-

ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓްބަނދަރު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2016-94)

 

(މި ގަވާއިދަށް އަަމަލުކުރަން ފެށީ 1 ނޮވެމްބަރު 2016 ގައި)

 

ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓްބަނދަރު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ތައާރުފާއި ނަން 1.

(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ބާރުލިބިގެން އެކުލަވާލެވިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފަޅުގެ ސަރަހައްދު ކަނޑައެޅުން 3.

(ހ) ޓޫރިސްޓް ރިޒޯޓު ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއްގެ، ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގައި އެ ރަށެއްގެ ފަޅުގެ ސަރަހައްދު ކަނޑައަޅާފައިވާނަމަ، އެ ރަށެއްގެ ފަޅުގެ ސަރަހައްދަކީ ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގައި އެ ރަށެއްގެ ފަޅުގެ ސަރަހައްދުކަމަށް ކަނޑައަޅާފައިވާ ސަރަހައްދެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރަށެއް ފިޔަވައި، އަދި ފަތުރުވެރިކަމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއްގެ ފަޅުތެރޭގައި އެހެން ރަށެއް ނުވަތަ ފިނޮޅެއް ހިމެނޭ ރަށްތައް ފިޔަވައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން، ރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމައަށް 500 (ފަސްސަތޭކަ) މީޓަރަށްވުރެ ބޮޑު ފަޅުގެ ސަރަހައްދެއްވާ ރަށްރަށުގެ ފަޅުގެ ސަރަހައްދަކީ އެ ރަށުގެ ހޭޅިފަށުން ފެށިގެން 500 (ފަސްސަތޭކަ) މީޓަރާ ހަމައަށް އޮންނަ ފަޅުގެ ސަރަހައްދެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ރަށްރަށުގެ ހޭޅިފަށުން ފެށިގެން 500) ފަސްސަތޭކަ) މީޓަރަށްވުރެ އިތުރުވާ ފަޅުގެ ސަރަހައްދާމެދު އަމަލުކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

  1. ރަށުގެ ފަޅުގެ ސަރަހައްދުގައި އިތުރު ކޮޓަރިތަކެއް ނުވަތަ ޓޫރިސްޓް ރިޒޯޓާ ގުޅުންހުރި ފެސިލިޓީތަކެއް ތަރައްގީކުރުމަށް ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން ބޭނުންވާނަމަ، ރަށުގެ ހޭޅިފަށުން ފެށިގެން އެންމެ ގިނަވެގެން 2000 (ދެހާސް) މީޓަރާ ހަމައަށް، އެތަންތަން އިމާރާތް ކުރުމަށް ބޭނުންވާ ސަރަހައްދު، އެ ރަށުގެ ފަޅުގެ ސަރަހައްދުގެ ގޮތުގައި ކަނޑައެޅުމުގެ އިހުތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ފަޅުގެ ސަރަހައްދު އިތުރުކޮށް ކަނޑައަޅަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ މަތީންނެވެ.
    1. އެ ރަށުގެ ފަޅުގެ ސަރަހައްދަކީ ނުވަތަ އިމާރާތް ކުރުމަށް ބޭނުންވާ ފަޅުގެ ސަރަހައްދަކީ، ރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމައަށް އެންމެ މަދުވެގެން 500 (ފަސްސަތޭކަ) މީޓަރު ހަމަވާ ސަރަހައްދެއް ކަމުގައިވުން؛
    2. ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން ތަރައްގީކުރާ ކޮޓަރިތަކަކީ ނުވަތަ ޓޫރިސްޓް ރިޒޯޓުގެ ފެސިލިޓީތަކަކީ ރަށުގައި ތަރައްގީކޮށްފައިވާ ޓޫރިސްޓް ރިޒޯޓާ ގުޅިފައި ހުންނަ ތަންތަން ނުވަތަ ބައެއް ކަމުގައިވުން؛ 
    3. އިތުރުކުރުމަށް ކަނޑައަޅާ ފަޅުގެ ސަރަހައްދުގައި އިމާރާތްކޮށް ތަރައްގީކުރަންވާނީ ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން ތަރައްގީކުރާ ކޮޓަރިތައް ނުވަތަ ޓޫރިސްޓް ރިޒޯޓުގެ ފެސިލިޓީތައް އިމާރާތް ކުރުމަށް އެކަނި ކަމަށް ވެފައި، އަދި އެ ފަޅުގެ ސަރަހައްދު ބޭނުން ކުރަންވާނީ،އެތަންތަނުގެ ބޭނުމަށް ނުވަތަ އެތަންތަނާ ގުޅުންހުރި ރިޒޯޓުގެ ބޭނުންތަކަށް އެކަނި ކަމަށްވުން؛ އަދި
    4. އިތުރު ކުރުމަށް ކަނޑައަޅާ ފަޅުގެ ސަރަހައްދު، ރަށް ކުއްޔަށްދީފައިވާ އެއްބަސްވުމަށް ގެންނަ އިސްލާހެއްގެ ދަށުން ކަނޑައެޅުން.
  2. ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ކުއްޔަށް ދީފައިވާ ރަށާ ވަކިން ފަޅުގެ ސަރަހައްދު ކުއްޔަށް ހިފަން، ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން ބޭނުންވާނަމަ، ރަށުގެ ހޭޅިފަށުން ފެށިގެން 500 (ފަސްސަތޭކަ) މީޓަރާއި 2000 (ދެހާސް) މީޓަރާ ދެމެދުގައިވާ ފަޅުގެ ސަރަހައްދު، ނުވަތަ ސަރައް ހައްދުން އެއްބައި،އަންނަނިވި ށަރުތު ތަކާ އެއްގޮތްވާ ގޮތުގެމަތިން، ވަކި ލީސް އެގްރީމެންޓެއްގެ ދަށުން ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ކުއްޔަށް ދިނުމުގެ އިހުތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.
    1. ވަކިން ކުއްޔަށް ހިފަން ބޭނުންވާ ސަރަހައްދުގެ ކޮންސެޕްޓް ޕްލޭން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައި، އެ ހުށަހެޅުމަކީ އެ މިނިސްޓްރީން ގަބޫލުކުރާ ހުށަހެޅުމަކަށްވުން؛
    2. ވަކިން ކުއްޔަށް ހިފަން ބޭނުންވާ ސަރަހައްދުގައި ބިން ހިއްކުމަށް ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން އެއްބަސްވުން ނުވަތަ ވަކިން ކުއްޔަށް ހިފަން ބޭނުންވާ ސަރަހައްދުގައި ގުދުރަތީގޮތުން އުފެދިފައިވާ ހިކިފަސްތަނެއް އޮތުން؛
    3. މިމާއްދާގެ (ii) ގައި ބަޔާންކޮށްފައިވާ ސަރަހައްދުގެ އެކުއިޒިށަން ކޮސްޓު ސަރުކާރުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތަށް ދައްކާފައިވުން؛ 
    4. ވަކިން ކުއްޔަށް ހިފަން ބޭނުންވާ ސަރަހައްދު ވަކި ލީސް އެގްރީމެންޓެއްގެ ދަށުން ކުއްޔަށް ދެނީ، ރަށް ކުއްޔަށް ހިފާފައިވާ މުއްދަތުގެ ބާކީ އޮތް މުއްދަތަށްކަމަށްވުން؛ އަދި 
    5. ވަކިން ކުއްޔަށް ހިފަން ބޭނުންވާ ސަރަހައްދު ވަކި ލީސް އެގްރީމެންޓެއްގެ ދަށުން ކުއްޔަށްދޭއިރު، އެ ސަރަހައްދުގެ ބޭރުފަށް ޓޫރިޒަމާބެހޭ މިނިސްޓްރީން އެއްބަސްވާ ގޮތެއްގެމަތިން ލީސް އެގްރީމެންޓުގައި ކަނޑައަޅާފައިވުން.
  3. މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މިގަވާއިދުގެ 2 ވަނަ އިސްލާހަށް އަމަލުކުރަން ފަށާއިރު، ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމައަށް 500 (ފަސްސަތޭކަ) މީޓަރަށްވުރެ އިތުރުވާ ސަރަހައްދުގައި، ޓޫރިޒަމާބެހޭ މިނިސްޓްރީގެ ހުއްދަ ލިބިގެން ކޮޓަރިތަކެއް ނުވަތަ އެފަދަ ތަނަކާ ގުޅުންހުރި ފެސިލިޓީތަކެއް ތަރައްގީކޮށްފައިވާނަމަ، އެ ރަށެއްގެ ފަޅުގެ ސަރަހަ އްދަކަށް ވާނީ، އެ ކޮޓަރިތައް ނުވަތަ ޓޫރިސްޓް ރިޒޯޓާ ގުޅުންހުރި ފެސިލިޓީތައް ތަރައްގީކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ދީފައިވާ ސަރަހަ އްދެކެވެ.

(ނ) ޓޫރިސްޓް ރިޒޯޓު ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމައަށް 500 (ފަސްސަތޭކަ) މީޓަރަށްވުރެ އިތުރު ނުވާނަމަ، އެ ރަށެއްގެ ފަޅުގެ ސަރަހައްދަކީ، އެ ރަށެއްގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމައަށް އޮންނަ ސަރަހައްދެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ ގަވާއިދުގެ 5 ވަނަ މާއްދާ އުނިކުރުން.

ފަޅުގެ ތެރޭގައި އެހެން ރަށެއް ހިމެނޭނަމަ، ފަޅުގެ ސަރަހައްދު ކަނޑައެޅުން 4.

(ހ) ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ހޭޅިފަށުން ފެށިގެން ޖެހިގެން އޮންނަ ރަށުގެ ހޭޅިފަށާ ދޭތެރޭގައި 1000 (އެއްހާސް) މީޓަރު ނުވަތަ އެއަށްވުރެ ބޮޑުނަމަ، ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ފަޅުގެ ސަރަހައްދަކީ ރަށުގެ ހޭޅިފަށުން ފެށިގެން 500 (ފަސްސަތޭކަ) މީޓަރާ ހަމައަށް އޮންނަ ސަރަހައްދެވެ.

(ށ) ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ހޭޅިފަށުން ފެށިގެން ޖެހިގެން އޮންނަ ރަށުގެ ހޭޅިފަށާ ދޭތެރޭގައި 1000 (އެއްހާސް) މީޓަރު ހަމަ ނުވާނަމަ،ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ފަޅުގެ ސަރަހައްދު ކަމުގައި ބަލާނީ، ދެ ރަށް ދޭތެރޭގައި، ދެފަރާތް އެއްވަރުވާގޮތަށް ރޮނގެއް ދަމާލުމުން،އެ ރޮނގުން ފެށިގެން ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށާ ދޭތެރޭގައި އޮންނަ ސަރަހައްދެވެ.

(ނ) ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކުރާ ރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރު ކައިރިއާ ހަމައަށް 300 (ތިންސަތޭކަ) މީޓަރު ހަމަނުވާނަމަ، ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމައަށް އޮންނަ ސަރަހައްދު ވަށައި، ނުވަތަ ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކުރާ ރަށުގެ ފަޅުގެ ތެރޭގައި އެހެން ރަށެއް (އެއީ މީހުން ދިރިއުޅޭ ރަށެއް ކަމުގައިވީ ނަމަވެސް) ހިމެނޭނަމަ، އަދި އެރަށުގެ ހޭޅިފަށުން ފެށިގެން ޖެހިގެން އޮންނަ ރަށުގެ ހޭޅިފަށާ ދޭތެރޭގައި 300 (ތިންސަތޭކަ) މީޓަރު ހަމަނުވާނަމަ، އެ ދެ ރަށް ދޭތެރޭގައި އޮންނަ ސަރަހައްދުގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ބޮޑުމިނެއްގެ "ނޯ ޑިވެލޮޕްމަންޓް ޒޯން" އެއް ގާއިމުކުރަންވާނެއެވެ.

(ރ) އެއް ފަޅުގައި އެއް ރަށަށްވުރެ ގިނަ ރަށް އޮންނަނަމަ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ފަޅުގެ ސަރަހައްދުގެ އިމުން ފެށިގެން ރަށާވީ ފަރާތަށް 100 (އެއް ސަތޭކަ) މީޓަރުގެ ބަފަރ ސަރަހައްދެއް ގާއިމުކުރުމަށްފަހު އެ ސަރަހައްދު އެއީ "ނޯ ޑިވެލޮޕްމަންޓް ޒޯން" އެއްގެ ގޮތުގައި ކަނޑައެޅޭނެއެވެ.

(ބ) މި މާއްދާގައި ބުނެފައިވާ "ނޯ ޑިވެލޮޕްމަންޓް ޒޯން" ގެ ސަރަހައްދުގެ ތެރޭގައި ފަތުރުވެރިކަމާ ގުޅުންހުރި އެއްވެސް އިމާރާތެއް ނުވަތަ ބިން ހިއްކުމުގެ މަސައްކަތެއް ކޮށްގެން ނުވާނެއެވެ. އަދި "ނޯ ޑިވެލޮޕްމަންޓް ޒޯން" ގެ ސަރަހައްދުގެ ތެރޭގައި ހިކި ފަސްގަ ނޑެއް ނުވަތަ ރަށެއް ނުވަތަ ފިނޮޅެއްވާނަމަ، ނުވަތަ އެފަދަ ތަނެއް އެ ސަރަހައްދުގެ ތެރޭގައި ގުދުރަތީގޮތުން އުފެދިއްޖެނަމަ، އެތަންތަނަކީ، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭނެ ތަންތަނެއްނޫނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބިން ހިއްކުމާއި ފަޅުގެ ސަރަހައްދު 9.

(ހ) ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން މެނުވީ ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއްގެ ފަޅުތެރޭގައި ބިން ހިއްކުމަކީ މަނާކަމެކެވެ. އަދި މިގޮތަށް ބިން ހިއްކުމުގެ ކުރިން، ލީސް އެގްރީމެންޓަށް ގެންނަ އިސްލާހުގައި ސޮއިކޮށް، އެ ހިއްކާ ބިމުގެ ބޮޑުމިން ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދޫކޮށްފައިވާ ލީސް އެގްރީމެންޓަށް ގެންނަ އިސްލާހުގައި ބަޔާންކުރަންވާނެއެވެ.

(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިވީނަމަވެސް، އަދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ބިން ހިއްކިކަމުގައިވީނަމަވެސް، ރަށުގެ ފަޅުގެ ސަރަހައްދުކަމުގައި ބެލެވޭނީ، ބިން ހިއްކުމުގެ ކުރިން މި ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ފަޅުގެ ސަރަހައްދުގެ އިމުން ފެށިގެން އެތެރެއަށް އޮންނަ ސަރަހައްދެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

ފަޅުގެ ސަރަހައްދު ކަނޑައަޅާފައިނުވާ އެއްބަސްވުންތައް 18.

(ހ) ފަތުރުވެރިކަން ތަރައްގީކުރުމުގެ ބޭނުމަށް ފަޅެއް ކުއްޔަށްދޫކުރާއިރު އެ ފަޅުގެ ލީސް އެގްރީމެންޓްގައި ފަޅުގެ ސަރަހައްދު ކަނޑައަޅާފައި އޮންނަންވާނެއެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ކުއްޔަށް ދޫކޮށްފައިވާ ފަޅުތަކުގެ ލީސް އެގްރީމެންޓްގައި ފަޅުގެ ސަރަހައްދު ކަނޑައަޅާފައިނުވާނަމަ، ލީސް އެގްރީމެންޓަށް ގެނެވޭ އިސްލާހެއްގެ ދަށުން ފަޅުގެ ސަރަހައްދު ކަނޑައަޅަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަޅުގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ހިއްކާފައިވާ ބިމަކާމެދު ޓޫރިޒަމާބެހޭ މިނިސްޓްރީން އަމަލުކުރުމުގައި، މި ގަވާއިދުގެ 4 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ކަންކަމުން އިސްތިސްނާވާނެއެވެ.

 

6 ވަނަ މާއްދާ - މި ގަވާއިދުން ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ އަދި އެ ގަވާއިދުން އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

7 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް، އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-07)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ބަނދަރު ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2012-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު