gaanoon_logo
-

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 103/2018)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 ސެޕްޓެމްބަރު 2018 ގައި)

(މި ގަވާއިދުވަނީ ގަވާއިދު ނަންބަރު 2022-14 ގެ 124 ވަނަ މާއްދާއިން އުވާލެވިފައި)

 

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

މައްސަލަ އަނބުރާ ގެންދިޔުން 12.

(ހ) މައްސަލަ ހުށަހަޅާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންދަން ބޭނުންވެއްޖެނަމަ، މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ސަބަބު ބަޔާންކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެކަން ހުށަހަޅައިގެން މައްސަލަ އަނބުރައި ގެންދެވިދާނެއެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ށ) ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއް އަނބުރައި ގެންދިއުމުން، އެ މައްސަލައެއް ޓްރައިބިއުނަލުން ނުބަލާނެކަން އެ މީހަކަށް އެންގި ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެތެރޭގައި އެ މައްސަލައެއް އަލުން ހުށަހެޅުމާއެކު އިދާރީ ފީގެ ގޮތުގައި 500 (ފަސް ސަތޭކަ ރުފިޔާ) ދެއްކުމުން، އެ މައްސަލައެއް އަނބުރައި ގެންދިޔަ ސަބަބަށް ރިއާޔަތްކުރުމަށްފަހު ބަލައިގަތުމުގެ އިހްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ. 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކުން. 

(ނ) ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން އަނބުރާ ގެންދިޔަ މައްސަލައެއް، މި މާއްދާގެ (ށ) ގެ ދަށުން ހުށަހެޅޭނީ ޖުމުލަ 1 (އެކެއް) ފަހަރުއެވެ. 

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ރ) ގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކުން. 

(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، މައްސަލައެއް އަނބުރައި ގެންދިޔަ ސަބަބާއި ހާލަތަށް ރިއާޔަތްކުރުމަށްފަހ،ު އެ މައްސަލައެއް އެއްފަހަރަށްވުރެ ގިނަފަހަރަށް ބަލައިގަތުމުގެ އިހްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ. 

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ނ)  ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާނަމަ، މި މާއްދާގެ (ށ) ގެ ދަށުން ބާތިލުކުރާ މައްސަލައެއް، އެ މައްސަލައެއް ބާތިލުކުރިކަން އެ މީހަކަށް އެންގި ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެތެރޭގައި އިދާރީ ފީގެގޮތުގައި 500 (ފަސް ސަތޭކަ ރުފިޔާ) ދެއްކުމާއެކު އަލުން ހުށަހެޅިދާނެއެވެ. 

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ރ) ގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކުން. 

(ރ) ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާނަމަ، މި މާއްދާގެ (ށ) ގެ ދަށުން ބާތިލުކުރާ މައްސަލައެއް، މި މާއްދާގެ (ނ) ގެ ދަށުން ހުށަހެޅޭނީ ޖުމުލަ 1 (އެކެއް) ފަހަރުއެވެ.  

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ބ) ގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކުން. 

(ބ)  މި މާއްދާގެ (ރ) ގައި އެހެން އޮތްނަމަވެސް، މައްސަލައިގެ ހާލަތަށް ރިއާޔަތްކުރުމާއެކު، އެ މައްސަލައެއް އެއްފަހަރަށްވުރެ ގިނަފަހަރަށް ބަލައިގަތުމުގެ އިހްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ. 

 

8 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.  

 

އުވި ގަވާއިދު

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-14)

 

މައި ގަވާއިދު

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު