-

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2011-19)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2020-39 ގެ 12 ވަނަ މާއްދާއިން އުވާލެވިފައި)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 19 މެއި 2011 ގައި)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވައިދަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާބެހޭ ތަފާސް ހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02) ގެ 41 ވަނަ މާއްދާގެ ދަށުން އެކުލަވައިލެވޭ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމާބެހޭ ގަވާއިދު" އެވެ.

(ނ) މި ގަވާއިދުގެ މަގްސަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދައި ބޭނުންކުރުމަށް އުސޫލެއް ކަނޑައެޅުމެވެ.

 

2 ވަނަ މާއްދާ - މައުލޫމާތު ހުށަހެޅުން

ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކަކުންވެސް މިގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ މައުލޫމާތު، މިގަވާއިދުގައި ކަނޑައެޅިފައިވާގޮތަށް، ކަނޑައެޅިފައިވާ މުއްދަތުތަކަށް ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

3 ވަނަ މާއްދާ - މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހޭ މައުލޫމާތު

މިގަވާއިދުގެ ދަށުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ގަވާއިދުން ހުށަހަޅަން ޖެހޭ މައުލޫމާތާއި، މައުލޫމާތު ހުށަހަޅަންވީ މުއްދަތު އަދި ހުށަހަޅަންވީ ގޮތުގެ ފޯމެޓްތައް މިގަވާއިދުގެ ޖަދުވަލު 1 ގައި ހިމެނިފައިވާނެއެވެ.

 

4 ވަނަ މާއްދާ - ހުށަހަޅަންޖެހޭ މައުލޫމާތަށް ބަދަލު ގެނައުން

މިގަވާއިދުގެ ދަށުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކުން ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެކަމަށް މިގަވާއިދުގައި ބުނެފައިވާ މައުލޫމާތަށް އުނިއިތުރު ގެނައުމާއި، މައުލޫމާތު ހުށަހަޅަންޖެހޭ މުއްދަތުތަކަށް ބަދަލުގެނައުމުގެ އިހްތިޔާރު ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ލިބިގެން ވެއެވެ. މި މާއްދާގެ ދަށުން ގެނެވޭ ބަދަލު، މިގަވާއިދުގެ 3 ވަނަ މާއްދާގައި ބުނެފައިވާ ޖަދުވަލު 01 ގައި ހިމަނައި ގެޒެޓްކުރުމުން، މި ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ މައުލޫމާތަށް ބަދަލުގެނެވުނީކަމުގައި ބެލެވޭނެއެވެ.

 

5 ވަނަ މާއްދާ - ސަރުކާރުގެ އެހެނިހެން އިދާރާތަކަށް ހުށަހަޅަންޖެހޭ މައުލޫމާތު

މިގަވާއިދު އެކުލަވާލުމަކުން ސަރުކާރުގެ އެހެނިހެން އިދާރާތަކުން ތަފާސްހިސާބު އެއްކުރުމަށް ހެދިފައިވާ އެއްވެސް ގަވާއިދަކަށް ހުރަހެއް ނާޅައެވެ.

 

6 ވަނަ މާއްދާ - ރެކޯޑް ބެހެއްޓުން

މިގަވާއިދުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހެޅޭ މައުލޫމާތުތަކުގެ ރެކޯޑްތައް ދެއަހަރުގެ މުއްދަތަކަށް ފަތުރުވެރިކަމުގެ ހިދުމަތް ފޯރުކޮށްދޭ ކޮންމެ ތަނެއްގައިވެސް ބަހައްޓަންވާނެއެވެ. ހިންގާފަރާތް ނުވަތަ ވެރިފަރާތް ބަދަލުވެއްޖެ ހާލަތެއްގައި އެ ބަދަލުވި ފަރާތަކުން މިމައުލޫމާތުު ހޯދައި ބަހައްޓަންވާނެއެވެ.

 

7 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން.

(ހ) ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން މިގަވާއިދާ ހިލާފު ވެއްޖެނަމަ ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތީން އަމަލުކުރުމުގެ އިހުތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ފުރަތަމަ ފަހަރު، އެތަނެއްގައި ރަޖިސްޓްރީ ކުރެވިފައިހުރި ކޮންމެ އެނދަކަށް 100 (ސަތޭކަ) ރުފިޔާގެ މަގުން ޖޫރިމަނާކުރުން.
  2. ދެވަނަ ފަހަރު، އެތަނެއްގައި ރަޖިސްޓްރީ ކުރެވިފައިހުރި ކޮންމެ އެނދަކަށް 250 (ދުއިސައްތަ ފަންސާސް) ރުފިޔާގެ މަގުން ޖޫރިމަނާކުރުން
  3. ތިންވަނަ ފަހަރު، އެތަނެއްގައި ރަޖިސްޓްރީ ކުރެވިފައިހުރި ކޮންމެ އެނދަކަށް 500 (ފައްސަތޭކަ) ރުފިޔާގެ މަގުން ޖޫރިމަނާކުރުން.

(ށ) ތިން ފަހަރަށްވުރެ އިތުރަށް މިގަވާއިދާ ހިލާފުވެއްޖެނަމަ އެތަނެއް ހިންގުމަށް ދޫކޮށްފައިވާ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމުގެ އިހްތިޔާރު ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެތަނެއްގައި ރެޖިސްޓްރީ ކުރެވިފައިވާ ކޮންމެ އެނދަކަށް 1000 (އެއްހާސް) ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.

 

8 ވަނަ މާއްދާ - މާނަ ކުރުން.

މިގަވާއިދުގައި، އެ އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާނަމަ:

"ޓޫރިޒަމާބެހޭ މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ނުވަތަ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02) ގެ ދަށުން އެއިރެއްގައި ޓޫރިޒަމާގުޅޭ ކަންކަން ހިންގުން ހަވާލު ކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަަަށެވެ.

"ޓޫރިސްޓެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގަނޫނު (ގާނޫނު ނަންބަރު 1999-02) ގައި ޓޫރިސްޓެއް ކަމަށް މާނަ ކުރެވިފައިވާ ފަރާތްތަކަށެވެ.

"ޓޫރިޒަމާބެހޭ ގާނޫނު" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށެވެ.

"ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން" ކަމަށް ބުނެފައިއެވަނީ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ފަތުރުވެރިކަމާ ގުޅުންހުރި މަސައްކަތް ކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނަށެވެ.

 

9 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭ ދުވަހުން ފެށިގެން އެއްމަސްދުވަސް ވުމަށްފަހުގައެވެ. 

 

--------------- 

 

އުވި ގަވާއިދު

ޓޫރިޒަމާބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައިލޫމާތު ހޯދުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-39)

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު