-

ލިސްޓުކޮށްފައިވާ ހިއްސާ، ހިއްސާގެ ބާޒާރުން ބޭރުގައި ގަނެވިއްކުމާ ބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 1049/2019)

 

1  ވަނަ މާއްދާ - ތައާރަފު

މި ގަވާއިދު އެކުލަވައިލެވިފައި ވަނީ، ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 60 ވަނަ މާއްދާގެ ދަށުންނެވެ. މި ގަވާއިދަށް ކިޔާނީ، "ލިސްޓު ކޮށްފައިވާ ހިއްސާ، ހިއްސާގެ ބާޒާރުން ބޭރުގައި ގަނެވިއްކުމާ ބެހޭ ގަވާއިދު" އެވެ.

2 ވަނަ މާއްދާ -  ގަވާއިދުގެ ބާރު ހިނގާ ދާއިރާ

(ހ) މި މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ހާލަތުތަކުގައި މެނުވީ، ލިސްޓު ކޮށްފައިވާ ހިއްސާގެ މިލްކުވެރިކަން ބަދަލު ކުރަން ވާނީ ހިއްސާގެ ބާޒާރުގެ ގަވާއިދުތަކާ އެއްގޮތަށް، އެ ބާޒާރުގެ ތެރޭގައި ކުރެވޭ މުއާމަލާތަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިއްސާގެ ބާޒާރުގެ ގަވާއިދުތަކާ އެއްގޮތަށް އެ ބާޒާރުގައި ކުރެވޭ މުއާމަލާތަކުން މެނުވީ ލިސްޓު ކޮށްފައިވާ ހިއްސާގެ މިލްކުވެރިކަން ބަދަލު ނުކުރެވޭ އުސޫލު، އަންނަނިވި ހާލަތުތަކަކަށް ނުހިނގާނެއެވެ.

  1. ލިސްޓު ކޮށްފައިވާ ހިއްސާގެ މިލްކުވެރިކަން، މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ބަދަލު ކުރެވޭ ހާލަތު؛
  2. ލިސްޓު ކޮށްފައިވާ ހިއްސާގެ މިލްކުވެރިކަން، މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ބަދަލު ކުރެވޭ ހާލަތު.

 

3 ވަނަ މާއްދާ -  ވިޔަފާރީގެ ގޮތުގައި ނުބެލޭ ހުއްދަވެގެންވާ ބަދަލުކުރުންތައް

(ހ) ހިއްސާގެ ބާޒާރުން ބޭރުގައި، ލިސްޓު ކޮށްފައިވާ ހިއްސާގެ މިލްކުވެރިކަން ބަދަލު ކުރުން، އަންނަނިވި ހާލަތްތަކުގައި ހުއްދަވެގެންވެއެވެ.

  1. ހިއްސާ ވިއްކާ ފަރާތާއި ހިއްސާ ގަންނަ ފަރާތާ ދެމެދުގައި އަންނަނިވި ގުޅުންތަކުގެ ތެރެއިން ގުޅުމެއް އޮންނަ ހާލަތު -އަނބިމީހާ، ނުވަތަ ފިރިމީހާ، ނުވަތަ މަންމަ، ނުވަތަ ބައްޕަ، ނުވަތަ މާމަ، ނުވަތަ ކާފަ، ނުވަތަ ދަރިން (ކާފަ ދަރިންނާއި، މާމަ ދަރިންނާއި، ދޮން ދަރީން ހިމެނޭ ގޮތުން)، ށަރުއީ ބަލަދުވެރިކަމުގެ ދަށުގައިވާ ދަރީން، ނުވަތަ އެއްބަނޑު އެއްބަފާ މީހުން، ނުވަތަ އެއްބަނޑު މީހުން، ނުވަތަ އެއްބަފާ މީހުން.
  2. ކޯޓަކުން ނިންމާ ނިންމުމަކުން ހުއްދަ ލިބިގެން މިލްކުވެރިކަން ބަދަލުކުރާ ހާލަތު؛
  3. ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއަކަށް ހަދިޔާއެއްގެ ގޮތުގައި ނުވަތަ ޚައިރާތެއްގެ ގޮތުގައި ހިއްސާގެ މިލްކުވެރިކަން ދޭ ހާލަތު؛
  4. ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލެއްގެ ނަތީޖާއެއްގެ ގޮތުން ނުވަތަ އިދާރީ ނިޒާމަށް ގެންނަ އިސްލާހެއްގެ ނަތީޖާއެއްގެ ގޮތުން ހިއްސާގެ މިލްކުވެރިކަން ބަދަލުކުރާ ހާލަތު؛
  5. މިލްކުވެރިކަން ބަދަލު ކުރެވޭ ހާލަތަށާއި، ހިއްސާ ގަންނަ ފަރާތާއި، ހިއްސާ ވިއްކާ ފަރާތާ ދެމެދުގައި އޮންނަ ގުޅުމަށް ރިއާޔަތްކޮށް ބަލާއިރު، ހިއްސާ ބަދަލުކުރުމަށް ހިންގާ މުއާމަލާތަކީ ސިއްރިޔާތުގައި ހިންގާ ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް ބެލެން ނެތް ހާލަތު.

4 ވަނަ މާޢްދާ - ހިއްސާގެ ބާޒާރުން ބޭރުގައި ކުރުން ހުއްދަ މުއާމަލާތުތައް

(ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިއްސާ ވިއްކައިގެން، ހިއްސާގެ މިލްކުވެރިކަން ބަދަލުކުރުމަކީ ހުއްދަ ކަމެކެވެ.

  1. އެ މުއާމަލާތަކީ ވިއްކުމުގެ މުއާމަލާތަކަށް ވެފައި، ތިރީގައިވާ ހުރިހާ ކަންކަން ތަތުބީގު ކުރެވޭ މުއާމަލާތަކަށް ވުން.

    (1)  ވިއްކާ ގޮތަށް ހަމަޖެހިފައި ވަނީ، ވަކި ގިންތިއަކުން ދޫކޮށްފައިވާ ޖުމުލަ ހިއްސާގެ 5 (ފަހެއް) އިންސައްތަ ނުވަތަ އެއަށްވުރެ ގިނަ ހިއްސާ ކަމުގައި ވުން؛

    (2)  ހިއްސާ ވިއްކާން ހުށަހަޅާ ފަރާތުން، ވިއްކާން ހުށަހަޅަނީ ޕްރޮސްޕެކްޓަސްއެއް ނުވަތަ ހުށަހަޅާ ކަމުގެ ލިޔުމަކުން، އާންމުކޮށް އިއުލާނު ކޮށްގެން ކަމުގައި ވުން؛

    (3)  ހިއްސާ ވިއްކާން ހުށަހަޅާ އަގަކީ، ފާއިތުވި 6 (ހައެއް) މަސްދުވަހުގެ އެ ހިއްސާގެ އަގުގެ ވެއިޓެޑް އެވަރޭޖް ޓްރޭޑެޑް ޕްރައިސްއަށް ވުރެ 10 (ދިހައެއް) އިންސައްތައިގެ ނިސްބަތަށް ވުރެ ބޮޑު ނިސްބަތަކުން މަތީ އަގެއް ކަމުގައި ނުވުން ނުވަތަ ދަށް އަގެއް ކަމުގައި ނުވުން.

  2. އެ މުއާމަލާތަކީ ވިއްކުމުގެ މުއާމަލާތަކަށް ވެފައި، ތިރީގައިވާ ހުރިހާ ކަންކަން ތަތުބީގު ކުރެވޭ މުއާމަލާތަކަށް ވުން.

    (1)  ވިއްކާ ގޮތަށް ހަމަޖެހިފައި ވަނީ، ވަކި ގިންތިއަކުން ދޫކޮށްފައިވާ ޖުމުލަ ހިއްސާގެ 5 (ފަހެއް) އިންސައްތަޔާ އެއްވަރު ނުވަތަ އެއަށްވުރެ ގިނަ ހިއްސާ ކަމުގައި ވުން؛

    (2)  ހިއްސާގެ ބާޒާރުގައި އެ ހިއްސާއަށް އޯޑަރެއް ދީފައިވާތާ 1 (އެކެއް) މަސްދުވަސް ފާއިތުވެގެން ދިޔައިރު،
    އެ އޯޑަރަށް އީޖާބައެއް ލިބިފައި ނުވުން؛

    (3)  ހިއްސާ ވިއްކާން ހުށަހަޅާ ފަރާތުން، އަންނަނިވި މައުލޫމާތާ އެކު އޮތޯރިޓީއަކަށް ހުށަހެޅުން – (i) ހިއްސާގެ މައުލޫމާތު (ii) މުގާބިލުގެ ގޮތުގައި ދެވޭ (iii) ހިއްސާ ގަންނަ ފަރާތާއި ހިއްސާ ވިއްކާ ފަރާތުގެ މައުލޫމާތާއި، ހިއްސާ ނިސްބަތްވާ ފަރާތުގެ މެޖޯރިޓީ ހިއްސާދާރުންގެ މައުލޫމާތު؛ އަދި އެ ހިއްސާއަށް ދެވުނު އޯޑަރު ހިއްސާގެ ބާޒާރުން އީޖާބެއް ލިބިފައި ނުވަނީކަން އޮތޯރިޓީއަށް ގަބޫލު ކުރެވޭނެ އަސާސްތަކެއް ނުވަތަ ސަބަބުތަކެއް އޮތުން؛

    (4)  ހިއްސާ ވިއްކާން ހުށަހަޅާ އަގަކީ، ފާއިތުވި 6 (ހައެއް) މަސްދުވަހުގެ އެ ހިއްސާގެ އަގުގެ ވެއިޓެޑް އެވަރޭޖް ޓްރޭޑެޑް ޕްރައިސްއަށް ވުރެ 10 (ދިހައެއް) އިންސައްތައިގެ ނިސްބަތަށް ވުރެ ބޮޑު ނިސްބަތަކުން މަތީ އަގެއް ކަމުގައި ނުވުން ނުވަތަ ދަށް އަގެއް ކަމުގައި ނުވުން. 

  3.  ވިއްކާން ހުށަހަޅާ އަގަކީ ފާއިތުވި 6 (ހައެއް) މަސްދުވަހުގެ އެ ހިއްސާގެ އަގުގެ ވެއިޓެޑް އެވަރޭޖް ޓްރޭޑެޑް ޕްރައިސްއަށް ވުރެ 10 (ދިހައެއް) އިންސައްތައިގެ ނިސްބަތަށް ވުރެ ބޮޑު ނިސްބަތަކުން މަތީ އަގެއް ކަމުގައި ވެގެން ނުވާ ހާލަތުގައި ނުވަތަ ދަށް އަގެއް ކަމުގައި ވެގެން ނުވާ ހާލަތުގައި، ދެ ފަރާތުން ކުރެ އެއް ފަރާތަކީ ހިއްސާގެ ބާޒާރުގައި ވިޔަފާރިކުރުމުގެ ލައިސަންސް ލިބިފައިވާ ހިއްސާގެ ބާޒާރުގައި ވިޔަފާރި ކުރަމުންދާ ޑީލަރަކަށް ވާ ނަމަ، ހިއްސާގެ ބާޒާރުގައި ހުށަހަޅައިފައިވާ އެންމެ ރަނގަޅު އޯޑަރުތަކަށް އީޖާބު ދިނުމަށްފަހު ހިނގާ މުއާމަލާތަކަށް ވުން.

  4. ހިއްސާ ދޫކޮށްފައި ވަނީ ޕްރައިވެޓް ޕްލޭސްމަންޓް ސްކީމެއްގެ ތެރެއިން ކަމުގައި ވުމާއި، އެ ހިއްސާ ނިސްބަތްވާ ގިންތީގެ ހުރިހާ ހިއްސާއެއް ވެސް ލިސްޓު ކޮށްފައި ވަނީ ޕްރައިވެޓް ޕްލޭސްމަންޓް ކެޓަގަރީގައި ކަމަށް ވުން.

 

5 ވަނަ މާއްދާ - ހިއްސާގެ މިލްކުވެރިކަން ބަދަލު ކުރުމުގެ ހުއްދަ

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ 3 އާއި 4 އާއި 5 ގެ ދަށުން، ހިއްސާގެ މިލްކުވެރިކަން ބަދަލުކުރެވޭ ހާލަތުގައި،

އެ މުއާމަލާތް ފުރިހަމަވާނީ އޮތޯރިޓީން އެ މުއާމަލާތަށް ހުއްދަ ދީފައި އެކަން ބަލައިގަތުމުންނެވެ.

(ށ) ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމަކީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާ ހުށަހެޅުމެއް ނަމަ، އަދި ކުންފުނީގެ ގާނޫނާއި، ކުންފުނީގެ ހިންގާ ގަވާއިދުގެ ދަށުން އެކަމަށް ހުރަހެއް ނެތް ނަމަ، ހިއްސާގެ މިލްކުވެރިކަން ބަދަލުކުރުމަށް ކުންފުނިން އިއުތިރާޒުކޮށްގެން ނުވާނެއެވެ.

 

6 ވަނަ މާއްދާ - ހިއްސާގެ މިލްކުވެރިކަން ބަދަލު ކުރުމަށް އެދި ހުށަހެޅުން

(ހ) ހިއްސާގެ މިލްކުވެރިކަން ބަދަލު ކުރުމަށް ހުށަހަޅާން ވާނީ ތިރީގައި ބަޔާން ކޮށްފައިވާ ފަރާތްތަކަށެވެ.

  1. ޑިޕޮޒިޓްރީއެއްގައި ބަހައްޓައިފައިވާ ހިއްސާތަކެއް ނަމަ، އެ ޑިޕޮޒިޓްރީއަކަށް؛
  2. ޑިޕޮޒިޓްރީއެއްގައި ބަހައްޓައިފައިވާ ހިއްސާ ކަމުގައި ނުވާ ނަމަ، އެ ހިއްސާ އިށޫކުރާ ފަރާތަށް ނުވަތަ އިށޫކުރާ ފަރާތުން ޢައްޔަނު ކޮށްފައިވާ މީހަކަށް.

 

7 ވަނަ މާއްދާ - ހިއްސާ ބަދަލުކުރާ ބަދަލުކުރުމާ ބެހޭ މައުލޫމާތު

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ހިންގާ މުއާމަލާތްތަކުގެ މައުލޫމާތު، ހިއްސާ ލިސްޓު ކޮށްފައިވާ އެކްސްޗޭންޖަށް ފޯރުކޮށްދޭން ވާނެއެވެ.

(ށ) ވިއްކާ ފަރާތާއި ގަންނަ ފަރާތް ނޭނގޭނޭ ފަދައިން، އެކްސްޗޭންޖުން މި މައުލޫމާތު އާންމުކޮށް ޝާއިއުކުރަން ވާނެއެވެ.

 

8 ވަނަ މާއްދާ - ޢަމަލު ކުރާން ފެށުމާއި އުވައިލުން

(ހ) މި ގަވާއިދަށް ޢަމަލު ކުރާން ފަށާނީ، މި ގަވާއިދު ގެޒެޓު ކުރެވޭ ތާރީހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް ޢަމަލު ކުރާން ފެށުމާ އެކު، ގަވާއިދު ނަންބަރު 52/2011 (މާކެޓް މެދުވެރިނުކޮށް ސެކިޔުރިޓީޒްގެ މިލްކުވެރިކަން ބަދަލުކުރުމާބެހޭ ގަވާއިދު) އުވުނީއެވެ.

(ނ) މި ގަވާއިދަށް ޢަމަލު ކުރާން ފެށުމުގެ ކުރިން، ހިއްސާ ގަނެވިއްކުމަށް ހުށަހަޅައިފައިވާ ހުށަހެޅުންތަކުގެ މައްޗަކަށް މި ގަވާއިދެއް ނުހިނގާނެއެވެ.

 

9 ވަނަ މާއްދާ -  މާނަކުރުން

މި ގަވާއިދުގައިވާ،

(ހ) ޑަބްލިއު.އޭ.ޓީ.ޕީ (ވެއިޓަޑް އެވެރޭޖެ ޓްރޭޑަޑް ޕްރައިސް) ހޯދާނީ އަންނަނިވި ފޯމިއުލާގެ ދަށުންނެވެ.

"ވިއްކައިފައިވާ ހިއްސާގެ ޖުމުލަ އަގު" / " ވިއްކައިފައިވާ ހިއްސާގެ ޖުމުލަ އަދަދު"

(ށ) "ހިއްސާގެ ބާޒާރުން ބޭރުގައި ކުރާ މުއާމަލާތު" ނުވަތަ "އޮފް މާކެޓް ޓްރާންސްފަރ" ކަމަށް ބުނެފައި އެވަނީ، ލިސްޓުކޮށްފައިވާ ހިއްސާ، ލައިސެންސްޑް ސްޓޮކް އެކްސްޗޭންޖެއްގައި އޯޑަރ މެޗްނުކޮށް ހިންގާ ހިއްސާ ބަދަލުކުރުމަށެވެ.

(ނ) މި ގަވާއިދުގައިވާ އިބާރާތްތައް މާނަކުރަންވާނީ، ދިވެހިރާއްޖޭގެ މާލީ ސެކިރިއުޓީޒްއާބެހޭ ގާނޫނުގައި އެ އިބާރާތެއް މާނަކޮށްފައިވާ ގޮތާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

މައި ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/2006)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު