-

އައްޑޫ ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2018-105)

(މި ގަވާއިދަށް އަމަލުކުރަން ފަށާނީ/ފެށީ 13 އޮކްޓޫބަރު 2018 ގައި)

 

1 ވަނަ މާއްދާ - ތައާރަފު

މިއީ، އައްޑޫ ސިޓީގެ އީދިގަލި އާއި ކޯއްޓޭ ސަރަހައްދާއި، ކަނޑިހެރަ މާކަނޑު ކަނޑުއޮޅިއާއި، އެތަން ވަށައިގެންވާ ކަނޑާއި ފަރާއި، ފަޅާއި އެއްގަމުގެ ސަރަހައްދު އައްޑޫ ސިޓީގެ އެތެރެވަރިއަށް ފެތިފައިވާ "ބްރިޓިށް ލޯޔަލްޓީ" ނައު އޮތް ސަރަހައްދު ގުދުރަތީގޮތުންނާއި ތަބީއީގޮތުން އޮތްގޮތަށް ދެމެހެއްޓުމަށްޓަކައި، އެ ސަރަހައްދުތަކަކީ ރައްކައުތެރިކުރަންޖެހޭ ސަރަހައްދެއްކަމުގައި ކަނޑައަޅައި، އެ ސަރަހައްދުގެ އިންތައް ވަކިކޮށް، އެ ސަރަހައްދުގައިވާ ދިރުންތަކާއި ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވިގޮތެއްގައި ރައްކައުތެރިކުރުމާއި، ބެލެހެއްޓުމާއި ސަރަހައްދުގެ ގުދުރަތީ މާހައުލުގެ މުއްސަނދިކަމުގެ ފައިދާއާއި އިގްތިޞާދީ ފައިދާ އާންމު ރައްޔިތުންނަށް ލިބިދިނުމާ ގުޅޭ އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމަށްޓަކައި، ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ހެދިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ "އައްޑޫ ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގްޞަދު

މި ގަވާއިދުގެ މަގްޞަދުތައް ތިރީގައި މިވަނީއެވެ.

(ހ) ހިމާޔަތްކޮށްފައިވާ ސަރަހައްދާއި އެ ސަރަހައްދުގެ ދިރުންތަކާއި ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވިގޮތެއްގައި ރައްކައުތެރިކުރުމާއި ބެލެހެއްޓުމާއި އާންމު ރައްޔިތުންނަށް ދެމެހެއްޓެނިވިގޮތެއްގައި އެ ސަރަހައްދުން ފައިދާ ލިބިދިނުން؛

(ށ) ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ބެލެހެއްޓުމަށާއި، މުޖުތަމައުގެ އާންމު މަންފާއަށްޓަކައި އައްޑޫ ސިޓީގެ ރައްޔިތުންނަށް އަމާޒުކޮށްގެން އިޖުތިމާއީ އެކިއެކި ހަރަކާތްތައް ހިންގުމަށާއި، މި ގަވާއިދު ތަންފީޒުކުރުމަށްޓަކައި ކުރާ އިދާރީ މަސައްކަތްތައް ކުރުމަށް ބޭނުންވާ ހަރަދުތައް ކުރުމަށް އާމްދަނީ ހޯދުމުގެގޮތުން އިގްތިޞާދީ ހަރަކާތްތައް ހިންގުން؛

(ނ) ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ޒިޔާރަތްކުރާ އެންމެންގެ ބާވަތްތަކާއި އެތަނުގެ މާހައުލު ހިމާޔަތްކޮށް ރައްކައުތެރިކުރުން

(ނ) ހިމާޔަތްކޮށްފައިވާ ސަރަހައްދުގައިވާ އާސާރީ ތަންތަނާއި، އެ ސަރަހައްދަށް ފެތިފައިވާ "ބްރިޓިށް ލޯއަލްޓީ" ނައު އޮތް ސަރަހައްދު ހިމާޔަތްކޮށް ރައްކައުތެރިކުރުން

(ރ) ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ފީނުމަށާއި، ސްނޯކްލްކުރުމަށާއި މޫދުގެ އެހެނިހެން ހަރަކާތްތައް ހިންގުމަށް ޒިޔާރަތްކުރާ ފަރާތްތަކުން އެ ސަރަހައްދުގެ މާހައުލާއި ދިރުންތަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް އެފަދަ ހަރަކާތްތައް ހިންގުން

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަސް ފަހުންނެވެ.

 

5 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން

(ހ) މި ގަވާއިދުގެ ދަށުން "ވިޒިޓަރ ސެންޓަރ" ހިންގާ މެނޭޖްކޮށް އެތަނުންދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ތަންފީޒުކުރާނީ، މިނިސްޓްރީގެ މެނޭޖްމަންޓް ޔުނިޓުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މެނޭޖްމަންޓް ޔުނިޓުން މި ގަވާއިދު ތަންފީޒުކުރަމުންދާގޮތް ބަލައި މެނޭޖްމަންޓް ޔުނިޓަށް އިޞްލާހުކުރުމަށް އަންގަންޖެހޭ ކަންކަން އެންގުމާއި، މި ގަވާއިދުގެ ދަށުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމާއި، މި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އަދި އެޖެންސީއަށް ލިބިފައިވާ ބާރާއި މެންޑޭޓުގެ ތެރެއިން، ހިމާޔަތްކޮށްފައިވާ ސަރަހައްދު ބޭނުންކުރާނެ ގޮތްތައް ކަނޑައަޅާނީ އެޖެންސީންނެވެ.

 

6 ވަނަ މާއްދާ - ހިމާޔަތްކޮށްފައިވާ ސަރަހައްދު

(ހ) ހިމާޔަތްކޮށްފައިވާ ސަރަހައްދު އެކުލެވިގެންވަނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ޗާޓުގައި ފާހަގަކޮށްފައިވާގޮތަށް، އައްޑޫ ސިޓީގެ ހިތަދޫގެ އެންމެ އުތުރުގައިވާ އީދިގަލި ކިޅިއާއި ކޯއްޓޭ ސަރަހައްދާއި، އެ ސަރަހައްދުގައި ހިމެނޭ ދިއްވާ ފެންގަނޑާއި، ކުމް ސަރަހައްދާއި އެ ސަރަހައްދުތައް ވަށައިގެންވާ އެއްގަމު ސަރަހައްދާއި ކޯއްޓޭ ސަރަހައްދުގެ ހުޅަނގު އުތުރާއި އިރުމަތީ ފަރާތުގެ ފަރުތަކާއި ކަނޑާއި ސަރަހައްދުގައިވާ ކޯރެ، ކައްބޯހެރެ، ދީރޮނޑި، މާހެރެއާއި، ކުދިމާހެރެ ހިމެނޭގޮތަށް އެއްގަމުގެ 771 ހެކްޓަރުގެ ސަރަހައްދާއި، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ޗާޓުން ފާހަގަކޮށްފައިވާ އައްޑޫ ސިޓީގެ ކަނޑިހެރު މާކަނޑު ކަނޑުއޮޅިއާއި، އެތަން ވަށައިގެންވާ ކަނޑާއި، ފަރާއި ފަޅާއި އެއްގަމުގެ 724 ހެކްޓަރުގެ ސަރަހައްދާއި އެ ޗާޓުގައި ފާހަގަކޮށްފައިވާ އައްޑޫ ސިޓީގެ އެތެރެވަރިއަށް ފެތިފައިވާ "ބްރިޓިށް ލޯޔަލްޓީ" ނައު އޮތް 64 ހެކްޓަރުގެ ކަނޑުގެ ސަރަހައްދުގެ މައްޗަށެވެ. އަދި މި ގަވާއިދުގެ ބޭނުމަށްޓަކައި، ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ތެރޭގައި، އެ ސަރަހައްދުގައިވާ ތަފާތު ބާވަތްތަކުގެ ގަސްގަހާގެއްސާއި ފަޅުގައި ދިރިއުޅޭ ދޫނިސޫފާސޫތްޕާއި، މަސްމަހާމެއްސާއި، އެހެނިހެން ދިރުންތަކާއި ގުދުރަތީ ވަސީލަތްތަކާއި، އާސާރީ ތަންތަނާއި ތަކެތި ހިމެނެއެވެ. ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ޖިއޮގްރެފިކް ކޯޑިނޭޓްތަކާއި އެ ސަރަހައްދުގެ ޒޯންތައް ބެހިފައިވާ ގޮތް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ޗާޓުގައި އެވަނީއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، މި މާއްދާގެ (ށ) ގައި ބުނާ ހިމާޔަތްކޮށްފައިވާ ސަރަހައްދަކީ، ގާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން، ގުދުރަތީގޮތުންނާއި ތަބީއީގޮތުގައި ދެމެހެއްޓުމަށްޓަކައި، ރައްކައުތެރިކުރަންޖެހޭ ސަރަހައްދެއްގެގޮތުގައި ކަނޑައެޅުނީއެވެ.

 

7 ވަނަ މާއްދާ - ޒޯނުކުރުން

ހިމާޔަތްކޮށްފައިވާ ސަރަހައްދު ޒޯންކުރެވިފައިވަނީ އަންނަނިވި ގޮތުގެ މަތީންނެވެ:

(ހ) ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ޒޯން 1: ކޯ އޭރިއާ އެކުލެވިގެންވަނީ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ޗާޓުގައި ކޯ އޭރިއާގެގޮތުގައި ފާހަގަކޮށްފައިވާ އަންނަނިވި ސަރަހައްދުތަކުގެ މައްޗަށެވެ.

  1. އަދިގަލި ކިޅި ސަރަހައްދުގެ 34 ހެކްޓަރުގެ ސަރަހައްދު
  2. ބެދި ސަރަހައްދުގެ 55 ހެކްޓަރުގެ ސަރަހައްދު
  3. ކޯއްޓޭ ސަރަހައްދުގެ ހުޅަނގާއި، އުތުރާއި، އިރުމަތީ ފަރާތުގެ ފަރުތަކާއި، ކަނޑުގެ 105 ހެކްޓަރުގެ ސަރަހައްދު
  4. އައްޑޫ ސިޓީގެ ކަނޑިހެރަ މާކަނޑު ކަނޑުއޮޅިއާއި އެތަން ވަށައިގެންވާ ކަނޑާއި ފަރާއި، ފަޅާއި، އެއްގަމުގެ 170 ހެކްޓަރުގެ ސަރަހައްދު
  5. "ބްރިޓިށް ލޯޔަލްޓީ" ނައު އޮތް 13 ހެކްޓަރުގެ ކަނޑުގެ ސަރަހައްދު

(ށ) ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ޒޯނު 2: ބަފަރ އޭރިއާ އެކުލެވިގެންވަނީ މި މާއްދާގެ (ހ) ގައި ފާހަގަކޮށްފައިވާ ކޯ އޭރިއާ ވަށައިގެންވާ އެއްގަމާއި ކަނޑުގެ 1181 ހެކްޓަރުގެ ސަރަހައްދުގެ މައްޗަށެވެ.

(ނ) މި ގަވާއިދުގެ ބޭނުމަށްޓަކައި ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ކޯ އޭރިއާއާއި، ބަފަރ އޭރިއާކަމަށް ބުނެފައި އެވަނީ، އެ ސަރަހައްދުތަކުގައިވާ ތަފާތު ބާވަތްތަކުގެ ގަސްގަހާގެއްސާއި ދިރިއުޅޭ ދޫނިސޫފާސޫތްޕާއި، މަސްމަހާމެއްސާއި އެހެނިހެން ދިރުންތަކާއި ގުދުރަތީ ވަސީލަތްތަކާއި، އާސާރީ ތަންތަނާއި ތަކެތި ހިމެނޭގޮތުގެ މަތިންނެވެ.

 

8 ވަނަ މާއްދާ - ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހަރަކާތްތެރިވުން

(ހ) ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެކެވެ.

  1. މެނޭޖްމަންޓް ޔުނިޓުގެ ހުއްދަ ލިބިގެން މެނުވީ އެ ސަރަހައްދުގައި ހަރަކާތްތެރިވުން
  2. މެނޭޖްމަންޓް ޔުނިޓުން އެ ސަރަހައްދަށް ވަނުމަށް ހުއްދަކުރާ މަގުތައް ފިޔަވައި އެހެން ގޮތްގޮތަށް އެ ސަރަހައްދަށް ވަނުން

  3. ކުނިއެޅުން

  4. ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު ރުއްގަސް ކެނޑުމާއި އުފުރުން

  5. ވެއްޔާއި މުރަކައާއި، އަކިރިއާއި، ގައު ނެގުން

  6. ދިރޭތަކެއްޗަށް ގޯނާކުރުމާއި އެ ތަކެތި ސަރަހައްދުން ބޭރަށް ގެންދިއުން

  7. މާހައުލާ ނުގުޅޭ އެއްވެސް ދިރޭއެއްޗެއް ސަރަހައްދަށް ތައާރަފުކުރުން

  8. މެނޭޖްމަންޓް ޔުނިޓުގެ ސްޓާފުންނާއި އެޖެންސީގެ ސްޓާފުންނާއި ގާނޫނީ ވާޖިބު އަދާކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ނެށަނަލް ޑިފެންސް ފޯސްއާއި، ގަވާއިދުގައިވާ ގޮތުގެ މަތިން ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ވަނުމުގެ ހުއްދަ ހޯދާފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންމެނުވީ އެ ސަރަހައްދަށް ވަނުން

  9. ހުއްދަކޮށްފައިވާ ތަންތަން ފިޔަވައި އެ ސަރަހައްދުގެ އެހެނިހެން ތަންތަނުގައި އަލިފާން ގެންގުޅުމާއި ބޭނުންކުރުން

  10. ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން

  11. ނިވާކަންކުޑަ ހެދުން ލައިގެން އުޅުން

  12. އާސާރީ އެއްވެސް ތަނަކަށް ނުވަތަ އެއްޗަކަށް ގެއްލުން ދިނުން
  13. ސަރުކާރުން ބިނާކޮށްފައިވާ އެއްވެސް އިމާރާތަކަށް ގެއްލުންދިނުން

  14. ސަރަހައްދަށް ވަނުމުގެ ހުއްދަ ދޫކޮށްފައިވާ އުޅަނދުފަހަރާއި މެނޭޖްމަންޓް ޔުނިޓުން ބޭނުންކުރާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުފަހަރު މި ސަރަހައްދަށް ވަނުން

  15. ސަރަހައްދުގައި ފީނުމުގައްޔާއި ސްނޯކްލްކުރުމުގައްޔާއި މޫދުގެ އެހެނިހެން ހަރަކާތްތައް ހިންގުމުގައި އެ ސަރަހައްދުގެ މާހައުލާއި ދިރުންތަކަށް ގެއްލުން ދިނުން

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެންއޮތްނަމަވެސް، ހިމާޔަތްކޮށްފައިވާ ސަރަހައްދުގައިވާ، ދަތުރުފަތުރުކުރުމަށް އާންމުކޮށް ބޭނުންކޮށް އުޅޭ ކަނޑުއޮޅިތަކަށް އެ ސަރަހައްދުގައި ދަތުރު ފަތުރުކުރާ އުޅަނދުފަހަރު ވަދެ ނިކުމެ އުޅުމަށް މި ގަވާއިދު ހުރަހެއްނާޅައެވެ.

 

9 ވަނަ މާއްދާ - ޒޯން 1: ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ކޯ އޭރިޔާގެ ތެރޭގައި ހިމެނޭ އީދިގަލި ކިޅި ސަރަހައްދުގައި ހަރަކާތްތެރިވުން

ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ކޯ އޭރިޔާގެ ތެރޭގައި ހިމެނޭ އީދިގަލި ކިޅި ސަރަހައްދުގައި، އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެކެވެ:

(ހ) އެއްވެސް އިންޖީނުލީ ދުއްވާ އެއްޗެއް އެ ސަރަހައްދަށް ވެއްދުން.

(ށ) ދޫނިސޫފާސޫތްޕާއި، މަސްމަހާމެއްސާއި، އެހެނިހެން ދިރޭތަކެއްޗަށް ކާންދިނުން.

(ނ) އިންޖީނުލީ އުޅަނދުފަހަރާއި އިންޖީން ނުލާ އެއްވެސް އުޅަނދެއް ކިޅީގެ ފެންގަނޑުގައި ދުއްވުން.

 

10 ވަނަ މާއްދާ - ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ކޯ އޭރިއާ ތެރޭގައި ހިމެނޭ ކަނޑާއި ފަރުގެ ސަރަހައްދުގައި ހަރަކާތްތެރިވުން:

ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ކޯ އޭރިއާ ތެރޭގައި ހިމެނޭ ކަނޑާއި ފަރުގެ ސަރަހައްދުގައި އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެކެވެ:

(ހ) މި ގަވާއިދުގެ ދަށުން މެނޭޖްމަންޓް ޔުނިޓުން ދޫކުރާ ހުއްދައެއް ނެތި، ކެނޯ، ޕެޑަލް ބޯޓް، ސަރފް ބޯޑް ފަދަ ތަކެތީގައި ހަރަކާތްތެރިވުން.

(ށ) މި ގަވާއިދުން ނެގުމަށް ލާޒިމުކޮށްފައިވާ ހުއްދައެއްނެތި އަދި މި ގަވާއިދުގައިވާ ގޮތުގެމަތިން ހުއްދަދީފައިވާ މެރިން ގައިޑެއްގެ ނުވަތަ މެނޭޖްމަންޓް ޔުނިޓުގެ މުވައްޒަފެއްގެ ހާޒިރުގައި މެނުވީ، މި ސަރަހައްދަށް އެރި ސްނޯކްލްކުރުން ނުވަތަ ފީނުން.

(ނ) މި ސަރަހައްދުގައި މޫރިންގ ބޮއި އަޅާފައިވާ ސަރަހައްދުތަކަށް ނަގިލިލުން.

(ރ) ޒޯން 1 ކޯ އޭރިއާގެ ކަނޑުގެ ސަރަހައްދުގެ ކަނޑިހެރަ ކަނޑުއޮޅި މާކަނޑު ސަރަހައްދުގައި 15 (ފަނަރަ) މީހުންނަށްވުރެ ގިނައިން ހަރަކާތްތެރިވުން.

(ބ) ޒޯން 1 ކޯ އޭރިއާގެ ކަނޑުގެ ސަރަހައްދުގެ ކަނޑިހެރަ މާކަނޑު ކަނޑުއޮޅި ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި 24 (ސައުވީސް) މީހުންނަށްވުރެ ގިނައިން ހަރަކާތްތެރިވުން.

(ޅ) ސްނޯކްލްކުރުމުގެ ތެރޭގައި ނުވަތަ ފީނުމުގެ ތެރޭގައި ކަނޑުގެ އެއްވެސް ދިރުމަކަށް ގެއްލުން ދިނުން

(ކ) ދޫނިސޫފާސޫތްޕާއި މަސްމަހާމެއްސާއި، އެހެނިހެން ދިރޭ ތަކެއްޗަށް ކާންދިނުން

 

11 ވަނަ މާއްދާ - ޒޯނު 1ޅ ކޯއޭރިޔާގެ ތެރޭގައި ހިމެނޭ ބެދި ސަރަހައްދުގައި ހަރަކާތްތެރިވުން

ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ޒޯނު 1 ކޯ އޭރިޔާގައި ހިމެނޭ ބެދި ސަރަހައްދުގައި އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެކެވެ:

(ހ) މި ގަވާއިދުގެ ދަށުން މެނޭޖްމަންޓް ޔުނިޓުން ދޫކުރާ ހުއްދައެއް ނެތި، ކެނޯ، ޕެޑަލް ބޯޓް، ސަރފް ބޯޑް ފަދަ ތަކެތީގައި ހަރަކާތްތެރިވުން

(ށ) ކަކުންޏާއި އެހެނިހެން ދިރުންތަކަށް ގޯނާކުރުން

(ނ) އިންޖީނުލީ ދުއްވާ އެއްވެސް އެއްޗެއް މި ސަރަހައްދަށް ވެއްދުން

(ރ) ދޫނިސޫފާސޫތްޕާއި މަސްމަހާމެއްސާއި، އެހެނިހެން ދިރޭ ތަކެއްޗަށް ކާންދިނުން

 

12 ވަނަ މާއްދާ - ޒޯނު 2 ބަފަރ އޭރިޔާގެ އެއްގަމު ސަރަހައްދުގައި ހަރަކާތްތެރިވުން

(ހ) ޒޯނު 2 ބަފަރ އޭރިޔާގެ އެއްގަމު ސަރަހައްދުގައި އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެކެވެ:

  1. މި ސަރަހައްދަށް ވަނުމަށް މެނޭޖްމަންޓް ޔުނިޓުން ހުއްދަކުރާ މަގު ފިޔަވައި، މި ސަރަހައްދުގެ އެހެނިހެން ތަންތަނަށް އިންޖީނުލީ އުޅަނދެއް ވެއްދުން
  2. އެޖެންސީގެ ހުއްދަ ލިޔުމުން ހޯދައިގެންނޫނީ މި ސަރަހައްދުން ރުއްގަސް ކެނޑުމާއި އުފުރުން
  3. މި ގަވާއިދުގައިވާ ގޮތުގެ މަތިން މެނުވީ މި ސަރަހައްދުގައި ވަގުތީގޮތުންނަމަވެސް އެއްވެސްކަހަލަ އިމާރާތެއްކުރުން ނުވަތަ ހަޓު ފަދަ ތަންތަން ހެދުން
  4. މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އުސޫލުގެ ބޭރުން މި ސަރަހައްދުން ކާށްޓާއި ފަން ހޮވުން
  5. މި ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުގެ ބޭރުން މި ސަރަހައްދުގައި ދަނޑުވެރިކަން ކުރުން
  6. މެނޭޖްމަންޓް ޔުނިޓުގެ ހުއްދަނެތި މި ސަރަހައްދުގައި ހިމެނޭ ފަޅުރަށްތައްކަމުގައިވާ ކޯހެރެ، ކައްބޯހެރެ، ދީރޮނޑި، މާހެރެއާއި ކުދުމާހެރެއަށް އަރައި ފޭބުން

(ށ) މި މާއްދާގެ (ހ) ގެ (i) ގައި އެހެންއޮތްނަމަވެސް މި ގަވާއިދުގައިވާ ގޮތުގެ މަތިން މި ސަރަހައްދު ރައްކައުތެރިކޮށް ބެލެހެއްޓުމުގެ ވާޖިބު އަދާކުރުމަށްޓަކައި މެނޭޖްމަންޓް ޔުނިޓުގެ ވެހިކަލްތައް މި ސަރަހައްދަށް ވަނުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. 

(ނ) މި ސަރަހައްދުގައި ހިމެނޭ ފަޅުރަށްތަކަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކުން، ރަށަށް އަރަން ބޭނުންވާ ތާރީހުގެ ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ކުރިން، ހުއްދައަށްއެދި މެނޭޖްމަންޓް ޔުނިޓަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

 

13 ވަނަ މާއްދާ - ބަފަރ އޭރިއާގެ ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވުން

ބަފަރ އޭރިއާގެ ކަނޑުގެ ސަރަހައްދަށް ވަންނަ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު، މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ވިޒިޓަރ ސެންޓަރެއް ގާއިމްކުރުން

ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން، ހިންގާ އެކިއެކި ހަރަކާތްތައް ހިންގުމަށްޓަކައި ވިޒިޓަރ ސެންޓަރެއް ގާއިމްކުރެވިފައިވާނެއެވެ.

 

15 ވަނަ މާއްދާ - ވިޒިޓަރ ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތައް

(ހ) ވިޒިޓަރ ސެންޓަރުން އަންނަނިވި ހިދުމަތްތައް ލިބެންހުންނާނެއެވެ.

  1. ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ މައުލޫމާތު އަންގައިދިނުމާއި، ދިވެހިންގެ އަމިއްލަ އުފެއްދުންތައް ވިއްކުމާއި ދައްކައިލުން؛
  2. ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ މާހައުލާއި، ތާރީހީ ތަންތަނާބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށްގެންދެވޭ ގައިޑަޑް ޓުއަރތަކާއި އެހެނިހެން ޓުއަރތައް؛
  3. ސުވެނިއަރ ފިހާރައެއް؛
  4. ރެސްޓޯރެންޓް/ކެފެޓީރިއާ؛
  5. ބައިސްކަލް ކުއްޔަށް ދޫކުރުން؛
  6. ޕިކްނިކާއި ބާބެކިއު؛
  7. ކެނޯއާއި ޕެޑަލް ބޯޓް ކުއްޔަށް ދޫކުރުން؛
  8. ސްނޯކްލިންގއާއި ފީނުން؛
  9. ސްކޫލުތަކުގެ ދަރިވަރުންނަށް ހާއްޞަ އައުޓްޑޯ ކްލާސް ރޫމް؛
  10. އެކިއެކި ހަފްލާތަކާއި އިވެންޓްތަކަށް ތަން ކުއްޔަށްދިނުން.

(ށ) މި މާއްދާގެ (ހ) ގައިވާ ވަކިވަކި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާގޮތުގެމަތިން ވިޔަފާރީގެ އުސޫލުން ތިންވަނަ ފަރާތަކަށް ހަވާލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) ވިޒިޓަރ ސެންޓަރުގެ ހިދުމަތްތައް ހޯދާ ފަރާތްތަކުން އެ ހިދުމަތްތައް ހޯދަންވާނީ މެނޭޖްމަންޓް ޔުނިޓުން ވިއްކާ އެކްސެސް ޕަރމިޓްއެއްގެ ދަށުންނެވެ. މި ޕަރމިޓް ބޭނުންކުރެވޭނީ 1 (އެކެއް) ފަހަރުއެވެ. މި ޕަރމިޓް ދިވެހިންނަށާއި، ބިދޭސީންނަށް ވިއްކާ އުސޫލާއި ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް، އަމާޒުކޮށްގެން ކުރިއަށްގެންދާ އެކިއެކި ހަރަކާތްތަކަށް، ފީނެގުމުގައި އަމަލުކުރާނެ އުސޫލު މި ގަވާއިދުގެ ޖަދުވަލު 3 ގައި އެވަނީއެވެ.

(ރ) ވިޒިޓަރ ސެންޓަރުން އެއްފަހަރާ އެންމެ ގިނަވެގެން ހިދުމަތް ފޯރުކޮށްދެވޭނީ 100 (ސަތޭކަ) މީހުންނަށެވެ.

(ބ) މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާގޮތުގެމަތިން މެންބަރށިޕް ފީ ދައްކާ ފަރާތްތަކަށް މެނޭޖްމަންޓް ޔުނިޓުން، އަގުހެޔޮ ރޭޓެއްގައި ހިދުމަތްތައް ލިބެންހުންނާނެއެވެ.

(ޅ) ކޮންމެ އެކްސެސް ޕަރމިޓެއްގެ ދަށުން، ވިޒިޓަރ ސެންޓަރުގައި މަޑުކުރުމަށް ހުއްދަދެވޭނީ އެންމެ ގިނަވެގެން 5 (ފަހެއް) ގަޑިއިރަށެވެ. 5 (ފަހެއް) ގަޑިއިރަށްފަހު އިތުރުވާ ކޮންމެ 1 (އެކެއް) ގަޑިއިރަށް މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ގޮތުގެ މަތިން އިތުރު ފީއެއް ނެގޭނެއެވެ.

(ކ) ވިޒިޓަރ ސެންޓަރުގައި ކުރިޔަށްގެންދާ ހިދުމަތްތަކުގެ ވަގުތުތަކާއި، އެ ހިދުމަތްތަކުގެ އަގުތަކާއި، ސެންޓަރުގައި ވިއްކަން ބަހައްޓާފައި ހުންނަ ތަކެތީގެ އަގުތައް، މި ގަވާއިދުގައިވާ ގޮތުގެ މަތިން ކަނޑައަޅައި، އާންމުކޮށް ފެންނާނެހެން ބަހައްޓާފައި ހުންނާނެއެވެ.

(އ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އިތުރު ހިދުމަތްތައް ސަރަހައްދުގައި ފޯރުކޮށްދޭންވާނީ، ވެޓްލޭންޑް އެޑްވައިޒަރީ ބޯޑާއި ފަންޑް ބޯޑުގެ ލަފަޔާއި އިރުށާދުގެ މަތިންނެވެ.

(ވ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އަގުތަކަށް ބަދަލެއް ގެންނަންވާނީ ފަންޑު ބޯޑުގެ ލަފަޔާއި އިރުށާދުގެ މަތިންނެވެ.

(މ) މި ގަވާއިދުގެ ދަށުން ބިދޭސީންގެ އަތުން ނެގުމަށް ކަނޑައަޅާފައިވާ ފައިސާ، ޔޫ.އެސް ޑޮލަރުން ނުވަތަ އެއިރެއްގެ އެކްސްޗޭންޖް ރޭޓަށް ބަލައި ޔޫ.އެސް ޑޮލަރަށްވާ ދިވެހި ރުފިޔާއިން ނެގިދާނެއެވެ.

(ފ) ރެސްޓޯރެންޓް/ކެފެޓީރިއާ ހިންގުމުގައި ނުވަތަ ކުއްޔަށްދިނުމުގައި އަންނަނިވި ކަންތައްތަކަށް އިސްކަންދޭންވާނެއެވެ.

  1. މައިގަނޑުގޮތެއްގައި ދިވެހި އުފެއްދުންތައް ވިއްކުމަށް؛
  2. ކާބޯތަކެތި ވިއްކުމުގައި، ތިމާވެށްޓާ ރައްޓެހި، ދަނޑުވެރިކަމުން އުފައްދާ ތަކެތި ވިއްކުމަށް؛
  3. އައްޑޫގެ އުފެއްދުންތައް ވިއްކުމަށް؛
  4. ތިމާވެށްޓާ ރައްޓެހި ޕެކޭޖިންގައި ތަކެތި ވިއްކުމަށް.

(ދ) ވިޒިޓަރ ސެންޓަރުގައި ގާއިމުކުރާ ސުވެނިއަރ ފިހާރައިގައި ތަކެތި ވިއްކުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. ވިއްކަން ބަހައްޓާފައި ހުންނަ ތަކެއްޗަކީ މުޅިންވެސް ދިވެހި އުފެއްދުންތަކަށްވުން؛
  2. ވިއްކަން ބަހައްޓާފައި ހުންނަ ތަކެތީގެ ތެރެއިން މަދުވެގެން %50 (ފަންސާސް އިންސައްތަ) ތަކެއްޗަކީ އައްޑޫގައި އުފައްދާ ތަކެއްޗަށްވުން؛
  3. ވިއްކާ ތަކެތި ޕްލާސްޓިކް ޕެކޭޖިންގގައި ވިއްކުމަކީ މަނާކަމެކެވެ.

(ތ) ވިޒިޓަރ ސެންޓަރުގައި ހިމެނޭ ވިއުޕޮއިންޓްތަކާއި، ބޯޑްވޯކްތަކަށް ބައިސްކަލާއި ސައިކަލުގައި އެރުމާއި، އެތަންތަނުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހިންގުމަކީ މަނާކަމެކެވެ.

(ލ) ބޯޑްވޯކްތަކަށް އެއްފަހަރާ 30 (ތިރީސް) މީހުންނަށްވުރެ ގިނައިން އެރުމަކީ މަނާކަމެކެވެ.

(ގ) ބޯޑްވޯކްތައް ހިމެނޭހެން ވިޒިޓަރ ސެންޓަރުގައި ކުނި އެޅުމަށްޓަކައި ލޭބަލް ހަރުކޮށްފައި ބަހައްޓާފައިވާ ޑަސްބިންތައް ފިޔަވައި އެހެން ތަންތަނަށް ކުނިއެޅުމަކީ މަނާކަމެކެވެ.

(ޏ) ސަލާމަތާއި ރައްކައުތެރިކަމުގެގޮތުން، ވިޒިޓަރ ސެންޓަރާއި ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި އަންނަނިވި އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނެއެވެ.

  1. އަލިފާން ނިވާނެ އިންތިޒާމް ހަމަޖައްސާފައިހުރުން؛
  2. ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލައިފްޖެކެޓް ފޯރުކޮށްދިނުން؛
  3. ކޯސްޓް ސަރަހައްދުގައިވާ ރޭންޖަރ ހަޓުތަކުގައި ލައިފް ރިންގާއި، ފަސްޓް އެއިޑް ކިޓާއި، އަޑުގަދަކުރާ ހުރުން.

(ސ) ވިޒިޓަރ ސެންޓަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން، ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ އެއްގަމުގެ ސަރަހައްދުގައި ހިންގާ އެކިއެކި ހަރަކާތްތަކުގައި ޓުއަރ ގައިޑުންގެގޮތުގައި ހަރަކާތްތެރިވާނީ މެނޭޖްމަންޓް ޔުނިޓުގެ މުވައްޒަފުންނެވެ.

(ޒ) ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާގޮތުގެމަތިން ވިޒިޓަރ ސެންޓަރުގެ ބައެއް ސަރަހައްދުތައް މިނިސްޓްރީން ކަނޑައަޅާ ށަރުތުތަކާއެކު ކުއްޔަށް ދޫކުރެވިދާނެއެވެ.

(ޓ) ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގައި ސްނޯރކްލިންގއާއި ފީނުމުގެ ހަރަކާތްތަކުގައި ޓުއަރ ގައިޑުންގެގޮތުގައި ހަރަކާތްތެރިވާނީ، މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ މެރިން ގައިޑުންނެވެ.

 

16 ވަނަ މާއްދާ - މެރިން ގައިޑުން

(ހ) ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި މެރިން ގައިޑުންގެގޮތުގައި މަސައްކަތްކުރަންވާނީ، މެނޭޖްމަންޓް ޔުނިޓުން އެކަމަށްޓަކައި ދޫކުރާ ހުއްދައެއް ނެގުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނާ ހުއްދައަށްއެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް ކަނޑައަޅާނީ މިނިސްޓްރީންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދި ހުށަހަޅާއިރު، ނޮން-ރިފަންޑަބަލް ފީއެއްގެގޮތުގައި މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ފީ، މެނޭޖްމަންޓް ޔުނިޓަށް ދައްކަންވާނެއެވެ. މި ހުއްދަ ދޫކުރެވޭނީ 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ރ) މި މާއްދާގެ (ހ) ގައި ބުނާ ހުއްދަ ދޫކުރެވޭނީ، އެކަމަށް ހާއްޞަކޮށްގެން ދޭ އިމްތިހާނަކުން މަދުވެގެން 85% (އަށްޑިހަ ފަހެއް އިންސައްތަ) އިން ފާސްވާ ފަރާތްތަކަށެވެ. މި އިމްތިހާނުގައި، ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ މާހައުލާއި ދިރުންތަކާއި ގުޅޭގޮތުންނާއި، މި ސަރަހައްދުގައި ހަރަކާތްތެރިވުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ފީނުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކަށް އަހުލުވެރިވެފައިވާ މިންވަރު ބަލާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ހުއްދައިގެ މުއްދަތު ހަމަވުމުން ހުއްދަ އައުކުރުމަށްޓަކައި މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކުރާ ފީ ދައްކަންޖެހޭނެއެވެ.

(ޅ) މި މާއްދާގެ ދަށުން ދޫކުރާ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރިން، އެ ހުއްދަ ދޫކުރިކަން އަންގައިދޭ ކާޑު ގެއްލިއްޖެނަމަ އަލުން ކާޑު ހަދައިދެވޭނީ މި ގަވާއިދުގެ ޖަދުވަލު 3 ގައި ކަނޑައަޅާފައިވާ ޖޫރިމަނާގެ ފައިސާ ދެއްކުމުންނެވެ.

(ކ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ 

ކަނޑުގެ ސަރަހައްދަށް އެކްސެސް ޕަރމިޓެއް ނެތި މި މާއްދާގެ ދަށުން ދޫކުރާ ހުއްދަ ލިބިފައިވާ މެރިން ގައިޑުންނަށް ވަދެވޭނެއެވެ.

(އ) ކޮންމެ މެރިން ގައިޑަކަށް އެއްވަގުތެއްގައި ހަވާލުވެވޭނީ ގިނަވެގެން 8 (އަށެއް) މީހުންގެ 1 (އެކެއް) ގްރޫޕާއެވެ.

(ވ) ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި މެރިން ގައިޑުންގެ ހަވާލުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ ސަރަހައްދާ ގުޅޭގޮތުންނާއި އެ ސަރަހައްދުގައި އަމަލުތައް ބަހައްޓަންވީގޮތުގެ މައުލޫމާތު ދިނުމަކީ، އެފަރާތްތަކާ ހަވާލުވެ ހުންނަ މެރިން ގައިޑެއްގެ ޒިންމާއެކެވެ.

(މ) ހިމާޔަތްކޮށްފައިވާ ސަރަހައްދަށް މެރިން ގައިޑުންގެ ހަވާލުގައި ޒިޔާރަތްކުރާ ފަރާތްތަކުން ހިންގާ އަމަލުތަކުގެ ގާނޫނީ ޒިންމާ، ޒިޔާރަތްކުރާ ފަރާތްތަކުންނާއި، އެބަޔަކާ ހަވާލުވެގެން ހުންނަ މެރިން ގައިޑުން، ގާނޫނުގައިވާގޮތުގެ މަތިން އުފުލަންވާނެއެވެ.

(ފ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފުވާ މެރިން ގައިޑުންގެ ހުއްދަ ބާތިލުކުރުމުގެ އިހްތިޔާރު މެނޭޖްމަންޓް ޔުނިޓަށް ލިބިގެންވެއެވެ.

 

17 ވަނަ މާއްދާ - ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ދަނޑުވެރިކަން ކުރުން

(ހ) ސަރަހައްދުގައި ދަނޑުވެރިކަން ކުރަންވާނީ އެޖެންސީއާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ށ) ސަރަހައްދުގައި ހަރަކާތްތެރިވާ ކޮންމެ ދަނޑުވެރިއެއްގެ އަތުގައި، މެނޭޖްމަންޓް ޔުނިޓުން ދޫކުރާ، ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ދަނޑުވެރިކަން ކުރުމުގެ ހުއްދަ އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހުއްދަ ދޫކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން ގާއިމުކުރެވިފައިވާ ފަރާތްތަކަށެވެ.

(ރ) ސަރަހައްދުގައި ކުރެވޭނީ ތިމާވެށްޓާ ރައްޓެހި ދަނޑުވެރިކަން (އޯގަނިކް ފާމިންގ) އެވެ.

(ބ) ސަރަހައްދުގައި ދަނޑުވެރިކަންކުރާ ފަރާތްތަކުން ކުރާ އަމަލުތަކުގެ ގާނޫނީ ޒިންމާ، ދަނޑުވެރިކަންކުރާ ފަރާތްތަކުންނާއި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން ގާއިމުކުރެވިފައިވާ ފަރާތްތަކުން ގާނޫނުގައިވާގޮތުގެ މަތިން އުފުލަންވާނެއެވެ.

(ޅ) ދަނޑުބިންތަކުގައި އުފެދޭ ކުނި، ޒިންމާދާރުކަމާއެކު ނައްތާލުމަކީ ދަނޑުވެރިންގެ ޒިންމާއެކެވެ.

 

18 ވަނަ މާއްދާ - ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ވިޔަފާރީގެ ބޭނުމަށް ފޮޓޯ ނެގުމާއި ވީޑިއޯ ކުރުން

ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ވިޔަފާރީގެ ބޭނުމަށާއި، ޑްރޯން ބޭނުންކޮށްގެން ފޮޓޯ ނެގުމާއި ވީޑިއޯކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ. މި މާއްދާގެ ބޭނުމަށްޓަކައި ޓީވީ ޗެނަލްތަކުންނާއި އެހެނިހެން ގޮތްގޮތުން، އިސްތިހާރުކުރުމަށް ފޮޓޯނެގުމާއި ވީޑިއޯކުރުން ބެލެވޭނީ ވިޔަފާރީގެ އުސޫލުން ކުރާ ކަންކަމުގެ ގޮތުގައެވެ.

 

19 ވަނަ މާއްދާ - ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ދިރާސާކުރުން

ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ ދިރާސާއެއް ކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

20 ވަނަ މާއްދާ - ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ވަސީލަތްތަކަށް އަންނަމުންދާ ބަދަލުތައް ދެނެގަތުން

ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ވެށްޓަށާއި ދިރުންތަކަށާއި، ގުދުރަތީ ވަސީލަތްތަކަށާއި އުމްރާނީ ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަނެވޭނެ ގޮތުގެ ޕްލޭނެއް އެކުލަވައިލައި، ކޮންމެ ދެއަހަރުން އެއްއަހަރު، އެޖެންސީއަށް އެ ޕްލޭން ހުށަހަޅައިގެން ފާސްކުރުމަށްފަހު މެނޭޖްމަންޓް ޔުނިޓުން އެ ޕްލޭން ތަންފީޒުކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - ފަންޑު އެކުލަވައިލުން

(ހ) ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި މި ގަވާއިދުގެ ދަށުން މެނޭޖްމަންޓް ޔުނިޓުން ހިންގާ ހަރަކާތްތަކުން ލިބޭ އާމްދަނީ ޖަމާކުރާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތު ގާނޫނު) ގެ ދަށުން ގާއިމުކުރާ ޓްރަސްޓް ފަންޑަކަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ޓްރަސްޓް ފަންޑަށް ޖަމާކުރާ ފައިސާ ހަރަދުކުރަންވާނީ، ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ބެލެހެއްޓުމަށާއި މުޖުތަމައުގެ އާންމު މަންފާއަށްޓަކައި އައްޑޫ ސިޓީގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ އިޖުތިމާއީ އަދި ތިމާވެށްޓާ ގުޅުންހުރި އެކިއެކި ކުދި އަދި މެދު ފަންތީގެ ހިލޭ އެހީގެ ޕްރޮގްރާމްތައް ހިންގުމަށާއި މި ގަވާއިދު ތަންފީޒުކުރުމަށްޓަކައި ކުރާ އިދާރީ މަސައްކަތްތަކަށެވެ.

 

22 ވަނަ މާއްދާ - ވެޓްލޭންޑް އެޑްވައިޒަރީ ބޯޑު އެކުލަވައިލުން

(ހ) މި ގަވާއިދު ތަންފީޒުކުރުމުގައި ދިމާވާ އެކިއެކި މައްސަލަތަކާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދު މެނޭޖްކުރުމުގައި ނިންމަންޖެހޭ މުހިންމު ނިންމުންތައް ނިންމުމުގައި މިނިސްޓްރީއަށާއި މެނޭޖްމަންޓް ޔުނިޓަށް ލަފާދިނުމަށްޓަކައި "ވެޓްލޭންޑް އެޑްވައިޒަރީ ބޯޑު" ގެ ނަމުގައި، މި މާއްދާގައިވާ ގޮތުގެމަތިން މިނިސްޓްރީން ބޯޑެއް އެކުލަވައިލަންވާނެއެވެ.

(ށ) ވެޓްލޭންޑް އެޑްވައިޒަރީ ބޯޑު އެކުލެވިގެންވަނީ އަންނަނިވި ދާއިރާތައް ތަމްސީލުކުރާ 15 (ފަނަރަ) މެންބަރުންގެ މައްޗަށެވެ.

  1. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ
  2. އައްޑޫ ސިޓީ ކައުންސިލް
  3. އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ޖަމްއިއްޔާތައް
  4. އައްޑޫ ސިޓީގެ މަސްވެރިން
  5. ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ދަނޑުވެރިކަންކުރާ ފަރާތްތައް
  6. އައްޑޫ ސިޓީގެ ތިމާވެށި ރައްކައުތެރިކުރުމަށް މަސައްކަތްކުރާ އެން.ޖީ.އޯ.ތައް
  7. އައްޑޫ ސިޓީގެ ގެސްޓްހައުސްތައް
  8. އައްޑޫ ސިޓީގެ ސިޓީ ހޮޓާތައް
  9. އައްޑޫ ސިޓީގެ ޓުއަރިސްޓް ރިޒޯޓުތައް
  10. މިނިސްޓްރީ އޮފް ހެލްތު
  11. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
  12. މިނިސްޓްރީ އޮފް އެޑިއުކޭށަން
  13. އައްޑޫ ސިޓީގައި އަތްތެރިކަމުގެ މަސައްކަތްކުރާ ފަރާތްތައް
  14. މޯލްޑިވްސް ޕޮލިސް ސަރވިސް
  15. މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސް

(ނ) ބޯޑަށް މެންބަރުން ހޮވާނީ، މި މާއްދާގެ (ށ) ގައިވާ ކޮންމެ ދާއިރާއެއް ތަމްސީލުކުރާނެ މެންބަރެއް އެ ދާއިރާއަކުން، ނުވަތަ ޖަމްއިއްޔާއަކުން ނުވަތަ އޮފީހަކުން ނޮމިނޭޓްކޮށްގެންނެވެ. އަދި ވަކި ދާއިރާއެއް ތަމްސީލުކުރާނެ ޖަމްއިއްޔާއެއް ނުވަތަ އިދާރާއެއް ނުވާނަމަ، އެ ދާއިރާއަކުން ބޯޑަށް އައްޔަނުކުރާނީ، އައްޑޫ ސިޓީގައި އެ ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތްތަކަށް ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލައި، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ވޯޓަކުން އެންމެ ގިނަ ވޯޓު ލިބޭ ފަރާތެކެވެ. އެފަދަ ދާއިރާތަކުން ބޯޑަށް މީހުން އައްޔަނުކުރުމުގެ އިންތިޒާމު ހަމަޖައްސާނީ މިނިސްޓްރީންނެވެ.

(ރ) ބޯޑުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ހިމާޔަތްކޮށްފައިވާ ސަރަހައްދު މެނޭޖުކުރުމަށް މިނިސްޓްރީއަށް ލަފާދިނުން
  2. ހިމާޔަތްކޮށްފައިވާ ސަރަހައްދާ ގުޅޭގޮތުން އާންމުން ހުށަހަޅާ ށަކުވާތައް ބެލުމާއި، އެކަންކަމާމެދު ގޮތެއް ނިންމުމުގައި މިނިސްޓްރީއަށް ލަފާދިނުން.
  3. ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވިގޮތެއްގައި ބޭނުންކުރެވޭނެގޮތުގެ އުސޫލުތައް ކަނޑައެޅުމުގައި މިނިސްޓްރީއަށް ލަފާދިނުން.
  4. ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހިންގާ އިގްތިޞާދީ ހަރަކާތްތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާދިނުން.

(ބ) ބޯޑުގެ ސެކްރެޓޭރިއެޓަކީ މެނޭޖްމަންޓް ޔުނިޓެވެ.

(ޅ) ބޯޑުގެ ބައްދަލުވުންތަކުގެ ކޯރަމަކީ، 8 (އަށެއް) މެންބަރުންނެވެ.

(ކ) މި ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ މިނިސްޓްރީންނެވެ.

(އ) ބޯޑުގެ އެއްވެސް މެންބަރަކު އެ މެންބަރަކު ނިސްބަތްވާ އޮފީހަކުން ނުވަތަ ޖަމްއިއްޔާއަކުން ނުވަތަ ދާއިރާއަކުން ވަކިވެއްޖެނަމަ، އެހިނދުން ފެށިގެން ބޯޑުގެ މެންބަރުކަމުން ވަކިވާނެއެވެ.

(ވ) ބޯޑުގެ މެންބަރުކަމުން ވަކިވާ ފަރާތްތަކުގެ ބަދަލުގައި އެހެންފަރާތެއް ބޯޑަށް އައްޔަނުކުރުމަށްޓަކައި އައު މެންބަރަކު ބޯޑަށް ނޮމިނޭޓްކުރުމަށް، މެންބަރުކަމުން ވަކިވިފަރާތް ނިސްބަތްވާ އޮފީހަކަށް، ނުވަތަ ޖަމްއިއްޔާއަކަށް، ނުވަތަ ދާއިރާއެއްގައި ހިމެނޭ ފަރާތްތަކަށް މިނިސްޓްރީން އަންގަންވާނެއެވެ.

(މ) ކޮންމެ މެންބަރެއްގެ ވެސް މެންބަރުކަމުގެ ދައުރަކީ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން، އިތުރު ދައުރަކަށް މެންބަރުން އައްޔަނުކުރާނީ މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިންނެވެ.

(ފ) ބޯޑުގެ މެންބަރުން 1 (އެކެއް) ދައުރަށްވުރެ ގިނަދައުރަށް މެންބަރުކަންކުރުން، މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ދ) މަދުވެގެން ކޮންމެ ތިން މަހުން އެއްފަހަރު ބޯޑުގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ. އެހެންނަމަވެސް، ވަކި ކަމަކާ ގުޅޭގޮތުން ކަމެއް ނިންމަންވެއްޖެނަމަ، އެކަމެއް ނިންމުމަށް ބޯޑުގެ އިތުރު ބައްދަލުވުންތައް ބޭއްވުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ތ) ބޯޑުގެ ނިންމުންތައް ނިންމާނީ، ބޯޑުގެ ބައްދަލުވުމަށް ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

 

23 ވަނަ މާއްދާ - ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ކުރުން ހުއްދަ ކަންތަކާއި، ކުރުން މަނާ ކަންތައްތައް

މި ގަވާއިދުގައިވާ މާއްދާތަކުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ކުރުން މަނާ ކަންކަމާއި، އެ ސަރަހައްދުގައި ހަރަކާތްތެރިވުމުގައި، ކުރުން ހުއްދަ ކަންކަމާއި، ކުރުން މަނާ ކަންކަން، މި ގަވާއިދުގެ ޖަދުވަލު 7 ގައި ހިމަނާފައި މިވަނީއެވެ.

 

24 ވަނަ މާއްދާ - ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

މި ގަވާއިދުގައިވާ ކަންކަމާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކައްތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) އާއި، މި ގަވާއިދުގެ ޖަދުވަލު 8 އާ އެއްގޮތްވާގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

 

25 ވަނަ މާއްދާ - އިސްތިސްނާ

(ހ) މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް މި ގަވާއިދުގެ ދަށުން ނަގަން ކަނޑައަޅާފައިވާ ފީތައް ނެގުމުގައި އަންނަނިވި ފަރާތްތައް އިސްތިސްނާވާނެއެވެ.

  1. ހިމާޔަތްކޮށްފައިވާ ސަރަހައްދަށް މިނިސްޓްރީގެ ހާއްޞަ ހުއްދައެއްގެދަށުން، އިލްމީ ބޭނުމަކަށްޓަކައި ޒިޔާރަތްކުރާ ކިޔަވާކުދިންނާއި މުދައްރިސުން.
  2. ހިމާޔަތްކޮށްފައިވާ ސަރަހައްދަށް، މިނިސްޓްރީގެ ހާއްޞަ ހުއްދައެއްގެ ދަށުން ރަސްމީ ބޭނުމަކަށްޓަކައި ޒިޔާރަތްކުރާ ފަރާތްތައް.
  3. ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހިންގާ އެކިއެކި ތަމްރީނު ޕްރޮގްރާމުތަކުގައި، މެނޭޖްމަންޓް ޔުނިޓުގެ ފަރާތުން ބައިވެރިވާ ފަރާތްތައް.

(ށ) ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ކުރަމުންގެންދާ އިލްމީ ދިރާސާއަކާ ގުޅިގެން ނުވަތަ އެތަނުގައި ހިނގާ އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ގުދުރަތީ ކާރިސާއަކާ ގުޅިގެން، ނުވަތަ ކުރިމަތިވާ ކުއްލި ނުރައްކަލުގެ ހާލަތަކާ ގުޅިގެން މި ސަރަހައްދުގައި އެއްވެސް ހަރަކާތެއް ހިންގުމާއި، މި ސަރަހައްދަށް ވަދެނިކުމެއުޅުން ވަގުތީގޮތުން މަނާކުރުމުގެ އިހުތިޔާރު މެނޭޖްމަންޓް ޔުނިޓަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން، ހިމާޔަތްކޮށްފައިވާ ސަރަހައްދު ބޭނުންކުރާ ވަގުތުތަކުގައި، އެފަދަ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، އެތަން ބޭނުން ނުކުރެވޭގޮތަށް ވަގުތީގޮތުން ބަންދުކުރުމުގެ އިހްތިޔާރު، މެނޭޖްމަންޓް ޔުނިޓަށް ލިބިގެންވެއެވެ.

 

26 ވަނަ މާއްދާ - އުވައިލެވޭ ކަންކަން

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ނަންބަރު 67-2004/އެޗް3-20 (7 ޑިސެންބަރު 2004) ގެ އިއުލާން ބާތިލުވީއެވެ.

 

27 ވަނަ މާއްދާ - މާނަކުރުން

(ހ) މި ގަވާއިދުގައިވާ އިބާރާތެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު:

  1. "ބޯޑު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން އައްޑޫ ސިޓީގައި އެކުލަވައިލެވިފައިވާ ވެޓްލޭންޑް އެޑްވައިޒަރީ ބޯޑަށެވެ.
  2. "އިމާރާތް" ކަމަށް ބުނެފައި އެވަނީ، އެންމެހައި އިމާރާތްތަކާއި، ފާލަންތަކާއި އެހެނިހެން އުމްރާނީ ބިނާތައް ހިމެނޭގޮތުގެ މަތިންނެވެ.
  3. "އެޖެންސީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދަށުން ހިންގަމުންދާ އެންވަޔަރަންމަންޓް ޕްރޮޓެކްށަން އެޖެންސީއަށެވެ.
  4. "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމާއި، އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާ ސަރުކާރުގެ ވުޒާރާއަށެވެ.
  5. "މެނޭޖްމަންޓް ޔުނިޓް" ކަމަށް ބުނެފައި އެވަނީ، ހިމާޔަތްކޮށްފައިވާ ސަރަހައްދު ބެލެހެއްޓުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ޔުނިޓަށެވެ.
  6. "ވިޒިޓަރ ސެންޓަރ" ކަމަށް ބުނެފައި އެވަނީ، ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކާ ގުޅޭގޮތުން ރަސްމީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މި ގަވާއިދުގެ ދަށުން މި ސަރަހައްދުގައި ގާއިމުކޮށްފައިވާ މަރުކަޒަށެވެ. އަދި މި ގަވާއިދުގެ ބޭނުމަށްޓަކައި ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހަދާފައިވާ ވިއުޕޮއިންޓްތަކާއި ބޯޑްވޯކްތަކާއި، ރޭންޖަރ ހަޓުތަކަކީ ވިޒިޓަރ ސެންޓަރުގެ ބައެކެވެ.
  7. "މެރިން ގައިޑުން" ކަމަށް ބުނެފައި އެވަނީ، ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވުމަށް މެނޭޖްމަންޓް ޔުނިޓުން ހިންގާ ތަމްރީނު ޕްރޮގްރާމުން ފާސްވެގެން، މެރިން ގައިޑު ކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކެވެ.
  8. "ބޯޑު ފަންޑް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން އުފައްދާ ޓްރަސްޓް ފަންޑު ހިންގުމަށްޓަކައި، ގާނޫނާއި ގަވާއިދުގެ ދަށުން އުފައްދާ ބޯޑަށެވެ.

(ށ) ގަވާއިދުގައި ބަޔާންކުރާ ސަރުކާރުގެ އިދާރާއެއްގެ މެންޑޭޓް އެހެން އިދާރާއަކަށް ބަދަލުވެއްޖެނަމަ، އެ އިދާރާއަކަށް މި ގަވާއިދުގެ ދަށުން ލިބިދީފައިވާ ބާރުތަކާއި، މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް މެންޑޭޓް ބަދަލުވި އިދާރާއަކަށް ނަގުލުވާނެއެވެ.

(ނ) ގަވާއިދުގައި ތާނަ އަކުރުން ލިޔެފައިވާ އިނގިރޭސިބަހުގެ ލަފުޒުތައް ބޭނުންކޮށްފައި އެވަނީ، ކަމާ ގުޅޭ ދާއިރާގައި، އާންމުކޮށް، އެ ލަފުޒުތައް ބޭނުންކޮށް އުޅޭ މާނައިގައެވެ.

 

28 ވަނަ މާއްދާ - ޖަދުވަލުތައް

އަންނަނިވި ޖަދުވަލުތަކަކީ، މި ގަވާއިދުގެ ބައެކެވެ.

(ހ) ޖަދުވަލު 1: ހިމާޔަތްކޮށްފައިވާ ސަރަހައްދު ޒޯން ކުރެވިފައިވާ ގޮތުގެ ޗާޓު

(ށ) ޖަދުވަލު 2: ކާށްޓާއި ފަނާއި، ދަރާއި، ބޮނބި ހޮވުމުގެ އުސޫލު

(ނ) ޖަދުވަލު 3: އެކްސެސް ޕަރމިޓަށާއި، އެހެނިހެން ހިދުމަތްތަކަށް ފީ ނެގުމުގެ އުސޫލު

(ރ) ޖަދުވަލު 4: މެމްބަރށިޕް ފީތައް

(ބ) ޖަދުވަލު 5: ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ވިޔަފާރީގެ ބޭނުމަށާއި ޑްރޯން ބޭނުންކޮށްގެން ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމުގެ އުސޫލު

(ޅ) ޖަދުވަލު 6: ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ރިސާޗްކުރުމުގެ އުސޫލު

(ކ) ޖަދުވަލު 7: ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން

(އ) ޖަދުވަލު 8: މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން

 

(މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

 

މައި ގާނޫނު

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1993-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު