް ބަންދުކޮށްފައިވާ ޕެކެޖުގައި ހަރުކޮށްފައިވާ ލޭބަލް ހަރުކުރެވިފައި ހުންނަންވާނީ ލޭބަލުގައިވާ ލިޔުންކޮޅު ނުފުހެވޭ ފަދަ ގޮތަކަށެވެ.

(ނ) ކެމިކަލް ބަންދުކޮށްފައިވާ ޕެކެޖުގެ ބޭރުގައި މި މާއްދާގެ (ހ) ގައިވާ ލޭބަލާއި ނުރައްކާތެރިކަން އަންގައިދޭ ކުރެހުމާއި، އިނގިރޭސި ބަހުން !Caution““Chemical Hazardous މި އިބާރާތް ހަރުކޮށްފައި ހުންނަންވާނެވެ. އަދި ދިވެހިބަހުން "ސަމާލުވޭ! ނުރައްކާތެރި ކެމިކަލް"، މި އިބާރާތް ވެސް ލިޔެ ހަރު ކޮށްފައި ހުންނަންވާނެވެ.

(ރ) ދިވެހިބަސް ނުވަތަ އިނގިރޭސި ބަސް ނުދަންނަ ފަރާތެއ،ް ކެމިކަލް ވިއްކ/ާގުދަންކުރ/ާއެތެރެކުރާ ތަންތަނުގައި މަސައްކަތްކުރާނަމަ، މި މާއްދާގެ (ނ) ގައިވާ އިބާރާތް، އެތަނެއްގައި މަސައްކަތްކުރާ ފަރާތްތަކަށް އަހުލުވެރި ބަހަކުން ލިޔެވި ހަރުކޮށްފައި ހުންނަންވާނެއެވެ.

(ބ) ކެމިކަލް ވިއްކުމަށްޓަކައި ނުވަތަ ކެމިކަލް ބޭނުންކުރުމުގެ ފަސޭހައަށްޓަކައި ކެމިކަލް ބަންދުކޮށްފައިވާ ކަންވާރުން އެހެން ކަންވާރަކަށް ކެމިކަލް އަޅައިގެން ބޭނުންކުރުމުގައި އެތަކެތި މިމާއްދާގައިވާ ގޮތުގެ މަތިން ލޭބަލް ކުރަންވާނެއެވެ. އަދި މިގޮތަށް ބަދަލުކުރެވޭ ކަންވާރަކީ އެކަމަށް ހާއްސަކޮށްފައިވާ ކަންވާރަކަށް ވާންވާނެއެވެ. އަދި މީގެ އިތުރުން  ސަމާލުކަން ދޭންޖެހޭ ކަމެއްގެ ގޮތުގައި މިފަދަ ބޭނުމަށް އެއްކަންވާރުން އަނެއް ކަންވާރަށް އެތަކެތި ބަދަލުކުރާއިރު އިންސާނުން ބުއިމަށް ބޭނުންކުރުމަށް ތައްޔާރުކުރެވިފައިވާ އެއްވެސް ބާވަތެއްގެ އެއްޗެއް އަޅާފައިހުންނަ ޒާތުގެ ކަންވާރަކަށް ކެމިކަލް އަޅައިގެން ބޭނުންކޮށްގެންނުވާނެއެވެ.

 

10 ވަނަ މާއްދާ - ކެމިކަލް އުފުލައި ގެންގުޅުން 

މި ގަވާއިދުގެ ދަށުން ހުއްދަ ދީގެން އެތެރެކުރާ ކެމިކަލްތައް އުފުލައިގެންގުޅެން ވާނީ، މި ގަވާއިދުގެ  ޖަދުވަލު 1 ގައިވާ ސަލާމަތީ ފިޔަވަޅުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

11 ވަނަ މާއްދާ - ކެމިކަލް ގުދަން ކުރުމާއި، ގުދަން ރެޖިސްޓަރީކުރުން

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދީގެން އެތެރެކުރާ ނުރައްކާތެރި ކެމިކަލްތައް ގުދަން ކުރަންވާނީ މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތީންނެވެ.

(ށ) ހުއްދައަށް އެދި ހުށަހަޅާ ގުދަންތަކަކީ އިންށުއަރެންސް ކޮށްފައިވާ ތަންތަނަށް ވާންޖެހޭނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ހުއްދަ ދީގެން އެތެރެކުރާ ނުރައްކާތެރި ކެމިކަލްތައް ގުދަން ކުރަންވާނީ މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ މިންގަނޑުތަކާއި އެއްގޮތަށް ހަދައި، މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ގުދަނެއްގައެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސ،ް އެތެރެކުރާ ކެމިކަލްގެ ބާވަތަށާއި މިންވަރަށް ބެލުމަށްފަހ،ު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ގުދަނެއް ފިޔަވައި އެހެން ތަނެއްގައި ކެމިކަލް ރައްކާކުރުމުގެ ހުއްދަ ކަނޑައެޅޭ މުއްދަތަކަށް ދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ބ) ކެމިކަލް އެތެރެކުރާ މިންވަރު އަދި އެތެރެކުރެވޭ ކެމިކަލްގެ ބާވަތްތައް ބެލުމާއި، ގުދަން ޗެކް ކުރުމުގެ އި ހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކެމިކަލް ރައްކާކުރާ ގުދަން ރަޖިސްޓްރީކުރަން އެދި ހުށަހަޅަންވާނީ މިނިސްޓްރީން ކަނޑައަޅައިފައިވާ ފޯމު މެދުވެރިކޮށެވެ. (ނޯޓް: މި މާއްދާގައި ދެފަހަރު (ޅ) ހިމެނިފައިވޭ)

(ޅ) މިގަވާއިދުގެ ދަށުން ރަޖިސްޓްރީކުރާ ގުދަނަށް ހުއްދަ ދޫކުރެވޭނީ މީލާދީ 1 (އެކެއް) އަހަރަށެވެ. (ނޯޓް: މި މާއްދާގައި ދެފަހަރު (ޅ) ހިމެނިފައިވޭ)

 

12 ވަނަ މާއްދާ - ކެމިކަލް ބޭނުން ކުރުން 

މި ގަވާއިދުގެ ދަށުން ހުއްދަ ދީގެން އެތެރެކުރާ ކެމިކަލްތައް ބޭނުން ކުރަންވާނީ ހުއްދަ ދީފައިވާ ބޭނުމަކަށެވެ. އަދި ބޭނުންކުރާއިރު މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައިސަލާމަތީ ފިޔަވަޅުތައް އަޅަން ވާނެއެވެ.

 

13 ވަނަ މާއްދާ - ފުރަތަމަ އެހީ ހޯދުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ނުރައްކާތެރި ކެމިކަލެއް ބޭނުންކުރަނިކޮށް ނުވަތަ ގެންގުޅެނިކޮށް މީހަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، ލަސްނުކޮށް ފުރަތަމަ އެހީ ދެވޭނެ އިންތިޒާމ،ް ކެމިކަލް ބޭނުންކުރާ ތަނުގައި ހަމަޖެހިފައި ހުންނަންވާނެއެވެ. އަދި މީގެ އިތުރުން، ސިއްހީ ފަރުވާ ދޭ ތަނަކަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސައިދޭންވާނެއެވެ.

(ށ) މި މައްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ސިއްހީ ފަރުވާދޭ ތަނަކަށް ގެންދިއުމުގެ ކުރިން ފުރަތަމަ ކަން ކުރަންވީގޮތް (ފުރަތަމަ އެހީ) ނުވަތަ ގެންދެވެންދެން ކަންކުރަންވީގޮތް ކެމިކަލް ވިއްކާ ފަރާތުން، ކެމިކަލް ގަންނަ ފަރާތަށް އަންގައިދޭން ވާނެއެވެ.

 

14 ވަނަ މާއްދާ - ނުރައްކާތެރި ކެމިކަލް ނައްތައިލުން

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ހުއްދަ ނުހޯދާ ގެންނަ ކެމިކަލެއް ނައްތައިލަން ޖެހިއްޖެނަމަ، ނައްތައިލާނީ މިނިސްޓްރީންނެވެ.

(ށ) މި ގަވާއިދުގެ ދަށުން ހުއްދަދީގެން އެތެރެކޮށްފައިވާ ނުރައްކާތެރި ކެމިކަލެއް މުއްދަތު ހަމަވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ނައްތައިލަން ބޭނުންވެއްޖެ ނަމަ، އެތެރެކުރި ފަރާތުން ނައްތައިލަން ބޭނުންވާ ސަބަބާއެކު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މިފަދަ ކެމިކަލް ނައްތައިލާނީ މިނިސްޓްރީންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނައްތައިލުމަށްޓަކައި މިނިސްޓްރީއާ ހަވާލުކުރާ ކެމިކަލް ހަވާލުކުރަންވާނީ މިނިސްޓްރީން ލިޔުމަކުން އަންގާ ގޮތެއްގެ މަތިން ޕެކްކޮށް ތައްޔާރުކުރުމަށްފަހުގައެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނައްތައިލުމަށްޓަކައި މިނިސްޓްރީއަށް ހުށަހަޅާ ކެމިކަލް، އެކެމިކަލެއްގެ ބާވަތުން ނައްތައިލުމަށްޓަކައި ހިނގާ ހަރަދު ނައްތައިލަން އެދޭ ފަރާތުން ދޭންވާނެއެވެ. 

 

15 ވަނަ މާއްދާ - ކެމިކަލް ތަކުގެ ރެކޯޑު ބެލެހެއްޓުން

(ހ) ދިވެހިރާއްޖެއަށް ކެމިކަލް އެތެރެކުރާ ފަރާތުންނާއި ވިއްކާ ފަރާތުން އެކެމިކަލާ ބެހޭ މައުލޫމާތު ސަރުކާރުގެ ރަސްމީ ފަރާތަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި އެފަދަ ކޮންމެ މައުލޫމާތެއް ވެސް ދެއްކޭނެހެން، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ގޮތުގެމަތީން ރިކޯޑު ބަލަހައްޓަން ވާނެއެވެ.

(ށ) މި ރެކޯޑުތަކުގެ ކޮޕީ ހިމެނޭ ރިޕޯޓެއް ކޮންމެ 6 (ހައެއް) މަހަކުން އެއްފަހަރު މިނިސްޓްރީއަށް ފޮނުވަން ވާނެއެވެ.

(ނ) ދިވެހިރާއްޖެއަށް އެތެރެކުރާ ކެމިކަލްތައް ނައްތައިލަން ފޮނުވާ ފަރާތްތަކުން، ޖަދުވަލު 5.1 ގައިވާ ގޮތުގެމަތީން ނައްތައިލަން ފޮނުވާ ކެމިކަލްތަކުގެ ރެކޯޑް ބަލަހައްޓަން ވާނެއެވެ.

 

16 ވަނަ މާއްދާ - ކެމިކަލް ޓްރާންސްށިޕްމަންޓް

މި ގަވާއިދުގެ ދަށުން ހުއްދަ ނަގައިގެން މެނުވީ ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރާ އެއްވެސް ނުރައްކާތެރި ކެމިކަލަކާ އެކު ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރެއަށް ވަންނަންވާނީ އަދި ޓްރާންސިޓް ކުރަންވާނީ މިނިސްޓްރީއަށް އުޅަނދުގެ ކެޕްޓަން ނުވަތަ އެޖެންޓް މެދުވެރިކޮށް ހުށަހަޅައި، އެކަމުގެ ހުއްދަ ލިބިގެންނެވެ.

 

17 ވަނަ މާއްދާ - މާނަކުރުން

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ޑިފެންސް އަށެވެ.

(ށ) "ކެމިކަލް" ކަމަށް ބުނެފައި އެވަނީ، ނުރައްކާތެރި ކެމިކަލް އަށެވެ.

(ނ) "އައި،އޭ.އީ.އޭ. ސޭފްޓީ ސީރީޒް" ކަމަށް ބުނެފައި އެވަނީ، އިންޓަރނޭށަނަލް އެޓޯމިކް އެނަޖީ އެޖެންސީ ސޭފްޓީ ސީރީޒް އަށެވެ.

(ރ) "އެމް.އެސް.ޑީ.އެސް" ކަމަށް ބުނެފައި އެވަނީ، މެޓީރިއަލް ސޭފްޓީ ޑާޓާ ށީޓް އަށެވެ.

(ބ) "އައި.އެމް.ޑީ.ޖީ ކްލާސް" ކަމަށް ބުނެފައި އެވަނީ، އިންޓަރނޭށަން މެރިޓައިމް ޑޭންޖަރަސް ގުޑްސް ކްލާސް އަށެވެ.

(ޅ) "އެޖެންޓް" ކަމުގައި ބުނެފައިއެވަނީ ބޯޓާއި ބެހޭ މައުލޫމާތުތައް ދިވެހިސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅާފަރާތެވެ.

 

18 ވަނަ މާއްދާ - އަދަބު

(ހ) ދިވެހިރާއްޖެއަށް އެތެރެކުރާ ކެމިކަލް ބަންދުކޮށްފައިވާ ޕެކެޖުގެ ބޭރުގައި ހަރުކޮށްފައި ހުންނަންޖެހޭނެކަމަށް މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބުނެފައިވާ ލޭބަލްތަކާއި ކުރެހުންތައް ހަރުނުކޮށް ދިވެހިރާއްޖެއަށް ކެމިކަލެއް އެތެރެކޮށްފި ނަމަ، އެ އެތެރެކުރި ފަރާތެއް 5،000 (ފަސްހާސް ރުފިޔާ) އިން ފެށިގެން 20،000 (ވިހިހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން ފިޔަވައި، މި ގަވާއިދުގެ އެހެން ކަމަކާ ހިލާފު ވެއްޖެނަމަ އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، ހިލާފުވީ ފަރާތެއް 5،000 (ފަސްހާސް ރުފިޔާ) އިން ފެށިގެން 50،000 (ފަންސާސްހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރެވިފައިވާ ޖޫރިމަނާގެ އިތުރުން މިނިސްޓްރީއިން ދޫކޮށްފައިވާ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީ އަށް ލިބިގެންވެއެވެ.

 

 

(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

 

ޖަދުވަލު 1

އެކިބާވަތުގެ ނުރައްކާތެރި ކެމިކަލް އުފުލައި ގެންގުޅުމުގައި ސަލާމަތީގޮތުން އަޅަންވީ ފިޔަވަޅުތައް

 

ޖަދުވަލު 2

އެކި ބާވަތުގެ ނުރައްކާތެރި ކެމިކަލް ގުދަންކުރުން

 

ޖަދުވަލު 3

ކެމިކަލް ރައްކާކުރާ ގުދަން ހަދައި ފައި ހުންނަން ޖެހޭގޮތް 

 

ޖަދުވަލު 4

Label of class 1

 

ޖަދުވަލު 4.1

ނުރައްކާތެރިކަން އަންގައިދޭ ކުރެހުން

 

ޖަދުވަލު 5

(Chemical records to be maintained)

 

ޖަދުވަލު 5.1

(Records of Disposed Chemicals)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނު (ގާނޫނު ނަންބަރު 1975-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު