މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތާލުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު އެމް.ޕީ.އެސް. 4-2009/20)
1 ވަނަ މާއްދާ- ތައާރުފް
މިއީ ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން އެކުލަވާލެވިފައިވާ، އެކިއެކި މައްސަލަތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި، ވީހާވެސް އަވަހަށް އަދި ހާމަކަން ބޮޑު ގޮތެއްގައި ނައްތާލުމުގެ މަސައްކަތް ހިންގުމަށްޓަކައި އެކުލަވައިލެވިފައިވާ ގަވާއިދެކެވެ.
2 ވަނަ މާއްދާ- ގަވާއިދުގެ ނަން
މި ގަވާއިދުގެ ނަމަކީ، " މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތާލުމުގެ ގަވާއިދު" އެވެ.
3 ވަނަ މާއްދާ- ގަވާއިދު ހިންގުން
މި ގަވާއިދު ހިންގާ ތަންފީޒް ކުރާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިންނެވެ.
4 ވަނަ މާއްދާ – ގަވާއިދަށް އުނި އިތުރު ގެނައުން
މި ގަވާއިދަށް އުނި އިތުރު ގެނެވޭނީ، އެގްޒެކިއުޓިވް ބޯޑުގެ ލަފާގެ މަތިން މިނިސްޓަރަށެވެ.
5 ވަނަ މާއްދާ- ތަކެތި ނައްތާލާ ކޮމިޓީ
(ހ) މި ގަވާއިދުގެ ދަށުން ނައްތާލަން ޖެހޭ ތަކެތި ނައްތާލަންވާނީ އެކަމަށް ހާއްސަވެގެން އެކުލަވައިލެވިފައިވާ " މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތާލާ ކޮމިޓީ"ގެ ބެލުމުގެ ދަށުންނެވެ.
(ށ) މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތާލާ ކޮމިޓީ" އެކުލެވިގެންވާނީ އަންނަނިވި ދާއިރާތަކުގެ ތެރެއިން ކޮންމެ ދާއިރާއަކުން 02 (ދޭއް) މެންބަރުންގެ މައްޗަށެވެ.
- މޯލްޑިވްސް ޕޮލިސް ސަރވިސް،
- ޖުޑިށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ 02 ފަނޑިޔާރުން،
- ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް؛
- އިޖުތިމާއީ ތަރައްގީއަށް މަސައްކަތް ކުރުން އެ ޖަމިއްޔާއެއްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަނޑައަޅާ 02 (ދޭއް) ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ މެމްބަރަކ.
(ނ) ކޮމިޓީގެ ޗެއަރޕާސަނަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަނޑައަޅާ ފުލުހެކެވެ. ކޮމިޓީގެ ބައްދަލުވުންތައް ބާއްވަން ވާނީ، ޗެއަރޕާސަން ކަނޑައަޅާ ގޮތެއްގެ މަތންނެވެ.
(ރ) ކޮމިޓީގެ ސެކްރެޓްރިއޭޓް ބަލަހައްޓާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިންނެވެ.
(ބ) ކޮމިޓީގެ ޗެއަރޕާސަންގެ މަސްއޫލިއްޔަތު ތިރީގައި އެވަނީއެވެ.
- ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން؛
- ކޮމިޓީގެ މަސައްކަތްތައް ހިންގުމުގެ އެންމެހައި އިދާރީ ކަންކަން ބެލެހެއްޓުން
(ޅ) ކަނޑައެޅިގެން އޮތް އުޒުރެއް މެދުވެރިވެގެން މެނުވީ، ކޮމިޓީގެ ބައްދަލަވުންތަކަށް ކޮމިޓީގެ މެމްބަރުން ހާޒިވާން ވާނެއެވެ. އަދި މެމްބަރަކަށް ބައްދަލުވުމަކަށް ހާޒިރުވެވެން ނެތްނަމަ، އެކަން ބައްދަލުވުން ބޭއްވުމަށް ކަނޑައެޅިފައިވާ ވަގުތުގެ ލަސްވެގެން 03 (ތިނެއް) ގަޑިއިރު ކުރިން ޗެއަރޕާސަން ނުވަތަ ސެކްރެޓްރިއޭޓްގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތަށް އަންގަންވާނެއެވެ.
(ކ) ކޮމިޓީގެ ބައްދަލުވުމެއް ބޭއްވޭނީ ކޮމިޓީގައި ހިމެނޭ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އަދަދަކަށް މެމްބަރުން ހާޒިރުވެގެންނެވެ. މިގަވާއިދުގެ ދަށުން ނައްތާލެވޭ ތަކެތި ނައްތާލަންވާނީ، ކޮމިޓީގެ ގާނޫނީ އަދަދު ހަމަވާވަރަށް މެމްބަރުން ތިބެގެން އެމީހުންގެ ހާޒިރުގައެވެ. ތަކެތި ނައްތާލަން ކަނޑައަޅާދުވަހު، ކޮމިޓީގެ ގާނޫނީ އަދަދު ހަމަވާވަރަށް މެމްބަރުން ހާޒިރު ނުވެއްޖެ ނަމަ، އެތަކެތި ނައްތާލެވޭނެ އެހެން ތާރީހެއް ރިޔާސަތުން ކަނޑައަޅަން ވާނެއެވެ.
(އ) ކޮމިޓީގެ ބައްދަލުވުމަށް، ކޮމިޓީގެ ޗެއަރޕާސަނަށް ހާޒިރު ނުވެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެފަދަ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ ކޮމިޓީގެ ވައިސް ޗެއަރޕާސަން އެވެ.
6 ވަނަ މާއްދާ - ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ބެލެހެއްޓުން
(ހ) މައްސަލަތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތީގެ ތެރެއިން ނައްތާލަން ޖެހޭ ތަކެއްޗާމެދު މި ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރެވުމާ ހަމައަށް، އެތަކެތި ބަލަހައްޓަންވާނީ އެ މައްސަލައެއް ތަހުގީގްކުރާ ޔުނިޓް ނުވަތަ ޕޮލިސް ސްޓޭށަން ނުވަތަ އެފަދަ ތަކެތި ބެލެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަނޑައަޅާފައިވާ ފަރާތްތަކުން ނުވަތަ ޔުނިޓަކުންނެވެ.
7 ވަނަ މާއްދާ – ނައްތާލުމަށް ހުށަހެޅުން
(ހ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތީގެ ތެރެއިން ނައްތާލަން ޖެހޭ ނުވަތަ ނައްތާލަން ބޭނުންވާ ތަކެތި، ނައްތާލުމަށްޓަކައި، "މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތާލާ ކޮމިޓީ" އަށް ހުށަހަޅަން ވާނެއެވެ. ކޮމިޓީއަށް ހުށަހަޅާނީ އެ އެއްޗެއް ށާމިލުވާ މައްސަލައެއްގެ ތަހުގީގް ހިންގި ފަރާތުންނެވެ.
(ށ) ނައްތާލަން ޖެހޭ ތަކެތީގެ ތެރެއިން ތަހުލީލީ ބޭނުމަކަށް ރައްކާކުރަންޖެހޭ އެއްޗެއް ވާނަމަ އެންމެ ކުޑަ މިންވަރަކަށް އެ އެއްޗެއް ރައްކާކުރުމާމެދު ގޮތެއް ނިންމުމަށް ތަހުގީގުކުރާ ފަރާތުން ކޮމިޓީގައި އެދެން ވާނެއެވެ. އެއެއްޗެއް ރައްކާ ކުރަންވާނީ، ކޮމިޓީން ކަނޑައަޅާ އަދަދަށް ނުވަތަ މިންވަރަށެވެ.
8 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުމަށް އުޖޫރަ ދިނުން
ކޮމިޓީގެ ކޮންމެ ބައްދަލުވުމަކަށް ހާޒިރުވާ ކޮންމެ މެމްބަރަކަށް އުޖޫރައެއްގެ ގޮތުގައި، -/150ރ (އެއް ސަތޭކަ ފަންސާސް ރުފިޔާ) މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދޭން ވާނެއެވެ. މި ގަވާއިދުގެ މަގުސަދަށްޓަކައި، ތަކެތި ނައްތާލުމުގެ ކުރިން ބަލަންވާ ކަންތައްތައް ބެލުމަށް ބާއްވާ ބައްދަލުވުމާއި ތަކެތި އަމަލީ ގޮތުން ނައްތާލާ ބައްދަލުވުމަކީ އެއް ބައްދަލުވުން ކަމުގައި ބަލަން ވާނެއެވެ.
9 ވަނަ މާއްދާ - ކޮމިޓީ އާއި ހަވާލުކުރުން
(ހ) ނައްތާލަން ޖެހޭ ތަކެތި ކޮމިޓީއާ ހަވާލުކުރަންވާނީ ތަހުގީގަށް ބޭނުންވާ އެންމެހާ މައުލޫމާތު ނެގުމަށް ފަހުގައެވެ.
(ށ) ނައްތާލަން ޖެހޭ ތަކެތި ކޮމިޓީ އާއި ހަވާލު ކުރަންވާނީ މަދުވެގެން ތިރީގައި އެވާ މައުލޫމާތު ހިމެނޭ ކަރުދާހަކާ އެކުގައެވެ.
- މައްސަލައިގެ ރަޖިސްޓްރީ ނަންބަރު (ކޭސް ނަންބަރު)؛
- ނައްތާލަން ޖެހޭ ތަކެތީގެ ބާވަތް/ މޮޑެލް ނަންބަރ؛
- ނައްތާލަން ޖެހޭ ތަކެތީގެ އަދަދު، އަދަދު ނުނެގޭ ފަދަ އެއްޗިހީގެ ބަރުދަން؛
- މައްސަލައާ ގުޅުން ހުރި އާލާތް؛
- ނައްތާލަން ހަވާލުކުރެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ގޮތް؛
- ނައްތާލަން ޖެހޭ ތަކެތި ކޮމިޓީއާ ހަވާލުކުރާ ފަރާތް؛
(ނ) ނައްތާލަން ޖެހޭ ތަކެއްޗާއި ކޮމިޓީގެ ފަރާތުން ހަވާލުވާންވާނީ މަދުވެގެން ކޮމިޓީގެ 02 (ދޭއް) މެމްބަރުން ބަލައި ޗެކްކުރުމަށް ފަހުއެވެ. އަދި، އެތަކެތި ނައްތާލުމަށްޓަކައި ކޮމިޓީން ހަވާލުވުމަށްފަހު އެކަން އެނގޭނެ ލިޔުމެއް އެތަކެތި، ހަވާލުކުރި ފަރާތައް ކޮމިޓީން ދޫކުރަން ވާނެއެވެ.
10 ވަނަ މާއްދާ - ކަރުދާހުގެ ބާވަތްތައް ނައްތާލުން
(ހ) ނައްތާލުމަށް ހުށަހަޅާ އެއްޗަކީ ކަރުދާހުގެ ބާވަތަކަށް ވެފައި އެ ކަރުދާހަކީ، މަސްތުވާއެއްޗަކުން މަސްތުވުމަށް ބޭނުންކޮށްފައިވާ އާލާތެއް ނުވަތަ އެއްޗަކަށް ނުވަތަ ޒަރީއަތަކަށްނުވާ ހާލަތުގައި، ކަނޑައެޅޭ ވަކި ސައިޒަކަށް އެ ލިޔުމެއް ނުވަތަ ކަރުދާހެއް ށްރެޑް (ށްރެޑާއެއް ބޭނުންކޮށްގެން) ކުރެވިދާނެއެވެ.
(ށ) ނައްތާލުމަށް ހުށަހަޅާ އެއްޗަކީ، ކަރުދާހުގެ ބާވަތަކަށް ވެފައި އެ ކަރުދާހަކީ، މަސްތުވާއެއްޗަކުން މަސްތުވުމަށް ބޭނުންކޮށްފައިވާ އާލަތެއް ނުވަތަ އެއްޗެއް ނުވަތަ ޒަރީއަތެއް ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ހާލަތުގައި، އެ ކަރުދާސް ނައްތާލަންވާނީ އަންދައިގެންނެވެ.
(ނ) ނައްތާލުމަށް ހުށަހަޅާ އެއްޗަކީ ކަރުދާހުގެ ބާވަތަކަށް ވެފައި އެ ކަރުދާހަކީ، މަސްތުވާއެއްޗަހުން މަސްތުވުމަށް ބޭނުންކޮށްފައިވާ އާލަތެއް ނުވަތަ އެއްޗެއް ނުވަތަ ޒަރީއަތެއް ކަމަށް ތަހުގީގަށް ގަބޫލުނުކުރެވޭ ހާލަތުގައިވެސް އެ ކަރުދާސް ނައްތާލަންވާނީ އަންދައިގެން ކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަނޑައަޅައިފިނަމަ އެކަން ކުރަންވާނީ ކަނޑައަޅާފައިވާ ގޮތަށެވެ.
11 ވަނަ މާއްދާ – ބަޑި ފަދަ ހަތިޔާރު (ފަޔަރއާމްސް) ނައްތާލުން
(ހ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ހަތިޔާރަކީ ފުލުހުންގެ މަސައްކަތުގައި ބޭނުން ހިފިދާނެ ހަތިޔާރެއް ކަމަށް ނުވަތަ ހާމަ ދައްކާލުމެއްގައި ބަހައްޓަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބޭނުންވާ ފަދަ ހަތިޔާރެއް ނަމަ، އެހަތިޔާރެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭނުމަށް ބެހެއްޓުމުގެ ހުއްދަ ކޮމެޓީއިން ހޯދުމަށްފަހު، ފުލުހުންގެ ހަތިޔާރު ބަލަހައްޓާ ޑިޕާރޓްމަންޓްގެ ވެރިއަކާ ނުވަތަ ޕޮލިސް ހެރިޓޭޖް ސެންޓަރާއި ލިޔުމުން ހަވާލުކޮށް، އެމައްސަލައެއްގެ ރިކޯޑުގައި އެކަން ހިމަނަން ވާނެއެވެ. ފުލުހުންގެ ހަތިޔާރު ބަލަހައްޓާ ޑިޕާރޓްމަންޓް ނުވަތަ ޕޮލިސް ހެރިޓޭޖް ސެންޓަރާއި އެހަތިޔާރެއް ހަވާލުކުރެވުމާއިއެކު އެޑިޕާރޓްމަންޓު ނުވަތަ ސެންޓަރުން އެ ހަތިޔާރު، އެތަނުގެ އިންވެންޓްރީ އަށް އަރުވަން ވާނެއެވެ.
(ށ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ގޮވާ ޒާތުގެ ހަތިޔާރެއް އުފެއްދި ތާރީހާއި، ބޭނުންކުރެވޭނެ މުއްދަތަށާއި، އެއެއްޗެއް ފެނުނުއިރު އޮތް ހާލަތަށް ރިއާޔަތްކޮށް އެއީ ރައްކާތެރިކަމާއެކު ބޭނުން ހިފޭނެ ހާލަތުގައި އޮތް އެއްޗެއް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނިންމައިފިނަމަ އެއެއްޗެއް ނައްތާލުމުގެ ބަދަލުގައި އެއެއްޗެއްގެ ބޭނުން ހިފުމާމެދު ގޮތެއްނިންމުމަށް ކޮމިޓީގައި އެދެންވާނެއެވެ. ކޮމިޓީން، އެއެއްޗެއްގެ ބޭނުން ހިފުމުގެ ހުއްދަ ދީފިނަމަ، އެއެއްޗެއް ފުލުހުންގެ ހަތިޔާރު ބަލަހައްޓާ ޑިޕާރޓްމަންޓާ ހަވާލުކޮށް، އެތަނުގެ އިންވެންޓްރީގައި ހިމަނާ، މައްސަލައިގެ ރިކޯޑުގައި އެކަން ރިކޯޑު ކުރަންވާނެއެވެ.
(ށ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ހަތިޔާރެއް (ފަޔަރއާމްސް) ނުވަތަ ގޮވާ ޒާތުގެ ހަތިޔާރެއް ނައްތާލަން ކޮމިޓީން ނިންމައިފިނަމަ އެ އެއްޗެއް އުފެއްދި ތާރީހާއި، އެ އެއްޗެއް ފެނުނުއިރު އޮތް ހާލަތަށް ރިއާޔަތްކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެއެއްޗެއް ނައްތާލާނީ އެ ދާއިރާގެ މާހިރުންގެ އެހީތެރިކަމާއި އެކުގައެވެ.
12 ވަނަ މާއްދާ - މަސްތުވުމަށް ބޭނުންކުރި އާލާތާއި މަސްތުވާތަކެތި ނައްތާލުން
(ހ) ނައްތާލަން ޖެހޭ މަސްތުވާތަކެއްޗާއި މަސްތުވުމަށް ބޭނުންކުރި އާލާތްތައް ނައްތާލަންވާނީ އަންދައިގެން ނުވަތަ އިނސިރިނޭޓް ކޮށްގެންނެވެ. އެއެއްޗެއް އެންދުމަށް ފަހު ވަޅެއް ކޮނު، އަޅިތައް ވަޅަށް އަޅައި، އޭގެ މައްޗަށް ފެންއަޅާ އެއްވެސް ބޭނުމެއް ނިހިފޭނެ ގޮތް ހެދުމަށް ފަހު ފަސްއަޅާ ފޮރުވަން ވާނެއެވެ.
(ށ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މަސްތުވާއެއްޗަކީ ތަމްރީނުތަކުގެ ބނުމަށާއި، ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި، އޭގެ ބޭނުން ހިފަން ޖެހޭ ކަމަށް ކޮމިށަނަރ އޮފް ޕޮލިސް ނިންމައިފނަމަ، އެ ނިންމި ބޭނުމަށް، ކޮންމެހެން ބޭނުންވާ އެންމެ މަދު އަދަދަކުން އެ އެއްޗެއް ނައްތާނުލާ ބެހެއްޓުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިގެންވަނީ ކޮމިޓީން އެފަދައިން އަމަލުކުރުމަށް ހުއްދަ ދެއްވުމުންނެވެ.
(ނ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މަސްތުވުމަށް ބޭނުންކުރި އާލާތަކީ ތަމްރީނުތަކުގެ ބޭނުމަށާއި، ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކުގައި، ނުވަތަ ޕޮލިސް ހެރިޓޭޖް ސެންޓަރުގައި ބަހައްޓައިގެން އިތުރު ބޭނުމެއް ހިފިދާނެ އެއްޗެއް ކަމަށް ކޮމިށަނަރ އޮފް ޕޮލިސް ނިންމައިފިނަމަ، އެ ނިންމި ބޭނުމަށް، ކޮންމެހެން ބޭނުންވާ އެންމެ މަދު ޢަދަދަކަށް، ކޮމިޓީގެ ހުއްދަ ލިބިގެން މޯ ލްޑިވްސް ޕޮލިސް ސަރވިސް އިން އެއެއްޗެއް ނައްތާނުލާ ބެހެއްޓުމުގެ އިޚްތިޔާރު މޯ ސަރވިސް އަށް ލިބިގެންވެއެވެ.
13 ވަނަ މާއްދާ - ހަރުމުދަލުގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެތި
(ހ) މައްސަލަތަކާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތީގެ ތެރެއިން، ރައްޔިތުންނަށް އެކި ސިފަސިފައިގައި އަންގައިގެން ވެސް ވެރިފަރާތް ނުވަތަ މިލްކުވެރިޔާ ނުހޯދިގެން ނައްތާލަން ޖެހޭ ހަރުމުދަލުގެ ގޮތުގައި ނުވަތަ ގަހަނާގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭތާ 03(ތިނެއް) މަސްދުވަސް ވުމުން، ފަނޑިޔާރެއްގެ ހުއްދައާއެކު އެއެއްޗެއް ނީލަމުގައި ވިއްކާލުމަށްފަހު، ލިބޭ ފައިސާ މާލިއްޔަތާބެހޭ ވުޒާރާއާ ހަވާލުކުރާނީއެވެ. އަދި އެކި ކުށުގެ ޢަމަލު ހިންގުމަށްފަހު، މީހުން ދޫކޮށްފައިދާ ތަކެތީގެ ތެރެއިން އެމައްސަލައެއްގައި ށާމިލުވާ ފަރާތްތައް ނޭނގޭ މައްސަލަތަކުގައި ގެނެވޭ ހަރުމުދާ، އެކަށީގެންވާ ވަރަށް ތަކެތީގެ ވެރިފަރާތް ހޯދުމަށް މަސައްކަތްކުރުމަށްފަހު، ކޮމެޓީއަށް ހުށަހަޅައިގެން ކޮމެޓީގެ ހުއްދަ އާއިއެކު ނީލަމުގައި ވިއްކާ، އެ އެއްޗެއްގެ އަގަށް ލިބޭ ފައިސާ ޖަމާކުރަންވާނީ ފުލުހުންގެ ވެލްފެއަރ ފަންޑަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ހަރުމުދަލުގެ ތެރޭ، މިގަވާއިދުގެ މަގުސަދަށާއި ފަރުދުންގެ ޒާތީ މަސްލަހަތަށްޓަކައި ކޮމްޕިއުޓަރުގެ އެހީގައި މައުލޫމާތު ރައްކާކުރެވޭ (ޑިޖިޓަލް) ތަކެތި ނުހިމެނެއެވެ. އެއްވެސް ބާވަތެއްގެ މައުލޫމާތެއް ރިކޯޑް ކުރެވިދާނެ ނުވަތަ ރައްކާކުރެވިދާނެ އާލާތެއް ނުވަތަ އެއްޗެއް، އެއްވެސް ފަރާތަކަށް އެއިން އެއްވެސް ބޭނުމެއް ކުރެވިދާނެ ފަދަ ގޮތަކަށް ދޫކޮށްގެން ނުވާނެއެވެ. މިފަދައިން އަމަލުކުރުމުގެ މަގްސަދަކީ ޑިޖިޓަލް ތަކެތީގައި ރައްކާކުރެވިފައިވާ މައުލޫމާތާއި، ޑިޖިޓަލް އެއްޗަކުން ފޮހެފައިވާ (ޑިލީޓްކޮށްފައިވާ) މައުލޫމާތަކީ ވެސް ވަރަށް ފަސޭހައިން ހޯދައިގަނެވިދާނެ (ރިކަވަރ) ފަދަ އެއްޗަކަށް ވާތީ ފަރުދުންގެ ޒާތީ މައުލޫމާތަށް ރައްކާތެރިވުމުގެ ގޮތުންނެވެ.
14 ވަނަ މާއްދާ- ދިޔާ ތަކެތި ނައްތާލުން
(ހ) ނައްތާލަން ޖެހޭ ދިޔާ އެއްޗަކީ އޭގެ ސަބަބުން ބިމުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ އެއްޗަކަށް ނުވާނަމަ އެ އެއްޗެއް ވަޅެއް ކޮނެ އެވަޅަށް އޮއްސާލައިގެން ނައްތާލެވިދާނެއެވެ. އަދި، އެފަދަ އެއްޗެއް އަޅާފައިވާ ފުޅި ބޭނުން ނުކުރެވޭ ވަރަށް ނެތިކޮށްލަން ޖެހޭނެއެވެ.
(ށ) ނައްތާލަން ޖެހޭ ދިޔާ އެއްޗަކީ އޭގެ ސަބަބުން ފަސްގަނޑަށް ނޭދެވޭ އަސަރެއް ކުރުން އެކަށީގެންވާ އެއްޗެއް ކަމުގައިވާ ނަމަ އެ އެއްޗެއް ނައްތާލަންވާނީ އެކަމުގެ މާހިރުންގެ ލަފާ ހޯދުމަށްފަހު، މި ގަވާއިދުގައިވާ ގޮތަށެވެ.
15 ވަނަ މާއްދާ - ހުސްދޯރި ނައްތާލުން
ބަޑިއަކުން ނުވަތަ އެހެންވެސް ވަޒަން ގޮއްވާލެވޭ އެއްޗަކުން ގޮއްވާލާފައި ހުންނަ ހުސްދޯރި ނައްތާލަންވާނީ ކޮމިޓީން ފާސްކުރުމުން ދިވެހިރާއްޖޭގެ އެތެރެކަނޑުން ފެށިގެން 12 މޭލު ބޭރަށް، ކަނޑު ފައްތައިގެން، ނުވަތަ އެފަދަ ތަކެތި އުފައްދާ ކުންފުންޏަކަށް ވިއްކައިގެންނެވެ. މިގޮތުން ލިބޭ ފައިސާ ޖަމާކުރަންވާނީ ފުލުހުންގެ ވެލްފެއަރ ފަންޑަށެވެ.
16 ވަނަ މާއްދާ - ސިއްހަތަށް ގެއްލުންވެދާނެ ފަދަ ތަކެތި ނުރައްކާތެރި ބޭހުގެ މާއްދާތައް ހިމެނޭ ތަކެތި ނައްތާލުން
(ހ) އެކަށީގެންވާ ރައްކާތެރިކަމާއި އެކު ނުބެލެހެއްޓޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގަބޫލުކުރެވޭ ވިހަ މާއްދާތައް އެކުލެވޭ ކެމިކަލާއި ބައޯހެޒާޑަސް ކެމިކަލް، އެއިން ކޮށްފާނެ ނޭދެވޭ ސިއްހީ މައްސަލައަކަށް ނުވަތަ ހާލަތަކަށް ރިއާޔަތްކޮށް އެ އެއްޗެއް ނައްތާލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ދާއިރާގެ މާހިރެއްގެ ލަފާއާއެކު ނިންމިދާނެއެވެ. މިފަދަ ކެމިކަލެއް ނުވަތަ އެއްޗެއް ނައްތާލުމުގެ ހުއްދަ ހޯދުމުގައި ނަގާ ވަގުތަކީ ވެސް މުޖުތަމައަށް އެ އެއްޗެއްގެ ސަބަބުން އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ބާވަތުގެ އެއްޗެއް ކަމަށް ފޮރެންސިކް އެކްސްޕާޓެއް ނުވަތަ ކެމިކަލްގެ ދާއިރާއެއްގެ އެކްސްޕާރޓަކު ލަފާދީފިނަމަ ކޮމިޓީގެ ހުއްދައާ ނުލާ، އެ އެއްޗެއް ނައްތާލުމަށް މޯލްޑިވސް ޕޮލިސް ސަރވިސް އަށް ނިންމިދާނެއެވެ.
(ށ) މި މާއްދާގެ (ހ)ގައ ބަޔާންވެގެންވާ ހާލަތެއްގައި ކޮމިޓީގައި ހިމެނޭ މެމްބަރުން އިމަޖެންސީ ހާލަތެއްގައިވެސް ތަކެތި ނައްތާލުމަށް މަސައްކަތްކުރުމާއި، އަދި އެފަދަ ގޮތަކަށް އަމަލު ނުކުރެވިއްޖެ ނަމަ އެތަކެތި ނައްތާލުމަށްފަހު، ކަން ހިގާ ދިޔަ ގޮތުގެ ރިޕޯޓެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކޮމިޓީއަށް ފޮނުވަން ވާނެއެވެ.
17 ވަނަ މާއްދާ - މައްސަލަތަކުގައި ގެނެވޭ ފައިސާ އާއި މެދު އަމަލުކުރަންވާ ގޮތް
އެއްވެސް މައްސަލައެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ ފައިސާގެ ތެރެއިން ވަކި މީހެއްގެ މިލްކަކަށް ނުވާ ފައިސާ، ކޯޓުން ނިންމާ ގޮތަކަށް އަމަލުކޮށް އެކަން އެ މައްސަލައެއްގައި ރިކޯޑު ކުރަން ވާނެއެވެ.
18 ވަނަ މާއްދާ – ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރުމުން ނެގޭ އެއްގަމު އުޅަނދު
އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން، ގާނޫނު ނަންބަރު 2009/05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި އެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދާއި، ފުލުހުން އަމަލުކުރަންޖެހޭ އެހެނިހެން ގަވާއިދަކާއި ހިލާފަށް ބަންޑާރަ މަގެއް ނުވަތަ ސަރަަހައްދެއްގައި ޕާކުކޮށްފައި އޮތުމުގެ ސަބަބުން ނެގޭ އުޅަނދުފަހަރުގެ ތެރެއިން ނައްތާލަންޖެހޭ އުޅަނދުފަހަރުގެ ތެރެއިން، ނައްތާލަން ޖެހޭ އުޅަނދުފަހަރު ނައްތާލާނީ ގާނޫނު ނަންބަރު 2009/05 ގައިވާ ގޮތަށެވެ.
19 ވަނަ މާއްދާ- ވަކި ގޮތަކަށް ނައްތާލަން މި ގަވާއިދުގައި ބަޔާންވެގެން ނުވާ ތަކެތި ނައްތާލުން
(ހ) މި ގަވާއިދުގައި ވަކި ގޮތަކަށް ނައްތާލަން ވާނެ ކަމުގައި ބަޔާންނުވާ އެންމެހާ ތަކެތި ނައްތާލަންވާނީ، އަންދައިގެން ނުވަތަ އިންސިނެރޭޓް ކޮށްގެންނެވެ.
(ށ) މި މާއްދާގެ (ހ)ގައި ބަޔާންވެގެންވާ ގޮތާއި ހިލާފަށް އެއްޗެއް ނައްތާލަންވާނީ ކޮމިށަނަރ އޮފް ޕޮލިސް ވަކި ގޮތަކަށް ވަކި ބާވަތެއްގެ އެއްޗެއް ނައްތާލުމަށް ލިޔުމުން އެންގުމުން ، ނުވަތަ ވަކި ގޮތަކަށް ވަކި ބާވަތެއްގެ އެއްޗެއް ނައްތާލުމަށް ލިޔުމުން އެންގުމުން، ނުވަތަ ވަކި ގޮތަކަށް ވަކި ބާވަތެއްގެ އެއްެޗެއް ނައްތާލަން ފެންނަ ކަމަށް، ކޮމިޓީން ކޮމިށަނަރ އޮފް ޕޮލިސް އަށް ލަފާދިނުމުން، އެފަދައިން ނައްތާލުމަށް ކޮމިށަނަރ އޮފް ޕޮލިސް ލިޔުމުން ހުއްދަ ދިނުމުންނެވެ.
20 ވަނަ މާއްދާ- ތަކެތި ނައްތާލާއިރު އޮބްޒަވާރުން ގެނައުން
(ހ) ތަކެތި ނައްތާލާ މަންޒަރު ބެލުމަށް، އޮބްޒާވަރުންގެ ގޮތުގައި، ކޮމިޓީން ކަނޑައަޅާ އުސޫލެއްގެ މަތިން، ހަބަރު ފެތުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގައި ރަޖިސްޓްރީ ކޮށްފައިވާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ދައުވަތު ދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން ވަކި ބާވަތެއްގެ އެއްޗެއް ނައްތާލާއިރު ދިމާވެދާނެ ނުރައްކަލަކަށް ނުވަތަ އިތުރު ފިޔަވަޅު އަޅަން ޖެހިދާނެ ކަމަކަށް ރިއާޔަތްކޮށް، އެކަމެއް ހައްލުކުރެވޭނެ ކަމަށް ކޮމިޓީއަށް ފެނިގެން ދައުވަތުދީފައިވާ، ފަންނީ މީހުންނަށް ތަކެތި ނައްތާލާ ތަނުގައި ތިބެވިދާނެއެވެ.
21 ވަނަ މާއްދާ- ތަކެތި ނައްތާލާ މަންޒަރު ރިކޯޑްކުރުން
ތަކެތި ނައްތާލާއިރު އެކަން ހިނގަމުންދާ މަންޒަރުގެ ވީޑިއޯ ނުވަތަ ފޮޓޯގްރަފީގެ ވަސީލަތުން ރިކޯޑްކޮށް، ލޭބަލްކޮށް ސެކްރެޓަރިއޭޓްގެ ބެލުމުގެ ދަށުން 10 (ދިހައެއް) އަހަރުވަންދެން ބަލަހައްޓަން ވާނެއެވެ.
22 ވަނަ މާއްދާ – ބަހުގެ މާނަ
(ހ) މި ގަވާއިދުގެ އެ އިބާރާތް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާ ނަމަ "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ "މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތާލާ ކޮމިޓީ" އަށެވެ.
(ށ) މި ގަވާއިދުގައި ނައްތާލަންޖެހޭ ތަކެތި ކަމަށް ބުނެފައި އެވަނީ މައްސަލަތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގެނެވޭ ތަކެތީގެ ތެރެއިން ނައްތާލަން ޖެހޭ ކަމަށް ކޮމިޓީއިން ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަނޑައަޅާ ކޮންމެ އެއްޗަކަށެވެ.
(ނ) މި ގަވާއިދުގައި "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓްރީއެއް ހިންގުމަށް ހުންނަ މިނިސްޓަރަށެވެ.
(ރ) މި ގަވާއިދުގެ "އެގްޒެކެޓިވް ބޯޑް" ކަމަށް ބުނެފައި އެވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެންމެހާ ކަންކަން ރާވާ ހިންގުމަށްޓަކައި ކޮމިށަނަރ އޮފް ޕޮލިސް އައްޔަނުކޮށްފައިވާ ފުލުހުން އިސް އޮފިސަރުން ހިމެނޭ ބޯޑަށެވެ.
23 ވަނަ މާއްދާ- ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހް
މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ފާސްކުރާ ތާރީހުން ފެށިގެންނެވެ. މި ގަވާއިދު ފާސްވާއިރު، އެކި މައްސަލަތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތި ވެސް މި ގަވާއިދުގެ ދަށުން ނައްތާލެވި ދާނެއެވެ.
މައި ގާނޫނު
ފުލުހުންގެ ގާނޫނު (ގާނޫނު ނަންބަރު 5/2008)
ކިޔުންތެރިންގެ ހިޔާލު