-

އިސްލާމީ ޔުނިވަރސިޓީއަށް ދަރިވަރުން ވެއްދުމާއި ވަކިކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 26/2016)

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގާނޫނުގެ 48 ވަނަ މާއްދާއިން ބާރު ލިބިގެން ހަދާފައިވާ، ޔުނިވަރސިޓީއަށް ދަރިވަރުން ވެއްދުމާއި ވަކިކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށޤ ކިޔާނީ، "ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދަރިވަރުން ވެއްދުމާއި ވަކިކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މާނަކުރުން

(ހ) 'ޔުނިވަރސިޓީ' ލިޔެފައިވާ ކޮންމެ ތަނެއްގެ މާނައަކީ، ގާނޫނު ނަންބަރު 11/2015 (ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއެވެ.

(ށ) 'ކުއްލިއްޔާ' ލިޔެފައިވާ ކޮންމެ ތަނެއްގެ މާނައަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާތަކާއި ސެންޓަރުތަކެވެ.

 

3 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ޔުނިވަރސިޓީގައި ކިޔެވުމުގެ ފުރުސަތު ދެވޭނެގޮތް ބަޔާންކޮށް، އާންމުކުރުމެވެ.

 

4 ވަނަ މާއްދާ - ޔުނިވަރސިޓީ ދަރިވަރަކަށް ވުމުގެ ށަރުތު

(ހ) މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން އެކި ލެވެލްތަކަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑު ފުރިހަމަކޮށްފައި ވާންވާނެއެވެ.

(ށ) ޔުނިވަރސިޓީން ހިންގާ އެކިއެކި ކޯސްތަކަށް ވަނުމަށް ބޭނުންވާ ތައުލީމީ އަދި އެހެނިހެން ށަރުތުތައް ކަނޑައަޅާނީ އެކޯހެއް ހިންގާ ފެކަލްޓީ ނުވަތަ ސެންޓަރުންނެވެ. ކޯސްތަކަށް އިއުލާނުކުރާއިރު މިށަރުތުތައް ބަޔާން ކުރެވިފައިވާނެއެވެ.

 

5 ވަނަ މާއްދާ - އެޕްލިކޭށަން

(ހ) ޔުނިވަރސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށްޓަކައި ކަނޑައެޅިފައިވާ ތާރީހުގެ ކުރިން، ޔުނިވަރސިޓީގެ 'ކޯހަށްވަނުމަށް އެދޭ ފޯމު' ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

(ށ) ޔުނިވަރސިޓީގެ ކޯސްތަކަށް ކުރިމަތިލާ ފަރާތްތައް ހޮވުމާއި ރަޖިސްޓަރީ ކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ، ޔުނިވަރސިޓީގެ 'ސްޓޫޑަންޓްސް އެޑްމިށަން އެންޑް ރަޖިސްޓްރޭށަން' އިންނެވެ.

(ނ) އެއްވެސް ކޯހެއްގައި ކިޔެވުމަށް ހުރި ޖާގައަށްވުރެ، ކުރިމަތިލާފައިވާ ދަރިވަރުންގެ އަދަދު ގިނަވެއްޖެނަމަ ފުރުސަތު ދޭންވާނީ، އިލްމީގޮތުން އެންމެ ރަނގަޅު ދަރިވަރުންނަށެވެ.

(ރ) ޔުނިވަރސިޓީއަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން ށަރުތު ފުރިހަމަވާ ފަރާތްތަކަށް، ޔުނިވަރސިޓީގައި ޖާގަ އޮތްވަރަކުން ކިޔުވުމުގެ ފުރުސަތު ދެވޭނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފުރުސަތު ދެވޭނީ، ޔުނިވަރސިޓީގެ ކަމާބެހޭ ފެކަލްޓީ ނުވަތަ ސެންޓަރާއި މަޝްވަރާކުރުމަށްފަހުގައެވެ.

 

6 ވަނަ މާއްދާ - ޔުނިވަރސިޓީގައި ކިޔެވުމުގެ ފީ

ޔުނިވަރސިޓީގެ ކޯހެއްގައި ކިޔެވުމަށް ފުރުސަތު ދެވޭނީ، އެފަރަތެއް ހޮވިފައިވާ ކޯހަކަށް ކަނޑައެޅިފައިވާ ފުރަތަމަ ސެމިސްޓަރގެ ފީ ދެއްކުމުންނެވެ. އަދި މީގެ އިތުރުން 'ޔުނިވަރސިޓީގެ ފީ ދެއްކުމުގެ ސިޔާސަތު' އާ އެއްގޮތްވާ ގޮތުގެ މަތިން ފީ ދައްކަންވާނެއެވެ.

 

7 ވަނަ މާއްދާ - ކޯސް ނުވަތަ ތަހައްސުސު ބަދަލުކުރުން

(ހ) ކުއްލިއްޔާގެ ކަމާބެހޭ ކޮމިޓީގެ ލަފާގެ މަތިން، ދަރިވަރަށް ކޯސް ނުވަތަ ތަހައްސުސު ބަދަލު ކުރެވިދާނެއެވެ. މިގޮތުން، ކޯސް ނުވަތަ ތަހައްސުސު ބަދަލު ކުރުމަށް ފުރުސަތު ދެވޭނީ، އެންމެ ފަހަރަކު އެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންވެގެންވާ ގޮތުގެ މަތިން، ކޯސް ނުވަތަ ތަހައްސުސު ބަދަލުކުރުމަށް ފުރުސަތު ދެވޭ ދަރިވަރުންނާމެދު އަމަލުކުރެވޭނީ، މަތީ ފުރުސަތު ދިނުމަބެހޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

8 ވަނަ މާއްދާ - ކިޔުވުން ފަސްކުރުމާއި މެދުކަނޑާލުން

(ހ) މަގްބޫލު އުޒުރަކާ ހެދި ދަރިވަރަކު ކިޔަވަން ޖެހިފައިވާ ކޯސް ފަސްކުރަން ޖެހިއްޖެނަމަ، ގިނަވެގެން 2 (ދޭއް) ސެމިސްޓަރގެ މުއްދަތަށް ކިޔެވުން ފަސް ކުރެވިދާނެއެވެ.

(ށ) މަގްބޫލު އުޒުރަކާ ހެދި ދަރިވަރަކު ކިޔަވަމުންދާ ކޯސް މެދުކަނޑާލަން ޖެހިއްޖެނަމަ، ގިނަވެގެން 2 (ދޭއް) ސެމިސްޓަރގެ މުއްދަތަށް ކިޔެވުން މެދުކަނޑާލެވިދާނެއެވެ. މިގޮތަށް މެދުކަނޑާލި ކަމުގައި ވިޔަސް، މުޅި ކޯހަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަ ކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކޯސް ފަސްކުރެވޭނީ، ނުވަތަ ކޯސް މެދުކަނޑާލެވޭނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު، ކަމާބެހޭ އިދާރާއަށް ހުށަހެޅުމުން، އެކަން ގަބޫލުކުރިކަން އަންގާ ރަސްމީ ލިޔުން ދަރިވަރަށް ލިބުމުންނެވެ.

 

9 ވަނަ މާއްދާ - ޔުނިވަރސިޓީން ވަކިވުން ނުވަތަ ވަކިކުރުން

9.1 ހާޒިރީގެ ސަބަބުން:

ސެމިސްޓަރަށް ކަނޑައެޅިފައިވާ ގަޑިތަކުގެ %50 އަށްވުރެ ގިނަ ގަޑިއަށް މަގްބޫލު އުޒުރަކާ ނުލައި ހާޒިރު ނުވެއްޖެނަމަ، ކޯހުން ވަކިވާނެއެވެ.

9.2 އަހުލާގުގެ ސަބަބުން:

ދަރިވަރެއްގެ އަހުލާގީ މައްސަލައެއްގައި އެދަރިވަރަކު ޔުނިވަރސިޓީން ވަކިކުރެވޭނީ، ޔުނިވަރސިޓީގެ ސުލޫކީ ގަވާއިދުގައި ކަނޑައެޅިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހުގައެވެ.

9.3 އެދިގެން ވަކިވުން:

(ހ) ޔުނިވަރސިޓީން ވަކިވާން ބޭނުންވާ ދަރިވަރު އެކަން ލިޔުމަކުން ޔުނިވަރސިޓީއަށް އަންގަންވާނެއެވެ.

(ށ) ޔުނިވަރސިޓީން ވަކިވިކަމުގެ ލިޔުމާއި އެހެނިހެން ލިޔުންތައް ދޫކުރާނީ ދަރިވަރު ޔުނިވަރސިޓީއަށް ދައްކަންޖެހޭ ފައިސާއާއި ތަކެތި ދައްކައި ހަލާސްކޮށް ނިންމުމުންނެވެ.

 

10 ވަނަ މާއްދާ - މިގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ޔުނިވަރސިޓީގެ މަޖިލީހުން ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދު ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ގަވާއިދުގައި ނެތް ކަމެއް ދިމާވުން

މި ގަވާއިދުގައި ނެތް ކަމެއް ދިމާވެއްޖެނަމަ، އެކަމެއް ހައްލު ކުރާނީ އެކަޑެމިކް ބޯޑުންނެވެ.

 

މައި ގާނޫނު

އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު (ގާނޫނު ނަންބަރު 11/2015)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު