ޓޫރިޒަމާބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައިލޫމާތު ހޯދުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 39/2020)

0 occurrences found.

މި ގަވާއިދުންވަނީ ގަވާއިދު ނަންބަރު 19/2011 އުވާލެވެފައި

ޓޫރިޒަމާބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައިލޫމާތު ހޯދުމާ ބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 39/2020)

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 42 ވަނަ މާއްދާގެ ދަށުން އެކުލަވައިލެވޭ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދައި، އެ މައުލޫމާތު ބޭނުންކުރުމަށް އުސޫލުތަކެއް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - މައުލޫމާތު ހުށަހެޅުން

(ހ) ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ހުރިހާ ފަރާތްތަކުންވެސް މި ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ މައުލޫމާތު، މި ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތަށް، ކަނޑައެޅިފައިވާ މުއްދަތުތަކަށް، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހަޅަންވާނީ، ޓޫރިޒަމާ ބެހޭ މިނިސްޓްރީން ގާއިމްކޮށްފައިވާ އޮންލައިން ޕޯޓަލް "ޓޫރިޒަމް އިންފޮމޭށަން މެނޭޖްމެންޓް ސިސްޓަމް (ޓިމްސް)" މެދުވެރިކޮށެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕޯޓަލްގައި ރަޖިސްޓަރީ ނުވެ ހުރި ތަންތަނުން، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން  3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕޯޓަލްގައި ރަޖިސްޓަރީ ކުރަން ވާނެއެވެ.

 

4 ވަނަ މާއްދާ - ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ހުށަހަޅަންޖެހޭ މައުލޫމާތު

(ހ) މި ގަވާއިދުގެ ދަށުން ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ގަވާއިދުން ހުށަހަޅަން ޖޭހޭ މައުލޫމާތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ. 

  1. މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމެނިފައިވާ މައުލޫމާތުތައް؛
  2. ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމަށް މިނިސްޓްރީން އަންގާ އެންގުންތަކާ އެއްގޮތަށް، ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މައުލޫމާތުތައް؛
  3. ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެކިއެކި ދިރާސާތައް ކުރުމަށް، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމަށް މިނިސްޓްރީން އަންގާ އެންގުންތަކާ އެއްގޮތަށް، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން ބޭނުންވާ މައުލޫމާތު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކުގެ އިތުރުން، ދިމާވާ ކުއްލި ހާލަތަކާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ އަސަރު ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ބޭނުންވާ، ފަތުރުވެރިންނާ ގުޅޭ މައުލޫމާތު، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ވަކި މުއްދަތަކަށް، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.

(ނ) މި މާއްދާ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ބޭނުންވާ މައުލޫމާތުގެ ތަފުސީލާއި، އެ މައުލޫމާތު ހުށަހަޅަންޖެހޭ ފޯމެޓާއި، ހުށަހަޅަންޖެހޭ މުއްދަތު ބަޔާންކޮށް، ޓޫރިޒަމާބެހޭ މިނިސްޓްރީން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަންތަނަށް އަންގަން ވާނެއެވެ.

(ރ) ޓޫރިޒަމާބެހޭ މިނިސްޓްރީގެ ހުއްދަ ލިބިގެން، އެކިއެކި ކަންކަމަށް ވަގުތީގޮތުން ބަންދުކުރާ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން، ބަންދުކުރާ މުއްދަތު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އެންގުމަށްފަހު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ރިޕޯޓްތައް އެ މުއްދަތުގައި ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

 

5 ވަނަ މާއްދާ - ހުށަހަޅަންޖެހޭ މައުލޫމާތަށް ބަދަލު ގެނައުން

މި ގަވާއިދުގެ ދަށުން ފަތުރުވެރިކަމުގެ ހިދުމަތް ދޭ ފަރާތްތަކުން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް މި ގަވާއިދުގައި ބުނެފައިވާ މައުލޫމާތަށް އުނިއިތުރު ގެނައުމާއި، މައުލޫމާތު ހުށަހަޅަންޖެހޭ މުއްދަތުތަކަށް ބަދަލުގެނައުމުގެ އިހްތިޔާރު، ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ. މި މާއްދާގެ ދަށުން ގެނެވޭ ބަދަލު، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބުނެފައިވާ ޖަދުވަލު 1 ގައި ހިމަނައި ގެޒެޓްކުރުމުން، މި ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ މައުލޫމާތަށް ބަދަލު ގެނެވުނީ ކަމުގައި ބެލެވޭނެއެވެ.

 

6 ވަނަ މާއްދާ - ސަރުކާރުގެ އެހެނިހެން އިދާރާތަކަށް ހުށަހަޅަންޖެހޭ މައުލޫމާތު

މި ގަވާއިދު އެކުލަވައިލުމަކުން، ސަރުކާރުގެ އެހެނިހެން އިދާރާތަކުން ތަފާސްހިސާބު އެއްކުރުމަށް ހެދިފައިވާ އެއްވެސް ގަވާއިދެއްގެ ދަށުން  ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހެޅުމަކަށް  މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

7 ވަނަ މާއްދާ - ކޯޑު ބެލެހެއްޓުން

ސަފާރީ އުޅަނދު ފިޔަވައި، މި ގަވާއިދުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހެޅޭ މައުލޫމާތުތަކުގެ ރެކޯޑުތައް، 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަކަށް ފަތުރުވެރިކަމުގެ ހިދުމަތް ފޯރުކޮށްދޭ ކޮންމެ ތަނެއްގައިވެސް ބަހައްޓަންވާނެއެވެ. އަދި ސަފާރީ އުޅަނދެއް ނަމަ، އެ އުޅަނދެއްގެ މައި އޮފީހުގައި ރެކޯޑްތައް ބަހައްޓަންވާނެއެވެ.

 

8 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން މި ގަވާއިދާ ހިލާފު ވެއްޖެނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުމުގެ އިހްތިޔާރު، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ފުރަތަމަ ފަހަރު، އެ ތަނެއްގައި ރަޖިސްޓަރީ ކޮށްފައި ހުރި ކޮންމެ އެނދަކަށް 100 (އެއްސަތޭކަ) ރުފިޔާގެ މަގުން ޖޫރިމަނާކުރުން.
  2. ދެވަނަ ފަހަރު، އެ ތަނެއްގައި ރަޖިސްޓަރީ ކޮށްފައި ހުރި ކޮންމެ އެނދަކަށް 250 (ދުއިސައްތަ ފަންސާސް) ރުފިޔާގެ މަގުން ޖޫރިމަނާކުރުން.
  3. ތިންވަނަ ފަހަރު، އެ ތަނެއްގައި ރަޖިސްޓަރީ ކޮށްފައި ހުރި ކޮންމެ އެނދަކަށް 500  (ފަސް ސަތޭކަ) ރުފިޔާގެ މަގުން ޖޫރިމަނާކުރުން.

(ށ) ޖެހިޖެހިގެން ތިން ފަހަރަށް ވުރެ އިތުރަށް މި ގަވާއިދާ ހިލާފުވެއްޖެނަމަ، އެ ތަނެއްގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ އެނދަކަށް 1,000 (އެއްހާސް) ރުފިޔާގެ މަގުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެން ވެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ގޮތުގައި އެންމެ ގިނަވެގެން ނަގާނީ 100,000  (އެއް ލައްކަ) ރުފިޔާއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ، ޖޫރިމަނާ ކުރާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން، އެ ޖޫރިމަނާ ކުރެވުނު ފަރާތުން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކައި ހަލާސް ކުރަން ވާނެއެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އެއްވެސް ޖޫރިމަނާއެއް ނުދައްކައިފި ނަމަ، އެ ފަރާތަކަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކޮށްފައިވާ ތަން ހިންގުމުގެ ލައިސަންސް، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މުއްދަތަކަށް، ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ޅ) މި ގަވާއިދުގެ ދަށުން ހިފެހެއްޓޭ ލައިސަންސް އަލުން ދޫކުރެވޭނީ، ހުށަހަޅަންޖެހޭ ރިޕޯޓްތައް ހުށަހަޅައި، ދައްކަންޖެހޭ ހުރިހާ ޖޫރިމަނާއެއް ދައްކައި ހަލާސްކުރުމުންނެވެ.

(ކ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާން ކޮށްފައިވާ ޖޫރިމަނާ، މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައި ކަނޑައަޅައިފައިވާ ގޮތަށް، ތަންފީޒު ކުރާނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީންނެވެ.

 

9 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) މި ގަވާއިދުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅާ މައުލޫމާތުގެ ސިއްރު، އެ މިނިސްޓްރީން ހިފަހައްޓަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅާ މައުލޫމާތު އެހެން އެއްވެސް ފަރާތަކާ ހިއްސާކުރަންވާނީ، ނުވަތަ ށާއިއު ކުރަންވާނީ، މައުލޫމާތު ހުށަހެޅި ފަރާތް ނޭނގޭގޮތަށް، ޖުމުލަ ހިސާބުތަކެއްގެ ގޮތުގައެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅާ މައުލޫމާތު، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ތަފާސްހިސާބާބެހޭ މައި އިދާރާއާ ހިއްސާކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ދަށުން ހޯދާ މައުލޫމާތު ހާމަކުރުމަކީ އާންމު މަސްލަހަތު ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމުގައި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ފެނިއްޖެ ނަމަ، އެ މައުލޫމާތު ހާމަކުރުމުގެ އިހްތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - މާނަ ކުރުން

މި ގަވާއިދުގައި، އެ އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާ ނަމަ:

"ޓޫރިޒަމާބެހޭ މިނިސްޓްރީ" ކަމުގައި ބުނެފައި އެ ވަނީ، އެ އިރެއްގައި ޓޫރިޒަމާ ގުޅޭ ކަންކަން ހިންގުން ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

"ޓޫރިސްޓެއް" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގައި ޓޫރިސްޓެއް ކަމަށް މާނަ ކޮށްފައިވާ ފަރާތްތަކަށެވެ.

"ޓޫރިޒަމާބެހޭ ގާނޫނު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށެވެ.

"ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން" ކަމަށް ބުނެފައި އެ ވަނީ، ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ފަތުރުވެރިން ނިދުމާއި ކެއުން ނުވަތަ ނިދުން ހަމަޖެހޭގޮތަށް ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ އެންމެހައި ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް ގެސްޓްހައުސް، ޓްރެއިނިންގ ރިޒޯޓް، ޓްރާންސިޓް ހޮޓާ، ސިޓީ ހޮޓާ، ޔޮޓް ބަނދަރު، ސަފާރީ އުޅަނދުތަކަށެވެ.

"ކުއްލި ހާލަތު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 28/2015 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގައި ކާރިސާއެއް ކަމަށް މާނަކޮށްފައިވާ ހާދިސާތަކަށެވެ.

 

11 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި  މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

12 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 19/2011 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމާބެހޭ ގަވާއިދު) އުވުނީއެވެ.

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި 

އުވާލެވުނު ގަވާއިދު

ޓޫރިޒަމާބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 19/2011)

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999)

 

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com