-

މާރކެޓް މެދުވެރިނުކޮށް ސެކިއުރިޓީޒްގެ މިލްކުވެރިކަން ބަދަލުކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 52/2011)

 

1 ވަނަ މާއްދާ - ތައާރުފު

މިއީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު: 2/2006) ގެ 60 ވަނަ މާއްދާއިނ ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އަށް ލިބިދޭ ބާރުގެ ދަށުން ހަދާ، ސްޓޮކް އެކްސްޗޭންޖް މެދުވެރިނުކޮށް ސެކިއުރިޓީޒްގެ މިލްކުވެރިކަން އެއްފަރާތުން އަނެއް ފަރަތަށް ބަދަލުކުރުމާބެހޭ ގަވާއިދެވެ. މިގަވާއިދުގެ ނަމަކީ، 'މާރކެޓް މެދުވެރިނުކޮށް ސެކިއުރިޓީޒްގެ މިލްކުވެރިކަން ބަދަލުކުރުމާބެހޭ ގަވާއިދު' އެވެ.

 

2  ވަނަ މާއްދާ - ހިންގޭ ދާއިރާ

މިގަވާއިދު ހިނގާނީ ދިވެހިރާއްޖޭގައި ސެކިއުރިޓީޒް ދޫކުރާ ޕަބްލިކް ކުންފުނިތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖެއްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ސެކިއުރިޓީޒްގެ މިލްކުވެރިކަން މާރކެޓް މެދުވެރިނުކޮށް ބަދަލުކުރުމަށެވެ.

 

3 ވަނަ މާއްދާ - މިލްކުވެރިކަން ބަދަލުކޮށްދިނުމަށް އެދި ހުށަހެޅުން

(ހ) ލިސްޓުކޮށްފައިވާ ކުންފުންޏެއްގެ ސެކިއުރިޓީޒްގެ މިލްކުވެރިކަން ބަދަލުކޮށްދިނުމަށް އެދި ހުށަހަޅާނީ، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީގެ ގަވާއިދުތަކާ އެއްގޮތަށް، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީއަށެވެ.

(ށ) ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ކުރުވޭ މުއާމަލާތްތައް ފިޔަވައި، ލިސްޓުކޮށްފައިވާ ކުންފުންޏަކުން ނުވަތަ ލައިސަންސް ދީފައިވަ ޑިޕޮޒިޓަރީއަކުން، ލިސްޓުކޮށްފައިވާ ކުންފުންޏެއްގެ ސެކިއުރިޓީޒްގެ މިލްކުވެރިކަން އެއްފަރާތުން އަނެއްފަރާތަށް ބަދަލުކޮސްދޭންވާނީ ސީ.އެމް.ޑީ.އޭ.ގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

(ނ) ލިސްޓުކޮށްފައިވާ ކުންފުންޏެއްގެ ސެކިއުރިޓީޒްގެ މިލްކުވެރިކަން އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރުމަށް ސީ.އެމް.ޑީ.އޭ.އިން ހުއްދަ ދެވޭނީ މިގަވާއިދުގެ 5 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

4 ވަނަ މާއްދާ 

ލިސްޓުކޮށްފައިވާ ކުންފުންޏެއްގެ ސެކިއުރިޓީޒްގެ މިލްކުވެރިކަން މިގަވާއިދާ ހިލާފަށް، ބަދަލުކޮށްދޭ ކުންފުންޏެއް ނުވަތަ ސެކިއުރިޓީޒް ޑިޕޮޒިޓަރީއެއް 15،000 (ފަނަރަހާސް) ރިފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

5 ވަނަ މާއްދާ - މިލްކުވެރިކަން ބަދަލުކޮށްދޭނެ ގޮތްތައް

ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ކުރެވޭ މުއާމަލާތްތައް ފިޔަވައި، ލިސްޓުކޮށްފައިވާ ކުންފުންޏެއްގެ ސެކިއުރިޓީޒްގެ މިލްކުވެރިކަން އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

(ހ) އާއިލާގެ މެންބަރުންގެ ތެރެއިން، އަނބިމީހާ، ފިރިމީހާ، މަންމަ، ބައްޕަ، ކާފަ، މާމަ، ދަރިން (ކާފަ ދަރިންނާއި މާމަ ދަރިން ހިމެނޭ ގޮތުން)، އެއްބަނޑު އެއްބަފާ، އެއްބަފާ ނުވަތަ އެއްބަނޑު މީހުންގެ މެދުގައި އެއްފަރާތަކުން އަނެއްފަރާތަކަށް ސެކިއުރިޓީޒްގެ މިލްކުވެރިކަން ބަދަލުކުރުން.

(ށ) ހިބަ ނުވަތަ ވަސިއްޔަތް ނުވަތަ ތަރިކަ މުދާބެހެމުގެ އުސޫލުތަކުގެ ދަށުން، ނުވަތަ އެހެންވެސް ގޮތަކުން، ދިވެހިރާއްޖޭގެ ކޯޓަކުން ސެކިއުރިޓީޒްގެ މިލްކުވެރިކަން އެއްފަރާތުން އަނެއްފަރާތަށް ބަދަލުކޮށްދިނުމަށް ކަނޑައެޅުން. މިގޮތަށް ބަދަލުކުރުމަށް ހުށަހަޅާނަމަ ކޯޓުގެ ނިންމުނުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

 

6 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މިގަވާއިދަށް އަމަލުކުރަންފަށާނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

7 ވަނަ މާއްދާ - މާނަ

(ހ) މިގަވާއިދުގައި:

"ސެކިއުރިޓީޒް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އާންމުކޮށް ސެކިއުރިޓީޒްދޫކުރާ ޕަބްލިކް ކުންފުންޏެއްގެ އަދި ސްޓޮކް އެކްސްޗޭންޖްގެ "އޮފިށަލް ލިސްޓް" ގައި ހިމެނިފައިވާ ކޮންމެ ބާވަތެއްގެ ސެކިއުރިޓީޒްއަށެވެ.

"މާރކެޓް މެދުވެރިނުކޮށް މުއާމަލާތްކުރުން" ކަމަށް ބުނެފައިއެވަނީ، ސްޓޮކް އެކްސްޗޭންޖު މެދުވެރިކޮށް ކުރެވޭ ސެކިއުރިޓީޒްގެ މުއާމަލާތްތައް ފިޔަވާ ލިސްޓްކޮށްފައިވާ ކުންފުންޏެއްގެ، ލިސްޓުކޮށްފައިވާ ސެކިއުރިޓީޒްގެ މިލްކުވެރިކަން ބަދަލުކުރުމުގެ އެހެން ހުރިހަ މުއާމަލާތްތަކަށެވެ.

(ށ) މިގަވާއިދުގައި މާނަކޮށްފައި ނެތް ބަސްބަހާއި އިބާރާތްތައް މާނަކުރަންވާނީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގައި ބުނެފައިވަ ނުވަތަ ބޭނުންކުރެވިފައިވާ ގޮތަށެވެ.

 

މައި ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/2006) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު