ސްޕެށަލް އިކޮނޮމިކް ޒޯންގައި ހިންގޭ އޮފްށޯ ބޭންކް-ނޫން މާލީ ވިޔަފާރިތަކާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 9/2016)
ފުރަތަމަ ބާބު
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފު
މި ގަވާއިދަކީ ގާނޫނު ނަންބަރު 24/2014 (ސްޕެށަލް އިކޮނޮމިކް ޒޯނުގެ ގާނޫނު) ގެ 55 ވަނަ މާއްދާގެ (ހ) އާއި 81 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކުލަވާލައި ނެރެފައިވާ ގަވާއިދެކެވެ.
2 ވަނަ މާއްދާ – ނަން
މި ގަވާއިދަށް ކިޔާނީ " ސްޕެށަލް އިކޮނޮމިކް ޒޯނުގައި ހިންގޭ އޯފްށޯރ ބޭންކު-ނޫން މާލީ ވިޔަފާރިތަކާބެހޭ ގަވާއިދު" އެވެ.
3 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ދެވަނަ ބާބު
ލައިސަންސް ދޫކުރުން
4 ވަނަ މާއްދާ – މަނާކުރުން
އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތެއް މެނުވީ ސްޕެށަލް އިކޮނޮމިކް ޒޯނެއްގައި އޯފްށޯރ ބޭންކު-ނޫން މާލީ ވިޔަފާރި ކޮށްގެންނުވާނެއެވެ.
5 ވަނަ މާއްދާ – ލައިސަންސް އަށް އެދި ހުށަހެޅުން
(ހ) ގާނޫނު ނަންބަރު 24/2014 (ސްޕެށަލް އިކޮނޮމިކް ޒޯނުގެ ގާނޫނު) ގެ ދަށުން ގާއިމުކުރާ ސްޕެށަލް އިކޮނޮމިކް ޒޯނެއްގައި އޯފްށޯރ ބޭންކު-ނޫން މާލީ ވިޔަފާރިކުރުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާނީ އޮތޯރިޓީން އެކަމަށް ކަނޑައަޅާގޮތަކަށް، އޮތޯރިޓީން އަންގާ މައުލޫމާތާއެކު، ލިޔުމަކުން ބޯޑް އޮފް އިންވެސްޓްމަންޓަށެވެ.
(ށ) ލައިސަންސް ހޯދުމަށް އެދި ހުށަހަޅާއިރު، މަދުވެގެން ތިރީގައިވާ މައުލޫމާތު ހުށަހަޅަންވާނެއެވެ.
- އަސްލާއެއްގޮތް ކޮޕީއެއްކަމަށް ބުނެ ތަސްދީގުކޮށްފައިވާ، ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދު އަދި ކޯޕަރޭޓް ގަވަރނަންސާބެހޭ ލިޔުންތަކާއި، ވޭތުވެދިޔަ 3 (ތިނެއް) އަހަރުގެ އަހަރީ ބެލެންސް ށީޓާއި، ފައިދާއާއި ގެއްލުމުގެ އަހަރީ ހިސާބުތަކުގެ ކޮޕީ. މި ލިޔުންތަކަކީ އޮޑިޓްކޮށްފައިވާ ލިޔުންތަކަކަށް ވާންވާނެއެވެ.
- ހުއްދަކޮށްފައިވާ ރައުސްމާލުގެ ގޮތުގައި ހުށަހަޅާ އަދަދާއި އެ ރައުސްމާލު ހޯދުމަށް ކަނޑައަޅާފައިވާ ގޮތާއި އަދި ހުށަހަޅާފައިވާ ރައުސްމާލުގެ ތެރެއިން ލިބިފައިވާ އަދަދު.
- އެ ނަމެއްގެ ދަށުގައި ވިޔަފާރި ހިންގުމަށް ގަސްދުކޮށްފައިވާ ނަމާއި ވިޔަފާރިކުރުމަށް ހުށަހަޅާ ތަން ނުވަތަ ތަނުގެ އެޑްރެސްތައް.
- މޭޖަރ ހިއްސާދާރުންގެ އަދި ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ ނަމާއި، ދާއިމީ އެޑްރެހާއި، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތާއި، އަދި މީގެ އިތުރުންވެސް އޮތޯރިޓީން ކަނޑައަޅާ އެ ފަރާތަކާބެހޭ މައުލޫމާތު.
- އެގްޒެކެޓިވް އޮފިސަރުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކުގެ ނަމާއި، ދާއިމީ އެޑްރެހާއި، ތައުލީމީ ފެންވަރާއި، ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއާއި، އަދި މީގެ އިތުރުން ވެސް އޮތޯރިޓީން ކަނޑައަޅާ އެ ފަރާތަކާބެހޭ މައުލޫމާތު.
- އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެއްޖެނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައި ނުވާނަމަ، ނުވަތަ އިފްލާސްކުރެވިފައިވާ ނުވަތަ އިފްލާސްކުރުމަށް ހުށަހަޅާފައިވާ ކުންފުންޏެއްގެ މެނޭޖްމަންޓުގައި ހަރަކާތްތެރިވެފައިވާނަމަ، އެކަމެއް ބަޔާންކޮށް ކޮންމެ އެގްޒެކެޓިވް އޮފިސަރަކު އަދި މޭޖަރ ހިއްސާދާރަކު ވަކިވަކިން ހަގީގަތްކަމަށް ބުނެ ސޮއިކޮށްފައިވާ ބަޔާނެއް.
- އެ ތަނެއްގެ މައިގަނޑު މަގުސަދުތަކާއި ކުރުމަށް ގަސްދުކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުގެ ތަފުސީލު، މި ތަފުސީލުތަކުގެ ތެރޭގައި އެ އިދާރާއެއްގެ އޮނިގަނޑު ކަނޑައަޅާފައިވާ ގޮތާއި، އިންޓަރނަލް ކޮންޓްރޯލްތައް ހަމަޖެހިފައިވާ ގޮތް ހިމަނަންވާނެއެވެ. އަދި މިފަދަ އިންޓަރނަލް ކޮންޓްރޯލްތަކުގެ ތެރޭގައި މަނީ ލޯންޑްރިންގއާއި ޓެރަރިޒަމަށް އެހީތެރިވާ ހަރަކާތްތަކާ ދެކޮޅަށް ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހިމަނަންވާނެއެވެ.
- އަދި ކުރިއަށް އޮތް 3 (ތިނެއް) އަހަރުގެ ލަފާކުރެވޭ ބެލެންސް ށީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއި، ފައިސާ ލިބޭނެގޮތާއި، ހަރަދުވާނެ ގޮތުގެ އަހަރީ ހިސާބު ހުށަހަޅަންވާނެއެވެ.
- ލައިސަންސް ހޯދުމަށް އެދި ހުށަހަޅަނީ ބޭރުގެ ބޭންކް-ނޫން މާލީ އިދާރާއަކުން ކަމަށް ވާނަމަ، އެ އިދާރާ ސުޕަވައިޒްކުރާ އިދާރާއިން ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތުން ރާއްޖޭގައި އޯފްށޯރ ވިޔަފާރި ހިންގުމުގެ އިއުތިރާޒެއް ނެތްކަމުގެ ބަޔާނެއް.
(ނ) ލައިސަންސް ހޯދުމަށް އެދި ހުށަހަޅާއިރު އެ ހުށަހެޅުމާއެކު، އޮތޯރިޓީން ކަނޑައަޅާ އަދަދެއްގެ އެޕްލިކޭށަން ޕްރޮސެސިންގ ފީ އޮތޯރިޓީއަށް ދައްކަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުން ބޯޑުން އޮތޯރިޓީއަށް ހުށަހަޅާތާ ގިނަވެގެން މަސައްކަތު 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ހުށަހެޅުން ފުރިހަމަކަން ނުވަތަ ނޫން ކަން، އެ ހުށަހެޅުން ހުށަހެޅި ފަރާތަށް އޮތޯރިޓީން އަންގަންވާނެއެވެ. އަދި، ހުށަހެޅުން ފުރިހަމަ ނުވާނަމަ ފުރިހަމަ ނުވާ މައުލޫމާތާއި ލިޔެކިޔުންތައް ހުށަހަޅަންޖެހޭ މުއްދަތު ބަޔާންކޮށް އެ ފަރާތަށް އޮތޯރިޓީން އަންގާނެއެވެ. އަދި، މި މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ނުވަތަ ލިޔެކިޔުންތައް ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުން ބާތިލުކުރުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ބ) ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ހުށަހެޅުން ފުރިހަމަ ކަމަށް މި މާއްދާގެ (ރ) ގެ ދަށުން އަންގާތާ، ނުވަތަ އެ ހުށަހެޅުން ފުރިހަމަކުރުމަށް މި މާއްދާގެ (ރ) ގެ ދަށުން އަންގާ މައުލޫމާތު އޮތޯރިޓީއަށް ލިބޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުށަހެޅުން ހުށަހެޅި ފަރާތަށް ލައިސަންސް ދޫކުރާކަން ނުވަތަ ނޫންކަން، އޮތޯރިޓީން އަންގާނެއެވެ.
6 ވަނަ މާއްދާ – ލައިސަންސް ދޫކުރުމުގެ އާންމު ށަރުތުތައް
(ހ) މި ގަވާއިދުގެ ދަށުން އޯފްށޯރ ބޭންކް-ނޫން މާލީ ވިޔަފާރިކުރުމުގެ ލައިސަންސް ދޫކުރެވޭނީ، ރާއްޖޭގައި ނުވަތަ އެހެން ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށެވެ.
(ށ) މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ އޯފްށޯރ ބޭންކް-ނޫން މާލީ އިދާރާއެއް ބަންދުކުރުމުގެ 60 (ފަސްދޮޅަސް) ދުވަސް ކުރިން، އެކަން ލިޔުމަކުން އޮތޯރިޓީއަށާއި، އެ އިދާރާއިން ހިދުމަތްދޭ ފަރާތްތަކަށް އަންގަންޖެހޭނެއެވެ. މިގޮތުން އޮތޯރިޓީއަށް އަންގާއިރު ބަންދުކުރުމަށް ކަނޑައަޅާފައިވާ ވިޔަފާރި ބަންދުކުރުމަށް ނުވަތަ އެ ވިޔަފާރި އެހެން ފަރާތަކަށް ބަދަލުކުރުމަށް ރާވާފައިވާ ގޮތުގެ ތަފުސީލު އޮތޯރިޓީއަށް ހުށަހަޅަންޖެހޭނެއެވެ.
7 ވަނަ މާއްދާ – ލައިސަންސްގެ ށަރުތުތައް
(ހ) މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރާއިރު ވަކި ށަރުތުތަކަކާއެކު އޮތޯރިޓީން ލައިސަންސް ދޫކުރެވިދާނެއެވެ. އަދި ލައިސަންސް ދޫކުރުމަށްފަހުގައިވެސް، ލިޔުމަކުން ލައިސަންސްގެ ށަރުތުތައް ބަދަލުކުރުމާއި، ށަރުތުތަކަށް އުނިއިތުރުކަން ގެނައުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ށ) ކޮންމެ އޯފްށޯރ ބޭންކް-ނޫން މާލީ އިދާރާއަކުން ވެސް އަންނަނިވި ކަންކަމަށް އަމަލުކުރަންވާނެއެވެ.
- މި ގަވާއިދުގައި ކަނޑައަޅާފައިވާ ރައުސްމާލު ބަހައްޓަންޖެހޭ މިންގަނޑުތަކާއި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އެހެނިހެން ކަންތައްތަކަށާއި، އަދި އޮތޯރިޓީން އަންގާ އެންގުންތަކާއި އިރުށާދާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
- އިންޓަރނަލް ކޮންޓްރޯލްތަކާއި އޮޑިޓްކުރާނެ އުސޫލުތައް ކަނޑައަޅައި، ވިޔަފާރިއަށް ނުރަނގަޅު އަސަރުތައް ކޮށްފާނެ ކަންތައްތަކާމެދު އެކަށީގެންވާ ނިޒާމުތައް ގާއިމުކޮށް އުސޫލުތައް އެކަށައަޅަންވާނެއެވެ.
- މަކަރާއި ހީލަތް، ހިޔާނާތް، މަނީ ލޯންޑްރިންގ، ޓެރަރިޒަމަށް ފައިނޭންސްކުރުން، އަދި މިނޫންވެސް ޖިނާއީ ކުށެއް ކޮށްގެންނުވާނެއެވެ.
- ވިޔަފާރި ހިންގަންވާނީ، އެ ވިޔަފާރިއެއް ހިންގުމަށް އޮތޯރިޓީން ހުއްދަދީފައިވާ ނަމުގައި އެކަންޏެވެ.
- ލައިސަންސް ލިބިފައިވާ ވިޔަފާރީގެ ހުރިހާ ހަރަކާތްތަކެއް ހިންގަންވާނީ އޮތޯރިޓީން ލައިސަންސް ދީފައިވާ ތަނުގައި އޮފީހެއް ގާއިމުކޮށް، އެތަނުންނެވެ.
- އެ އިދާރާއެއްގެ މޭޖަރ ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ބްރާންޗް މެނޭޖަރާއި އެގްޒެކެޓިވް އޮފިސަރުންނަކީ ހުރިހާ ވަގުތަކުވެސް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުގެ މަތިން "ކަމަށް އެކަށޭނަ" ފަރާތެއްކަމުގައި ވާންވާނެއެވެ.
8 ވަނަ މާއްދާ – އިތުރު އޮފީހާއި ސަބްސިޑީއަރީ ގާއިމުކުރުން
އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ، އެއްވެސް އޯފްށޯރ ބޭންކް-ނޫން މާލީ އިދާރާއަކުން ލައިސަންސް ލިބިފައިވާ ތަން ފިޔަވައި، އެހެން ތަނެއްގައި އޮފީހެއް ނުވަތަ ބްރާންޗެއް ގާއިމުކޮށްގެން ނުވާނެއެވެ. އަދި އެހެންމެ، އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ ސަބްސިޑީއަރީ އެއް ގާއިމުކޮށްގެންނުވާނެއެވެ.
9 ވަނަ މާއްދާ – އެއްކޮށްލުން
އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއެއް އެހެން އިދާރާއަކާ އެއްކޮށްލައިގެން ނުވާނެއެވެ. އަދި ހަމަ އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ ސީދާކޮށް ނުވަތަ ނުސީދާކޮށް އެހެން ފަރާތެއްގެ އެސެޓުތައް ނުވަތަ އެސެޓުތަކުން ބައެއް ހޯދައިގެން ނުވަތަ ގަނެގެން ނުވާނެއެވެ. އަދި ހަމަ ހުއްދަ ހޯދައިގެން މެނުވީ އެހެން ފަރާތެއްގެ ލައިބިލިޓީތަކުގެ ޒިންމާ ނަގައިގެންވެސް ނުވާނެއެވެ.
ތިންވަނަ ބާބު
ރައުސްމާލު އަދި، ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ ކަންތައްތައް
10 ވަނަ މާއްދާ – ރައުސްމާލު
(ހ) އޯފްށޯރ ބޭންކް-ނޫން މާލީ ވިޔަފާރީގެ ތެރޭގައި ހިމެނޭ، އޯފްށޯރ އިންށުއަރެންސް ވިޔަފާރި ހިންގާ އިދާރާތަކުން ހުރިހާ ވަގުތެއްގައިވެސް، 10,000,000 (ދިހަ މިލިއަން) ރުފިޔާއަށްވުރެ މަދުނޫން އަދަދެއް، ނުވަތަ އޮތޯރިޓީން މިއަށްވުރެ ބޮޑު އަދަދެއް ކަނޑައަޅައިފިނަމަ، އެ އަދަދަކަށްވުރެ މަދުނޫން އަދަދެއް، މިނިމަމް އަންއިމްޕެއަރޑް ޕެއިޑްއަޕް ކެޕިޓަލްގެ ގޮތުގައި، ނުވަތަ އެސައިންޑް ކެޕިޓަލުގެ ގޮތުގައި ބަހައްޓަންވާނެއެވެ.
(ށ) އޯފްށޯރ ބޭންކު-ނޫން މާލީ ވިޔަފާރި ތެރޭގައި ހިމެނޭ، އޯފްށޯރ އިންށުއަރެންސް އޭޖެންޓްކަން ކުރާ ނުވަތަ އޯފްށޯރ އިންށުއަރެންސް ބްރޯކަރކަން ކުރާ ކޮންމެ އިދާރާއަކުން ހުރިހާ ވަގުތެއްގައިވެސް، އޮތޯރިޓީން ކަނޑައަޅާ އަދަދަކަށްވުރެ މަދުނޫން އަދަދެއް، މިނިމަމް އަންއިމްޕެއަރޑް ޕެއިޑްއަޕް ކެޕިޓަލްގެ ގޮތުގައި، ނުވަތަ އެސައިންޑް ކެޕިޓަލްގެ ގޮތުގައި ބަހައްޓަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާތައް ފިޔަވައި އެހެން ކޮންމެ އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއަކުން ހުރިހާ ވަގުތެއްގައިވެސް، އޮތޯރިޓީއިން ކަނޑައަޅާ އަދަދަކަށްވުރެ މަދުނޫން އަދަދެއް، މިނިމަމް އަންއިމްޕެއަރޑް ޕެއިޑްއަޕް ކެޕިޓަލްގެ ގޮތުގައި، ނުވަތަ އެސައިންޑް ކެޕިޓަލްގެ ގޮތުގައި ބަހައްޓަންވާނެއެވެ.
11 ވަނަ މާއްދާ – ހިންގާ އާންމު އުސޫލުތައް
(ހ) ކޮންމެ އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއެއް ވެސް ހިންގަންވާނީ ހަރުދަނާ އުސޫލުތަކާއި އަދި ލައިސަންސްގެ ށަރުތުތަކާއި، އޮތޯރިޓީން އަންގާ އުސޫލުތަކާއި އިރުށާދުތަކާއި، ނިންމުންތަކާއި، އެންގުންތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) ކޮންމެ އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއަކުންވެސް، އެ އިދާރާއެއްގެ ލައިބިލިޓީތައް ދެއްކޭނެ އެކަށީގެންވާ މިންވަރަކަށް ރައުސްމާލު އަދި ލިކުއިޑިޓީ ބަހައްޓަންވާނެއެވެ. އަދި އެކަށީގެންވާ މިންވަރަކަށް، ލޯނުން ލިބިދާނެ ގެއްލުމާގުޅޭ ޕްރޮވިށަން، އެސެޓުތަކުގެ ޑިޕްރިސިއޭށަންގެ ޕްރޮވިށަން، އަދި ލިބިދާނެ އެހެނިހެން ގެއްލުންތަކަށް ޕްރޮވިށަން ހަދަންވާނެއެވެ. އަދި އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއަކުން އެކަށީގެންވާ ގޮތަކަށް ހިސާބުތަކާއި ރިކޯޑުތައް ބަހައްޓައި، އެއިދާރާއަކަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަންކަމަށް ފިޔަވަޅުއަޅައި، ގެއްލުން ކުޑަކޮށް ހިންގޭނެގޮތަކަށް އެސެޓުތަކާއި ލައިބިލިޓީތައް ބަހައްޓަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ކަންކަން ކުރުމަށް އޮތޯރިޓީން ވަކި އުސޫލެއް ނުވަތަ މިންގަނޑެއް ކަނޑައަޅައި އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއަކަށް އަންގައިފިނަމަ، އެ އުސޫލަކާ ނުވަތަ މިންގަނޑަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ. އަދި، ރައުސްމާލު ބަހައްޓަންޖެހޭ މިންގަނޑުތައް، އެސުޓުތައް ދަރަޖަތަކަށް ބެހުން، ލޯނުގެ އިންޓްރެސްޓް އާމްދަނީގެ ތެރެއަށް ނެގުން ހުއްޓަންވީ ވަގުތު، ލޯނުތަކަށް ޕްރޮވިށަން ހެދުން، އެއްފަރާތަކަށް ގިނަވެގެން ދޫކުރެވޭނެ ދަރަނީގެ އަދަދު، ގުޅިފައިވާ ފަރާތްތަކަށް ގިނަވެގެން ދޫކުރެވޭނެ ދަރަނީގެ އަދަދު، ގުޅުން ހުރި ފަރާތްތަކާއެކު ކުރެވޭ މުއާމަލާތްތައް، ބޭރު ފައިސާގެ އޯޕަން ޕޮސިށަން ބަހައްޓަންވީ މިންގަނޑުތައް، ލިކުއިޑީ ބެހެއްޓުން، އަދި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ހިންގުމަށްޓަކައި މުހިންމު އެހެނިހެން ކަންތައްތައް ބަހައްޓަންވީ ގޮތާބެހޭ އުސޫލުތައް އޮތޯރިޓީން ކަނޑައަޅައި އަންގައިފިނަމަ، އެ އެންގުމަށް އެ އިދާރާއަކުން އަމަލުކުރަންވާނެއެވެ.
12 ވަނަ މާއްދާ – ހިއްސާދާރުން ބަދަލުވުން
އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއެއްގެ މޭޖަރ ހިއްސާދާރެއް ބަދަލުވެއްޖެނަމަ، އެ ބަދަލެއް އައި ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ ބަދަލެއްގެ ތަފުސީލާއެކު އޮތޯރިޓީއަށް އަންގަންވާނެއެވެ.
13 ވަނަ މާއްދާ – ސިއްރުހި ފެހެއްޓުން
އޮތޯރިޓީން، އޮތޯރިޓީގެ މުވައްޒަފެއް، އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއެއް، އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއެއްގެ މުވައްޒަފެއް، އެ އިދާރާގެ އައްޔަންކޮށްފައިވާ އެކްސްޓަރނަލް އޮޑިޓަރުން، އަދި މިނޫންވެސް އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއެއްގެ ރިކޯޑުތަކާއި، ފޮތްތަކާއި، ހިސާބުތަކާއި އެހެނިހެން ލިޔެކިޔުންތަކަށް އެކްސަސް އޮންނަ އެއްވެސް ފަރާތަކުން، އެފަރާތަކަށް ނުވަތަ އެކްސަސް އޮންނަ، އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއެއް ނުވަތަ އެ އިދާރާއެއްގެ ހިއްސާދާރުންގެ ނުވަތަ ބެނެފިށަލް އޯނަރުންގެ ނުވަތަ ކަސްޓަމަރުންގެ އެއްވެސް މައުލޫމާތެއް، ކޯޓު އަމުރެއްގެ ދަށުން މެނުވީ ނުވަތަ އެ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ، އެހެން އެއްވެސް ފަރާތަކަށް، ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ހާމަކޮށްގެންނުވާނެއެވެ.
14 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން އިސްތިސްނާވާނެ ހާލަތްތައް
ތިރީގައިވާ ހާލަތަކުގައި އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއަކުން މައުލޫމާތު ހާމަކުރުން، މި ގަވާއިދުގެ 13 ވަނަ މާއްދާގައިވާ ކަންތައްތަކުން އިސްތިސްނާވާނެއެވެ.
(ހ) އެ އިދާރާއެއްގެ އެކްސްޓަރނަލް އޮޑިޓަރުން، އެ ފަރާތްތަކަށް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މައުލޫމާތު ދިނުން.
(ށ) އޮތޯރިޓީން ވަކި މައުލޫމާތެއް، ރިކޯޑެއް ނުވަތަ ލިޔެކިޔުންތަކެއް ހުށަހެޅުމަށް އެންގުމުން.
(ނ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހުށަހެޅުން.
(ރ) އެ އިދާރާއާއި ކަސްޓަމަރަކާ ދެމެދު ހިނގާފައިވާ މުއާމަލާތަކާގުޅޭ ގޮތުން ށަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި، އެފަދަ މުއާމަލާތަކާ ގުޅިގެން އެއިދާރާއަކުން ލިބިދޭންޖެހޭ ހައްގެއް ސާބިތުކުރުމަށްޓަކައި މުއާމަލާތާބެހޭ ބައެއް ނުވަތަ ހުރިހާ މައުލޫމާތެއް ހާމަކުރުން.
ހަތަރުވަނަ ބާބު
ޑިރެކްޓްރުންގެ ބޯޑު، މެނޭޖްމަންޓު އަދި އިންޓަރނަލް އޮޑިޓް
15 ވަނަ މާއްދާ – ޑިރެކްޓަރުންގެ ބޯޑު
(ހ) އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއެއްގެ ހިންގާނެގޮތުގެ އުސޫލުތަކާއި ސިޔާސަތު ކަނޑައަޅައި، މެނޭޖްމަންޓުން ހިންގާގޮތް ބެލުމުގެ މަސްއޫލިއްޔަތު އަދާކުރާނީ އެ އިދާރާއެއްގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. އަދި ހާއްސަކޮށް، އެ އިދާރާގެ މައިގަނޑު މަސައްކަތްތަކަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ސިޔާސަތުތަކެއް ކަނޑައަޅަންވާނެއެވެ.
(ށ) ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުންނަކީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުގެ މަތީން "ކަމަށް އެކަށޭނަ" ކަމުގެ ށަރުތުތައް ފުރިހަމަވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.
(ނ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން މަސައްކަތްކުރަން ވާނީ ނުބައި ނިޔަތެއްނެތި، ތެދުވެރިކަމާއެކު އެ އިދާރާއަކަށް އެންމެ ފައިދާހުރި ގޮތަކަށެވެ. އަދި އެފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަންވާނީ، އެއާ އެއްފަދަ ހާލަތްތަކުގައި އެހެން ފަރާތަކުން އެފަދަ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޭނުންކުރާނެ ފަދަ ހުނަރާއި ފަރުވާތެރިކަން ބަހައްޓައިގެންނެވެ. ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް، އެ އިދާރާއަކަށް ފައިދާހުރި ގޮތަށް މަސައްކަތް ކުރުމުގައި ބޭނުންވާނެ މިފަދަ ހުނަރާއި ފަރުވާތެރިކަން ނުބަހައްޓައި މަސައްކަތް ކުރުމުގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ލިބުނު ގެއްލުމަށް، އެ ޑިރެކްޓަރެއް ޒާތީގޮތުން ޒިންމާވާންވާނެއެވެ. މިފަދަ މައްސަލައެއްގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކާމެދު ދައުވާކުރުމަށް ކޯޓަށް ހުށަހެޅިދާނެއެވެ.
16 ވަނަ މާއްދާ – މެނޭޖްމަންޓް
(ހ) އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން މެންބަރެއް އެ އިދާރާގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، ޑިރެކްޓަރުންގެ ބޯޑުން އައްޔަންކުރަންވާނެއެވެ. ބިދޭސީ އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާގެ ޑީރެކްޓަރުންގެ ބޯޑުން، ރާއްޖޭގައި ހިންގާ އެ އިދާރާގެ ބްރާންޗަށް އައްޔަން ކުރެވިފައިވާ ބްރާންޗް މެނޭޖަރެއް ކަނޑައަޅަންވާނެއެވެ. ޑިރެކްޓަރުންގެ ބޯޑުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ދުވަހުން ދުވަހަށް ހިންގަންޖެހޭ ހިންގުންތައް ހިންގުމަކީ އެ އިދާރާގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ޗީފް އެޗްޒެކެޓިވް އޮފިސަރ ނުވަތަ އައްޔަން ކުރެވިފައިވާ ބްރާންޗް މެނޭޖަރުގެ މަސްއޫލިއްޔަތެކެވެ.
(ށ) އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާގެ މައިގަނޑު ކަންތައްތައް ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކަންކަމަށް އެކަށީގެންވާ މީހުން އެގްޒެކެޓިވް އޮފިސަރުންގެ ގޮތުގައި އައްޔަން ކުރަންވާނެއެވެ. މިގޮތުން، އެގްޒެކެޓިވް އޮފިސަރުން އައްޔަން ކުރަންވާނެ ކަންތައްތަކުގެ ތެރޭގައި، ލޯނުދޫކުރުން، އިންޓަރނަލް އޮޑިޓް، އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި، އިރުށާދުތަކާއި، އަމުރުތަކާއި، އުސޫލުތަކަށް އެ އިދާރާއިން އަމަލުކުރޭތޯ ބެލުން، އަދި އެސެޓުތަކާއި ލައިބިލިޓީތައް ބެލެހެއްޓުން ހިމެނެއެވެ. މިކަންތައްތަކާއި އެހެން ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށްޓަކައި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން އެކަށޭނަ ކޮމިޓީތައް އެކުލަވައިލެވިދާނެއެވެ.
(ނ) އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާގެ މެނޭޖިންގ ޑިރެކްޓަރ، ޗީފް އެގްޒެކެޓިވް އޮފިސަރ، ބްރާންޗް މެނޭޖަރ އަދި އެހެން އެގްޒެކެޓިވް އޮފިސަރުންނަކީ އޮތޯރިޓީން ކަނޑައަޅާ މިންގަނޑުގެ މަތިން "ކަމަށް އެކަށޭނަ" ށަރުތުތައް ފުރިހަމަވާ މީހުން ކަމުގައި ވާންވާނެއެވެ.
17 ވަނަ މާއްދާ – އިންޓަރނަލް އޮޑިޓް
ކޮންމެ އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއަކުން ވެސް ގަވާއިދުން އިންޓަރނަލް އޮޑިޓް ކުރަންވާނެއެވެ. އަދި، ޑިރެކްޓަރުންގެ ބޯޑުން، އިންޓަރނަލް އޮޑިޓްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި ށަރުތުތައް ކަނޑައަޅައި އޮޑިޓް ޗާރޓަރުގައި ހިމަނަންވާނެއެވެ.
ފަސްވަނަ ބާބު
ހިސާބުތައް ބެލެހެއްޓުން
18 ވަނަ މާއްދާ – އެކައުންޓިންގ ހަމަތަކާއި އުސޫލުތައް އަދި މާލީ ހިސާބުތައް
(ހ) ކޮންމެ އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއަކުން ވެސް، އެ އިދާރާގެ ކަންތައްތައް ހަރުދަނާ ގޮތެއްގައި ބެހެއްޓުމަށް އެކަށީގެންވާ ގޮތަކަށް ހިސާބުތަކާއި ރިކޯޑުތައް އަދި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށް ބަހައްޓަންވާނެއެވެ.
(ށ) ކޮންމެ އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއެއްގެ ބެލެންސް ށީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއި، ފައިސާ ލިބުނުގޮތާއި ހަރަދުވި ގޮތުގެ އަހަރީ ހިސާބު އަދި ރައުސްމާލަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ހިސާބުތަކާއި މިނޫންވެސް މާލީ ހިސާބުތައް، އެ އިދާރާއެއްގެ ހަގީގީ މާލީ ހާލަތު ދައްކުވައިދޭ ފަދަ ގޮތަކަށް ތައްޔާރުކުރަންވާނެއެވެ. އަދި ކޮންމެ އިދާރާއެއްގެ ހަގީގީ މާލީ ހާލަތު ދައްކުވައިދޭ ފަދަ ގޮތަކަށް ތައްޔާރުކުރަންވާނެއެވެ. އަދި ކޮންމެ އިދާރާއެއްގެ މަލީ ހިސާބުތައް ތައްޔާރުކުރަންވާނީ އިންޓަރނޭށަނަލް ފައިނޭންށަލް ރިޕޯޓިންގ ސްޓޭންޑަޑްއާ އެއްގޮތަށެވެ. އަދި އޮތޯރިޓީން މިކަމާގުޅޭ ގޮތުން ހާއްސަ ގޮތްތަކެއް ކަނޑައަޅާފައިވާނަމަ، އެފަދަ ގޮތްތަކާ އެއްގޮތްވާ ގޮތުގެމަތިން، ހިސާބުތައް ތައްޔާރުކުރަންވާނެއެވެ.
19 ވަނަ މާއްދާ – އަހަރީ ހިސާބުގެ އޮޑިޓްކުރުން
(ހ)އޮޑިޓްކުރުމުގެ ރޮނގުން ތަޖުރިބާ ލިބިފައިވާ އަދި އެކަމަށް ގާބިލު އެކްސްޓަރނަލް އޮޑިޓަރެއް ކޮންމެ އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއަކުން ވެސް އައްޔަންކުރަންވާނެއެވެ. އެކްސްޓަރނަލް އޮޑިޓަރުކަމަށް އައްޔަންކުރަންވާނީ އޮތޯރިޓީން ގަބޫލުކުރާ އޮޑިޓަރެކެވެ.
(ށ) ކޮންމެ އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއަކުންވެސް، އެ އިދާރާގެ އަހަރީ މާލީ ހިސާބުތައް އެކްސްޓަރނަލް އޮޑިޓަރެއް ލައްވާ އޮޑިޓްކުރުވަންވާނެއެވެ.
20 ވަނަ މާއްދާ – އަހަރީ މާލީ ހިސާބުތައް ހުށަހެޅުން
ކޮންމެ އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއަކުންވެސް، އެ އިދާރާއެއްގެ މާލީ އަހަރު ނިމޭތާ ލަސްވެގެން 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އެ އިދާރާގެ އޮޑިޓްކޮށްފައިވާ އަހަރީ ހިސާބުތަކުގެ ކޮޕީއާއި އަހަރީ ރިޕޯޓުގެ ކޮޕީ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި، އަހަރީ ހިސާބުތައް ނުވަތަ އަހަރީ ރިޕޯޓާ ގުޅިގެން އޮތޯރިޓީން އަންގާ މައުލޫމާތާއި ލިޔުންތައް ހުށަހަޅަންވާނެއެވެ.
ހަވަނަ ބާބު
ސުޕަވައިޒްކުރުން
21 ވަނަ މާއްދާ – މައުލޫމާތު ހުށަހެޅުމާއި ސުޕަވައިޒްކުރުން
(ހ) ކޮންމެ އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއަކުން ވެސް، އޮތޯރިޓީން އަންގާގޮތަށާއި އަންގާ ތަފުސީލާއެކު، އަދި އަންގާ ވަގުތުތަކަށް، އަންގާ މައުލޫމާތު ހުށަހަޅަންވާނެއެވެ.
(ށ) އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާ ހިނގާގޮތާއި، އެ އިދާރާގެ ހާލަތު ދެނެގަތުމަށް، މެނޭޖްމަންޓުގެ ގާބިލުކަމާއި ހިންގުންތެރިކަން ދެނެގަތުމަށް، އެ އިދާރާއަކަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާފައިވާ އުސޫލުތައް ބެލުމަށް، އެ އިދާރާގެ ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރާ މިންވަރު ބެލުމަށް، އަދި މިނޫންވެސް ބަލަންޖެހޭކަމަށް އޮތޯރިޓީއަށް ފެންނަ ކަންތައްތައް ބެލުމަށް އޮތޯރިޓީން އައްޔަންކުރާ މީހެއް ނުވަތަ މީހުން، ނުވަތަ އޮތޯރިޓީގެ އެކެއް ނުވަތަ އެއަށްވުރެ ގިނަ އޮފިސަރުން މެދުވެރިކޮށް، އޮތޯރިޓީއަށް ފެނިއްޖެ ކޮންމެ ހިނދެއްގައި، އެ އިދާރާގެ އޮންސައިޓް އެގްޒެމިނޭށަނެއް ހިންގިދާނެއެވެ.
(ނ) ކޮންމެ އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއަކުން ވެސް، އޮތޯރިޓީން އެދިއްޖެ ހިންދެއްގައި، އިތުރު މައުލޫމާތު ނުވަތަ ލިޔުންތައް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި ބަޔާންކުރެވުނު ތަކެތި ހުށަހަޅާއިރު ނުވަތަ ފޯރުކޮށްދޭއިރު އެ ތަކެތީގެ ތެދުކަން ލިޔުމަކުން އަންގައިދޭންޖެހޭ ފަދަ ހާލަތްތަކުގައި، އެފަދަ ލިޔުމެއްވެސް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން އޮންސައިޓް އެގްޒެމިނޭށަނެއް ހުއްދަދީފައިވާ ހުރިހާ ފަރާތްތަކުންވެސް، މަސައްކަތް ކުރުމުގައި ލިބޭ މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓަންވާނެއެވެ. އަދި މި ފަރާތްތަކުން ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް، އެގެޒެކެޓިވް އޮފިސަރެއް، މުވައްޒަފެއް، އެޖެންޓެއް، ނުވަތަ ސަބްސިޑިއަރީއެއް ނުވަތަ އެފިލިއޭޓްއަކަށް؛ އިމްތިހާން ކުރުމުގައި ބޭނުންވާނެ ފޮތްތަކާއި، އެކައުންޓްތަކާއި، ލިޔެކިޔުންތައް ދެއްކުމަށް އެންގިދާނެއެވެ. މިގޮތުން އަންގާ މައުލޫމާތު އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ އިދާރާއަކުން އިމްތިހާންކުރާ ފަރާތަކަށް ދޭންވާނެއެވެ.
(ބ) އެގްޒެމިނޭށަނަށް ދާ ފަރާތްތަކުން، އެގްޒެމިނޭށަނުން ލިބުނު މައުލޫމާތުގެ މައްޗަށް ރިޕޯޓެއް އެކުލަވައިލައި، އެ ރިޕޯޓު އެ އިދާރާއެއްގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅަންވާނެއެވެ.
ހަތްވަނަ ބާބު
ރަނގަޅުކުރުމަށް އެޅޭ ފިޔަވަޅުތަކާއި އިދާރީ އަދަބުތައް
22 ވަނަ މާއްދާ – ރަނގަޅުކުރުމަށް އެދޭ ފިޔަވަޅުތައް، އަދި އިދާރީ އަދަބުތައް
(ހ) އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއެއް ނުވަތަ އެ އިދާރާއެއްގެ އެގްޒެކެޓިވް އޮފިސަރެއް ނުވަތަ އެހެންވެސް ފަރާތެއް މި ގަވާއިދުގެ މާއްދާއަކާ ނުވަތަ ލައިސަންސްގެ ށަރުތަކާ ނުވަތަ އޮތޯރިޓީން އަންގާ އެންގުމަކާ ހިލާފުވެއްޖެކަމަށް ނުވަތަ އެކަށީގެންނުވާ ނުވަތަ ހަރުދަނާ ނޫން ގޮތަކަށް ލައިސަންސް ދީފައިވާ ވިޔަފާރި ހިންގާ ކަމަށް އޮތޯރިޓީއަށް ގަބޫލުނުކުރެވޭނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ނުވަތަ އަދަބުތަކުގެ ތެރެއިން އަދަބެއް ނުވަތަ ފިޔަވަޅެއް އޮތޯރިޓީން އެ ފަރާތަކާމެދު އެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން ފަރާތަކުން، އެ އަކުރުގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިކަމަށް ނުވަތަ ކޮށްފާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، އެ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި އަންނަނިވި ފިޔަވަޅުތައް ހިމެނެއެވެ.
- ލިޔުމަކުން އިންޒާރެއް ދިނުން؛
- ވެފައިވާ ހިލާފު ރަނގަޅުކުރުމަށް އެންގުން؛
- ވަކި ހަރަކާތެއް ނުވަތަ އަމަލެއްކުރުން ހުއްޓާލުމަށް އަމުރުކުރުން،
- އިތުރަށް ވިޔަފާރި ކުރިއަށްގެންދިޔުމަށް ވަކި ށަރުތުތަކެއް ކަނޑައެޅުން؛
- ބޭންކު-ނޫން މާލީ އިދާރާގެ ބައެއް ހަރަކާތްތައް ހުއްޓާލުމަށް އެންގުން؛
- ހިލާފުވެފައިވާ ކަމެއްގެ ކުޑަ ބޮޑުމިނަށް ބަލައި، ޗީފް އެގްޒެކެޓިވް އޮފިސަރ، ނުވަތަ މެނޭޖިންގ ޑިރެކްޓަރު، ނުވަތަ އެހެން އެގްޒެކެޓިވް އޮފިސަރަކު ނުވަތަ އެފަރާތުގެ ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ ނުވަތަ އެފަރާތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން މައިގަނޑު ހަރަކާތްތައް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ އޭޖެންޓެއް ވަގުތީގޮތުން ސަސްޕެންޑްކުރުމަށް ނުވަތަ މަގާމުން ވަކިކުރުމަށް ލަފާދިނުން؛
- އެ ފަރާތުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ނުވަތަ ބޯޑުގެ އެހެން މެންބަރަކު މަގާމުން ވަކިކުރުމަށް އެ ފަރާތަށް އެންގުން؛
- ހިލާފުވެފައިވާ ކަމެއްގައި ޒިންމާވާނީ، އެ އިދާރާގެ ޗީފް އެގްޒެކެޓިވް އޮފިސަރު ނުވަތަ މެނޭޖިންގ ޑިރެކްޓަރު، ނުވަތަ އެހެން އެގްޒެކެޓިވް އޮފިސަރަކު ނުވަތަ އެފަރާތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން މައިގަނޑު ހަރަކާތްތައް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ އެ ފަރާތުގެ އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތެއް ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، އެ ފަރާތެއް ޖޫރިމަނާކުރުން؛
- ޖޫރިމަނާ ކުރުން؛ ޖޫރިމަނާ ކުރުމުގައި، އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، ވެވިފައިވާ ހިލާފު ރަނގަޅު ވަންދެން ނުވަތަ އަމަލުކުރަންޖެހޭ ކަންތައްތަކަށް އަމަލުކުރަންދެން، ކޮންމެ ދުވަހެއްގެ މައްޗަށް ޖޫރިމަނާ ކަނޑައެޅިދާނެއެވެ. މިގޮތުން، ދުވާލެއްގެ މައްޗަށް 100,000 (އެއްލައްކަ) ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދެއް ކަނޑައެޅިދާނެއެވެ. ނަމަވެސް، މިގޮތުން ކަނޑައަޅާ ޖުމުލަ އަދަދު އެ އިދާރާއެއްގެ އަގު އަދާކޮށްފައިވާ ރައުސްމާލުގެ 5% (ފަހެއް އިންސައްތަ) އަށްވުރެ، އިތުރުވެގެން ނުވާނެއެވެ.
- އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރުން.
އަށްވަނަ ބާބު
ރިޒަލިއުށަން ޕްރޮސެސް
23 ވަނަ މާއްދާ – ރިޒަލިއުށަން ޕްރޮސެސް
(ހ) އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާތަކުގެ ކަންތައްތައް ހިންގަން ކަނޑައަޅާފައިވާ ހަރުދަނާ މިންގަނޑާ އެއްގޮތަށް ނުހިންގޭ ކަމަށް ނުވަތަ އަމަލުނުކުރާ ކަމަށް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، މާލީ ދާއިރާއަށް މީގެ ސަބަބުން ކުރާނޭ ނުރަނގަޅު އަސަރުތަކަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ރިޒަލިއުށަން ޕްރޮސެސް ފެށުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރިޒަލިއުށަން ޕްރޮސެސް ހިންގޭނެ ހާލަތްތަކާއި، ޕްރޮސެސް ހިންގާނޭ އުސޫލުތަކާއި އޮތޯރިޓީއަށް ލިބިގެންވާ ބާރާއި އެޅޭނޭ ފިޔަވަޅުތައް އޮތޯރިޓީން ކަނޑައަޅައި އާންމުކުރާނެއެވެ.
ނުވަވަނަ ބާބު
އެހެނިހެން މާއްދާތައް
24 ވަނަ މާއްދާ – ލައިސަންސް ފީ
ކޮންމެ އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއަކުން ވެސް، ލައިސަންސް ފީގެ ގޮތުގައި އޮތޯރިޓީން ކަނޑައަޅާ އަދަދެއް އޮތޯރިޓީއަށް ދައްކަންވާނެއެވެ.
25 ވަނަ މާއްދާ – މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމާ ގުޅޭ ގަވާއިދުތަކަށް އަމަލުކުރުން
ކޮންމެ އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާއަކުން ވެސް، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށްޓަކައި އޮތޯރިޓީން އެކުލަވައިލައި ގަވާއިދުތަކާއި އަންގާ އެންގުންތަކަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ
26 ވަނަ މާއްދާ – މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.
"ރެސިޑެންޓުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭހެ އިގުތިސާދުގައި ހަރަކާތްތެރިވާ ވަކިވަކި އާންމު ފަރުދުންނާއި ގާނޫނީ ށަހުސުތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ. ދިވެހިރާއްޖޭގައި އެއް އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދިރިއުޅެމުންދާ ނުވަތަ ދިރިއުޅޭނެ ކަމަށް ބެލެވޭ ކޮންމެ ފަރާތެއް؛ ނުވަތަ
ދިވެހިރާއްޖޭގެ ވިޔަފާރީގެ ހަރަކާތްތައް ހިންގަމުންދާ ނުވަތަ ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ހިންގާނެކަމަށް ބެލެވޭ ކޮންމެ ފަރާތެއް.
"ބޯޑް އޮފް އިންވެސްޓްމަންޓް" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ 56 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ބޯޑް އޮފް އިންވެސްޓްމަންޓްސް އަށެވެ.
"ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 24/2014 (ސްޕެށަލް އިކޮނޮމިކް ޒޯނުގެ ގާނޫނު) އަށެވެ.
"ބޭންކިންގ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ،
- އާންމުންގެ ކިބައިން، ޑިޕޮސިޓްގެ ގޮތުގައި ނުވަތަ އެނޫންވެސް އެހެން ގޮތެއްގައި ފައިސާ ބަލައިގަނެ، އެ ފައިސާއެކުގައި ނުވަތަ އެ ފައިސާގެ ބައެއް، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް ބޭނުންކުރުން؛
(ހ) ދަރަނި ދޫކުރުން، ނުވަތަ އިންވެސްޓްކުރުން.
(ށ) އެހެން ފަރާތަކަށް ހޯދައިދިނުމުގެ މަގުސަދުގައި އަދި އެއްބަސްވުމެއްގެ ދަށުން، ސަޕްލަޔަރެއްގެ އަތުން އެސެޓެއް ގަނެ، އެ އެސެޓްގެ އަގު އެކި ފަހަރު މަތިން އަދާކުރާ ގޮތަށް އެ ފަރާތަށް ދިނުމުގެ ވިޔަފާރިކުރުން. އަދި އެ ފަރާތުން ބޭނުންވެއްޖެނަމަ އެއްބަސްވުމުގެ މުއްދަތު ހަމަވެ އަދި އަގު އަދާކޮށް ނިމުމުން އެ ފަރާތަށް އެ އެސެޓް މިލްކުވެރިކުރުމުގެ އިހުތިޔާރު ދެވޭ ގޮތަށް ދެވޭ ވިޔަފާރިއެވެ. - އިންވެސްޓްމަންޓް ބޭންކިންގ ވިޔަފާރި؛
- އިސްލާމިކް ބޭންކިންގ ވިޔަފާރި؛
- އޮތޯރިޓީން ކަނޑައަޅާ އެހެން ވިޔަފާރި؛
"ބޭންކު-ނޫން މާލީ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ބޭންކިންގ ވިޔަފާރި ފިޔަވައި އެހެން ބާވަތްތަކުގެ މާލީ ވިޔަފާރިތަކަށެވެ. މީގެ ތެރޭގައި، މާރޗަންޓް ބޭންކިންގ ވިޔަފާރިއާއި ނުވަތަ ޑިވެލޮޕްމަންޓް ބޭންކިންގ ވިޔަފާރި ނުވަތަ އިންށުއަރެންސްގެ ވިޔަފާރި ނުވަތަ ފައިނޭންސް ލީސިންގގެ ވިޔަފާރި ނުވަތަ ކޮންސިއުމަރ ފައިނޭންސްގެ ވިޔަފާރި ނުވަތަ ހައުސިންގ ފައިނޭންސްގެ ވިޔަފާރި ނުވަތަ ރެމިޓެންސްގެ ވިޔަފާރި ނުވަތަ މަނީ ޗޭންޖިންގ ވިޔަފާރި ނުވަތަ ނުވަތަ ކާޑު އިށޫކޮށް އެކްވަޔަރކުރުމުގެ ވިޔަފާރި ނުވަތަ އެއްވެސް ބާވަތެއްގެ ޕޭމަންޓް އަދި ސެޓްލްމަންޓް އިންސްޓްރުމަންޓެއް ނުވަތަ ޕޭމަންޓް އަދި ސެޓްލްމަންޓް ސިސްޓަމެއް ހިންގުމުގެ ވިޔަފާރި ނުވަތަ ދިވެހިރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ދޭ، ސެކިއުރިޓީޒްއާބެހޭ ވިޔަފާރިއާއި ހިދުމަތްތައް ފިޔަވައި، އެ ވިޔަފާރިއެއް ނުވަތަ މާލީ ހަރަކާތެއް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރަންޖެހޭ ކަމަށް އޮތޯރިޓީއަށް ފެންނަ ވިޔަފާރިއާއި މާލީ ހަރަކާތްތައް ހިމެނޭނެގޮތުންނެވެ.
"އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ އޯފްށޯރ ބޭންކު-ނޫން މާލީ ވިޔަފާރި ކުރުމަށް މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތަކަށެވެ.
"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށެވެ.
"މޭޖަރ ހިއްސާދާރެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީގޮތުން ވަކި ށަހުސެއްގެ ރައުސްމާލުގެ ނުވަތަ ވޯޓު ދިނުމުގެ ބާރުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ)، ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ފަރާތެއް، ނުވަތަ މިނޫން އެހެން ގޮތަކުންވެސް އޮތޯރިޓީ އަށް ގަބޫލުކުރެވޭގޮތުގައި އެ ށަހުސެއްގެ މައްޗަށް ބާރު އޮންނަ ފަރާތަކަށެވެ.
"އެގްޒެކެޓިވް އޮފިސަރ" ކަމަށް ބުނެފައި އެވަނީ، އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާގެ މުވައްޒަފުންގެ ތެރެއިން އެ އިދާރާގެ ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ މުވައްޒަފުންނާއި، އެ އިދާރާގެ ހަރަކާތްތަކުގެ ތެރެއިން ބޮޑުބައެއް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ މުވައްޒަފުންނާއި، އެ އިދާރާގެ ފައިސާއިން ލޯނު ދޫކުރުމާއި އިންވެސްޓް ކުރުމަށް ހުއްދަދީފައިވާ މުވައްޒަފުންނަށެވެ. މިފަދަ މުވައްޒަފަކީ ކޮންމެ މަގާމެއްގައި ހުރި މުވައްޒަފެއްނަމަވެސް، މި ގަވާއިދުގައިވާ ގޮތުން "އެގްޒެކެޓިވް އޮފިސަރ" އެއް ކަމުގައި ބެލެވޭނެއެވެ. މިގޮތުން، އެ އިދާރާއެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން، ރައީސް، މެނޭޖިންގ ޑިރެކްޓަރ، ރައީސްގެ ނައިބު، ލޯނު ދޫކުރުމުގެ އެންމެ އިސް މުވައްޒަފު، ޗީފް ފައިނޭންށަލް އޮފިސަރު، ޗީފް އެގްޒެކެޓިވް އޮފިސަރު، ޖެނެރަލް މެނޭޖަރު، އަދި ހަޒާންދާރު ހިމެނޭނީ "އެގްޒެކެޓިވް އޮފިސަރު" ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ހިޔާލު